ދިވެހި ދައުލަތުގެ ފަރާތުން "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ)ގެ ހަނދާނަށް އެރުވުމަށާއި އަދި "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަނޑައަޅުއްވައިފިއެވެ.
ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ހަނދާނަށް "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" މި އަރުވަނީ އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ލިބުނު ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކޮށްދެއްވި މަތިވެރި ޚިދްމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" މި އަރުވަނީ އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކުރައްވައި، ދިފާޢު ކުރައްވައި ދެމެހެއްޓެވުމަށްޓަކައި ދިވެހި ޤައުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މަތިވެރި ޚިދްމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ)ގެ ހަނދާނަށާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް "މިނިވަން 50ގެ ޝަރަފުގެ އައްޑަނަ" އެރުވުން އޮންނާނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް މުނާސަބަތުގައި، މި ޖުލައި މަހުގެ 26 ވަނަ ދުވަހުގެރޭ ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ ދަރުބާރުގޭ ދެކުނު ސަރަޙައްދުގައި ތައްޔާރުކުރާ "ރިޔާސީ ދަރުބާރު" ގައި އެރޭ 8.15 ގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.