ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޓީފުޅެއް އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް، ބަދްރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސައިދީއަށް އަރުވައިފިއެވެ. މި ސިޓީފުޅު އެރުވީ، ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އުމާންގެ ފޮރިން އެފެއާޒް ސެކްރެޓަރީ ޖެނެރަލާ މިއަދު ހެނދުނު ބައްދަލުކުރައްވައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުކުރެއްވުން އޮތީ އުމާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ބައްދަލު ކުރެއްވުމުގައި ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ހުޝާމް ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.