1436 ވަނަ އަހަރުގެ ފިޠުރު ޢީދުގެ އުފަލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް، ފިޠުރު ޢީދު ދުވަހު ހަވީރު 16:00 ގައި ސަލްޓަން ޕާރކުގައި ބޭއްވުމައް ނިންމަވައިފިއެވެ. މި ޚާއްސަ ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ ޢަދަދެއްގެ ތުއްތު ކުދިންނާއި ބެލެނިވެރިން ބައިވެރިވެވަޑައިގެން ދެއްވުމަކީ އެންމެ އެދެވިގެންވާ ކަމެއްކަމަށާއި، މުޖުތަމަޢުގެ ޙާއްސަ އެހީއަށް ބޭނުންވާ އެންމެހާ ތުއްތު ކުދިންވެސް މިހަވީރުގައި ބައިވެރިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނައް ލިބިވަޑައިގަންނަވާ ނުހަނު މަތިވެރި އުފަލެއްކަމުގައިވަނީ ވިދާޅުވެފައެވެ. މި ޚާއްސަ ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުއްތު ކުދިންނާއި އެކުދިންގެ ޢާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.