ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި މި މާތް މައްސަރުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވައި، މިމައްސަރުގެ ހެޔޮއެދުންތައް އަރިސްކުރަމުއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވަމެވެ.
 
ރަމަޟާން މަހަކީ، މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި ރޫޙާނީ މައްސަރެކެވެ. ރަމަޟާން މަހަކީ މާތްﷲގެ ރަޙްމަތާއި އެކަލާނގެ މަޣުފިރަތު، އަޅުގަނޑުމެންގެ މައްޗަށް އޮހެމުންދާ މައްސަރެވެ. ހަމައެހެންމެ، މިއީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވާފައިވާ ވަރަށްބޮޑު ރަޙްމަތަކާއި ނިޢުމަތެއްވެސް މެއެވެ. އެހެންކަމުން، މި މާތް މައްސަރުގެ ހެޔޮ ދަރުމަ ލިބިގަނެ، ރޯދައިގެ މަތިވެރި ވާޖިބު އަދާކޮށް، ޞަދަޤާތްދީ، ހެޔޮ ކަންތައްތައް އިތުރުކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ހަމައެޔާއެކު، މި މައްސަރަކީ ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ، ކީރިތި ޤުރްއާނަށް އިތުރު އަހަންމިއްޔަތު ކަމެއް ދެއްވައި، މި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.
 
އަޅުގަނޑުގެ އުންމީދަކީ، މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ، ހުރިހާ ގޮތަކުންވެސް ރާއްޖޭގެ ރައްޔިތުންނަށް ބާއްޖަވެރި އަދި އުފާވެރި މަހަކަށް ވެގެންދިޔުމެވެ.
 
މާތްﷲ މި ބަރަކާތްތެރި މައްސަރުގެ ރޯދަ ހެޔޮގޮތުގައި ހިފުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ! އަދި މި މައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރައްވާށިއެވެ!
     _____________________
                      30 ޝަޢުބާން 1436
                      17 ޖޫން    2015