بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


ދިވެހިރާއްޖޭގެ އެންމެންގެ އިޙްތިރާމް ލިބިގެންވާ އެންމެ ޤަދަރުވެރި، އަޅުގަނޑުމެން އެންމެން ލޯބިވާ އިސް ރަށްވެހިން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑު ދަންނަވާލި ދަންނަވާލުމަކަށް، އަޅުގަނޑާ ބައްދަލުކޮށްލައްވަން އަޅުގަނޑު އެރުވި ދަޢުވަތަށް މިހާ ގިނަ އަދަދެއްގެ ޢިއްޒަތްތެރި އިސް ރަށްވެހިން ވަޑައިގެން ދެއްވި ކަމަށްޓަކައި ތިޔަ އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ފަރާތްޕުޅުން ދެންމެ ވާހަކަފުޅު ދެއްކެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަދި އަޅުގަނޑުމެންގެ އަޚު އަދި އަޅުގަނޑުމެން އެބޭފުޅަކަށް ވަރަށް އިޙްތިރާމްކުރާ ޢަބްދުއްރަޝީދު ޙުސައިން، އަޅުގަނޑާ ބެހޭގޮތުން އެ ވިދާޅުވި އޯގާތެރި ވާހަކަފުޅާ ދޭތެރޭގައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫންގެ ކެބިނެޓްގައި މަސައްކަތް ކުރެއްވި، އަޅުގަނޑުމެން ވަރަށް އިޙްތިރާމްކުރާ އިސް ރަށްވެހިންގެތެރޭގައި އަދު ހިމެނޭ ވަރަށް ޢިއްޒަތްތެރި ޝަރަފްވެރި ބޭފުޅުންވެސް މި ހާޒިރީންގެ ތެރޭގައި އެބަ ތިއްބެވި.

އެހުރިހާ ބޭފުޅުންނަށް މިރޭގެ މި ޖަލްސާއަށް މަރްޙަބާ މި ދަންނަވަނީ، ތިޔަ އެންމެ ބޭފުޅުންވެސް މީގެތެރޭގައި ހިމަނަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ވެރިކަމާ ހަމަޔަށް އާދެވޭތޯ ކުރި މަސައްކަތަކީ، ރާއްޖޭގެ ޙާލަތު، ނޫނިއްޔާ ސިޔާސީ ޙާލަތު ވަރަށް ނާޒުކު ހިސާބެއްގައި އޮއްވައި އަނބުރާ އަޅުގަނޑުމެން ބޭނުންވީ ހޭރިޔާ ކުރަން. ދިވެހިންނަށް ގެއްލެމުންދާ ހުރިހާ ރިވެތި ދިވެހި ސިފަތައް، އަޅުގަނޑުމެންގެ އަތުން ބީވެގެންދާތީޔާއެކީ، އަޅުގަނޑުމެން ބޭނުންވީ ދިވެހިވަންތަ ދިވެހިރާއްޖެއެއް އުފެއްދޭތޯ މަސައްކަތް ކުރަން. އޭގެކުރީގައި ސިޔާސީ ބޭފުޅުންގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ އަތުގައި މިއޮތް ދިވެހިރާއްޖެ ކަމުނުދާ ކަމަށް އިޝާރާތް ކުރައްވައި، ވަރަށްގިނަ ވާހަކަފުޅުތައް ދައްކަވާފައިވަނީ.

އެހެންވީމާ، އަޅުގަނޑުމެން ބަލަން ބޭނުންވީ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ފަޚްރުވެރި ތާރީޚެއް، ދިގު ތާރީޚެއް، އަޅުގަނޑުމެން އުފާކުރާ ޘަޤާފަތެއް އަދި އިސްލާމީ ހިދާޔަތުގައި އެތަކެއް ސަތޭކަ އަހަރު ވަންދެން ތިބި ބަޔަކަށްވާއިރު، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުން ބޭނުމެއްނުވޭ، މުޅިން އެހެން ދިވެހިރާއްޖެއަކަށް ރުޖޫޢަވާކަށް، ބަދަލުވާކަށެއް. އަޅުގަނޑުމެން ބޭނުންވީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ. އަޅުގަނޑުމެންނަށް ފުދޭތީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ. އަޅުގަނޑުމެންނަށް މިހާތަނަށް ދައްކައިދީފައި ހުރި ހުރިހާ ރީތި މިސާލުތަކާއިގެން އަޅުގަނޑުމެންގެ ދަރިން ބޮޑުކޮށް، އެ ދިވެހި ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަށަގަންނުވަން.

އާދެ، މިނިވަން 50ގެ އަހަރު ހޭދަކުރަމުންދާއިރު، އަޅުގަނޑު ހިތަށްއަރަނީ، ހަމަ ޢަބްދުއްރަޝީދު ޙުސައިންގެ ވާހަކަފުޅުން އަޅުގަނޑުވެސް ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާ ކަމަށްވަންޏާ، ދިވެހިރާއްޖޭގައި މިހާރު ގެއްލިގެން މިއުޅޭ ހުރިހާ ކަމެއް، އެކަންކަން އިޞްލާޙު ކުރަން، އެކަންކަމުގެ އަޞްލަށް ރުޖޫޢަވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އިސް ރަށްވެހިންގެ ފަރާތުން ނޫނިއްޔާ ފެންނާކަށެއް ނެތް. އާދެ، ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދިނުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ދައުރު މިއޮތީ. އެ ރަށްވެހިންނަކީ މިއަދު އޭގެތެރެއިން ވަރަށްގިނަ ބޭފުޅުން ނޫނިއްޔާ ކޮންމެވެސްވަރެއްގެ ބޭފުޅުން ތިއްބެވި، އެބޭފުޅުންނާ ދޭތެރޭގައި އަޅުގަނޑުމެން ފަޚްރުވެރިވާ ބޭފުޅުން.

އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފެދި އަދި އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް އެކިއެކި ޞިއްޙީ މައްސަލަތައް ދިމާވާ އެއް ސަބަބެއް ކަމުގައި މިވަނީ ރާއްޖޭގެ މަޞްލަޙަތު ގެއްލި، ރާއްޖޭގައި ނާމާންކަމާއި ބިރުވެރިކަން އުފެދިގެންދާތީ. އަޅުގަނޑުމެން ބޭސްފަރުވާގެ ނިޒާމު، ކިތަންމެ ރަނގަޅަކަށް ހަމަޖައްސަން މަސައްކަތް ކުރިޔަސް، ހަށިގަނޑު ހިނގާ ގޮތާއި، ހަށިގަނޑުގެ ސްޓްރެސް ލެވެލް، ނޫނިއްޔާ ހާސްވުމުން ދިމާވާ ބަލިތަކަކީ، އަޅުގަނޑުމެންނަށް ފަރުވާ ހޯދައިދެވޭ ބަލިތަކަކަށްނުވޭ. އެ ފަރުވާ ހޯދައިދޭން ތިބި ބަޔަކަށް ތިބީ އަޅުގަނޑުމެންގެ ޒުވާނުން. އަޅުގަނޑުމެންގެ ޒުވާނުން ރަނގަޅު އަޚްލާޤެއްގެ މަތީގައި ތިބެގެން، ދިވެހިރާއްޖެ ފަޚުރުވެރިވާ ނޫނީ ދިވެހިރާއްޖޭގެ އިސް ރަށްވެހިން އަޅުގަނޑުމެންނަށް ދައްކައިދިން ރިވެތި ދިވެހި އުޞޫލުތައް ދައްކައިދީފި ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ މަގުމަތި އަމާން، ހުރިހާ ވަގުތެއްގައި އެންމެންގެ ގެދޮރުވެސް އެހެން މެހުމާނުންނަށް ހުޅުވައިލެވިފައިވާ އަދި އެއްބަނޑުއެއްބަފާ، ކޮންމެ ޢީދު ދުވަހެއްގައި ސަލާމުގެ އަތް ދިއްކޮށްލައި އަދި ރަމަޟާން މަސް އަންނަ ކަމަށްވަންޏާ، ދިވެހި ރިވެތި އާދަކާދަޔަށް ބަލާކަމަށްވަންޏާ، މިކަހަލަ މާހެފުން ކަހަލަ ކަންކަމުގެ ތެރެއިން ޒުވާނުންނާއި މުސްކުޅިން ނޫނީ ދޮށީ ރައްޔިތުން، އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުން ބައްދަލުވާ ކަހަލަ ރީތި ޘަޤާފަތްތަކެއް ގެންގުޅޭ ބައެއް ދިވެހިންނަކީ.

ދިވެހިރާއްޖެއިން ގެއްލިގެންދާ ކަންތައްތަކަށް ބަލާކަމަށްވަންޏާ، ދިވެހިން، ދިވެހިންގެ ކަންކަމުގައި ބަސް ބުނުމުގެ ޙައްޤު އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ދަސްކޮށްދީފައި މިވަނީ، ދިވެހިރާއްޖޭގެ އިސް ރަށްވެހިން. މިއަހަރު އަޅުގަނޑުމެން އިޙުތިފާލު މިކުރާ އިޙުތިފާލަށް އެކަނި ވިސްނާލި ނަމަވެސް، އަޅުގަނޑުމެންނަށް މިކަން އެނގިގެންދޭ. އަޅުގަނޑުމެން ބުނާތީ އަޑުއަހަން، މިނިވަންކަން ބީވެގެން ދިޔައީމާ، މިނިވަންކަމުގެ އަގު ވަޒަންކުރަން އެނގޭލެއް މާބޮޑޭ، މިނިވަންކަމުގެ ހިދާޔަތުގައި، ނޫނީ އެ އުފަލުގައި އަޅުގަނޑުމެން ރައްޔިތުން ތިބޭއިރަށްވުރެ. ޝައްކެއްވެސްނެތް، އަޅުގަނޑުމެންގެ އިސް ރަށްވެހިން، ނޫނިއްޔާ އަޅުގަނޑުމެންގެ ބައްޕައިން، ކާފައިން ކޮށްދެއްވާފައި ހުރި މަސައްކަތް، އަޅުގަނޑުމެން މިއަދު ޚިޔާލަށް އެބަ ގެންނަންޖެހޭ. ޤައުމަކަށް އެންމެ މުހިންމު ރުކުނަކީ، އެ ޤައުމެއްގެ މިނިވަންކަން. މިނިވަންކަން ނެތް ޤައުމަކީ، ޤައުމީ ސިފަތަކެއް ހުންނާނެ ޤައުމެއް ނޫން. އަޅުވެތިކަމަކީ އެއްވެސް ބަޔަކު ގަބޫލުކުރާނެ، އިޚްތިޔާރު ކުރާނެ ކަމެއް ނޫން. އ.ދ.ގެ ޤައުމުތަކަށް ބަލާކަމަށްވަންޏާ، އ.ދ.ގެ ޢާއިލާގެ ޤައުމުތަކަށް ބަލާކަމަށްވަންޏާ، އ.ދ.ގެ އަސާސަކީވެސް ރައްޔިތަކަށް، އެ ރައްޔިތެއްގެ ކަންކަން ނިންމުމުގެ ބަސް ބުނުމުގެ ޙައްޤު އޮތުން. Right of self determination ކަންކަން ނިންމުމުގެ ޙައްޤު، އެބަޔަކަށް އޮތުން.

އަޅުގަނޑުމެންގެ މި ފަހުގެ ތާރީޚަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން ދުށިން، އަޅުގަނޑުމެންގެ ސަރުކާރުތަކުން ބޭރުގެ ފަރާތްތަކާ އަޅުގަނޑުމެންގެ ސިޔާސަތާ ދޯޅުކުރެއްވި މިންވަރު. ދުރުގައި ބަލަން ތިބޭއިރު، ނޫނިއްޔާ އެކަމުގެ އިޙްސާސްތައް އަޅުގަނޑުމެންގެ ހިތުތެރޭގައި ދައުރުވަމުން ދިޔައިރު، އަޅުގަނޑުމެން ގިނަ ބަޔަކަށް މިއީކީ ބަލައިގަންނަން ފަސޭހަ ކަންކަމެއް ނޫން. އަޅުގަނޑުމެން ފަޚްރުވެރިކަމާއެކީ، އަޅުގަނޑުމެން ދައްކަމުން ގެންދަނީ، އަޅުގަނޑުމެން ދިވެހިންގެ އެންމެބޮޑު ނަޞީބަކީ، ދިވެހިރާއްޖެއަކީ މިނިވަން ދައުލަތަކަށްވުމާއެކީ، ދިވެހި ދައުލަތަކީ އިސްލާމްދީނުގެ ހިދާޔަތުގައި ތިބި ބައެއް ކަމަށް. އަޅުގަނޑުމެންގެ ސަރުކާރުތަކުން، ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރަކުން ދާދިފަހުން ދައްކައިދީފި، ދިވެހިރާއްޖޭގައި މިދެންނެވި އެއް ނިޢުމަތެއްގެ މަތީގައި އަޅުގަނޑުމެން ތިބުމަކީ، އެ ހިދާޔަތުގެ ތެރޭގައި ނޫނީ ހިދާޔަތުގެ މަތީގައި އަޅުގަނޑުމެން ތިބުމަކީ، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ނިޢުމަތް ކަމަށް، އަޅުގަނޑުމެންގެ މުޅި ރައްޔިތުން ގަބޫލުކުރާއިރުވެސް ސަރުކާރަކުން އިސްވެ ދައްކައިދީފި، ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަ އޮތްތޯ. އެހެންވީމާ، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ، ދިވެހިން ގަބޫލުކުރާ ހުރިހާ ރުކުންތައް، ދިވެހިން ގަބޫލުކުރާ ހުރިހާ ރީތި ސިފަތައް، އަޅުގަނޑުމެންނަށް ހަމަ ގާދޫކޮލުން ލައިގެން ބޭރަށް ދާތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ.

މިހާ ހިސާބުން އަޅުގަނޑުމެން އަނެއްކާވެސް ބައްދަލުކުރީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން އަޅުގަނޑުމެންގެ ޙަޔާތާއި، އަޅުގަނޑުމެންގެ ކަންކަން ބަދަލުކުރުމުގެ ވިސްނުމުގައި، އަޅުގަނޑުމެންނަށް ބަސް ބުނެވޭނެ ހިސާބަކަށް ދިވެހިރާއްޖެއަށް އާދެވޭތޯ. އަޅުގަނޑުމެންނަކީ ބޭރު ދުނިޔޭގެ ނޫނިއްޔާ ބޭރުގެ ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި އަބުރުވެރިކަމާއެކީ، އިޙްތިރާމް ލިބިގެންވާ އަދި އެހެން ދައުލަތްތަކަށް އިޙްތިރާމްކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުމަށް ކުރި މަސައްކަތް އަލުން ފެށިގެން ދިޔައީ. އަޅުގަނޑުމެން ކުރަމުން ގެންދިޔަ މަސައްކަތަކީ، އަޅުގަނޑުގެ މެނިފެސްޓޯގައިވެސް ކުރަމުންދިޔަ މަސައްކަތަކީ، ދިވެހިރާއްޖޭގެ ނެތެމުންދާ ހުރިހާ ރީތި އާދަތައް، އަނބުރާ އިޢާދަކުރެވޭތޯ ކުރަމުން ގެންދިޔަ މަސައްކަތް. އަޅުގަނޑުމެން ބަލަމުން ގެންދިޔައީ، ދިވެހިރާއްޖޭގައި، ރާއްޖޭގެ އެކި ހިސާބުގައި ކޮންމެ ރަށެއްގައިވެސް ކޮންމެ ވަގުތަކު މީހުން ހިނގާ ބިނގާވެ އުޅެވުމާއި، އަދި އެމީހުން، އެމީހުންނަށް ފެންނަ އެއްޗެއް ބުނުމުގެ މިނިވަންކަން، އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް، ފުރައްސާރަ ކުރުމެއްނެތި، އެމީހުންނަށް އަދާކުރެވޭނެ ދައުރު. ތެދުފުޅެއްމެ، އަޅުގަނޑުމެން އެންމެން ޤާނޫނުއަސާސީގެ ވާހަކަ މި ދައްކަނީ. ޤާނޫނުއަސާސީގެ ޙައްޤުތަކެއް ލިބޭ ވާހަކަ ދައްކަނީ. އެކަމަކު މިކަހަލަ ޙައްޤުތަކާ ހަމަޔަށް އައިމައެއް، އިސް ރަށްވެހިންގެ މިކަހަލަ ޙައްޤުތަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ބައެއް ސިޔާސީ ފިކުރުގެ މީހުންނަށް ވިސްނިފައެއް ނެތް، ބައެއް ބޭފުޅުންނަށް ފަތިސްނަމާދު ކުރައްވައިގެން ގެޔަށް ވަޑައިގަންނަވާއިރު، ޖިސްމާނީ ބޮޑެތި އަނިޔާ ކުރެވިފައި ހުރިތަން، އަޅުގަނޑުމެންނަށް މަދުމަދުން ނަމަވެސް، ޚަބަރުގެ ވަސީލަތްތަކުން ވަނީ އެނގިފައި. އަޅުގަނޑުމެންގެ މަންމައިން، ނޫނީ އަޅުގަނޑުމެންގެ އުޚުތުން ދައްތައިން ސިޔާސީ ފިކުރު ތަފާތުވެއްޖެ ކަމަށްވަންޏާ، ކުޑަ ދަރިފުޅު ގޮވައިގެން ސްކޫލް ނިންމާފައި ގެޔަށްދާއިރުވެސް ސައިކަލަކުން އައިސް ޖައްސައި، ކޮންމެވެސް ކަހަލަ އުނދަގުލެއް، ޖެއްސުމެއް ކޮށްފައި ހުރިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ.

އެހެންވީމާ، މިހާ ހިސާބަށް އަޅުގަނޑުމެންގެ ކަންތައްތައް ދިޔައީމަ، އަޅުގަނޑުމެން އިސް ރަށްވެހިންގެ މަތިން ހަނދާންކޮށްފައި، އަޅުގަނޑުމެން ހަމަ ބުނަންޖެހެނީ، އަޅުގަނޑުމެންގެ އިސް ރަށްވެހިން އަޅުގަނޑުމެންނާ ހަމައިގައި ދިވެހިރާއްޖެ ބާއްވައިދެއްވިއިރު، މިހުރިހާ ނިޢުމަތްތަކެއް، މިހުރިހާ ހަމަޖެހުމެއް އަޅުގަނޑުމެންގެ ދައުލަތުގައި، އަޅުގަނޑުމެންގެ މުޖްތަމަޢު ތެރޭގައި އޮތޭ. އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުގައި ހުރި ރަށްރަށް، ޚިދްމަތުގެ ގޮތުން، އާބާދީގެ ގޮތުން، ލަފާފުރުމުގެ ފަސޭހަކަން، ދަތިކަމުގެ ގޮތުން، މީސްކޮޅުގެ ނިސްބަތުން ތަފާތުތަކެއް އެބަހުރޭ. އަދި އެތަންތަނުގައި ތިބި ޒުވާނުން، ދޮށީ މީހުން، މިކަހަލަ ހުރިހާ ކަމަކަށް ބެލި ނަމަވެސް، ހުރިހާ ފުރްޞަތަކަށް ބެލި ނަމަވެސް ތަފާތުތަކެއް އެބަހުރޭ. އެހެން ނަމަވެސް، އަޅުގަނޑުމެން އެންމެންނަކީ ދިވެހިން. އަޅުގަނޑުމެންގެ ޝަރަފެއް ކަމުގައި މިވަނީ އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށްވާތީ، އަޅުގަނޑުމެން ގަބޫލުކުރަނީ، އެއް ރަށެއްގައި ދިވެހި ރައްޔިތަކަށް ލިބޭ ހުރިހާ ޙައްޤެއް، އެހެން ހުރިހާ ރަށެއްގައި، ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ލިބެންވާނެ ކަމަށް. އެއް ގިންތިއަކަށް ލިބޭ ޙައްޤަކީ، އެހެން ހުރިހާ ގިންތިތަކަށްވެސް ލިބެންޖެހޭނެ ޙައްޤެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެކަމަކު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެންގެ މާލޭގައިވެސް، އަތޮޅުތެރޭގެ ރަށްރަށުގައިވެސް މަގުތަކުން އަމާންކަން ގެއްލުވާލި ތަން. އަމާންކަން ގެއްލުވާލި ތަނޭ އަޅުގަނޑު މިދެންނެވީ އެއީ، ކަނޑައެޅިގެން ރޭވުމެއްގެ ތެރެއިން އެކަންކަން ކޮށްފައި ހުރީމާ. ވަކިކަހަލަ މަޤްޞަދުތަކެއް ޙާޞިލު ކުރުމަށްޓަކައި އަދި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ނުކޮށް ހުރީ ކޮންކަމެއްތޯ، އަޅުގަނޑުމެން ވިސްނާލަންޖެހޭ. ގަސްދުގައި މީހުން މަރާފައި އެބަހުރި. ތަންތަން ރޯކޮށްފައި އެބަހުރި. ބޮޑެތި ގެއްލުން ދީފައި އެބަހުރި. ތަޙުޤީޤުތައް ނުނިމި އަދި ތަޙުޤީޤުތަކުން ކަންކަން ސާބިތުވާ ހިސާބަށް ނުދާތީ، ޝަރީޢަތުގެ މަރްޙަލާގައި އުޅޭ ކަންކަން އެބަހުރި.

އެހެން ނަމަވެސް، ﷲގެ ވާގިފުޅާއެކީ، މިކަންކަމުގެ ޙަޤީޤަތް ހާމަވެގެން ދިޔައީމަ، އަޅުގަނޑުމެންނަށް ވިސްނޭނެ، ސިޔާސީ ފިކުރާ ހެދިވެސް އަޅުގަނޑުމެންގެ މަޞްލަޙަތާއި، އަޅުގަނޑުމެންގެ އަމާންކަން ނަގާލަން މަސައްކަތް ކޮށްފައި ހުރީ ކޮންމިންވަރަކަށް، ކޮންބައެއްތޯ. އެދުވަހުން ދިވެހި ރައްޔިތުން ގަބޫލުކުރާނެ، ދިވެހި ރައްޔިތުންގެ ތެރޭގައި ސިޔާސީ ޕާޓީ އުފައްދައިގެން ތަޞައްރުފް ނުފުދޭ ބަޔަކު ސިޔާސީ ޕާޓީ ހިންގާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ނުވެނުދާނެ ދެރަ ގޮތްތައް، ދިވެހި ތާރީޚުން ހަމަ ދާދި އިހަކަށްދުވަހަކު އަޅުގަނޑުމެންނަށް ދައްކައިދީފައި މިހިރީ. މިކަހަލަ ހުރިހާ ކަމެއް ހަމަޖެހުމާ ހަމަޔަށް މި ގެނެސްދެނީ ދިވެހި ރައްޔިތުން ބޭނުންވާ ދިވެހި ރީތި ރިވެތި އަޚްލާޤުތަކާއެކީ ދިވެހިރާއްޖެ އޮންނަން ބޭނުންވާކަން މި ދައްކައިދެނީ އިސް ރަށްވެހިން ކޮށްދެއްވާފައި ހުރި މަސައްކަތްތަކުން. ކޮންމެ ކަމަކަށް ބެލި ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ހާދަ އަމާންކަމާއެކީއޭ ދިވެހި ދައުލަތް އޮތީ. ހާދަ އަމާންކަމާއެކީއޭ އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުގައި ރައްޔިތުން ދިރިއުޅެމުންދިޔައީ. އެންމެ ކުރީގައި ދިވެހިރާއްޖެއަށް ދަތުރުކުރެއްވި ތާރީޚު ޢިލްމުވެރިން، އެބޭފުޅުންގެ ވާހަކަފުޅުގައިވެސް ދިވެހިރާއްޖެއަކީ [ދުނިޔެމަތީގެ ސުވަރުގެ]އެއް ގޮތަށް އެއޮތީ ބަޔާންކޮށްދެއްވާފައި. މިތާ އުޅެނީ ހިނިތުންވާ އަދި މެހްމާނުންނަށް ކަމޭހިތާ، މެހްމާނުން ދެކެ ލޯބިވާ ރައްޔިތެއް ކަމަށް އެހެރީ އަޅުގަނޑުމެންގެ ފޮތްތަކުން ފެންނަން. އެކަން އަޅުގަނޑުމެން ކޮށްދެނީ ހަމައެކަނި ބޭރުން އަޅުގަނޑުމެންނަށް ޒިޔާރަތްކުރާ މެހްމާނުންނަކަށް ނޫނޭ. އެކަން އަޅުގަނޑުމެން ކޮށްދެނީ އަޅުގަނޑުމެންނަށް ފެނިގެންދަނީ، އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގެ ތެރެއިން އިޖްތިމާޢީ އެކިއެކި ދުވަސްތައް ފާހަގަކުރާއިރު. ޢީދު ސަލާން ކުރުން ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެވަގުތަކު ދައުލަތް ހިންގަން ހުންނަ ވެރިޔަކާ ބައްދަލުކުރަން، މީހުންގެ ކެތްމަދުވެފައިވާ މިންވަރު. ޝައުޤުވެރިކަން ހުރި މިންވަރު ދައްކައިދެނީ.

އެހެންވީމާ، މިކަހަލަ ހުރިހާ ރީތި އާދަތަކެއް، އޭގެ ނަތީޖާއިން ދައްކައިދެނީ ދިވެހިރާއްޖޭގެ ހަމަޖެހުން. ތަނަވަސްވެވިދާނެ، ރިޒޯޓް ހޯދިދާނެ، އަދި ގޭގެ ބުރިބުރިއަށް ހިއްލައިލެވިދާނެ. އެކަމަކު މިކަމަކުންނެއް އަޅުގަނޑުމެންނަކަށް ރައްކާތެރިކަމާއި އަމާންކަމެއް ނުލިބޭ. އަޅުގަނޑުމެން މަގުމަތީގައި ހިނގާބިގާވެ އުޅޭނެ. އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންގެ އަނބިން މަގުމަތީގައި ހިނގާބިގާވެ އުޅޭނެ. ދިވެހިރާއްޖޭގައި އަޅުގަނޑު މިހުންނަ ކޮންމެ އަކަފޫޓަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ހަމަ އެވަރުގެ އަކަފޫޓެއް ލިބެންޖެހޭ އަކަފޫޓެއް. މިނިވަންކަމާއެކީ އޭނައަށް އުޅެވެންޖެހޭ. ދިވެހިރާއްޖެއިން ކަށަވަރުކޮށްދޭ ކަމެއް. އެހެންވީމާ، މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން ނެތިއްޖެނަމަ، އަޅުގަނޑުމެންގެ ތެރެއިން ހަމަޖެހުން ގެއްލިގެން ދިޔައިމާ، އަޅުގަނޑުމެންނަށް ދިމާވި ދަތިތަކާއި، އަޅުގަނޑުމެންނަށް ދިމާވި ހިތްދަތިކަން، އަޅުގަނޑުމެން އަދި މާޒީކޮށް ނުއެއް ނިމޭ ދޮއެއްތޯ. މާޒީގެ ގާތްގަނޑަކަށް ހައެއްކަ އަހަރު ކުރިއްސުރެ އަޅުގަނޑުމެން އެކަން އިޙްސާސްކޮށްފީމު، ތަޖުރިބާ ކޮށްފީމު. އެކަމަކު މިއަދުވެސް އަޅުގަނޑުމެން އަދިވެސް މިތިބީ މުޅިން އެކަންކަން އަޅުގަނޑުމެންގެ މާޒީވެދިޔަކަމަށް ގަބޫލުނުކޮށް. އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް، އެކިއެކި ސަރުކާރުތަކުން، އެކިއެކި ޕާޓީތަކުން ބޭރުގެ ފަރާތްތަކަށް ދައުރެއްދީ، ޖާގަދީ، ދިވެހިރާއްޖޭގެ ހިންގުމުގެ ކަންކަމާއި، ސިޔާސަތު ކަނޑައެޅުމުގެ ކަންކަމަށް، ބޭރުގެ ފަރާތްތަކަށް ޖާގަދިންތަން އަޅުގަނޑުމެންނަށް ފެނިއްޖެ ދޮގެއްތޯ. ކޮބައިތޯ މިނިވަން 50 އަޅުގަނޑުމެން ފާހަގަކުރާއިރު، މިކަމުން އަޅުގަނޑުމެންނަށް އެބަ ޢިބްރަތެއް ޙާޞިލުވޭތޯ. އެބަ އުފަލެއް ލިބޭތޯ. ނުލިބޭ ދޮއެއްތޯ. މިއީ އަޅުގަނޑުމެން އުޅެން ބޭނުންވާ ގޮތެއް ނޫން. އެފަދަ ކަންކަމަށް ފުރްޞަތު ދެވޭ ކަމަށްވަންޏާ، ހަމަ ގަބޫލުކުރަން، ދުރުގައި އޮތް ކަމެއް ނޫން، އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީން ނޫން އެހެން ދީންދީނުގެ މީހުންނަށް، އެމީހުންގެ ދީނުގެ މަތީގައި އުޅުމަށް ޖާގަ ދެވިދާނެ ކަމަށް، އަޅުގަނޑުމެން ގަބޫލުކުރަން ދައްޗެއް ނޫން. މިތާ ފައްޅި އެޅިދާނެތޯވެސް ވަނީ ސުވާލު ކުރެވިފައި. އަދިވެސް އެވާހަކަ އެބަ ދެއްކޭ.

މި ވާހަކަ ދައްކާއިރު، މި ދައްކަނީ އ.ދ.ގެ ޤައުމުތަކުގެ ތެރޭގައި، ސިޔާސީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެމީހެއް، އެމީހެއްގެ ދީން އިޚްތިޔާރު ކުރުމުގެ މިނިވަންކަމާއި އަދި އެމީހަކު އުޅެން ބޭނުންވާ ގޮތަކަށް އުޅުމުގެ މިނިވަންކަން އެބަ އޮންނަންޖެހެޔޭ. ދިވެހިރާއްޖެ މިނިވަން 50ގެ އަހަރު ހޭދަކުރާއިރު، ހިތާމަވެރިކަމާއެކީ ނަމަވެސް އަޅުގަނޑުގެ ޚިޔާލަށް ގެންނަންޖެހެނީ، އަޅުގަނޑުމެން މި ސަރުކާރުން މިކަންކަމަށް ޖާގަ ނުދިނީމަ، އިޤްތިޞާދީ ގޮތުން ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ދަތިކުރުން ކުރިމަތިކުރުވައިފި. އަޅުގަނޑުމެން ޔޫރަޕަށް މި މަސްދަޅު އެކްސްޕޯޓް ކުރާއިރު، މީގެ މައުމޫލުން ނަގާ އެއްޗެއް އިތުރުކޮށްފި. އަޅުގަނޑުމެންނަށް އެ ފަސޭހަކަމެއް ނުލިބުނު. އަދި ހަމައެހެންމެ، ދީނީ ކަންކަމުގައި އަޅުގަނޑުމެން އިސްލާމްދީން ނޫން އެހެން ދީނަކަށް މިތާ ޖާގަ ނުލިބޭނެ ކަމަށް ބުނީމަ، އަޅުގަނޑުމެންނަށް ލިބޭ އެތަކެއް ޢިނާޔަތްތަކުން އެއްވަނަ ދުނިޔޭގެ ބައެއް ޤައުމު އަޅުގަނޑުމެން މަޙްރޫމްކޮށްފި. މިފަހަރު އަޅުގަނޑުމެންނަށް ޖެނީވާގައި، ބައިނަލްއަޤްވާމީ ހިއުމަން ރައިޓްސް ކޮމިޓީގައި އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރ ދައްކުވައިދެއްވީ، ދިވެހި ދައުލަތުގެ މިއަދުގެ ސިޔާސަތު. ކުރަން ޖެހުނު ކޮންމެ ކަމެއް، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ކުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ދޫކޮށްނުލާނޭ އުޞޫލުތަކެއް ހުންނާނެއޭ. އޭގެތެރޭގައި އިސްލާމްދީން ކޮމްޕްރޮމައިޒްވާ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނޭ. އެ އަޅުގަނޑުމެން ކިތަންމެ ރަނގަޅަކަށްވެސް ބުނެފީމު. އޭގެ ފިއްތުންތައް އަޅުގަނޑުމެންނަށް ކުރިމަތިވާލެއް މަދެއް ނޫން، ކުޑައެއް ނޫން.

މިހުރިހާ ވާހަކައެއް ދަންނަވާލުމުގެ ބޭނުމަކީ، އިސް ރަށްވެހިންނަށް މިކަންކަން ވަރަށް ފަސޭހައިން ގަބޫލުކުރެއްވޭނެ. އަދި ޢަބްދުއްރަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ޒުވާނުންނާއި މިއަށްވުރެ އިސް ރަށްވެހިންނާ ދޭތެރޭގައި ފާލަމެއް އަޅުއްވައިދެއްވަން ތިއްބެވީ، މިދެންނެވި ކަހަލަ ރިވެތި މިސާލުތަކުން އެބޭފުޅުން އަބުރުވެރިކަމާއެކީ ދިވެހި ދައުލަތަށް އެތައް ޚިދްމަތްތަކެއް ކޮށްދެއްވާފައި ތިއްބެވި، މިއަދު މި ޖަލްސާގައި ތިއްބެވި އިސް ރަށްވެހިންގެ ފަރާތްޕުޅުން. އެހެންވީމާ، ދިވެހިރާއްޖޭގެ ތާރީޚު އޮތްހާ ހިނދަކު، މިނިވަން 50ގެ އަހަރެއް ހޭދަކުރާހާ ދުވަހަކު ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް އިސް ރަށްވެހިން ކޮށްދެއްވި ޚިދްމަތުގެ އަގު ވަޒަންނުކޮށް ދޫކޮށްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. އެއްވެސް ފުރްޞަތެއް ނޯންނާނެ. މި ދިވެހިރާއްޖެއަކީ ޒުވާނުންގެވެސް ދިވެހިރާއްޖެ. މި ދިވެހިރާއްޖެއަކީ އަންހެނުންގެވެސް ދިވެހިރާއްޖެ. މި ދިވެހިރާއްޖެއަކީ އިސް ރަށްވެހިންގެވެސް ދިވެހިރާއްޖެ. އަދި އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތަރިކައެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެންގެ ރީތި އުޞޫލުތައް ހަނދާންކުރާ ކަމަށްވަންޏާ، އިސް ރަށްވެހިންގެ ދައުރުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ.

އެހެންވީމާ، ސަރުކާރު އައުމުން ނޫނިއްޔާ ސަރުކާރު ހޯދުމުގެ މަޤްޞަދުގައި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑުމެން ދެއްކި ވާހަކަތަކުގައި ރައްޔިތުންގެ އަރިހުގައި ދެއްކި އެކިއެކި ޚިޔާލުތަކުގެ ތެރޭގައި، މެނިފެސްޓޯގެ ސިފައިގައި ޚިޔާލުތަކުގެ ތެރޭގައި އިސް ރަށްވެހިންނަށް އަޅުގަނޑުގެ ސަރުކާރެއްގައި، ޕީ.ޕީ.އެމް.ގެ ސަރުކާރެއްގައި ޚާއްޞަ ކަންތައްތަކެއް ކޮށްދޭނެ ވާހަކަ އެހެރީ ކަނޑައަޅާފައި ދަންނަވާފައި. އެކަން ފެށިގެން އަންނަނީ، އަޅުގަނޑުމެން ޕާޓީގެ ރައީސަކަށް ހުންނެވީ މީގެ 30 އަހަރު، މިދެންނެވި 30 އަހަރުގެ ވެރިކަން ކުރެއްވި އަދި ވަރަށް ފަޚްރުވެރި، ވަރަށް ރިވެތި ވެރިކަމެއް ކޮށްދެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އެމަނިކުފާނުގެ ސަރުކާރުގައިވެސް އިސް ރަށްވެހިންނާ ދޭތެރޭގައި އޯގާތެރި ކިތަންމެ ކަމެއް ވަނީ ކޮށްދެއްވާފައި. އެހެންވީމާ، އެކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. އަދި ދައުލަތުގެ ބަޖެޓް ނޫނިއްޔާ ފައިސާގެ ތަނަވަސްކަން އޮތް މިންވަރަކުން އިތުރު ކަންތައް ކޮށްދެވޭތޯ އަޅުގަނޑުމެން ބެލީ. މިހުރިހާ ކަމެއްގެ ބޭނުމަކަށްވަނީ، ރާއްޖެއަށް ހަމަޖެހުން އައުން. ސިޔާސީ ފިކުރު ތަފާތުވިނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި އަޅުގަނޑުމެންނަށް ތިބެވޭ ކަމަށްވަންޏާ، އިސް ރަށްވެހިންނަށް ބޭނުންވާނެ އެންމެބޮޑު ކަމަކަށްވާނީ ޞުލްޙަވެރި، މަޞްލަޙަތު އޮތް ވެށްޓެއްގެ ތެރޭގައި ޙަރަކާތްތެރިވެވޭނެ ޖާގަ ލިބުން. އެ ޖާގަ ކަށަވަރުކޮށްދިނުމަކީ، ދައުލަތް ހިންގަން ހުންނަ މީހަކު ކޮށްދޭންޖެހޭ ކަމެއް. އެ ޖާގަ ކަށަވަރުކޮށްދިނުމަކީ ޤާނޫނުއަސާސީއިން އެކިއެކި މުއައްސަސާތަކާ ޙަވާލުކޮށްފައިވާ އަމާނާތެއް. އޭގެތެރޭގައި، ސިފައިންނާއި ފުލުހުންނާ ޙަވާލުކޮށްފައިވާ ދައުރު ކުޑައެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެން ހަމަ ނިންމަން ޖެހުނީ، އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކީ ބޮޑެތި ޖިނާއީ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ޖިނާއީ ބޮޑެތި މުޖުރިމުން ކުރާ ކަންތައްތަކުގެ ގޮތުން، މީހުން ކަނޑައެޅިގެން މަރައިފި ކަމަށްވަންޏާ، އިސްތިޢުނާފުގެ މަރްޙަލާތައް ނިމި، އެކަންކަން ނިމިއްޖެ ކަމަށްވަންޏާ، އެމީހުންނަށް ދޭންޖެހޭ ޙައްޤު އަދަބު، އިސްލާމީ ޝަރީޢަތް ނިންމާ ގޮތަކަށް، އެކަން ކުރާނަމޭ. އެއީ، ހުރިހާ ރައްޔިތުންގެ އަމާންކަމަށްޓަކައި ކުރަންޖެހޭ ކަމެއް. އެއީ އެއްގޮތަކަށްވެސް ދިވެހިރާއްޖެ ހިންގަން ހުންނަ މީހަކަށް ކުރަން ފަސޭހަ ކަމަކަށްވެސް ނުވާނެ. އެއީ ދިވެހިރާއްޖެއަށް ހަމަޖެހުން ގެނެސްދިނުމަށްޓަކައި މިވަގުތު ރާއްޖެ ހިންގަން ހުރި މީހެއްގެ ޙައިޘިއްޔަތުން އަދި ރާއްޖޭގެ ކަންކަން ނިންމަން ތިބި ބައެއް، ކެބިނެޓް މިނިސްޓަރުންނަށް ތިބި ބައެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންނަށް ކުރުން ލާޒިމް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނިގެން އެކަން އަޅުގަނޑުމެން ކުރީ.


މިހުރިހާ ކަމެއްގެ ބޭނުމަކަށްވަނީ ދިވެހިރާއްޖެއަކީ ކުށްމަދު، އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ސަލާމަތްތެރިކަމާއެކީ ހިނގާބިނގާ އުޅެވޭ އަދި ދަތުރުފަތުރުކުރެވޭނެ ރަށެއްކަން، ޤައުމެއްކަން ކަށަވަރުކޮށްދިނުން. މިއަށްވުރެ ބޮޑު ކަމެއް، އިސްރަށްވެހިންނެއް ބޭނުންފުޅެއް ނުވާނެ. ދެން ޒުވާނުންނަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަށް ޙައްލުތަކެއް ހޯދައިދީ، ޒުވާނުންނަކީ ބާރުވެރި، އަބުރުވެރި ދިރިއުޅުމެއް ފަސޭހަކަމާއެކީ އުޅެވޭނެ ބަޔަކަށް ހެދިއްޖެ ކަމަށްވަންޏާ، ކޮންމެ ޒުވާނެއްގެ ފަރާތުން މަންމައަކާއި ބައްޕައަކާއި، ދައްތައަކާއި، ކާފައަކާއި މާމައެއް ހިނިތުންވާނެ. އެހެންވީމާ، މިއަށްވުރެ ބޮޑު ހަމަޖެހުމެއް ދިވެހި ދައުލަތަކަށް، ދިވެހިރާއްޖެއަކަށް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

މި ހަމަޖެހުމާއެކީ އިސް ރަށްވެހިންނަށް ބޭނުންފުޅުވާނެ ކަންތައްތަކެއްގެ ވާހަކަ، ދެންމެ ޢަބްދުއްރަޝީދު ޙުސައިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި. އެއްގޮތަކަށްވެސް އަޅުގަނޑު މިއުޅެނީކީ އަޅުގަނޑުމެންގެ ސަރުކާރުން ނޫނީ ޕީ.ޕީ.އެމް.ގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކުގެ ވާހަކަ ދަންނަވާކަށެއް ނޫން. އެކަމަކު ހަމައެކަނި އަޅުގަނޑުގެ މަޤްޞަދަކީ، އިސް ރަށްވެހިންނަށް އުފާވެރިކަމުގެ ޚަބަރުތަކެއް ދެންނެވުން. އަޅުގަނޑުމެންގެ ސަރުކާރު ހިނގަހިނގާ އޮތް ކަމަށްވަންޏާ، ތިޔަބޭފުޅުންނަށް ކަށަވަރުކޮށްދޭ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި މިހާރު ފެށިފައި ހުރި ކަންތައްތަކެއް، އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި ބާކީއޮތް މުއްދަތުގެ ތެރޭގައި، އެއޮތް ގޮތުގެ މަތިން ހިނގާނެ. ނޫނީ އެއަށްވުރެ ރަނގަޅު ހެޔޮބަދަލުތަކެއް އަންނާނެ ވާހަކަ ހަމަ ދަންނަވާލަން.

އިސް ރަށްވެހިންނަށް ރާއްޖޭގެ ވެށްޓަކީ އަމާން ޞުލްޙަވެރި، އެންމެން އެކަކު އަނެކަކަށް އިޙްތިރާމްކުރާ ތަނަކަށްވުމަށްފަހު، އިސް ރަށްވެހިންނަށް އެންމެ އިސްކަމެއް ދެއްވޭނީ، ނޫނީ އެންމެ ޝައުޤުވެރިކަން ހުންނާނީ އެބޭފުޅުންގެ ޞިއްޙަތާ ދޭތެރޭގައި. ބަލިވީމާ ބޭސްކުރެވޭނެ ގޮތްތައް. އަޅުގަނޑުމެން އާސަންދައިގެ ވާހަކަ ދައްކައިފިން. އާސަންދަޔަކީ މިއަދުގެ ސަރުކާރުގެ އުފެއްދުމެއް ނޫން. އާސަންދަ ނޫނީ ޞިއްޙީ ފަރުވާ ދިނުމުގެ ކަންތައްތަކަކީ ހުރިހާ ސަރުކާރަކުންވެސް ކުރާ ކަމެއް. އެހެން ނަމަވެސް، ވެލްފެއަރ ޚިދުމަތެއްގެ ގޮތުގައި އެކަން ކުރަން ފެށިފައި ވަނީ ރައީސް މައުމޫންގެ ޒަޢާމަތުގައި. އެކަން އެކި މަރްޙަލާގައި އިސްވެ އަދި ސަރުކާރުތަކުން އާސަންދަޔަށް ނޫނީ އާސަންދައިގެ ތެރެއިން ރައްޔިތުންނަށް ދޭ ފަރުވާގެ މިންވަރު އިތުރުވުމާއެކީ، މި ސަރުކާރުން މިވަގުތު އިރާދަކުރެއްވިއްޔާ، އާސަންދަޔަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރެވޭ، ޚާއްޞަ ގޮތެއްގައި އިސް ރަށްވެހިންނަށް، އޭގެ އެންމެ ބޮޑު ފައިދާ ލިބޭގޮތަށް ފަރުމާ ކުރެވިފައި އޮތް ނިޒާމެއް. ސޯޝަލް ޕްރޮޓަކްޝަން ނިޒާމެއް. ނޫނީ ޞިއްޙީ ދާއިރާއިން ލިބޭ ގެއްލުންތަކުގައި، ޞިއްޙީ ދާއިރާއިން ލިބޭ ފަރުވާތައް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރާ ކަމެއް. ނޫނީ ހިންގާ ނިޒާމެއް. އިސް ރަށްވެހިންނަށް ބަލާކަމަށްވަންޏާ، އެންމެ ޢާންމު ބަލިތަކުގެ ތެރޭގައި، ކެންސަރުގެ ފަރުވާއާއި، ކެންސަރުގެ ބައްޔަށް ބޭނުންވާ ފަރުވާއާއި، ކިޑްނީ ބޭނުންވެގެން، ނޫނީ ކިޑްނީގެ ބަލިތަކުގެ ފަރުވާ އެބަ ހިމެނޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން، މިދިޔަ އަހަރު އެކަނިވެސް، 2014 ވަނަ އަހަރު އެކަނިވެސް 65 އަހަރުން މަތީގެ އިސް ރަށްވެހިންގެ ތެރެއިން ދެހާސް އެތަކެއް މީހުންނަށް ހިލޭ ކިޑްނީއާއި ކެންސަރުގެ ފަރުވާ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން މިވަނީ ދެވިފައި. އަދި އިރާދަކުރެއްވިއްޔާ، މި ފަރުވާއަކީ ހަމަ މިކަމަށް އެދޭ ހުރިހާ ފަރާތްތަކަށް ހޯދައިދެވޭނެ ފަރުވާ. މީގެކުރިން މިއީކީ ވާކަންކަމެއް ނޫން. އެހެންވީމާ، އިސް ރަށްވެހިންނަށް ކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ކުރީގައި ދަންނަވާލި ގޮތަށް، އާސަންދައިގެ ތެރެއިން މިކަންކަމަކީ ތިޔަބޭފުޅުންނަށްޓަކައި މި ސަރުކާރުން ކޮށްދޭ ކަންތައްތައް.

ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ތަނަވަސް ރާއްޖެއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން ފައިސާ ހޭދަކުރާގޮތުން، އަޅުގަނޑުމެން ނިންމަންޖެހޭ، އިސްކަންދޭންޖެހޭ ތަރުތީބުތަކެއް ކަނޑައެޅިއްޖެ ކަމަށްވަންޏާ، ކަންކަން ކުރެވޭނެ މަގު އެބަ ފަހިވެގެންދޭ. މި ހިސާބުގަނޑުގެ އެކި ޤައުމުތަކުގެ އެންމެ ރަނގަޅު ޑޮކްޓަރުން ތިބި 21 ސެންޓަރަކާ އެކީ ސްޕެޝަލިސްޓް ޑޮކްޓަރުން ދިވެހިރާއްޖެއަށް، އެމީހުންގެ އެހީތެރިކަން، އެމީހުންގެ ޚިދްމަތް ލިބޭނެގޮތަށް މިހާރު ހަމަޖައްސައިގެން ފަށައި، އެންސްޕާ އާއި އާސަންދަޔާ ގުޅިގެން މި މަސައްކަތްތައް މިވަނީ ފެށިފައި. މިއިން ކޮންމެ ފަރުވާއަކަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި މީހަކު ހުއްޓަސް ފުރަތަމަ މާލެއަށް އަންނަނީ. މާލެ އައުމަކީ އޭގެ ޒާތުގައި ފަސޭހަ ކަމެއް ނޫން. އެކަމަކު މިހާރު މާލެއަށް ދަތުރުފަތުރުކޮށްފައި އައުމަކީ ނޫނީ އުފުލައިގެން ގެންނަންޖެހޭ ޙާލަތެއްގައި އެމީހާ ގެނައުމަކީވެސް އާސަންދައިގެ ތެރެއިން އެ ޚަރަދު ދެކޮޅުޖައްސާ ނޫނީ ޚަރަދުކޮށްދޭ ކަމެއް. އައުމަށްފަހު މާލޭގެ ޑޮކްޓަރުންނަށް، މާލޭގެ ހޮސްޕިޓަލުން ދެއްކުމަށްފަހު ރާއްޖެއިން ލިބެން ނެތް ފަރުވާޔަށް އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދަތުރުކުރަނީ. އެކަމަކު މިހާރު މިދެންނެވި ސްޕެޝަލިސްޓުންގެ ޚިދްމަތް ލިބުނީމާ އަދި ސްޕެޝަލިސްޓުން ރާއްޖޭގެ އެކި ހިސާބަށް ދަތުރުކުރީމާ، މާލެ އަންނަން ފަސޭހަ ނޫން، ނޫނީ ރާއްޖެއިން ބޭރަށް ދަތުރުކުރަން ފަސޭހައެއް ނޫން ދޮށީ ރައްޔިތުންނަށް، މި ފަރުވާ، ނޫނިއްޔާ މިއަށް ބޭނުންވާ މަޝްވަރާ އެބަ ލިބިވަޑައިގަންނަނަވާ. އެޔާއެކީ މާލޭގައި ތިއްބެވި ޑޮކްޓަރުންނަށް، އެ ދޮށީ ރައްޔިތުންނަށް ބޭނުންވާ ފަރުވާ ކުރިއަށް އެބަ ގެންދެވޭ.

ހަމައެހެންމެ، ހިނގާބިނގާވެ ނޫޅެވޭ، ބަލިހާލު ހުރިގޮތުން ބައްޔަކާއެކީ އެނދުމަތިވެފައި މި ތިބޭ ދޮށީ ރައްޔިތުންނަށް، އިސް ރަށްވެހިންނަށް، މަޢާފް ކުރައްވާ، ދޮށީ ރައްޔިތުން އަޅުގަނޑު ކިޔާކަށް ނޫން، އަޅުގަނޑު ޚިޔާލު އޮތީ އިސް ރަށްވެހިންނަށް. މިދިޔަ އަހަރު އެކަނިވެސް އަޅުގަނޑުމެން މި ޚިދްމަތް ހުޅުވާލި ފަހުން، މިދިޔަ އަހަރު އެކަނިވެސް، މާލެއިން އެކަނި 87 ފަރާތެއް ރަޖިސްޓަރީކޮށް، އެމީހުންނަށް މި ޚިދްމަތް، އެމީހުންގެ ގެޔަށް ޑޮކްޓަރުންނާއި ނަރުހުން ގޮސްގެން އެމީހުންނަށް ޚިދްމަތް ދޭން ވަނީ ފެށިފައި. އަދި ރާއްޖޭގެ އެކި ހިސާބުގައި މި ޚިދްމަތް މިހާރު ވަނީ ފެށިފައި. އެހެންވީމާ، މިހުންނަ ކަންކަމަކީ އޭގެ ޒާތުގައި ބޮޑެތި ހޭދަތަކެއް ހިނގާ ކަމެއް. އެހެން ނަމަވެސް، މިއީ އަޅުގަނޑުމެން އޯގާތެރި މުޖްތަމަޢެއް ބޭނުންކުރަން އަޅުގަނޑުމެން ކުރަން ކޮންމެހެންވެސް ލާޒިމް ކަންކަން.

ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލެއެއް ނޫން ދިވެހިން އުޅޭ ހަމައެކަނި ރަށަކީ. ޝައްކެއްވެސްނެތްގޮތުގައި، މާލެއަކީ ދިވެހިން އުޅޭ އެންމެ ބޮޑު ރަށް. އެހެންނަމަވެސް، އެއާއެކީވެސް ދަންނަވާލަން ޖެހެނީ، ރާއްޖޭގެ އެކި ހިސާބުގައި، ކުދި ބޮޑު މެދުފަންތި، މެދު އެކި ރަށްރަށް އެހެރީ އެކި ހިސާބުގައި. މީގެކުރީގައި ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ، މިތަންތަނުގައި ހުންނަ ބޭސް ވިއްކާ ފިހާރަތަކުން ބޭސް ހޯދުމަކީ ދަތިކަމަކަށް ވެފައި ވަނީ. އަދި ބޭސް ހުންނައިރު ބޭސް ލިބުމަކީ އަގުބޮޑު ކަމަކަށް ވެފައި ވަނީ. އެހެން ނަމަވެސް، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ފަށްޓާފައި މިވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އިރާދަކުރެއްވިއްޔާ މިއަހަރު ހުސްވާއިރު، 2015 ވަނަ އަހަރު ނިމޭއިރު، 2016 އާ އަޅުގަނޑުމެން ކުރިމަތިލާއިރު، އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމަށް. މިހާރުވެސް އަޅުގަނޑުމެންނަށް، މިހާތަނަށް ދިޔައިރު ސަރުކާރުގެ ނޫނިއްޔާ އެސް.ޓީ.އޯ. އިން ހިންގާ 121 ފާމަސީ އެބަ ހިނގާ. މީގައި ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ޝައްކެއްވެސްނެތް، އަޅުގަނޑުމެންނަށް މި ޝަކުވާވެސް އާދޭ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަންނާނެ. މިހުރިހާ ބޭސްފިހާރައެއްގައި ހުރިހާއިރަކު ބޭނުންވާ ހުރިހާ ބޭސް ނެތި ހިނގައިދާނެ. އެހެން ނަމަވެސް، ކާކުތޯ ބުނީ ދުނިޔެއަކީ އެއްވެސްކަހަލަ މައްސަލައެއް ނެތް ތަނެކޭ. ކާކުތޯ ބުނީ ސިޔާސީ ގޮތުން ކުރާ ކަންކަމަކީވެސް އެއްވެސް މައްސަލައެއް ނެތް ކަމެކޭ. ކޮންމެ ކަމަކީވެސް ކޮށިއެރުންތަކެއް، އޭގެ ޒާތުގައި ހުންނާނެ ކަންކަން. ކިތަންމެވަރަކަށް ޚިދްމަތްދޭން އުޅުނަސް، އޭގެ ޒާތުގައި ކޮށިއެރުންތަކެއް ހުންނާނެ. ހުއްޓުންތަކެއް ހުންނާނެ. އަދި އެކަންކަން ރަނގަޅުކޮށްފައި ކުރިއަށްދާނެ މަގު އަޅުގަނޑުމެން ދަސްކުރަން އެބަޖެހޭ.

އެހެންވީމާ، ބޭސްފިހާރަތަކުގައިވެސް ބޭސް ނެތުމަކީ، ބައެއް ބޭސް ބައެއް ވަގުތު ނެތުމަކީ ހަމަ ވެދާނެ ކަމެއް. ވަމުންދާވެސް ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަނީ، ފުރަތަމަ ކަމަކީ ހުރިހާ ރަށެއްގައި ބޭސްފިހާރަ ޤާއިމުކޮށްދިނުން. މީގެ އެއްއަހަރު ކުރިޔާ ހަމަޔަށް އަޅުގަނޑުމެން ޖެހިލާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ފުރަތަމަ ޝަކުވާއަކަށްވަނީ، ބޭސްފިހާރަ ނެތް ވާހަކަ. މިހާރު ބޭސްފިހާރަ ހުޅުވައިދެވޭތޯ މި ބަލަނީ. އެއާއެކީ ހުރިހާ ބޭހެއް ހަމަކޮށްދެވޭތޯ. މިއީ އިސް ރަށްވެހިންނަށް އަދި ބަލިވީމާ ބޭސްކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތް.

ރަމަޟާން މަސް އަޅުގަނޑުމެންނާ މި ކުރިމަތިލަނީ އުފާވެރިކަމުގެ ޚަބަރުތައް. އަދި އިރާދަކުރެއްވިއްޔާ، ﷲގެ ހިދާޔަތުގެ މަގުގައި ތިބެގެން އަޅުގަނޑުމެންނަށް ލިބޭ އިތުރު ނިޢުމަތްތައް ހޯދަން، އިތުރު މަސައްކަތް، ބަރަކާތްތެރި މަސައްކަތްތަކެއް ކުރުން. މިއާއެކީ އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ، އިސް ރަށްވެހިންނަށް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ފަރުޟު ޙައްޖު. ރާއްޖޭގައި ކުރީގެ ސަރުކާރުތަކުން ވަރަށް މަސައްކަތް ކުރައްވައިގެން އަޅުގަނޑުމެންނަށްވެސް މިއޮންނަނީ އެކަށީގެންވާ ކޯޓާއެއް ލިބިފައި. 1000 މީހުން ކޮންމެ އަހަރަކު ފަރުޟު ޙައްޖަށް ދެވޭގޮތަށް ސަޢޫދީ ސަރުކާރުން ދީލަތިކަމާއެކީ މިއޮތީ ހަމަޖައްސަވައިދެއްވާފައި.

އެނގިވަޑައިގަންނަވާނެ، ދުނިޔޭގައި އިސްލާމީ ދައުލަތްތައް، ނޫނީ އިސްލާމުން އުޅޭ ރަށްތަކަށް ބަލައިފި ކަމަށްވަންޏާ، ދައުލަތްތަކަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ރައްޔިތުން ތިބި ނިސްބަތުން މިއީ ވަރަށްބޮޑު ޢަދަދެއްގެ ކޯޓާއެއް. ނިސްބަތުން ބަހާލައިފިއްޔާ މިއީ ވަރަށްބޮޑު ޢަދަދެއްގެ ކޯޓާއެއް. 1000 މީހުންނަކީ ވަރަށްބޮޑު ޢަދަދެއްގެ ކޯޓާއެއް. އެހެން ނަމަވެސް، ދީލަތިކަމާއެކީ އަދި އަޅުގަނޑުމެންގެ ސަރުކާރާއި ސަޢޫދީ ސަރުކާރާ އޮންނަ ގާތްކަމުގެ ތެރެއިން އަދި ދިވެހިރާއްޖެއަކީ ހަމަ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާތީ، އެބޭފުޅުންގެ ހިތްޕުޅުގައި އެ އޮންނަ އުޚުއްވަތްތެރިކަމެއްގެ ތެރެއިން، ލޯތްބެއްގެ ތެރެއިން އަޅުގަނޑުމެންނަށް މިވަނީ 1000 ހަމަޖައްސަވައިދެއްވާފައި. އަޅުގަނޑުމެން ވިސްނާފައި މި އަދަދު އިތުރުކުރެވޭތޯ މިފަހަރު އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް ކުރި ދަތުރުގައި ރަސްގެފާނު އަރިހުގައި މަސައްކަތް ކުރިން. ރަސްގެފާނާ ބައްދަލުކޮށްފައި، އޭގެ އަނެއް ދުވަހު ރަސްގެފާނުގެ ދަރިކަލުން ވަޑައިގެން އަޅުގަނޑަށް ކަށަވަރުކޮށްދެއްވީ، ބައްޕާފުޅު ވިދާޅުވިޔޭ އަންނަ އަހަރުން ފެށިގެން، މިއަހަރެއް ނޫން، މިއަންނަ އަހަރުން ފެށިގެން އިތުރު 1000 އިތުރުކޮށްދެއްވިޔޭ، 2000 ޙައްޖު ކޯޓާ ހަމަޖައްސަވައިދެއްވި.

ދެން އޮތީ ޙައްޖު ކޯޕަރޭޝަންގެ ތެރެއިން، ސަރުކާރުގެ ފައިސާގެ ތެރެއިން މިކަން އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ފޯރުންތެރިކަން ހުރި މިންވަރުން އަޅުގަނޑުމެން އިސްކަން މިދެނީ މިކަން ކޮށްދޭން. މިއަހަރަށް ބަލައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ 141 މީހަކަށް ނޫނީ 142 މީހަކަށް ސަރުކާރުގެ ހިލޭ އެހީގައި ޙައްޖަށް ވަޑައިގަތުމުގެ ފުރްޞަތު އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޞުލްޙަވެރިކަމާއެކީ، އަޅުގަނޑުމެންނަށް ކުރިއެރުން ލިބޭ އިޤްތިޞާދީ މަސައްކަތް އިތުރުކުރެވޭ ކަމަށްވަންޏާ، މި ޢަދަދަކީ އެތައް ގުނައެއް އިތުރުވެގެންދާނެ ޢަދަދެއް. އަޅުގަނޑަށް ގަބޫލުކުރެވޭ، 2000 މީހުންގެ ކޯޓާ އަޅުގަނޑުމެންނަށް އަދި ލިބިފައި އޮތް ނަމަވެސް، އަމިއްލަ ފުދުންތެރިކަން ހުރި މިންވަރަށް ބަލައިފި ކަމަށްވަންޏާ، ދިވެހިރާއްޖެއަކުން މިއަންނަ އަހަރުވެސް 2000 މީހުން އަމިއްލަ ޚަރަދުގައި ދެވިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް، ސަރުކާރުން މަސައްކަތްތަކެއް މިކުރަނީ ހަމަ ރައްޔިތުންނަށް ވީވަރަކުން އިސްކަންދީގެން، ދޮށީ ރައްޔިތުންނަށް އިސްކަންދީގެން، އިސް ރަށްވެހިންނަށް އިސްކަންދީގެން މި އަދަދު އިތުރުކޮށްދެވޭތޯ.

ހަމައެހެންމެ، އަޅުގަނޑުމެން މަސައްކަތް ކުރެވޭތޯ މި ބަލަނީ، އިސް ރަށްވެހިން އެކިއެކި ޚިދްމަތްތަކަށް، އެކި ތަންތަނަށް ޒިޔާރަތް ކުރައްވާއިރު، އެއީ ހަސްފަތާލު ކަމުގައިވީނަމަވެސް، އައި.ޑީ. ކާޑު ހައްދަވަން ވަޑައިގެންނެވި ނަމަވެސް، ޕާސްޕޯޓް ހައްދަވަން ވަޑައިގެންނެވި ނަމަވެސް ކިޔޫގައި ޖެހިވަޑައިގަތުމަކާނުލައި، މިކަންކަން އިސް ރަށްވެހިންނަށްވާތީ، އެހެން މީހުންނަށްވުރެ އިސްކޮށް ތިޔަބޭފުޅުންނަށް އެ ޚިދްމަތް ދެވޭތޯ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ، ހަމަ އަޅުގަނޑުގެ ސަރުކާރެއްގައި ހަމަ ކުރިއަށްދާނެ.

މިއާއެކީ އަޅުގަނޑުގެ ވާހަކަވެސް ހަމަ ވަރަށް ދިގުވެސްވެއްޖެ. އެހެން ނަމަވެސް، އެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހުރިހާ ގިންތިތަކެއްގެ މީހުން ސިޔާސީގޮތުންވެސް އަދި އެހެން ފިކުރުގެ ގޮތުންވެސް ޚިޔާލު ތަފާތުވާ އެންމެންނާއެކީ، މަޞްލަޙަތަށް ލޯބިކޮށް، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާކަމަށްވަންޏާ، އުޞޫލުތަކެއް ގަބޫލުކުރާ ކަމަށްވަންޏާ، އެންމެންނާއެކީ އުޅެވޭތޯ އަޅުގަނޑު މި މަސައްކަތް ކުރަނީ. އެ މަސައްކަތް އެގޮތަށް ކުރާއިރުވެސް އަޅުގަނޑު މިދެންނެވީ ހަމަ ވަރަށް އަޑުއަހާލަން ބަރު ވާހަކަތަކެއް ކަންނޭނގެ. އުޞޫލުތަކަކަށް ތަބާވާ، އުޞޫލުތައް ލިޔެވިފައި މިހިރީ، އަޅުގަނޑުމެންގެ އިސްލާމްދީން ކަމަށްވަންޏާ، އިސްލާމީ ޝަރީޢަތުގަޔާ މިކަންކަމުގެ އުޞޫލުތަކެއް ލިޔެވިފައި މިހިރީ. ދެން މިއޮތީ ޤާނޫނުއަސާސީއާއި މުޅި ރައްޔިތުން، ނޫނިއްޔާ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ގަބޫލުކުރާ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގައި. ޤާނޫނުގައި އަޅުގަނޑު ހިތްހަމަނުޖެހޭ ގޮތަށް އޮވެދާނެ. އަވަށްޓެރިންގެ ތެރޭގައި، ނޫނީ ބައްޕަގެ ތިބި ދަރިންގެ ތެރޭގައި، ގޯތި ބެހުމުގައި އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތިކަމެއް ހުރެދާނެ. އެހެން ނަމަވެސް، އެއީ މިވަގުތަށް ދިވެހިރާއްޖޭގެ އަޣުލަބިއްޔަތު އެކަން އެގޮތަށް ކަނޑައަޅާފައި އޮތީމާ، އެކަން އެގޮތަށް ޤާނޫނުގައި ލިޔެވިފައި ހުންނަ ކަންކަން.

އެހެންވީމާ، ހުރިހާ ޤާނޫނަކީ އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އެއްވަރަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން. އެކަމަކު ޑިމޮކްރަސީއެއްގައި އެންމެންގެ ނަޞީބަކީ، އެންމެންގެ ފަރާތުން ބަސްކިޔާ ބަޔަކު ތިބެގެން އަޣުލަބިއްޔަތަށް ތަބާވުމަށްޓަކައި، ޚިޔާލުތަފާތުވާ މީހުންވެސް އެއަށް ބޯލެނބުމަށްޓަކައި، އަހުލުވެރިކުރުމަށްޓަކައި، ޝައުޤުވެރިކުރުމަށްޓަކައި ޤާނޫނުތަކެއް ފާސްކުރުން. ޤާނޫނެއް ނެތްކަމަށްވަންޏާ، ކަންތައްތައް ދާނީ އެކިފަހަރު އެކިގޮތަށް. އެހެންވީމާ، އަޅުގަނޑު މިކުރަނީ، އަޅުގަނޑާއި ޕީ.ޕީ.އެމް.ގެ ސަރުކާރުން މިކުރާ މަސައްކަތަކީ، އުޞޫލުތަކަށް ތަބާވާ، މަޞްލަޙަތަށް ލޯބިކުރާ އަދި އިސްލާމީ ހިދާޔަތުގައި ދިވެހިރާއްޖެ އޮންނަން ގަބޫލުކުރާ ބައެއް ކަމަށްވަންޏާ، ސިޔާސީގޮތުން ޚިޔާލުތަފާތުވީ ނަމަވެސް، އަޅުގަނޑު ހަމަ ކޮންމެ ބޭފުޅަކާ ސަލާންކުރަން އަތް ދިއްކޮށްލަން. އެހެން ނަމަވެސް، އަޅުގަނޑަށްވެސް ކުރަންޖެހޭ ކަންތައް އަޅުގަނޑު ކުރަންޖެހޭނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެހެން މީހުންގެ ބޮޑެތި ޙައްޤުތަކަށް އަރައިގަނެ، އެއަށް އަދަބު ނުދެވިދާކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއަކީ ވާނެގޮތެއް ނޫން. އެހެންވެއްޖެ ކަމަށްވަންޏާ، ރައްޔިތުންގެ ތެރޭގައި އޮންނަ ގާތް ގުޅުމަށް ޖަދަލުކުރިޔަސް އެއަށް އަޅާނުލެވެނީ. އެހެންވީމާ، ކިހިނެއްތޯ ވަނީ. އެހެންވީމާ މިވާގޮތަކީ، ބައެއްފަހަރު ކަންކަން ދިމާވާއިރު، ޖިސްމާނީ ގޮތުން އެކަކު އަނެކަކަށް އަނިޔާކުރޭ. މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު، އަދި މީހެއްގެ ގައިގައި އަތްނުލި ނަމަވެސް، މީހަކަށް ހިތްދަތިކަން ގެނެސްދޭ، މީހަކަށް ފުރައްސާރަކޮށް، އޭނަގެ ހިތަށް ތަދުވާ ބޮޑެތި ކަންތައް ކޮށްފިއްޔާ، އަޅުގަނޑަކަށް ތަފާތެއް ނުފެނޭ. ބައެއްފަހަރު މީހާގެ މޫނުމަތީގައި ތަފާލެއް ޖެހީމަ، އެވަގުތު ދިލަ ހުންނާނެ. އެކަމަކު އެއްދުވަސް، ދެދުވަސް ފަހުން ނޫނިއްޔާ ކޮންމެވެސްކަހަލަ ތަދު ކަނޑުވާ ބޭހެއް އުނގުޅާލީމަ، އެ ފަސޭހަވެދާނެކަންނޭނގެ. އެކަމަކު ސިޔާސީގޮތުން ވާހަކަ ދައްކާއިރުވެސް، މީހުންގެ ކަރާމާތް ނަގާލުމަށްޓަކައި ވާހަކަ ދައްކާއިރުވެސް، މީހެއްގެ އަބުރާ ބެހި، އެ ގެންދާ މިންވަރުން އޭނާގެ ހިތަކުން އެ ތަދެއް ނުފިލާނެ.

އެހެންވީމާ، ސުވާލު އުފެދެނީ، އުޞޫލުތަކެއް ގަބޫލުކުރާ ބަޔަކު ވެއްޖިއްޔާ، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަންވާނެ. ސިޔާސީގޮތުން މިނިވަންކަން އޮތުމަކީ، އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަންނަން ދެވޭ، ހިލޭލިބޭ ޓިކެޓެއް ނޫން. ސިޔާސީގޮތުން ފިކުރު ތަފާތުވުމަކީ ހިންގުމުގެ ނިޒާމާއި އަދި ކަންކަން ކުރެވޭ ގޮތަކީ ރައްޔިތުންގެ މަޞްލަޙަތު ގެއްލޭގޮތަށް މިޞްރާބު ހިފާފައި ހުރި ބައެއް ކަމަށްވަންޏާ، އެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި މިޞްރާބު ބަދަލުކުރުން. އެކަން ކުރާނީ ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން، ރައްޔިތުންގެ މަޖިލީހުގައި ބަޙުޘްކޮށްގެން. އަދި ނަގާ ވޯޓުގެ ނަތީޖާއިން. ކަމެއް ބަޔަކު ނިންމަން ބޭނުންވާގޮތަށް ވޯޓް ނުލިބިދާނެ ކަމަށްވަންޏާ، މަޖިލިސް ޙިޞާރުކޮށް، ބަޙުޘް ހުއްޓުވާލުމަކީ އެއީކީ ޑިމޮކްރަސީއެއް ނޫން. އާޚިރުގައި ކޮންމެ ކަމެއްވެސް ނިމިގެންދާނީ، ރައްޔިތުންގެ މަންދޫބުންގެ ތެރެއިން ގިނަ ބަޔަކު، އެކަން ނިންމަން ބޭނުންވާގޮތަކަށް. އެހެންވީމާ، އެއަށް ޖާގަ ލިބެންވާނެ. އަޅުގަނޑުމެން މިއުޅެނީކީ، އެއްގޮތަކަށްވެސް ސިޔާސީ މަސްރަޙުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީކީ ގުޅަކުޅޭ ފަސްގަނޑުގައި، މުލައްދަނޑީގެ ބާރުގަދައީ ކާކުތޯ ބަލާކަށެއް ނޫން. އަޅުގަނޑުމެންނަކީ މިދެންނެވި ގޮތަށް، ޑިމޮކްރަސީއެއްގައި އެއް އުޞޫލުތަކަށް ތަބާވާ ބަޔަކަށް އެބަ ވާންޖެހޭ. އެންމެންގެ ތެރޭގައި އެންމެންގެ ކަރާމާތަށް އިޙްތިރާމް ކުރާ ބަޔަކަށް ވާންޖެހޭ. ޤާނޫނަށް ތަބާވާން އުޞޫލުތަކެއް ގަބޫލުކުރާ ބަޔަކަށްވާންޖެހޭ. އެހެން ނޫނިއްޔާ މިތަނުގައި އޮންނާނީ ހަމަ ޙައިވާނު ބަގީޗާއެއްގައި އޮންނަ ކަހަލަ އިންޞާފު. އަޅުގަނޑަށް ވެވުނު މިންވަރަކުން އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގައި ހަމަޖެހުން ގެންނަން އަޅުގަނޑު މަސައްކަތް ކުރާނަން. މިދެންނެވި ކަހަލަ، އެހެން މީހުންގެ ޙައްޤުތަކަށް ގެއްލުން ލިބޭ ކަހަލަ ކަންތަކަކަށް، އަޅުގަނޑުގެ ވެރިކަމުގައި ޖާގަދޭކަށް، އަޅުގަނޑަކަށް އެހާ ފަސޭހައެއް ނޫން. އެހެންވީމާ، ދިވެހިރާއްޖޭގައި އެކަހަލަ ކަންކަން ވުމަކީ، އަޅުގަނޑު ހިތް އެދޭ ކަމެއް ނޫން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާނީ، ހަމަމިއާއެކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ވަކާލާތުކޮށް، ބޭރުގެ ދައުލަތްތަކުންވެސް ދިވެހިރާއްޖޭގައި އެކިއެކި ވާހަކަ ދައްކާ. އަޅުގަނޑާވެސް ބައްދަލުކުރަން އެކި ދައުލަތްތަކުން ވަޑައިގަންނަވާ. އެހެން ނަމަވެސް، އަޅުގަނޑުގެ ފަހުބަހަކަށް ވަނީވެސް ދިވެހިރާއްޖޭގައި މިއޮތް ޑިމޮކްރަސީއަކީ، އަޅުގަނޑުމެންގެ ޤާނޫނުތަކާއި އަދި އަޅުގަނޑުމެންގެ ޝަރީޢަތުގައި ނޫނީ އަޅުގަނޑުމެން ލިޔެފައި ހުރި އުޞޫލުތަކުގައި ކަނޑައަޅާފައި ހުރި ކަންކަމޭ. އެޔާ ޚިލާފުވާ ކަމަށްވަންޏާ، ދިވެހިރާއްޖޭގެ ޤާނޫނު ހިންގާކަށް، އެއްވެސް އެހެން ފަރާތެއްގެ އެހީތެރިކަމަކަށް ނޫނިއްޔާ ހުއްދަ ނަގާކަށް، މި ދިވެހި ދައުލަތަކުން ނުދާނަމޭ. ދުނިޔޭގައި ބޮޑެތި ޤައުމުތަކުގައި ކަންކުރަނީ އެގޮތަށް.

އެހެންވީމާ، ފަހަރުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މިއީ އަޅުގަނޑަށް ހަމަ ދާދިފަހުން ދިމާވި ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ޓެރަރިޒަމްގެ ޤާނޫނުގެ ތެރެއަށް ލާފައި ހުރި ބައެއްކަހަލަ ޙަރަކާތްތަކަކީ، ބޭރު ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޓެރަރިޒަމް ޙަރަކާތަށް ނުވެ ހިނގައިދާނެ. އަޅުގަނޑު މިސާލެއް ދަންނަވާނަން. އަޅުގަނޑުމެންނަށް މީގެ ދިހަވަރަކަށް އަހަރު ކުރިޔާ ހަމަޔަށް އަދި ދިޔައިރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މީހުން ޚާއްޞަ ގޮތެއްގައި، ހަމަ ބޮޑެތި މީހުން، ބޮޑެތި ފިރިހެނުން، މުޅި މީހާ ނިވާކޮށްގެން އައިސް މަދަރުސާ ކުދިން ނިމޭ ގަޑީގައި، މަދަރުސާ ކުދިން ގަދަކަމުން ޖަހައިގަނެގެން ޓެކްސީއަށް އަރުވައިގެން ގެންގޮސް، އެކުދިންނަށް އެކިއެކި އިހާނާތްތެރި، އިންސާނީ ކަރާމާތަށް ގެއްލުން ލިބޭ އެކިކަހަލަ ކަންތައްތައް ކުރިތަން. މިއީ އަޅުގަނޑުމެން ދަންނަ ކަމެއް. މިއީ ނޫސްތަކުގައި ލިޔެވިފައި ހުރި ވާހަކަ. އަދި ހަމަ އަޅުގަނޑު މިސާލެއްވެސް ދަންނަވާނަން. އެހެން މިސާލެއް، ދުނިޔޭގެ އެހެން ޤައުމަކުން. ބްރެޒީލް، ތިޔަބޭފުޅުން އައްސަވާނެ، ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން އައްސަވާނެ. މިއަދުވެސް ބްރެޒީލްގައި، ބްރެޒީލްގެ ވެރިކަން ކުރާ ރަށުގައިވެސް މަގުމަތީގައި ނުކުމެ އުޅޭ ޒުވާން ކުޑަ އަންހެން ކުދިންނާއި ފިރިހެން ކުދިން އުޅޭ. އެހެން އުޅޭ އުޅުމުގެ ތެރޭގައި، މީހުންނަށް އުނދަގޫވާ ކަންތައް ކުރޭ. އަޅުގަނޑު ނުބުންޏަސް، މިތަނުގައި މިކަންކަން އެނގިވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނެ. އޭގެތެރެއިން ވަރަށްގިނަ ކުދިންނަކީ، އަނެއް ދުވަހަށް އަލިވިލޭއިރު މަގުމަތިން ނޫނީ އެއްވެސް ތަނަކުން ނުފެންނަ ކުދިން. މިއީ، ދުނިޔޭގެ ޤައުމުތަކުގައި ހިނގާ ކަމެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އެއަށްވުރެ މާ ކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މަޞްލަޙަތަކީ އެއަށްވުރެ އަޅުގަނޑުމެން މާ އިސްކަން ދޭ ކަމެއް.

އެހެންވީމާ، މިދެންނެވި ކަހަލަ ކަންތައް ދިވެހިރާއްޖޭގައި އޭރު ވާން ފެށީމަޔާއެކީ، އަޅުގަނޑުމެން ނިންމީ، މީހެއްގެ ރުހުމަކާ ނުލައި، ޤާނޫނުގެ ބާރުވެރިކަމުގެ ބޭރުން މީހުން ހިފާ ހައްޔަރު ކުރުމާއި، މީހުން ފޮރުވުމާއި އަދި އެމީހާގެ އަނބިމީހާއަށް އެތަކެއް ދުވަހެއް ވެގެންދާއިރު، ފިރިމީހާ ހުރީ ކޮންތަނެއްގައިކަން ނޭނގޭގޮތަށް މީހުން ރަހީނުކޮށް، ހިފާ ހައްޔަރު ކުރުމަކީ ޓެރަރިޒަމްގެ ޙަރަކާތެއް ކަމަށް އަޅުގަނޑުމެން ޤާނޫނުގައި ކަނޑައެޅީ. އަޅުގަނޑުމެން ޤާނޫނުގައި މިކަން ކަނޑައެޅީ، އާދެ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިއީކީ ޓެރަރިޒަމްގެ ޙަރަކާތެއް ނޫން. އެކަމަކު ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މިކަންކަން ބޮޑުވެފައި އޮތް މިންވަރުން މި ޓެރަރިޒަމްގެ ޙަރަކާތަކަށް ހަދަން. އެހެންނޫނީ ދިވެހިރާއްޖެއަކުން މިދެންނެވި ކަހަލަ ބޮޑެތި އަނިޔާވެރިކަން ފިލުވައިލެވޭނެ ގޮތެއް ނެތް. ދުނިޔޭގެ ކިތައް ޤައުމުގައިތޯ، މަރުގެ ޙުކުމް ތަންފީޛު ކުރަނީ؟ ތަންފީޛު ކުރާ ގިނަ ޤައުމުތަކެއް އެބަހުރި. ތަންފީޛު ނުކުރާ ޤައުމުތައްވެސް އެބަހުރި. އެންމެ މަޝްހޫރު، އެންމެ ބޮޑެތި ޑިމޮކްރަސީތަކަށް ބަލާކަމަށްވަންޏާ، މަރުގެ ޙުކުމް ތަންފީޛު ކުރާ ޤައުމުތައް އެބަހުރި. އެހެންވީމާ، ކީއްވެގެންތޯ، އެހެން މީހުން އައިސް، ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޛު ކުރާތީ، އަޅުގަނޑުމެންނަށް މިކަމުގައި ކިޔަވައިދޭން މިއުޅެނީ. ޖާގައެއް ނެތް ދޮއެއްތޯ އެކަންކަން ކުރާކަށް. އަޅުގަނޑުމެން އުޅެން ބޭނުންވާ ގޮތަށް އުޅެން އަޅުގަނޑުމެންނަށް އެބަ ލިބެންޖެހޭ އިޚްތިޔާރު. އެގޮތަށް އަޅުގަނޑުމެން ޤާނޫނުގައި ޓެރަރިޒަމްގެ ޙަރަކާތެއްގެ ގޮތުގައި ލިޔުނީމާ މިވާގޮތަކީ، މިކުށަށް އަރައިގަންނަ ކިތަންމެ ބޮޑު މީހަކުވެސް، ކިތަންމެ ކުޑަ ކުއްޖަކުވެސް ޤާނޫނީ ޝަރީޢަތުގެ މަޖިލީހުގެ ތެރެއިން އެކަމަށް ނިޔާއެއް ކަނޑައަޅައިފި ކަމަށްވަންޏާ، މި ރައީސަށް ޖެހޭ އެކަން ތަންފީޛުކޮށްދޭން. އެކަމުން އުފެދިގެން އުޅޭ ޚިޔާލުތަފާތުވުމާއި، އެކަމުން އުފެދިގެން އުޅޭ އުދާސް އަޅުގަނޑުމެންނަށް މި ފެންނަނީ.

އެހެންވީމާ، އެކަންކަމަކީ އެންމެންގެ މަޞްލަޙަތަށްޓަކައި އެކަން އޮތްގޮތް. މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ނިންމަވާ. މީހުން އެގޮތަށް ހިފާ ހައްޔަރު ކުރުމާއި، މީހުން ވަގަށް ނެގުމާއި، އެމީހުންގެ ޢާއިލާއަށް އެމީހުން ވީނުވީތަނެއް ނޭނގި، 30 ދުވަސް، 45 ދުވަސް ވަންދެން މީހުން ރަހީނުކޮށްގެން ގެންގުޅުމަކީ، ދެދުވަހުގެ ގޭގައި ބަންދުގެ ޙުކުމެއް ކޮށްލަން ރައްޔިތުންގެ މަޖިލީހުން ނިންމަވާ. އޭރުން އަޅުގަނޑު ތަންފީޛުކުރާނަން. އެކަމަކު އަދު އެކަން އޮތީ އެގޮތަކަށެއް ނޫން. އަދު އެކަން އޮތީ 20 އަހަރާއި، 15 އަހަރުގެ ޙުކުމެއް އަންނަ ގޮތަށް. އެހެންވީމާ، އިސްބޭފުޅަކަށްވެސް އަދި އާދައިގެ ރައްޔިތަކަށްވެސް ޖިނާއީ ބޮޑެތި ކަންކަމުގައި ޤާނޫނު ހިންގާނީ އެއް އުޞޫލަކުން.

އެހެންވީމާ، މިކަހަލަ ކަންކަމާ އަޅުގަނޑުމެންގެ ދައުލަތުގައި 50 އަހަރުގެ މިނިވަންކަން ރަމްޒުކޮށްދޭ އަހަރު، ނޫނީ އެ އުފާ ފާހަގަކުރާ އަހަރު، އަޅުގަނޑު ހިތަށްއަރަނީ، މީގައި ތާރީޚުގައި ކުރިން ނުފެންނަ އެންމެ ބޮޑެތި ގޮންޖެހުންތައް، މި 50 އަހަރުގެ ތެރޭގައި ނޫނީ މި 50 އަހަރު ފާހަގަކުރާ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެބަ ކުރިމަތިލާންޖެހޭ. ﷲގެ ރަޙްމަތާއި، ﷲގެ ވާގިފުޅާއި، ރައްޔިތުންގެ މަދަދުވެރިކަމާއެކީ، އަޅުގަނޑުމެންނަށް މިކަން ހިފަހައްޓާލެވިއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ އަނެއްކާވެސް ފަޚުރުވެރިކަމާއެކީ، ކަރާމާތްތެރިކަމާއެކީ، ދުނިޔޭގައި އަޅުގަނޑުމެންގެ ކަންކަން ނިންމުމުގައި ބަސް ބުނުމުގެ ޙައްޤު އޮތް ބައެއްގެ ގޮތުގައި ނިމިގެންދާނެ. މިހެން ނޫނިއްޔަކާ، މި ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް ކަމުގައި ނުވާނެ. އަޅުގަނޑުމެން މިތާ ތިއްބެވި ހުރިހާ ބޭފުޅުން މާ ބޭނުންފުޅުވާނެ، ދިވެހި ދައުލަތަކީ މިނިވަން މުސްތަޤިއްލު ދައުލަތަކަށްވާން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ ޕާސްޕޯޓް ހިފައިގެން ދުނިޔޭގެ އެތަން މިތަނަށް ދާ ބަޔަކަށްވާންޖެހޭނެ. އަޅުގަނޑުމެން ނުޖެހޭ އެހެން ބައެއްގެ ޕާސްޕޯޓް ހިފައިގެން ދާކަށް. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ އަމިއްލަ ފައިސާ އަޅުގަނޑުމެންގެ ޤައުމުގައި ދައުރުކުރާ، ފައިސާ ގެންގުޅޭ ބަޔަކަށް ވާންޖެހޭނެ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޤާނޫނުގެ އުޞޫލުތައް ކަނޑައަޅާ އަދި އެކަންކަމުގެ ޙުކުމް ތަންފީޛުކުރަން އެހެން ބައެއްގެ ކައިރީގައި އަހާ، ނޫނީ އެހެން ޤައުމެއްގައި އެކަން އޮންނަގޮތް ބަލައިގެން، އެއަށް އަލިފުން ޔާއަށް އެކަން އޮންނަ ގޮތަށް ލިޔާ، ކޮޕީކުރާ، ނަކަލުކުރާ ބަޔަކަށް ވެގެނެއް ނުވާނެ. އެހެންވެއްޖެ ކަމަށްވަންޏާ، އަމިއްލަވަންތަކަން ނެތީ، ދިވެހިވަންތަކަންވެސް ނެތީ. އެހެންވީމާ، ދުނިޔޭގެ އެހެން ބޮޑެތި ޤައުމުތަކަށްވެސް މިކަހަލަ ކަންކަމުގައި އޮންނަ ޙައްޤުތައް، މި ކުޑަކުޑަ ދިވެހި ދައުލަތަށްވެސް އޮތުމަކީ، އަޅުގަނޑުގެ ސަރުކާރު ގަބޫލުކުރާ ގޮތް. އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ﷲގެ ތައުފީޤު އަދި ﷲގެ މަދަދުވެރިކަން މިންވަރު ކުރައްވާނެ.

އަޅުގަނޑުގެ ދަޢުވަތަށް ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑާ ބައްދަލުކޮށްލެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ، ތިޔަބޭފުޅުންގެ ޚިދްމަތުގެ އަގު ވަޒަންކުރަމުން، ތިޔަބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.
_____________________________