بســم اللّـه الرّحمـن الرّحيــم
      
        اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
       ދިވެހިރާއްޖޭގެ ލޮބުވެތި ޒުވާނުން، އަޅުގަނޑަށް ވޯޓު ދެއްވި އެންމެހާ ޒުވާނުން، ޒުވާނުންގެ ސަރުކާރެއް އިންތިޚާބު ކުރަން ނުކުމެ، އެންމެ އިސް ސަފުގައި މަސައްކަތްކުރި، މިތާ ޙާޒިރުވެ މި ތިއްބެވި އެންމެހާ ޒުވާނުން، އަޅުގަނޑުގެ ލޮބުވެތި ޒުވާނުން؛
 
السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއީ ޒުވާނުންނަށް ކަންތައްތައް ކޮށްދޭން ޒުވާނުން ހޮވި ސަރުކާރެއް. ޒުވާނުން އޭރުވެސް ބުނަމުން ދިޔައީ،
 While there is life, there is hope. While I breathe there is hope 
ޒުވާނުންގެ އުންމީދުތަކެއްވަނީ ނާއުންމީދަށް އޭރު ބަދަލުވެފައި. ޒުވާނުން ބޭނުންކުރެވެމުން އައީ ހަތިޔާރުތަކެއްގެ ގޮތުގައި. ޝިކާރަވަމުން އައީ ލިބޭ އަދަބުތަކެއްގެ ސަބަބުން. ޒުވާނުން ނާއުންމީދު ދުވަސްތަކެއް ކުރިމަތީގައި ހޭދަކުރަމުން ދަނިކޮށް، އަޅުގަނޑުމެން އިންތިޚާބުގެ ތެރޭގައި، އަޅުގަނޑުމެންނާ ބައިވެރިވި ޒުވާނުންނަށް، މިތާ މި ތިއްބެވި ޒުވާނުންނަށް ދަންނަވަމުން އައީ ނޫނެކޭ އަދި ތިޔަގޮތް ރަނގަޅެއް ނޫނޭ. ދިރުމެއްވަންޏާ އުންމީދެއްވާނެއޭ. އަދި އަހަރުމެންގެ ފުރާނައިގައި ވިންދު ހުރިކަމަށްވަންޏާ އުންމީދެއްވާނެއޭ. ދިވެހި ޒުވާނުންނަކީ ބީވެގެން، ބިކަވެގެން އެއްގޮތަކަށްވެސް ދާންޖެހޭ ބައެއް ނޫނޭ.
 
އެހެންވީމާ، ދިވެހި ޒުވާނުން އޭރު އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ޒުވާނުންގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ދެއްކި ވާހަކަޔަށް އިޖާބަ ދެއްވީ. ޒުވާނުން އަޅުގަނޑަށް ވޯޓު ދެއްވި. ޒުވާނުން ބޭނުންވީ، ޒުވާނުންގެ ޙާލަތު ބަދަލުކުރަން. ޒުވާނުން ބޭނުންވީ ދައުލަތް ބިނާކުރަމުންދާއިރު، ޒުވާނުންގެ ދައުރެއް، އޭގެތެރޭގައި އޮތުމަށް. ޒުވާނުން ބޭނުންވީ ދިވެހި ސަރުކާރަކީ، ޒުވާނުންނަށް އަޅާލައި، ނާއުންމީދުގެ ތެރެއިން ޒުވާނުންނަށް މަގު ދައްކައިދޭ، ޒުވާނުން ގޮވައިގެން އަމާންކަމުގެ އައްސޭރިޔަކަށް ދަތުރުކުރާވަރުގެ ސަރުކާރަކުން ޖާގަ ހޯދަން. ޒުވާނުން ބޭނުންވީ އޭރުގެ ނިގްލެކްޓުގެ ތެރެއިން ޒުވާނުންނަކީ މެއިން ސްޓްރީމް، ދައުލަތުގެ މުހިންމު ބައެއް ކަމުގައި ގަބޫލުކުރުވަން. ޒުވާނުންނަކީ ހަމައެކަނި ސިޔާސީ މީހުން އެކި ކަންތައްތައް ކުރަން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ތިބެން އަމުދުން ޒުވާނުން އެދުވަހު ބޭނުންނުވީ. ޒުވާނުން ބޭނުންވީ އެމީހުންގެ ގެދޮރުވެރިކަން އިތުރުކުރަން. ޒުވާނުން ބޭނުންވީ ޒުވާނުންނަށް ވަޒީފާތަކެއް ލިބެން. ޒުވާނުން ބޭނުންވީ ކުޅިވަރު ކުޅެވޭނޭ ތަންތަން އުފެދިގެން ދާން. ޒުވާނުން ބޭނުންވީ ޒުވާނުންގެ ޝިކާޔަތު އަޑުއަހައި، ޒުވާނުންގެ އާދޭސްތަކަށް އިޖާބަދޭ ސަރުކާރެއް ގޮވައިގެން ކުރިއަށް ދާން.
 
އެހެންވީމާ، މި ސަރުކާރަކީ ޒުވާނުން ވޯޓުލައިގެން، ޒުވާނުންގެ ކުރިމަގު އުޖާލާކުރަން، ޒުވާނުންނަށްޓަކައި މަސައްކަތްކުރާ، ޒުވާނުންނަށް ކަންތައްކޮށްދޭ ސަރުކާރަކަށް، އެދުވަހު ވޯޓުން ޒުވާނުން ބަދަލުކޮށްލަދިނީ. ޒުވާނުންނަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ދައުލަތުގެ އިންޖީނުގެ ޑައިނަމޯ. ޒުވާނުންނަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ، އަޅުގަނޑުމެންގެ ކުރިއެރުމުގެ ހަކަތަ. ހަކަތަޔާ ނުލައި އެއްވެސް ދިރުމެއް ނުވާނެ. ޑައިނަމޯއަކާ ނުލައި ޕަވަރ ޖެނެރޭޓެއް ނުކުރާނެ.
 
އެހެންވީމާ، ޒުވާނުންނަކީ everything and everything else as well. ޒުވާނުންނަކީ ދެންމެ ސަފާގެ ވާހަކަފުޅުގައި އަދި ޖައިޝަންގެ ވާހަކައިގައި ވަރަށްގިނަ ކަންތައްތަކެއް ޒުވާނުންގެ ފަރާތުން ދިވެހި ދައުލަތަށް، އަޅުގަނޑަށް އަދި މި އުފާވެރި މުނާސަބަތުގައި އަދި މި އުފާވެރި އިޙްތިފާލުގައި އަޅުގަނޑަށް ހުށަހަޅަމުން ގެންދިޔައީ. ހަމަ އެކުދިންގެ އެ އުފަލުގައި ބައިވެރިވަމުން އަދި އަޅުގަނޑުގެ މެނިފެސްޓޯ އިން ބޭރު އެތައް ކަމެއް ހިމެނިގެންދާއިރުވެސް މިއަދު އުފަލާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑު އުފާވަނީ މި ޒީނަތްތެރި ޙަފްލާއިން ދިވެހި ޒުވާނުން އަދި އަޅުގަނޑަށް ވޯޓު ދެއްވި ޒުވާނުންނާ ބައްދަލުކުރެވޭތީ އެކަންޏެއްވެސް ނޫނޭ.
 
ޝައްކެއްވެސްނެތްގޮތުގައި، މިރޭގެ މި ވަރަށް ކުލަގަދަ، ވަރަށް ރީތި ޖަލްސާއިން އަޅުގަނޑަށް ލިބޭ އުފާ އިންތިހާއަށް ބޮޑު. އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދަކީ އަޅުގަނޑަށް އަމިއްލަގޮތުންވެސް އަދި ރަސްމީގޮތުންވެސް އަދި އަޅުގަނޑުގެ ޕާޓީގެ ޙައިޘިއްޔަތުންވެސް ވަރަށް ޚާއްޞަ އުފަލެއް ލިބުނު ދުވަހެކޭ. އަނެއްކާވެސް ޒުވާނުންގެ ކަންތައްތައް ނިންމައިދިނުމަށް، ޒުވާނުންގެ އެޖެންޑާ ކުރިއަށް ގެންދިޔުމަށް، ޒުވާނުންނަކީ ދިވެހި ދައުލަތުގެ ސިޔާސަތުގައި މުހިންމު ދައުރެއް ލިބިގެންވާ ބައެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ގޮނޑިއެއް އަނެއްކާވެސް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރަކަށް މިއަދު ދެއްވި ދުވަސް މިއޮތީ. އާދެ، ދިއްގަރު ދާއިރާގެ ގޮނޑި ﷲގެ ރަޙްމަތުން ވަރަށް ފުރިހަމަ ކާމިޔާބީއާއެކީ އަޙްމަދު ފާރިސް މައުމޫން އެވަނީ ހޯއްދަވާފައި. މަރްޙަބާ ދަންނަވަމުން، ދިއްގަރު ދާއިރާގައި އަޙްމަދު ފާރިސަށް ވޯޓުލެއްވި ހުރިހާ ބޭފުޅުންނަށް، ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ޝުކުރު ދަންނަވަން މި ފުރްޞަތުގެ ބޭނުން އަޅުގަނޑު ހިފަން.
 
އާދެ، މިކަމުންވެސް މި ދައްކައިދެނީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑާ ވާދަކުރައްވާ ބޭފުޅުން ވިދާޅުވާގޮތުން، ތެދެއްމެ، އޭރު އިންތިޚާބުގައި 4 ފަހަރު ވޯޓުލައިގެން، ދިވެހި ތާރީޚުގައި ދުވަހަކުވެސް ނުވާވަރަށް ރައްޔިތުން ނުކުމެ ވޯޓުލައިގެންވެސް 25 ޕަސެންޓް ލިބިގެން، ﷲގެ ރަޙްމަތާއެކީ، ތިޔަ ހުރިހާ ކުދިންގެ ވޯޓާއެކީ، ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް އަޅުގަނޑު އައީ. އެހެން ނަމަވެސް، މިއަދުގެ މި ފިލާވަޅުންވެސް ކޯއްޗެއްތޯ މި ދައްކައިދެނީ؟ ހަމަގައިމުވެސް މުހިންމު ދާއިރާއެއް ކަމަށްވަންޏާ، 75 ޕަސެންޓް ނޫނީ އެއަށްވުރެ މަތި މި ދެނީ ހަމަ ޕީ.ޕީ.އެމް. އަށް ތާއީދުކުރާތީ ޕީ.ޕީ.އެމް. އަށް. އެހެންވީމާ، މިއަދު އުނދަގޫކަންނޭނގެ ޕަސެންޓް ބިލޯންގްވަނީ އެކޮޅަށްތޯ، މިކޮޅަށްތޯ ނިންމަން. ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއަދު ޒުވާނުންނަށް މި ލިބިފައި އޮތް އުންމީދާއި، މިއަދު ރާއްޖެ މި ދަތުރުކުރަމުންދާ މިޞްރާބަށް ބަލާކަމަށްވަންޏާ، ޒުވާނުންނަށް އުންމީދުތަކެއް ލިބިގެންދޭ. ޝައްކެއްވެސްނެތް، ޒުވާނުންގެ މެސެޖުތަކެއްގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ވަރަށްމަދު ދެތިން ވާހަކައެއް ހަމަ ތިޔަކުދިންނާ ޙިއްޞާކޮށްލާނަން.
 
އަޅުގަނޑުމެންގެ ޙާލަތަކީ، މާލޭގައި، އަތޮޅުތެރޭގައި، ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ޙާލަތަކީ، ޒުވާން ކުދިންގެ ނަމުގައި ހުރި ގެދޮރެއް ނުހުންނާނެ. މާލޭގައިވެސް، ރާއްޖޭގެ އެކި ހިސާބުގައިވެސް ޒުވާން ކުދިންގެ ނަމުގައި ހުރި މޮޓޯ ސައިކަލް ފަހަރެއްގައި ހުރެދާނެ. މި އަންނަނީ ރަމަޟާން މަސް، ރޯދަމަސް. ރޯދަމަހުގެ ތަހުނިޔާ، ތިޔަ ހުރިހާ ކުދިންނަށް ބުނަމުންވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ މި މަގު މިއީ ފިނިބުރުޖަހާ މަގު. ފިނިބުރު ޖަހަން ސައިކަލް ނެރޭއިރު، އެތައް ބައިވަރު ސައިކަލެއް އެހެރީ ޓޯޔާޑްގައި. އެތައް ބައިވަރު ސައިކަލެއް ޓޯޔާޑްގައި އެހެރީ. ސައިކަލްގެ ލައިސަންސްނެތި، އަދި ޖޫރިމަނާ މައްޗަށް ޖޫރިމަނާ އަރަމުން އަރަމުން، ފަސްދޮޅަސް ހާސްރުފިޔާ، ހަތްދިހަ ހާސްރުފިޔާ، އަށްޑިހަ ހާސްރުފިޔާ ދައުލަތަށް ދައްކަންޖެހޭ ހިސާބަށް ދިޔައީމަ، އެ ސައިކަލް ނެރެވޭނެ ގޮތެއް ނެތް. މިއީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން.
 
އެހެންވީމާ، މިއަދު ރައްޔިތުންގެ މަޖިލީހަށް މި އިތުރުވި މެންބަރާއެކީ، ޕީ.ޕީ.އެމް.އަށް ތާއީދު ކުރައްވާ ޕީ.ޕީ.އެމް.ގެ މެންބަރުންނާއި އަދި އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ އެމް.ޑީ.އޭ.ގެ މެންބަރުންނާއެކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ރަމަޟާން މަސް އަންނަންވާއިރަށް ކުރެވޭތޯ މަސައްކަތް ކުރާނަން. އެހެން ނަމަވެސް ހަމަ ޝައްކެއްވެސްނެތްގޮތުގައި، މި ދައުރުގައި މިގޮތަށް ބިލްޑްއަޕް ވެފައި މިހިރަ އެރިއަރޒް ނޫނީ ދަރަނިތައް ފިލުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް އެއޮތީ ބިލެއް ވައްދާފައި. އެހެންވީމާ، އެކުދިންނަކީ މާދަމާއިން ފެށިގެން ނޫނީ މި ބިލު ފާސްވާ ހިސާބުން ފެށިގެން ދަރަނިވެރި ކުދިންނެއް ނޫން. އެކުދިންނަކީ އަނެއްކާވެސް ސައިކަލްގައި އެކުދިންގެ ރައްޓެހި ކުދިން، ރަޙްމަތްތެރި ކުދިން ގޮވައިގެން ފިނިބުރުޖަހާ ކުދިންނަށް ހަދަން އަޅުގަނޑުމެން ބޭނުން.
 
އަޅުގަނޑުމެންގެ ދިވެހި ދައުލަތަކީ، މިއަދު ޙަޤީޤަތްތަކެއް ގަބޫލުކުރަންޖެހޭ ދިވެހި ދައުލަތެއް. އަޅުގަނޑުމެންގެ ތެރޭގައި އުޅޭނީ ކިޔަވައިގެން ތިބި ކުދިންނާއި ޒުވާނުން. މަތީ ތަޢުލީމް ޙާޞިލުކޮށްގެން ތިބި ޒުވާނުންނާއި އަދި އެހާ މަތީ ތަޢުލީމް ޙާޞިލު ނުކުރާ ޒުވާނުންނާއި އަދި ދިރިއުޅުމުގައި ވަރަށް ކަންތައްތަކެއް ފުދިފައި ތިބި ޒުވާނުންނާއި އެތައް ކަމަކުން މަޙްރޫމްވެފައި ތިބި ޒުވާނުންނާއި، އެތައް ކަމެއް ފުދެން ބޭނުންވާ ޒުވާނުން. މިއީ ދުނިޔޭގެ ޙަޤީޤަތަކީ. ދިވެހިރާއްޖެއަކީ އެއްވެސް ކަހަލަ އިސްތިސްނާއެއް ނޫން. އެހެންވީމާ، މި ޙަޤީޤަތްތަކަށް ބަލާކަމަށްވަންޏާ، ދިވެހި ޒުވާނުންނަށް ދިވެހި ދައުލަތުން ކަންތައްތަކެއް އެބަ ކޮށްދޭންޖެހޭ. ލާޒިމް. ޒުވާނުން މި ސަރުކާރު ގެނައީ މިކަހަލަ އުންމީދުތަކެއް ޒުވާނުންގެ އޮތީމަ.
 
ދެން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ސަރުކާރާއި، އަޅުގަނޑު ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން. އޭގެތެރޭގައި ވަރަށްގިނަ ބޭފުޅުންނަކީ ޒުވާނުން. ވަރަށްގިނަ ކަންތައްތަކެއް ޒުވާނުންނަށް ކޮށްދެވޭތޯ އަޅުގަނޑުމެން މިގެންދަނީ ބަލަމުން. އޭގެތެރޭގައި އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން ދަންނަވާލިން، އަޅުގަނޑުމެން ބޭނުންވެޔޭ، ޒުވާނުންނަށް ގެދޮރުވެރިކަން އިތުރުކޮށްދޭން. އަދި ޒުވާނުންނަށް ގެދޮރުވެރިކަން އިތުރުކޮށްދޭން ބަލާއިރު، މި މާލެ، ތޮއްޖެހިފައި އޮތް ތަނެއް މާލެއަކީ. މާލެ ލެވިދާނެ މެންހެޓްންއަކަށް. މައްޗަށް ދެވިދާނެ. އެކަމަކު އެއީ ވަރަށް ޚަރަދު ބޮޑު ކަމެއް. އެހެންވީމާ، މާލެ ނޫން އެހެން ދިމާއެއްގައި ޒުވާނުންނަށް ގޯތިގެދޮރު، ނޫނިއްޔާ ފްލެޓް ލިބޭނޭ އުޞޫލުތަކެއް ހަމަޖެހެން އެބަޖެހޭ. ފްލެޓް ލިބޭނޭ އުޞޫލުތަކެއް ހަމަޖައްސާ ކަމަށްވަންޏާ، ހަމަ ޝައްކެއްވެސްނެތްގޮތުގައި، ފްލެޓަށް ދައްކާ ކުލި އަދި ކިތަންމެ ކުޑަ ކުއްޔެއް ނަމަވެސް ދެއްކޭނެ ގޮތްތަކެއް އޮންނަންވާނެ.
 
އެހެންވީމާ، މި ސަރުކާރު އައީ، ޒުވާން ކުދިން ކައިރީގައި ބުނަމުން. ޒުވާން ކުދިންނަށް މިއަހަރު، މި ސަރުކާރުގެ ފަސް އަހަރު ނިންމާފައި ދާއިރު، ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދައިދޭނަމޭ. މި ނުވަދިހަ ހަތަރުހާސް ވަޒީފާ އުފެދިގެން، މި ވަޒީފާގެ އެއިޓީ ފައިވް ޕަސެންޓް، ނޫނީ އެއަށްވުރެ މަތީ އަޣްލަބިއްޔަތަކީ، އެއަށްވުރެ މަތީ ޕަސެންޓޭޖަކީ ޒުވާނުންގެ އެއްޗަކަށް ވެއްޖެ ކަމަށްވަންޏާ، އެ ޒުވާނުންނަށް އެ ހަމަޖެހިގެން ދިޔައީ، ހުޅުމާލޭގައި އަޅުގަނޑުމެން ހަދަން ޚިޔާލުކުރާ ފްލެޓްތައް ލިބޭނެ ގޮތްތައް. އަދި އޭގެ ކުލި ލިބޭނެ ގޮތްތައް، އެކުދިންނަށް ހަމަޖެހިގެން އެދިޔައީ. އެހެންވީމާ، ކީއްވެގެންތޯ، ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅޭ ޒުވާން ކުދިން، އާމްދަނީ ހޯދަން މާލެ ކައިރިއަށް އަންނަންވީ. މާލެއަކީ ވަކި ބައެއްގެ ރަށެއް ނޫން. މާލެއަކީ ހުރިހާ ދިވެހިންގެ ރަށެއް. އެހެންވީމާ، މާލެ ކައިރިއަށް އަންނަންވީ. ކުދިކުދި ރަށްރަށުގައި، އިޤްތިޞާދުގައި އަމުދުން ފުރްޞަތެއް ނެތް. ދިރިއުޅުން ކުރިއަށް ގެންދެވޭނެ ފުރްޞަތެއް އެއްގޮތަކަށް ނެތް ތަންތަން އެބަޖެހޭ އެ ތަންތަން ދޫކޮށްފައި އާމްދަނީ ލިބޭ ތަނަކަށް ދާން. މަސް ދަތުރުކުރާނީ ފެން އޮތް ތަނަކަށް، އެހެން ނޫންތޯ. މަސް ދަތުރުކުރާނީ ފެން އޮތް ތަނަކަށް. ބަކަރި ދަތުރުކުރާނީ ގްރީނަރ ޕާސްޗަރސް ހުރި ތަނަކަށް. ބޮޑު ގްރީން ފީލްޑެއް އޮތް ތަނަކަށް. ކީއްކުރަންތޯ، ހަނަފަސް ސަހަރާއެއްގައި، އެއްވެސް ކަހަލަ ހުއިކޮޅެއް ކާން ނުލިބޭ ކަމަށްވަންޏާ، އެއްވެސް ބަކަރިއެއް، ދިރުން އޮތް އެއްވެސް އެއްޗެއް ނޯންނާނެ. އެހެންވީމާ، ގްރީނަރ ޕާސްޗަރސް. Always we love to look for greener pastures
 
އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ޒުވާނުންވެސް މި ސަރަޙައްދަށް އަންނަން މިޖެހެނީ، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި، އަޅުގަނޑުގެ އިދިކޮޅު މީހުންނަށް ގަބޫލުކުރަން ދަތިވިޔަސް ނުވިޔަސް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، މާލެއާއި ހުޅުމާލެޔާ، ތިޔަ ކުދިންގެ ޑްރީމް ވާރލްޑް، މާލެއާ ކަނެކްޓްކޮށްދޭ ބްރިޖް އަޅާނެ. އެއީ ވާނެ ކަމެއް. އެއީ ޙަޤީޤަތް. އެހެންވީމާ، ދެން ފިނިބުރުޖަހާނީ މާލެ ވަށައިގެން މިއޮތް މަގަކު ނޫން. ދެން ފިނިބުރު ޖަހާނީ، އެމް.ޑީ.ޕީ ކުދިންވެސް ފިނިބުރުޖަހާނީ މާލެއާއި ހުޅުމާލެއާ ދޭތެރޭގައި މި އަޅާ އެއްކަލަ ހުވަފެނީ ބްރިޖްގައި. މި ޙަޤީޤަތްވެސް އެބަޖެހޭ ގަބޫލުކުރަން. މި ސަރުކާރު އަދި އައިތާ ދެއަހަރު ނުވެ މިއުޅެނީ. މި ސަރުކާރު އައިއިރު، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތް ޙާލަތު އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެންނަށް އާމްދަނީ ނުލިބިގެން އުޅޭ މިންވަރު އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެން ކުރާނީ މަސައްކަތް. އެކަމަކު މަސައްކަތް ކުރާއިރު، އާ ޒުވާނުންނޭ، އާ ވިސްނުމޭ، އާ ފިކުރޭ، އާ ވައްޓަފާޅިޔާއެކީ ސަރުކާރުން މަސައްކަތް ކުރަން ދަސްކުރަނީ. އެކަމަކު އަމާޒު ޔަޤީން. އަޅުގަނޑުމެން ދާން ބޭނުންވާ ތަނަށް މިދަނީ، ޒުވާނުންގެ ޕާޓްނަރޝިޕާއެކީ އެ އަމާޒަށް ވާސިލުވުމަށްޓަކައި.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ އިޤްތިޞާދުވެސް އެބަ ރަނގަޅުވޭ. ސަރުކާރުގެ އިޤްތިޞާދު ރަނގަޅުވާތީ ޒުވާނުންނަށް ބޭނުންވާ މިކަހަލަ ކަންތައް ކޮށްދެނީ. ކާކުތޯ ގަބޫލުކުރާނީ، އަޅުގަނޑުމެންގެ ސަރުކާރު އަންނަން ޒުވާން ކުދިންނާ ވާހަކަ ދެއްކިއިރު، ކާކުތޯ ގަބޫލުކުރާނީ، އެންމެ 9 ހަފްތާގެ ތެރޭގައި، އޭރު އޮތް ހުޅުމާލެއަށްވުރެ ބޮޑު ހުޅުމާލެއެއް، ދެން ގަބޫލުކުރިޔަސް، ނުކުރިޔަސް އެއޮތީ ހިއްކާ ނިންމާފައި. ފެކްޓް އޮފް ލައިފް. ފެކްޓް އޮފް ލައިފް، ކްރިޓިކްސް ގަބޫލެއް ނުކުރާނެ. ކަންތައްތައްވީމަވެސް ބުނާނީ އަދި ނުވޭދޯއޭ. އެކަމަކު ބްރިޖް އެޅޭނީ، ބްރިޖް އަޅަން ޖާގަ ލިބުނީމަ. މިހާރު އާ ހުޅުމާލެއެއް ހެދުނީމަ، އެބަ ގަބޫލުކުރެވޭ، ދިވެހިރާއްޖޭގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި މީހުންނަށް ދިރިއުޅެވޭވަރުގެ ތަނެއް ހަދައިދެވިއްޖެކަން. އެކަން ކުރާއިރު، ކުދިން އަތުގައި، ކުދިންގެ ޖީބުގައި ފައިސާ އެބަ ހުންނަންޖެހޭ. ޔޫތު އެމްޕަވަރމަންޓް. ޒުވާނުންނަށް ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދާއިރު، އަޅުގަނޑު ދުށިން، ރާއްޖޭގެ ވަރަށް މަޤްބޫލު ޑެއިލީއެއްގައި އިހަށްދުވަހު ކޮށްފައި އޮތް ސުވާލެއް. ދިވެހި ސަރުކާރު އެބަ ބުނެޔޭ، ގާތްގަނޑަކަށް މިހާރުވެސް ފަންސަވީސްހާހާ ގާތްކުރާ ޢަދަދަކަށް ވަޒީފާ އުފައްދައިފިޔޭ. މީގެ ތަފްޞީލު، މީގެކުރީގެ ޖަލްސާއެއްގައި އަޅުގަނޑު ދިނިން، އެކި ދާއިރާއިން ވަޒީފާގެ ފުރްޞަތު ހުޅުވިފައި ހުރި މިންވަރު. ގަބޫލު ކުރައްވާ އެއީ ތެދެއް. އެ ވަޒީފާތަކުގެ ޙައްޤުވެރިންނަކީ، އަވަށްޓެރި ޤައުމުތަކުން މިތަނަށް މަސައްކަތް ކުރަން އަންނަ ބައެއް ނޫން. އެ ވަޒީފާތަކުގެ ޙައްޤުވެރިންނަކީ ތިޔަ ޒުވާން ކުދިން.
 
އެހެންވީމާ، އަޅުގަނޑުމެންގެ 5 އަހަރު ނިމޭއިރު، އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑަށް ކަށަވަރު ކުރެވޭ، އަޅުގަނޑާއެކީ ޕާޓްނަރޝިޕެއް ޑިވެލޮޕްކުރާ ޒުވާނުންނަށް އަޅުގަނޑު ދޭން ބޭނުންވާ އުންމީދަކީ، މިއީ ނުވަދިހަ ހަތަރުހާސް ވަޒީފާއެއް ނޫނޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އުންމީދުކުރާ ގޮތަށް، ރާއްޖޭގައި ޞުލްޙަވެރި މަޞްލަޙަތަކާއެކީ އަމާން ވެށްޓެއް އޮވެގެން، ކުރިއަށްދާ ކަމަށްވަންޏާ، ނައިންޓީ ފޯރ ތައުޒަނެއް ނޫން. އެ ވާނީ ކުޑަ ޢަދަދަކަށް. އެއަށްވުރެ މާ ބޮޑު ޢަދަދުގެ ވަޒީފާ އުފެދެންވާނެ. އެކަމަކު އެކަން ކުރާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ބަޖެޓްގައި މި މަސައްކަތް ކުރާއިރު، ވަރަށްގިނަ ކަންތައްތައް، އެކި ދާއިރާތަކަށް، އަޅުގަނޑުމެންނަށް ޝަރުޠުކޮށްފައި، ވޯޓުދޭނޭ ކަމަށް ބުނެފައި، އަޅުގަނޑުމެން ލައްވައި އެކަންކަން ކުރުވާ. އެކަމަކު ޒުވާން ކުދިންގެ ޙާލަތު ބަދަލުކުރަން، އަންހެނުންގެ ޙާލަތު ބަދަލުކުރަން، ރާއްޖެއަށް ބޭނުންވާ އެހެން ކަންތައްތައް ފުއްދައިދިނުމަށް އެންމެ މުހިންމު ޓޫލަކީ، އެންމެ މުހިންމު ޕޮލިސީ އިންސްޓްރޫމަންޓަކީ ފައިސާ. ލާރި ނެތިއްޔާ ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑުމެން ޒުވާންއިރު ބުނަނީ، ލާރި ނެތް ސޭޓު ހުދުމަރު. އެހެންވީމާ، ދެޓްސް އަ ވެރީ ޓެރިބްލް ޑެޓް. ލާރި ނެތިއްޔާ ކުރާނެ ކަމެއް ނެތް. އެހެންވީމާ ލާރި ހުރެގެން އުންމީދެއްވެސް އޮންނާނީ. ކަންތައްތައްވެސް ކުރެވޭނީ. އެކަމަކު އެހުރިހާ ކަމެއް ކޮށްދިނީމަވެސް، އެ ބަޖެޓަކަށް ވޯޓެއްނުލާ. ތިޔަކުދިން ނުކުމެފައި، އަހަރުމެންގެ ފިކުރުގައި ތިބި ކުދިން ނޫން އެހެން ކުދިން ކުރެން އަހާ. އެމީހުން ތާއީދުކުރާ މެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ. އެ މެންބަރުން، ޒުވާނުންގެ ޙައްޤުގައި، ޒުވާނުންނަށް ކުރިމަގު ހޯދައިދޭން، ޒުވާނުންނަށް މާޔޫސްކަން ފިލުވާލަދޭން މިހާތަނަށް، ރައްޔިތުންގެ މަޖިލީހުގައި ދުންމާރި ތާޅަފިލި ފުމުން ފިޔަވައި ކުރި ޕްރޮޑަކްޓިވް ކޮންސްޓްރަކްޓިވް އެންމެ ކަމެއް އޮތިއްޔާ ބުނެދޭށޭ. ޒިޕް، ހަމަ އަނގަ ބަންދުވާނީ އެހިސާބުން. އެއްވެސް ކަމެއް ނޯންނާނެ.
 
އެހެންވީމާ، މި ސަރުކާރު މިއައީ ވަޢުދުތަކެއް ވެގެން. މި ސަރުކާރު މިއައީ ޒުވާނުންނަށް އުންމީދުދޭން. މި ސަރުކާރު މިއައީ ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭން. ދެން އަހަރެން ހަމަ ޒުވާން ކުދިންނަށް ދޭ ނަޞޭޙަތެއް، ކުރިމަތިކުރުވާ ކަމެއް. ޒުވާނުންގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، މަސްތުވާތަކެތީގައި އުޅޭ ކުދިން ތިބޭނެ. އަހަރެންގެ ކުރިމަތީގައި، މަސްތުވާތަކެތީގައި އުޅޭ ކުދިންނަކީ، އެކުދިން ރެޑީމްވާންޖެހޭ ބައެއް. އެކުދިންވެސް އެނބުރި މުޖްތަމަޢުގައި، ހަމަ ތިޔަކުދިން ގޮތަށް، ތިޔަ މޭޒުތަކުގައި ރައީސް ޔާމީނާއެކީ ބްރެކްފަސްޓް، ޑިނަރ ނެގޭވަރުގެ ކުދިންނަށްވާން އެބަޖެހޭ. ވަޒީފާ ލިބޭ ކުދިންނަށް ވާންޖެހޭ. ފްލެޓް ލިބޭ ކުދިންނަށް އެބަ ވާންޖެހޭ.
 
އެހެންވީމާ، މި ސަރުކާރުން ނިންމާފައި ކުރަން މިއުޅޭ ކަމަކީ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތީގައި އުޅޭ ކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި ލައްކަ ގިނަ މަސައްކަތްކޮށް، އެހެން ނަމަވެސް، އޭގެ ޒާތުގައި ކާމިޔާބުތަކެއް ލިބިފައި އޮތަސް، އަޅުގަނޑުމެންގެ ތެރެއިން މިއަށްވުރެ ރަނގަޅަށް މިކަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ ތެރޭގައި މަސްތުވާތަކެތީގެ ފަރުވާދޭ މަރްކަޒުތައް ޕްރަވަޓައިޒްކޮށްގެން. ބޭރުގެ ފަރާތްތައް، ރާއްޖޭގެ ފަރާތްތައް، ރާއްޖެއިން ބޭރުގެ ފަރާތްތަކުންވެސް އައިސް ބައިވެރިވެގެން މިކަން ކުރެވެންވީ. ސަރުކާރު ބަޖެޓުން އެކަނި ކޮށްގެން މިކަން ވާވަރުގެ ކަމަކަށްނުވޭ. މިހާރު އެއޮތީ ކެބިނެޓުން އެކަން ނިންމާފައި. އެ މަސައްކަތް އެ ހިނގަނީ. އޭގެ ބޭނުމަކަށްވަނީ މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންވާ ކުދިންގެ ޢަދަދު، ފަރުވާ ލިބޭ ކުދިންގެ ޢަދަދު އިތުރުކުރަން. އުފަލުން ހިނި އަންނަ ކޮންމެ ކުއްޖެއްގެ ފަހަތުގައި، އެޓްލީސްޓް މަންމަޔަކާއި ބައްޕަޔަކު، އެއަށްވުރެން ބޮޑަށް ހިނި އަންނާނެ.
 
އެހެންވީމާ، ޒުވާނުންނަށް ކޮށްދެވޭ ކަމަކީ، ގޯޅި އަޅައިގެންދާ ޒުވާނުން އަނބުރާ ގެންނަން ބޭނުންވޭ. މި އަންނަނީ ރޯދަމަސް. ރޯދަމަހުގައި ޒުވާނުންގެ ތެރެއިން އެންމެ ގިނަ ކުދިން އުޅޭނީ ފިނިބުރުގެ އިތުރަށް، އެންމެ ގިނަ ކުދިން އުޅޭނީ، ކޮންމެވެސް ބައިބަލާ މުބާރާތެއް، ނޫނީ މިކަހަލަ ކޮންމެވެސް ކުޅިވަރު ޙަރަކާތެއްގައި. ދެން ތިޔަ ކުދިން އަހާނެ، މި ސަރުކާރުން ބައިބަލާ މުބާރާތަށް މިފަހަރު އިތުރު އެއްޗެއް ދޭނެތޯ؟ ޝައްކެއްވެސްނެތް، ޒުވާނުންނާ ވާހަކަ ދެއްކިއިރު، ޒުވާނުން ކައިރީގައި ބުނިން، ޒުވާނުންނަށް ބޭނުންވަނީ ކުޅިވަރުގެ އެކި ދާއިރާތައް ތަރައްޤީކުރާށޭ. އެހެންވީމާ، ސްޕޯޓްސް އެރީނާތަކާއި، ފުޓްސެލް ދަނޑުތަކާއި އަދި ބަށި ކޯޓާއި، ވޮލީ ކޯޓާއި، އަންހެންކުދިން ކުޅެން ބޭނުންވާ ކުޅިވަރުތައް، ޖާގަ، ރާއްޖޭގެ އެކި ހިސާބުގައި އިތުރުވަމުން އެދަނީ. މިހާރު އެއީ ޙަޤީޤަތެއް. ގަބޫލުކުރަންޖެހޭ ކަމެއް. މާލޭގައިވެސް އަދި ރާއްޖޭގެ އެކި ހިސާބުގައި އަޅުގަނޑުމެންނަށް އެބަ ފެނޭ. ފުވައްމުލަކު، ކުޅުދުއްފުށި އެކަންޏެއް ނޫން. މިނޫން ތަންތަނުގައިވެސް އެބަ ފެނޭ. ހުރިހާ ގަޑިއަކު އީވަން ގާރލްސް، އަންހެން ކުދިންވެސް ނުކުމެ ފުޓްބޯޅަ އެބަ ކުޅޭ. ކުޅެވެންވާނެ. ހުރިހާ އެންމެންނަކީވެސް އެންޖޯއި ކުރަންޖެހޭ ބައެއް. ކުޅެވެންވާނެ.
 
އެހެންވީމާ، މިކަންކަން ކުރާއިރު، މިތަނުގައި ތިބި ބައިބަލާ ކުދިން އަހާނެ، މިހާ ބޮޑު ބަޖެޓެއް ކޮންމެ އަހަރަކު ޔޫތު މިނިސްޓްރީއަށް ދީގެން، މިފަހަރު ބައިބަލާގައި ސަރުކާރުގެ ފަރާތުން އިތުރު އެއްޗެއް ލިބޭނެތޯ؟ ރައީސް ޔާމީން ބުނާނޭ، ޝައްކެއްވެސްނެތް، މިފަހަރު ބައިބަލާގައި ބައިވެރިވާ ކުދިންނަށް، ކުރީގައި ދޭ ޢަދަދަށްވުރެ ޢަދަދު އިތުރުވާނެ. އެއީ ހަމަ ޔަޤީން ކަމެއް. އެއީ ކަށަވަރު ކަމެއް. ހަމަ އެގޮތަށް، ޒުވާން ކުދިން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ހަމަ މިއުޅެނީ ހަމައެކަނި މިބުނާ ކަހަލަ ކަންތަކެއް ނޫން. ސްޕޯޓިންގ ފެސިލިޓީޒް، ޝައްކެއްވެސްނެތްގޮތުގައި އެއްކަމެއް. ހުޅުމާލޭގެ ގެދޮރުވެރިކަމާއި، ފައިސާ ލިބުމާއި، ކުދިންނަށް ޖީބު ތަނަވަސްވުން، ނޫނީ ވަޒީފާ ލިބުމަކީ، ކުދިން ބޭނުންވާނެ ކަންކަން. އޭގެއިތުރުން، ޒުވާން ކުދިންނަށް ވަނީ ޝައްކެއްވެސްނެތްގޮތުގައި، ތުއްތު ކުއްޖެއް. މަންމަގެ ކްރޭޑްލްއިން ނުކުންނަ ހިސާބުން ކުޑަކުއްޖެއް. އޭގެފަހުން އެއަށްވުރެ ތަންކޮޅެއް ބޮޑު ކުއްޖެއް. ކިޔަވާ ކުއްޖެއް. ކިޔަވާ ނިންމާފައި، އަރލީ އެޑޮލަސަންސް. އޭގެފަހުން ޒުވާނަކަށްވަނީ. އަދި އޭގެފަހުން އަމިއްލަ ފިކުރާއެކީ، އަމިއްލަ ބާރުވެރި ޒުވާނަކަށް މިވަނީ، އެ ޢުމުރަށް ގޮސް، އެކުއްޖާޔަކީ މަންމަޔާއި ބައްޕަގެ އާމްދަނީއާ ވަކިން ދިރިއުޅެވޭވަރުގެ ކުއްޖަކަށްވީމަ.
 
ރައީސް ޔާމީން ސަރުކާރުން ކޮށްދޭން މިއުޅެނީ، ޔޫތު އެމްޕަވަރމަންޓްގެ ތެރޭގައި، އޮންޓްރޮޕްރޮނިއަލް ސްކިލްސް ޑިވެލޮޕް ކުރުމަށްޓަކައި ގެޓްސެޓް ޕްރޮގްރާމް އެއޮތީ ހަދާފައި. އޭގެ ބޭނުމަކަށްވެސް ވަނީ ޒުވާނުންނަށް އާ ވިޔަފާރިތަކަށް ވަންނަން ޖާގަ ހޯދައިދިނުން. ޓުއަރިޒަމް، ޓުއަރިޒަމަކީ މިލިއަނުން މިލިއަނުން ޑޮލަރު ހުންނަ މީހުންނަށް ނޫނީ، މީގެކުރީގައި ސަރުކާރުތަކުގައި، ނޫނީ މީގެކުރީގައި ދިވެހިރާއްޖޭގައި އެކްސެސް ކުރެވޭ އިންޑަސްޓްރީއެއް ނޫން. އެކަމަކު މިއަދު އިންޓަރގްރޭޓަޑް ޓުއަރިޒަމް މި ތަޢާރުފްކުރީ، މެދުފަންތީގައި ނޫނީ އާމްދަނީ އެހާ މަތިނޫން މީހުންނަށްވެސް އެކީ ވިޔަފާރީގެ ކުންފުންޏެއް އުފައްދައިގެން، ގިނަ ޢަދަދެއްގެ މީހުންނަށް މިކަން ކުރެވޭ ކަމަށްވަންޏާ، އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް، ޓުއަރިޒަމްގެ ރަށެއްގެ ކޮންމެވެސް އެއް ކޮމްޕޯނަންޓެއްގައި ރެސްޓޯރަންޓް، ވޯޓަރ ވިލާސް، ސްޕޯޓިންގ ފެސިލިޓީ، ކޮންމެވެސް އެއް މީގެ ފީޗަރއެއް ނަގައިގެން އިންވެސްޓް ކުރެވޭގޮތަށް ދިވެހި ޒުވާނުންނަށް ޖާގަ ހޯދުން. އެކަމަކު ދިވެހި ޒުވާނުންނަށް ޖާގަ ހޯދަން މިކުރާ މަސައްކަތުގައި، އޭގެ މާނަޔަކީ ކޮންމެ ކުއްޖަކަށް މީގައި ބައިވެރިވެވެނީކީ ނޫން. ކޮންމެ ކުއްޖަކަށްވެސް އެ ކެޕޭސިޓީ ހުރެއްޖެ ކަމަށްވަންޏާ ބައިވެރިވުމުގެ ފުރްޞަތު ހޯދައިދެވެނީ.
 
މިދޭތެރެއިން އިކޮނޮމިކް މިނިސްޓްރީން އިޢުލާނު ކުރި، ހަމަ ދިވެހި ޒުވާނުންގެ ޙައްޤުގައި، ބޭރުގެ ފޮޓޮގްރާފަރުންނަކަށް ދިވެހިރާއްޖޭގައި ދެން ޖާގައެއް ނޯންނާނެ. މިއީ ދިވެހި ޒުވާނުންގެ ޙައްޤެއް. ދިވެހިރާއްޖޭގައި ފޮޓޮގްރަފީ، ޓުއަރިޒަމް ދާއިރާގައި، ރާއްޖޭގެ އެކި ކަންތައްތަކުގައި، ފޮޓޮގްރަފީ އޮންނާނީ ދިވެހިންގެ އަތްމަތީގައި. ހަމަ އެގޮތަށް، ފިހާރަތަކުގައި ސޭޓުންނަށް މި ބައިތިއްބާ އެކިއެކި ފެންވަރުގައި ބިދޭސީން. އިކޮނޮމިކް މިނިސްޓްރީން މިދޭތެރެއިން އިޢުލާނު ކުރި، އެއަކަށް ޖާގައެއް ނޯންނާނޭ. އެކަމަކު މި ކްރިއޭޓް ކުރީމާ، މި ބުނަނީކީ މިތަންތަނަށް، ހުރިހާ ތަންތަނަށް ކޮންމެހެން ދިވެހި ޒުވާނުން ދާނެޔެކޭ ނޫން. އެކަމަކު ރައީސް ޔާމީންގެ ސަރުކާރުން ކޮށްދޭ ކަމަކީ، މަސައްކަތް ކުރެވޭނެގޮތް އެބަ ހަދައިދޭ. ދޮރުގައި އައިސް ޓަކިޖަހާ. ދޮރު ހުޅުވުމަކީ ގޭގެ ވެރިފަރާތުގެ އަތްމަތީގައި އޮތް ކަމެއް. ޖޮބް، ވަޒީފާގެ ފުރްޞަތު އެބަ ކްރިއޭޓް ކޮށްދޭ. ވަޒީފާއަށް އަހުލުވެރިވުމާއި، ވަޒީފާގައި ދެމިހުރުމާ، މިކަންކަމަކީ އަޅުގަނޑުމެންގެ ޒުވާނުންގެ އޮންނަންޖެހޭ ހިތްވަރު. އެކަމަކު މިހުރިހާ ކަމެއް ކުރަމުންދާއިރުވެސް ދިވެހި ޒުވާނުންނަށް ޚާއްޞަ ކުރުމަށްޓަކައި، ދިވެހި ޒުވާނުންނަށް އިތުރު ފުރްޞަތު ހޯދައިދިނުމަށް، މިނޫން އިތުރު އެތައް ދާއިރާތަކެއް މިހާރު އެހެރީ ސަރުކާރުން އިއަރމާރކް ކޮށްފައި. އެ ދާއިރާތަކުގައި ބޭރު މީހުންނަށް ފުރްޞަތު ނުލިބޭގޮތަށް. މިސާލަކަށް، ދިވެހި ޒުވާނުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖޭގައި ވޯޓަރ ސްޕޯޓިންގ ގިނަ ޙަރަކާތްތައް އެހެރީ ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްފައި. އެކަމަކު އޭގައި އަހަރުމެންނަށް ފެންނަންޖެހޭ ދިވެހި ޒުވާނުންގެ ޙިއްޞާ، ދިވެހި ޒުވާނުންގެ ބައިވެރިވުން އެބަ ފެންނަންޖެހޭ.
 
އެހެންވީމާ، އެކަން ކުރެވޭ ކަމަށްވަންޏާ، މިކަންކަންވާނެ. ދެން އޮތީ ޓެލެންޓް. ޓެލެންޓަކީ، ޝައްކެއްވެސްނެތް، އެ ކުއްޖާގެ ހުންނަ ހުނަރެއް. އެކަމަކު ޓެލެންޓަކީ އެކްއަރވެސް ކުރާ އެއްޗެއް. އެކްއަރ ކުރުމަށްޓަކައި، ޓެލެންޓް އެކްއަރ ކުރުމަށްޓަކައި އެކިކަހަލަ ވަޒީފާގެ ތަމްރީނު އެބަ ކުދިންނަށް ދެވޭ. ހަމައެކަނި މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ބަލައިފި ކަމަށްވަންޏާ، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި، ދެހާސް ކުދިން ތަމްރީނު ކޮށްފައި އެވަނީ. ހަމައެކަނި މި ދާއިރާއިން އެކަނި. އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށް ގެންނަ ސާމާނަށް ލޯނު ދޫކުރުމަށްޓަކައި، ދިވެހި ޒުވާނުންނަށް 60 ޕަސެންޓް ޚާއްޞަކޮށްފައި އެއޮތީ، ދިވެހި ޒުވާނުން މީގައި ބައިވެރިވާ ކަމަށްވަންޏާ އެމީހުންނަށް. ގެޓްސެޓް ޕްރޮގްރާމަކީ އެންޓަޔަރލީ ޒުވާނުންނަށް ހަދާފައި އޮތް އެއްޗެއް. އެއީ އޮންޓްރޮޕްރޮނޮޝިޕް ޑިވެލޮޕް ކުރުމަށް. ދިވެހި ވިޔަފާރި، ޒުވާނުންގެ ތެރޭގައި އަށަގެންނެވުމަށްޓަކައި. ކޮންމެ މީހަކީ އޯވަރނައިޓް ބިލްގޭޓަކަށް ނުވާނެ. ބިލްގޭޓްވެސް ބިލްގޭޓަކަށްވީ އޯވަރނައިޓަކު ނޫން. މަސައްކަތް ކުރުމުގައި، ދެންމެ އަޅުގަނޑުމެންގެ ތަޢާރުފްދިޔަ ގޮތަށް، ގްރިޓްސް، ހަމައެޔާއެކީ ކެރުންތެރިކަންވެސް އެބަ ހުންނަންޖެހޭ. ޓެލެންޓް ސަރޓްންލީ. އެކަމަކު އެކަން ކުރެވޭނެ ހިތްވަރުވެސް އެބަ ހުންނަންޖެހޭ. އެކަން ކުރެވޭނެ ގޮތްތައްވެސް އެބަ ހުންނަންޖެހޭ. ދިވެހި ސަރުކާރުން ކޮށްދެވޭނޭ ކަމަކީ، އެ ކުރެވޭނެ ވެށްޓެއް ތަރައްޤީ ކޮށްދެވޭނީ.
 
އެހެންވީމާ، ދިވެހި ޒުވާނުން ކައިރީގައި މިއަދު ބުނެލަން ބޭނުންވާ ވާހަކަޔަކީ، ދިވެހި ޒުވާނުން މަންމަގެ އުނގުން އެކި ލެވެލްގައި ޑިވެލޮޕްވަމުން އައިއްސަ، ދިވެހި ޒުވާނުން ސްކޫލް ނިންމާފައި ނުކުންނަންވާއިރަށް، ދިވެހި ޒުވާނުންނަކީވެސް ހަމަ ބަލިވާނެ ކުދިން. ފުޓްސަލް ދަނޑަކު އެކަންޏެއް ނޫން އެކްސިޑެންޓް ދިމާވާނީ. އިންސިޑެންޓްލީ ކުޅިވަރުގެ ދާއިރާގައި، ސްޕޯޓްސް އިންޖަރީ ދިމާވާ ކުދިންނަށް [އާސަންދަ] އެއޮތީ ހުޅުވާލާފައި ހިލޭ. އިންކްލޫޑިންގ، ހުޅު ބަދަލުކުރަން ޖެހިއްޖިއްޔާ ހުޅުވެސް ބަދަލުކުރާގޮތަށް. ކަކުލު ހުޅު ހަލާކުވެއްޖިއްޔާ، ހިލޭ ކަކުލު ހުޅުވެސް ބަދަލުކޮށްދޭ ގޮތަށް. އެހެންވީމާ، ދިވެހި ޒުވާނުން އެކިއެކި ކުޅިވަރުތަކުގައި އުޅޭއިރު، އެމީހުން ސަސްޓެއިން ކުރާ ހުރިހާ ސްޕޯޓްސް އެންޖަރީއަކީ މިއަދު އާސަންދައިގެ ދަށުން ހިލޭ ފަރުވާ ލިބޭ ކަންތައް. މިއީ ޙަޤީޤަތެއް. ދެން އާސަންދަ ހުސްވާނެހޭ، ނުވާނެހޭ. އާސަންދަ ހުހެއްނުވޭ. އެއް އަހަރު ހިނގައްޖެ. އާސަންދަ ހުހެއްނުވޭ. ޒުވާނުންގެ އޯޑިއެންސެއްވީމަ ނުބުންޏަސް އޯކޭވާނެކަންނޭނގެ. އެކަމަކު ކްރިޓިކުން ސުވާލު އުފެއްދި. ރައީސް ޔާމީންގެ ސަރުކާރުން 65 އަހަރުން މަތީގެ މީހުންނަށް ފަސްހާސް ރުފިޔާ ދޭނެހޭ؟ މިއަދު ސުވާލެއް ނުއުފައްދާ. މިއަދު ގަބޫލުކުރާ ޙަޤީޤަތަކީ ފަސްހާސް ރުފިޔާ އެބަދެޔޭ.
 
އެހެންވީމާ، ސުވާލު އުފައްދާ ކަންތައްތަކުގައި، ދިވެހި ޒުވާނުންނާއެކީ އާ ވައްޓަފާޅިތަކެއް، އާ އުންމީދުތަކެއް، އާ ޑިރެކްޝަނަކަށް ދާން މި ސަރުކާރު މިއޮތީ. އެކަމަކު ޕާޓްނަރޝިޕެއް ޑިވެލޮޕް ކުރާއިރު، އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިކަން، ސިންސިއަރިޓީ. ކުރާ މަސައްކަތެއްގައި ސަރުކާރަށްވެސް އިޚްލާޞްތެރިވާންވާނެ. ދިވެހި ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭން ރައީސް ޔާމީން ވަޢުދު އިއްވަމުން އައިއްސި ކަމަށްވަންޏާ، އެ ކަންތައްތައް ކޮށްދޭންވާނެ. އެހެން ނޫން ކަމަށްވަންޏާ، ރައީސް ޔާމީންވެސް އިތުރު އިންތިޚާބަކަށް ކުރިމަތިލާން އުޅޭނެ ކަމެއްވެސް ނެތް. ހަމަ އެގޮތަށް، ދިވެހި ޒުވާނުން އަޅުގަނޑަށް ކޮށްދޭންޖެހޭ ކަންތައްތަކެއް އެބައޮތް. އަޅުގަނޑު ދިވެހި ޒުވާނުންގެ ފަރާތުން ބޭނުންނުވާ ކަމަކީ، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ހިތްވަރު ދިނީމަ، ސޭ ނޯ ޓު އިޓް. ހަމައެކަނި ނޫނެކޭ ބުނަންވީ ޑްރަގްސްއަކަށް ނޫން. އެއްވެސް ކުށެއް ކުރަން، އެއްވެސް ބަޔަކު ދިވެހި ޒުވާނުންނަށް ހިތްވަރުދޭ ކަމަށްވަންޏާ، ނޫނެކޭ ބުނޭ. އެ ކުށްކުރަން ހިތްވަރުދިން ހުރިހާ ކުދިން އެތިބީ ޖަލުގެ ތޭރިތަކުގައި. މިއަދު އެކުދިން ލައްވައި މަސައްކަތް ކުރުވި މީހުންނެއް، އެކުދިން ސަލާމަތް ކުރާކަށް، އެކުދިން ރެޑީމް ކުރާކަށް ހަމަ ކުރާ އެއްވެސް މަސައްކަތެއް ނެތް. އަނެއްކާވެސް ކޮންމެވެސް ކަހަލަ އިޙްސާންތެރި ކަމުގެ ދޮރުއަށްޓަކުން އެކުދިން ނެރެން މި ޖެހެނީ، ރައީސް ޔާމީނަށް. އެކަމަކުވެސް ހަމަ ގަބޫލުކުރަންޖެހެނީ، އެކުދިންގެ ވޯޓު ރައީސް ޔާމީނަކަށް ނުލިބޭ. ނެވަރދަލެސް. އެކުދިންވެސް މިނިވަންވާނެ.
 
އެހެންވީމާ، ރައީސް ޔާމީން ބޭނުންވާނެ ކަމަކީ، މިބުނާ ޕާޓްނަރޝިޕް ކުރިއަށް ގެންދަން ބޭނުންވާ ކަމަށްވަންޏާ، އެސްޓެބްލިޝްވާ ބޮންޑަކީ، ކޮންޓްރެކްޓަކީ އޭގެ ބޭސިސްއަކީ ސިންސިއަރިޓީ. އެއްބަސްވާ ކަމެއް ދެފަރާތުންވެސް ފުލްފިލް ކުރަންވާނެ. އެހެންވީމާ ދެފަރާތުން ފުލްފިލް ކުރާއިރު، އަޅުގަނޑު ދިވެހި ޒުވާނުން ކައިރީގައި ބުނަން ބޭނުންވާ ވާހަކައެއް. މަސްތުވާތަކެތީގައި ގޮސް ގެއްލިފައި ތިބި ކުދިން، ރީހެބިލިޓޭޓް ކުރަން މަސައްކަތްތައް އެބަ ކުރެވޭ.އެކަމަކު އިތުރު ކުދިން އޭގެތެރެއަށް ނުވަންނާށޭ. އިތުރު ކުދިން، އިތުރު ގޯސް ނަހަދާށޭ. ކުށްވެރިނުވާށޭ. ކުށްވެރިވާ ކަންތައްތަކަށް ނޫނެކޭ ބުނާށޭ. އެކަން ކޮށްފި ކަމަށްވަންޏާ، ސަރުކާރު ހިންގާއިރުވެސް، އަދި ޓީމެއްގައި މަސައްކަތް ކުރާއިރުވެސް އިޚްލާޞްތެރިކަން އޮވެއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް ވަރަށް ފަސޭހަވާނެ އަޅުގަނޑު ޑެލިވަރ ކުރަން.
 
އެހެންވީމާ، ދިވެހި ޒުވާނުން ނުކުމެ، އެކިއެކި މީހުން ދައްކާ ވާހަކައިގައި، މިހާރު އެންމެ މުހިންމު ވާހަކަޔަކީ އަނިޔާ. މި އަނިޔާގެ، މި އަނިޔާގެ އޯތަރުން ދައްކާ ވާހަކައިގައި ދިވެހި ޒުވާނުން ބައިވެރިނުވޭ. ދިވެހި ޒުވާނުންނަށް އަނިޔާކަންނޭނގެ ވާނީ. އަޅުގަނޑުގެ އެމް.ޕީ.އިން ވިދާޅުވޭ، އެކި ދާއިރާގައި އެކިކަހަލަ ކުޅިވަރުގެ ފެސިލިޓީތައް އިތުރުކުރުމާއި، ރަށްރަށުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ސްކޫލް ޢިމާރާތް ކުރުމާ، މިހުރިހާ ކަމަކީ މިހާރު އެ ސަރަޙައްދުގައި ތިބި މީހުންނަށް ލިބޭ އަނިޔާ ކަމަށްވަނީ. އެހެންވީމާ، އެ އަނިޔާގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން އެބަޖެހޭ، އަނިޔާ ރީ ޑިފައިން ކުރަން.
 
 އެހެންވީމާ، ދިވެހި ޒުވާނުން ކައިރީ ބުނަން ބޭނުންވަނީ، ސިންސިއަރިޓީ، އިޚްލާޞްތެރިކަން. އަޅުގަނޑާއެކީ ތިވާ ވަޢުދުގައި ދެމިތިބޭށޭ. އަޅުގަނޑު ބޭނުންވަނީ ދިވެހި ޒުވާނުންނާއެކީ ދާން. ޑައިނަމޯއަކަށް، ހަކަތައަކަށް ދިވެހި ޒުވާނުންނަކަށް ނުވެވޭނެ، ތޭރިތަކުގެ ބިއްދޮށުގައި ތިބޭއިރު. ތޭރިތަކުގެ ބިއްދޮށް ދޫކޮށްލަމާ ހިނގާ، ބޮޑެތި ކުށްކުރާ ދޮށީ މީހުންނަށް. އެކަމަކު ދިވެހި ޒުވާނުންނަކީ، ޒުވާނުންގެ ޒުވާން ޢުމުރުގައި ނުކުމެ މަސައްކަތްކޮށް، ދިވެހިރާއްޖެއަކީ ޒުވާނުން އުޅެން ބޭނުންވާ އަދި މި ސަރަޙައްދުގައި ބޮލަކަށްޖެހޭ އާބާދީ އާމްދަނީ އެންމެ ރަނގަޅު ޤައުމު ކަމަށް ހެދުމުގެ ހިތްވަރު އަހަރުމެންގެ ހުންނަންޖެހޭނެ. އެހެންވެއްޖެ ކަމަށްވަންޏާ، ތިޔަ ކުދިން އުދުހޭނީ މެދުއުޑަކުވެސް ނޫން. އެއަށްވުރެ މައްޗަށްވެސް ދެވޭނެދޯ. އެކަން ކޮށްދޭން އާ އުންމީދުތަކަކާއި، އާ ޒުވާނުންނާއެކީ އާ އަމާޒަށް ވާސިލުވުމަށް ޔާމީނާއި ޔާމީނުގެ ޓީމް އެބަ ޕްރޮމިސް ކުރޭ. އަދި މިހާތަނަށް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން  މި ޕްރޮމިސް ކުރާ ކަންތައްތައް ޑެލިވަރ ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް އެބަ ކުރަމު. އަޅުގަނޑުމެން ވާހަކައެއް ބުނެފައި، އެ ވާހަކަ ހަނދާންނައްތާލީކީ ނޫން.
 
މިއަދު އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ، ހުޅަނގުގެ ވަރަށް ބޯ ވިއްސާރަ މާލެއަށް ކޮށްފި. ހަމަ ޑައުންޕޯ، ހެވީ ޑައުންޕޯ. ކީއްވެގެންތޯ، ދިވެހި ޒުވާނުންގެ ފަރާތުން، ސްކޫލަށް ގެންދާ މަންމައިން، ބައްޕައިންގެ ފަރާތުން މިއަދު ކީއްވެގެންތޯ، އެއްކަލަ ބޭރު މަގުގައި ފެން ހެދޭ ވާހަކަ ނުދައްކަނީ. މިއަދު ނުހެދޭ ފެނެއް ދޮއެއްތޯ. މިއަދު އެކަންވެސް އެއޮތީ އިރާދަކުރެއްވީތީ ޙައްލުވެފައި. އެކަމަކު މީގެކުރީގައި މިދިޔަ އަހަރާ ހަމަޔަށް، ކިހިނެއްތޯ މިކަން އޮތީ؟ އަޅުގަނޑުމެން މިދަނީ ކަކޫތާ ފެނުގައި ހިނގާފައި، ސައިކަލްގައި، އަދި އެހެން އެއްޗެހީގައި ކުދިން ގޮވައިގެން. އެކަމަކު މިއަދު އަޅުގަނޑުމެންނަކަށް އެ ދަތިކަމެއް އިޙްސާސެއް ކުރާކަށް ނުޖެހޭ. އެހެންވީމާ، ވިސްނުމެއް ހުރިއްޔާ ކުރިއަށް ދާން ބޭނުންވާނެ. ދިރުމެއް ހުރިއްޔާ އުންމީދެއް އޮންނާނެ. އަދި ލައިފް، އަޅުގަނޑުމެންގެ ޙަޔާތެއް ވާކަމަށްވަންޏާ، އެއްގޮތަކަށްވެސް މާޔޫސްވާކަށް ނުޖެހޭނެ. ރައީސް ޔާމީން ހޯދައިދިނީ މިދެންނެވި މެސެޖްގެ މަތީގައި ދިވެހި ޒުވާނުން ތިބެން ބޭނުންވީމަ.
While there is life there is hope. While I breathe I hope.
 
އެހެންވީމާ، އެންމެ އެންމެ ޙިއްސެއްވެސް ގައިގައި ސަލާމަތުން ހުރިއްޔާ، ނޫނީ އެއްވެސް ވަރަކަށް އަހަރުމެންގެ ގައިގައި ވިންދުޖަހާ ކަމަށްވަންޏާ، އަބަދުވެސް އުންމީދުތަކެއް އޮންނާނެ. އެއީކީ ގޯހެއް ނޫން. ހުވަފެން ފެންނާނެ، އެއީކީ ގޯހެއް ނޫން. ކުރިއަށް ދާން ބޭނުންވާނެ. ކިޔަވާފައި ތިބި ކުދިން، ނުކިޔަވާ ތިބި ކުދިން، މަތީ ތަޢުލީމް ޙާޞިލުކުރި ކުދިން.  މި ދޮޅު އަހަރުގެ ތެރޭގައި، މަތީ ތަޢުލީމުން އެކަނި ދެހާސް ފުރްޞަތު، މި ސަރުކާރުން ފަހިކޮށްދީފި. ރާއްޖެއިން ބޭރުގައި ކިޔެވުމުގެ އެތައް ފުރްޞަތެއް އިތުރުކޮށްދީފި. އަދި އެޔާއެކީ ހަމަ ބުނަން ބޭނުންވަނީ، ކުޑަކުދިން މަންމަ އުނގުން ވިން ކުރާ ހިސާބުން ފެށިގެން މަދްރަސާއަށް އަންނައިރު، ކުޑަކުދިންނަކީވެސް ބަލިވާނެ ބައެއް. ހަމައެކަނި ސްޕޯޓިންގ އެންޖަރީއެއް ނޫން މިއުޅެނީ. އެކަމަކު އެމީހުން އަރލީ އެޑޮލަސަންސާ ހަމަޔަށް އަންނައިރު، ނޫނީ ފުރާވަރަށް އެކުދިން އަންނައިރު، އެކުދިންގެ ހުރީ ކޮންކަހަލަ ބަލިތަކެއްތޯ ދެނެގަތުމަށްޓަކައި މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އިރާދަކުރެއްވީތީ، ހެލްތް ސްކްރީނިންގ އަޅުގަނޑުމެން ފަށައިފީމު. އެހެންވީމާ، އޯ ލެވެލް ބެޗާ ހަމަޔަށް ދާންވާއިރަށް، ނޫނިއްޔާ މިދަންނަވާހެން ފުރާޢުމުރާ ހަމަޔަށް ދާންވާއިރަށް، އަންހެން ކުދިން، ފިރިހެން ކުދިން، މި ދެބައި، މި ދެ ޖިންސުގެ ކުދިންގެވެސް ކޮންކަހަލަ ޞިއްޙީ މައްސަލަތަކެއްތޯ ހުރީ ދެނެގަތުމަށްޓަކައި ހެލްތް ސްކްރީނިންގ ފަށައިފިން. ބަލިވީމައެއް ނޫން ބޭސްކުރާނީ. އެންމެ ރަނގަޅު ގޮތަކީ ބަލިވުން ދުރުކުރުން. އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން. އެކަމަކު މިއަދު ކާކުތޯ އެ ވާހަކަ ދައްކަނީ. މިއަދު އެވާހަކަ ދައްކަންޖެހޭނެ. އަޅުގަނޑުމެންގެ ކްރިޓިކުންވެސް ދައްކަންޖެހޭ. މިއަދު އެއީ ކުރާ ޙަޤީޤަތެއް. އެއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް.
 
އަޅުގަނޑުގެ ވާހަކަ ދިގުވެސްވެއްޖެ. އެހެން ނަމަވެސް ހަމަ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ އަޅުގަނޑު ބޭނުންވަނީ، ހަމަ ދިވެހި ޒުވާނުންނަށް ދަންނަވަން. އަދިވެސް އަޅުގަނޑުމެން މި ގަބޫލުކުރަނީ، ދިވެހި ޒުވާނުންނަކީ، އުންމީދުގެ ތެރޭގައި ތިބެންޖެހޭ ބަޔެކޭ. ދިވެހި ޒުވާނުންނަކީ، ދިވެހި ޒުވާނުންނަށް ކަންތައްތަކެއްވާނެ، މަގުތަކެއް ކޮށޭނެ، ކަންތައްތަކެއް ފަހިވާނެ ބައެއް ކަމުގައި ގަބޫލުކުރާށޭ. ދިވެހި ޒުވާނުންނެއް ރައީސް ޔާމީނެއް ބިކައެއް ނުކުރާނެ. ރައީސް ޔާމީންގެ ޑިވެލޮޕްމަންޓް ޕާޓްނަރސްގެ ގޮތުގައި މިތިބީ ދިވެހި ޒުވާނުން.
 
އެހެންވީމާ، ދިވެހި ޒުވާނުންނާއެކީ އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވޭ. ކުރިއަށްދާއިރުގައި ހަމަ ދިވެހި ޒުވާނުން ގަބޫލުކުރަންޖެހޭނެ، ދިވެހި ޒުވާނެއްގެ ޙާލަތުގެ ދުލުން، ނޫނީ ޙާލުގެ ދުލުން މިއަދު މިހުރިހާ ކަމެއްވީމަ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން ހަމަ ދިވެހި ޒުވާނަކު ބުނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ހަމަ ޅެންބައިތެއްވެސް ދަންނަވާލާނަން. އާދެ، ދިވެހި ޒުވާނުން ބުނާނެ.
 
[އެދޭނީ އުފާ ޙަޔާތެކޭ ނަޞްރާ ނަޞީބު ދައުރެކޭ
           އެދޭނީ އުފާ ރަބީޢެކޭ ފިނިފެންމަލުގެ ބަހާރެކޭ]
 
މިއީ ދިވެހި ޒުވާނުން، މިއަދު އެމީހުންނަށް ދެވިފައި ހުރި ފުރްޞަތުތައް ސިފަކުރާގޮތް.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه.
     _____________________________