ކުށްތަކަށް އަރައިގަންނަން މީހުން ހިތްވަރު ދިނީމާ އެކަމަށް ނޫނެކޭ ބުނުމަށް ހުރިހާ ދިވެހި ޒުވާނުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ދިވެހި ޒުވާނުންނާ ބައްދަލުކޮށްލެއްވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒުވާނުންނަށްޓަކައި މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި ދާއިރާތަކުން ޒުވާނުންނަށްޓަކައި ސަރުކާރުން ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން ޒުވާނުންނަށްޓަކައި އުފައްދަވާދެއްވަމުން ގެންދަވާ ވަޒީފާގެ ފުރުޞަތުތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ވިޔަފާރީގެ ފުރުޞަތުތައް ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ފާހަގަ ކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމެއް ކުރުމުގެ ހުނަރާ އެއްވަރަށް އެކަން ކުރެވޭނެ ކެރުންތެރިކަންވެސް އެމީހެއްގެ ކިބައިގައި ހުންނަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި، ސަރުކާރުން ކޮށްދެއްވޭނެ ކަމަކީ އެކަންކަން ކުރެވޭނެ ވެށްޓެއް ތަރައްޤީ ކޮށްދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަކީ ދިވެހި ދައުލަތުގެ އިންޖީނުގެ މައި ސޯބު، އަދި އިޤްތިޞާދުގެ ކުރިއެރުމުގެ ހަކަތަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަ ކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޒުވާނުންނަށްޓަކައި ސަރުކާރުން އެތައް ކަމެއް ކޮށްދެއްވަމުން، ޒުވާނުންނާއެކު ޕާޓްނަރޝިޕެއް ޤާއިމްވެގެންދާއިރު އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ކުރާ މަސައްކަތެއްގައި ސަރުކާރުންވެސް އަދި ޒުވާނުންވެސް އެއްފަރާތް އަނެއް ފަރާތަށް އިޚްލާޞްތެރި ވާންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަކީ ޒުވާން އުމުރުގައި ނުކުމެ މަސައްކަތްކޮށް، ދިވެހިރާއްޖެއަކީ ޒުވާނުން އުޅެން ބެނުންވާ، އަދި މި ސަރަހައްދުގައި ބޮލަކަށްޖެހޭ އާބާދީ އާމްދަނީ އެންމެ ރަނގަޅު ޤައުމުކަމަށް ހެދުމުގެ ހިތްވަރު ހުރި ބަޔަކަށް ވުމަށް ގޮވައިލެއްވިއެވެ. އަދި މި ސަރުކާރުން މަސައްކަތްކުރައްވަނީ އާ އުއްމީދުތަކަކާއި އާ ޒުވާނުންތަކަކާއެކު، އާ އަމާޒަކަށް ވާސިލްވުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މި ސަރުކާރު އައީ ވަޢުދުތަކެއް ވެގެން، ޒުވާންނަށް އުއްމީދުތަކެއް ދީ، ޒުވާނުންނަށް ކަންތައްތަކެއް ކޮށްދެއްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ކުރިމަގު އުޖާލާކޮށް، ޒުވާނުންނާއެކު މަސައްކަތްކުރާ، ޒުވާނުންނަށް ކަންތައް ކޮށްދޭ ސަރުކާރަކަށްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.