بســم اللّـه الرّحمـن الرّحيــم
      
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރު ކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
މި އުފާވެރި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޢިއްޒަތްތެރި ޖަލީސުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު ހެނދުނު މި އިރުއަރައިގެން މިދަނީ ރ.އަތޮޅަށް ވަރަށް ޚާއްޞަ އުފާވެރި މެސެޖުތަކެއް ގެނެސްދެމުން. އަދި މިކަމުގައި ކޮންމެވެސްވަރެއްގެ ދައުރެއް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި އައިލެންޑް އޭވިއޭޝަނަށް އަދި އިފުރު އިންވެސްޓްމަންޓްސްގެ އިސްވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ވާހަކަކޮޅު ކުރިއަށް ގެންދަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާ ދޭތެރޭގައި ވަރަށް އޯގާތެރި، ވަރަށް ރަނގަޅު ބަސްފުޅުތަކެއް ވިދާޅުވެދެއްވި ކަމަށްޓަކައި ރ. އަތޮޅުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު އަދި އައިލެންޑް އޭވިއޭޝަންގެ މިވަގުތުގެ ސީ.އީ.އޯ ޢަބްދުލްޙާރިޘަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމު. ހަމައެހެންމެ، ރ. އަތޮޅުގެ ފަރާތުން އަޅުގަނޑަށް ތިޔަ ބެހެއްޓެވި ގާތްކަމަށްޓަކައި އަދި ރ. އަތޮޅުގެ ފަރާތުން އަޅުގަނޑަށް ކޮމެމަރޭޓިވް ހަދިޔާއެއް ދެއްވި ކަމަށްޓަކައި ރ. އަތޮޅުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މި ހުޅުވިގެންދާ އެއަރޕޯޓް، އިފުރު އެއަރޕޯޓް ހުޅުވިގެންދިޔުމާއެކީ، މި ސަރަޙައްދަށް އިތުރު އާރޯކަމެއް އަންނާނެކަމާ ދޭތެރޭގައި އެއްވެސް ބޭފުޅެއްގެ ހިތުގައި ޝައްކުކަމެއް ނުބޭއްވެވުމަށް އަޅުގަނޑު ދަންނަވަން. އަދި ހަމައެޔާއެކީ ރ. އަތޮޅަކީ އާބާދީ ބޮޑު، ރާއްޖޭގެ ނިސްބަތުން އާބާދީގެ ތިންވަނަ އަތޮޅަށްވެފައި އަދި އެހާމެ ރީތި ރަށްތަކެއް ހިމެނިފައިވާ އަތޮޅަކަށްވާތީޔާއެކީ، ރ. އަތޮޅަކީ އެއްވެސް ގޮތެއްގައި އަޅުގަނޑުމެންގެ ވިސްނުމުގެ ޗާޓުން އުނިވެގެންދާނެ އަތޮޅެއް ނޫން ކަމުގައި މި މަޤާމުގައި ހުރެގެން އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
 
އާދެ، ދެންމެއަކު ޓުއަރިޒަމް މިނިސްޓަރ އަޅުގަނޑު ގާތުގައި ވިދާޅުވި، ރ.އަތޮޅުގައި މިވަގުތު ހިނގާ ދެ ރިޒޯޓް އޮތް ކަމުގައިވީނަމަވެސް، ރ. އަތޮޅުގައި އިރާދަކުރެއްވިއްޔާ، މިހާރުން މިހާރަށްވެސް މަސައްކަތް ހިނގައި، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ނިންމާލުމުގެ މަސައްކަތާ ހަމަޔަށް ގެންދެވޭނެ އިތުރު ފަސް ހަ ރަށުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި ރ. އަތޮޅަށް ކުރިއެރުންތަކެއް އަންނާނެ. އަދި ހަމައެޔާއެކީ އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީ ކުރުމުގެ ނަމުގައި، ނޫނީ ޞިނާޢަތް ތަރައްޤީ ކުރުމުގެ ބޭނުމުގައި، އެކި ދުވަސްވަރު ނަގާފައި ހުރި ރަށްރަށުގެ ތެރޭގައި، އެއްވެސް މިންވަރެއްގެ މަސައްކަތް ނުހިނގާ ހުރި ރަށްރަށް ވަކިކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާ. އެގޮތުން ރ.އަތޮޅުގައި އެއްވެސްވަރެއްގެ މަސައްކަތެއް ނުހިނގާ ގިނަ ރަށްތައް މިހާރުވަނީ ވަކިކުރެވިފައި. ދެން އަޅުގަނޑު އުންމީދު ކުރަނީ، ރ. އަތޮޅުގައި ޤުދްރަތީ ގޮތުން މިހާ ރީތި މިހާގިނަ ރަށްރަށް ހުރުމާއެކީ، ރ. އަތޮޅުގައި އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ، އިންވެސްޓަރުން މިކުރާ މަސައްކަތުގައި، އެމީހުންނަށް ކުރިއަށް ދެވޭ ކަމަށްވަންޏާ، ގާތްގަނޑަކަށް ފަނަރަވަރަކަށް ރިޒޯޓް، ރ. އަތޮޅުގައި އެކަނި އޮންނާނެ. އެހެންވީމާ، ރ. އަތޮޅުގެ ތަރައްޤީއަށް ޝައްކެއްވެސްނެތްގޮތުގައި، ރަށެއްގެ، އަތޮޅެއްގެ ނިސްބަތުން ހަމަ އެކަށީގެންވާ ކުރިއެރުމެއް ހަމައެކަނި މި ދާއިރާއަށް އަންނާނެ. 
 
އެޔާއެކީ އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒު މިއޮތީ ބޮޑަށް މިވަގުތު ދިވެހިރާއްޖެއަށް ދަތިވެފައި އޮތް އެންމެ ބޮޑު ކަމަކަށް އަޅުގަނޑު ގަބޫލުކުރާ އެއްކަމަކީ، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ނެތުން. ޒުވާނުންގެ ވަޒީފާގެ ފުރްޞަތު އިތުރުވުމާއެކީ، އަޅުގަނޑުމެންގެ ތެރެއަށް ހަމަޖެހުން އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އަދި އަޅުގަނޑުގެ ސަރުކާރަށް ގަބޫލުކުރެވޭ. އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް، ރައްޔިތުންގެ އަރިހަށް އައިސް، އަޅުގަނޑުމެންގެ މެނިފެސްޓޯއެއް ވިއްކަމުން ދިޔައިރު، އަޅުގަނޑުމެން އެންމެ އިސްކަމެއް ދިނީ، މިދެންނެވި ގޮތަށް، ޒުވާނުންގެ އަތްމަތި ތަނަވަސްކުރުމާއި، ޒުވާނުންނަށް ގެދޮރުވެރިކަން އިތުރުކޮށްދިނުމާއި، ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކޮށްދިނުމަށް. އަޅުގަނޑުމެންގެ ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި މިހާރު ހަމަޖެހިފައި މިއޮތީ، އަޅުގަނޑުމެންގެ ސަރުކާރު ވަކިވެގެންދާއިރު، ނޫނިއްޔާ 2018 ވަނަ އަހަރަށް އަޅުގަނޑުމެން މަރްޙަބާ ކިޔާއިރު، 94000 ވަޒީފާގެ ފުރްޞަތު އުފެއްދުން. ﷲގެ ރަޙްމަތާއެކީ އެކަން އަޅުގަނޑުމެން ކުރާނަމު.
 
މިހާރުވެސް އެކި ޖަލްސާތަކުގައި، އަޅުގަނޑުމެން ވާހަކަ ދައްކަމުން ގެންދާގޮތުން ވެއްޖިއްޔާ، އެތައްހާސް ވަޒީފާގެ ފުރްޞަތު އަޅުގަނޑުމެން ހޯދައިދީފިން. އަދި ހަމައެޔާއެކީ، ރ. އަތޮޅުގައި މިއަދު މި ހުޅުވިގެންދާ އެއަރޕޯޓާއެކީ، އަދި ކުރިއަށް އޮތް 18 މަސްދުވަސް، 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، އިފުރު އިންވެސްޓްމަންޓްސްގެ ފަރާތުން މިރަށުގައިވެސް އެބަ ސިޓީ ހޮޓަލެއް އެޅޭ. އެހެންވީމާ، މިރަށުގެ އެއަރޕޯޓުން މި އަންނަ ވަޒީފާގެ ފުރްޞަތާއި އަދި ހަމައެހެންމެ، އިހުރު އިންވެސްޓްމަންޓްސްގެ ފަރާތުން ސިޓީ ހޮޓަލެއް ބިނާކުރެއްވީމަ، އިތުރަށް ވަޒީފާގެ ފުރްޞަތު އިތުރުވެގެންދިޔުމާއެކީ، އަދި ކުރިއަށް އޮތް ތަނުގައި، އަޅުގަނޑުމެންގެ މި ދައުރު ނިމިގެންދާއިރު، ރ. އަތޮޅުގައި އިރާދަކުރެއްވިއްޔާ، ފަނަރަވަރަކަށް ރިޒޯޓް، މަދުވެގެން އޮޕަރޭޝަނަލް ފެންވަރަށް ގެނެވިއްޖެ ކަމަށްވަންޏާ، ރ. އަތޮޅުގައި ވަޒީފާގެ ފުރްޞަތަކީ، އެހެން އެއްވެސް އަތޮޅެއްގައި ނެތްވަރަށް، ވަޒީފާގެ ފުރްޞަތު އިތުރުވެގެންދާނެ، ތަނަވަސްވެގެންދާނެ އަތޮޅަކަށް ވެގެންދާނެ.
 
އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒަކީ، މިދެންނެވި ގޮތަށް، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައިވެފައި، ޒުވާނުންނަށް ކުރަންހުރި ކަންތައްތައް ގިނަކަމާއެކީ، މި ގޮންޖެހުމާ، އަޅުގަނޑުމެން ކުރިމަތިލައި، މި ޙައްލުކުރަން ބޭނުންވޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މާއްދީ ތަނަވަސްކަމާއެކީ، ރާއްޖެއަށް ހަމަޖެހުން ގެންނަން. ކޮންމެ ސަރުކާރެއްގެވެސް އެންމެ ފުރަތަމަ ޒިންމާއަކީ، ރައްޔިތުން އެދޭ ކަންތައްތަކުގެ ތެރެއިން، ރައްޔިތުންނަށް އަމަންއަމާންކަމުގެ ކަށަވަރުކަމާއި، ހިނގާބިގާވެ އުޅުމުގެ ކަށަވަރުކަމާއި، ދިރިހުރުމުގެ ކަށަވަރުކަމާއި، ޖިސްމާނީ އަނިޔާތަކުން ސަލާމަތްވެ، ޙިމާޔަތްތެރިކަން، ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ކަށަވަރުކަން ލިބުން. ސަރުކާރާއި ސަރުކާރު އިންތިޚާބުކުރާ ރައްޔިތަކާ ދޭތެރޭގައި އޮންނަ ބޮންޑަކީ، އޮންނަ ކޮންޓްރެކްޓަކީ މިއީ. ރެސްޕޮންސިވްނަސް، ނޫނިއްޔާ އެދޭ އެދުމަށް އިޖާބަ ދިނުމުގެ އެންމެ އެންމެ ފުރަތަމަ އަސާސަކީ، ނޫނީ އެންމެ ފަންޑަމެންޓަލް ބިންގަލަކީ، ރައްޔިތުންގެ ރައްކާތެރިކަން. އެހެންވީމާ، ރައްޔިތުންގެ ރައްކާތެރިކަން އައުމަށްޓަކައި ސިފައިންނާއި، ފުލުހުންނާއި އަދި އަމާންކަން ބަލަހައްޓާ އެހެން މުއައްސަސާތަކުން ކުރާ މަސައްކަތްތައް، ވަރަށް ބޮޑުތަން ފަސޭހަވެގެންދިޔައީ، ރައްޔިތުންގެ އަމާންކަން ނެތޭ ސަބަބުތައް ދެނެގަނެ، މި ސަބަބުތަކަށް އެޑްރެސް ކުރެވޭނެ ގޮތްތަކެއް ހޯދުން. ސަބަބުތަކަށް އެޑްރެސް ކުރާނެ ގޮތްތަކެއް ހޯދާއިރު، އަޅުގަނޑުމެން ގަބޫލުކުރަން، ޙަޤީޤަތުގައިވެސް ރައްޔިތުންގެ ތެރޭގައި، ޒުވާނުންގެ ތެރޭގައި ކުރާނެ ކަމެއް ނެތިފައި އަދި ދިރިއުޅުމުގައި މުޅިން މާޔޫސްވެފައި، ގެދޮރުވެރިކަމެއް ނެތް، އާމްދަނީ ލިބޭނެ ވަޒީފާއެއް ހޯދޭނެގޮތެއް އަމުދުން ނެތް، އެތައް ހާސް ޒުވާނުންނެއް، ކޮންމެ އަހަރެއްގެ އާބާދީއަށް ވޯޓްލާ ލިސްޓަށް އިތުރުވަމުންދާ ކަމަށްވަންޏާ، އެމީހުންގެ ޝުޢޫރުތައް، ފާހަގަޖަހާ ކަރުދާސްކޮޅުން އަޅުގަނޑުމެންނަށް ފެނިގެންދާނެ. އަދި އެމީހުންގެ ޝުޢޫރުތަކާއި، އެމީހުންގެ ހިތްހަމަނުޖެހުން، ހިނގާ ހަމަނުޖެހުންތަކުގެ ތެރޭގައި، އުފުލޭ އަޑުގެ ތެރޭގައި އަޅުގަނޑުމެންނަށް ނީވޭނެކަމަށް ގަބޫލުކުރުމަކީ، އަޅުގަނޑުމެން ސިޔާސީ މީހުން ކޮށްގެންވާނެ ކަމެއް ނޫން.
 
އެހެންވީމާ، އެމީހުންނަށް ރެސްޕޮންސިވްވުމަކީ ޙަޤީޤަތުގައި، އެމީހުންގެ އެހެރަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް ފިޔަވަޅުތަކެއް އެޅުން. ކަންތައްތަކެއް ކޮށްދިނުން. އެހެންވީމާ، މި ސަރުކާރުގެ އަމާޒަކަށްވެފައި މިއޮތީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، އިޖުތިމާޢީ ހަމަޖެހުން، ނޫނިއްޔާ ސޮސައިޓީގައި މިއޮތް، މުޖްތަމަޢުގެ ތެރޭގައި މިއުޅޭ ރެސްޓްލެސްނަސް ފިލުވައިލެވޭނީ، މި ދެންނެވި ގޮތަށް ޒުވާނުންނަށް އަޅުގަނޑުމެން ކަންތައްތަކެއް ކޮށްދީގެން. އެހެންވެގެން އަޅުގަނޑުމެންގެ ސަރުކާރުގެ އެހާ ބޮޑު އިސްކަމެއް ޒުވާނުންގެ ކަންތައްތައް ފުރިހަމަކޮށްދިނުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.
 
ހަމައެހެންމެ، ރ. އަތޮޅަކީ އާބާދީގެ ގޮތުން ތިންވަނަ އަތޮޅު ކަމަށްވާއިރުވެސް، ރ. އަތޮޅާއި އަދި އެހެން އަތޮޅުތަކުގައި، ކުދިކުދި ރަށްރަށް، އަދި އޭގެ ޒާތުގައި އެ ރަށްރަށުގައި އިޤްތިޞާދީ ދިރުމެއް މާބޮޑަށް ކުރިއަށް ނުގެންދެވޭނެ ކުދިކުދި ރަށްރަށްވެސް ރާއްޖޭގައި މަދެއް ނޫން. އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރަށް އަދި ދެން އަންނަން އޮތް ސަރުކާރަށްވެސް އިޤްތިޞާދީ ގޮތުން އެންމެ ފައިދާހުރި ގޮތަކަށް، ނޫނިއްޔާ އެންމެ އެފިޝަންޓްކޮށް، މިކަންކަން ކޮށްދެވޭނެ ގޮތަކީ، އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުތަކެއް ހިންގުން. އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢުތައް، މީގެކުރީގެ ސަރުކާރުތަކުން އެކި މިންވަރުގައި ކާމިޔާބުކަމާއެކީ ކުރައްވާފައި އެވަނީ. އަޅުގަނޑުމެން ތަފާތު މޮޑެލެއް މިހާރު ތަޖުރިބާ ކުރަމުން މިގެންދަނީ. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނަކަށް އެހާ ފަސޭހައެއް ނޫން، ދިވެހިރާއްޖޭގެ އިޤްތިޞާދު، ނޫނީ ދިވެހިރާއްޖޭގެ ބަޖެޓުގެ ފަސޭހަކަން ނޫނީ ދަތިކަން މިވަގުތު ހުރި މިންވަރުން ކޮންމެ އަތޮޅެއްގައި ރަށްތަކެއް ނަގައިގެން މިކަން ކުރުމަކީ އެހާ ފަސޭހަ ކަމަކަށްނުވޭ. އަދި މީގެކުރީގައި އަޅުގަނޑުމެންނަށް ފެނިފައި މިއޮތް ތަޖުރިބާއަކުން އެއީ އެހާ ކާމިޔާބު ތަޖުރިބާއެއް ކަމަކަށްވެސް، ހިސާބުތަކުން ހަމަގައިމުވެސް ފެންނާކަށެއް ނެތް.
 
އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ތަނަވަސްކަން ފުރިހަމަކޮށްދޭ ތަނަކަށް ހެދުމަށްޓަކައި. މިއަދުވެސް ރާއްޖޭގައި، އަތޮޅުތެރޭގައި ހުރެގެން އަޅުގަނޑު ދަންނަވާލާ ވާހަކައަކީ، [ހުޅުމާލެ] އަޅުގަނޑުމެން މި ތައްޔާރުކޮށްދެނީ ހަމަ ޙަޤީޤަތުގައިވެސް ގެދޮރުނެތް، އަތޮޅުތެރޭގައި ދިރިއުޅުއްވާ ކުދިކުދި ރަށްރަށުގައި އިޤްތިޞާދީ ދިރުމެއް އަމުދުން ނާންނާނެ ރަށްރަށުގެ ބޭފުޅުން ވަޑައިގެން، އެތަންތަނުގައި ވަޒަންވެރިވެގެން އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައޭ. އަދި ހަމަމިޔާއެކީ، މާލޭގައިވެސް ގެދޮރު ނެތް ޒުވާނުންނަށް އަޅުގަނޑުމެން އިސްކަމެއް މި ދެނީ، ހުޅުމާލެއިން އެކަން ކޮށްދޭން. އެހެންވީމާ، ހުޅުމާލެއަކީ އެއްގޮތަކަށްވެސް މާލޭ މީހުންނަކަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭ މަދީނާއެއް ނޫން. ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ހިޖުރަކުރަން ބޭނުންވާ ޒުވާނުންނަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭ މަދީނާއެއް، ޝަހަރެއް. އެހެންވީމާ، އެއީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް އަޅުގަނޑުމެން ތައްޔާރުކޮށްދޭ ތަނެއް. އެއްގޮތަކަށްވެސް މާލެއަށް ޚާއްޞަކުރާ ކަމެއް ނޫން.
 
އަޅުގަނޑުމެންނަށް ވިސްނޭގޮތުގައި، މިދެންނެވި ކަހަލަ ކަންތައްތަކެއް ފުއްދައިދީގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ހަމަޖެހުން މި އަންނަނީ. ހަމަޖެހުން އައިސްގެން ނޫނީ، އިޤްތިޞާދީ ގޮތުން ދައުލަތް ކުރިއަށް ގެންދިޔުމަށް، ޤައުމު ކުރިއަށް ގެންދަން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ހަމަ އެއްވެސްކަހަލަ ހިތްހަމަޖެހޭ ހިސާބަކަށް ފަސޭހަކަމާއެކީ ދަތުރެއް ނުކުރެވޭނެ.
 
ސިޔާސީގޮތުން ޑިމޮކްރަސީއެއްގައި އެ އުފުލޭ އަޑުތައް އުފުލެންވާނެ. އަދި ސިޔާސީގޮތުން އިޙްތިޖާޖު ކުރުމުގެ ގޮތުން އެކުރާ ކަންތައްތަކެއް ކުރެވެންވާނެ. އެއީކީ އަޅުގަނޑުގެ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އަޅުގަނޑުގެ ސަރުކާރު މިހާ ހިސާބަށް އައިއިރު، ވަރަށް ފަސޭހަ، ވަރަށް އަމާން އަހަރެއްހާ ދުވަސް ލިބުމަށްފަހު، އަޅުގަނޑުމެންނަށް މިކަންކަން އެބަ ފެނިގެންދޭ. އެހެން ނަމަވެސް، މެޗުއަރވަމުން އަންނަ، ނޫނިއްޔާ ފުރާވަރަށް އަންނަ ޑިމޮކްރަސީއެއްގައި، މިކަހަލަ ކަންތައްތަކާ އަޅުގަނޑުމެން ކުރިމަތިލާނެ. އަޅުގަނޑުމެންގެ މައްސަލައެއް ނެތް އެޔަކު. އެކަމަކު އެކަމުގެ ތެރެއިންވެސް ކޮށްގެން ނުވާނެ ކަންތައްތަކެއް ހުންނާނެ. މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެކަންކަން ކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ބޮއިކޮޓް ކުރަން ގޮވާލާ ކަމަށްވަންޏާ އެއީ ގޯހެއް. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ބޮއިކޮޓް ކުރާކަމަށްވަންޏާ، މި ރިޒޯޓްތަކުގައި، މި ހުޅުވޭ ވަޒީފާތަކުގައި މަސައްކަތް ކުރާނީ ހަމައެކަނި ޕީ.ޕީ.އެމް. އާއި އެމް.ޑީ.އޭ.ގެ ދަރިންނެއް ނޫން. ހުރިހާ ޕާޓީއެއްގެ ދަރިން. އަދި ޕާޓީތަކަށް ނިސްބަތްނުވާ މީހުންވެސް މަސައްކަތް ކުރާނެ. މިއިން ކޮންމެ ކުއްޖެއް، ޢާއިލާ ތަނަވަސްކޮށްދިނުމަށް އެ ގެންދާ ފައިސާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަވާ. އަދި އަތޮޅުތެރޭގައި، ރަށްރަށުގައި، ކުދިކުދި ރަށްރަށުގައި ރީތި ގެދޮރު މިހާރު ހެދިފައި ހުރި ކަމަށްވަންޏާ، ބަލައިލާއިރު މިއީ ކޮންމެވެސް ރިޒޯޓެއްގައި މަސައްކަތް ކޮށްފައި، އެ ކުއްޖެއްގެ ގެ ހަދަން ފޮނުވާފައި ހުރި ލާރިން ހަދާފައި ހުރި ގޭގެ. އަޅުގަނޑުމެން ގަބޫލުކުރިޔަސް، ނުކުރިޔަސް، ރާއްޖޭގެ ހުރިހާ ހިސާބަކަށް، ކޮންމެހެން ބޮޑެތި އަތޮޅުތަކުގެ އެކަންޏެއް ނޫން. ރާއްޖޭގެ ހުރިހާ ހިސާބަކަށް، ޓުއަރިޒަމަށް މި އަންނަ ހަލުއި ތަރައްޤީގެ މަންފާ ކުރާކަން އަޅުގަނޑުމެންނަށް އެހެރީ ލޯމަތިން ފެންނަން.
 
އެހެންވީމާ، އަޅުގަނޑުމެންނަށް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، ރާއްޖޭގެ އެންމެ ވަރުގަދަ ޞިނާޢަތު ބޮއިކޮޓް ކުރަން ގޮވާލާ ގޮވާލުމުގައި. މިއީ، އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖެއަށް ހެޔޮއެދޭ ބައެއް ނޫން. މިއީ، ދިވެހިރާއްޖޭގެ ޢަދުއްވުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަތިވާގޮތަކަށް ކަންތައް ކުރުމެއް، އެއްވެސް އެކްސްކިއުޒެއް ނެތް ސަރުކާރަށް ދަތިވާނެ ކަމަށް ހީކޮށްގެނެއް. މިކަމަކުންނެއް ސަރުކާރަކަށް އެކަންޏެއް ދައްޗެއް ނުވާނެ. ސަރުކާރުން މަސައްކަތް ކުރާނީ، ސަރުކާރާ ކުރިމަތި މިލައްވާ ހުރިހާ ޗެލެންޖްތަކުން، ހުރިހާ ގޮންޖެހުންތަކުން ކުރިއަށް ގޮއްސަ، އަޅުގަނޑުމެން އެއްވެސް ގޮތެއްގައި އިޤްތިޞާދީ ދުވެއްޔަށް މަޑުޖެހުމެއް އަންނާނެ ކަމަކަށް ޖާގައެއް ނުދޭނަން. އެހެން ނަމަވެސް، ސިޔާސީ ފަރާތްތަކާއެކީ އަޅުގަނޑުމެން ޑައިލޮގްގައި، އަޅުގަނޑުމެން މަޝްވަރާ ކުރުމަށް އަޅުގަނޑުމެން ތައްޔާރު. އެހެން ނަމަވެސް، މުޅި ރައްޔިތުންނަށް ގެއްލުންވާ ކަހަލަ ކަންތައް ކުރާކަށް ގޮވައިގެން ނުވާނެ.
 
މުޒާހަރާތައް ކުރުމުގައިވެސް އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. މުޒާހަރާ ކުރަންވީ. ދުވާލު ތިން ދަޅައަށް، ހަތަރު ދަޅައަށްވެސް މުޒާހަރާ ކުރަންވީ. އެކަމަކު އަޅުގަނޑު ގަބޫލުނުކުރާނެ ކަމަކީ، ޤާނޫނާ ޚިލާފަށް ނުކުމެ މިކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުގެ އެއްވެސް ފުލުހެއްގެ ގައިގައި، އަނިޔާވާގޮތަށް އަތްލައިގެން ނުވާނެ. އެއީ، އަޅުގަނޑުގެ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން. މީހުންނަށް ގެއްލުންވާ ކަންތައްތައް ކޮށްގެން ނުވާނެ. އަދި  މި އުފައްދާ ހަމަނުޖެހުމުގެ ތެރޭގައި، ރާއްޖޭގެ އެކި ހިސާބުގައި، ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ތަންތަން ރޯކޮށް، މީހުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް، މިއީކީ އަޅުގަނޑުގެ ސަރުކާރަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން.
 
 އެހެންވީމާ، ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ސިޔާސީގޮތުން ކުރައްވާ މަސައްކަތްތައްވެސް ކުރައްވާށޭ އިމުގެ ތެރޭގައި. ކުރައްވަންޏާ އެއްވެސް މައްސަލައެއް ނޫން. މި ސަރުކާރުން އެކަންކަން ބަލައިވެސްގަންނާނަން. އަޅުގަނޑުމެންވެސް ބޭނުންވޭ، ދެން އަންނަ ސަރުކާރެއް އަންނައިރުވެސް، ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާ ކަމަށްވަންޏާ އަޑު އުފުލެންވާނެ. އެހެން ނަމަވެސް، އެއްވެސް ބަޔަކު އިދިކޮޅުގައި ތިބެގެން، އޮޕޮޒިޝަންގައި ތިބެގެން މުޅި ރާއްޖޭގެ މަޞްލަޙަތާއި، މުޅި ރާއްޖޭގެ އިޤްތިޞާދާއި ދިރުމާ ގުޅިފައި ހުރި ކަންކަމަށް ގޮންޖަހައި، ބޭރުގެ ފަރާތްތަކަށް އެކި ކަހަލަ ނުބައި މަޢުލޫމާތު ދީގެން، ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލަން، ނޫނިއްޔާ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންދޭން މިކުރާ ކަންކަމަކީ، އަމިއްލަ ނަފްސަށް ގެއްލުންދޭން ގޮވާލާ ގޮވާލުން. އެހެންވީމާ، މިކަންކަމަށް ޖާގަދޭކަށް، އެއްވެސް ދިވެހި ރައްޔިތަކު ފުރްޞަތު ދެއްވައިގެން ނުވާނެ.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ މިވާހަކަޔާއެކީވެސް، އައިލެންޑް އޭވިއޭޝަން އުފެދިފައި އޮތްގޮތާއެކީ، ދެންމެ މެނެޖިންގ ޑިރެކްޓަރ ޙާރިޘްގެ ވާހަކަފުޅުގައި އެ ވިދާޅުވި ގޮތަށް، އައިލެންޑް އޭވިއޭޝަންގެ ކޮންމެ މިކަހަލަ އިޙްތިފާލެއްގައި އަޅުގަނޑަށް ލިބޭ ޚާއްޞަ އުފާތަކެއް އެބަހުރޭ. އެއީ، އައިލެންޑް އޭވިއޭޝަން އުފެދި އަދި އައިލެންޑް އޭވިއޭޝަން އެކަށީގެންވާ ކުންފުންޏަކަށް ހެދުމުގައި، އަޅުގަނޑުގެވެސް ކޮންމެވެސްވަރެއްގެ ދައުރެއް އޮތީމަޔާއެކީ. އޭރުވެސް އަޅުގަނޑުމެންގެ ވިސްނުމަކީ، އައިލެންޑް އޭވިއޭޝަނަކީ، ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ރާއްޖޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ގެނެސްދިނުމާއެކީ، ކުންފުނި އިޤްތިޞާދީ ގޮތުން ވައިބަލް ނޫނީ ސަރވައިވް ކުރަން ބޭނުންވާ ކުންފުންޏަކަށްވާ ކަމަށްވަންޏާ، ޓުއަރިޒަމްގެ ތެރެއަށް، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް އައިލެންޑް އޭވިއޭޝަން ވަދެގެން ނޫނީ އެކަން ދެކޮޅުޖެއްސޭނެ ގޮތެއް ނޯންނާނެ. އޭރު އަޅުގަނޑުމެންނަށް ގަބޫލުކުރަން އެހާ ފަސޭހަ ކަމަކަށްނުވޭ. އެހެން ނަމަވެސް، އައިލެންޑް އޭވިއޭޝަން ހިންގުމުގެ ކަންކަމާ، އޭރުގެ ސަރުކާރުން، އޭރުގެ ރައީސް އެހާ ބޮޑަށް ފާޑުވިދާޅުނުވާތީޔާއެކީ، ވަރަށް މިނިވަންކަމާއެކީ ކުރިއަށް ގެންދިޔުމުގެ ޖާގަ، ކުންފުނީގެ ޗެއަރމަނަށް، ކުންފުނީގެ ބޯޑަށް ދެއްވާފައި އޮތީމަޔާއެކީ، އައިލެންޑް އޭވިއޭޝަން މިއަދު އައިސްފައި އޮތް ހިސާބަށް މި އާދެވުނީ. މިއަދު ކޮބައިތޯ އުފެދޭ ސުވާލަކީ. މިއަދު އުފެދޭ ސުވާލަކީ އުފައްދައިގެން ނުވާނެ ސުވާލު. އުފައްދައިގެން ނުވާނެ ސުވާލަކީ، އިޤްތިޞާދީ ގޮތުން ފުރްޞަތު އޮތް ކަމެއް ކުރުމުގައި، ތިމަންނަމެންނަށް ތިމަންނަމެންގެ ޤާބިލުކަމެއް ނެތޭ ބުނާ ހިސާބަށް ދިޔައީމަ އެއީ ކޮށްގެން ނުވާނެ ކަމެއް. އައިލެންޑް އޭވިއޭޝަނުން މިއަދު ކުރަންޖެހޭ ކަމަކީ، އައިލެންޑް އޭވިއޭޝަންގެ ފިޔަތައް މިއަށްވުރެ ފުޅާކުރަންވީ. އުދުހުން މިއަށްވުރެ ހަލުއިކުރަންވީ. މިއަށްވުރެ ދުރު ރާސްތާތަކަށް ދަތުރުކުރަންވީ. އަޅުގަނޑުމެންގެ ޓުއަރިޒަމްގެ ތަރައްޤީއަށް ބަލާކަމަށްވަންޏާ، ކަނޑަށް ޖައްސާ މަތިންދާބޯޓުފަހަރު، ޝައްކެއްވެސްނެތްގޮތުގައި، ދުނިޔޭގައި ނެތްފަދަ، ނެތް ފެންވަރުގެ ނެތް ޢަދަދެއްގެ ފްލީޓް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް. އެހެންނަމަވެސް، އެޔާއެކީ އެއްގަމަށް ޖައްސާ ދަތުރުފަތުރުގެ ޚިދްމަތްތައް އިތުރުކުރަން އެބަޖެހޭ. ޝައްކެއްވެސްނެތްގޮތުގައި މާބޮޑުތަން އަގުހެޔޮވޭ. ބަލިމީހުން އުފުލުމާއި، ދިވެހިންނަށް ދަތުރުފަތުރު އިތުރުކޮށްދިނުމާއި އަދި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ހޯދައިދިނުމުގެ އިތުރަށް، ދިވެހި ދައުލަތުގެ ކުންފުންޏަކަށް އެކަށީގެންވާ ނަފާ ފައިދާ ލިބޭނެ ފުރްޞަތަކަށް ނޫނީ މިކަން ނުވެ ނުދާނެ.
 
އެހެންވީމާ، އައިލެންޑް އޭވިއޭޝަން މިއަދު ކުރަންޖެހޭ ޝަކުވާއަކީ، އައިލެންޑް އޭވިއޭޝަންގެ ފައިނޭންޝަލް ކެޕޭސިޓީ ހުރި މިންވަރުން ރާއްޖެއަށް މިވަގުތު ޓުއަރިޒަމަށް ބޭނުންވާވަރަށް އައިލެންޑް އޭވިއޭޝަންގެ ފިޔަފަތް ފުޅާކޮށްލެވިދާނެތޯ؟ އެކަމަކު އިޤްތިޞާދީ ގޮތުން ފައިދާއެއް ލިބެން އޮތް ކަމެއްގައި ފައިދާ ހޯދަން މަސައްކަތް ނުކުރެވޭ ހިސާބަކަށް އެއްވެސް ކުންފުންޏެއް އައިސްގެން ނުވާނެ. މިހާރު މި އަންނަނީ ހަތަރު އަނގޮޅިއަކަށް. އެހެންވީމާ، ސަރުކާރުން އަޅުގަނޑުމެން މަސައްކަތް ކުރާނަން، އައިލެންޑް އޭވިއޭޝަނަށް ދޭންވާ ހުރިހާ ސަޕޯޓެއްދީގެން، މި ޑޮމެސްޓިކް އޭވިއޭޝަން ސެކްޓަރ، ވަރުގަދަ ސެކްޓަރަކަށް ހަދަން.
 
 އެނގިވަޑައިގަންނަވާނެ، ޑޮމެސްޓިކް އޭވިއޭޝަނަކީ އޭގެ ތާރީޚުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އޮތް ކަމެއް. މިތަނުގައި އެބަތިބި، ޑޮމެސްޓިކް އޭވިއޭޝަންގައި އެންމެ ކުރިން އުޅުއްވި ބޭފުޅުން. އިބްރާހީމް ފައިޞަލްމެން ކަހަލަ ބޭފުޅުންވެސް އެބަ ތިއްބެވި. އަޅުގަނޑުމެންނަކަށް ކާމިޔާބުކަމާއެކީ ކުރެވިފައި އޮތް ތަޖުރިބާއެއް ނޫން މިއީކީ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، އައިލެންޑް އޭވިއޭޝަން މިހާރު މިދަނީ ކާމިޔާބުކަމާއެކީ އެކަން ކުރެވޭނެކަން ދައްކައިދެމުން. އެހެންވީމާ، އައިލެންޑް އޭވިއޭޝަނަށް ސަރުކާރުން ދޭންވާ ސަޕޯޓްދީގެން އަދި އެ ކުންފުންޏަކީ ހަމައެކަނި އިޤްތިޞާދީ ފައިދާ ހޯދުމަށް އެކަނި އޮންނަ ކުންފުންޏެއް ނޫންކަން ދެންމެވެސް އެމް.ޑީ.ގެ ވާހަކަފުޅުން، ސީ.އީ.އޯ.ގެ ވާހަކަފުޅުން އިޢުލާނުވެގެން އެ ދިޔައީ. އަޅުގަނޑުމެންގެ އިޖްތިމާޢީ ޒިންމާތަކެއް، ރައްޔިތުންނަށް ހުރި ޒިންމާތަކެއް އެބަހުރި. ރައްޔިތުންނަށް ހުރި ޒިންމާތަކުގެ ތެރޭގައި، ބަލިމީހުން އުފުލުމާއި އަދި ރައްޔިތުންނަށް އަތްފޯރާ ހިސާބެއްގައި، އަތްފޯރާފަށުގައި ޓިކެޓްގެ އަގު ބަހައްޓައިގެން ދަތުރުފަތުރުކޮށްދިނުމާއި، ރައްޔިތުން އެއްތަނުން އަނެއް ތަނަށް އުފުލައިދިނުމާއި، މާލެއާއި ރާއްޖޭގެ އެކި ހިސާބުތައް ކައިރިކޮށްދިނުން ހިމެނޭ. އަދި އަތޮޅުތެރޭގެ ދަތުރުފަތުރަށް ފަސޭހަ އެބަ ކޮށްދޭންޖެހޭ. އިފުރުގައި އެއަރޕޯޓް ހެދިގެން ދިޔައީމަ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، ނ. އަތޮޅު، ށ. އަތޮޅު، އަނެއްކާވެސް ވަރަށް ކްލޯޒް ރޭޑިއަސްއެއްގެ ތެރެއަށް މިއައީ ދަތުރުފަތުރަށް. މި އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުކުރަން ފަސޭހަ އަދި ހަމައެހެންމެ ދެންމެ ޖަޢުފަރު ކުރެއްވި އިލްތިމާސް، މިހާރު ރަށްރަށް ނަގާފައި، ދަތުރުފަތުރު ކުރެވޭނެ ގޮތެއް ނެތިގެން ޓުއަރިޒަމް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ވިސްނުމުގައި ތިއްބެވި ބޭފުޅުންވެސް މިހާރު ހޭފުޅުލައްވައިގެން މަސައްކަތް ކުރައްވަން މިއޮތީ ޖާގަ ހުޅުވިފައި. އައިލެންޑް އޭވިއޭޝަންގެ މަސައްކަތުން މިތަނުގައި އިތުރު މަސައްކަތްތަކެއް ވެވިގެންދާނެ. މަތިންދާބޯޓު އިތުރުކުރެވިގެންދާނެ. އަދި އެޔާއެކީ ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެގެން މިދަނީ. އެހެންވީމާ، އައިލެންޑް އޭވިއޭޝަނުން އެ ކުރައްވަނީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތެއް.
 
ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއުޅޭ ޞިނާޢީ ޓުއަރިޒަމް. އަޅުގަނޑުމެން، އެއްބަޔަކު ބޮއިކޮޓް ކުރަން ގޮވާއިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައި ބަދަޔަކީ ޙަޤީޤަތުގައި ޓުއަރިޒަމް. އަދިވެސް ޓުއަރިޒަމް. ދެންވެސް ޓުއަރިޒަމް. އަޅުގަނޑުމެންނަށް، ޒުވާނުންނަށް ވަޒީފާ ލިބޭނެ ހުރިހާ ފުރްޞަތެއް މިއޮތީ އެއްގޮތަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ޓުއަރިޒަމާ ގުޅިފައި. ލިންކޭޖް އިންޑަސްޓްރީތަކަށް ބެއްޔަސް، މިއުޅެނީ ޓުއަރިޒަމާ ގުޅުންހުރި ކަންތައް. ސަފާރީތަކަށް ބެއްޔަސް، ލައިވް ކޯޑަށް ބެއްޔަސް އަދި ޓުއަރިޒަމް ފިހާރަތަކަށް، ސްވެނިއަރ ޝޮޕްތަކަށް ބެއްޔަސް، ނޫނިއްޔާ އަތޮޅުތެރޭގެ ޢާންމު ތަރައްޤީއަށް ބެލިކަމުގައިވީ ނަމަވެސް، ކިއްސަރު ވަޑާންކުރާ ރ. އަތޮޅަށް ބެލިކަމުގައިވީނަމަވެސް، ކިއްސަރު ވަޑާމުގެވެސް ބޭސިސް، ނޫނިއްޔާ އޭގެ ޕެޓްރޮނޭޖް މި ލިބެނީ ގޮސް ޓުއަރިޒަމް އިންޑަސްޓްރީއާ ހަމައިގައި. އެކި ފެންވަރުގެ ސްކޫނަރު، އެކި ފެންވަރުގެ ޔޮޓް، އެކިފެންވަރުގެ ސަފާރީ ބަނުމާ، މިހުރިހާ ކަމެއް، މިއީ ޓުއަރިޒަމް އިންޑަސްޓްރީއަކީ ރޯބަސްޓް އިންޑަސްޓްރީއަކަށް، ނޫނިއްޔާ ކުރިއެރުން އޮތް، ރޯޝަނީކަން އޮތް ޞިނާޢަތަކަށްވާތީ، ޓުއަރިޒަމްގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާތީ، މިހުރިހާ ދާއިރާއެއްގައި މަސައްކަތްތެރިންނަށް ޖާގަ ހުޅުވިގެން މިދަނީ.
 
އެހެންވީމާ، މި ދާއިރާ، ޓުއަރިޒަމް ދާއިރާ، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން އިތުރުކުރުމުގެ، ނޫނިއްޔާ ކުރިއަށް ގެންދިޔުމުގެ އެތަކެއް ބައިވަރު ވަޢުދުތަކެއް ސަރުކާރުން ވަނީ ވެފައި. އަދި ޓުއަރިޒަމްގެ ތަފާތު ޕްރޮޑަކްޓްތަކެއް ރާއްޖޭގެ މި ޞިނާޢަތަށް ތަޢާރުފް ކުރުމަށް މިހާރުވަނީ އިޢުލާނު ކުރެވިފައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިފައި. އޭގެ ބޭނުމަކަށްވަނީ ހުރިހާ ވާހަކައެއް ނުދެންނެވި ކަމުގައިވީ ނަމަވެސް، މެދުފަންތީގެ ކުދި ވިޔަފާރިވެރިންނަށްވެސް މި ޞިނާޢަތުގައި ބައިވެރިވެވޭނެ ގޮތްތަކެއް ހޯދައިދިނުން. އެއީ، ހަމައެކަނި ޕަބްލިކްލީ ކުންފުނި ފްލޯޓްކޮށްގެން ކުރެވޭ ކަމެއް ކަމަކަށް މިހާރު އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ކުންފުނި ޕަބްލިކްލީ ފްލޯޓްކޮށްފައި، އޭގެ އިންސެންޓިވް ގޮތަށް، 50 އަހަރު، 99 އަހަރަށް ހަދައިދިނަސް، މިހާރު ރާއްޖޭގެ ކަންތައްތައް ހުރި ގޮތަކުންނެއް، ޕްރައިވެޓް ކުންފުނިތަކެއް ޕަބްލިކްލީ ފްލޯޓް ކުރާކަށް އެހާބޮޑު އެންތޫޒިއަޒަމެއް، އެހާބޮޑު ޝައުޤުވެރިކަމެއް ނެތް. ސަބަބުތައްވެސް އަޅުގަނޑުމެންނަށް އެނގޭ.
 
އެހެންވީމާ، ޓުއަރިޒަމަށް މެދުފަންތީގެ ކުދި ވިޔަފާރިވެރިންނަށް ވަދެވޭނެ ޖާގަ ހޯދައިދިނުމާއެކީ، ޓުއަރިޒަމްގެ ދާއިރާގެ މިހާރު ހުރި ނުހިނގާހުރި ރަށްރަށް ނެގުމަކީ، އެ ރަށްރަށް ނަގާފައި ތިބި ފަރާތްތަކަށްވެސް އަޅުގަނޑުމެންނަށް ކޮށްދެވޭ ފޭވަރއެއް ޙަޤީޤަތުގައި. އެފަރާތްތަކުންވެސް އެކިވަރަށް ފައިސާ ދައްކަމުން އަދި އެ ފައިސާ ދައްކާއިރު، އޭގެ ބަދަލުގައި އެއްވެސް ކަހަލަ އާމްދަނީއެއް ނުލިބި، ގިނަ ޕްރޮޕަޓީތަކެއް ނަގާފައި ބެހެއްޓުމުގެ ހަމަ އެއްވެސް ބޭނުމެއް ނޯންނާނެ. އަދި އެ ރަށްތައް ހިމެނޭ ދާއިރާތަކުގެ ރައްޔިތުންނަށް ނާއުންމީދުކަންވެސް ނިމުމަކަށް ގެނެސްދެވޭނީ ހަމަ މި ރަށްތައްވެސް ނެގިގެން. މި ރަށްތައް ނަގާފައި، މިކަންކަން ކުރެވޭވަރުގެ ބަޔަކަށް އަދި މިކަންކަން ކުރެވޭ ޢަދަދަކަށް ރަށްތައް ދޫކޮށްލީމަ ކަމުދާނެ. ތިންއަހަރު، ނޫނީ ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި، ހަތްދިހަ އާ ޕްރޮޕަޓީ މާކެޓަށް ގެނަޔަސް، އަޅުގަނޑުމެންގެ އެވަރުގެ އެބްޒޮބްޝަން ކެޕޭސިޓީއެއް ނެތް. އެ ރަށްރަށް ހެދޭނެގޮތެއް ނެތް. އެ ރަށްރަށް ހަދަން ފައިސާ ޖެނެރޭޓް ކުރެވޭނެ ގޮތެއްވެސް ނެތް. އަޅުގަނޑުމެންގެ ބޭންކިންގ ނިޒާމު، އެއަކަށް ޖާގައެއް ނުއެއްދޭ.
 
އަދި ބޭންކިންގ ނިޒާމަށް ބަލާކަމަށްވަންޏާވެސް އަޅުގަނޑު ހަމަ މިއަދު ތިޔަބޭފުޅުންނަށް ކަމެއް އިޢުލާނުކޮށްލާނަން. ބޭންކިންގ ނިޒާމުގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި މިހިރަ މަލްޓަން ބޭންކްގެ ތެރޭގައި މިހިރީ މުޅިންވެސް ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އަދި ބިދޭސީ ފަރާތްތަކުގެވެސް ފައިސާ. ޑިޕޮޒިޓަރުންގެ ފައިސާ މިއީ. މިއީކީ ބޭންކް ހިންގާ މީހާގެ ފައިސާއެއް ނޫން. ބޭންކުގެ އަދި އޯނަރުންގެ ފައިސާއެއްވެސް ނޫން. މި ފައިސާއަކީ ޑިޕޮޒިޓަރުންގެ ފައިސާ. އެންމެ ބޮޑެތި މުޢާމަލާތްތައް ބޭންކްތަކާއެކީ ހިންގާފައި މި ހުންނަނީ ޓުއަރިޒަމް ޞިނާޢަތުގައި، ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއެކީ. މި ދާއިރާތަކުގެ ކުރިއެރުން އަންނަން އޮތީ އަޅުގަނޑުމެން ރަށްރަށް ހަމައެކަނި މާކެޓަށް ނެރެގެނެއްވެސް ނޫން. ރަށްރަށް ނެރޭއިރު، ރަށްރަށް ބިނާކުރަން ބޭނުންވާ ފައިސާ ލިބޭނެ ގޮތްތަކެއް ހޯދައިދޭން ޖެހޭ އެބަ. އަޅުގަނޑުމެންގެ ތެރޭގައި، މި ރަށްރަށް ހެދުމަށްޓަކައި ބާރަ ޕަސެންޓް، ތޭރަ ޕަސެންޓްގައި ލޯނު ނަގައިގެން އަދިވެސް އެ ލޯނު ދެކޮޅުޖެއްސޭނެ ގޮތެއް ނެތިގެން އުޅުއްވާ އިންވެސްޓަރުން ތިއްބެވިކަންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެކަމަކު މިހާރު، މިހާރު މިދަނީ އަހަރެއްހާ ދުވަސް، ދުނިޔޭގެ ބާޒާރުގައިވެސް އަދި ރާއްޖޭގައިވެސް އިންޓްރެސްޓް ކޮސްޓް އެންމެ ކުޑަވެގެންދާ ދުވަސްކޮޅު. އަބަދަކު މިހެނެއް ނޯންނާނެ. މިހާރު މިއީ ފުރްޞަތު. މިހާރު މިއީ ފުރްޞަތު، ފައިސާހުރި ފަރާތްތަކަށް ނޫނީ ރަހުނުގައި ބަހައްޓާނެ މުދަލެއް ހުރި ފަރާތްތަކަށް ބޭންކް ލޯންތަކަށް ނަގައިގެން، މިދެންނެވި ކަހަލަ ޕްރޮޕަޓީ ތަރައްޤީ ކުރުމުގެ އެންމެ ރަނގަޅު ފުރްޞަތު މިހާރު މިއޮތީ އަޅުގަނޑުމެންގެ އަތްމަތީ.
 
އެހެންވީމާ، މިދުވަސްވަރާ ދިމާކޮށް އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ތެރޭގައި، ޓުއަރިޒަމް ކުރިއަށް ގެންދިޔުމަށްޓަކައި ކުރާ ކަންތައްތަކުގެ ތެރެއިން މިހާރުވެސް ސަރުކާރުން އިޢުލާނުކޮށްފައި އެއޮތީ އަދި އެއް ޕާޓީއަކާއެކީ ސީރިއަސް ނެގޯޝިއޭޝަންސް އެއޮތީ ނިމޭ ހިސާބުގައި. ނޫނީ ނިންމިފައި އެއޮތީ. ބޭރުންވިޔަސް އަދި އެތެރެއިން ވިޔަސް ހަތަރު ޕަސެންޓަށްވުރެން މަތީ ބޮޑު ނުވާ ޢަދަދަކަށް، ކޮސްޓް އޮފް ކެޕިޓަލް ހިމެނޭ ލޯނެއް ނަގާ ކަމަށްވަންޏާ، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޭނަމޭ. މިއީކީ މީގެކުރީގައި އެއްވެސް ސަރުކާރަކުން ކުރި ކަމެއް ނޫން. އެކަމަކު ޓުއަރިޒަމް ކުރިއަށް ގެންދިޔުމާއެކީ، ޕްރައިވެޓް އެންޓަރޕްރައިޒަށް އަޅުގަނޑުމެން ދޭ ސަމާލުކަން މިއީ. އަމިއްލަ ފަރާތްތަކުން މަސައްކަތް ކުރުމަށް، މި ސަރުކާރުން ޖާގަދޭނެ. އެއީ ބިދޭސީ ވިޔަސް، ބިދޭސީންނާ ގުޅިގެން ދިވެހިން ކަމުގައިވީނަމަވެސް، ނޫނިއްޔާ އިފުރު އިންވެސްޓްމަންޓްސް ކަހަލަ، ކޯސްޓްލައިން ކަހަލަ އަމިއްލަ ފަރާތްތައް، ސަތޭކައިންސަތޭކަ ދިވެހިން ހިމެނޭ ކުންފުނިތަކަށްވިނަމަވެސް، މިހުރިހާ ދޮރުތަކެއް މިވަނީ އަޅުގަނޑުމެން ހުޅުވާލާފައި. ބޭނުމަކަށްވަނީ މި ފުރްޞަތުތަކުގެ ބޭނުންހިފޭވަރުގެ ކެޕޭސިޓީ ހުރި ކުންފުނިތައް ކުރިއަށް ދިޔުމަށް އަޅުގަނޑުމެން ޖާގަދިނުން.
 
ހަމަމިޔާއެކީ މެދުފަންތީގެ ކުދި ވިޔަފާރިތަކަށް ހިންގާ މަޝްރޫޢުތައް، އިކޮނޮމިކް މިނިސްޓްރީން މިހާރުވެސް ހިންގަމުން އެ ގެންދަނީ. އަދި ހަމައެޔާއެކީ ބިދޭސީން، އަޅުގަނޑުމެން ދިވެހިން ޢާންމުކޮށް އާދައިގެ ވަޒީފާތަކުގައި އުޅޭ ކުދިކުދި މީހުންނަށް ކުރެވޭ އެތަކެއް ކަމެއް މިހާރު އެވަނީ ބިދޭސީންނަށް ނުކުރެވޭގޮތަށް މަނާވެސް ކުރެވިފައި. މިއީވެސް އަޅުގަނޑުމެން ކުރާ ތަޖުރިބާއެއް. މި ތަޖުރިބާ ކުރުމުން އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންނަށް އަތްފޯރާ އަގެއްގައި ދިވެހިން މިކަން ކުރާއިރުވެސް މީގެ ފައިދާ ލިބޭ ކަހަލަ ގޮތަކަށް ކުރުމުގެ ފުރްޞަތު. ޓުއަރިޒަމްގެ ދާއިރާއިން އަޅުގަނޑުމެން މިދެންނެވި ގޮތަށް ހަތަރު ޕަސެންޓަށްވުރެ އިންޓްރެސްޓް ކޮސްޓް ބޮޑުނުވާގޮތަށް ލޯނުނަގާ ފަރާތްތަކަށް ދައުލަތުން ސޮވްރިންގ ގެރެންޓީ ދޭން އެއޮތީ އަޅުގަނޑުމެން ނިންމާފައި. އިރާދަކުރެއްވިއްޔާ، ދައުލަތުގެ ފައިނޭންސަސް، ނޫނީ މާލިއްޔަތު މިހާރު ޖާގަދޭ އަޅުގަނޑުމެންނަށް މިކަން ކުރަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަން ކުރާނަން.
 
ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ތަރައްޤީ މި އަންނަނީ އަޅުގަނޑުމެންގެ ބޭންކްތައްވެސް، ބޭންކްތަކުގައިވެސް ދިރުން ހުރެގެން. ބޭންކްތަކުން އެބަޖެހޭ ފްރެޝް ކެޕިޓަލް، އެމީހުންގެ ކެޕިޓަލުން ނޫނިއްޔާ އިންޓަރ ބޭންކް ލެންޑިންގގެ ތެރެއިން ނަމަވެސް ރާއްޖެ ގެންނަން އެބަޖެހޭ. އެކަމަކު މިއަދަކު އެކަން ކުރާކަށް ބޭނުމެއްނުވޭ. އަޅުގަނޑުމެންނަށް އެކިކަހަލަ ބަހަނާ ދައްކާ. ބޭންކަބްލް ޕްރޮޖެކްޓެއް ގެންނާށޭ. ނޫނިއްޔާ ކޮލެޓްރެލްއެއް ގެންނާށޭ. އެކަމަކު ރާއްޖޭގައި ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޓުއަރިޒަމްގެ ޞިނާޢަތަކީ އަޅުގަނޑުމެންގެ މައި ޞިނާޢަތް. ޓުއަރިޒަމްގެ ޞިނާޢަތުގައި ރަށެއް ލިބިއްޖެ ކަމަށްވަންޏާ އެއީ، ހަމަ ގޯލްޑް މައިނެއް ކަހަލަ ތަނެއް. އެއީ، ބޭންކަބްލް ޕްރޮޖެކްޓަކަށްނުވެ ވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. އެކަމަކު އެކަމަކު މިއަދުވެސް މި ޞިނާޢަތަށްވެސް ލެންޑިންގ ފޯޓްޕޯލިއޯ މިއޮތީ ލިމިޓްކޮށްފައި. އޭގެ އެހެން މައްސަލަތަކެއް މިއުޅެނީ. ބޭންކްތަކުގައި ނުހިނގާ ތާށިވެފައި ހުރި އެތައް ބައިވަރު ބޮޑެތި ދަރަނި އެބަހުރި. ވިޔަފާރިވެރިންގެ ބޮޑެތި ދަރަނިތައް ބޭންކްތަކުގެ ތެރޭގައި ތާށިވެފައި އެބަހުރި. އެގޮތަށް ދަރަނިތައް ތާށިވެފައި ހުރެފައި އަދި އަޅުގަނޑުމެންގެ ޢަދުލު އިންޞާފުގެ ދާއިރާގެ ތެރެއިން އަވަސް ޙައްލެއް މިކަންކަމަށް ނާންނަކަމަށްވަންޏާ، ބޭންކްތައް ފްރެޝް ލެންޑިންގގައި ޖެހިލުންވާނެ. އަދި ހަމައެހެންމެ، އާ ބޭންކްތަކެއް ރާއްޖެއަށް އަންނަން ޖެހިލުންވާނެ. ރާއްޖޭގެ އިޤްތިޞާދަކީ ކުޑަކުޑަ އިޤްތިޞާދެއް. އެކަމަކު މުޅި ރާއްޖޭގެ ޓަރންއޯވަރަށް ބަލާކަމަށްވަންޏާ، ރާއްޖެއަކީ އެހާ ތަނަވަސްކަން ކުޑަ ޤައުމެކޭ މިއަދަކު ބުނެވޭކަށެއް ނެތް. އަދި އާބާދީ ބޮލަކަށް ނިސްބަތްވާ އަޅުގަނޑުމެންގެ ދައުލަތުގެ ކުރިއެރުން، ނޫނިއްޔާ ދައުލަތުގެ ރައުސްމާލު ބަހާލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަކީ މިހާރު އެހާ ފަޤީރު ޤައުމެކޭ ބުނެވޭކަށެއް ނެތް. އެހެން ނަމަވެސް، ވަސީލަތްތައް އަޅުގަނޑުމެންގެ ތެރޭގައި ލިމިޓަޑް. އެހެންވީމާ، އެ ނިސްބަތުން އަޅުގަނޑުމެން ބުނާކަމަށްވަންޏާ، އަޅުގަނޑުމެންނަކީ އަދިވެސް ހަމަ ކުރިއަށް ދިޔުމުގެ ޢަޒުމާއެކީ މަސައްކަތް ކުރަންޖެހޭ ބައެއް. އެއްގޮތަކަށްވެސް މިއަދު ދިވެހިރާއްޖެ މިއޮތް ޙާލަތުގައި، އިޙްސާސްގައި އުފާވެރިކަމާއެކީ މަސައްކަތް ނުކޮށް ތިބެވޭނެ ކަހަލަ ޙާލަތެއްގައި ތިބި ބައެއް ނޫން. ބޭންކްތަކުގައި ތާށިވެފައި އެހެރީ ދިވެހި ވިޔަފާރިވެރިންގެ، ނޫނީ ދިވެހި ވިޔަފާރިވެރިންނާ ގުޅުންހުރި ބޮޑެތި ލޯނުތައް.
 
އަޅުގަނޑު އިސް ފަނޑިޔާރުންނާ އަޅުގަނޑުގެ ސަރުކާރުގައި ދާދި އިހަކަށްދުވަހަކު ވާހަކަ ދައްކައިފިން. އަޅުގަނޑު ކަށަވަރުކަމެއް ހޯދަން ބޭނުންވަނީ، ޤާނޫނަށް އިޞްލާޙު ގެނެސްގެން ނަމަވެސް، ނޫނީ އެބޭފުޅުން ޢަމަލުކުރައްވާ އުޞޫލުތަކަށް ބަދަލުގެންނަވައިގެން ނަމަވެސް، ބޭންކްތަކާއި ފައިނޭންޝަލް އެހެން އިންސްޓިޓިއުޝަންތައް، މިސާލަކަށް ލީޒިންގ ކުންފުނި، ނޫނިއްޔާ އިންޝުއަރެންސް ކުންފުނި، ދެން ބޭންކްތައް. މިއީ، އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ފައިނޭންޝަލް އިންޓަރމީޑިއަރީޒް ގޮތުގައި ހުރި ތަންތަނަކީ. މިފަދަ ތަންތަނާއި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާ ހުންނަ މުޢާމަލާތްތަކަށް އެކަނި ޚާއްޞަކޮށްގެން، ހުރިހާ ދޭދޭ ވިޔަފާރިތަކާއި، ދޭދޭ ދަރަނިތަކެއް ނޫން. މިދެންނެވި ކަހަލަ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި ކުންފުނިތަކާ ދޭތެރޭގައި ހުންނަ ދަރަނި އެކަނި، މި މައްސަލަތައް އަޅުގަނޑަށް ނޫނިއްޔާ ދިވެހި ދައުލަތަށް ނިންމައިދެއްވާށޭ އަވަސްކަމާއެކީ. މިހާރު ކޯޓުތަކުގައި ހަރުލާ ހުރި މައްސަލަތައް އެބަހުރި. 4 އަހަރު، 5 އަހަރު، 7 އަހަރުން 10 އަހަރާ ހަމަޔަށް ގޮއްސަ ހުރި މައްސަލަތައް. މިހާ ބޮޑެތި ޢަދަދުގެ ފައިސާ، 7 އަހަރުވެގެންދާއިރު، ދާއިރާތަކުގެ ތެރޭގައި އެއަށް ވާއެއްނުވާއެއް ނޭނގި ހަރުލާކަމަށްވަންޏާ، ދިވެހިރާއްޖޭގެ އިންވެސްޓްމަންޓް ކްލައިމެޓަށް، ޤާނޫނަށް ކިތަންމެ ރަނގަޅު ބަދަލުތަކެއް ގެނަޔަސް، ކިތަންމެ ފަހިކޮށް އިންވެސްޓްމަންޓް އިންސެންޓިވް ދިން ކަމުގައިވީނަމަވެސް އަދި އަޅުގަނޑުމެން އަހަރަކު ތިންފަހަރު ދުނިޔޭގެ އެކި ހިސާބަށް ރޯޑް ޝޯތައް ޕްރެޒެންޓް ކުރަން ދިޔަކަމުގައިވީނަމަވެސް، އޭގެ ނަތީޖާއެއް ނުލިބޭނެ. ނަތީޖާ ލިބޭނީ ޢަމަލީގޮތުން ދިމާވާ ކަންކަން ޙައްލުކުރަން ސަރުކާރާއި ދައުލަތުން ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށްވަންޏާ.
 
އެހެންވީމާ، މިހާރު އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް މިއަދު އިޢުލާނު ކުރަން ބޭނުންވޭ، ފަނޑިޔާރުން މިހާރު އެ މަސައްކަތް ކޮށްދެއްވަނީ، ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިމުމާއި އަދި އިސްތިޢުނާފްގެ ދެ މަރްޙަލާއަކީ، ޖުމްލަ 3 ކޯޓުގެ މައްސަލަ، މިދެންނެވި މުޢާމަލާތްތަކަށް، 6 މަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް. މިއީ، ޝައްކެއްވެސްނެތްގޮތުގައި، ބޭންކިންގ ސެކްޓަރަށް، އަދި ފައިނޭންޝަލް އިންޓަރމީޑިއަރީޒަށް ދިވެހިރާއްޖޭގެ ވިޔަފާރި، ބޭންކުން ލޯނުނަގާ ފަރާތްތަކަށް ލިބޭނެ ހަމަ ވަރަށް ރަނގަޅު މެސެޖަކަށް ވެގެންދާނެ. ދުނިޔޭގެ އެއްވެސް ތަނެއްގައި މިކަން މިހާ ކުރު މުއްދަތެއްގައި ނުކުރެވޭނެ. ކޯޓަކަށް މަދަނީ މައްސަލައެއް ވަދެގެން ނޫނިއްޔާ ފައިސާގެ މައްސަލައެއް ވަދެގެން، ސިވިލް ކޯޓުން ނިންމާފައި، ނޫނީ މަރކެންޓައިލް ކޯޓަކުން ނިންމާފައި، އިސްތިޢުނާފުގެ ފުރަތަމަ މަރްޙަލާ ނިންމާފައި އަދި ސުޕްރީމް ކޯޓުން މަރްޙަލާ ނިމިގެން، 6 މަސްދުވަހުގެ ތެރޭގައި މުޅި ހުރިހާ މައްސަލައެއް ނިމިގެން، އެޔަށް ޙައްލެއް އައިސް، ފައިސާ ދައްކާނެ ގޮތްތަކެއް ކަނޑައަޅައި ދެވޭކަމަށްވަންޏާ، އަނެއްކާވެސް މި، އިރާދަކުރެއްވިއްޔާ މިކަން ވެއްޖެ ކަމަށްވަންޏާ، ހަމަ އަޅުގަނޑުމެންގެ ސަރުކާރުން އެޗީވް ކުރާނެ މައިލް ސްޓޯނެއް. އަދި މީގެ ނަތީޖާ ފެނިގެންދާނީ ޓުއަރިޒަމް ސެކްޓަރަށް. މީގެ ނަތީޖާ ހެޔޮގޮތުގައި ފެނިގެންދާނީ ޓުއަރިޒަމް ސެކްޓަރަށް. އެއީ، ދެން މިހިސާބުން ބޭންކްތަކުން ޖެހިލުމެއް ނުވާނެ، އާ ލެންޑިންގއަށް ދާކަށް. ބޭންކްތަކުން ޖެހިލުމެއްނުވާނެ، ބޭރުން އާ ކެޕިޓަލް ގެންނާކަށެއް. އޭގެ ޒާތުގައި އިތުރު ބޭންކްތަކާއި އިތުރު ފައިނޭންސިންގ ނޫނިއްޔާ އިތުރު ފައިނޭންޝަލް އިންޓަރމީޑިއަރީޒް ރާއްޖެއަށް އައިސް ޙަރަކާތްތެރިވާން ޖެހިލުމެއްނުވާނެ.
 
އެހެންވީމާ، މިއީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް. މިއަހަރުގެ ތެރޭގައި މިކަންވާނެ. އަޅުގަނޑު ގަބޫލުކުރާހިތްވަނީ، އަޅުގަނޑަށް ލިބިފައި އޮތް އުންމީދެއްގެ މައްޗަށް މި ދަންނަވަނީ، މިހާރު ބޭންކްތަކުގައި މިދެންނެވި ގޮތަށް ނުހިނގާ ހުރި ބޮޑެތި މައްސަލަތައް، މިއަހަރުގެ ނިޔަލަށް، މި ކުރިއަށް އޮތް 6 މަސް، 7 މަސްދުވަހުގެ ނިޔަލަށް ހުރި ހުރިހާ މައްސަލައެއް ނިމިގެންދާނެ. އެއީ، އިސްތިޢުފާނުގެ އެންމެފަހުގެ މަރްޙަލާޔާ ހަމައިން. އެހެންވީމާ، މިއަދު މި ޙަފްލާގައި ވާހަކަ ދައްކާއިރު ހަމަ ތިޔަބޭފުޅުންނަށް އުފާވެރިކަމާއެކީ، ޚާއްޞަކޮށް، ކެޕިޓަލިސްޓުންނަށް، ފައިސާ ގެންގުޅުއްވާ ބޭފުޅުންނަށް ހަމަ ދެވޭ އުފާވެރި މެސެޖެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން.
 
އަޅުގަނޑުގެ ވާހަކަ މިހާރުވެސް ދިގުވެއްޖެ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރ. އަތޮޅަށް އައިސް ވާހަކަ ދައްކާއިރު އަދި ސިޔާސީ މީހެއްގެ ގޮތުގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހަނދާކަށް ގެންނަންޖެހޭ ކަމެއް އެބައޮތޭ. ރ. އަތޮޅަކަށް އަދި ރާއްޖޭގެ އެހެން އަތޮޅަކަށްވެސް އަޅުގަނޑަކަށް އަދި މާގިނަގިނައެއްކޮށް ދަތުރެއް ނުކުރެވެޔޭ. އެހެން ނަމަވެސް، މިނިވަން 50ގެ އިޙްތިފާލުތައް ނިންމާލައި، ޖުލައި 26 ނިންމާފައި، އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަތޮޅުގެ ދަތުރުތައް ފަށަން މިއުޅެނީ. އޭގެކުރިން ސަރުކާރުގައި އަޅުގަނޑު ހަމަ މޭޒު ކައިރީގައި އިންނަން މިޖެހެނީ، އަޅުގަނޑުމެންގެ ސްޕީޑްގައި އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް އަވަސްކަމާއެކީ ނިންމަން. އަޅުގަނޑަށް ގަބޫލުކުރެވޭ، އީ.ވައި.ސީ އާއި އަދި ސޯޝަލް ކައުންސިލްގެ ތެރެއިން ވަރަށްގިނަ މަސައްކަތްތަކެއް، ވަރަށް ހަލުއިކަމާއެކީ އެބަ ނިންމަވައިދެއްވާ. އޭގެ ނަތީޖާވެސް ރަނގަޅު. ނަތީޖާތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންގެ މޭޒަށް މައްސަލައެއް އައިސް، ތިންމަސް ދުވަސް ވަންދެން ހަދާނެގޮތެއް ނެތިފައި އަޅުގަނޑުމެންގެ މޭޒަކު އެއްވެސް މައްސަލައެއް ނުބާއްވަން. އަޅުގަނޑުމެން ބޭނުމެއް ނޫން ބާއްވާކަށް. އެހެންވީމާ، އޭގެ ނަތީޖާތައް އަޅުގަނޑަށް ފެނޭ.
 
އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތުގައި، ސަރުކާރަށް ތާއީދު ކުރައްވާ ޕީ.ޕީ.އެމް.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމް.ޑީ.އޭ.ގެ މެންބަރުން އަޅުގަނޑުމެންނަށް ވަރަށް އެހީތެރިކަމާއި އެއްބާރުލުން އެބަ ދެއްވާ. އަޅުގަނޑުމެން މި ފޮނުވާ ބިލްތަކަކީ އަޅުގަނޑުމެން މިދެންނެވި ކަހަލަ އަމާޒަކަށް ދާން ބޭނުންވާ އަޅުގަނޑުމެންވެސް ފެންބޮވައިގެންފައި ހުރި ކަންތައްތަކެއް އެބަހުރި. އަމާޒަށް ދާން ބޭނުންވާ ކަންތައްތަކެއް. މީގެތެރޭގައި، ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރާ މައްސަލަތައް ހުންނާނީ. މީގެތެރޭގައި ރައްޔިތުންނަށް ގެއްލުންވާ ކަންކަމެއް ނުހުންނާނެ. އެހެންވީމާ، މި މަސައްކަތްތައް އަވަސްކޮށްދިނުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހަމަ ވަރަށްބޮޑު އެއްބާރުލުމެއް ދެއްވާ.
 
ރ. އަތޮޅަށް އައިސް އަޅުގަނޑު މިވާހަކަ ދައްކާއިރު ހަމަ އަޅުގަނޑު އަދާކުރަންޖެހޭ ޖިޒީއެއް އެބައޮތް. އަދާކުރަންޖެހޭ ކަމެއް އެބައޮތް. ރ. އަތޮޅަކީ އަޅުގަނޑުމެންގެ އަޚު އަފްރާޝީމްގެ އަތޮޅު. ރ. އަތޮޅަކީ އަޅުގަނޑުގެ އަޚު އަފްރާޝީމްގެ އަތޮޅު. އަފްރާޝީމް މިވަނީ ވަރަށް ރަޙުމްކުޑަ ގޮތަކަށް، ވަރަށް އިހާނާތްތެރިކޮށް މަރާލާފައި މިވަނީ. ޝަހީދުކޮށްލާފައި މިވަނީ. އަޅުގަނޑުމެންނަށް އެ މޮޅިވެރިކަން މިއަދުވެސް ހަމަ އެކަމާ ގުޅިގެން އެބަވޭ. ދެން  މި ސުވާލުގެ ޖަވާބުވެސް އަޅުގަނޑު އަރުވާނަން. ވަރަށް ބޮޑެތި ބަދުނާމުތައް އަޅުގަނޑުގެ ބޮލުގައި އަޅުވަމުން އެބަދޭ. އެމީހުންނަށް ޙައްޤު ޖަޒާ، މި ސަރުކާރުން ހަމަ ލިބިގެންވެސްދާނެ. މި އިލްޒާމްތައް އަޅުވާ ފަރާތްތަކާ ދޭތެރޭގައި އަޅުގަނޑު މިހާރު ޤަޞްދުކުރަނީ ދަޢުވާ އުފުލަން. އަބުރުގެ ދަޢުވާއެއް ނޫން. ހަމަ ޖިނާއީ ދަޢުވާ އުފުލަން. އެ ދަޢުވާތައް ހިނގާނެ. ޝައިޚު ޢިމްރާނުގެ މައްޗަށް މި ދަޢުވާ އަޅުގަނޑު ކުރާނަން. ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް މިހާރު ގަބޫލުކުރައްވާ، މިވަރުގެ ބޮޑު ފިތުނައަކާއި، މިވަރުގެ ބޮޑު ޖަރީމާއެއްގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އެޅުވީމަ، އެ ދަޢުވާ ކުރަންޖެހޭނެ ކަމަށް ގަބޫލުކުރޭ. މި ދަޢުވާ އަޅުގަނޑުމެން ކުރާނަން.
 
 އަޅުގަނޑު އަޑުއަހާލަން ބޭނުންވަނީ، ދިވެހި ރައްޔިތުންވެސް އަޑުއަހާލަން ބޭނުންވަނީ، އެބޭބޭފުޅުން ދިފާޢުގެ ސްޓޭންޑަށް އަރާވަޑައިގެން ދައްކަވާ ވާހަކަ އަޅުގަނޑުމެން އަޑުއަހާލަން ބޭނުންވޭ. އެއީ ދައުލަތުން މިހާތަނަށް މައްސަލަތައް އުފުލާފައި ހުރި ބޮޑެތި ފަރާތްތަކުން ދިފާޢުގެ ސްޓޭންޑަށް ކޯޓުގައި އެރީމަކާ ދައްކާނެ ވާހަކައެއް ނެތް. މިހާތަނަށް މީހަކަށް ލިބިފައި އޮތް އަދަބެއް ވެއްޖިއްޔާ ލިބިފައި މިއޮތީ ހަމަ ޝަރްޢީ މަރްޙަލާގެ ތެރެއިން. މި ރައީސް ކުރާ ކަމަކީ، ޝަރްޢީ މަރްޙަލާއަށް އަންނަ ޙުކުމެއް ހަމައެކަނި ތަންފީޛުކުރާކަން. މި ރައީސް ތަންފީޛު ކުރާނެ. އެކަމަކު ކޮންމެ މައްސަލައެއް ނިމިގެންދާނީ ކޯޓުން. މި ރައީސެއް ސިފައިން ފޮނުވައިގެން މީހުން ހައްޔަރެއް ނުކުރާނެ. ފުލުހުން ފޮނުވައިގެން، މީހުން ނިދާފައި ތިއްބާ ގެޔަކުންނެއް ނުނަގާނެ. މި ރައީސް ކުރާކަމެއް ކުރާނީ، މި ސަރުކާރުން ކުރާނެ ކަމެއް ކުރާނީ ޤާނޫނުގެ އިމުގެ ތެރެއިން. އެހެން ނަމަވެސް، ޤާނޫނާ ޚިލާފަށް މި ހިނގާ ކަންކަމުގެ ފުރިހަމަ ޒިންމާ، އެކަންކަން އުފުލާ ފަރާތްތަކުން، އެކަންކަން ކުރާ ފަރާތްތަކުން، މިއަދުގެ ސަރުކާރު އޮތްހާ ހިނދަކު، އޭގެ ޒިންމާ، ނޫނީ އޭގެ އެކައުންޓެބިލިޓީ އުފުލަންޖެހޭނެ. އެހެންވީމާ، މި ދަޢުވާތައް އަޅުގަނޑު ކުރާނަން. މި ދަޢުވާތައް އިރާދަކުރެއްވިއްޔާ ހިނގާނެ.
 
ދެން އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަފްރާޝީމް އެހާ އަނިޔާވެރި ގޮތެއްގައި މިވަނީ އަވަހާރަކޮށްލާފައި. އަފްރާޝީމަކީ ހަމައެކަނި ދީނީ ޢިލްމުވެރިއެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި ވަރަށް ޚިދްމަތްތެރި ދީނީ ޢިލްމުވެރިއެއް. ހަމައެޔާއެކީ އަފްރާޝީމަކީ އަޅުގަނޑުމެންގެ އަޚެއް. އަޅުގަނޑުމެންގެ ރައްޓެއްސެއް. އަދި ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގައި އިންނަވައިގެން ރައްޔިތުންނަށް އިޚްލާޞްތެރި އެދެވޭ ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ، އަފްރާޝީމްގެ ހަނދާނުގައި، އަފްރާޝީމްގެ ޛިކުރާ އާކުރުމުގެ ގޮތުން، މި ސަރުކާރުން އަޅުގަނޑު ނިންމައިފިން، އިސްލާމިކް ބިނާއެއް، އިސްލާމީ މަރްކަޒެއް އުނގޫފާރުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރު ނިމުމުގެ ކުރިން ޤާއިމުކުރާނަން. އަޅުގަނޑު އެދެނީ އަފްރާޝީމަށް މާތްﷲގެ ތަނަވަސް ނިޢުމަތް ސުވަރުގޭގައި މިންވަރު ކުރެއްވުން. އަދި ޢާއިލާއަށް ކެތްތެރިކަމާއި އަދި ޢާއިލާގެ ވިސްނުން މަގުން ކައްސާލައިގެންދާ ކަމަށްވަންޏާ، މިކަންކަމުގައި ﷲ އެމީހުންނަށް ހެޔޮމަގު ދެއްކެވުން. އަދި ރ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު އެދެނީ އުފާފާގަތިކަން. ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެދެނީ، މިއަދަށްވުރެ ފެހި މާދަމައެއް. އާދެ، އުފާވެރި، އަޅުގަނޑުމެން ހަމަޖެހޭ ދިވެހި މުސްތަޤްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ދަރުމައާއި ތައުފީޤު މިންވަރު ކުރައްވާށި!
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه