ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏މާޅޮސްމަޑުލު އުތުރުބުރީ ‏އިފުރު އެއަރޕޯޓް، ‏‏މިއަދު ހެނދުނު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އިފުރު އެއަރޕޯޓް ހުޅުވިގެންދިޔައީ، އެއަރޕޯޓްގެ ‏‏ނަންބޯޑުގެ ފަރުދާ ރައީސުލްޖުމްހޫރިއްޔާ ކައްސަވާލަދެއްވުމުންނެވެ.‏

‏އިފުރު އެއަރޕޯޓް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ‏ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްކެވި ވާހަކަފުޅުގައި، ‏އިފުރު އެއަރޕޯޓް ހުޅުވިގެންދިޔުމާއެކީ، ރ. އަތޮޅަށް އިތުރު ‏‏އާރޯކަމެއް ‏‏އަންނާނެކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި، ރ. އަތޮޅަކީ ‏ރާއްޖޭގެ ނިސްބަތުން އާބާދީގެ ‏‏ތިންވަނަ އަތޮޅުކަން ފާހަގަކުރައްވަމުން، އެއަތޮޅަކީ އެއްވެސް ގޮތެއްގައި ސަރުކާރުގެ ވިސްނުމުގެ ޗާޓުން ‏‏‏އުނިވެގެންދާނެ އަތޮޅެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ޒުވާނުންގެ އަތްމަތި ތަނަވަސްކުރުމާއި، ގެދޮރުވެރިކަން އިތުރުކޮށްދިނުމާއި އަދި ‏‏ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކޮށްދެއްވުމަކީ މިސަރުކާރުގެ އެންމެ އިސް އެއް އަމާޒުކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ. ‏މިގޮތުން، މިސަރުކާރުގެ ދައުރު ނިމިގެންދާއިރު، ‏‏ އިފުރު އެއަރޕޯޓާއި، އިފުރު އިންވެސްޓްމަންޓުގެ ފަރާތުން ބިނާކުރާ ސިޓީހޮޓަލުގެ އިތުރުން، ސަރުކާރުން ‏‏ރ. އަތޮޅުގައި ހަދަން ރާއްވަވާފައިވާ ފަނަރަވަރަކަށް ރިޒޯޓުން، ރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި ‏‏‏ނެތްވަރަށް ވަޒީފާގެ ފުރްޞަތުތައް ރ.އަތޮޅުގައި އިތުރުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ.‏

‏މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރާއްޖޭގެ ‏‏އިޤްތިޞާދުގެ މައި ބަދަޔަކީ ޓުއަރިޒަމް ކަމުގައި ވިދާޅުވެ، ޤައުމުގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ ހުރިހާ ‏‏ފުރްޞަތެއް ސީދާކޮށް ނުވަތަ ‏‏ނުސީދާކޮށް‏ ގުޅިފައިވަނީ ޓުއަރިޒަމްގެ ‏ޞިނާޢަ‏ތާކަން ފާހަގަކުރެއްވިއެވެ. ‏‏މިގޮތުން ‏ޓުއަރިޒަމްގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ‏‏މަސައްކަތްޕުޅުތަކުގެ ތެރޭގައި، ޓުއަރިޒަމްގެ ތަފާތު ޕްރޮޑަކްޓްތަކެއް ރާއްޖޭގެ މި ޞިނާޢަތަށް ތަޢާރުފް ‏‏ކުރުމަށް ‏‏އިޢުލާނު ކުރެވި،‏ މެދުފަންތީގެ ކުދި ވިޔަފާރިވެރިންނަށް ވެސް ޓުއަރިޒަމް ޞިނާޢަތުގައި ‏‏ބައިވެރިވެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ އިތުރުން، ‏ޓުއަރިޒަމްގެ ދާއިރާގެ މިހާރު ނުހިނގާހުރި ރަށްރަށް ‏‏ނެގުމަށް ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ‏
‏ ‏
‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް ‏‏ތަރައްޤީކުރެއްވުމަށް އައިލެންޑް އޭވިއޭޝަނުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކުގެ މައްޗަށް ‏‏އަލިއަޅުއްވައިލައްވަމުން، އެކުންފުންޏަކީ ހަމައެކަނި އިޤްތިޞާދީ ފައިދާހޯދުމުގެ އިތުރުން އިޖްތިމާޢީ ‏‏ޒިންމާތަކެއްވެސް އަދާކުރާ ކުންފުންޏެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ބަލިމީހުން އުފުލުމާއި، ‏‏އަތްފޯރާފަށުގައި ޓިކެޓްގެ އަގު ބަހައްޓައިގެން ދަތުރުފަތުރުކޮށްދިނުމާއި، ‏‏ރައްޔިތުން އެއްތަނުން އަނެއް ‏‏ތަނަށް އުފުލައިދިނުމާއި، މާލެއާއި ރާއްޖޭގެ އެކި ހިސާބުތައް ގުޅުވާލަދިނުން އެއީ އައިލެންޑް ‏‏އޭވިއޭޝަނުން ރައްޔިތުންނަށްޓަކައި އަދާކުރާ ‏އިޚްލާޞްތެރި ‏ޒިންމާތަކެއްކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ. ‏ މީގެއިތުރަށް، ސަރުކާރުގެ ފަރާތުން އައިލެންޑް އޭވިއޭޝަނަށް ދޭންވާ ހުރިހާ ‏‏ސަޕޯޓެއްދީގެން، އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް، ވަރުގަދަ ސެކްޓަރަކަށް ހަދަން ‏‏މަސައްކަތްކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.‏

‏"އައިލެންޑް އޭވިއޭޝަނުން މިއަދު ކުރަންޖެހޭ ކަމަކީ، އައިލެންޑް އޭވިއޭޝަންގެ ފިޔަތައް ‏‏މިއަށްވުރެ ފުޅާކުރަންވީ. އުދުހުން މިއަށްވުރެ ހަލުއިކުރަންވީ. މިއަށްވުރެ ދުރު ރާސްތާތަކަށް ‏‏ދަތުރުކުރަންވީ." ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.‏

‏މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2012 ވަނަ އަހަރު ‏‏އަނިޔާވެރިގޮތަކަށް މަރާލެވުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ ‏ ހަނދާނުގައި، ‏‏އެމަނިކުފާނުގެ ޛިކުރާ އާކުރުމުގެ ގޮތުން، ރ. އުންގޫފާރުގައި އިސްލާމީ މަރްކަޒެއް ބިނާކުރުމަށް ‏‏ސަރުކާރުން ނިންމަވާފައިވާކަމުގައި ޢިއުލާނުކުރެއްވިއެވެ.‏
‏ ‏
‏ އިފުރު އެއަރޕޯޓު ހުޅުއްވައިދެއްވުމަށް މިއަދު ބޭއްވުނު ރަސްމިޔއްޔާތުގައި، ރ. އަތޮޅު ‏‏ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް އެރުވިއެވެ.‏