‏މުޅި ދިވެހި ދައުލަތުގެ ޝަރަފާއި ޢިއްޒަތާއި، އަބުރާއި ‏‏ކަރާމާތް ދެމިއޮންނަނީ ‏ދިވެހި ‏‏ޢަސްކަރިއްޔާއިން ކުރާ ހިތްވަރެއްގެ ‏‏މައްޗަށް ކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް ‏ވިދާޅުވެއްޖެ‏އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ‏‏ޑިފެންސް ފޯސްގެ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަންގެ ފަރާތުން ‏‏ހިންގި 61 ވަނަ އަސާސީ ތަމްރީން ކޯހުގެ ބައިވެރިން، ސިފައިންގެ ހުވާ ކުރުމާއި ބަޑި ‏‏ހަވާލުކުރުމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

މި ރަސްމިއްޔާތުގައި އަލަށް ހުވާކުރި ސިފައިންނާއި މުޚާތަބުކޮށް ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަސްކަރިއްޔާއަށް ޚިދުމަތްކުރުމަށްވުރެ ‏މަތިވެރި ‏‏ވަރުގަދަ މަސައްކަތެއް، ޤުރްބާނީއެއް ނުވަތަ ޝަރަފްވެރި މަޤާމެއްވެސް ދިވެހި ދައުލަތަކު ‏‏ނޯންނާނެ ‏‏ކަމުގައި ފާހަގަކުރެއްވިއެވެ. ‏އަދި ސިފައިންގެ ޚިދުމަތާ ގުޅެނީ، ‏‏ދިވެހި ‏ދައުލަތް ދިފާޢުކުރުމަށާއި، ‏‏ޙިމާޔަތް ‏‏ކުރުމަށާއި، އިސްލާމްދީން ނެގެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ‏‏ޤާނޫނުއަސާސީ ދެމެހެއްޓުމުގެ ‏‏އިތުރުން، ޤާނޫނީ ‏‏ސަރުކާރަށް ރައްކާތެރިކަން ދިނުމަށް ކަމުގައި ބަޔާންކުރެއްވިއެވެ. މީގެއިތުރުން، ‏‏ބޭރުން އަތުވެދާނެ އެއްވެސް ނުފޫޒެއްގެ ސަބަބުން ހިތްތަކާއި ‏‏ނަފްސުތައް ހަލާކުވެދިޔުމަށް ޖާގަ ‏‏ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ދިވެހި ދައުލަތް މިއަދު ދިފާޢުކުރަން ‏‏ޖެހިފައި މިވަނީ، ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި، ޢަދާވާތްތެރިންގެ ފަރާތުން ނޫންކަމަށާއި، ‏‏އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ސިޔާސީ ‏‏ހަލަބޮލިކަމުގެ ތެރެއިންވެސް ދިވެހި ޤައުމު މިއަދު ‏‏ދިފާޢުކުރަން ޖެހިފައިވާ ކަމުގައި ބަޔާންކުރެއްވިއެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ‏‏ގެންދަވަމުން، ދިވެހި ސިފައިންނަކީ ޤާނޫނީ ހުވާގެ މަތީގައި ދެމިތިބޭ، ‏‏ސަފުތައް ބަދަހިކުރުމަށް ‏‏މަސައްކަތްކުރާ، ދިވެހި ދަޢުލަތަކަށް ދިމާވާ ‏‏ކޮންމެ ނުރައްކަލަކަށް ކުރިމަތިލާން ކެރޭ ބަޔަކަށް ވާން ‏‏ޖެހޭކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ދިވެހި ސިފައިންނަކީ ދިވެހި ‏‏ދައުލަތް ޙިމާޔަތް ކުރުމުގައި، ‏‏ދެވަނަ ފުރުޞަތަކަށް ސުވާލު އުފެއްދުމަށް ‏‏ޖާގަދޭ ބަޔަކަށް ވެގެން ނުވާނެކަމަށާއި، ‏‏އަމާނާތްތެރިކަމާއެކީ‏ ‏އޯޑަރުތަކަށް ތަބާވާ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.‏

މި ރަސްމިއްޔާތުގައި ތަމްރީން ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ހުވާ ‏‏ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މި ރަސްމިއްޔާތުގައި ‏‏މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ރޓ) މޫސާ ޢަލީ ޖަލީލާއި، ‏‏ޗީފް އޮފް ‏‏ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ސިފައިންގެ އިސްވެރިން ވެސް ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏