‏އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޖޭމްސް ޑޫރިޝް، ‏‏އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު ‏‏އަރުއްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ‏އިނގިރޭސިވިލާތުގެ ‏އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ‏‏ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. ‏އަދި ‏އިނގިރޭސިވިލާތާ ‏ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ‏‏އިނގިރޭސިވިލާތުގެ ‏‏އާސަފީރުގެ ދައުރުގައި ‏‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏އިނގިރޭސިވިލާތުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ‏‏ކަންކަމުގައި، ‏‏‏އެޤައުމުގެ ‏‏ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ‏‏ދެއްވަމުން ‏‏‏ގެންދަވާނެ ކަމުގައި ‏‏ވިދާޅުވިއެވެ.‏

‏‏ މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏