‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޖަޕާން ސަރުކާރުން ރާއްޖެއަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ‏މިސްޓަރ ނޮބްހީޓޯ ‏‏ހޯބޯ ‏‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ‏‏ޖަޕާނާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ‏މިސްޓަރ ނޮބްހީޓޯ ‏‏ހޯބޯ ‏‏‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ‏

‏މިބައްދަލުވުމުގައި، ‏ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏‏މިގުޅުން އެކި ދާއިރާތަކުގައި އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ‏‏ޚާއްޞަކޮށް ‏ރާއްޖެއާ ޖަޕާނާ ދެމެދު މި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ރާއްޖޭގައި ‏‏ޖަޕާނުގެ އެމްބަސީއެއް ‏‏ހުޅުވުމުގެ ބޭނުންތެރިކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ‏‏ބައްލަވާލެއްވިއެވެ.‏

‏ޖަޕާން ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ‏‏‏ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ‏‏‏ކަމުގައި ވިދާޅުވިއެވެ.‏ ‏އަދި ޖަޕާން ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި ‏‏އެއްބާރުލެއްވުން ‏‏ދެއްވާނެކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން ‏‏އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ‏‏ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏ ‏