ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި، ދެޤައުމުގެ މަސްލަޙަތަށް އިސްކަން ދީގެން، އިޙްތިރާމާއެކު ކުރިއަށްދިއުމަށް ޕާކިސްތާނުން ތައްޔާރަށްއޮތް ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙަންމަދު ނަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތްތާނގައި ފުޅާވެގެންދާއިރު، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާތަކަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު އޮތް ވިޔަފާރީގެ ގުޅުން ކުރިއަށް އޮތްތާނގައި ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ޚިޔާލު ބަދަލުކޮށްލެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ ރަމްޒެއްކަން ފާހަގަކުރައްވަމުން، އެއިމާރާތް އިތުރަށް ތަރައްޤީކުރުމަށްޓަކައި ތިން މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދެއްވުމަށް ނިންމަވާފައިވާ ކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މާލެއަށް ކުރިމަތިވި ފެން ނުލިބުމުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ހުޅުއްވާފައިވާ ފަންޑަށް 1.2 މިލިޔަން އެމެރިކާ ޑޮލަރު ދެއްވަން ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ދިފާޢީ ދާއިރާއިން މިހާރު ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީ ދެގުނައަށް އިތުރުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ.

އިސްލާމްއާބާދުގައި ހުންނަ ޕްރައިމް މިނިސްޓަރސް ހައުސްގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، މުސްލިމް ދެ ޤައުމުގެ ގޮތުންނާއި، ސާކްގެ އަވަށްޓެރިންގެ ގޮތުން ރާއްޖެއިން އަބަދުވެސް ޕާކިސްތާނާއެކު ޚާއްޞަ ގުޅުމެއް ބާއްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހުންނަކަން ފާހަގަ ކުރައްވައި، ވިޔަފާރިއާއި އިޤްތިޞާދުގެ ރޮނގުން ޕާކިސްތާނުން ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެކުނު އޭޝީޔާ ސަރަޙައްދުގެ ކުރިއެރުމަށްޓަކައި ޕާކިސްތާނުން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ސަރަޙައްދީ މައިދާންތަކުގަޔާއި، ބައިނަލްއަޤްވާމީ އެކިއެކި މައިދާންތަކުގައި ރާއްޖެއާއި ޕާކިސްތާނުން އެއްޤައުމު އަނެއް ޤައުމަށް ދޭ އެއްބާރުލުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި ޕާކިސްތާނާ އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ރަނގަޅުވުމުގެ ސަބަބުން މުޅި ސާކް ޢާއިލާއަށް އެކަމުގެ ފައިދާ ކުރާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުން ރާއްޖެއަށް އަބަދުވެސް ދެމުން ގެންދާ ދީލަތި އެހީތެރިކަމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޚާރިޖީ ދާއިރާއާއި ދިފާއީ ދާއިރާގެ ތަރައްޤީއަށްޓަކައި ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، 2004 ވަނަ އަހަރު ކުރިވަތިވި ސުނާމީ ކާރިޘާގައި ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ޕާކިސްތާނުން ފޯރުކޮށްދިން އަވަސް އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ރާއްޖޭގައި ކުރިއަށްދާ މިނިވަން ފަންސާސް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ދައުވަތު އެރުވިއެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް، އެމަނިކުފާނު މީގެ ކުރިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ހަނދުމަފުޅު އާކުރައްވަމުން، މި ދައުވަތު ޤަބޫލުފުޅު ކުރެއްވިއެވެ.