‏ ‏ޕާކިސްތާނަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ‏‏އާ ‏‏އުސްމިންތަކަކަށް ‏‏ގެންދެވޭނެކަމަށް ‏ޔަޤީންކުރައްވާކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް ‏‏ވިދާޅުވެއްޖެއެވެ. ‏ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ‏‏ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުތަކުގެ ތަފްޞީލު މީޑިއާއާ ޙިއްޞާ ކުރައްވައި ‏‏‏ވާހަކަފުޅު ދައްކަވަމުންނެވެ.‏
‏ ‏
‏ރަސްމީ ވާހަކަފުޅުތައް ބޭއްވެވީ، ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުގައި މިއަދު ‏‏މެންދުރުފަހުގައެވެ. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގެ ވެރިއަކީ، ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.‏ ޕާކިސްތާނުގެ ވަފުދުގެ ވެރިއަކީ ‏‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ‏‏ނަވާޒް ޝަރީފެވެ. ‏

‏މީޑިއާއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނަކީ ‏‏ރާއްޖެއަށް ލިބޭ ކާމިޔާބީއާއި ހިތާމައިގެ ދަނޑިވަޅުތަކުގައިވެސް ‏‏ރާއްޖެއާއެކު ދެމިއޮތްކަން ‏‏‏ސާބިތުކޮށްދީފައިވާ ވަރަށް ވަފާވެރި ‏‏ރަޙުމަތްތެރިއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މިގޮތުން، ‏‏ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދިޔަ ‏‏މަސައްކަތުގައި ޕާކިސްތާން ސަރުކާރުގެ ފަރާތުން ލިބިވަޑައިގެންނެވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ‏‏ޕާކިސްތާން ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުން ޤަބޫލުކުރާ ‏‏މިންގަނޑުތަކުގެ އެއްގޮތްކަމުންނާއި، ‏ޞަރަޙައްދީ‏ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް ‏‏ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ‏‏އުފެދިފައިވާ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް ‏‏ވިދާޅުވިއެވެ.‏

‏މީގެއިތުރަށް، މިއަދު ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ‏‏ނަވާޒް ޝަރީފާ ‏‏ބައްދަލުކުރައްވައި ‏ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުން ކުރެއްވެވި ‏‏މަޝްވަރާތަކާއި، އަދި ‏‏ދެޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުތަކަކީ ވަރަށް ކާމިޔާބު ‏‏ބައްދަލުވުންތަކެއްގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ‏‏ކުރިއަށް ގެންދަވަމުން، ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ‏‏‏ދެކޮޅަށް ‏‏މަސައްކަތްކުރުމުގެ ރޮނގުން ‏ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ‏‏ގޮތުން މިއަދު 4 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާނެކަމުގައިވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖެއަށް މިނިވަންކަން ‏‏ލިބުނުތާ 50 އަހަރު ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ‏‏ބޮޑުވަޒީރު ނަވާޒު ޝަރީފަށް ދަޢުވަތުއެރުވިއެވެ.‏