‏މިނިވަން ނޫސްވެރިކަމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ދިރުވާ ‏‏އާލާކޮށް ‏‏ތަރައްޤީކުރުމުގައި ‏‏ވަރަށް މުހިންމު ރަން ދައުރެއް އަދާކޮށްފައިވާ ‏‏ނިޒާމެއްކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ‏‏ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް މީޑިއާ ‏‏ކައުންސިލުން މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏

މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ‏މިނިވަން ‏‏ކަމާއެކު ނޫސްވެރިކަން ކުރުމާއި، މުޢާސަލާތްތައް ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތުތައް ‏‏‏ފޯރުކޮށްދިނުމާއި، މަޢުލޫމާތު ހޯދާ ލިބިގަތުމަކީ މިއަދު ދިވެހިރާއްޖޭގެ ދުސްތޫރުގައި ‏‏ބިންވަޅު ‏‏ނެގިފައިވާ އަސާސީ ހައްޤެއްކަމުގައި ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ‏‏ކުރިއަށްގެންދަވަމުން، ‏‏މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަން ފުޅާވެގެންދިއުމާއެކު ދިވެހި ޤައުމުގެ ‏‏ރައްޔިތުންނަށް ‏‏އެތަކެއް ކަންތައްތަކެއް އޮޅުންފިލުވައިދިން ކަމަށާއި، މިއަދު މިޤައުމު ފާއިތުކުރަމުން ‏‏މިދަނީ ދިވެހި ‏‏ނޫސްވެރިކަމުގެ މުޅިން އާ މަރުޙަލާއެއް ކަމުގައިވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ‏މިއަދު ރާއްޖޭގެ ނޫސްވެރިކަމަށް ‏‏ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ‏ރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ މައްޗަށް އޮތް ‏‏އިތުބާރާއި، ނަޒާހާތްތެރިކަމާމެދު އުފެދިފައިވާ ސުވާލުކަން ފާހަގަކުރެއްވިއެވެ. މިގޮތުން ‏ހައްޤުބަސް ‏‏ބުނުމަކީ ކޮންމެ ނޫސްވެރިއެއްގެ މައްޗަށް އޮތް ވާޖިބެއްކަމަށާއި، ސަރުކާރާއި އެހެނިހެން ފަރާތްތަކުން ‏‏‏ކުރާ ރަނގަޅުކަންތައް ބަޔާންކޮށް އެކަންތައްތަކަށް ހިތްވަރުދޭ ފަދައިން، ހިނގާ ނުރަނގަޅު ‏‏ކަންތައްތައްވެސް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ނޫސްވެރިންގެ މައްޗަށް ލާޒިމްވެފައިވާ ‏‏ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏

‏"ތިމާ ފޯރުކޮށްދޭ މަޢުލޫމާތަކީ ތިމާއަށް ރަނގަޅަށް އެނގިގެން ފޯރުކޮށްދޭ ‏‏މަޢުލޫމާތަށް ވާންޖެހޭ. ‏‏އެހެންވީމާ ނޫސްވެރިކަމަކީވެސް މިއަދު އެކަމުގެ ތަޖުރިބާއާއި މަޢުލޫމާތާއި، ‏‏އެކަމުގެ ހުނަރާއި ‏‏ޢިލްމު ހޯދައިގެން ކުރާ މަސައްކަތަކަށް ވާންއެބަޖެހޭ. އަދި މިގޮތުން ‏‏މަސައްކަތްކުރާއިރުގައި، އެންމެ ‏‏މުހިންމު ކަމެއްގެ ގޮތުގައި ބަލަހައްޓަންޖެހޭ މިންގަނޑަކީ ‏‏ނޫސްވެރިންގެ ނަޒާހާތުގެ ‏‏މިންގަނޑުކަމުގައި އަޅުގަނޑު ދެކެން.‏" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ވިދާޅުވިއެވެ.‏

‏މިރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ‏‏މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ‏‏ހަނދާން ނައްތާ ‏‏ނުލެއްވުމަށާއި، ޙައްޤު ވާހަކަތަކާއި ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފަސްޖެހިވަޑައިނުގަތުމަށް ‏‏އިލްތިމާސްކުރެއްވިއެވެ. ‏ މީގެއިތުރަށް ބިނާކުރަނިވި ފާޑުކިޔުމަކީ މައްސަލައެއްނޫންކަމުގައި ‏‏ބަޔާންކުރައްވަމުން، ކަންތައްތަކާ ދޭތެރޭ ވިސްނާ ފާޑުކިޔުމަކީ ކުރަންޖެހޭނެކަމެއްކަމުގައިވެސް ‏‏އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ‏

‏ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ‏‏އެވޯޑް "ޖާނަލިސްޓް އޮފް ދަ އިޔާ 2014" މިއަހަރު ހޯދި، ހަވީރު ނޫހުގެ މުޙަންމަދު ޙަމްދޫނާއި ‏‏ވީޓީވީގެ ޢަލީ ސުލައިމާނަށް އެވޯޑު ޙަވާލުކޮށްދެއްވީ ‏ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ.‏