بســم اللّـه الرّحمـن الرّحيــم
       
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރައްވާށި!
 
އަޅުގަނޑުމެންގެ ޕާޓީގެ ފަޚްރުވެރި ޢިއްޒަތްތެރި ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަޅުގަނޑުމެން ޕާޓީގެ ޢިއްޒަތްތެރި މެންބަރުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިރޭ އަޅުގަނޑުމެން މި އިޙްތިފާލް ކުރަނީ، ޝައްކެއްވެސްނެތްގޮތުގައި، އައްޑުއަތޮޅު، ޚާއްޞަކޮށް، އައްޑޫސިޓީގެ ހުޅުދޫމީދުއަށް ތަރައްޤީ ގެނެސްދެވޭ މަޝްރޫޢެއް. މި އުފާވެރި އިޙްތިފާލުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިންތިޚާބުގެ ދުވަސްވަރު އަޅުގަނޑުމެން ހުޅުދޫމީދުއަށް ދަތުރުކުރާއިރު، އަބަދުވެސް އަންނަ ޝަކުވާއަކީ، ހިތަދޫސިޓީއަށް ހުރިހާ ކަމެއް ސަރުކާރުގެ ފަރާތުން، ދިޔަދޮވި ފަހިވެފައި އޮންނަ ވާހަކަ. ބޭސްނެގުން އަދި އެކިކަންކަމަށް ނަގަންވާ ހުއްދަތަކާ ހަމަޔަށްވެސް ހިތަދޫއާ ހަމަޔަށް ދަތުރުކުރަންޖެހޭ ވާހަކަ. ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް، ކުރުގޮތަކަށް ދަންނަވާ ކަމަށްވަންޏާ، އައްޑުއަތޮޅު ހިތަދޫއަށް ޚާއްޞަވެފައިވާ ވާހަކަ.
 
ހިތަދޫއަށް ނޫނީ ވަކިރަށަކަށް ކަންތައްތަކެއް އިތުރުވެގެންދިޔުމަކީ، އަޅުގަނޑު ކުރާ ޝަކުވާއެއް ނޫން، އަދި އެ ވާހަކަ ދަންނަވާކަށް ނޫން މިވާހަކަ މިދެންނެވީކީ. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވަނީ، ހިތަދޫސިޓީގައި މިކަންކަން ހިނގަމުންދާއިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ އައްޑުއަތޮޅުގައި، އަނެއްފަޅީގައި މިއޮތީ ހުޅުދޫއާއި މީދޫކަން. ހުޅުދޫއާއި މީދޫއަކީވެސް ވަކި ޚާއްޞަކަން ކުޑަ ދެ ރަށެއް ނޫން. ހުޅުދުއާއި މީދޫގައި ހަމަ ބޮޑު އާބާދީއެއް އެބައޮވޭ. ހަމައެހެންމެ، ތަރައްޤީގެ ފުރްޞަތުތަކަށް ޖާގަ ލިބޭނެ ކަންތައްތަކެއް، އެ ދެރަށުގައިވެސް އެބަހުރި. އެހެންވީމާ، އައްޑުއަތޮޅު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، އެތަކެއް އަހަރުތަކެއް ވަންދެން ކުރެވެމުން އައި މަސައްކަތްތަކެއް. އެންމެ ބޮޑެތި މަސައްކަތްތަކެއް އައްޑުއަތޮޅުގެ ތަރައްޤީއަށް ކުރެވިފައި ވަނީ ރައީސް މައުމޫންގެ ޒަޢާމަތުގައި. އަދި އޭ.ޑީ.އޭ.ގެ ނަމުގައި މުއައްސަސާއެއް އުފެދިގެން ކުރެވުނު މަސައްކަތުގެ ކޮންމެވެސް ހިސާބެއްގައި، އައްޑުއަތޮޅަށް ޚިދްމަތް ކުރުމުގެ ޙިއްޞާ އަޅުގަނޑަށް، ނޫނިއްޔާ އެ ފުރްޞަތުވެސް އަޅުގަނޑަށް ލިބިފައިވޭ.
 
އެހެންވީމާ، އައްޑުއަތޮޅު ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގެ ވާހަކަ، އެހެން އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ހަމައިން، ޢާންމު މެންބަރުންނާ ހަމައިން ކޮމްޕެޓިޝަން އޮތްވަރު އަޅުގަނޑު ހަމަ ދަންނަވާލާނަން. ދަންނަވާލީމަ ތިޔަބޭފުޅުންނަށް ގަބޫލު ކުރެއްވޭނެ، އޭރުގެ ސަރުކާރުން އައްޑުއަތޮޅުގެ ތަރައްޤީއަށް ކުރައްވާފައި ހުރި މަސައްކަތް. އެންމެ ކުރު ޖުމްލައެއް ގޮތަށް، އެންމެ ސާދާ މިސާލެއް ގޮތަށް ވިދާޅުވަނީ، ކީއްވެގެންހޭ ހަމައެކަނި އޭ.ޑީ.އޭ އޮންނަންވީ؟ އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީ ކީއްވެގެންހޭ އޮންނަންވީ؟ އެހެން އަތޮޅުތަކަށް ކީއްވެގެންހޭ، ޑިވެލޮޕްމަންޓް އޮތޯރިޓީއެއް ނެތީ. ހަމަ މި މިސާލުން އެކަނި އޭރު އައްޑުއަތޮޅަށް، އޭރުގެ ސަރުކާރުން، ރައީސް މައުމޫންގެ ސަރުކާރުން ދެއްވާ ސަމާލުކަން، މިސާލެއްގެ ގޮތުގައި ފުދޭ. އެހެންވީމާ، މިއީ އެހެން އަތޮޅުތަކުގެ ޝަކުވާއަކަށް އޭރު ވެފައި އޮތީ. އެހެންވީމާ، އައްޑުއަތޮޅަކީ އޭރުގެ ސަރުކާރުން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދީގެން މަސައްކަތްތަކެއް ކުރެވިފައި ހުރި އަތޮޅެއް. އެހެންވާންޖެހޭ ސަބަބުތައްވެސް އެބަހުރި. އެއީ އެއްގޮތަކަށްވެސް އެހެން އަތޮޅުތައް އިހުމާލު ކޮށްލުމުގެ މަޤްޞަދުގައި ކުރެވިފައި ހުރި ކަންކަމެއް ނޫން.
 
އެހެންވާންޖެހުނު ސަބަބަކީ، އެއްކަމަކީ އާބާދީ ބޮޑު އަތޮޅެއް. ދެވަނަ ކަމަކީ، އިނގިރޭސިން އެ އަތޮޅުގައި އުޅެފައި ފައިބައިގެން ދިޔައީމަ، ވަރަށް ބޮޑެތި އިންފްރާސްޓްރަކްޗަރ މަސައްކަތްތަކެއް ހުރީ ކުރެވިފައި. އެކަންކަމާ އަޅާނުލެވިއްޖެ ކަމަށްވަންޏާ، އެތަކެއް ބިލިއަން ރުފިޔާ ހަމަ ގެއްލިގެން ހިނގައިދާނެކަން ސަރުކާރަށް ވިސްނޭ. އަދި އިނގިރޭސިން އައްޑުއަތޮޅުން ފައިބައިގެން ދިޔައީމަ، އެތައް ބައެއްގެ ވަޒީފާގެ ފުރްޞަތު، ދިރިއުޅުމުގެ ފުރްޞަތު، މުޅިން މަޙްރޫމްވެގެން ދާ ދިޔުން. އެހެންވީމާ، އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެ، މިކަހަލަ ކަންތައްތަކެއް، އެހާ ދޯހަޅި ގޮތަކަށް ދޫކޮށްލާކަށް. އެހެންވެގެން އައްޑުއަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން، މިދެންނެވި ކަންތައްތައް ރީހެބިލިޓޭޓް ކުރުމަށްޓަކައި، އައްޑޫ މުޅި އިންފްރާސްޓްރަކްޗަރ ރީހެބިލިޓޭޓް ކުރުން. މިހާރުވެސް އައްޑުއަތޮޅުގައި އެހެރީ ފެންތާނގީތަކުން ފެށިގެން އަޅުގަނޑުމެންނަށް ފެންނަން އެހެރީ އައްޑުއަތޮޅުގައި އެހެރީ އިނގިރޭސިން ކޮށްފައި ހުރި މަސައްކަތް. މި ސަބަބަށްޓަކައި އޭ.ޑީ.އޭ.ގެ ނަމުގައި އޭރު ސަރުކާރުން މުއައްސަސާއެއް އުފައްދަވައިގެން، އައްޑޫގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރެވެމުން އައީ.
 
ދަންނަވާލަން މިއުޅެނީ، މިއަދުވެސް ހަމަ މި ސަރުކާރުންވެސް އައްޑުއަތޮޅުގެ ސަމާލުކަމަށް، ނޫނިއްޔާ އައްޑުއަތޮޅުގެ ތަރައްޤީއަށް ދޭ ސަމާލުކަން ވަކި ކުޑައެއް ނޫނޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑާއެކީ މިތާ މި ތިއްބެވި ހުރިހާ ދާއިރާއެއްގެ ޢިއްޒަތްތެރި މެންބަރުން. ހުރިހާ ދާއިރާއަކަށްވެސް ސަމާލުކަންދޭ. އެހެން ނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރެޔޭ. އެ ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކުގެ ތެރޭގައި، އަތޮޅުގެ ތެރޭގައި ނޫނީ ދާއިރާތަކުގެ ތެރޭގައި މިއޮންނަ ފަރަޤުވެސް ކުޑަކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. ދާއިރާތަކުގެ ތެރޭގައި އޮންނަ ފަރަޤު ކުޑަކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުގެ ސަރުކާރަށް، ޝައްކެއްވެސްނެތްގޮތުގައި ހުޅުދޫމީދޫ، މި ދާއިރާއަކީ ވަރަށް މުހިންމު ދާއިރާއެއް. މި ދެރަށަކީވެސް ވަރަށް މުހިންމު ދެ ރަށް.
 
 އެހެންވީމާ، އޭރު އަޅުގަނޑާ ހަމަޔަށް އައި ޝަކުވާތައް އަޅުގަނޑުމެންގެ ސަރުކާރުން ބަލައިގަންނަމު. އަޅުގަނޑަށް އެންމެބޮޑު އުފަލެއް މިރޭ މިލިބެނީ ޙަޤީޤަތުގައިވެސް މިކަންތައްތައް ހަމަޔަކަށް އެޅުވުމަށްޓަކައި، ނޫނިއްޔާ މި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ޢަމަލީ ވަރުގަދަ މަސައްކަތެއް މިރޭ ފެށިގެން ދާތީ، އެ އުފަލުގައި އަޅުގަނޑަށް ބައިވެރިވެވޭތީ، ޝައްކެއްވެސްނެތްގޮތުގައި، މިރޭގެ މި ޖަލްސާއިން ނޫނީ މި ހަފްލާއިން އަޅުގަނޑަށް އެންމެބޮޑު އުފަލެއް ޙާޞިލްކޮށްދޭ ކަމަކީ. [އިސްމެހެލަ ހެރާ] މި ޕްރޮޖެކްޓަކީ ޝައްކެއްވެސްނެތްގޮތުގައި، ޓުއަރިޒަމަށް މިހާރު އައިސްގެން މިއަންނަ އާ ބަދަލުތަކުގެ ދެވަނަ މިސާލު. ތުނބުރި ޕްރޮޖެކްޓުން ފެށިގެން މި އަންނަނީ، ހަމަ އިންޓަރގްރޭޓަޑް ނޫނީ މަސްހުނިކޮށް ޓުއަރިޒަމްގެ ދާއިރާގެ މަސައްކަތްތައް އެކުލެވޭ ޓުއަރިޒަމްގެ ތަރައްޤީގެ މަޝްރޫޢެއް. އޭގެ މާނައަކީ ކުރީގައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތަށް ހަމައެކަނި ކޮންމެހެނެއް، އެއް މެނޭޖްމަންޓެއްގެ ދަށުން ހުރިހާ ކަމެއް ކުރާ ޓުއަރިޒަމްގެ ރިޒޯޓެއް ނޫން މިއީކީއެއް. ތަފާތު މެނޭޖްމަންޓްތަކަށް، ކުދި މެދުފަންތީގެ ވިޔަފާރިވެރިންނަށް، ނޫނިއްޔާ ޙިއްޞާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ފުރްޞަތު އޮވެގެން، މެނޭޖްމަންޓެއްގެ ދަށުން ހިންގޭ އިންޓަރގްރޭޓަޑް މަސައްކަތްތަކެއްގެ ގޮތުގައި މި ޕްރޮޖެކްޓް މި ފެށިގެން މިދަނީ. މިކަމުން އަޅުގަނޑަށް އެންމެ ބޮޑަށް އުފާ މިވަނީ ޙަޤީޤަތުގައިވެސް ހުޅުދޫމީދުއަށް، މީދޫ ކައިރީގައި މިއޮތީ ޚާއްޞަކޮށް، އޭގެފަހުން މުޅި އައްޑުއަތޮޅަށް ތަރައްޤީ އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. ހުޅުދޫމީދުއަށް ބަލައިފި ކަމަށްވަންޏާ، ހުޅުދޫމީދޫގައި ޙަޤީޤަތުގައިވެސް އެންމެ ބޮޑެތި މައްސަލަތަކަށް ބަލާކަމަށްވަންޏާ މިހިރީ ހަމަ ޒުވާނުންގެ ވަޒީފާގެ ފުރްޞަތު ހުރި މިންވަރު މަދުކަން. މި މަޝްރޫޢު ތަޢާރުފް ވެގެންދިޔައިރު، މި މަޝްރޫޢު ލޯންޗް ކުރެވިގެން ދިޔައިރު، އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، މި މަޝްރޫޢުން އެކަނި ގާތްގަނޑަކަށް ބާރަސަތޭކަ ވަޒީފާ، އާ ވަޒީފާ އުފެދިގެންދާނެކަން. ޝައްކެއްވެސްނެތްގޮތުގައި، މި ވަޒީފާތަކަކީ ސީދާ މި އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓާ ގުޅިފައި ހުރި ވަޒީފާތައް. މިޔާ ގުޅުންހުރި މިއަށްވުރެ ދުރު ލިންކެޖް އިންޑަސްޓްރީތަކުގެ މަސައްކަތްތަކަށް ބަލައިފި ކަމަށްވަންޏާ، މިއަށްވުރެ މާގިނަ ވަޒީފާ އުފެދިގެންދާނެ.
 
އެހެންވީމާ، ހުޅުދޫމީދުއަށް ބަލައިފި ކަމަށްވަންޏާ، މި ދައްކަނީ ހަމަ ވަރަށްގިނަ ބައެއްގެ ވަޒީފާ އުފެދިގެންދާ ވާހަކަ. މި ވަޒީފާތަކުގެ ޙަޤީޤަތުގައި އަހުލުވެރިންނަށް ވެގެންދާނީ ދިވެހި ޒުވާނުން. ޚާއްޞަކޮށް، ހުޅުދޫމީދޫގެ ޒުވާނުން. އަދި ދެންމެ ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝާހިދުގެ ވާހަކަފުޅުގައި އެ ވިދާޅުވި ގޮތަށް، ހުޅުދޫ ދާއިރާގެ ނޫނީ ހުޅުދޫމީދޫ، އެމަނިކުފާނު ދެން އެއްކޮށްލައްވައިގެން ދެ ދާއިރާއޭ އެ ވިދާޅުވީ، އަޅުގަނޑަށް ހީވަނީ ރޮޒައިނާއަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންކަންނޭނގެ. މި ދެ ދާއިރާގައި ހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އެއްފަހަރާ މިއަހަރުގެ ތެރޭގައި ވަރަށްގިނަ ތަފާތު މަޝްރޫޢުތަކެއް ފެށިގެން އެދަނީ. ރައްޔިތުންނަށް ބޭނުންވާ އަސާސީ މަސައްކަތްތަކުގެ އިތުރަށް، އާމްދަނީ ހޯދުމުގެ މަސައްކަތްތަކެއް މިހާރު ހުޅުދޫގައި އެ ފެށިގެން އެ ދިޔައީ. މަސް ބަންދުކުރުމުގެ ފެކްޓްރީއެއް، ނޫނީ މަސް ފެކްޓްރީއެއްގެ މަސައްކަތް ފެށިގެން، ޝައްކެއްވެސްނެތްގޮތުގައި، އިޤްތިޞާދީ ތަރައްޤީގެ އިތުރަށް ހަމަ ވަޒީފާގެ ފުރްޞަތުތަކެއް އިތުރުވެގެންދާނެ. މި މަޝްރޫޢުތައް ފެށިގެން ދިޔައީމަ، ދެނެއް އަޅުގަނޑުމެންގެ ސަރުކާރަށް އަމާޒުކޮށެއް، އެއްވެސް ގޮތަކަށް ބުނެވޭނެ ކަމަކަށް އަޅުގަނޑު ޖާގައެއް ނުކުރަން، އައްޑޫސިޓީއަށް ހުރިހާ ކަމެއް ޚާއްޞަ ވެގެންދާ ކަމަކަށް. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިރޭ މި ލޯންޗް ކުރެވޭ، އިފްތިތާޙު ކުރެވޭ މި މަޝްރޫޢުގެ ސަބަބުން ހުޅުދޫމީދޫގެ ރައްޔިތުންނަށް އާރޯކަމެއް ގެނެސްދޭނެކަމާ ދޭތެރޭގައި، އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ ސުވާލެއް ނުއުފެދޭ.
 
 މިރޭގެ މި މުނާސަބަތުގައި، މި އުފަލުގައި އަޅުގަނޑު ހަމަ ދެވަނަ އުފަލެއް ޙާޞިލުވާ ވާހަކަވެސް ދަންނަވާލާނަން. އެއީ ޕާޓީގެ ރައީސް، ޢިއްޒަތްތެރި ރައީސް ދެންމެ ވިދާޅުވިގޮތަށް، އަޅުގަނޑުމެން ޕާޓީގެ ދިރުން ހުރިކަން ދައްކުވައިދޭ، ހަމަ ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެންގެ ޕާޓީއާ އާ މެންބަރުން ގުޅިވަޑައިގަންނަވާތީ. ޝައްކެއްވެސްނެތްގޮތުގައި ޢާންމު އެތައް މެންބަރުންނެއް، އަޅުގަނޑުމެންގެ ޕާޓީއާ ގުޅިވަޑައިގަންނަވާ ކޮންމެ ދުވަހަކުވެސް. އެކަމަކު އަޅުގަނޑުމެންނަށް ލިބޭ ޚާއްޞަ އުފަލަކަށްވޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދާއިރާތަކުގެ ކައުންސިލް މެންބަރުން، ނޫނިއްޔާ އެހެން ޕާޓީތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން، އަޅުގަނޑުމެން ޕާޓީއާ ގުޅިވަޑައިގަތުމަކީ، އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެއް. އެހެންކަމުން، މިރޭ ހުޅުދޫ ދާއިރާގެ ކައުންސިލް މެންބަރު ޢަލީ މުޙަންމަދު އަޅުގަނޑުމެންނާ ގުޅިވަޑައިގަތީމަ، އެމަނިކުފާނަށް މަރްޙަބާ ދަންނަވަން. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި އަޅުގަނޑުމެންނާ ގުޅިވަޑައިގަތީ ކީއްވެގެންކަންވެސް ވަރަށް ސާފުކޮށް ވިދާޅުވި. އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ ކައުންސިލްތަކުގެ ހަމަ ކޮންމެ މެންބަރަކުވެސް ވިދާޅުވަނީ، ތިމަންނަމެން ގަބޫލުކުރާގޮތުން ވެއްޖިއްޔާ، މި ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަން ގަބޫލުކުރަމޭ.
 
 30 އަހަރުގެ ސަރުކާރުން އެވަނީ އެތަކެއް މަސައްކަތްތަކެއް ކޮށްފައި. އެހެން ނަމަވެސް، މިހާރު މަސައްކަތްތަކެއް ކުރެވޭ ވާހަކަ އައީމަ، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، އޭގެ ކުރީގައި ދިޔަ ތިން އަހަރެއްހާ ދުވަހުގެ ވާހަކަ. އެ ތިން އަހަރެއްހާ ދުވަހުގެ ވާހަކައަށް ބަލާކަމަށްވަންޏާ، އެ ތިން އަހަރު ދުވަހު ރައްޔިތުންނަށް އަގުވަޒަންކުރެވޭ މިންވަރުގެ މަސައްކަތްތަކެއް، އެހެރީ ރާއްޖެތެރެއަށް ނޫނީ އަތޮޅުތެރެއަށް ޢާންމުނުވެފައި. އެހެންވެގެން މިހާރު އެ ވިދާޅުވަނީ، ތިމަންނަމެން ގަބޫލުކުރަމޭ، ޒުވާނުންގެ ތަރައްޤީއަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރާކަން. އަދި އާމްދަނީ ހޯދުމުގެ ފުރްޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާކަން، ތިމަންނަމެން ގަބޫލުކުރަމޭ. އަތޮޅުތަކުގެ ތަރައްޤީއަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރާކަން ތިމަންނަމެން ގަބޫލުކުރަމޭ. މެނިފެސްޓޯއަކީ ހަމައެކަނި ރީތި ބަހުރުވައިން، ނޫނިއްޔާ ކީކޭ ދަންނަވާނީ، މީހުން ހިތް އުފާވާކަހަލަ ވާހަކަ އެކަނި ލިޔެފައި އޮތް ފޮތެއް ނޫނޭ. މެނިފެސްޓޯގައި ހުރި ހުރިހާ ދާއިރާއެއްގެ މަސައްކަތްތައް، މި ސަރުކާރުން ފެށިގެން އެބަދެޔޭ.
 
އަޅުގަނޑުގެ ކްރިޓިކުންނަށް، އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރާއި، އަޅުގަނޑުގެ ޕާޓީގެ ކްރިޓިކުންނަށް، އަޅުގަނޑު ދަންނަވާލަންވެސް އޮތް ވާހަކައެއް އެބައޮތް. އަޅުގަނޑުމެންގެ ނޫސްތަކުން، ކޮމެންޓްރީން މި ފެންނަނީ ކޮންމެ މަސައްކަތެއް ފަށާއިރު، އެ މަސައްކަތް ފެށި ވާހަކަ. ދުވަހަކުވެސް ކަމެއް ވާތަނެއް ނާދޭ. އަޅުގަނޑަކަށް ހަމަ ނުވިސްނޭ، ކަމެއް ނިންމާނެ ގޮތެއް ކަމެއް ނުފަށާނެ. އެހެންވީމާ، މިކަންވެސް މި ފެށީ. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މިކަން ކާމިޔާބުވާނެ. އެކަމަކު ބައެއް ބޭފުޅުން ބައްލަވަން ބޭނުންފުޅުވަނީ، މަސައްކަތް ނުފަށާ މަސައްކަތް ނިމޭ ހިސާބު. އެހެންވީމާ، އެއީ އަޅުގަނޑަށް ހަމަ ކައުންޓަރ-އިންޓިއުޓިވް ވިސްނަންވެސް ހަމަ ނޭނގޭ ކަހަލަ ކަންތައްތައް އެ ހުންނަނީ.
 
ދެން ހަމަ އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ހަމަ މިކަހަލަ މިސާލެއް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން މިރޭ މި އުފަލުގައި، އަޅުގަނޑުމެން އެންމެން ބައިވެރިވާއިރު، ހަމަ ހިތްދަތި ކަންތައްތަކެއްވެސް އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢު ނޫނީ އަޅުގަނޑުމެންގެ ރާއްޖެ އިޙްސާސް އެބަކުރޭ. ދެން އެކަމުންވެސް އުފަލެއް އަޅުގަނޑުމެންނަށް އެބަ ލިބޭ. ސަރުކާރުގެ ވަރަށްގިނަ މަސައްކަތުން، ވަރަށް ބޮޑެތި މަސައްކަތުން، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރުގެ މަސައްކަތްޕުޅުން ނެޕާލްގައި ތިބި ދިވެހި ޢާއިލާތައް، ދިވެހި ކުދިން އެބަ މިރޭގެ ދަންވަރުގެ ވަގުތެއްގައި، ނޫނިއްޔާ ފަތިހާ ކައިރި ވަގުތެއްގައި އިރާދަކުރެއްވިއްޔާ މާލެއާ ހަމަޔަށް ފޯރާނެ. މި މަސައްކަތް ކުރާ ވާހަކަ އަޅުގަނޑުމެން ދެއްކީމަވެސް، ކުރިޔާ މިހާރާ ހުރި ތަފާތަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުވީމަ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ މަތިންދާބޯޓު ފޮނުވައިގެން އެކުދިން ގެނައުމުގެ ހެޔޮ ރަޙްމަތް މިއަދު މިވަނީ މިންވަރު ކުރައްވާފައި. އަޅުގަނޑުމެން މި މަސައްކަތް ފަށައިފީމު، ފުރަތަމަ މި ބިންހެލުން އައުމާއެކީ. އެހެން ނަމަވެސް، މިއަދުވެސް އަޅުގަނޑަށް މި ކޮމެންޓްރީތަކުން މި ފެންނަނީ، އަޅުގަނޑު ހިތަށްއަރާ މިކަހަލަ ކޮމެންޓްރީ މި ލިޔަނީ ކީއްވެގެންބާވައޭވެސް. ހަމަ ތަންދޮރު އޮޅުންނުފިލާތީބާވައޭވެސް. ކޮމެންޓްރީތަކުގައި ބުނޭ، ހަމަ ތިޔަގޮތް އޮތް ނޫންހޭ ކުރިންވެސް. ކީއްވެގެންހޭ މިހާ ގިނަ ދުވަސް ނެގީ އެކުދިން ގެންނަން.
 
އަޅުގަނޑުމެންނަށް މިދިޔަ އަހަރު އަޅުގަނޑުމެންނާ ބައްދަލުކުރި، މާލެއާ ބައްދަލުކުރި، ޚާއްޞަކޮށް މާލެއާ ބައްދަލުކުރި ފެނުގެ ކާރިސާ. ފެނުގެ ކާރިސާ މާލެއާ ބައްދަލުކުރީމަ، އަޅުގަނޑުމެންގެ ކަނޑުމަގުގެ ބަނދަރު އަޅުގަނޑުމެންނަށް ބަންދުކުރަން މަޖުބޫރުވި. އެއީ ފެނުގެ އެހީ ހިފައިގެން އަދި އެކަމަށް އެހީ ހިފައިގެން އަންނަ ބޯޓުފަހަރަށް ޖާގަ ދިނުމަށްޓަކައި. ކަތުމަންޑޫ އެއަރޕޯޓްގައި މިވަނީ ކީއްތޯ؟ ކަތުމަންޑޫ އެއަރޕޯޓް ނުހުޅުވިގެން މިއުޅޭ ސަބަބަކީ، ބޯޓުފަހަރަށް ނުހުޅުވިގެން މިއޮތް ސަބަބަކީ، އެކިއެކި އިންސާނިއްޔަތަށް ބޭނުންވާ، އިންސާނިއްޔަތު ކަމުގެ ގޮތުން ކަތުމަންޑުއަށް ބޭނުންވާ ހުރިހާ އެހީތައް ހިފައިގެން އަންނަ މަތިންދާބޯޓުފަހަރު އެ ޖައްސަނީ އެތަނަށް. އެއީ ކަތުމަންޑޫގެ ނޫނީ ނެޕާލްގެ ރައްޔިތުންނަށް މިއަދު އެންމެ އިސްކަމެއް ދެވޭނެ ކަމަކީ. އެތަނުން ބަޔަކު އިވެކުއޭޓް ކުރަން ނޫނިއްޔާ ބަޔަކު އުފުލަން ޖާގަ ދެވޭނީ އޭގެފަހުން. އެއަށްވުރެ މާ ޙާލުގައި އެތިބީ. މިހާރު އަންދާޒާ ކުރާގޮތުންވިއްޔާ ގާތްގަނޑަކަށް ދިހަވަރަކަށްހާސް މީހުންގެ ފުރާނަ ގެއްލޭނެ. އިޤްތިޞާދަށް އައި ލޮޅުމަށް ބަލާކަމަށްވަންޏާ މި ދައްކަނީ އެތައްހާސް މިލިއަން ޑޮލަރެއްގެ ގެއްލުމުގެ ވާހަކަ. އެހެންވީމާ، މިހާރު އެއަރޕޯޓް ބަންދުވެގެން މިއުޅެނީ، ހަމަ ޙަޤީޤަތުގައިވެސް ޔޫރަޕިއަން ޔޫނިއަނުންނާއި، އެހެން ޤައުމުތަކުން ވައިގެ މަގުން އުފުލާ އެއްޗެހި އުފުލާއިރު، އެ އެއަރޕޯޓް ހަމަ ޙަޤީޤަތުގައިވެސް ބަންދުވެފައި އެއޮތީ. ސްލޮޓެއް ނެތީ. ލޭންޑިންގ ސްލޮޓެއް ނެތީ. އެއީ އެއްގޮތަކަށްވެސް ދިވެހި މަތިންދާބޯޓަށް ޖާގަދޭން ބޭނުންނުވާތީކީ ނޫން. އެހެން ނަމަވެސް، ވީހާ އަވަހަކަށް ސްލޮޓެއް ފްރީއަޕްވީމަ، ހުސްވީމަ އަޅުގަނޑުމެންނަށް އެ ފުރްޞަތު އެއޮތީ ލިބިފައި. އަޅުގަނޑުވެސް ހިތާމަކުރަން، އަޅުގަނޑުމެންގެ ދިވެހި ކުދިން އިތުރު ދުވަހެއްވެސް މި ވޭނުގައި ތަޙައްމަލް ކުރަން ޖެހުނީތީ. އެހެން ނަމަވެސް، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނާ ހަމަޔަށް އެކުދިން މިރޭ ފޯރާނެ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންކަމުގައި އަޅުގަނޑުމެންގެ ވިސްނުން ހުންނަ މިންވަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެކަމަކުވެސް އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވޭ، މިކަހަލަ މަޝްރޫޢުތަކާއެކީ، އަޅުގަނޑުމެންގެ ޕާޓީއަށް އެކިއެކި ބޭފުޅުން ގުޅިވަޑައިގަންނަވަނީ، އަޅުގަނޑުމެންގެ ޕާޓީގެ ދިރުން ހުރިކަން ގަބޫލުކުރައްވާތީ. އަޅުގަނޑުމެންގެ ޕާޓީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުދާއި ކަޅުން ލިޔެފައި ހުރި ކަންތައްތަކަކީ، އަޅުގަނޑުމެންގެ ސަރުކާރުން އިސްކަމެއްދީގެން، އަހަންމިއްޔަތުދީގެން އެކަންކަން ޙާޞިލު ކުރަން މަސައްކަތް ކުރާކަން ގިނަ ބަޔަކަށް ގަބޫލުކުރެވޭތީ. މިރޭ އެހެން އަޅުގަނޑުމެންނާ މި ގުޅިވަޑައިގަތީ، މީދޫ ދާއިރާގެ ޢަދާލަތު ޕާޓީގެ ގޮފީގެ ރައީސް އަޙްމަދު ނަޖީބް. އަޙްމަދު ނަޖީބަށްވެސް އަޅުގަނޑު މަރްޙަބާ ދަންނަވަނީ ހަމަ މި ސަބަބަށްޓަކައި. އަޅުގަނޑު އެންމެ އުފާވާ ކަމަކީ، ޢަދާލަތު ޕާޓީ ކަހަލަ ޕާޓީއެއް، ޢަދާލަތު ޕާޓީގެ މިޞްރާބު މިއަދު ގެއްލިގެންދާކަން ގަބޫލުކުރައްވައިގެން، އެ ޕާޓީގެ ބޭފުޅުން ޞުލްޙައާއި، މަޞްލަޙަތާއި، ދީން ކުރިއެރުވުމަށާއި، އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ދިވެހި މުޅި ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ޕާޓީއާ ގުޅިވަޑައިގަންނަވާތީ.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑަކަށް ހަމަ އެއްވެސް ކަހަލަ ދިރުމެއް، ޢިމްރާން ނުކުމެ، އެ ކުރައްވާ މަސައްކަތުގައި ހުރި ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ހަމަ އެއްވެސް ދިރުމެއް ހުރި ކަމަކަށް ނުފެނޭ. އަދި އެ ދައްކަވާ ވާހަކައެއް ހަމަ އަމުދުން ހޭބުއްދި ހުންނަ މީހަކަށް މޭރުންވާ ވަރަކަށް އަދިއެއް ނުދެއްކެވޭ. އެހެންވީމާ، އަޅުގަނޑު ޢަދާލަތު ޕާޓީގެ އެހެން ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އެބޭފުޅުންގެ ދަފްތަރުގައި އެހެރަ ލިޔުއްވާފައި ހުރި ވާހަކަތަކަށް އިޙްތިރާމް ކުރައްވާ ކަމަށްވަންޏާ، ހަމަ ގުޅިވަޑައިގަންނަވަންވީ ޕީ.ޕީ.އެމް.އާއޭ. އެއީ ޕީ.ޕީ.އެމް.އަކީ ދެންމެ ރައީސް މައުމޫންގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ދިވެހި ރައްޔިތުން ގޮވައިގެން މަގު ދައްކަން އޮތް ޕާޓީއެއް. މަގު ދައްކަން މިއޮތީ ނިޢުމަތާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި، މިހިސާބަށް ދިޔުމަށް، އައްސޭރިޔާ ހަމައަށް ދިޔުމަށް، ރިޑެމްޕްޝަނާ ހަމައަށް ދިޔުމަށް، ނޫނިއްޔާ އަޅުގަނޑުމެން ދެކެން ބޭނުންވާ ގްރީނަރ ޕާސްޗާރސްއާ ހަމަޔަށް ދިޔުމަށްޓަކައި އޮތް ޕާޓީއެއް މިއީ. އެއީ އަޅުގަނޑުމެންގެ ސަރުކާރު، ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުން އައީވެސް އެގޮތަށް. ދިވެހިރާއްޖެއަށް މިއަދާ ހަމަޔަށް އައިއްސަ އޮތް ތަރައްޤީއެއް އައިއްސަ އޮތިއްޔާ އޮތީ އެ ޒަޢާމަތުގައި.
 
ދެން އެޔާއެކީ ހަމަ މިހާރު މިދަނީ އޭގެ ކޮންޓިނިއުއޭޝަނެއް. ގުޅުމެއް މިދަނީ. އެހެންވީމާ އަދި މިދޭތެރޭގައި މި ލިބުނީ ހަމަ އެންމެ ދެ ޕާޓީއަށް މަސައްކަތް ކުރުމުގެ ފުރްޞަތު. އެއް ޕާޓީއަކީ އެމް.ޑީ.ޕީ. އަނެއް ޕާޓީއަކީ ރައީސް ވަޙީދުގެ ޤައުމީ އިއްތިހާދު ޕާޓީ. ދެން އެހެން ނަމަވެސް، އެމަނިކުފާނަކަށް އެހާ ދިގު ފުރްޞަތެއް ލިބިވަޑައެއްނުގަންނަވާ. އެހެން ނަމަވެސް، އެމް.ޑީ.ޕީ އަށް ދިވެހި ރައްޔިތުން ފުރިހަމަ ފަސް އަހަރުގެ ދައުރެއް އެރުވި. އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޕާޓީގައި ދިރުން ހުރިކަން ދައްކައިދޭން އަޅުގަނޑު ބޭނުންވާ ސަބަބުވެސް ދަންނަވާލަން ބޭނުންވޭ. ދެން އަޅުގަނޑުމެން ކޮމްޕެއަރ ކުރަން މިއޮތީ، ނޫނިއްޔާ އަޅުގަނޑުމެން މިނެކިރާލަން، ނޫނިއްޔާ މިސާލު ދައްކަން މިއޮތީ އެމް.ޑީ.ޕީ. އެމް.ޑީ.ޕީ.ގެ ޙަރަކާތްތަކާ ގުޅިގެން ޢަދާލަތު ޕާޓީގެ ނަމުގައި ޢަދާލަތު ޕާޓީގެ ހުރިހާ ބޭފުޅުންނެއް ނޫން، އެ ނިކުމެވަޑައިގެން މަސައްކަތް ކުރައްވާ ބޭފުޅުންކޮޅެއް އެ މަސައްކަތް ކުރައްވަނީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މުޅި ޢަދާލަތު ޕާޓީ ހިތުން ރުހުމުން އެމް.ޑީ.ޕީ އެކުރާ މަސައްކަތަކާ ގުޅިދާނެކަމަކަށެއް. އެހެން ނަމަވެސް، ކޮންމެ ޕާޓީއެއްގެވެސް އެ ޕާޓީގެ އުޞޫލުތައް ގަބޫލުނުކުރާ ކަންތައްތަކެއް، އެ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ހިނގާ ކަމަށްވަންޏާ، ޕާޓީގެ ލީޑަރުންނަށް ތިބޭ މީހުން ޒިންމާދާރު ކުރުވުމަކީ، ޕާޓީގެ ޢާންމު ހަމަ ކޮންމެ މެންބަރެއްގެ މައްޗަށް، އެ ޕާޓީން ލާޒިމްކުރާ މަސްއޫލިއްޔަތެއް. އަޅުގަނޑުމެންގެ ޕާޓީވެސް މަގުން ކައްސާލައިގެން ދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދަފްތަރުތަކުގައި، މެނިފެސްޓޯގައި ލިޔެފައި ހުރި ކަންކަމުން މަގުން ކައްސާލައިގެން ދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރުން މަގަށް އެޅުވުމަކީ، އަދި ރައީސުލްޖުމްހޫރިއްޔާ މަގަށް އެޅުވުމަކީވެސް އަޅުގަނޑުމެންގެ ޕާޓީގެ ޢާންމު މެންބަރުންގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން މި އަންނަނީ ގަބޫލުކުރެވޭ އުޞޫލަކުން އަޅުގަނޑުމެންގެ ޕާޓީއަށާއި، ޕާޓީގެ ވަސީލަތުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރަން.
 
އެހެންވީމާ، ޚިދްމަތް ކުރުމުގައި އަޅުގަނޑުމެން މަގުން ކައްސާލައިގެން ދާ ކަމަށްވަންޏާ، އަދި އަޅުގަނޑުމެންގެ ޕާޓީގެ ގިނަ ބަޔަކަށް ގަބޫލުކުރެވޭ މިޞްރާބުން އެކަހެރިވެގެން ނޫނިއްޔާ އެހެން ދިމާލަކަށް ދާ ކަމަށްވަންޏާ، މަގަށް އަޅުވަން އެބަޖެހޭ. އެހެންވީމާ، ޢަދާލަތު ޕާޓީގެ ނަމުގައި މިހާރު އެ ހިނގާ ކަންތައްތައް، މަގަށް ނާޅުވާ ކަމަށްވަންޏާ، މަގަށް ނޭޅޭ ކަމަށްވަންޏާ، އޭގެ މާނައަކީ ޢަދާލަތު ޕާޓީގެ ޢާންމު މެންބަރުން ކުރައްވަންޖެހޭ މަސައްކަތްތަކެއް، އެބޭފުޅުންނަށް މިހާރު ވިސްނިވަޑައިގަންނަވަންވާނޭ. އަޅުގަނޑުމެންގެ ޕާޓީއާއި އެމް.ޑީ.ޕީ.އާ ހުރި ތަފާތު އަޅުގަނޑުމެންނަށް ފެނިގެންދިޔަ. 30 އަހަރާއި 3 އަހަރާ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. މިއަދު އަޅުގަނޑުމެން މި ލޯންޗް ކުރީ އައްޑުއަތޮޅުގެ ތަރައްޤީގެ މަޝްރޫޢެއް. މިއަދު މި ލޯންޗް ކުރަނީ 1200 ވަޒީފާ، 500 އެނދު، އަދި އޭގެއިތުރުން އެތައް ބައިވަރު ވަޒީފާއެއްގެ ވާހަކަ މި ދައްކަނީ. މީހުންގެ ޖީބުގެ ތަނަވަސްކަން އިތުރުވާ މިންވަރުގެ ވާހަކަ އަޅުގަނޑުމެންނަށް ދައްކާކަށް ނުވެސް އެނގޭ. އެހެން ނަމަވެސް، އައްޑުއަތޮޅުގެ އެއަރޕޯޓް މިހާރު ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ވެގެން، އެއަރޕޯޓަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރެއް އިންވެސްޓް ކުރެވިގެން އެދަނީ. އެއަށް ފައިސާ ހޯދިއްޖެ. އިރާދަކުރެއްވިއްޔާ އެތަނަށް ހަމަ ދާދި އަވަހަށް ބޮޑެތި ބޯޓުފަހަރު ޖެއްސުމުގެ ފުރްޞަތު ތަނަވަސްވެގެންދާނެ.
 
އަޅުގަނޑުމެން އައްޑުއަތޮޅުގެ ވާހަކަ ދައްކާއިރު، ހަމަ މި ދެޕާޓީގެ ހުރި ތަފާތު، ދެ ޕާޓީގެ ސައިކީގައި ހުރި ތަފާތު އަޅުގަނޑު ދަންނަވާލާނަން. ދެ ޕާޓީގެ ވިސްނުމުގައި ހުރި ތަފާތު. މިއޮތީ ބިނާކުރަނިވި ބޮޑު މަޝްރޫޢެއް. މިއަކުންނެއް އަޅުގަނޑަކަށް ނުފެނޭ، ހަމަ އެއްވެސް ހުޅުދޫގެ ނޫނީ މީދޫގެ ނޫނީ އެއްވެސް ތަނެއްގައި ހުޅުޖަހާ މަންޒަރެއް މިއަކުންނެއް ނުފެނޭ. ހުޅުޖަހާ މަންޒަރެއް މިއަކުން ނުފެނޭ. މިއިން ފެންނަނީ އުޖާލާކަން. މިއިން ފެންނަނީ މީހުންނަށް ވަޒީފާ ލިބޭތަން. މިއިން ފެންނަނީ މި ވަޒީފާގައި މީހުން އުޅޭއިރު، އެތަންތަނުގައި މީހުން އުފަލުން އުޅޭތަން، އަޅުގަނޑުގެ ހިތަށް ތަޞައްވަރު މިހާރުވެސް ކުރެވެނީ. އެހެންވީމާ، މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ކަމަކީ. އެކަމަކު ހަމަ 3 އަހަރުގެ ސަރުކާރު ނިމިދިޔަތަނާ ނޫންތޯ، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އައްޑުއަތޮޅު، އައްޑުއަތޮޅަށް އައިއްސަ އޮތް ހުރިހާ ތަރައްޤީ، ހަމަ އެއްދުވަހުގެ ތެރޭގައި، ސްޓޭންޑް ސްޓިލް އަކަށް ގެނައީ. ހުއްޓުމަކަށް ގެނައީ. އައްޑުއަތޮޅުގެ ތަންތަނުގައި ރޯކުރީ. ޕޮލިސް ސްޓޭޝަން ރޯކޮށްލީ. މުޅި ރާއްޖޭގައި ނޫނީ މީގެ މައިގަނޑު އަސަރުކޮށްފައި ވަނީ އައްޑުއަތޮޅަށް. އެސްޓިމޭޓް ކުރެވޭ ގޮތުން ވެއްޖިއްޔާ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ގެއްލުން. އެއީ މިދެންނެވި އަނެއް ޕާޓީގެ ސައިކީ، އަނެއް ޕާޓީގެ ވިސްނުން. ޢަމަލީ މަސައްކަތާ ހަމަޔަށް ތިރިވެގެން އައިއިރު އަޅުގަނޑުމެންނަށް ފެނުނީ އެކަން. އެހެންވީމާ، އައްޑުއަތޮޅުގެ މަސައްކަތަށް އެކަނި، އައްޑުއަތޮޅުގެ މިސާލަށް އެކަނި ވިސްނާލިޔަސް، ދެ ޕާޓީގެ ސައިކީ، ދެ ޕާޓީ މަސައްކަތް ކުރާ ގޮތުގެ ތަފާތު، ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގެންނެވީ. އެހެންވީމާ، ކީއްވެގެންތޯ މި ޕާޓީއަށް ޢާންމު މެންބަރުން ނުވަންނަންވީ. ނޫނީ ދިވެހި ޢާންމު ރައްޔިތުން ނުވަންނަންވީ. ފަސޭހަ ކަމަކަށް ނުވާނެ. ސަރުކާރަކުން ސަރުކާރުގެ މެނިފެސްޓޯގައި ހުރި މައިގަނޑު ކަންތައްތައް، ދިވެހި ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް، ރައްޔިތުންނަށް ޙާޞިލުކޮށްދެމުންދާ ކަމަށްވަންޏާ، އޮޕޮޒިޝަންގައި ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މި ފެންނަނީ އޮޕޮޒިޝަންގައި ތިބުމުގެ ބަދަލުގައި މަގުމަތީގައި ތިބޭތަން. އެނޫން އެއްވެސް ސަބަބެއް އެޔަކު ނެތް.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ގެންނަން ބޭނުންވަނީ ރާއްޖޭގެ އެކި ހިސާބަށް ތަރައްޤީ. ޓުއަރިޒަމްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑަށްވެސް އެނގޭ، ޓުއަރިޒަމްގެ މަސައްކަތް ފެށިއިރު މިނިސްޓަރ އަދީބް ޑައިޕަރުގައި ކަންނޭނގެ ގިނައިން ގެންގުޅޭނީ. މަޢާފް ކުރައްވާ. ދުނިޔެއަކުވެސް ނެތް ދޮއެއްތޯ. އެހެންވީމާ، ޑައިޕަރެއްވެސް ނެތް. އެކަމަކު ދަންނަވާލަން ބޭނުންވަނީ، ރައީސް މައުމޫންގެ ވިސްނުންފުޅާއެކީ ޓުއަރިޒަމަށް 7 އަހަރުން، 11 އަހަރުން، 13 އަހަރުން މިހާރު ދިޔަކަމެއް ދޮއެއްތޯ. ޓުއަރިޒަމަށް އައިއްސަ ހުރި މައިގަނޑު ބަދަލުތަކަށް ބަލާކަމަށްވަންޏާ، ހަމަ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އިހަށް ދުވަހު މި ބިލަށް އިޞްލާޙު ގެނެސްދެއްވީ. ޓެނެންސީ ޕީރިއަޑް މިހާރު އެއޮތީ 99 އަހަރަށް އިތުރުވެގެން ގޮއްސަ. ދިވެހި ރައްޔިތުން އިންވެސްޓް ކޮށްގެން މިހާރު ރާއްޖޭގައި ހުރީ އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްސް މިހިރީ. ރޭ ނޫން އިހަށްރޭ އެކަހަލަ އިޙްތިފާލެއް އަޅުގަނޑުމެން ކުރަމުން ދިޔައީ. މީގެތެރޭގައި މިހިރީ ދިވެހިންގެ އިންވެސްޓްމަންޓާއި، ބިދޭސީންގެ އިންވެސްޓްމަންޓް. ބިދޭސީންގެ އިންވެސްޓްމަންޓުންވެސް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ފުދޭކަމަށްވަންޏާ، ހަމަ ދިވެހިންގެ އިންވެސްޓްމަންޓެކޭ އެއްވަރަށް އަޅުގަނޑުމެން މަރްޙަބާ ކިޔާނަން. އެ ދާއިރާއަށް އައިއްސަ އޮތް ބަދަލަކީ، މިދެންނެވި ގޮތަށް 13 އަހަރުން، 21 އަހަރުން، 25 އަހަރުން 30 އަހަރުން ގޮއްސަ މިހާރު ނޫނީ 35 އަހަރުން ގޮއްސަ 99 އަހަރަށް ވެގެން ދިޔައީ. މަސައްކަތުގެ ގެރެންޓީ. އިންވެސްޓްމަންޓްގެ ގެރަންޓީ. މިއީ ސަރުކާރުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ދޭ އެންމެ ވަރުގަދަ މެސެޖަކީ. އަޅުގަނޑުމެން ބޭނުންވަނީ އިންވެސްޓްމަންޓް ޕްލޭން ކުރާނެ ގޮތެއް ނޭނގި، ލިބޭނެ މުއްދަތެއް ނޭނގި، ދެން އަންނަ ސަރުކާރުން އިންވެސްޓްމަންޓްތައް ބަންދުކުރާނެ އެއްވެސް ފުރްޞަތެއް ނުދިނުން. އެހެންވީމާ، ޤާނޫނު ހަދާ މަޖިލީހުން މި ނިންމަނީ ހަމަ ގާތްގަނޑަކަށް ޓެނެންސީ ރައިޓެއް މިދެނީ ފްރީ ހޯލްޑެއް ގޮތަށް 99 އަހަރަށް. އެއީ ވަރަށް ވަރުގަދަ ބަދަލެއް. އެޔާއެކީ އޭގެ ތަންކޮޅެއް ކުރިން ޓުއަރިޒަމްގެ ދާއިރާގެ މަސައްކަތްތަކަށް މަރްޙަބާ ކިޔުމުގެ ގޮތުން ސަރުކާރުން މި ނިންމީ، އިންޓްރެސްޓް ކޮސްޓް، ނޫނިއްޔާ ލޯނުގެ އިންޓްރެސްޓް ޚަރަދު، ހަތަރު ޕަސެންޓަށްވުރެ އިތުރުނުވާ ކަމަށްވަންޏާ، ކޮންމެ މީހަކު ލޯނު ނެގިޔަސް ދިވެހިރާއްޖޭގައި އިންވެސްޓް ކުރަން. އެ ވަރިހަމަ ބިދޭސީންނާއި ދިވެހިންނާ ގުޅިފައި އޮތް ކުންފުންޏަކުންވިޔަސް. ބިދޭސީ އިންވެސްޓަރެއް ކަމަށްވީނަމަވެސް. އަދި ޢަމުދުން ދިވެހި އިންވެސްޓަރުންނަށް މިކަން އަޅުގަނޑުމެން މަރްޙަބާ މި ކިޔަނީ. ސަރުކާރުން ދޭނަމޭ ސޮވްރިންގ ގެރެންޓީ. ސަރުކާރުން ދޭނަމޭ ސޮވްރިންގ ގެރެންޓީ. އެއީ ޝައްކެއްވެސްނެތްގޮތުގައި، ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ޓުއަރިޒަމް ދާއިރާގައި އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ވަރަށް ޕޮޒިޓިވް، ވަރަށް ވަރުގަދަ އީޖާބީ މެސެޖެއް އެއީ. އޭގެ ނަތީޖާވެސް ރަނގަޅު. އެތަކެއް ފަރާތްތަކުން މިހާރު އެކަހަލަ ޑީލްތައް އެބަ ހުށަހަޅުއްވާ ސަރުކާރަށް. ޗައިނާގެ އެގްޒިމް ބޭންކުން، ނޫނިއްޔާ އެހެން ތަނެއްގެ އެގްޒިމް ބޭންކުން މި ޑީލްތައް އެބަ ގެންނަވާ. އެހެންވީމާ، މިހާރު މި ފުރްޞަތުގެ ބޭނުން އަޅުގަނޑުމެން އެބަ ކުރަންޖެހޭ. އެޔާއެކީ މި އަންނަނީ ހަމަ ވަރަށް ވަރުގަދަ ބިލެއް އަޅުގަނޑުމެން ފާސްކުރީ. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކާބެހޭ ބިލް. ސްޕެޝަލް އިކޮނޮމިކް ޒޯން ބިލް. އޭގެ ދަށުން މި އަންނަނީ އިންޓަރގްރޭޓަޑް އެކިކަހަލަ ޑިވެލޮޕްމަންޓާއި އަދި މިނޫން މިއަށްވުރެ ބޮޑެތި މަޝްރޫޢުތައް. މިހުރިހާ މަޝްރޫޢުތައް މިއަންނަނީ މާލެއަކަށެއް ނޫން. މި ސަރުކާރުން ކުރާ ކަންތައްތަކުގައި، ވަރަށް ގިނައިން އެއްބަޔަކު އެބަ މަސައްކަތްކުރޭ، މި ސަރުކާރާ މާލެއަށް މަސައްކަތް ކޮށްދޭތީ، މި ސަރުކާރާ އަތޮޅުތެރެއާ ޖައްސަން. މިހުރިހާ ކަމެއް މިދަނީ އަތޮޅުތެރެއަށް. މީގެ މަންފާ ޙަޤީޤަތުގައި މި ލިބެނީ އަތޮޅުތެރޭގައި ދިރިއުޅުއްވާ ޒުވާނުންނަށް. އަތޮޅުތެރެއަށް އަންނަ ތަނަވަސްކަން. އަތޮޅުތެރެއަށް އަންނަ ދިރުން މިއިން ފެނިގެން މިދަނީ. މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ބްރިޖެއް އެޅުނީމަ، ޙަޤީޤަތުގައި މިހާރު ހުޅުމާލޭގައި އެތިބަ ސާޅީހަކަށްހާސް މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަތޮޅުތެރޭގެ އަޅުގަނޑުމެންގެ ރައްޔިތުން. އަޅުގަނޑުމެންނެއް މި ސަރުކާރަކުން އަދި ރައީސް މައުމޫން ސަރުކާރުވެސް މާލޭ މީހުންނާއި އަތޮޅުތެރޭގެ މީހުންނާ، މި ތަފާތެއް ނުގެންގުޅެން. އެކަމަކު މިހާރު އަނެއްކާވެސް މި ކޮންސެޕްޓް ކޮއިންކުރުމުގެ މަސައްކަތްތަކެއް މި ހިނގަނީ. އެހެންވީމާ، މި ތަރައްޤީތައް މި އަންނަނީ އަތޮޅުތެރޭގެ ޒުވާނުންނަށް ޙަޤީޤަތުގައި. ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް މި މަސައްކަތްތަކަކީ.
 
އަދި ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރު މިކުރާ މަސައްކަތަކީ، އެއްގޮތަކަށްވެސް ސިޔާސީ ކުޅިވަރު ކުޅުމުގެ މަސައްކަތެއް ނޫން. އެހެން ނަމަވެސް، ގައިގައި ޖެހޭ ކަމަށްވަންޏާ، ފޮޅާލަންވެސް ޖެހޭނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިސްވެ ކުރާ މަސައްކަތަކީ ޙަޤީޤަތުގައި ހަމަ ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ކުރުން. ސަރުކާރުގެ ބަޖެޓުން އިންފްރާސްޓްރަކްޗަރގެ އެކިއެކި މަސައްކަތްތައް ކުރަނީ. މިސާލަކަށް، މިނިސްޓަރ ޠާރިޤަށް ބަލައިލި ކަމުގައިވީނަމަވެސް، ފިޝަރީޒް މިނިސްޓަރަށް، ކޮންމެ މިނިސްޓަރަކަށް ބެލި ކަމުގައިވީނަމަވެސް، އަވަދިނެތި އެ އުޅުއްވަނީ، ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ފަސޭހަތައް، މިކަހަލަ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް، ބޯފެންވިޔަސް، ނަރުދަމާވިޔަސް، އަދި އެހެން ކަމެއްވިނަމަވެސް، އެކަމެއް ކޮށްދެވޭތޯ. އޭގެއިތުރުން އަޅުގަނޑުމެން މުޅި ސަރުކާރުން މިކުރާ މަސައްކަތަކީ، އިޤްތިޞާދު ބަދަލުކުރަން އެހެން ލީވަރަކަށް ނޫނީ އެހެން ޕްލޭނަކަށް، އެހެން މަރްޙަލާއަކަށް ބަދަލުކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން މިކުރަނީ. އޭގެ ނަތީޖާއަކަށް ވާނީ ޙަޤީޤަތުގައި މިކުރާ މަސައްކަތް ޙަޤީޤަތުގައި މި ޓްރާންސްފޯމް ވެގެންދާކަމަށްވަންޏާ، އަޅުގަނޑުމެން މި ވިސްނާ، އަޅުގަނޑުމެންގެ ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަން ދެގުނައަށް އިތުރުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ. މި ފުރްޞަތު، އަޅުގަނޑަށާއި އަޅުގަނޑުގެ ކެބިނެޓަށް އަދި އަޅުގަނޑުމެންގެ ޕާޓީއަށް ދިވެހި ރައްޔިތުން ދެއްވައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން ކާމިޔާބު ކުރާނަން މާތްﷲގެ ރަޙްމަތާއެކީ.
 
ދެން އަޅުގަނޑު ހަމަ މިރޭ ތިންވަނަ ވާހަކައަކަށް އުފަލާއެކީ ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ މަސައްކަތުގެ ތެރެއަށް ވަރަށްބޮޑު ތާޒާކަމެއް އައި ވާހަކަ، ދެންމެ ވާހަކަފުޅު ދެއްކެވި އިމާޒް އަޙްމަދުގެ ވާހަކަފުޅުގައި ވިދާޅުވި. ދެން އެކަމަކު އަޅުގަނޑަކަށް، މިއަކު އަޅުގަނޑުމެންގެ ތެރެއިން ވަކި ދޮށީ މީހުންނެއް ނުފެނޭ އިނގޭތޯ އިތުރަށް މިތަން ތާޒާކުރާކަށެއް. މިތާ ހަމަ މުޅިން ޅަ ބޭފުޅުން ދޮއެއްތޯ މިތިއްބެވީ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން ހަމަ އުފަލާއެކީ މަރްޙަބާ ކިޔަން އިނގޭތޯ. މި ތާޒާ ފިޔައިގެ، މި ގޮފީގެ ހުރިހާ ޒުވާން އަންހެން ބޭފުޅުންނަށް. މިއީ އަންހެން ބޭފުޅުންގެ ގޮތްޕެއް ކަމަށް އަޅުގަނޑަށް މި އިނގެނީ. އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ކިޔަން. އަޅުގަނޑުމެން މަރްޙަބާ ކިޔާ ސަބަބަކީ އަންހެނުންނަށްދޭ އަހަންމިއްޔަތު އެންމެ ފުރަތަމަ މިއޮތީ ފާހަގަކުރެވިފައި ރައީސް މައުމޫންގެ ސަރުކާރުން. ކަންކަމާބެހޭ ވުޒާރާއާއި އަދި އެކިކަހަލަ ކަންތައްތައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދެވި. ދެން ހަމަ އެޔާއެކީ ކޮންޓިނިއުއޭޝަނެއްގެ ގޮތަށް، އަޅުގަނޑުމެން ހަމަ އަނެއްކާވެސް އަންހެނުން މެއިން ސްޓްރީމް ކުރުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން މެނިފެސްޓޯގައި ޖަހައިގެން، ޖެންޑަރ މިނިސްޓަރ އަނިލް މިހާރު އެކުރައްވަނީ އަންހެނުން މެއިން ސްޓްރީމް ކުރުމުގެ މަސައްކަތް. ހަމަ ޓާގެޓްތަކެއް ކަނޑައަޅައިގެން ބޯޑްރޫމްގެ ތެރޭގައި އަންހެން ބޭފުޅުންގެ ޢަދަދު، ވަކި ޢަދަދަކަށް ހަމަޖައްސައިގެން އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑުމެންނަށް ނަތީޖާ ފެނޭ ނޫންތޯ. ދެންމެ މިތަނަށް ވަޑައިގެން، ޖެންޑަރ މިނިސްޓަރ އިލްތިމާސް ކުރެއްވި އަންހެނުން ނުކުންނާށޭ. ތިބި ތަނަކުން ނުކުންނާށޭ. ހަމަ ފައިބާވަޑައިގަތީމަ މިތަނަށް ވަޑައިގަތީ އަންހެން ބޭފުޅެއް. އެމީހުން ތިބި ތަނުން. އެހެންވީމާ، ވަރަށް އިފެކްޓިވް. ވަރަށް އިފެކްޓިވް މިނިސްޓަރުން މި ތިއްބެވީ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޕާޓީއަކީ، އަޅުގަނޑުމެންގެ ސަރުކާރަކީ، ދިވެހިރާއްޖެއަށް މަޞްލަޙަތަށް ލޯބިކުރާ ބައެކޭ. އަޅުގަނޑުމެން ވާހަކަ ދައްކަން ތައްޔާރަށް މިތިބީ ހުރިހާ ބަޔަކާވެސް. މީގައި އުޅެނީ ދެ މައްސަލައެއް. އެކައްޗަކީ ދައްކަންޖެހޭ ވާހަކައިގެ މަސްދަރު. ދެވަނަ ކަމަކީ ވާހަކަ ދައްކާނީ ކާކާތޯ. މި ވާހަކަ ދައްކަން ބޭނުންވާ ވާހަކައިގެ މަސްދަރަށް ބަލާކަމަށްވަންޏާ، އަދިވެސް އެ ވާހަކަ ދެއްކިދާނެ. އަދިވެސް އެ ވާހަކަ ދެއްކިދާނެ. އެވެނި ބޭފުޅަކު ޖަލުން މިންޖުކުރުން. މިވެނި ބޭފުޅަކު ޖަލުން މިންޖުކުރުން. އަދިވެސް އެވާހަކަ ދެއްކިދާނެ. އަޅުގަނޑަށް ހީވަނީ މީގައި އޮޅުމެއް އަރައިގެން މިއުޅެނީ މި ވާހަކަ ދެއްކޭ މީހުންގެ ގޮތުންހެން. އެހެންވީމާ، އަޅުގަނޑު މިރޭވެސް ޢަދާލަތު ޕާޓީއަށްވެސް އަދި އެހެން ޕާޓީތަކަށްވެސް އިލްތިމާސް ކުރަން ބޭނުންވަނީ، އަޅުގަނޑުމެންނެއް ކޮންމެހެން މޭ 1 ވަނަ ދުވަހަށް ޝައުޤުވެރިކަމެއް ނެތޭ. އެބޭފުޅުންނަށް ފާހަގަކުރައްވާ ދުވަހެއްގެ ގޮތުގައި ފާހަގަކުރައްވަނީ. އަޅުގަނޑުމެންގެ ސަރުކާރުން ވާހަކަ ނުދައްކާކަށްވެސް ނެތިން. އަޅުގަނޑު ވާހަކަ ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނީމަ، ވަރަށް ފާޑުކިޔުންތައް އިތުރުވީމަ، އަޅުގަނޑު މިރޭ މި ދަންނަވާލަނީ، ވާހަކަ ދައްކަން ބޭނުން. މިހާރުވެސް މި ދައްކަނީ ވާހަކަ. ދެންވެސް ވާހަކަ ދެއްކޭނެ. އަޅުގަނޑު އެ ބޭފުޅުންނާ ވާހަކަ ދެއްކިން. ވާހަކަ ދެއްކީމަ އެބޭފުޅުން އަޅުގަނޑާ ކުރިމަތި މި ކުރައްވަނީ، އަޅުގަނޑަށް އުފުލޭވަރުގެ ބުރައެއް ނޫން. އަޅުގަނޑަށް އުފުލޭވަރުގެ ބުރައެއް ނޫން. އެހެންވީމާ، މިރޭވެސް މި ދަންނަވަނީ، އަޅުގަނޑަކަށް އެ ބުރައެއް ނުއުފުލޭނެ. ރައްޔިތުންގެ ތަރައްޤީއަށް، ސަރުކާރުން ނުކޮށް ދޫކޮށްލާ ކަމެއް، ސަރުކާރުން ޤާނޫނާ ޚިލާފަށް، ސަރުކާރުން އިސްލާމްދީނުގެ އުޞޫލުތަކުގެ ޚިލާފަށް ކުރާ ކަމެއްގެ ވާހަކަ އަޅުގަނޑު ރަނގަޅު ކުރަންޖެހޭ ކަމަށްވަންޏާ މަރްޙަބާއޭ. ވަޑައިގެން އަޅުގަނޑަށް އެކަމެއް ހާމަކޮށްދެއްވާށޭ. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓް އެކަން ކުރާނަން. އެހެން ނަމަވެސް، ޤާނޫނުތަކުގައި ވަކިގޮތަކަށް ބަޔާންކޮށްފައި، ޙުކުމްތަކެއް އައިއްސަ ހުންނަ ކަންތައްތައް، އެނޫން އެހެން ފުށަކަށް ޖައްސަވަން އެ މަސައްކަތް ކުރެއްވީމަ އަޅުގަނޑަށް ދަތިވަނީޔޭ. އެކަންކަން އަޅުގަނޑުމެންނަށް ދަތިވޭ. އެއީ އުޞޫލުތަކެއް ހިފަހައްޓާ ޕާޓީއަކަށް މި ޕާޓީވާތީ. މި ޕާޓީ ވެރިކަމުން ވަކިވީމަ، އަނެއް ދުވަހަކު ނުފެންނާނެ، ތަންތަން ރޯކުރާ ތަނެއް. އަނެއް ދުވަހަކު ނުފެންނާނެ، ދިވެހިންނަށް އައިއްސަ އޮތް ތަރައްޤީ ހަމަބިމާ ހަމަޔަށް ތިރިކޮށްލާ ތަނެއް. މި ޕާޓީއަކީ އުޞޫލުތަކެއް ހިފަހައްޓާ ޕާޓީއެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އެކަންކަން ކުރަން ދަތިވަނީ. އެހެންވީމާ، މަސްދަރަށް ބަލާކަމަށްވަންޏާ ތަންކޮޅެއް އުނދަގޫ. ދެން އޮތީ މި ވާހަކަ ދައްކަވާ ބޭފުޅުން. އަޅުގަނޑު ޚުދު އަޅުގަނޑު އެބޭފުޅުންނާ ވާހަކަ ދައްކައިފިން. ދެން ކޮންމެއަކަސް އެބޭފުޅުން ދައްކަވާ ވާހަކަ އަޅުގަނޑަށް ނުވިސްނޭތީ، އެބޭފުޅުންނަށް ދެން އަޅުގަނޑު ފުރްޞަތު އަރުވައިފިން، އަޅުގަނޑުގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރާ ބައްދަލުކުރައްވަން. ޢުމަރު ނަޞީރާ އެކިފަހަރު އެބޭފުޅުން ބައްދަލުކުރައްވައިފި. އަޅުގަނޑަށް ހީވަނީ ހަމަ މީގައިވެސް ފެއިލްވީ ޢުމަރު ނަޞީރުހެން. އެއީ އެބޭފުޅުން ދައްކަވާ ވާހަކަ ޢުމަރު ނަޞީރަށް އެނގިވަޑައިނުގަތީމަ. އެހެންވީމާ، އަޅުގަނޑު މިރޭ ނިންމައިފިން، ޢިމްރާނަށް އަޅުގަނޑު މި ދަޢުވަތު މި އަރުވަނީ، ތިންވަނަ ބޭފުޅަކާ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވަން. އަޅުގަނޑުގެ ފަރާތުން ޢިމްރާނާ ވާހަކަފުޅު ދެން ދައްކަވާނީ ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް.
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه