بســم اللّـه الرّحمـن الرّحيــم
       
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، އުފާވެރި 123 އަހަރު ފުރިގެންދާއިރު، މި މުއައްސަސާގައި އެކި ރޮނގުރޮނގުން ޚިދްމަތްކޮށްދެއްވައި އަދި އެންމެމަތީ ޤުރްބާނީ ވެވަޑައިގެންފައި ތިއްބެވި ހުރިހާ ބޭފުޅުންނަށް، ބޭފުޅުންގެ ޢާއިލާތަކަށް، ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބެއް ކަމުގައި ދެކެނީ، ތިޔަ އެންމެ ބޭފުޅުންނަށް ތަހުނިޔާ ދެންނެވުން. އަދި އެބޭބޭފުޅުން ދުނިޔޭގައި ތިއްބެވިނަމަ، މިރޭގެ މި ޖަލްސާ އިތުރަށް ޒީނަތްތެރި ވެގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. މާތްﷲ، އެ މަތިވެރި ފުރާނަތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށި!
 
އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެނީ، 123 އަހަރު ފުރިގެން މިދާ މުއައްސަސާގެ އިސްވެރިންނަށް، މުއައްސަސާގެ މިނިސްޓަރ، މުއައްސަސާގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ސިފައިންގެ ވެރިން، އެންމެހާ ސިފައިން، ސިފައިންގެ ޢާއިލާތައް، މި މުއައްސަސާގައި މީހެކުރީގައި އަގުހުރި ޚިދްމަތްތައް ކޮށްދެއްވާފައި ތިއްބެވި އިސްވެރިންނަށް އިޚްލާޞްތެރިކަމާއެކީ ދުވަހުގެ މަރްޙަބާ ދަންނަވައި ތަހުނިޔާ ދެންނެވުން.
 
އާދެ، މި މުއައްސަސާގެ މުހިންމު ދުވަހެއް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ޚިޔާލަށް ގެންނަން މި ޖެހެނީ، މިއަދު އަޅުގަނޑުމެން އިޙްތިފާލު ކުރަމުން މިދަނީ އަޅުގަނޑުމެންގެ މިނިވަންކަމަށްވެސް 50 އަހަރުވެގެންދާ ރަން ޔޫބީލް އަހަރު. ޝައްކެއްވެސްނެތްގޮތުގައި، ޤައުމަކަށް މިނިވަންކަމުގައި 50 އަހަރުގެ ހިތްފަސޭހަ ނޭވާ ލަމުންދާއިރު، ސިފައިންގެ މުއައްސަސާ ނޫނީ ދުޝްމަނުންގެ ފަރާތުން މި ދައުލަތް ސަލާމަތްކޮށްދޭން އޮތް މުއައްސަސާގެ ދައުރު ކުޑައެއް ނުވާނެ.
 
އަޅުގަނޑުމެންނަށް ފެނިގެންދިޔަ، 1988 ވަނަ އަހަރު، އަޅުގަނޑުމެންގެ ހިތުން ހަމަ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި، ދިވެހިރާއްޖޭގެ ސިޔާދަތު ނިމި ގޮސް، ދިވެހިރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނިމިގެން ގޮސް ބޭރު ބައެއްގެ ޢުދުވާނުގެ އަޅުވެތި ކަމަށް ދިވެހިރާއްޖެ ދާ ކަހަލަ ނާޒުކު ހިސާބަކަށް، ދިވެހިރާއްޖޭގެ ޙާލަތު ފުރޮޅިގެން ދިޔަތަން. އެހެންނަމަވެސް، މާތްﷲގެ ރަޙްމަތާއި ވާގިފުޅާއި އަދި ސިފައިންގެ ޢަޒުމާއި، ސިފައިންގެ ސާބިތުކަމާއި، ޤާބިލުކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އެދުވަހު މާތްﷲ ނަޞްރު މިންވަރު ކުރެއްވި. މިނިވަންކަމުގެ އަހަރުތަކެއް އަޅުގަނޑުމެން ފާހަގަކުރާއިރު، ކީއްވެގެންތޯ މި މަތިވެރި ޤުރްބާނީގެ މަތިން އަޅުގަނޑުމެން ހަނދާން ނުކުރަންވީ.
 
މިއަދު އަޅުގަނޑުމެން ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ސިފައިންގެ ވާހަކަ ދައްކާއިރު، ނޫނީ ސިފައިންގެ ޚިދްމަތަށް، ދިވެހި ރައްޔިތުން ހޯދަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ ހަމައެކަނި މިކަހަލަ ޤުރްބާނީތަކެއް ނޫން. އަޅުގަނޑުމެންނަށް ދިވެހި ތާރީޚުން ވަރަށް ގިނައިން ނަގާދީފައި އޮތް ފިލާވަޅަކީ، އަބަދުވެސް ދިވެހިރާއްޖޭގައި އުޞޫލު ގަބޫލުނުކުރާ، ދުސްތޫރު ގަބޫލުނުކުރާ، ހަމަޖެހުމާއި މަޞްލަޙަތާއި، މުޅި ޤައުމުގެ މަޞްލަޙަތު ގަބޫލުނުކުރާ ބަޔަކު ތިބޭނެކަން. އެ ބަޔަކަށް ކޮންމެ ނަމެއް ކީ ނަމުގައި ވިޔަސް، ދިވެހި ދައުލަތަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިޚްލާޞްތެރިކަމެއް ނެތްކަމަށްވަންޏާ އެއީ ޚިޔާނާތްތެރިކަން. އެހެންވީމާ، އަބަދުވެސް ދިވެހި ތާރީޚު ދައްކައިދީފައި އޮތީ، ދިވެހިރާއްޖެއަށް މި ދިމާވާ ކޮންމެ ދަތި ކަމެއްގައި، ކޮންމެ ނުރައްކަލެއް ދިމާވެފައި އޮންނައިރު، ދިވެހި ޚާއިނުން އޭގެ ތެރޭގައި ޝާމިލުވާކަން. މާ ދުރު މާޒީއަކު ނޫން، ގޯދީ ރާޖާގެ މިސާލު، އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީކީ. އަދި އެއަށްވުރެ ކައިރިން އަޅުގަނޑުމެން އެންމެންނަށް ފެނިގެން މިދިޔައީ 88ގެ ނޮވެންބަރުގެ ޢުދުވާން. މިއިން ކޮންމެ ޙާލަތެއްގައިވެސް ދިވެހިރާއްޖޭގެ އަމިއްލަ އިސްނެގުން ކުރިއަށްލައި، ޤައުމީ މަޞްލަޙަތު އޭގެ ފަހަތަށް ގެންނަން މަސައްކަތް ކުރި ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ނަގައިދީފައި މިވަނީ.
 
އަޅުގަނޑުމެންނަށް މިއަދު މި ދިމާވާ ކަންކަމަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖޭގައި މިހާރުވެސް މިއުޅެނީ މިކަހަލަ އޮއިވަރުތަކެއް. ޤާނޫނީ ސަރުކާރެއް، ޤާނޫނީ ސަރުކާރެއްގެ މަސްއޫލިއްޔަތު އަދާކުރަމުންދާއިރު، ޤާނޫނީ ސަރުކާރަކަށް ޤާނޫނުން ބޭރުން ހުރަސްއެޅުމަކީ، އަޅުގަނޑު މިދެންނެވި ކަހަލަ ނުރައްކާތެރި ކަންތައްތައް ޖާގަ ލިބޭ ކަންތައްތައް. އަޅުގަނޑުމެން، ދިވެހި ސިފައިން ސާބިތުވާން މިޖެހެނީ، ދިވެހި ސިފައިންގެ ހުވާގެ މަތީގައި. ދިވެހި ސިފައިންނަށް، ހަމައެހެންމެ ދިވެހި ކޮންމެ ރައްޔިތަކަށްމެ، އެންމެ މުހިންމުވާންވާނީ، ޤައުމުގެ ހަމަޖެހުން، އިސްލާމްދީން ދެމެހެއްޓުން، ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުން. ސިޔާސީ އެކި ފަރާތްތަކަށްވެސް މުހިންމުވާންޖެހޭނީ، ޤައުމުގެ ހަމަޖެހުމާއި، ޤައުމު ކުރިއަށް ނެރުން. ދިވެހިރާއްޖޭގައި ހިނގާ ކަންކަމަށް، މިކަހަލަ ކަންކަމަށް، ޤާނޫނުން ބޭރުގައި ހިނގާ ކަންކަމަށް އަޅުގަނޑުމެންނަށް ޖާގަދެވޭ ކަމަށްވަންޏާ، މަދަކުންނެއް ނޫން އަޅުގަނޑުމެންނަށް ގޯދީ ރާޖާގެ ވިސްނުން އަނެއްކާވެސް އީޖާދުވެގެން، އުފެދިގެންދާތަން ފެންނާނީކީ.
 
އަޅުގަނޑުމެންގެ މި ސަރުކާރުން އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ސަރުކާރުން މަސައްކަތް މި ކުރަނީ، ދިވެހިރާއްޖެއަށް ހަމަޖެހުން ގެނައުމަށްޓަކައި. ދިވެހިރާއްޖެއަށް ދައުލަތް ހިންގުމުގައި ސިވިލިޓީ ގެނައުމަށްޓަކައި. ދިވެހިރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމަށްޓަކައި. ދިވެހިރާއްޖޭގެ ޤާނޫނުތައް ތަންފީޛު ކުރުމަށްޓަކައި. އަދި ދައުލަތުގެ ބާރާއި، ދައުލަތުގެ ކަރާމާތަކީ، ބޭރު ދުނިޔޭގައި އިޙްތިރާމް އުފުލިގެންވާ، އިޙްތިރާމް ލިބިގެންވާ، ޤަދަރު ލިބިގެންވާ ކަމެއް ކަމަށް ހެދުމަށްޓަކައި.
 
 އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ދިވެހި ދައުލަތަކީ ވަރަށް ކުޑަކުޑަ ދައުލަތެއް. އެހެން ނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއް ހުންނަންވާނެ. އަޅުގަނޑުމެންނަކަށް އެމެރިކާއަކުންނެއް މިސާލެއް ނުނެގޭނެ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ތިޔަބޭފުޅުންގެ ފޮތްތައް ބައްލަވައިލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ. ދާދިފަހުން ޕާސިންގ އައުޓް ކެޑޭޓުންނަށް ބަރަކް އޮބާމާ ދެއްވި ތަޤްރީރެއްގައި މި ވިދާޅުވަނީ، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ރަޢުޔަށް އިޙްތިރާމް ކުރަންޖެހެޔޭ. އެހެން ނަމަވެސް، އެމެރިކާގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭރު ޤައުމެއްގައި ތިބޭއިރު، އެކަމުގެ ހުއްދަ ބައިނަލްއަޤްވާމީ މުޖްތަމަޢުން ތިމަން ނަގަންޖެހޭ ކަމަކަށް ދެކެވަޑައެއްނުގަންނަވަމޭ. އަޅުގަނޑުމެންނަށް މިކަން ފެނިފައި މިވަނީ އެއްފަހަރަކު ދެފަހަރަކު ނޫން. އެހެންވީމާ، ބޮޑެތި ޤައުމުތަކުގެ މިލިޓަރީ ފިކުރު ހުންނަނީ މިގޮތަށް. އެ ޤައުމު ގަބޫލުކުރާ އުޞޫލުތައް، އެ ޤައުމުގެ ރައްޔިތުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން. އެކަންކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިޙްތިރާމް ކުރި ކަމުގައިވީނަމަވެސް، އޮޕީނިއަން އަށް އިޙްތިރާމް ކުރި ކަމުގައިވީނަމަވެސް، އެކަމުގައި ހުއްދަ ނަގަންޖެހޭ ކަމަކަށް އެބޭފުޅުންނެއް ދެކެވަޑައެއްނުގަންނަވާ.
 
އަޅުގަނޑު ހިތަށްއަރަނީ، ދިވެހި ސިފައިންގެ ލަޝްކަރު މިއަދު ނަމޫނާ ނަންގަވަންވީ މިކަހަލަ މިސާލުތަކުންނޭ. އަޅުގަނޑުގެ ސަރުކާރު، އަޅުގަނޑު ގަބޫލުކުރަން، ބައިނަލްއަޤްވާމީ އެކި ދިމާއިން ޕްރެޝަރ އަންނަކަން. އަންނާނެކަންވެސް. އެހެން ނަމަވެސް، މިއީ މިނިވަން ދިވެހި ދައުލަތް. އަޅުގަނޑުމެންނަށް މިކަހަލަ އުފާވެރި މިނިވަން އިޙްތިފާލްތައް މި ހޭދަކުރެވެނީ، މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ކުޑަނަމަވެސް، ދިވެހިރާއްޖެ އޮންނާތީ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެކިއެކި މުއައްސަސާތައް، އެކިއެކި ޖަމްޢިއްޔާތަކުގައި އަޅުގަނޑުމެން ބައިވެރިވެގެން މިއުޅެނީ، މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ ސިޔާދަތު ރައްކާތެރި ކުރެވޭނެ ކަމަށް ގަބޫލު ކުރެވިގެން. އަދި އެ ޖަމްޢިއްޔާތަކުން ޢާންމު އުޞޫލެއްގެ ގޮތުން ކަނޑައަޅާފައި ހުންނަ ގިނަ ކަންތައްތައް، އެއީ އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ކަމުގައިވީނަމަވެސް، ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ކަމުގައިވީނަމަވެސް، އެއް ޤައުމަކުން އަނެއް ޤައުމެއްގެ އިސްތިޤްލާލަށް އިޙްތިރާމް ކުރުން ކަމުގައިވީނަމަވެސް، މިކަންކަމުން އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، މިކަންކަމުގެ ފުރިހަމަ މަންފާ، ބޮޑެތި ޤައުމުތަކަށް ލިބޭ އުޞޫލުން އަޅުގަނޑުމެންނަށްވެސް ލިބޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އަޅުގަނޑުމެންނަށް ދެވަނަ ދަރަޖަ ލިބޭކަމަށްވަންޏާ، މިކަހަލަ ބޮޑެތި ބިޔަ ބައިނަލްއަޤްވާމީ މުއައްސަސާތަކުގައި އަޅުގަނޑުމެން އުޅުމުގެ ބޭނުމެއް ނެތް. އެއީ، އަޅުގަނޑުގެ ސަރުކާރު ގަބޫލުކުރާގޮތް.
 
އެހެންވީމާ، ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި، އަޅުގަނޑުގެ ސަރުކާރަކުން ބައިނަލްއަޤްވާމީ މުޖްތަމަޢުން ނަގަންޖެހޭނެ ހުއްދައެއް އޮންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ދިވެހިރާއްޖޭގެ ޤާނޫނު ދަމަހައްޓާއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުން ދިވެހި ސަރުކާރު ނަގަންޖެހޭ ހުއްދައެއް އޮންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ދިވެހިރާއްޖޭގެ މަޞްލަޙަތު ރައްކާތެރިކުރާނީ ދިވެހި ރައްޔިތުން. ދިވެހި ރައްޔިތުން ދިވެހިރާއްޖޭގެ މަޞްލަޙަތު ރައްކާތެރިކުރާއިރު، ސިފައިން ކުރައްވާފައިވާ ހުވާ، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް، ހިތްޕުޅަށް މިއަދުވެސް ގެންނަވާ. ވަޠަނާއި، ދީނާއި، ދިފާޢުކުރުން މަތީގައި ޤުރްބާންވާން، ނަފްސުން ޤުރްބާންވާން ތިޔަބޭފުޅުން ހުވާ ކުރައްވައިގެން ތިޔަ ތިއްބެވީ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ފަސްގަނޑުގައި، މި ޚިޔާލުތަފާތުވުންތަކުގެ ތެރޭގައި، ބޭރުގެ އޮއިވަރުތައް، އަޅުގަނޑުމެންގެ ސިޔާސީ ފިކުރުގެ ތެރެއަށް ދަމައި ގެނައި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މިކަންކަމަކަށް ޖާގަދީގެން ނުވާނެ.
 
އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ދައުލަތަކީ ކުޑަ ދައުލަތެއް. އެހެންނަމަވެސް، ދިވެހިރާއްޖެއަށް އެންމެ ހެޔޮއެދޭނީ، ދިވެހިރާއްޖޭގެ ރައްޔިތުން. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ޚިޔާލު ތަފާތުވީނަމަވެސް، ގިނަ ބައެއްގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުން. އެހެންވީމާ، ޤާނޫނީ ސަރުކާރެއް އޮންނަ ކަމަށްވަންޏާ، އަދި އެ ސަރުކާރުން ޤާނޫނާ ޚިލާފުނުވެ، ދިވެހިރާއްޖޭގެ ޙުކޫމަތް ތަންފީޛު ކުރަން މަސައްކަތް ކުރާ ކަމަށްވަންޏާ، ދިވެހި ސިފައިން ތިބެންވާނީ ދިވެހި ސިފައިންގެ ހުވާގެ މަތީގައި އެވާ ޢިބާރާތްތަކުގައިވާ ފަދައިން، އެ ޤާނޫނީ ސަރުކާރު ދަމަހައްޓަން. އެހެން ނޫނިއްޔާ ދިވެހިރާއްޖޭގެ ސިފައިންނަކަށް ކަރާމާތެއް، ޝަރަފެއް އަދި މިކުރާ މަސައްކަތުގައި ﷲގެ ބަރަކާތެއްވެސް ނުވާނެކަން، އަޅުގަނޑު ޝައްކެއް ނުކުރަމު. އެހެންވީމާ، ބޮޑެތި ޤައުމުތަކުން ދެކޭގޮތުގައި، އެ ޤައުމުތަކުގެ އިސްތިޤްލާލާއި، އެޤައުމުތަކުގެ ދާޚިލީ ކަންކަމަކަށް، އެހެން މީހުންނަކަށް ފާޑެއް ނުކިޔޭނެ.
 
 އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިވާހަކަ ދައްކާއިރުވެސް، އަޅުގަނޑުމެންނަށް އެހާ ފަސޭހަނުވެ ހިނގައިދާނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންކަން ކުރާކަމަށްވަންޏާ، ފާޑު ކީ ނަމަވެސް، އަޅުގަނޑުމެންނަށް އެންމެ މުޤައްދަސް އެއްޗަކަށްވާނީ، އަޅުގަނޑުމެންގެ ޤާނޫނުތަކުގައި، އެކަންކަން ނިންމަން ނިޔާކޮށްފައި އޮންނަ ގޮތް. އަޅުގަނޑުމެންގެ ޤާނޫނުތައް ބަދަލުކުރުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. ޙާލަތު ނިޔާކުރާގޮތުން، މަޞްލަޙަތު ތަންދޭގޮތުން، އަދި ކުރިއަށްދާއިރު ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް. އެކަމަކު ބޭރުގެ އެއްވެސް ދައުލަތަކަށް، ބައިނަލްއަޤްވާމީ ބޮޑެތި މުޢާހަދާތައް، މުޢާހަދާތަކާ ޚިލާފުނުވާހާ ހިނދަކު، އަޅުގަނޑުމެން ކައިރީގައި އައިސް ނުބުނެވޭނެ، މީހުން ރަހީނު ކުރުމާއި ކިޑްނެޕް ކުރުމަކީ، ތިމަންނަމެން ގަބޫލުކުރާ ގޮތުގައި، ޓެރަރިޒަމްގެ ކުށުން ކުށްވެރިވާންވާނެ ކަމެއް ކަމަކަށް، ކަލޭމެންގެ ޤާނޫނުގައި ނުލިޔެވޭނެޔޭ. މިއީ، އަޅުގަނޑުމެންގެ ސަރުކާރުގައި އައިސް ބުނެވޭނެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރަކު ނުބުނެވޭނެ، އަޅުގަނޑުމެން، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ހިމެނޭ ބަޔަކަށްވާތީ، ބޭރުގެ އެހެން ފަލްސަފާތަކުގައި ގަބޫލުކުރާ އުޞޫލުން ދިވެހިރާއްޖޭގައިވެސް ހުރިހާ ދީންތަކަށް ޖާގަ ލިބެންވާނެ ކަމަކަށް، ދިވެހިރާއްޖޭގައި އައިސް، ބޭރުގެ ފަރާތްތަކުން މިވާހަކަ ބުނާކަށް ޖާގަދީގެން ނުވާނެ.
 
އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ، މީގެ ކުރީގައި ސިޔާސީ ބައެއް ބޭފުޅުން މިކަންކަމަށް ޖާގަ ދެއްވައި، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ގޮތް ނިންމުމަށް ބޭރުގެ ފަރާތްތަކަށް ޖާގަ ދެއްވި މިންވަރުން އަޅުގަނޑުމެންގެ ކަންކަން މިހާ ހަލަބޮލިވެގެން މިދަނީ. އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ، އަޅުގަނޑުމެންގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަދި އަޅުގަނޑުމެންގެ ދިވެހި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑުމެންނަށް ތަންފީޛު ކުރެވޭނީ، އަޅުގަނޑުމެންގެ ޤާނޫނުތަކުގައި ލިޔެފައި ހުރި އެއްޗެއް. އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް ތަންފީޛު ކުރެވޭނީ، ކޯޓުތަކުގެ ޙުކުމް. މިކަންކަމަށް ޖަދަލުކުރާކަށް، ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖެއަށް އައުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރައްވައިގެން ކާމިޔާބުވާ ކަމަށްވަންޏާ، ޤާނޫނު ހަދާ މަޖިލީހުން ޤާނޫނުތައް ބަދަލުކުރެއްވުމަށް އަޅުގަނޑު މަރްޙަބާ ކިޔަން. އެހެންނަމަވެސް، އެ ޤާނޫނުތަކަށް ބަދަލު ނާންނަހާ ހިނދަކު، މި ސަރުކާރުގެ ޢަޒުމަކަށްވާނީ، ޤާނޫނުތައް ތަންފީޛުކުރުން. އެއްވެސް ރައީސަކަށް ފަސޭހައެއް ނުވާނެ، މީހުންނަށް އަދަބު ދިނުމެއް. އެހެން ނަމަވެސް، މުޅި މުޖްތަމަޢުގެ މަޞްލަޙަތު ކުރިއަށް ނެރުމަކީ، ކޮންމެ ސަރުކާރަކުން ކުރަންޖެހޭ ނޫނީ ނަގަންޖެހޭ ޤާނޫނީ ޒިންމާއެއް. ކޮންމެ ދައުލަތެއްގެވެސް ވަކިވެގަންނަ، ނޫނިއްޔާ ޚިޔާލު ތަފާތުވާ، މައި ވިސްނުމާ ޚިޔާލު ތަފާތުވާ މަދު ފަރާތްތަކެއް އުޅޭނެ.
 
އެހެންނަމަވެސް، ޑިމޮކްރަސީގެ ހަމަޔަކީވެސް، އެ އެންމެންނަށް އެއްވަރުގެ ފުރްޞަތު ލިބުމެއް ނޫން. ޑިމޮކްރަސީގެ ހަމަޔަކީ ގަބޫލުކުރާ އުޞޫލަށް އެމީހުން ކަންތައްތައް ކުރުމަށް، އެމީހުންނަށް ޖާގަ ދިނުން. އެޔާ ޚިލާފުވާ ކަމަށްވަންޏާ، ކޯޓުތަކުން ކުރާ ޙުކުމަށް އެމީހުން ތިބެންޖެހޭނީ ބޯލަނބައިގެން. އަދި އެ ސަރުކާރުތަކުންވެސް އެ ޙުކުމްތައް ތަންފީޛު ކުރާނެ. އެހެންވީމާ، ދިވެހި ދައުލަތުގެ މިއަދުގެ ސިޔާސަތަކީ، ޤާނޫނުތައް ތަންފީޛު ކުރުމާއެކީ، ދިވެހިރާއްޖޭގައި ޢަދުލުވެރިކަމާއެކީ ޤާނޫނުގެ ބާރު ނެގެހެއްޓުން. އަޅުގަނޑުމެން މި ދައްކާ ވާހަކަޔާ ތަފާތު ގޮތަކަށް ވާހަކަފުޅު ދައްކަވާ ކަމަށްވަންޏާ، އަޅުގަނޑު ހަމަ މަރްޙަބާ ދަންނަވަނީ، ދިވެހި ހުރިހާ ރައްޔިތުންނަށް، އެބޭފުޅުން އެ ދައްކަވާ ވާހަކަ، ތަނަވަސް ސިކުނޑިއެއްގެ މީޒާނުން ތިޔަބޭފުޅުން ކިރާލައްވާށޭ. އެ ދައްކަވާ ވާހަކައިގައި އެއްވެސް ބުރަދަނެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.
 
ދިވެހި ސިފައިންގެ މިފަދަ އުފާވެރި ޖަލްސާއެއްގައި، އަޅުގަނޑު މި ވާހަކަ  މި ދަންނަވަނީ، ބޭނުންތަކެއް އޮވެގެން. ދިވެހި ސިފައިންނަކީ އެންމެފަހު ވަގުތާ ޖެހެންދެން، ދައުލަތުގެ ޝަރަފާއި، ދައުލަތުގެ ކަރާމާތާއި، ދައުލަތުގެ އިސްތިޤްލާލާއި، ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ފަރާތްތައް. ދައުލަތުގެ މިނިވަންކަން ގެއްލިގެން ދަނީކީ އެއްގޮތަކަށްވެސް މިތަނަށް ބޭރުގެ ޢުދުވާންތައް ހަމައެކަނި އައުމަކުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ބޭރުގެ ޢުދުވާންތައް އައުމުން، ދައުލަތުގެ މިނިވަންކަމަށް ގޮންޖެހުންތައް ކުރިމަތިވާނެ. އެކަމަކު ބޭރުގެ ޢުދުވާންތައް އައުމަށް ޖާގަ ލިބޭގޮތަށް ކަންތައްތައް ދާކަމަށްވަންޏާ، އެ ޖާގަ ލިބޭ ލިބުމަށް ހުރަސްއެޅުމަކީ، މިނިވަންކަން ދިފާޢުކުރަން ކުރެވޭ އެންމެ ވަރުގަދަ މަސައްކަތް. އެހެންވީމާ، މިނިވަންކަން ދިފާޢުކުރުމަށް މި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މިދެންނެވި ކަންކަމަށް ޖާގަ ލިބޭގޮތަށް ކަންތައްތައް ހިނގާތީ، އަޅުގަނޑު ހަމަ ދިވެހި ސިފައިންނާ މުޚާޠަބުކޮށް ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުގެ ނޫނިއްޔާ މި ދައުލަތުގެ ވެރިކަމުގައި މި ސަރުކާރު އޮތްހާ ހިނދަކު އަޅުގަނޑުމެން ޖެހިލުމެއްނެތި، އަޅުގަނޑުމެން މަސައްކަތް ކުރާނީ، ޤާނޫނުގެ ބާރު ދަމަހައްޓާށޭ. ސިޔާސީގޮތުން ޚިޔާލުތަފާތުވުމަކީ އެންމެ ރަނގަޅު ކަމެއް. އެހެންނަމަވެސް، ސިޔާސީގޮތުން ޚިޔާލުތަފާތުވުމަކީ، އެއްވެސް ގޮތަކަށް ލިބޭ ލައިސަންސެއް ނޫން. ޤާނޫނުއަސާސީއާ ޚިލާފަށް، ނޫނިއްޔާ ދައުލަތުގެ ބާރުތަކާ ޚިލާފަށް ކަންތައްތައް ކުރުމަކީ، އެއްވެ،ސް ތަނެއްގައި ލިބޭ ލައިސަންސެއް ނޫން.
 
ދިވެހިރާއްޖޭގައި މި ސަރުކާރުގެ ކަންތައްތައް ހިނގާނީ މިގޮތަށް. އަޅުގަނޑު ކުރިން ދަންނަވާލި ފަދައިން، އެއްވެސް ޤައުމެއްގެ ރައީސަކަށް ފަސޭހަ ކަމަކަށް ނުވާނެ، ރައްޔިތުންނަށް އަދަބު ދޭކަށް. އެހެން ނަމަވެސް، މުޅި ދައުލަތުގެ ޙައްޤުގައި ޤާނޫނުއަސާސީ ނެގެހެއްޓުމަށް ކުރެވޭ މަސައްކަތުގައި، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި، މި ކުޑަކުޑަ ޤައުމު ކުރިއަށް ދިޔުމާއި އަދި އަޅުގަނޑުމެން ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ކުރުމުގައި މި ސަރުކާރު ފަސްނުޖެހޭނެ.
 
އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މި ކަށަވަރުކަން އަދި މި އިތުބާރު، މި ޔަޤީންކަން މިއަދު ހުރިހާ ދިވެހި ސިފައިންގެ ކުރިމަތީގައި އަޅުގަނޑަށް ދެއްވި ކަމަށްޓަކައި. އާދެ، މި ދައުލަތުން، މި ސަރުކާރުން މަސައްކަތް ކުރާނީ ޤާނޫނުގެ ބާރު ދެމެހެއްޓުމަށް. ޤާނޫނާ ޚިލާފު އެއްވެސް ކަމެއް، މި ސަރުކާރަކުން ނުކުރާނެ. މި މުއައްސަސާގައި މަސައްކަތް ކުރައްވާފައި ތިއްބެވި ޢިއްޒަތްތެރި ޑެކަރޭޓަޑް ވެރިންނަށް އެނގިވަޑައިގެންފި، ފިލާވަޅެއް ނަންގަވައިފި. އަޅުގަނޑުމެންނަށް ޖެހެނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަންތައްތަކެއް ދިޔައީމަ، އޭގެ އަގު އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. އެހެންވީމާ، އެ ޖާގަ ހިންގަވާ ނުދެމާ.
 
މި ސަރުކާރުން މި މަސައްކަތް ކުރަނީ ސިފައިންގެ ވެލްފެއަރ އަށް ބޭނުންވާ ކަންތައްތަކެއް ކޮށްދޭން. ބަރަކް އޮބާމާގެ ސްޓޭޓްމަންޓްގައި ވިދާޅުވި ފަދައިން، އަޅުގަނޑުމެންގެ ސަރުކާރުން އަޅުގަނޑުމެންގެ ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާކަށް އަޅުގަނޑުމެން ނަގަންޖެހޭ ހުއްދައެއް، ހުއްދަ ހޯދަން ދާންޖެހޭ ފަރާތެއް އޮވެގެން ވެދާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމު. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބާރުގަދަ ޤައުމުތަކުގެ ނުފޫޒުގައި އަޅުގަނޑުމެންނަށް ފިއްތުންތަން އަންނާނެ. އަދި އެކިއެކި މުއައްސަސާތަކުން، ނޫނީ އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދިވެހިރާއްޖެއަށް ހުރަސްއެޅުމަށް މަސައްކަތްތަކެއް ހިނގާނެ. މިއީ ކޮންބަޔަކު ދަޢުވަތު ދީގެން ކުރާ ކަމެއްތޯ؟ މިއީ ހަމަ އަޅުގަނޑުމެން ކަހަލަ ދިވެހިން. ދިވެހިންގެ ދަޢުވަތަށް އިޖާބަ ދިނުމުގެ ގޮތުން ހިނގާ ކަންތައް. މީގެ އާޚިރު ނަތީޖާއަކަށް ވަނީ ކޮންކަމެއްތޯ؟ ފަހަރުގައި ވެލާނާގޭ މުޙަންމައިދީ ބޭރުން ބަޔަކު ގެނެސްގެން މިތަން ފަތަޙަ ކުރައްވަން ކުރެއްވި މަސައްކަތަށް ނުވެ ހިނގައިދާނެކަންނޭނގެ. އެކަމަކު މި ދަޢުވަތު  މި ދެވެނީ ކޮންކަމަކަށްތޯ؟ މި ދަޢުވަތު މި ދެވެނީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުން ނަގާލުމަށް. އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުން ނަގާލުމަށް ދަޢުވަތު ދެވިގެން މިކަންކަން ހިނގާކަމަށްވަންޏާ، މިއަށްވުރެ ބޮޑެތި ނުރައްކާތަކާ އަޅުގަނޑުމެން ކުރިމަތިލާނެ. އަޅުގަނޑުމެންގެ ތާރީޚުގައި، މާ ވަރުގަދަ ޝަޚްޞިއްޔަތުތަކެއް ނޫން، 88 ނޮވެންބަރުގެ ޢުދުވާނުގެ ފަހަތުގައި ތިބީކީއެއް. ދިވެހިރާއްޖެއަށް ޚިދްމަތް ކުރުމުގައި، ނޫނީ ދިވެހިރާއްޖޭގެ މީހުންގެ ދިރިއުޅުން ބައްޓަންވެފައި ހުރި ގޮތަށް ބަލާކަމަށްވަންޏާ، އެއީ ދިވެހިރާއްޖޭގެ މާ ވަރުގަދަ ޝަޚްޞިއްޔަތުތަކެއް ނޫން. އެހެންނަމަވެސް، އެކަންކަމަށް ޢަޒުމް ކަނޑައަޅައިގެން މަސައްކަތްތަކެއް ކުރާކަމަށްވަންޏާ، އަބަދުވެސް ނުބައި މަގުން ކަންކަން ގެންދިޔުމަށް ފަސޭހަކަމާއެކީ ބައިޢަތު ހިފާނެ ބަޔަކުވާނެ. އެކަންކަމަށް ފައިސާދޭނެ ފަރާތްތަކެއްވާނެ.
 
ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އެންމެ ބޮޑެތި ގޮންޖެހުން އައިސް ހުރީ، މިދެންނެވި ކަހަލަ ކަންތައްތައް ކުރިމަތިވެގެން. އެހެންވީމާ، ދިވެހި ސިފައިންގެ މިއަދުގެ ޢަޒުމަކަށްވާނީ، ތިޔަބޭފުޅުންގެ ހުވައިގައިވާ ފަދައިން، މިކަހަލަ ކަންކަމަށް ޖާގަ ނުދެއްވުން. އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަކީ ޢުދުވާންތަކާ ކުރިމަތިލާން ތައްޔާރުވެ ތިބޭ ބަޔަކަށް އަބަދު އިންތިޒާރު ކުރާކަށް ނުޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެންނަކީ އަބަދުވެސް ހުރިހާ ކަމެއްގައި ތައްޔާރީ ޙާލަތުގައި ތިބެންޖެހޭ ބަޔަކަށްވާންޖެހޭނެއޭ. އަޅުގަނޑުގެ ވިސްނުމުގައި، ޢަސްކަރިއްޔާގެ އަމާޒުތަކެއް ހުންނަންވާނެ. ޢަސްކަރިއްޔާގެ ވިޝަނެއް އޮންނަންވާނެ. ޢަސްކަރިއްޔާ އަބަދުމެ ތިބެންވާނީ ތައްޔާރީ ޙާލަތުގައި. ތައްޔާރީ ޙާލަތުގައި ތިބެނީ ހަމައެކަނި ބޭރުގެ ޢުދުވާންތަކުން ޤައުމު ދިފާޢުކުރާކަށެއް ނޫން. ޢަސްކަރިއްޔާ އަބަދު ޓްރެއިންވެ، ޢަސްކަރިއްޔާގެ ލީޑް ފޯސްތަކެއް ޑިވެލޮޕް ކުރުމުގެ ބޭނުމަކަށްވަނީ އަބަދު ބޭރުން ޢުދުވާންތަކެއް އަތުވެދާނެ ކަމަކަށް ނޫން. ޢުދުވާންތަކާ ކުރިމަތިލުމަކީ ކުރަންޖެހޭ ކަމެއް. އެކަމަކު އަޅުގަނޑުމެންގެ ޢަސްކަރިއްޔާ، ދިވެހިރާއްޖެއަކީ ކުޑަކުޑަ ދައުލަތަކަށްވާތީ، އަޅުގަނޑުމެންގެ ޢަސްކަރިއްޔާ އަބަދުވެސް ތައްޔާރީ ޙާލަތެއްގައި މި ތިބެންޖެހެނީ، ދިވެހި ދައުލަތަށް ދިމާވާ ހުރިހާ ބޮޑެތި ކަންކަމުން ދިވެހި ދައުލަތް ސަލާމަތްކުރުމަށްޓަކައި. އެއީ، މިދިޔަ އަހަރު، މާލޭގައި ހިނގާދިޔަ ފެނުގެ ކާރިޘާ ކަމަށްވީނަމަވެސް، ކަނޑުމަތީގައި ގެއްލޭ މީހެއް ކަމުގައިވީނަމަވެސް، އަދި ގެއްލޭ އުޅަނދަކަށް ކަމުގައިވީނަމަވެސް، ނޫނިއްޔާ ތަނެއްގައި ރޯވި ކަމުގައިވީނަމަވެސް، ދިވެހި ސިފައިން  މި ތިބެންޖެހެނީ، ދިވެހި ޢަސްކަރިއްޔާ މި ތިބެންޖެހެނީ މި ތައްޔާރީ ޙާލަތުގައި. ދިވެހި ސިފައިން، އެހެންވީމާ ތަމްރީނު ހޯދަން މި ޖެހެނީ، އެއް ދާއިރާއަކުން، ދެ ދާއިރާއަކުންނެއް ނޫން. އުފަލާއެކު އަޅުގަނޑު ފާހަގަކުރަން، މިއަދު ދިވެހި ޢަސްކަރިއްޔާގައި ތަފާތު ރޮނގު ރޮނގުން ތަމްރީނުވެފައި ތިއްބެވި އެތަކެއް ހުޝިޔާރު ފަހުލަވާނުން އެބަ ތިއްބެވި. ދިވެހި ދައުލަތުގެ ޢަސްކަރިއްޔާ، ތަފާތު ރޮނގުރޮނގުން ތަފާތު ޙާލަތްތަކަށް އަބަދުވެސް ތައްޔާރުވެ އެބަ ތިބެންޖެހޭ.
 
ޢަސްކަރިއްޔާގެ މީހުންގެ ކުޅަދާނަކަން ދައްކަނީކީ، ޢާންމު ޙާލަތުގައި ކަންތައްތައް އޮންނަ ވަގުތަކު ނޫން. ޢަސްކަރިއްޔާގެ މީހުންގެ ކެރެކްޓަރ ދައްކަނީ، ޙަޤީޤަތުގައި ނުރައްކާތެރި ކަންތައްތައް ދިމާވީމަ. ނުރައްކާތެރި ކަންކަން ދިމާވީމަ، ނުރައްކާތެރި ކަންކަމުގެ ނަތީޖާ އެނގި ތިބެގެން ނުރައްކަލާ ކުރިމަތިލާ ބަޔަކީ، ޢަސްކަރިއްޔާގައި ތިބި ޢަސްކަރިއްޔާގެ ލީޑަރުން. 88 ނޮވެންބަރު 3 ގައި ޢަސްކަރިއްޔާގެ ލީޑަރުން، އެކަން ކުރެއްވި. އަދި އަޅުގަނޑުމެން އެކުރި މަސައްކަތުން ﷲގެ ވާގި އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި. ޢަސްކަރިއްޔާއިން ވިސްނަންޖެހޭ އަނެއް ކަމަކީ، އަބަދުވެސް އޮންނަ ޤާނޫނީ ސަރުކާރެއް ޙިމާޔަތް ކުރަން ކުރަންޖެހޭ މަސައްކަތްތައް އެއީ ޢަސްކަރިއްޔާގެ ޒިންމާއެއްކަން. ޤާނޫނީ ސަރުކާރަކުން، ޤާނޫނީ ސަރުކާރުގެ މުއްދަތުގައި ކުރާ ކަންކަމުގައި ޤާނޫނާ ޚިލާފުނުވެ ކުރާ ކަންތައްތަކެއް ހިނގާ ކަމަށްވަންޏާ، ޢަސްކަރިއްޔާގެ މަސްއޫލިއްޔަތަކަށްވަނީ ދިވެހިރާއްޖޭގެ އިސްތިޤްލާލު ރަމްޒުކޮށްދޭ ދައުލަތް ސަލާމަތްކުރުން. އޭގެތެރޭގައި ދިވެހި ސަރުކާރު ޙިމާޔަތް ކުރުމަކީ، ޢަސްކަރިއްޔާއިން ކުރަންޖެހޭ ކަމެއް.
 
ސިފައިންނާއި އެހެން މުއައްސަސާތަކާ، ޝައްކެއްވެސްނެތްގޮތުގައި ބޮޑު ތަފާތެއްވޭ. އެ ތަފާތަކީ ޔުނީފޯމުގެ ތަފާތެއް ނޫން. އެ ތަފާތަކީ ސިފައިންގެ ހަމަ ކޮންމެ މީހަކީ، އެކަކު އަނެކަކުގެ މައްޗަށް އިޙްތިރާމާއި އިތުބާރު ކުރާ ބައެއް. ހަނގުރާމައަކަށް ނުކުތް ކަމުގައިވީނަމަވެސް، ކޮންމެ ސޯލްޖަރަކުވެސް އަދި ކޮންމެ އޮފިސަރަކުވެސް އަދި އެއަށްވުރެ މަތީ ޖެނެރަލަކުވެސް، އެކަކު އަނެކަކަށް އިތުބާރު ކުރޭ. ކޮންމެ މީހެއްގެ ޒިންމާއެއް އޮވޭ. އެމީހެއްގެ ޒިންމާ، އެމީހާ އަދާކުރާނެ ކަމަށް، އަނެއް ސޯލްޖަރު އިތުބާރު ކުރޭ. މިކަހަލަ ބަދަހި ގުޅުމެއް އޮންނަނީ ހަމައެކަނި ޢަސްކަރިއްޔާގައި. ކޮންމެ މީހަކު، އަނެކެއްގެ މައްޗަށް މި އިތުބާރު މި ކުރަނީ، އޭނަގެ ފުރާނަޔަށް އިތުބާރު ކުރާ އުޞޫލުން. އެކަހަލަ ޙާލަތެއް މި ދިމާވަނީ ބެޓްލް ލައިނާ ހަމަޔަށް، ނޫނީ ބެޓްލް ފްރޮންޓަށް ދިޔައީމަ. އެހެންނަމަވެސް، ސިފައިން ކުރިމަތިލާ ކޮންމެ ބޮޑު މަސައްކަތަކަށް އަޅުގަނޑުމެން ތައްޔާރުވާއިރު، މިދެންނެވި ޝިޢާރު، ނޫނީ މިދެންނެވި ކެރެކްޓަރ، އަޅުގަނޑުމެންގެ ތެރޭގައި ތަރައްޤީކުރަން އެބަޖެހޭ. ކޮންމެ ސިފައިންގެ މީހަކީ އެންމެ އާދައިގެ ސޯލްޖަރު ކަމުގައިވީނަމަވެސް، އެންމެމަތީ ޖެނެރަލް ކަމުގައިވީނަމަވެސް، އެކަކު އަނެކެއްގެ ފަރާތުން ވާގިވެރިކަން މި ލިބެނީ، އެކަކު އަނެކެއްގެ ޒިންމާއާއި އިޙްތިރާމަށް އިތުބާރު ކުރާ ޙާލުގައި.
 
ސިފައިން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ސިފައިންގެ ތެރެއަށް ސިޔާސީ ކަންކަން ވަދެގެން ނުވާނެ. ސިފައިންގެ ޖެނެރަލުންނަކަށް ނިންމާކަށް ނޭނގޭނެ، ޙާލަތު ބަދަލުވެގެން މިދަނީ ސިޔާސީގޮތުން ކިހިނެއް ކަމެއް. އެއީ، ސިފައިންގެ ޖެނެރަލުންގެ ޒިންމާއެއް ނޫން. އެކަން ނިންމާނީ ސިޔާސީ މީހުންނާއި، ޤާނޫނުއަސާސީއާއި، ކޯޓުތަކުން. އެކަން ފެނިގެން ހިނގައްޖެ. އެއީކީ މިހާރު މި ސަރުކާރުގައި ޢަސްކަރިއްޔާއިން އެކަމަށް ފުރްޞަތު ދެއްވައިގެން ނުވާނެ. ސިފައިންނަކީ ސިޔާސީ ވިސްނުމުގައި ތިބޭ ބައެއް ނޫން. ސިފައިންގެ މިނިސްޓަރެއްގެ ގޮތުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހަމަޖެހެމުން، މި ފަހުން މި އަންނަނީ ރިޓަޔަރޑް ޖެނެރަލުން. ނޫނިއްޔާ ސިފައިންގެ ޚިދްމަތުގައި ޝަރަފް ހޯއްދަވާފައި ތިއްބެވި ބޭފުޅުން. އަޅުގަނޑު ގަބޫލުކުރަނީ، އެބޭފުޅުންނަކީ ރިޓަޔަރޑް ބޭފުޅުން ކަމަށްވީނަމަވެސް، އެބޭފުޅުންނަކީ ސިފައިންގެ ޑިސިޕްލިން، އެބޭފުޅުންގެ ކެރިއަރުގައި ކެރީ ކުރައްވާފައި އޮތްގޮތަށް، އޭގެފަހުންވެސް ކެރީ ކުރައްވާނެ ބޭފުޅުންކަމަށް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ފަޚުރުވެރި، ޝަރަފުވެރި ކޮންމެ ޖަލްސާއެއްގައި، ކޮންމެ ޙަފްލާއެއްގައި، އެ މަތިވެރި މެޑެލިއަންތަކާއި، ބެޖްތައް ޖައްސަވައިގެން އުޅުއްވާ ތަން. އެހެން ކަމަށްވަންޏާ، އިން ކެރެކްޓަރ، އޭނަޔަކީ އަދިވެސް ސޯލްޖަރެއް. އޭނަޔަކީ އަދިވެސް ޖެނެރަލެއް. ސިފައިންގެ މިނިސްޓަރުން، ސިފައިންގެ މުއައްސަސާއާ ޙަވާލުވެ ތިއްބެވި މިނިސްޓަރުން އެކަން ބަލައިގެންނެވުމަކީ އަޅުގަނޑު ކުރާ އިލްތިމާސެއް.
 
އެހެންވީމާ، ސިފައިންގެ މިނިސްޓަރަކަށް ހުންނަ މީހަކަށް، ސިޔާސީގޮތުން ތަފާތު ވިސްނުމެއް ވިސްނާކަށް ޖާގައެއް ނޯންނާނެ. އަދި ސިފައިންގެ މިނިސްޓަރަކަށް ހުންނަ މީހަކަށް، އޭނަގެ މަސްއޫލިއްޔަތު އަދާކުރާއިރު، ސިފައިންގެޔަށް ބޭނުންވާ ވަސީލަތްތައް ހޯދާއިރު، ސަރުކާރުގެ ވިސްނުމާ ޚިލާފަށް މަޞްލަޙަތު އޮތީ މިވެނި ގޮތަކަށް ކަމަށް، މިވެނި ޤައުމަކާ ގުޅުން ބަދަހިކުރުން ކަމަށް، އެ ވިސްނުމަކަށް ޖާގައެއް އޮވެގެން ނުވާނެ. އެގޮތަށް ޖާގަ ލިބުނީމަ، ވަރަށް ނުރައްކާތެރި ކަންތައްތަކާ ދިމާވޭ. އެގޮތަށް ޖާގަ ލިބުނީމަ، ދައުލަތުގެ ސިޔާދަތު ކޮމްޕްރޮމައިޒްވާ ގޮތް އެބަވޭ. އެހެންވީމާ، ސިފައިންގެ މުއައްސަސާ ބަލަހައްޓަވާ މިނިސްޓަރަކަށް، ޤާނޫނީ ހުވަޔާ އެއްގޮތަށް މި އިތުބާރުތަކެއް ދެވެނީ މިދެންނެވި ގޮތަށް. ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ، އެއީ ސިފައިންގެ މުއައްސަސާ ބަލަހައްޓަވާ އިސްކޮށް ހުންނަވާ ވަޒީރުވެސް އެއަށް ތަބާވެ، ފުރިހަމަ މާނައިގައި ޓު ދަ ލެޓަރ އެންޑް ސްޕްރިޓް، އޭތި ކެރީއައުޓް ކޮށްދެއްވާ ވަޒީރަކަށްވާން އެބަޖެހޭ. އެހެން ނުވީމަ އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް ޖެހޭ. އެއަކަށް ޖާގަ ލިބިގެނެއް ނުވާނެ.
 
ސިފައިންގެ އަބަދުވެސް ހުންނަންވާނީ ކުރިއަށް ދިޔުމުގެ ރޫޙު. ސިފައިންގެ ކުރިއަށް ދިޔުމުގެ ރޫޙު ހުންނަންޖެހެނީ މިދެންނެވި ގޮތަށް ޕްރިޕެއަރޑްނަސް އިތުރުކުރުމާއި، އަދި ސިފައިންނަށް ތަފާތު އެކިއެކި ޒިންމާތައް އުފުލަންޖެހޭނެކަން ގަބޫލުކުރާ ޙާލަތެއްގައި. ދިވެހިރާއްޖޭގެ އެންމެ މަތިވެރި މުއައްސަސާއަކީ، އެންމެ ޤަދަރުވެރި ޝަރަފުވެރި މުއައްސަސާއަކީ، ޝައްކެއްވެސްނެތްގޮތުގައި ސިފައިން. އެހެންވީމާ، އެންމެ ބޮޑެތި ޒިންމާތައް، އެންމެ ބޮޑެތި މަސްއޫލިއްޔަތުތައް އާޚިރުގައި އުފުލަންޖެހޭ ފަރާތަކީވެސް ސިފައިން. ދައުލަތުގެ މިނިވަންކަން ގެއްލޭނީ، ނޫނިއްޔާ ދައުލަތުގެ މިނިވަންކަން ގެއްލި، ދައުލަތެއް ބޭރު ބައެއްގެ އަތްދަށު ވެގެންދާނީ، ސިފައިންގެ ޑިއުޓީން ސިފައިން ފެއިލް ވެއްޖިއްޔާ. ސިފައިންގެ ޑިއުޓީ، ސިފައިންނަށް އެކަށީގެންވާ ގޮތަކަށް އަދާކުރެވޭ ކަމަށްވަންޏާ، މި ދައުލަތުގައި، މި ރާއްޖޭގައި މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ. ބައިނަލްއަޤްވާމީ ގޮތުން އަންނަ ޕްރެޝަރަކީ، ސަރުކާރުން އެ ޕްރެޝަރާ ޑީލްކުރާނެ ކަންކަން.
 
އެހެން ނަމަވެސް، ސިފައިންގެ ޒިންމާ އަދާނުކުރެވޭ ކަމަށްވަންޏާ، މިނިވަން 50ގެ އަހަރު ހޭދަކުރާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެން އެންމެ ބޮޑަށް މިކަން ޓެސްޓް ކުރަންޖެހޭ އަހަރު ކަމަށް، މިހާރު މި ފެންނަ ކަންތައްތަކުން އަޅުގަނޑުމެންނަށް އެބަ ފެނިގެންދެއޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ދިވެހިރާއްޖޭގެ ވެރިކަމެއް ބަދަލުވެގެންދާއިރު، އެ ވެރިކަން ބަދަލުވެގެންދިޔައީ ޞައްޙަ ގޮތަށްތޯ ބަލާކަށް ބޭރުގެ ފަރާތްތައް ދިވެހިރާއްޖެއަށް އަންނަންޖެހޭ ކަމަކަށް، ދަޢުވަތު ދެވެންޖެހޭ ކަމަކަށް އަޅުގަނޑުގެ އަމިއްލަ ޟަމީރު ގަބޫލެއްނުކުރޭ. އެއީ، އެމީހުންނާ ބެހޭ މައްސަލައެއް ނޫން. އެއީ، އަޅުގަނޑުމެންގެ ދާޚިލީ ކަމެއް. ކޮންމެ ފަހަރަކު ދިވެހިރާއްޖޭގެ ވެރިކަމަށް މީހަކު އަންނަނީ، ރަނގަޅަށްތޯ، ވޯޓް ފޮށިތައް ގުނިފައި ހުރީ ރަނގަޅަށްތޯ ބަލާކަށް، ފަހުން ތަޙުޤީޤުތަކެއް ހިންގާކަށް، ބޭރުގެ ފަރާތްތަކަށް ޖާގަ ދެވިގެން ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެ ޖާގަ ދީފީމު. އަޅުގަނޑުމެން އެ ޖާގަ ދިނީމަ، ﷲގެ ރަޙްމަތުން އެކަންކަން އަދި ރަނގަޅަށް ދިޔަ ނަމަވެސް، އެ ދެވެނީ އަޅުގަނޑުމެންގެ ކޮންމެ ދާޚިލީ ކަމަކަށް ބޭރުގެ ފަރާތްތަކުން ބެހުމަށް ޖާގަ. އެ ޖާގަޔަކީ އަޅުގަނޑުމެންނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ދެމިއޮންނަން ބޭނުންކަމަށްވަންޏާ، އެ ޖާގަ ދެވިގެން ވާނެ ފުރްޞަތެއް ނޫން އެއީކީ. އެހެން ނަމަވެސް، ހިތާމަޔާއެކީ ގަބޫލުކުރަންޖެހެނީ، އަޅުގަނޑުމެން އެކަންކަން ކޮށްފީމު.
 
އެހެންވީމާ، އަލުން ޑިސިޕްލިންތަކެއް އެނބުރި އެބަ ދާންޖެހޭ. އަޅުގަނޑުމެން ކިޔަވާފައި ހުރި އެއްޗެހި އަލުން ހަނދާނަށް އެބަ ގެންނަންޖެހޭ. އަދި ކިޔަވާފައި ހުރި ބައެއް އެއްޗެހި ނުކިޔަވަންވެސް އެބަޖެހޭ. މިކަހަލަ ގޯސް ކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ އަންލަރން ކުރަން. އަޅުގަނޑުމެންގެ އުޞޫލުތަކެއް ހިފެހެއްޓުމަކީ، ކުރިއަށް ދިޔުމުގެ ރޫޙު، އަޅުގަނޑުމެންގެ ތެރޭގައި ވަރުގަދަކުރުން. ކުރިއަށް ދިޔުމުގެ ރޫޙު އަޅުގަނޑުމެން ވަރުގަދަކުރުމަކީ، މިދެންނެވި ގޮތަށް ދިވެހި ދައުލަތުގެ ސިޔާދަތަކީ، ދިވެހި ދައުލަތަށް ޚާއްޞަ ވެގެންވާ މުޤައްދަސް، ކަރާމާތް ލިބިގެންވާ އެއްޗެއް ކަމަށް ގަބޫލުކުރުން. އެކަން ގަބޫލުކުރެވޭނީ، ދައުލަތުގެ ވެރިޔަކަށް ހުންނަ މީހަކަށް ގަބޫލުކުރެވޭނީ، އެކަން ގަބޫލުކުރުމުގައި ސިފައިންގެ މުއައްސަސާއިން އެއް ވަލަކަށް، އެ ދައުލަތުގެ ވެރިޔަކަށް ހުންނަ މީހަކަށް ހިތްވަރުދީގެން. އެހެންވީމާ، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މިދެންނެވި ކަހަލަ ކަންކަމަކަށް ބޭރުގެ ފަރާތްތަކުން އައިސް ފާޑުކިޔެންވާނެ ކަމަކަށް.
އިންސާނީ ޙައްޤުތައް ދިވެހިރާއްޖޭގައި ނެތް ކަމަށް އަޑުއުފުލާއިރު، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތައް އެބަހުރި. އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމާބެހޭ މުޢާހަދާގައި ބައިވެރިވާ މެންބަރެއް ދިވެހި ދައުލަތަކީ. އަޅުގަނޑުމެން ކީއްވެގެންތޯ، މި ވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ މިސާލަށް ނުގެންނަންވީ، ބޭރުގެ ބޮޑެތި ކަރަކަރައިގެ ޖަލުތަކުގައި ކަންތައްތައް އެ ހިންގަނީ ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް ހަމަ ނަމޫނާ ބަލަން ލިބޭ ކަންތައްތައް ދޮއެއްތޯ މި ހުންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ އިންސާނީ ޙައްޤުތަކާބެހޭ އަޅުގަނޑުމެންގެ މުއައްސަސާއިންވެސް އަދި އަޅުގަނޑުމެންގެ ކޮމިޝަނުންވެސް ދިވެހި ރައްޔިތުންގެ ޙައްޤުގައި މި އަޑު އުފުލަން އެބަޖެހޭ. މުއައްސަސާއެއް މިނިވަންވުމަކީ ހަމައެކަނި ސަރުކާރަށް ފާޑުކިޔުން ކަމުގައި ވެގެން ނުވާނެ. މުއައްސަސާއެއް މިނިވަންވުމަކީ، މުއައްސަސާއިން ކުރަންޖެހޭ ކަންތައް ފާރަވެރިކަމާއެކީ ކުރުމާއެކީ، ބޭރުގެ ފަރާތްތަކުގައި ސަރުކާރުން ކުރާ ކަންތައްތައް ރަނގަޅު ކަމަށްވަންޏާ، ދިފާޢުކުރަންވެސް ކެރުން. ދިވެހި ދައުލަތުގައި މިހިރަ މިނިވަން މުއައްސަސާތަކަކީ، އެހެން ދައުލަތްތަކުގެ މުއައްސަސާތަކެއް ނޫން. ދިވެހި ދައުލަތުގައި ޤާނޫނުއަސާސީން އުފައްދާފައި ހުރި މުއައްސަސާތަކަކީ، އަޅުގަނޑުމެން ގަބޫލުކުރާ އެކިއެކި އުޞޫލުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ހުރި މުއައްސަސާތައް. އެކަމަކު މިހުރިހާ މުއައްސަސާތަކެއް އާޚިރުގައި އައިސް ލާމެހެނީ ދިވެހި ދައުލަތުގެ ޝަރަފާއި ކަރާމާތާ.
 
އެހެންވީމާ، މުއައްސަސާތައް މިނިވަންވުމަކީ ކިހާވަރެއްގެ ކަމެއް ކަމަށް، މުއައްސަސާތަކުގައި ތިއްބެވި އިސް މަސްއޫލު މެންބަރުންނަށް އެބަޖެހޭ އެނގިވަޑައިގަންނަވަން. އެހެންވީމާ، ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ލިބެންވާނެ ކަމަށް ގޮވާލެވޭއިރު، އަޅުގަނޑުމެންގެ މުއައްސަސާތަކުން ބާރު އަޑުން، އެއަށް ޖާގަ ލިބެން ނުޖެހޭނެ ކަމަށްވެސް ގޮވާލެވެން ޖެހޭނެ. އެކަމަކު އޭގެ ބަދަލުގައި، ސްކޫލް ކުދިންނަށް، ސްކޫލް ކުދިންގެ ފޮތްތަކަށް ލާފައި، ނޫނީ ބާރތްޑޭ ކާޑެއްގެ ތެރޭގައި، ބައިނަލްއަޤްވާމީ މުޢާހަދާއެއްގައި އޮންނަ އެހެން ދީންތައް، ކޮންމެ ޤައުމެއްގައިވެސް ޕްރެކްޓިސް ކުރެވޭނެ ކަމަށް، އދ.ގެ މުޢާހަދާއެއްގެ ކޮންމެވެސް މާއްދާއެއްގައި އޮތީމަ، ޗާޕްކޮށްފައި ލުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ އުޞޫލެއް ނޫން. އެކަމަކު ލަދުވެތިކަމާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ އެކަންވެސް މިވަނީ ދިވެހިރާއްޖޭގައި ހިނގާފައި. އެކަންވެސް މިވަނީ ދިވެހިރާއްޖޭގައި ހިނގާފައި. އެހެންވީމާ، މިކަހަލަ ކަންކަމަށް އަޅުގަނޑުމެންނެއް ޖާގަދީގެނެއް ނުވާނެ.
 
ސިފައިންގެ ވިޝަންގެ ތެރޭގައި، އަޅުގަނޑު ފަހު ވާހަކައަކަށް ދަންނަވާލަން ބޭނުންވަނީ، ސިފައިންނަކީ އަބަދުވެސް ޤައުމަށް ހެޔޮއެދޭ، ޤައުމަށް ކުރިއަށް ދިޔުމުގެ އަދި ޤައުމަށް ކުރިއެރުން ލިބުމަށް ވާގިދޭ ބަޔަކަށް އަބަދުވެސް ވާންޖެހޭނެއޭ. ޤައުމު މިދަނީ، ޤައުމުގެ ޙައްޤުގައި އަދި އިސްލާމްދީނުގެ ޙިމާޔަތުގައި އިސްލާމްދީން ދިފާޢު ކުރަން ކަމުގައިވަންޏާ، ސިފައިންނަކީ ޤައުމަށް ހެޔޮއެދޭ މީހުންނަށް އަބަދުވެސް އިޙްތިރާމްކުރާ ބަޔަކަށްވާންޖެހޭނެ. އަދި މަގުން ކައްސާލައިގެންދާ މީހުންނަށް ނަޞޭޙަތްދޭ ބަޔަކަށްވެސް ވާންވާނެ. ޚިޔާލު ތަފާތުވެގެން މިއުޅެނީވެސް އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން. ޚިޔާލު ތަފާތުވެގެންދާ ވަގުތު، އެމީހުން އަދި އެމީހުންގެ ބާރުގެ ބޭނުންކުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ކެތްތެރިވާންވެސް އެބަޖެހޭ. އެހެންވީމާ، ނަޞޭޙަތް ދިނުމާއި، ޤައުމަށް ހެޔޮއެދުމާއި، ޤައުމަށް ހެޔޮއެދުން ކުރިއަށް ނެރުމަށް ނަޞޭޙަތް ދިނުމަކީވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް.
 
އަޅުގަނޑުމެންގެ ސިފައިން މި ހިންގަނީ ދޮއެއްތޯ، އިޖުތިމާޢީ ބޮޑެތި އެކި ކަންކަން. ތުއްތުކުދިން ހެލްތް ސްކްރީން ކޮށްދިނުމުގެ ކަންތައް މި ހިންގައިދެނީ. ތުއްތު ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދިނުން މި ހިންގައިދެނީ. އަޅުގަނޑުމެންގެ ސިވިކް ލިބަޓީޒް، އަޅުގަނޑުމެންގެ ސިވިކް ޑިއުޓީޒް، މިދެންނެވި ޚިޔާލު ތަފާތުވާ މީހުންނަށް ކިޔައިނުދެވެންވީ ކީއްވެގެންތޯ؟ ކިޔައިދެވެންވާނެ. އެހެންވީމާ، ސިފައިން ޤައުމަށް ހެޔޮއެދުމަށް ކުރާ މަސައްކަތްތަކަކީ، މިދެންނެވި ގޮތަށް، ސިފައިންގެ ވިޝަންގެ ތެރޭގައި ހިމަނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މިނިވަންކަމުގެ 50 އަހަރުގެ އުފާ، އަޅުގަނޑުމެން އިޙްތިފާލު ކުރާ އަހަރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ދިވެހި ސިފައިންނަށް، ދިވެހިރާއްޖެއަށް ބޭރުން އަންނަ ޢުދުވާންތަކާ ކުރިމަތިލުމާއި ހަނގާކުރުމުގެ ޤާބިލުކަން ﷲގެ ރަޙްމަތާއެކީ، ދިވެހި ސިފައިންގެ ހުރިކަން އަޅުގަނޑުމެންނަށް މީގެކުރީގެ މިކަހަލަ އިންސިޑެންޓުތަކުގައި ދައްކައިދީފިޔޭ. އެހެންނަމަވެސް، އަބަދުމެ އަބަދު އަޅުގަނޑުމެންގެ ދޮރުތަކުގެ މިނިވަންކަން ގެއްލޭގޮތަށް، އަޅުގަނޑުމެންގެ އިސްލާމްދީނަށް އިޙްތިރާމް ގެއްލޭގޮތަށް، އަދި އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަށް ބާރުކެނޑޭގޮތަށް މި ދައްކާ ވާހަކަތައް އަބަދުއަބަދު އަޅުގަނޑުމެންގެ ކަންފަތްތަކުގައި އަޑުއިވެންޏާ، އަބަދުއަބަދު އަޅުގަނޑުމެން ނިދާއިރު، ކޮޓަރިތަކުގައި ޓަކިތެޅޭ ކަމަށްވަންޏާ، މިވަނީ ކީއްކަމާ ދޭތެރޭގައި ދިވެހި ސިފައިން ވިސްނާލައްވަން އެބަޖެހޭ. އަޅުގަނޑުމެން ވިސްނަންވީކީ މީހުންނަށް އަދަބުދޭކަށެއް ނޫން. އެކަމަކު މިކަމުގައިވެސް މިއޮންނަނީ ބޭސްފަރުވާ ކުރުމުގައި، މިކަންކަން އޮންނަ ގޮތަށް. ބަލިވީމަ ބޭސްފަރުވާ ކުރުމަށްވުރެ ރަނގަޅުވާނީ، ބަލިޖެހުމުގެ ކުރިން އެކަންކަމަށް ޝިފާއެއް ހޯދަން މަސައްކަތް ކުރުން. އާދެ، ބަލިނުޖެހޭގޮތަށް ކަންތައްތައް ކުރުން. އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމެއް، ކުޑަކުޑަ މުޖްތަމަޢެއް. އެއްބަނޑުއެއްބަފާ، އެކަކު އަނެކަކު ދަންނަ، އެކަކު އަނެކަކު މިރޭވެސް ޒުވާބަކަށްފަހު، މިރޭ ފަހު ވަގުތެއްގައި ސައި މޭޒުން، ކޮފީ މޭޒުން ބައްދަލުކުރާ ބައެއް.
 
އެހެންވީމާ، ޑިޓަރ ކުރަން ހިތްވަރުދޭން، ނުބައި ކަންތައްތަކުން ދުރުހެލިވާން އަޅުގަނޑުމެން އެބަ ހިތްވަރުދޭންޖެހޭ. އެންމެ ފަސޭހަ ކަމަކީ، ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް، ކޯޓަށް ގެންގޮސް ޙުކުމެއް ކޮށް އަދަބު ދިނުން. އެއީ، އެންމެ ފަސޭހަ ކަންތައް. އެކަމަކު ތަންކޮޅެއް ތަކުލީފާއެކީ އުނދަގުލުން ކުރަންޖެހޭ ކަމަކީ، މިދެންނެވި ކަހަލަ މަގުން ކައްސާލައިގެންދާ ގޯޅިއަޅާ މީހުންނަށް، އެ ގޯޅިއަޅައިގެން ދިޔަނުދިނުމަށްޓަކައި ހިތްވަރުދޭން ކުރާ މަސައްކަތް. އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭ ކަމަށްވަންޏާ، ދިވެހި ފުލުހުންގެ މަސައްކަތާއި، ޤާނޫނު ތަންފީޛު ކުރަން ތިބޭ ފަރާތުގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ.
 
އާދެ، އަޅުގަނޑުގެ މިރޭގެ ވާހަކަކޮޅު ނިންމާލާއިރު، ދިވެހި ސިފައިންގެ ޢާއިލާތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ތަހުނިޔާ މި ދަންނަވަނީ، ތިޔަބޭފުޅުންގެ ފިރިންނާއި އަނބިން ޤައުމީ މަތިވެރި ވާޖިބަކަށް ދޫކުރައްވާފައި ތިޔަ ތިއްބެވީ، ރޭގަނޑު ދަންފަޅިއަށް ގޮއްސަ އެނބުރި އަންނާނެ ކަމުގެ ކަށަވަރުކަމެއް ނެތި. އަދި މާދަމާ، އެމީހުންނާ ކުރިމަތިލާނީ ކޮންކަހަލަ ބަދުނަޞީބު ދުވަހެއް ކަމެއްވެސް އެނގިވަޑައިނުގެން. އެވަރުގެ މަތިވެރި ޤުރްބާނީއެއް ވެވަޑައިގެން، ތިޔަބޭފުޅުންގެ އަނބިއަނބިކަނބަލުން، ފިރިކަލުން މި މަތިވެރި ޤައުމީ ޒިންމާ އުފުލުމަށްޓަކައި ޤައުމީ ޤުރްބާނީއެއް ވާން ޖެހިއްޖެ ޙާލަތެއްގައި، ޤުރްބާނީވުމަށްޓަކައި ފޮނުއްވައިދެއްވާތީ، ތިޔަ އެންމެ ފަރާތްތަކަށް، ޤައުމުގެ ދަރިއެއްގެ ޙައިޘިއްޔަތުން އަދި ތިޔަބޭފުޅުންނަށް މިއަދު ނަޞޭޙަތްވެސް އަރުވަން ހުރި މީހެއްގެ ޙައިޘިއްޔަތުން ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުން ތިޔަ ކޮށްދެއްވާ މަސައްކަތަށް އަދި ދައުލަތުގެ ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ތިޔަބޭފުޅުން ތިޔަ ދެއްވާ އެއްބާރުލެއްވުމަށް، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރުވެރިވަމުން، އަދިވެސް        މި ޚިދްމަތުގައި ތިޔަބޭފުޅުން ގާތްތިމާގެ މީހުން ސާބިތުކަމާއެކީ ކުރިއަށް ދިޔުމަށް ތިޔަބޭފުޅުން ހިތްވަރު ދެއްވުމަކީ، ޝައްކެއްވެސްނެތްގޮތުގައި ޤައުމަށް ލިބޭނޭ ބޮޑު ފައިދާއެއް.
 
އަޅުގަނޑުމެންގެ ސިފައިންނަކީ މިދެންނެވި ކަހަލަ ތަމްރީނުތަކާއި، ސާބިތުކަމާއި ހުނަރުވެރި ބަޔަކަށްވުމުގައި، ތަފާތު އެކި ޤައުމުތަކުގެ އެހީތައް އަޅުގަނޑުމެންނަށް ލިބޭ. އެއްވެސް އެހެން ޤައުމަކަށް ބޭއިޙްތިރާމީ ގޮތުން ނޫނީ ކުޑައިމީސްކަމެއް ގެންނާކަށް އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ ޢަސްކަރިއްޔާއަށް ވަރަށް ބޮޑެތި އެހީތަކެއް އަބަދުވެސް ދެއްވަމުން ގެންދަވާ، އިންޑިޔާ ސަރުކާރުގެ ފަރާތުން. އިންޑިޔާގެ ޢަސްކަރިއްޔާގެ ފަރާތުން. ތަމްރީނުތަކުގައި، އަޅުގަނޑުމެންނަށް ބޭނުންވާ ރިސޯސްގައި، އަޅުގަނޑުމެން ބޭނުންވާ ޢިމާރާތުގައި އަދި މިނޫން ކަންކަމުގައި. އަދި މިނޫން އެހެން ދައުލަތްތަކުންވެސް މިކަން ކޮށްދެއްވާ. އެހެންނަމަވެސް، އިންޑިޔާ ސަރުކާރަކީ، އިންޑިޔާގެ ދިފާޢީ ބާރަކީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދިފާޢީ ބާރަށް މިކަންކަމުގައި ވަރަށް ބޮޑެތި އެހީތަކެއް ދެއްވާ ފަރާތެއް. އެހެންކަމާއެކީ، އިޚްލާޞްތެރިކަމާއެކީ މި އެހީތައް، ކުރިއަށް އޮތް ތަނުގައިވެސް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމުން، އިންޑިޔާ ސަރުކާރަށް، އިންޑިޔާގެ ޑިފެންސް މިނިސްޓްރީއާއި، އިންޑިޔާގެ ލަޝްކަރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ، އިންޑިޔާގެ މިލިޓަރީއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަނީ، ކުރިއަށް އޮތް ތަނުގައިވެސް އެބޭފުޅުން އަޅުގަނޑުމެންނަށް މި ތަނަވަސްކޮށްދެއްވާ އެހީތައް މެދުކެނޑުމެއްނެތި ތަނަވަސްކޮށްދެއްވާނެ ކަމުގެ އުންމީދުގައި. އަދި މިވާހަކަ ދަންނަވާއިރުވެސް އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑުމެންގެ ޢަސްކަރީ ތަމްރީނުތައް، އެމެރިކާ ސިފައިންނާއެކީ އަދި އެހެން ބައެއް ޤައުމުތަކުގެ ސިފައިންނާއެކީވެސް އަޅުގަނޑުމެންނަށް މި ތަމްރީނުގެ ފުރްޞަތު އެބަ ލިބޭ.
 
 މިހުރިހާ ފަރާތަކަށް ޖުމްލަ ގޮތެއްގައި ޝުކުރު ދަންނަވަމުން، އަޅުގަނޑު ދިވެހި ސިފައިންނަށް ދަންނަވާލަން ބޭނުންވަނީ، ދިވެހި ސިފައިންނަކީ ދިވެހި ދައުލަތުގެ އެންމެ ފަޚުރުވެރި، އެންމެ ޤަދަރުވެރި މުއައްސަސާ ކަމުގައި ގަބޫލުކުރައްވާށޭ. ސިފައިންގެ ޚިދްމަތަކީ ޙަޤީޤަތުގައި އެންމެ ޤައުމަށް އިޚްލާޞްތެރި ޚިދްމަތް. ޤައުމު ޙާލުގެ ދުލުން އެދިއެދި ގޮވާ އެންމެފަހު ކަންތައްތަކަށްވެސް އިޖާބަދޭން ތިބި ބަޔަކީ ދިވެހި ސިފައިން.
 
އެހެންވީމާ، ތިޔަބޭފުޅުންގެ މިއަހަރުގެ ޝިޢާރު ކަމަށްމިވާ [މިނިވަން ވަޠަން – ސިފައިންގެ ޢަޒުމު] މި ޢަޒުމުގެ މަތީގައި ދެމިތިއްބެވުމަކީ، ދިވެހި ދައުލަތް ހިންގަން ހުންނަ މީހަކަށް ލިބޭނެ ވަރަށް މަތިވެރި މަދަދުވެރިކަމެއް، ވަރަށް މަތިވެރި ހިތްވަރެއް. އަޅުގަނޑު ކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެންގެ ޤައުމު، އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދެވޭތޯ ކުރާ މަސައްކަތް. އަޅުގަނޑުމެން ބަޖެޓުގެ ވާހަކަ ދައްކާއިރުވެސް، އަޅުގަނޑުމެން ގަބޫލުކުރަން މި ޖެހެނީ، އަޅުގަނޑުމެންނަކީ ޝަރަފުވެރިކަމާއެކީ ދުނިޔޭގެ ފެމިލީއެއްގެ ތެރޭގައި އުޅޭ ބަޔަކަށް ވެވޭނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަ އިޤްތިޞާދަކަށް ހެދިގެން. މިއީ، ދެބަސްވެވޭނެ ކަމެއް ނޫން. މިކަން ކުރުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކެއް އެބަހުރޭ.
 
އެހެންވީމާ، ސިފައިންގެ މުއައްސަސާގެ ވެލްފެއަރގެ ކަންތައް ރަނގަޅު ކުރުމަށާއި، ސިފައިންގެ ޢާއިލާތަކަށް ގެދޮރުވެރިކަން އިތުރުކޮށްދިނުމަށްޓަކައި އަދި ބޭސްފަރުވާ ކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަކުރޭ. މިރޭ ފަހަރުގައި ނުވެދާނެ، އެންމެ މުނާސަބު ޖަލްސާ ކަމަށް އެކަން އިޢުލާނު ކުރަން. އެހެންނަމަވެސް، ސިފައިންގެ ވެރިންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ދައްކަނީ ކޮން ވާހަކައެއްކަން. ﷲގެ ރަޙްމަތާއެކީ މިކަން ހަމަޖެހިގެން ދިޔައީމަ، ކުރިއަށް އޮތް އެތަކެއް ދުވަސްތަކެއް ވަންދެން،  މި ޚިދްމަތް ދެވެމުންދާ ކަމަށްވަންޏާ، ބަޖެޓުގެ އެހީތެރިކަމެއް ސިފައިންގެ ވެލްފެއަރަކަށް އެހާ ބޮޑަކަށް ބޭނުމެއް ނުވާނެ. އޭގެ ޒާތުގައި އަމިއްލައަށް، ސިފައިންގެ ވެލްފެއަރ ބެލެހެއްޓޭވަރުގެ މަސައްކަތްތަކެއް ކުރުމުގެ ޢަޒުމުގައި އަޅުގަނޑުމެން މިހާރު މިވަނީ ކަންތައްތަކެއް ފަށްޓާފައި. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ މިކަންކަން ކުރިއަށްދާނެ. މިކަންކަން ކުރިއަށް ދިޔުމުގެ ނަތީޖާއަކަށްވާނީ، ސިފައިންގެ ތެރޭގައި މިހާރު ޚިދްމަތުގައި ތިއްބެވި ބޭފުޅުންނަށާއި، އަދި ސިފައިންގެ ޚިދްމަތުން ރިޓަޔަރ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްވެސް މި ދަތިވާ، ދިމާވާ ކަންކަމުގައި، މިދެންނެވި ވެލްފެއަރ އުޞޫލުތަކުގެ މަތިން ހުރިހާ ބޭފުޅުންނަށްވެސް އެހީތެރިކަން ލިބިގެންދިޔުން.
 
އަޅުގަނޑު އެދެނީ ސިފައިންގެ މުއައްސަސާއަށް ފާގަތި ދުވަސްތަކެއް. ދިވެހިރާއްޖެއަށް އަދަށްވުރެ ފެހި ފަހި މާދަމައެއް. ﷲ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި! ދިވެހިރާއްޖެ މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި!
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه
     _____________________________