‏ ދިވެހި ރާއްޖޭގައި ޤާނޫނީ ސަރުކާރެއް އޮންނަހާ ހިނދަކު، އަދި އެ ސަރުކާރުން ޤާނޫނާ ޚިލާފުނުވެ، ‏‏‏ދިވެހިރާއްޖޭގެ ޙުކޫމަތް ތަންފީޛު ކުރަން މަސައްކަތް ކުރާ ކަމަށްވަންޏާ، ދިވެހި ސިފައިން ‏‏ތިބެންވާނީ ‏‏ދިވެހި ސިފައިންގެ ހުވާގެ މަތީގައި އެވާ ޢިބާރާތްތަކުގައިވާ ފަދައިން، އެ ޤާނޫނީ ‏‏ސަރުކާރު ‏‏ދަމަހައްޓަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، 123 ވަނަ ސިފައިންގެ ދުވަހުގެ ‏‏މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވުނު ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނީ ސަރުކާރެއްގެ މަސްއޫލިއްޔަތު ‏‏އަދާކުރަމުންދާއިރު، ޤާނޫނީ ‏‏ސަރުކާރަކަށް ޤާނޫނުން ބޭރުން ހުރަސްއެޅުމަކީ، ޤައުމު ނުރައްކަލުގެ ތެރެއަށް ‏‏ދިއުމަށް ޖާގަ ލިބޭ ކަންތައްތައްތަކުގައި ބަޔާންކުރެއްވިއެވެ. މިގޮތުން ‏‏ދިވެހި ސިފައިންނަށާއި އަދި ދިވެހި ‏‏ކޮންމެ ރައްޔިތަކަށްމެ، އެންމެ މުހިންމުކަމަކަށް ވާންވާނީ ‏‏ޤައުމުގެ ހަމަޖެހުމާއި، އިސްލާމްދީން ‏‏ދެމެހެއްޓުމާއި ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުންކަމުގައި ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ކުޑަޤައުމެއް ކަމުގައިވީ ނަމަވެސް ‏‏މިނިވަން ދައުލަތެއް ކަމުގައި ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ އެކިއެކި ޖަމްޢިއްޔާތަކުގައި ‏‏ދިވެހިރާއްޖެއިން ބައިވެރިވެގެންއުޅެނީ ޤައުމުގެ ސިޔާދަތު ‏‏ރައްކާތެރި ކުރެވޭނެ ކަމަށް ގަބޫލުފުޅު ‏‏ކުރެވިގެންކަމުގައި ވިދާޅުވިއެވެ. މިގޮތުން، ‏އަދި އެ ޖަމްޢިއްޔާތަކުން ޢާންމު އުޞޫލެއްގެ ގޮތުން ‏‏ކަނޑައަޅާފައި ހުންނަ ގިނަ ކަންތައްތައް؛ ‏‏އެއީ އިންސާނީ ޙައްޤުތަކާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ‏‏އޮންނަ ‏‏ގުޅުންތައް ނުވަތަ އެއް ޤައުމަކުން އަނެއް ޤައުމެއްގެ އިސްތިޤްލާލަށް އިޙްތިރާމް ‏‏ކުރުން ‏‏ކަމުގައިވީނަމަވެސް، ‏‏އެކަންކަމުގެ ފުރިހަމަ މަންފާ، ބޮޑެތި ޤައުމުތަކަށް ލިބޭ އުޞޫލުން ރާއްޖެއަށްވެސް ‏‏‏ލިބެންޖެހޭނެކަމަށް ގަބޫލުފުޅުކުރައްވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. ‏

‏މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ދިވެހިރާއްޖޭގެ ކޯޓުތަކުން ‏‏ކުރާ ޙުކުމްތައް ‏‏ތަންފީޛު ކުރުމުގައާއި، ‏ދިވެހިރާއްޖޭގެ ޤާނޫނު ‏‏ދަމަހައްޓާއިރުގައި ދިވެހި ސަރުކާރަކުން ‏‏ބައިނަލްއަޤްވާމީ މުޖްތަމަޢުން ނަގަންޖެހޭނެ ‏‏ހުއްދައެއް އޮންނާނެ ކަމަކަށް އެމަނިކުފާނު ގަބޫލުފުޅު ‏‏ނުކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.‏

‏ އެންމެފަހު ވަގުތާ ޖެހެންދެން، ދައުލަތުގެ ޝަރަފާއި، ދައުލަތުގެ ‏‏ކަރާމާތާއި، ދައުލަތުގެ ‏‏އިސްތިޤްލާލާއި، ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ‏‏މަސައްކަތްކުރާ ފަރާތަކީ ދިވެހި ‏‏ސިފައިންކަމުގައި ސިފަކުރައްވަމުން، ބޭރުގެ ޢުދުވާންތައް ރާއްޖެއަށް އައުމަށް ޖާގަ ލިބޭ ކަންކަމަށް ‏‏ހުރަސްއެޅުމަކީ ‏މިނިވަންކަން ދިފާޢުކުރަން ކުރެވޭ އެންމެ ވަރުގަދަ މަސައްކަތްކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ޤާނޫނުއަސާސީ ނެގެހެއްޓުމަށާއި، ‏‏‏ސަރުކާރުން ގަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި، ޤައުމަށް ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ‏‏ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ‏‏ކުރުމުގައި މި ސަރުކާރު ފަސްނުޖެހޭނެކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި ‏‏ސިފައިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، ސިފައިންގެ ޢާއިލާތަކަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.‏

‏ "ތިޔަބޭފުޅުންގެ ފިރިންނާއި އަނބިން މަތިވެރި ޤައުމީ ވާޖިބަކަށް ދޫކުރައްވާފައި އެތިބީ ‏‏ރޭގަނޑު ދަންފަޅިއަކަށް ގޮއްސަ އެނބުރި އަންނާނެކަމުގެ ކަށަވަރުކަމެއްނެތި. އަދި މާދަމާ އެމީހުންނާ ‏‏ކުރިމަތިލާނީ ކޮންކަހަލަ ބަދުނަސީބު ދުވަހެއްކަންވެސް އެނގިވަޑައި ނުގެން" ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. ‏
‏123 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވުނު ‏‏ޚާއްޞަ ‏‏އިޙްތިފާލުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‏އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމް ބައިވެރިވެވަޑެންނެވިއެވެ. ‏

‏މިރޭގެ އިޙްތިފާލުގައި، ‏ސިފައިންގެ އަތްމަތީފޮތް 'އަސްކަރީ އަދަބު އަޚްލާގް' ‏‏ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވިއެވެ. އަދި އެކިއެކި މުޢައްސަސާތަކާއި ފަރުދުން ސިފައިންނަށާއި ‏‏ސިފައިންގެއަށް ކޮށްދީފައިވާ މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެފަރާތްތަކަށް ދެވޭ ‏‏މަތިވެރި ޚިދުމަތުގެ އައްޑަނައާއި، ސިފައިންގެ ތެރެއިން ‏ޚާއްޞަ ވަނަތަކާއި އެކިއެކި ކާމިޔާބީތައް ‏‏ހޯއްދަވާފައިވާ‏ ޔުނިޓުތަކަށާއި ސިފައިންނަށް ދެއްވާ ޝަރަފުގެ ފިލާ އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ‏‏ޙަވާލުކޮށްދެއްވިއެވެ.‏