މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ނޭޕާލަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާތަކާ ގުޅިގެން، ނޭޕާލްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އަންނަން އެދޭ ފަރާތްތައް ރާއްޖެއަށް ގެނައުމަށްޓަކައި މޯލްޑިވިޔަންގެ ޚާއްޞަ ފްލައިޓެއް މާދަމާ ނޭޕާލަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ. މި ޚާއްޞަ ފްލައިޓްގެ ކަންކަން ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ދީލަތި އެހީތެރިކަމާއެކުގައެވެ.