‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‏‏ގަވަރނަރ މިސްޓަރ ޗެން ހާއޯ އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ. ‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ‏‏2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ‏‏ސަބަބުން ދިވެހި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ‏‏ހަރުދަނާވެގެން ހިނގައްޖެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު މިހާރު ރާއްޖެއަށް ‏‏ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ އެންމެ މުހިންމު މަޤްޞަދަކީ، ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ‏‏ދަތުރުފުޅުގައި، ޢަމަލުކުރައްވަން ނިންމަވާފައިވާ ކަންތައްތައް ކުރިއަށް ގޮސްފައިވާ މިންވަރު ބެއްލެވުން ‏‏ކަމުގައިވެސް ބަޔާންކުރެއްވިއެވެ. ‏

‏ޔުނާން ޕްރޮވިންސަކީ، ޗައިނާގެ ރަށްތަކުގެ ތެރެއިން ޖޯގްރަފީގެ ގޮތުން ދިވެހިރާއްޖެއާއި ‏‏އެންމެ ކައިރި ރަށް ކަމަށާއި، ޗައިނާއާއި ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކާ ގުޅުވައިދޭ ‏‏ފާލަމަކީވެސް ‏ޔުނާން ޕްރޮވިންސްކަން ގަވަރނަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރަށް ‏‏ރާއްޖޭގެ ތަރައްޤީއަށް ޔުނާން ޕްރޮވިންސުން އެހީތެރިވެދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ‏‏ރައީސުލްޖުމްހޫރިއްޔާއާއި ޔުނާން ޕްރޮވިންސްގެ ގަވަރނަރ މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ‏‏‏ ‏އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިންނާއި، ތަޢުލީމީ އަދި ‏‏‏ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ވަރުގަދަ ‏‏ކުރެވިދާނެ ގޮތްތަކާ ‏‏‏ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.‏ ‏

މިބައްދަލުކުރެއްވުމުގައި މިއަހަރުގެ ޖޫން މަހުގެ 12 އިން 16 އަށް ޗައިނާގައި ‏‏ބޭއްވުމަށް ހަމަޖެހިފައިވާ 3 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަން އާއި، 23 ވަނަ ‏‏ކުންމިންގ އިމްޕޯޓް އަދި އެކްސްޕޯޓް ކޮމޯޑިޓީޒް ފެއަރގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވުމަށް ‏‏ރަސްމީގޮތުން ދަޢުވަތު އަރުވައި، މި ދަޢުވަތު ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ގަވަރުނަރު ޗެން ހާއޯ ‏‏އެރުއްވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި އެކްސްޕޯގައި ބައިވެރިވުމަށް ދިވެހި ‏‏ސަރުކާރަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ޔުނާން ޕްރޮވިންސްގެ ގަވަރނަރަށް ޝުކުރުއަދާކުރެއްވިއެވެ. ‏‏އަދި މި އެކްސްޕޯގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ‏‏ބައިވެރިވާނެކަމުގެ ޔަޤީންކަން ގަވަރުނަރަށް ދެއްވިއެވެ.‏

‏މީގެއިތުރަށް، ރާއްޖޭގައި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ‏‏އެކިއެކި މަޝްރޫއުތަކާއި، ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ ‏‏މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ޔުނާން ޕްރޮވިންސްގެ ގަވަރނަރއަށް ދެއްވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން ‏‏އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ‏‏ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.‏

‏ޔުނާން ޕްރޮވިންސްގެ ގަވަރުނަރުގެ އަރިހުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންގް ފޫކަންގް އާއި ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ ‏‏އިސްވެރިން ބައިވެރިވެވަޑައިގަތެވެ.‏