‏ރާއްޖޭގެ ކޮންމެ ދަރިވަރަކީވެސް ޤައުމުގެ އިޤްތިޞާދު ބައްޓަންކުރުމުގަޔާއި، އިޖްތިމާޢީ ހަމަޖެހުން ‏‏ޤާއިމްކުރުމުގައި ހީވާގިކަމާއެކީގައި އަތުކުރި ‏‏އޮޅާލައިގެން ‏‏މަސައްކަތްކުރާ ދަރިވަރަކަށް ވުމަށް‏ ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު ‏‏މިކަމަށް އިލްތިމާސް ކުރެއްވީ، ‏މަތީ ޘާނަވީ އިމްތިޙާނުން 2014 ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހޯދި ‏‏ދަރިވަރުންނަށް އިނާމާއި ‏‏ހަނދާނީ ލިޔުން ދެއްވުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ‏ޖަލްސާގައި ‏‏ވާހަކަފުޅު ދައްކަވަމުންނެވެ.‏

މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މަތީ ‏ޘާނަވީ ‏‏އިމްތިޙާނުން ހޯދި މަތިވެރި ކާމިޔާބީ ފާހަގަކުރަމުންދާއިރު، ކޮންމެ ދަރިވަރެއްވެސް އެދަރިވަރެއްގެ ކޮނޑުގައި ‏‏އެޅިފައިވާ ‏މުހިންމު ޒިންމާ ނެގުމުގެ ޢަޒުމު އާކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ. މިގޮތުން، ‏އަޅުގަނޑުމެންގެ ‏‏ކޮންމެ ދަރިވަރަކީވެސް ދުނިޔޭގެ އެހެން ތަންތަނަށް އައިސްފައި އޮތް ހަމަޖެހުން ‏‏ގާތުން ބަލައި، ‏‏އެއުފާވެރިކަން އިހްސާސްކުރާ ދަރިވަރަކަށް ވެގެން، އަޅުގަނޑުމެންގެ މިރާއްޖެއަކީ ‏‏އެއުއުފާވެރިކަން ‏‏ވެރިވެފައިވާ، އެމަގުން ހިނގާ ތަނަކަށް ހަދަން މަސައްކަތްކުރާ ދަރިވަރަކަށް ވާންޖެހޭކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ‏ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމަކީ ‏‏ކޮންމެ ޤައުމެއްގެވެސް ފަޚުރުކަމުގައި ފާހަގަކުރައްވަމުން، ‏މިރޭގެ މިރަސްމިއްޔާތު ރަމްޒުކޮށްދެނީ ‏‏އެއްދުވަހުން އަނެއް ދުވަހަށް، އަދި އެއް އަހަރުން އަނެއް ‏‏އަހަރަށް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ފެންވަރު ‏‏މަތިވަމުން ‏‏އަންނަކަން ކަމުގައި ބަޔާންކުރެއްވިއެވެ. އަދި ރާއްޖޭގައި ދުނިޔޭގެ ނިސްބަތުން ފާހަގަކުރެވޭ ‏‏ފެންވަރުގެ ކާމިޔާބީ ‏ޙާޞިލުކުރާ ދަރިވަރުން ‏‏އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެގެންދާ ދިއުމަކީ ވަރަށް ‏‏ބޮޑު ކާމިޔާބީއެއް ކަމަށާއި، އޭގެ ސަބަބުން ދިވެހި ‏މުޖުތަމަޢަށް ‏ވަރަށް ބޮޑު ‏‏ހިތްހަމަޖެހުމެއް ވެރިކުރުވާކަމެއް ‏‏ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރަށް، އިޖްތިމާޢީ ‏‏ގޮތުން މުޖުތަމަޢެއް ހަމަޖެހުމުގެ ‏‏ސިއްރަކީވެސް ތަޢުލީމުކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.‏

"މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ، ދުނިޔޭގެ އެހެން ‏‏ޤައުމުތަކުގައި ‏‏އައިސްފައިވާ ހިންގުމުގެ ހަރުދަނާކަމާއި، އެޤައުމުތަކަށް އައިސްފައިވާ ކުރިއެރުމާއި، ‏‏‏އުފެއްދުންތެރިކަމާއި، ހަލުއި ދުވެލީގައި ދަތުރުކުރަމުންދާ ‏އިޤްތިޞާދުތަކުގެ ‏ސިއްރަކީ ކޮބައިތޯ. ‏‏ޖަވާބަކީ ‏‏އެންމެ ކަމެއް. އެއީ ތަޢުލީމު." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ‏

މިރޭގެ ޖަލްސާގައި ‏މިދިޔަ އަހަރުގެ މަތީ ‏ޘާނަވީ ‏ތަޢުލީމުގެ އިމްތިޙާނުން ރާއްޖެއިން 1 ‏‏ވަނަ ޙާޞިލުކުރި 23 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ ލިޔުމާއި، މިނިސްޓްރީ ‏‏އޮފް އެޑިޔުކޭޝަނުން ދެއްވާ ޓްރޮފީއާއި ‏‏ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ‏‏ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ. ‏

މި ޖަލްސާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ވާހަކަފުޅު ‏‏ދެއްކެވިއެވެ. އަދި ނަތީޖާއާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ. ‏