بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައި ކަމުގައި ވަޙީކުރައްވާފައިވާ اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް، އެންމެހާ ރިވެތި އުޞޫލުތަކުން މި އުންމަތަށް ވެދުން ކުރެއްވި މުޙަންމަދު ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރަމުން.
 
ޢިއްޒަތްތެރި ހޯމް މިނިސްޓަރު، ކޮމިޝަނަރ އޮފް ޕޮލިސް، ފުލުހުންގެ އިސްވެރިން، ފުލުހުންގެ ޚިދްމަތުގައި ތިއްބެވި އެންމެހައި ފުލުހުން، ފުލުހުންގެ ޢާއިލާތައް، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން، ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ޚިދްމަތަކަށް 82 އަހަރު ފުރިގެންދާއިރު، އެންމެ ފުރަތަމަ އުފައްދަންޖެހޭ އެއް ސުވާލަކީ، މި ޚިދްމަތުގެ ބޭނުމަކީ ކޮބައިތޯ؟ ތާރީޚު ލިޔުއްވާ އަދި ޕްރޮފެޝަންތަކަށް ޚިދްމަތް ކުރައްވާ ހުރިހާ ޢިލްމުވެރިން އެއްބަސްވާ ގޮތުން ވެއްޖިއްޔާ، ކޮންމެ ދައުލަތެއްގެވެސް އިންސާނިއްޔަތަށް އެންމެ ޚިދްމަތް ދޭ،  ނޫނިއްޔާ އެންމެ ބޮޑު ޚިދްމަތެއްދޭ ޕްރޮފެޝަންތަކުގެ ތެރޭގައި، މެޑިކަލް ޕްރޮފެޝަނާއި، ފުލުހުންގެ ޚިދްމަތް، ނޫނީ އަމަންގައި އޮންނަ ޞުލްޙަވެރިކަން ކަށަވަރުކޮށްދޭ ޚިދްމަތުގެ އަގު ވަޒަންކުރޭ. އެހެންވީމާ، ކޮންމެ ދައުލަތެއްގެވެސް ފުލުހުންގެ ޚިދްމަތަކީ، އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތާއި އަދި އެތަނެއްގެ ހަމަޖެހުމަށް އޮތް އެންމެ އަގުބޮޑު ޚިދްމަތް އަދާކޮށްދޭ މުއައްސަސާކަމަށް ގަބޫލުކުރޭ. މިއީ، ދުނިޔެ އެއްބަސްވާ ޙަޤީޤަތެއް. އެހެންވީމާ، މި މުއައްސަސާއަށް 82 އަހަރު ފުރިގެންދާ މި އުފާވެރި ޖަލްސާގައި، އެންމެ ފުރަތަމަ އަޅުގަނޑު ހަމަ ފުލުހުންގެ ޚިދްމަތުގައި، ދިގު މުއްދަތެއް ހޭދަކުރެއްވި އެންމެހައި ފުލުހުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި އަދި އަޅުގަނޑުމެންގެ މުޖްތަމަޢަށް ހަމަޖެހުން ގެންނެވުމަށް، ތިޔަ ޢިއްޒަތްތެރިން ކޮށްދެއްވާފައިވާ އަގުބޮޑު މަސައްކަތުގެ މަތިން ހަނދާންކޮށް، ތިޔަ އެންމެހައި ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެޔާއެކީ، މި މުއައްސަސާއަށް ލީޑަރޝިޕް ދެއްވާފައި މިވާ އެކިއެކި ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުން ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތް ހަނދާންކޮށް، އެ އެންމެހައި ޢިއްޒަތްތެރިންނަށްވެސް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، 82 އަހަރު ފުރިގެންދާއިރު، ޝައްކެއްވެސްނެތްގޮތުގައި މި ޚިދްމަތަށް އެކިގޮތްގޮތުން، މި މުއައްސަސާއަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންތަކެއްވާނެ. މި އުފާވެރި ޖަލްސާގައި، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ފުލުހުންގެ މުއައްސަސާއަށް ރީތި ނަން ހޯއްދަވައިދެއްވުމުގައި ފާހަގަކުރެވޭ ވަނަތަކެއް ހޯއްދަވާފައި ތިއްބެވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ޙަފްލާ. މި ޙަފްލާގައި އެބޭފުޅުންގެ އަގު ވަޒަންކުރުމާއެކީ، އަޅުގަނޑު އެބޭފުޅުންނަށް މަރްޙަބާ ދަންނަވަން. ހަމައެހެންމެ، މި 82 އަހަރުގެ މުއައްސަސާއަށް، ދިގު މުއްދަތުގެ ޚިދްމަތެއްގެ ގޮތުގައި، 25 އަހަރުގެ ޚިދްމަތް ދެއްވާފައިވާ ފަރާތްތަކަށްވެސް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، ކޮންމެ ދައުލަތެއްގެވެސް، ކޮންމެ މުޖްތަމަޢެއްގެވެސް އަޅުގަނޑުމެންގެ އުޞޫލުތައް، އަޅުގަނޑުމެން ގަބޫލުކުރާ ހަމަތައް މި އޮންނަނީ، އެންމެ ޤަދީމީ ޒަމާނުން ފެށިގެން މިއަދާ ހަމަޔަށް ވާސިލުވާއިރު، އަދި މައްސަލަ ބޮޑު، މަޞްލަޙަތަށް ލޮޅުންއަރާ، މުޖްތަމަޢަށް ލޮޅުންއަރާ ކަންތައްތަކެއްގެ ތެރޭގައި. ދެންމެ ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި، މުޖްތަމަޢުގެ ތެރޭގައި މި އުފެދޭ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ދެއްވި މިސާލުތަކާ ބެހޭގޮތުން، އަޅުގަނޑުވެސް ހަމަ އެހިސާބުން ކުރިއަށް ގެންދާ ކަމަށްވަންޏާ، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އެއްވެސް ދެ މުޖްތަމަޢެއް އެއްގޮތެއް ނުވާނެއޭ. ތަހުޒީބީ އެއްވެސް ދެ މުޖްތަމަޢެއްވެސް އެއްގޮތެއް ނޫން. އަދި ދުވަސްތަކަށް ބަލާކަމަށްވަންޏާ، ކުރީގެ ތާރީޚުތަކުން ދައްކައިދީފައި ހުރި ފިލާވަޅުތަކާއި، މިއަދުގެ މިޒަމާނުގެ އުޞޫލުތައް ހިންގަންޖެހޭ މުއްދަތާއި ދުވަސްތަކާ ވަރަށް ތަފާތު އެބަހުރި.
 
އެއްކޮޅުގައި މިއޮތީ މުޅި މުޖްތަމަޢަށް ހަމަޖެހުމާއި ޞުލްޙަވެރިކަން ގެނައުމަށް ކުރާ މަސައްކަތް. އަނެއްކޮޅުގައި މިއޮތީ ޖަހާލަތުގެ އުޞޫލުތައް. ކޮންމެ ކަމަކީ ޤާނޫނުން ބޭރުން، އެމީހަކަށް ފެންނަ ގޮތަށް، ކަން ކުރުމުގެ އުޞޫލު. މިއީ ދުނިޔޭގައި ޙަޟާރަތްތަކުގައި އަޅުގަނޑުމެންނަށް ފެނިފައިވާ ކަންކަން. އަދި މިއަދުވެސް އަޅުގަނޑުމެންގެ އެއްބަޔަކު ވަކާލާތު ކުރަނީ، ޙަޤީޤަތުގައިވެސް ޖަހާލަތުގެ އުޞޫލުތަކަކީ، އެއީ އެއްގޮތަކުން ވެއްޖިއްޔާ، ޑިމޮކްރަސީގެ އުޞޫލުތަކަށް ޖާގަ ދޭ ކަންތައްތަކުގެ ގޮތުގައި. އެހެން ނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ދުނިޔޭގެ ތަހުޒީބު ހުރިހާ ތަނެއްގައި ގަބޫލުކުރަނީ، އުޞޫލުތަކެއް އޮންނަންޖެހޭނެކަމަށް. އެ އުޞޫލުތަކަކީ، އެ ވަގުތެއްގެ ޙާލަތަށް ބަލާފައި އަދި ދުނިޔޭގައި އެކަން ކުރާ ގޮތްތަކަށް ރިޢާޔަތްކޮށްފައި، އެބަޔަކަށް އެންމެ ކަމުދާގޮތަށް، އެބައެއްގެ ތެރޭގައި ޢާންމު މަޞްލަޙަތާއި، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށްޓަކައި އެކަށައަޅާ ޤާނޫނުތައް. ޤާނޫނުތައް ދަމަހައްޓާއިރު، މިދެންނެވި ގޮތަށް، ޖަހާލަތުގެ އުޞޫލުތަކާއި، މަދަނީ ތަހުޒީބީ މުޖްތަމަޢެއްގައި އޮންނަންޖެހޭ ހަމަޖެހުމާ، މިދޭތެރޭގައި ފިތި ބާރުވާ ބަޔަކަށް މިއުޅެނީ ޤާނޫނު ތަންފީޛުކުރާ ފަރާތް. އެއީ ފުލުހުން. ކޮންމެ ދުވަހަކު މި ދިމާވާ ތަފާތު އެކި މައްސަލަތަކުގައި، މިދެންނެވި ދެ މިޞްރާބުގެ ދޭތެރޭގައި ހިނގަން، ނޫނިއްޔާ އަޖުމަ ބަލަން، ނޫނިއްޔާ ކުރެވޭ ކަންތައް މިނެކިރުމަށް ތިބޭ ބަޔަކީ، މުޖްތަމަޢު ކުރިމަތީގައި ތިބޭ އެކިއެކި ފުލުހުން.
 
ފުލުހުންނަކީ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އިޙްތިރާމްކޮށްގެން، ޤާނޫނުގެ ބާރު ދަމަހައްޓާ ބައެއް. ފުލުހުންނާއި އެހެން މީހުންނާ ދޭތެރޭގެ ތަފާތަކީ، ކޮންމެ މުޖްތަމަޢެއްގައި ކޮންމެ ދުވަހަކު އަދި ޚާއްޞަކޮށް، ދިވެހިރާއްޖެ 50 އަހަރުގެ މިނިވަންކަން އިޙްތިފާލުކުރާ މި އަހަރު، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި މިއުޅޭ މައްސަލަތަކަށް ބަލާއިރު، ކޮންމެ ދުވަހަކު، ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެން ހިތާހިތާ މިހާރު ކުރަންޖެހޭ ސުވާލަކީ، ކޮންމެ މީހަކު ކުރަންޖެހޭ ސުވާލަކީ، އެމީހެއްގެ ޙައްޤުތަކުގެ ތެރެއިން، ކިހާ މިންވަރެއް ދޫކޮށްލަން ބޭނުންތޯ، ގާނޫނު ތަންފީޛު ކުރުމާއެކީ، އެމީހެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް. ކޮންމެ މީހަކަށް ލިބިފައި މިހިރަ ޤުދްރަތީ ޙައްޤުތައް، ނޫނިއްޔާ އެމީހަކު ގަބޫލުކުރާ ޙައްޤުތަކުގެ ތެރެއިން ބައެއް އެބަ ދޫކޮށްލަންޖެހޭ، މުޅި މުޖްތަމަޢުގެ ސަލާމަތަށްޓަކައި. އަދި ބައެއް އެބަ ދޫކޮށްލަންޖެހޭ، އެމީހަކަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި.
 
އަވަށްޓެރިންގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލުކުރަނީ ދެ އަވަށްޓެރިންނެއް ނޫން. ޝައްކެއްވެސްނެތް، ރީތި ގޮތަކީ، ރިވެތި ގޮތަކީ ފުރަތަމަ އަވަށްޓެރިންގެ ތެރޭގައި ވާހަކަ ދައްކައިގެން ޙައްލުކުރުން. ޙައްލު ނުކުރެވޭ ކަމަށްވަންޏާ، ކިތަންމެ އުނި ކަންތައްތަކަކާ އެކީވެސް އިންސާނުން ހަދާފައި އޮންނަ ޤާނޫނުތަކެއްގައި، މައްސަލަ ފައިޞަލާކޮށް، އެކަން ނިންމަން ކޮންމެވެސް ބައެއްގެ ކައިރިއަށް ދާން އެބަޖެހޭ. އެކަން ނިންމަން، ބައެއްގެ ކައިރިއަށް ދާން ޢުޛުރުވެރިވާ ކަމަށްވަންޏާ، އޭގެ ބަދަލުގައި ޖަހާލަތުގެ އުޞޫލު އިޚްތިޔާރު ކުރަން ބޭނުންކަމަށްވަންޏާ، އެކަން ޙައްލުކުރަން އަދި މުޖްތަމަޢަށް ހަމަޖެހުން ގެނައުމަށް، ޔުނީފޯމްގައި ތިބި ކޮންމެވެސް ބަޔަކު ތެދުވާނެ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި، އެ ތެދުވާ ބަޔަކީ ފުލުހުން. އެހެންވީމާ، ފުލުހުންނަށް ޝުކުރު ޙައްޤު ކިތަންމެ ކަމެއްގައި ތަޢުރީފް އޮހޭ ފަދައިން، ފުލުހުން ކުރާ މަސައްކަތަށް ފާޑުކިޔާ މީހުން މަދެއްނުވާނެ. އެއީ، އަޅުގަނޑުމެން އިންސާނުންގެ ޠަބީޢަތް. އެއީ، ދިވެހިރާއްޖެއަކަށް ޚާއްޞަ ކަމެއް ނޫން، އެއީކީ މި ޒަމާނަކަށް ޚާއްޞަ ކަމެއް ނޫން. ކުށަކީ އިއްޔެގެ އުފެއްދުމެއް ނޫން. ކުށަކީ އެތަކެއް ޒަމާނުއްސުރެ އަންނަ ކަންތައް. އެކަމަކު އަދު، ކުށާ ބެހޭގޮތުން އުފައްދާ އެއްޗަކީ، އުފައްދާ ކަމަކީ ކުރިޔާ ތަފާތު ކަމެއް. ސިޔާސީ އެކިއެކި ވިސްނުމާއެކީ، އަދި ގަބޫލުކުރާ ހަމަތައް ތަފާތުވާތީޔާއެކީ، މަސްއޫލު ޒިންމާ އުފުލާ ޒިންމާދާރު މީހުން، ކުށަށް އަރައިގަތުމަށް ގޮވާ ގޮވެއްޔަކީ އަޅުގަނޑުމެންގެ އުފެއްދުމެއް. އެއީ، ޤާނޫނު ތަންދޭ ކަމެއް ނޫން. އެހެންވީމާ، އޭގެ ޒިންމާ އުފުލަންޖެހޭނެ. މުއައްސަސާތަކުގައި ތިބޭ ފަރާތްތައް، އަޅުގަނޑު މިދެންނެވީ ދައުލަތުގެ މުއައްސަސާތަކުގެ ވާހަކައެއް ނޫން. އެކިއެކި މަދަނީ ހަމަޖެހުން ގެނައުމަށް، އިންސާނީ ޙައްޤުތައް ކުރިއަށް ގެންދިޔުމަށް އަދި ސިޔާސީ ޙައްޤުތައް ހޯދުމަށް، ނޫނިއްޔާ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ހޯދަންޖެހޭ ޙައްޤުތަކެއް ހޯދުމުގެ ނަމުގައި މުއައްސަސާތަކާ ޙަވާލުވެ ތިބި ބަޔަކު، މިދެންނެވި ގޮތަށް ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރަން ބާރުލާފައި ވާހަކަ ދައްކާ ކަމަށްވަންޏާ، އޭގެ ޒިންމާ އުފުލަންޖެހޭނެ. އެއީ، އަދުގެ ޙަޤީޤަތް. އެއީ، ދިވެހިރާއްޖޭގައި މިކަން ކުރަމުންދާ ގޮތް.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު ފުލުހުންގެ ޚިދްމަތަށް އެދި މުޅި ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކުން ގޮވާއިރުވެސް، ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިފި ކަމަށްވަންޏާ، ކުށަށް އަރައިގަންނަ މީހުން، ކޮންމެ ދިމާއެއްގައި އެބަތިބި. މާލޭގައި އެކަންޏެއް ނޫން. ގިނަ ކުށްތައް މި އުފެދެނީ ޙަޤީޤަތުގައިވެސް މިދެންނެވި ކަހަލަ މައްސަލަތަކާ ގުޅިގެން. އެކަމަކު އެޔާއެކީގައިވެސް ދަންނަވަންޖެހެނީ، އިންސާނުންގެ ތެރޭގައި، ނޫނިއްޔާ އެކިއެކި ކުދިކުދި މުޖްތަމަޢުގެ ތެރޭގައި އުޅޭ ހަމަނުޖެހުންތައް މަދެއްވެސް ނުވާނެއޭ. އެހެން ނަމަވެސް، ތަފާތަކީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާއި، ތަހުޒީބީ އެހެން ޤައުމުތަކާއި ދިވެހިރާއްޖެއާ ހުރި ތަފާތަކީ، ތަހުޒީބީ އެހެން ޤައުމުތަކާއި ދިވެހިރާއްޖެއާ މިދެންނެވި ގޮތަށް މިސާލުން އަޅައި ކިޔަން ދަންނަވާ ސަބަބުވެސް އަޅުގަނޑު ދަންނަވާލާނަން.
 
އަޅުގަނޑުމެންގެ އެކިއެކި ޤާނޫނުތައް މި އުފައްދަނީ ބޭރުގެ ކޮންމެވެސް ޤާނޫނެއް ނަކަލުކޮށްގެން. އަދި އެ ނަކަލުކުރާ ޤާނޫނަކަށް، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކަކަށް ބަދަލު ގެނެސްގެން. އެހެން ނަމަވެސް، އޭގެ މަސްދަރު، އޭގެ އަޞްލަށް، އޭގެ ސަބްސްޓެންސަކަށް ބޮޑެތި ބަދަލުތަކެއް ނާދޭ. ޑިމޮކްރަސީއަކީ ކޯއްޗެއްކަން، ހުރިހާ ތަހުޒީބީ މުޖްތަމަޢުތަކެއްގައި މި އެނގެނީ ހަމަ ދާދި އެއްގޮތަށް. ޑިމޮކްރަސީއަކީ ގިނަ ބައެއްގެ ޙައްޤުތައް، ގިނަ ބަޔަކު ގަބޫލުކުރާ އުޞޫލަކާ އެއްގޮތަށް، ކަންކަން ޙިމާޔަތް ކުރުމަށް ލިޔެވޭ ނިޒާމެއް. މިއަކަށް ބަދަލެއް ނާދޭ. މިކަން ކުރުމުގައި ކިހާ މިންވަރަކަށްތޯ އަޅުގަނޑުމެންގެ ކެރުންތެރިކަން ހުރީ. ކިހާ ދުރަކަށްތޯ އަޅުގަނޑުމެން ދާނީ. އަދި އަޅުގަނޑުމެންނަކީ ވަކި ދީނެއްގައި ތިބޭ ބަޔަކަށްވާތީ، ކިހާވަރެއްތޯ އަޅުގަނޑުމެންނަށް ޙުދޫދު ކުރެވިގެންވަނީ، ނޫނީ ހުއްދަ ކުރެވިގެންވަނީ، މި ތަފާތު ހުންނާނެ. އެހެން ނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިގޮތަށް ކޯޑިފައި ކުރެވިފައި، ލިޔެވިފައި، ފާސްކުރެވިފައި ހުރި ޤާނޫނުތަކެއް ހުންނާނެ. އެ ޤާނޫނުތަކަށް ގެންނަ ބަދަލަކީ، އެކި މުޖްތަމަޢަށް އެކި މިންވަރަށް. އެކި މީހުން ލާ ކޯޓުތައް، އެކި ސައިޒަށް ފިޓްވާ ގޮތަށް ހުންނަ އުޞޫލުން އަންނަ ބަދަލުތައް. އެހެންވީމާ، މި ބަދަލު ހުންނާނެ. އެއީ ޠަބީޢީ ކަމެއް. އެއީ، އެ މުޖްތަމަޢަކާ ގުޅޭ ކަމެއް.
 
އެހެން ނަމަވެސް، މިއިންވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ކޮންމެ މުޖްތަމަޢެއްގައި ޑިމޮކްރަސީގެ އުޞޫލުތަކެއް އަށަގަންނަވަން، ހަރުދަނާ ކުރަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ހަނދާންނެތޭ، ދިވެހިން ހަނދާންނެތޭ ބޮޑު ކަމެއް އެބައޮތް. ދިވެހިން ހަނދާންނެތޭ ކަމަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ އުޞޫލުތައް ގެންނަން މިއުޅެނީ އިއްޔެތޯ، މިއަދުތޯ، ނޫނީ އެތަކެއް ސަތޭކަ އަހަރު ކުރިންތޯ. އެ ބަޔަކަށް ފެންނަ ގޮތް، ނޫނިއްޔާ ގިނަ ބައެއްގެ ރައުޔާ އެއްގޮތަށް ކަންކަން ކުރުން، މިއީ ދިވެހިރާއްޖޭގައި ކޮން ތާރީޚަކުން ފެށިގެން، ކަން ކުރަމުން އަންނަ ގޮތްތޯ. ޢާންމުކޮށް، ދުނިޔޭގައި ހުރިހާ ޤައުމުތަކެއްގައިވެސް، ޝާހީ ވެރިކަމެއް، ނޫނިއްޔާ ރަސްކަމެއް އޮންނަ ތަންތަނުގައި ވެއްޖިއްޔާ، ކަންކަން ހުންނަ ގޮތާއި، އިންތިޚާބުވެގެން އަންނަ މީހުން ދައުލަތް ހިންގާ ގޮތާ ހުންނަ ތަފާތުތައް ހުންނާނެ. އެހެންވީމާ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައިސްގެން މިއުޅެނީ، ނޫނިއްޔާ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ބޭނުންތެރިކަން އުފެދިގެން މިއުޅެނީ ކޮން ދުވަސްވަރެއްގައިތޯ، އަޅުގަނޑުމެން ސުވާލުކޮށްލަން އެބަޖެހޭ. އެއާ ޚިލާފަށް، އެތަކެއް ސަތޭކަ އަހަރު، ނޫނިއްޔާ އެތަކެއް އަހަރުތަކެއްގެ ކުރިން، ޑިމޮކްރަސީގެ އުޞޫލުތައް ގަބޫލުކޮށް، އަދި ޑިމޮކްރަސީގެ އުޞޫލުތައް ނެތިގެން، މުޖްތަމަޢުގައި މިހިރަ އެކި ގިންތިތަކަށް، އެކިކަހަލަ ނުރަނގަޅު އަސަރު ކުރާތީ، އެކަންކަމުން ލިބަރޭޓް ވުމަށްޓަކައި، އެކަންކަމުން ޙިމާޔަތް ހޯދުމަށްޓަކައި ޤާނޫނަށް ގެނެސްފައި ހުރި ބަދަލުތަކާއި، ކޮށްފައި ހުރި ޖިހާދުތަކުގެ މައްޗަށް ބިނާކޮށް، ތަންތަނުގައި ޤާއިމުކޮށްފައި ހުންނަ އުޞޫލުތައް އައިސްފައި ހުރީ ކޮން ތާރީޚުތަކެއްގައިތޯ އަޅުގަނޑުމެން ބަލަންޖެހޭނެ.
 
މިގޮތަށް ބަލާއިރު، މިސާލަކަށް، ޑިމޮކްރަސީގައި ދެން އަޅުގަނޑު ދައްކަން ހުރި ވާހަކަޔާ ގުޅޭ އެންމެ ބޮޑު، ނޫނީ އެންމެ ވަރުގަދަ އެއް މިސާލު މިއޮތީ ފަރަންސޭސިވިލާތުގައި. ފަރަންސޭސިވިލާތުގައި ކަން ހިނގައިދިޔަ ގޮތަށް ބަލާކަމަށްވަންޏާ، އަދި އޭރުގެ ޔޫރަޕްގެ ޤައުމުތަކުގައި ކަން ހިނގާފައި ހުރި ގޮތަށް ބަލާކަމަށްވަންޏާ، ވެރިންގެ ފަރާތުން، ވިޔަފާރިވެރިންނާއި، މަސައްކަތްތެރިންނާ، ޙައްޤުތަކެއް ބޭނުންވެގެން ކުރި އިންޤިލާބުތައް، ކުރި ޖިހާދުތައް މަދެއް ނޫން. މިއީ ތާރީޚެއް، އޭގެ ފަހަތުގައިވާ ކަންކަން. އެކަންކަމާ ގުޅިގެން، މިދެންނެވި ކަހަލަ މިނިވަން ޚިޔާލާއި، މުދަލުގެ ރައްކާތެރިކަމާއި، ވިޔަފާރި ކުރުމުގެ ޙައްޤުތަކާއި އަދި ދައުލަތުން އެކަންކަމާބެހޭ މިންވަރާއި، ނުބެހޭނެ މިންވަރު ކަނޑައަޅާ އުޞޫލުތަކެއް އެބަހުރި އެތަންތަނުގައި އައިސްފައި. އެކަމަކު މިކަންކަމަކީ އިއްޔެއަކު، އިހަށް ދުވަހަކު އެތަންތަނަށް އައި ކަންކަމެއް ނޫން. މިކަންކަމަކީ އެތަކެއް ސަތޭކަ އަހަރު ކުރިން އެތަންތަނާ ރައްޓެހި، އެކަމަކު އަޅުގަނޑުމެންނާ ބީރައްޓެހި އިޞްޠިލާޙީތަކެއް. އެހެންވީމާ، ތާރީޚުން އެކިއެކި ޤައުމުތަކަށް ޑިމޮކްރަސީއާއި، އެ ބަޔަކު ގަބޫލުކުރާ އުޞޫލުތައް ޤާނޫނަށް ފެއްތުމަށް ކުރާ މަސައްކަތުގައި، މިދެންނެވި ގެޕުތައް ހުރީމަ، ދިމާވާ މައްސަލަތައް ހުންނާނެ. މި މައްސަލަތައް ރެކޮންސައިލް ކުރުމުގައި، ނޫނިއްޔާ މި މައްސަލަތައް ޙައްލުކުރުމުގައި ދިމާވާ އުނދަގޫތައް ހުންނާނެ.
 
ހަމައެޔާއެކީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މިދެންނެވި ކަހަލަ މައްސަލަތައް ހުރީމަ، އެ މުޖްތަމަޢެއްގައި ގަބޫލުކުރާ ޢާންމު އުޞޫލުތައް ހުރީ ކޮން މިންވަރެއްގައި، ކިހާވަރަކަށް ހިފެހެއްޓިފައިތޯ. މިސާލަކަށް، އަޅުގަނޑުމެންނަށް، ނޫނިއްޔާ މިހާރު ދިވެހިރާއްޖޭގައި ކަންބޮޑުވެގެން އުޅޭ ކަމަށް ވަކާލާތު ކުރެވޭއިރު، ކޮންމެވެސް ބަޔަކު ކަންބޮޑުވެގެން އުޅޭކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ހަމަގައިމުވެސް ސަރުކާރުން ކަންބޮޑުވޭ، މިދިޔަ 8 ދުވަހުގެ ތެރޭގައި 3 މީހަކު މަރާލާފައި އޮތީމަ. އެކަމަކު މިއަދު އަޑު އުފުލަމުން މިދަނީ، ސިޔާސީ ޕާޓީތަކުގެ ނަމުގައި މިއަދު އަޑު އުފުލަމުން މިދަނީ އެކަމާތޯ، ތިޔަބޭފުޅުން ހިތްޕުޅާ ސުވާލު ކުރައްވާ. ހިތާހިތާ ސުވާލު ކުރައްވާ. ދުނިޔޭގައި ތަހުޒީބު ޤައުމުތަކުގައި އަދި ތަހުޒީބުނުވާ ޤައުމުތަކުގައިވެސް، މުޖްތަމަޢު ގަބޫލުނުކުރާ ނޯރމްތަކެއް ހުރޭ. މުޖްތަމަޢު، އެ ނޯރމްތަކާ ދޭތެރޭގައި ހިތްހަމަނުޖެހި އަދި ރުޅިވެރިކަން، ނަފްރަތު ފާޅުކުރާ ކަންތައްތައް ހުރޭ. މަރަކީ، ޝައްކެއްވެސްނެތްގޮތުގައި، މީގެތެރޭގައި އެންމެ ވަރުގަދަ ކަންތައް. މީހުންގެ މުދަލާއި، މީހުންގެ ގެދޮރަށް ގެއްލުން ދިނުމަކީ، އެއްވެސް މުޖްތަމަޢެއް ގަބޫލުކުރާ ކަމެއް ނޫން. އަދި ހަމައެހެންމެ، އިސްލާމީ މުޖްތަމަޢެއް ކަމަށްވަންޏާ، ﷲ ނަހީކުރައްވާފައި އެހެރަ ބޮޑެތި ޙައްޤުތަކަށް އަރައިގަންނަ ގަތުމަކީ، އިސްލާމީ މުޖްތަމަޢުތައް ގަބޫލުކުރާ ކަންކަމެއް ނޫން. މި ހުންނަނީ ދީނުންނާއި އަދި މުޖްތަމަޢުގެ އިންޓްރެކްޝަންގެ ތެރެއިން، އެ މުޖްތަމަޢުތައް ހިންގުމަށް، ނޫނީ އެ މުޖްތަމަޢުތައް ފާލަށް އެޅުވުމަށް ހުންނަ މުޖްތަމަޢު ގަބޫލުކުރާ މިންގަނޑުތަކެއް. ދިވެހިރާއްޖޭގައި އަޅުގަނޑު މިއަދު ކުރާ ސުވާލަކީ، މި މިންގަނޑުތަކާ ދޭތެރޭގައި، ކަންބޮޑުވާ ދިވެހި ސިޔާސީ ކިތައް މީހުން އެބަތިބިބާވައޭ؟ މި މިންގަނޑުތަކާ ދޭތެރޭގައިތޯ ކަންބޮޑުވަނީ، އަޅުގަނޑު މިއަދު ސުވާލު އުފައްދަން. އަޅުގަނޑުމެންގެ މުޖްތަމަޢުގައި، މުޖްތަމަޢު ގަބޫލުކުރާ މިންގަނޑުތަކެއް ހުންނަންޖެހޭކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވަންޏާ، މަރަށް، ނޫނިއްޔާ މަރަށް ހިތްވަރު ލިބޭގޮތަށް މި ހިނގާ ކަންތައްތަކަކީ، އަޅުގަނޑުމެންގެ ސަރުކާރުން އަދި ދިވެހިރާއްޖޭގެ އެއްވެސް މީހަކު، ޒިންމާދާރު ހަމަ އެކަކުވެސް ގަބޫލުކޮށްގެންވާނެ ކަމެއް ނޫން.
 
އަޅުގަނޑުމެންނަށް އަދު، އަޅުގަނޑުމެންގެ މިނިވަންކަން ޓެސްޓް ކުރެވެމުންމިދާ 50 އަހަރުގެ ތެރޭގައި، އަދި ދިވެހިރާއްޖޭގެ ސިޔާދަތާއި، ދިވެހިރާއްޖޭގެ އިސްތިޤްލާލު ޓެސްޓް ކުރެވެމުންމިދާ 50 އަހަރު، އަޅުގަނޑުމެންގެ މިނިވަންކަމަށް ފުރޭ އަހަރު، އަޅުގަނޑުމެން ކޮށްލަން ރަނގަޅު ސުވާލަކީ މިއީ. އަޅުގަނޑުމެންނަށް ކަންތައް ބޮޑުވެގެން މިއުޅެނީ، ދިވެހިރާއްޖޭގެ ސިޔާދަތު، ދިވެހިރާއްޖޭގެ އިސްތިޤްލާލު، އެގޮތުގެ މަތީ އިންޓެކްޓް ކޮށް އޮތުންތޯ. ނޫނިއްޔާ އަޅުގަނޑުމެންނަށް ކަންބޮޑުވެގެން މިއުޅެނީ، ކުރީގެ ސަރުކާރުތަކުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅުން، މިހާރު ދިވެހި ދައުލަތަށް އަވަށްޓެރި ޤައުމަކުން ސިފައިން އަންނަން ވެއްޖެ ކަމަށް ގޮވާލާ ގޮވާލުންތޯ؟ މިއަދު ހަމަ ކޮންމެ ފުލުހަކު އެބަ ސުވާލުކޮށްލަންޖެހޭ. އަޅުގަނޑުމެންގެ ދާޚިލީ ކަންކަމަށް ބޭރު މީހުން ބެހެން ދަޢުވަތު މިދެނީ ކީއްވެގެންތޯ، 50 އަހަރު މިނިވަންކަމަށް ފުރޭ އިޙްތިފާލުކުރާ އަހަރު، އަޅުގަނޑުމެން ސުވާލުކޮށްލަންޖެހޭ. މިއީ، ހަމަގައިމުވެސް ޤައުމަށް ހެޔޮއެދިގެން ކުރެވޭ އިލްތިމާސަކަށްނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ހަމަނުޖެހުން، އެ އޮންނަ ގޮތަކަށް އޮތީމަ، އަދި ސިޔާސީ ހަމަނުޖެހުން، އެބަޔަކު އެދޭ ގޮތަކަށް ކާމިޔާބުނުވީމަ، އެއީކީއެއް މުޅި ދައުލަތަށް މީގެ ޝޮކް އެބްޒޯބް ކުރަންޖެހޭ ކަމަކަށް ވެގެން ނުވާނެ.
 
ޑިމޮކްރަސީގެ ނަމުގައި، ޚިޔާލުފާޅުކުރުމުގެ ނަމުގައި، މިނިވަންކަމާއެކީ ވާހަކަ ދެއްކުމުގެ ނަމުގައި، އަޅުގަނޑުމެންގެ މުޅި ޤައުމަށް މިފަދަ މުޞީބާތެއް ޖައްސަން ގޮވާލުމަކީ، ހަމަ ކޮންމެ ދިވެއްސަކު ކުށްވެރި ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑަކަށް މައްސަލައަކަށް ނުވާނެ، ސަރުކާރާ ބެހޭގޮތުން ކިތަންމެ ފާޑެއް ކިޔަސް. އަދި ޚުދު އަޅުގަނޑާ ބެހޭގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެއީ، އަޅުގަނޑަށް އުނދަގޫވާނެ މައްސަލައެއް ނޫން. އެހެން ނަމަވެސް، މި ސަރުކާރު ދިވެހިރާއްޖޭގެ ވެރިކަން ކުރާ ކަމަށްވަންޏާ، ވެރިކަން ކުރާހާ ދުވަހަކު، ދިވެހިރާއްޖޭގެ އިސްތިޤްލާލަށް، މުޅި ދިވެހި ރައްޔިތުންގެ ޙައްޤަށް އުނިކަމެއް އަންނަ އެއްވެސް ކަމަކީ، މި ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން.
 
އެހެންވީމާ، މިދެންނެވީ، މި 50 އަހަރު އަޅުގަނޑުމެން މިނިވަންކަންމަތީ އިޙްތިފާލު ކުރާއިރު، އަދި ކަލްމިނޭޓިންގ އިވެންޓެއް ގޮތަށް، އަޅުގަނޑުމެންގެ މިނިވަންކަން ރަމްޒުކޮށްދޭ މިއަހަރުގެ ތެރޭގައި، އަޅުގަނޑުމެން ދިވެހި ދައުލަތަށް ހެޔޮގޮތް އެދި ކަންކަމަށް ގޮވާލައްވާ ބޭފުޅުންގެ ތެރޭގައި، އިސްބޭފުޅުންގެ ތެރޭގައި، މުއައްސަސާތަކުގެ އިސްބޭފުޅުންގެ ތެރޭގައި ތިއްބެވި ބޭފުޅުން، މުޅި ދިވެހިރާއްޖޭގެ އިސްތިޤްލާލަށް ބުރޫއަރާގޮތަށް، ނޫނީ ދިވެހިރާއްޖޭގެ ސިޔާދަތު ގެއްލޭގޮތަށް މި ގޮވާލާ ގޮވާލުން ގޮވާލާއިރު، އެކަން ކަންބޮޑުވާ މީހުން މަދުކަން އަޅުގަނޑަށް ފާހަގަކުރެވޭ. އަދި ދެން ދައުލަތް ހިންގަން އަންނަން އޮތް ސަރުކާރު ރަމްޒުކޮށްދޭ ޕާޓީގެ ބޭފުޅުން، މިކަން ކުރެއްވީމަ، އެ ޕާޓީތަކުގެ ފަރާތުން މިކަން ކުށްވެރި ނުކުރީމަ، އަޅުގަނޑު ހިތަށްއަރަނީ މިއީ ޤައުމު ހިންގަން ކިހާ ކުފޫ ހަމަވާ ބައެއްބާވައޭ؟
 
ދިވެހިރާއްޖޭގައި އޮތް އެއްޗަކީ ދިވެހިރާއްޖޭގެ ހަމަޖެހުން. ދިވެހިރާއްޖޭގައި އޮތް އެއްޗަކީ، އަޅުގަނޑުމެން އިސްލާމީ ހިދާޔަތުގައި ތިބި ތިބުން. ދިވެހިރާއްޖޭގައި އޮތް އެއްޗަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުން. ދިވެހިރާއްޖޭގައި އޮތް އެއްޗަކީ، އަޅުގަނޑުމެންނަކީ ޤާނޫނަށް ލޯބިކުރާ އަދި އެކަކު އަނެކަކު އިޙްތިރާމާއެކީ ބަލައިގަނެ، މުޢާމަލާތު ކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ތިބުން. އެއްބައިވަންތަ ކަމަށް ބުރޫއަރާ ކަންތައްތަކުގެ ވާހަކަ މި ދައްކަނީ. ކީއްކުރަންތޯ، 15 ވަނަ ޤަރުނަށް އަޅުގަނޑުމެން ޕޯޗްގީޒުންގެ ވާހަކަ ދައްކަން އަޅުގަނޑުމެން ދާންވީ. ކީއްކުރަންތޯ މަލާބާރީންގެ ވާހަކަ، އިހަށްދުވަހު އަޅުގަނޑުމެން މި ދެއްކީ، ހުރަވީ ދުވަހު. މިއަދުގެ ވާހަކަ އަޅުގަނޑުމެން ދައްކަންވީ ނޫންތޯ.
 
މިއަދުގެ ވާހަކައަކީ މިދެންނެވީ. މިއަދު މި ގޮވާލެވެނީ ދިވެހިރާއްޖޭގައި ޚާރިޖީ ވަޒީރުކަން ކޮށްފައި ތިބި ދެމީހުން، ދިވެހިރާއްޖެއަށް މިހާރު ބޭރުގެ ސިފައިން އަރަންވެއްޖެ ކަމަށް ކުރާ އިލްތިމާސް. ކޮންގޮތަކުންތޯ ދިވެހިންނަށް މިކަން ގަބޫލުކުރެވޭނީ. ހަމަގައިމުވެސް ދިވެހި ރައްޔިތުންނެއް، މިކަމެއް ގަބޫލެއް ނުކުރާނެ. އަދި އަމުދުން އެ ދައުލަތެއްގެ ސިޔާދަތަށާއި، އެ ދައުލަތެއްގެ ކަރާމާތަށް، އެމީހުންގެ ނަފްސު ދޫކޮށްލަން، ފުރާނަ ދޫކޮށްލަން ހުވާކޮށްގެން ތިބި، ޔުނީފޯމްގައި ތިބި މީހުންނަކަށް މިކަން ބަލައެއް ނުގަނެވޭނެ. އަޅުގަނޑުމެން މި ދިގު މުއްދަތު ހޭދަކުރާއިރު، 82 އަހަރުގެ ދިގު މުއްދަތު ހޭދަކުރާއިރު، އަޅުގަނޑުމެންގެ ހަނދާނަށް ގެންނަން މި ޖެހެނީ، މިކަހަލަ ކަންތައްތަކުގައި ފުރާނަ ދޫކޮށްލި ޚިދްމަތްތެރިން، އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫން. މިރޭވެސް ހަމަ މި އިޙްތިފާލުގައިވެސް އަޅުގަނޑު، އެ ފުރާނަތަކަށް މާތްﷲގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރަނީ އަދި އެބޭބޭފުޅުންގެ ޢާއިލާތަކަށާއި، އަދި މިއަދު ސަރވިސްގައި ތިއްބެވި ފުލުހުންގެ އަނބިއަނބިކަނބަލުންނަށް އަދި ފިރިންނަށް، ގާތްތިމާގެ މީހުންނަށް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ، ދިވެހި ދައުލަތުގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ދަންނަވަމުން.
 
ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ބައިވެރިން، އަޅުގަނޑުމެންގެ މި ޚިދްމަތަށް ދޫކުރައްވަނީ، ޚިދްމަތުގައި އުޅެފައި، ނިދާގަޑީގައި އެނބުރި އަންނާނެ ކަމުގެ ކަށަވަރުކަމެއް އޮވެގެނެއް ނޫން. ފުލުހުންނަކީ މީހުންގެ ފުރާނަ ސަލާމަތް ކުރަން ތިބި ބައެއް. ފުލުހުންނަކީ، އެމީހުންގެ ފުރާނަ، އެމީހުންގެ ނަފުސުތައް، މިދެންނެވި ކަމުގައި ކުރިމައްޗަށް ނެރެގެން މަސައްކަތްކުރާ ބައެއް. ކޮންމެ ނުރައްކަލަކާ ކުރިމަތިލާ ބައެއް. އެހެންވީމާ، މިއަދު ޑިއުޓީއަށް ނުކުންނަ ފުލުހަކީ، މިރޭ ދަންފަޅި ނިންމާފައި ގެޔަށް އައިސް ނިދާނެ މީހެއް ކަމުގެ ކަށަވަރުކަމެއް އަދި އަމުދުން މިހާ އުނދަގޫ ދުވަސްވަރެއްގައި، އެ ބަޔަކަށް ނޯންނާނެ. އެހެންވީމާ، މިދެންނެވި ކަހަލަ ކަންތައް، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި ހިނގާތީ، ޑިމޮކްރަސީގެ އެކި ނިޒާމުތަކާއި، އެކި އުޞޫލުތަކުގެ ވާހަކަ ދައްކާތީ، އަޅުގަނޑު ހިތަށްއަރަނީ، ޑިމޮކްރަސީ އައިސްފައި އޮތް ގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހެޔޭ. އެކި މުޖްތަމަޢުތައް ގަބޫލުކުރާ މިންގަނޑުތަކެއް، ގަބޫލުކުރާ އުޞޫލުތަކެއް ހުރޭ. އެއްވެސް މުޖްތަމަޢެއް ގަބޫލުކުރާނެ ކަމެއް ނޫން، މިދެންނެވި ގޮތަށް، ރަޙުމްކުޑަކޮށް މީހުން މަރާ ވެއްޓުން. އަޅުގަނޑުމެންގެ މުޖްތަމަޢު އެކަންޏެއް ނޫން، އެއްވެސް މުޖްތަމަޢެއް ގަބޫލެއް ނުކުރާނެ. އެކަމަކު މިކަމުގައި ކަންބޮޑުވަނީ، ކިތައް މީހުންތޯ، ކިތައް ސިޔާސީ ފަރާތްތޯ، އަޅުގަނޑުމެން ސުވާލު އުފައްދަން އެބަޖެހޭ. އަދި އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތުން ޤާނޫނު އަނބުރާ އެމީހުންނާ ހަމަކުރާއިރު، މީގެ ޙަޤީޤަތްތައް އެނގޭއިރު، މިކަން ކުރަނީ ކޮންބައެއްކަންވެސް އަޅުގަނޑުމެންނަށް އެނގޭނެ. އަޅުގަނޑުމެންނަށް ހަމައެކަނި މުހިންމީ، މިކަން ކުރާ ޤާތިލުންނެއް ނޫން. މިކަންކަމަށް ހިތްވަރުދޭ މީހުން އަޅުގަނޑަށް އެނގެން މާ މުހިންމު. ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ހަމަޖެހުން ނަގާލާ ބަޔަކީ މިދެންނެވި މީހުން.
 
އެހެންވީމާ، ފުލުހުންގެ ޚިދްމަތަށް 82 އަހަރު ފުރިގެންދާއިރު، އަޅުގަނޑުމެން މިކަހަލަ ކަންތައްތައް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، މިއީ އަޅުގަނޑުމެންގެ ކޯ-ވެލިޔުތައް، މިއީ އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތައް، އަދި އަޅުގަނޑުމެންނަށް ކަރާމާތްތެރިކަމަށް، މުޤައްދަސް ކަމަށް ގަބޫލުކުރާ ކަންތައްތަކަކީ މިއީ. އަޅުގަނޑުމެން ޔުނީފޯމްގައި ތިބެގެން ކިތަންމެ މަސައްކަތެއް ކުރިޔަސް، އަދި ތިޔަބޭފުޅުންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުކުމެ މަސައްކަތް ކުރި ނަމަވެސް، މިދެންނެވި ކަހަލަ ކަންތައްތައް، ރަޙުމްކުޑަ ޢަމަލުތައް ދިވެހިރާއްޖޭގައި މިއަދު ހިނގާތީ، އަޅުގަނޑުމެން ހިތާމަކުރަންޖެހޭ. މިކަންކަން އަޅުގަނޑުމެން ޓޮލޮރޭޓެއް ނުކުރާނަން. އެ ސަބަބަށްޓަކައި ދައުލަތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން މިއަދު ނިންމައި، ފުލުހުންގެ މަސައްކަތުގައި އެހީތެރިވުމަށް ސިފައިންވެސް މިރެއިން ފެށިގެން ޙަރަކާތްތެރިވާން އަޅުގަނޑު މި ނިންމީ. އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން، މިކަންކަން ގަބޫލުކުރާކަށް. އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން، މުޅި ދިވެހި ދައުލަތަށް މި އަންނަ ޝޮކްތައް އެބްޒޯބް ކުރާކަށް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން، މިއީ ހަމަ ކަމަކަށް. މިއީ، ޑިމޮކްރަސީގެ އެއްވެސް މިންގަނޑަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް، މިއަދުވެސް އަޅުގަނޑުމެން މިދެންނެވި ކަހަލަ ކަންތައްތައް ޙިމާޔަތް ކުރުމަށްޓަކައި ނޫނިއްޔާ ބާރުތައް، ނޫނިއްޔާ ޙައްޤުތައް ހަނިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި ކަމަށްވަންޏާ، އެންމެ ވަރުގަދަޔަށް މިކަންކަމާ ވަކާލާތު ކުރާނީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ނަމުގައި ނަންބޯޑު ޖަހައިގެން ތިބި މީހުން. އެކަމަކު އިންސާނީ ޙައްޤަކީ ކޮބައިތޯ؟ އިންސާނީ ޙައްޤަކީ އިންސާނީ ކަރާމާތުގެ ކަށަވަރުކަން. އިންސާނީ ކަރާމާތަކީ ދިރިހުރުމުގެ ޙައްޤު އޮތުން. ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ގޮތަށް، އެކަން ކަށަވަރުވެގެން ދިޔުން. މުދަލާއި ފުރާނައަށް ގެއްލުން ނުވާނެކަން ކަށަވަރު ކުރުން. ދައުލަތެއް ވެރިކަމަށް ގެންނަނީ އެކަން ކަށަވަރު ކުރަން. އެހެންވީމާ، އިންސާނީ ޙައްޤުތަކުގެ ނަމުގައި ނަންބޯޑު އަޅުވައިގެން، މިދެންނެވި ކަހަލަ ކަންތައްތަކާ ހަމަޔަށް ދިޔައީމަ، އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ކަންބޮޑުވޭ.
 
އިންސާނީ ޙައްޤަކީ ޙަޤީޤަތުގައި މިކަންކަން ޙިމާޔަތް ކުރުން. އަޅުގަނޑު މިރޭ މިތަނުގައި ހުރެގެން ވާހަކަ ދައްކާއިރު، އެންމެ ތަހުޒީބު މުޖްތަމަޢުގެ ތެރޭގައި، އަދި އެ G8ގެ ޤައުމުތަކުގެ ތެރޭގައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ނޫނިއްޔާ އެތަނުގެ ޕާލަމެންޓަށް ވަދެގެން އެ ދަނީ، މިދެންނެވި ކަހަލަ ފަރުދީ ޙައްޤުތައް ހަނިކުރުމުގެ މައްސަލަތައް. ފަރުދީ ޙައްޤުތައް ހަނިކުރުމުގެ ބިލެއް. އިންޓެލިޖަންސް އެއްކުރުމާއި، މީހުންނާބެހޭ މަޢުލޫމާތު އެއްކުރުމާއި، މީހުން ސެންސަރޝިޕަށް އެކްސަރސައިޒް ކުރުމާ، މިކަހަލަ އެތައް ކަމެއް މިހާރު އެ ދަނީ. އެއީ ހަމަ އެ ޤައުމުތަކުގައި ދިމާވާ މައްސަލަޔާ ގުޅިގެން، މިދެންނެވި ކަހަލަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި ހުންނަ ފަންޑަރމެންޓަލް، ނޫނީ އަސާސީ ޙައްޤުތައް ހަނިކުރެވެން އޮތް މިންވަރަކަށް ހަނިކުރަމުން އެ ގެންދަނީ.
 
އެކި ޤައުމުތަކަށް ޢުދުވާނީ ޙަމަލާތައް ދެވުނީމަ، އެ ޤައުމުތަކުގައި ހުންނަ މިނިވަންކަން، އޭގެ ކުރީގައި އައިސްފައި ހުރި މިނިވަންކަން، ނޫނީ އެ ޤައުމުތަކުން އުފެދުނު ޕްރޮފެސަރުން ލިޔެފައި ހުރި ޓެކްސްޓް ފޮތުން ކިޔަވައިދީފައި ހުރި ފިލާވަޅުތައް ނަގައިދީފައި ހުރި ޤައުމުތަކުގެ މިނިވަންކަމަށް، ފަރުދީ މިނިވަންކަމަށް އައީ ކޮންކަހަލަ ބަދަލެއްތޯ؟ ޤައުމުތަކުގައި މި އޮންނަނީ ދެގޮތަކަށް މިކަން. އެއްކޮޅުގައި މި އޮންނަނީ ފަރުދީ ޙައްޤު، ނޫނީ ފަރުދީ މިނިވަންކަން. އަނެއްކޮޅުގައި މި އޮންނަނީ މުޅި މުޖްތަމަޢުގެ މިނިވަންކަން. އެހެންވީމާ، ތަހުޒީބު އެއްވެސް ދެ ޤައުމެއްގައި، މި މިނިވަންކަން އެއް މިންވަރަކުން މިނޭކަށެއް ނެތް. އެކި ޤައުމަށް އެކިވަރަށް މާކްސް މި ލިބެނީ. އެމެރިކާ، އިނގިރޭސިވިލާތް އެއްކޮޅުން ނަގައިފިއްޔާ، އަނެއްކޮޅުގައި ފަރަންސޭސިވިލާތް ބާއްވައިފި ކަމަށްވަންޏާ، މާކްސް މި ނެރެނީ ތަފާތުކޮށް. ދުނިޔޭގައި މިހާރު ގަބޫލުކުރާ އުޞޫލުތަކުގައި، ފަރުދީ ޙައްޤު ޙިމާޔަތްކޮށްދޭން މަސައްކަތް ކުރާއިރުވެސް، ފަރުދީ ޙައްޤަށްވުރެ، ހުރިހާ ތަނެއްގައި އިސްކަން މި ދެވެނީ، މުޅި މުޖްތަމަޢުގެ ސަލާމަތަށް. އެހެންވެގެން ހޯމްލެންޑް ސެކިއުރިޓީ އެކްޓްވެސް އައިސްފައި މިއޮތީ. އެހެން ނޫނިއްޔާ އެއީ، ފަރުދީ ޙައްޤު އެންމެ ވަރުގަދައަށް ޙިމާޔަތްކުރާ ތަންތަން. އެހެން ނަމަވެސް، އެތަންތަނަށް ދިމާވާ މައްސަލަތަކާ ގުޅިގެން، އެކަންކަމުން އަލުން ފިލާވަޅު ލިބިގެން، އެމީހުންގެ ތާރީޚު ދޫކޮށްލާފައި އެ އަންނަނީ މުޅި މުޖްތަމަޢުގެ ސަލާމަތްކަމަށް.
 
ދިވެހިރާއްޖޭގައި މިކަންދާނީ މިގޮތަށް. ދިވެހިރާއްޖޭގައި އަޅުގަނޑުގެ ސަރުކާރަކަށް، އަޅުގަނޑުގެ ސަރުކާރަކަށް މުޅި ޤައުމުގެ ސަލާމަތާއި މަޞްލަޙަތަށްވުރެ މުހިންމު އެއްޗެއް ނޯންނާނެ. މުޅި ދައުލަތުގެ އަމަންއާއި، މުޅި ދައުލަތުގެ ސަލާމަތްކަމަކީ، މި ސަރުކާރަށް އެންމެ މުހިންމު ކަންތައް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހަށް މިދެންނެވި ކަހަލަ ބިލްތައް ދާނެ. މި ބިލްތައް ދިޔުމުގެ ބޭނުމަކީ، އެއްގޮތަކަށްވެސް މަޢުޞޫމް މީހުން ޓެސްޓް ކުރުމެއް ނޫން. މި ބިލްތައް ދިޔުމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް އެކިކަހަލަ ކުށުގެ ރެކޯޑު ތަކުރާރުކޮށްފައި ހުރި މީހުންނާ ދޭތެރޭގައި، އަޅުގަނޑުމެން އެމީހުން ބަލާކަން އަދި އެމީހުން އުޅޭ ނޫޅޭގޮތް އަޅުގަނޑުމެން ދެނެގަންނަން ބޭނުންވާކަން، އެމީހުންނަށްވެސް އެނގުން. އަދި އޭގެތެރެއިން އެމީހުންގެ ޙައްޤުތައް ހިފެހެއްޓެނީ، ހަނިވެގެންދަނީ ކިހާވަރަކަށްކަން އެމީހުންނަށް އިސްވެ އެނގުން. އެހެންވީމާ، ފުލުހުންގެ ޒިންމާ އަދާކުރައްވާއިރު، ހަމަ ކޮންމެ ފުލުހަކަށްވެސް ދަންނަވާލާނީ، ދުނިޔޭގައި ޑިމޮކްރަސީއާ ބެހޭގޮތުން އަދި ދުނިޔޭގައި ފުލުހުން އަދާކުރާ ދައުރާ ބެހޭގޮތުން ލިޔެފައި ހުންނަ ފޮތްތަކަށް ބަލާކަމަށްވަންޏާ، މިހާރު މިއުޅޭ އިޞްޠިލާޙަކީ، އެއީ އަޅުގަނޑުގެ ވާހަކައިގެ ފަހުބައި، ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ. ފުލުހުންނަކީ ޤާނޫނުގެ ތެރެއިން ބާރު ލިބިގެން، ޤާނޫނާ އެއްގޮތަށް މަސައްކަތް ކުރާ މުއައްސަސާއެއް. މީގައި ހަމަ އެއްވެސް ބޭފުޅެއްގެ ހިތުގައި ސުވާލު އުފެދިގެން ނުވާނެ. އެއްވެސް ބޭފުޅެއްގެ ހިތުގައި ސުވާލު އުފެދިގެން ނުވާނެ. ފުލުހުންނަށް ބާރުދެނީ، ފުލުހުން އުފައްދާފައި އެ އޮންނަ މުޖްތަމަޢު. މުޖްތަމަޢުން ދޭ ބާރު މި އަންނަނީ ފުލުހުންނަށް، ފުލުހުންގެ ޙައްޤުތައް ބަޔާންކޮށްދީ އަދި ފުލުހުންނަށް ނުކުރެވޭނެ ކަންތައް ބަޔާންކޮށްދޭ ޤާނޫނެއްގެ ތެރެއިން. އެހެންވީމާ، ފުލުހުން ޒިންމާދާރުވާނީ، އެ އޮންނަ ޤާނޫނަކަށް. ފުލުހުން އެކައުންޓެބަލް ކުރާނީ، ނޫނިއްޔާ ފުލުހުންގެ ޒިންމާ އުފުލަންޖެހޭނީ، އެ އޮންނަ މުޖްތަމަޢަކަށް.
 
މިއަދު ދުނިޔޭގައި އެންމެ ގަދަޔަށް ދެކެވެނީ، ފުލުހުންގެ މުއައްސަސާ ހިނގަންވާނީ، ޑިމޮކްރެޓިކް ޕޮލީސިންގއާ އެއްގޮތަށްކަން. މީގެކުރީގެ ޒަމާންތަކުގެ ކުރިއަށް ބަލާކަމަށްވަންޏާ، ދުނިޔޭގައި ހުރިހާ ޤައުމެއްގައިވެސް ފުލުހުންގެ މުއައްސަސާތައް ހިނގާފައި ހުންނަނީކީ މިދެންނެވި އުޞޫލަކުންނެއް ނޫން. އެވަގުތަކު އޮންނަ ސަރުކާރަކަށް، ނޫނިއްޔާ އެވަގުތު ސަރުކާރު ހިންގަން ހުންނަ މީހަކު އެދޭ ގޮތަކަށް ފުލުހުންގެ މުއައްސަސާ މަސައްކަތް ކުރާނީ. އަޅުގަނޑުމެންނަށް ތާރީޚުން ނަގައިދީފައި ހުރި ފިލާވަޅުތަކަށް ދާ ކަމަށްވަންޏާ، ނަންނަން ނުކިޔި ކަމުގައިވީނަމަވެސް، އޭރު ހުރި ނިޒާމުތައް، ވީރާނާވެގެން ގޮއްސަ ހުރި ނިޒާމުތަކަށް ބަލާކަމަށްވަންޏާ، މީގެ ސާބިތު، އަދި އަޅުގަނޑުމެން ހިތަށް ނަގައިގަންނަން ފަސޭހަ މިސާލުތައް އެހެރީ ފެންނަން. ޔޫރަޕްގެ އެކި ޤައުމުތަކުގައި މިކަން އޮތްގޮތް. ދުރު އިރުމަތީގެ ޤައުމުތަކުގައި މިކަން އޮތްގޮތް، އަޅުގަނޑުމެންނަށް އެހެރީ ފެންނަން. އެކަންކަމަށްފަހު، އެކަންކަން މާޒީވެ ދިޔައީމަ، މިހާރުގެ ދުނިޔޭގައި ހުރިހާ ތަނެއްގައިވެސް މި ޖާގަދެނީ ޑިމޮކްރެޓިކް ޕޮލީސިންގއަށް. ޑިމޮކްރެޓިކް ޕޮލީސިންގގެ އަސާސަކީ، ހުރިހާ ފުލުހުން ގަބޫލުކުރުން. އަދި ހުރިހާ ފުލުސް ނިޒާމުތައް ގަބޫލުކުރުން. ފުލުހުން މަސައްކަތް ކުރަނީ ނިޒާމުތަކެއްގެ ތެރެއިންކަން. އެ ނިޒާމުތަކަކީ ފުލުހުންނަށްދޭ ބާރު. އާދެ، އެހެން މީހުންގެ ޙައްޤުތައް ހަނިކުރަން. ޙައްޤުތަކަށް ހުރަސްއަޅަން ފުލުހުންނަށް ލިބޭ ޤާނޫނީ ބާރު. އަދި އެ ޤާނޫނީ ބާރު ލިބޭއިރު، މީހުންގެ ޙައްޤުތައް ހަނިވެގެންދާއިރު، މީހުން ބަންދުކުރުމާއި، މީހުން ހައްޔަރު ކުރުމާއި، މީހުންގެ މައްޗަށް ދަޢުވާ އުފުލުމާ، މިކަހަލަ އެތައް ޙައްޤުތަކެއް އެބަ ލިބޭ.
 
އެހެންވީމާ، މިއަދުވެސް ކޮންމެ ދިވެއްސަކުވެސް ކުރަންޖެހޭ ސުވާލަކީ، ތިމަންނަގެ ރައްކާތެރިކަމާއި، މުޅި މުޖްތަމަޢުގެ ސަލާމަތްކަން ކަށަވަރު ކުރުމަށްޓަކައި ތިމަންނައަށް ލިބިފައި މިއޮންނަ ޙައްޤުތަކުގެ ތެރެއިން ކިހާވަރެއް މުޖްތަމަޢަށް ދޫކޮށްލަން ބޭނުންތޯ؟ އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިދެންނެވި ކަހަލަ ޙައްޤުތަކެއް ދޫކޮށްލައިގެން ނޫނިއްޔާ، އެއްވެސް މުޖްތަމަޢެއްގެ ސަލާމަތްކަމެއް، އެއްވެސް މުޖްތަމަޢެއްގެ ރައްކާތެރިކަމެއް ދައުލަތަކަށް، ފުލުހުންނަކަށް ކަށަވަރެއް ނުކޮށްދެވޭނެ. އެކަމަކު މުޅި މުޖްތަމަޢުގެ ސަލާމަތަކީ، އެކަމުގެ އުފަލުގައި އަޅުގަނޑުމެން އެންމެން އުޅެންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް އަނިޔާވަނީކީ ހަމައެކަނި ފުލުހުން ޑިއުޓީ ނިންމާފައި ދާއިރަކު ނޫން. ފުލުހުންނަށް އަނިޔާވަނީކީ ހަމައެކަނި ޔުނީފޯމްގައި ތިބޭއިރަކު ނޫން. ފުލުހުންގެ އަނބިދަރިންނަށް ފުރައްސާރަ ކުރުމާއި، ފުލުހުންގެ އަނބިދަރިންނަށް އެކިވަރުގެ ގޯނާކުރުމަކީ، އަޅުގަނޑުމެންގެ ތެރޭގައި، މާ ދުރު ނޫން މާޒީއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިފައި ހުރި ކަންކަން. އެހެންވީމާ، ފުލުހުންނަށް އަނިޔާވެފައި ހުރީކީ، ޔުނީފޯމްގައި ޚިދްމަތުގައި އުޅެނިކޮށްނެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ގޮތަށް، މުޖްތަމަޢު ގަބޫލުކުރާ މިންގަނޑުތަކެއް، މިއީ ކޮންމެ މުޖްތަމަޢެއްގެ ތެރޭގައި ހުރި ކަންތައްތަކެއް.
 
މެރުމަކީ، ރަޙުމްކުޑަކޮށް މިގޮތަށް މެރުމަކީ، ޤާތިލުންނަކަށް، އެއްވެސް މުޖްތަމަޢެއްގައި ޖާގަ ދޭނެ ކަންކަމެއް ނޫން. އެކަމަކު އެހެން މިދަންނަވަނީކީ، މުޖްތަމަޢުގެ ތެރޭގައި އެކަން ނުހިނގާ ވާހަކަ ދަންނަވާކަށްވެސް ނޫން. އަޅުގަނޑުމެންގެ މި ރާއްޖޭގައި، މިނިވަންކަމަށް 50 އަހަރު ފުރިގެންދާއިރު، އަދި އަޅުގަނޑުމެންގެ 50 އަހަރު، މުއައްސަސާތަކުގައި ކިހާ ހިތްވަރެއް ހުރިތޯ، ސަރުކާރުގައި ކިހާ ހިތްވަރެއް ހުރިތޯ، ޓެސްޓް ކުރެވެމުން މިދާ ވަގުތު، އަޅުގަނޑުމެންގެ ޚިޔާލަށް މި ގެންނަނީ، ފުލުހުންނަށް ޤާނޫނީ ޒިންމާތަކަކާއި މަސްއޫލިއްޔަތެއް ޙަވާލުކުރެވޭއިރުވެސް، ފުލުހުންނަށް މި ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރަނީ ޤާނޫނުގެ ޙުދޫދުގެ ތެރެއިންކަން. ޤާނޫނުން ފުލުހުން ޒިންމާދާރު ކުރުވާ. ފުލުހުން ޒިންމާދާރު ކުރުވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އޮންނާނެ. އަދި ދައުލަތުގެ އެހެން މުއައްސަސާތައް ހުންނާނެ. ރައްޔިތުންގެ މަޖިލިސް އޮންނާނެ. އަދި އޭގެފަހުން ކޯޓުތައްވެސް އެހެރީ. އެހެންވީމާ، ކޮންމެ ފުލުހަކުވެސް ޚިދްމަތް ކުރައްވާއިރު، ޚިދްމަތް ކުރައްވަނީ މިދެންނެވި ގޮތަށް، ޤާނޫނުގެ ޙުކޫމަތް ދެމެހެއްޓުމަށްޓަކައި. ފުލުހުންނަށް، ފުލުހުންގެ ޤާނޫނުން މަތިކޮށްފައި އޮތް އަދި ދީފައި ހުރި ޒިންމާތަކެއް، ޤާނޫނާ އެއްގޮތަށް އަދާކުރެއްވޭތޯ.
 
ފުލުހުންނާ ސުވާލުކުރާނީ، ފުލުހުން މަޤާމުގައި ތިއްބަވާއިރަކު ނޫން. ފުލުހުން މަޤާމުގައި ތިއްބަވާއިރުވެސް ސުވާލު ކުރާނެ. އަދި ފުލުހުން މަޤާމު ރިޓަޔަރ ކުރައްވާއިރުވެސް ސުވާލު ކުރާނެ. އެހެންވީމާ، ޤާނޫނުގެ އިމުގެ ތެރޭގައި ހުރިހާ ފުލުހުންވެސް މަސައްކަތް ކުރައްވަންޖެހެނީ. އަދި އެ ކުރައްވާ މަސައްކަތަކީ، ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ މަސައްކަތަކަށް ވެގެންދާނެ. އަޅުގަނޑުމެންގެ އަދުގެ ފުލުހުން މަސައްކަތް ކުރަނީ، ފުލުހުންގެ ޤާނޫނުގެ ތެރެއިން. އަދި ފުލުހުންގެ ޤާނޫނުގެ ތެރެއިން ކުރާ ކަންކަމާ ދޭތެރޭގައި ކުށްވެރިވާ މީހުން، ނޫނިއްޔާ ކުށަށް ހުށަހެޅިފައި ތިބި މީހުން، ނޫނީ ކުށުގެ އިލްޒާމް، އެބައެއްގެ މައްޗަށް އުފުލޭ މީހުންނަށް، އެއީ ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވާނެ. އެކަމަކު އެއީ ދުނިޔޭގެ އާދަ. އެކަމަކާ އަޅުގަނޑުމެންގެ ފުލުހުން ވިސްނާކަށް ނުޖެހޭ. ޑިމޮކްރެޓިކް ޕޮލީސިންގއަކީ އެއްގޮތަކަށްވެސް ފުލުހުން ކުރާ ހުރިހާ ކަމެއްގައި، މުޅި މުޖްތަމަޢު ރުއްސަން މަސައްކަތް ކުރުމެއް ނޫން. ފުލުހުން ކުރާ ކަންތައްތަކަކީ، އުޞޫލުތަކަކާއި ނިޒާމުތަކެއްގެ މައްޗަށް ބިނާކޮށް، ނިޒާމުތަކެއްގެ ތެރެއިން، ޤާނޫނީ ހުއްދަތަކެއް ލިބިގެން ކުރާ ކަންތައްތަކަކަށްވީމަ، އެއީ ޑިމޮކްރެޓިކް ޕޮލީސިންގއަކީ. އަދި އެކަންކަން ކުރުމުގައި، އެއްވެސް ފުލުހަކު ފަސްޖެހިގެން ނުވާނެ. އޭނަޔާ ދޭތެރޭގައި ޤާނޫނީ ސުވާލު އަތުވެއްޖެނަމަ، ސާބިތުކަމާއެކީ އޭނަ ކަންކުރިގޮތް، އެކަމުގައި ޖަވާބުދާރީވުމަކަށް އެއްވެސް ފުލުހަކު ފަސްޖެހިގެން ނުވާނެ. އެއީ، ޑިމޮކްރެޓިކް ޕޮލީސިންގއަކީ. ޑިމޮކްރެޓިކް ޕޮލީސިންގ މި އަންނަނީ، ފުލުހުންނަކީ ރައްޔިތުން ޙަވާލުކޮށްފައި އޮތް އަމާނާތެއް. ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ރައްޔިތުން އެދޭ ގޮތަކަށް، ޤާނޫނުގެ ތެރެއިން ކޮށްދޭ ބަޔަކަށްވާތީ، ފުލުހުން އާޚިރުގައި ޖަވާބުދާރީ މިވަނީ ޙަޤީޤަތުގައި ރައްޔިތުންނަށް ހެދިފައި ހުންނަ ޤާނޫނުތަކަށް. އެހެންވީމާ، އެކަމާއެކީވެސް ފުލުހުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި، ފުލުހުންނަކަށް އެއްވެސްކަހަލަ ހުރަހެއް ނެތް. ފުލުހުންނަކަށް އެއްވެސް ހުރަހެއް ނެތް.
 
 ފުލުހުންނެއް ޤާނޫނާ ޚިލާފަށް ހިނގާ ކަންތައްތަކެއް ބަލަހައްޓައިގެން ލޯމަތީ ހިނގާއިރު ބަލަން ތިބެގެނެއް ނުވާނެ. ފުލުހުންނަކީ އެއަށްވުރެ މާ ޒިންމާދާރު ބައެއް. ފުލުހުންނަކީ މުޖްތަމަޢަކަށް ބޭނުންވާ، އިންސާނިއްޔަތަށް ބޭނުންވާ އެންމެ އަގުބޮޑު ޚިދްމަތްތަކުގެ ތެރޭގައި، 1 ވަނަ، ނޫނީ 2 ވަނައިގައި ފުލުހުންގެ ޚިދްމަތް ހިމެނޭ ބައެއް. މެޑިކަލް ޕްރޮފެޝަންގެ، ޑޮކްޓަރުންގެ ޚިދްމަތް، އަޅުގަނޑުމެންނަށް އަގު ވަޒަންކުރެވެނީ، ފަޅާމޭޒުމަތީގައި އޮންނައިރު. އެހެންވީމާ، ޝައްކެއްވެސްނެތް، އެންމެ އަގުބޮޑު ޚިދްމަތެއް ގޮތަށް އަޅުގަނޑުމެންނަށް ފާހަގަވެގެންދާނީ ފަޅާ ޑޮކްޓަރުން. ނޫނިއްޔާ އަޅުގަނޑުމެންގެ ބަލިތަކަށް، ވަރުގަދަ ބަލިތަކަށް ބޭސްފަރުވާކޮށްދޭ ޑޮކްޓަރުން. އެކަމަކު މުޅި އިންސާނިއްޔަތުގެ ޙައްޤު ޙިމާޔަތް ކުރުމަށާއި، މުޅި މުޖްތަމަޢުގެ ސަލާމަތާއި އަދި އެބައެއްގެ ފުރާނައާއި، އެބައެއްގެ ނަފްސު ޤުރްބާންކޮށްފައި ނުކުންނަ ބަޔަކު، މުޅި މުޖްތަމަޢުގެ ސަލާމަތާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، މުޅި މުޖްތަމަޢު ބަލައިގަންނަ ހަމަ އެންމެ ވަރުގަދަ މަސައްކަތް. އެހެންވީމާ، އަޅުގަނޑު ހަމަ ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި ދެވަނައެއް ނެތޭ. ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ، ޤައުމީ ޚިދްމަތުގައި އެންމެ ރަން ވަނައިގައި ފާހަގަކުރެވޭ މަސައްކަތޭ. މަސައްކަތް ކުރައްވާއިރު، ޖަވާބުދާރީވުމާއެކީ ޤާނޫނުގެ ތެރެއިން ހިންގަވަން މަސައްކަތް ކުރައްވާށޭ.
 
މި ސަރުކާރުގައި ޤާނޫނުގެ ބާރު ހިނގާނެ. މި ސަރުކާރުގައި އަޅުގަނޑުމެންގެ މައްސަލަތައް ފައިޞަލާ ކުރާނީ ބޭރުގެ ފަރާތްތަކެއް ނޫން. އަޅުގަނޑުމެންގެ ކަންކަން ޙައްލުކޮށްދޭކަށް ބޭރު މީހުންނެއް ނާންނާނެ. އަދި އަޅުގަނޑުމެންގެ މައްސަލަތައް އެންމެ ރަނގަޅަށް ނިންމަން އެނގޭނީކީވެސް ބޭރުގެ ފަރާތްތަކަކަށް ނޫން. އެހެންވީމާ، ކިތަންމެވަރަކަށް މި އިލްތިމާސްތައް، އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ކަމުގައިވީނަމަވެސް، މި ސަރުކާރު ވެރިކަމުގައި އޮންނަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތައް، ދިވެހި ދައުލަތުގެ މައްޗަށް ހިނގާވަރުގެ ބާރުވެރިކަމެއްގައި މި ސަރުކާރު އޮތިއްޔާ. އެ ނޫން ދުވަހެއް އަންނަ ކަމަށްވަންޏާ، ވެރިކަން ކުރުމުގެ އެއްވެސް ޝަރަފެއް، އެއްވެސް ހިތްވަރެއް ނުހުންނާނެ. އެހެންވީމާ، މި ދައުލަތުގައި، މި ދިވެހިރާއްޖޭގައި އަދި އަމުދުން މިނިވަންކަމުގެ          50 އަހަރު، އަޅުގަނޑުމެން އިޙްތިފާލު ކުރަމުންދާއިރު، އަޅުގަނޑުމެން މިކުރާ ޓެސްޓްތަކަކީ، އަޅުގަނޑުމެންނާ ދިމާއަށް އަންނަ ވަރުގަދަ އިމްތިޙާނުތަކެއް. މިކަން ކުރުމުގައި ޤާނޫނުގެ ބާރު ލިބިވަޑައިގަންނަވައިގެން، ދިވެހި ދައުލަތުން ޤާނޫނާ އެއްގޮތަށް ކުރާ ކަންތައްތައް ޙިމާޔަތް ކުރެއްވުމާއި، މުޅި ދިވެހި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރެއްވުމުގައި، ފުލުހުން ހިތްވަރާއެކީ މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑު ހަމަ ކުރާ އިލްތިމާސް.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އެއްވެސް މުއައްސަސާއަކުން، އެއްވެސް ފުލުހަކު، ނޫނީ އެއްވެސް ރައްޔިތަކު، އަޅުގަނޑުމެންނަށް ބޭރުގެ ފަރާތުން އައިއްސާނެ ނުފޫޒަކާ ދޭތެރޭގައި ކަންބޮޑުވެވަޑައިނުގަންނަވާށޭ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެކަމުން އަސަރެއް ކޮށްފާނެ ކަމަށް ދައްކާ ވާހަކަތަކަށް، ހަމަ ބީރު ކަންފަތެއް ދެއްވާ. އަޅުގަނޑުމެންގެ ހަމަޖެހުން އޮތީ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއްގެ މަތީގައި އަޅުގަނޑުމެން ތިބުން. އަޅުގަނޑުމެންގެ ހަމަޖެހުން އޮތީ، މައްސަލަތައް ފައިޞަލާކޮށް ނިންމާނެ ގޮތްތައް، އެހެން ޤައުމުތަކުގައިވެސް އެކަށައަޅާފައި ހުންނަ ގޮތަށް، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކެއް، އަޅުގަނޑުމެން ޤާނޫނު ކަނޑައަޅާފައި އަދި  އެ ޤާނޫނާ އެއްގޮތަށް އަޅުގަނޑުމެންނަށް ކަންތައް ކުރަން ކެރިގެން. ފުލުހުން ކުރާ މަސައްކަތުގައި، ކޮންމެ ދިވެހި ރައްޔިތަކު ޕްލީޒް ކުރާކަށް، ނޫނިއްޔާ އޭނަ އުފާކުރާކަށް ލާޒިމެއް ނޫން. ގިނަ ދިވެހި ރައްޔިތުން، ފުލުހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރާނެ. އެހެންނަމަވެސް، ބައެއްގެ ޙައްޤުތަކެއް ހިފެހެއްޓޭ ކަމަށް، އެ ބަޔަކަށް ހީވާކަމަށްވަންޏާ އުފެދޭ ސުވާލު އަންނާނެ. އެހެންވީމާ، ފުލުހުންގެ ޚިދްމަތުގައި، އަދި ދިގު މުއްދަތުގައި ތިއްބަވާ ފުލުހުންނަށްވެސް އަޅުގަނޑު ދަންނަވާލަން، ތިޔަބޭފުޅުންނަށް ޝަކުވާ އަންނާނެ. ތިޔަބޭފުޅުން ކުރައްވާ ކަންކަމުގައި، ތިޔަބޭފުޅުންނަށް މަލާމަތްވެސް ރައްދުކުރާނެ. އަދި އެއަށްވުރެ އަނިޔާވެރި ބަސްތައްވެސް އަންނާނެ. އެކަމަކު އެއީ، ހަމަ ވާޖިބުގެ ބައެއް ކަމަށް ގަބޫލުކުރައްވައިގެން، އެކަމާ ދޭތެރޭގައި އެވަރުގެ ސަމާލުކަމެއް ނުދެއްވާށޭ. އެއީ، އަޅުގަނޑުމެންގެ އިންސާނީ ޠަބީޢަތުގައި އެކަން އޮތްގޮތް.
 
ދިވެހިރާއްޖެއާއި އެހެން ބައެއް ދައުލަތްތަކާ، ނޫނީ އެހެން ބައެއް ތަންތަނާ ތަފާތުވާ ގޮތަކީ، ދިވެހިރާއްޖެ، ޑިމޮކްރަސީގެ ޅަފަތުގައި އުޅޭއިރު، މި ލިބޭ ޑިމޮކްރަސީއަކީ ވަޔާ ވިހުރުވޭ ދިދައެއްގައި ކިހާ ބާރުމިނެއްގައި ވިހުރުވޭ އެއްޗެއްކަން އަޅުގަނޑުމެންނަށް ނުވިސްނޭ ނުވިސްނުން. އެހެން ތަންތަނަށް ޑިމޮކްރަސީ އައިސް ފައްކާވެފައި މި ހުންނަނީ، އެތަކެއް އަހަރާއި، މިދެންނެވި ކަހަލަ މުޖްތަމަޢު ގަބޫލުކުރާ އެތަކެއް އުޞޫލުތައް، އެތަކެއް ދުވަހެއް ވަންދެން ޕްރެކްޓިސް ކުރުމަށްފަހު. ޢާންމުކޮށް، ޑިމޮކްރަސީ އައީމަ، ޢާންމުކޮށް ނިޒާމަށް އަންނަ ކޮންމެ ބަދަލެއް، ކޮންމެ ތަނެއްގައި އައިމަވެސް، އެ ނިޒާމެއްގައި ލިބެން ހުރި އެންމެ ބޮޑެތި ފައިދާތައް ހޯދަން، ކޮންމެ ބަޔަކުވެސް ނުކުންނާނީ، އަދި އެ ފައިދާތައް ހޯދާއިރު، ދެން މުޖްތަމަޢުގެ ތެރޭގައި ބެލެންސް ކުރަންޖެހޭ އެހެން ކަންތައްތަކަށް ލޯ މަރާލައިގެން. އެ ލޯ މަރާލާ މަރާލުމުގެ ނަތީޖާ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އަޅުގަނޑުމެން ޙާޞިލު ކުރަން ބޭނުންވާ ކަންކަމުގައި، އަޅުގަނޑުމެންނަކަށް މައްސަލައެއް ނެތް، އެހެން ފުރާނައެއް ނެތި، އަޅުގަނޑުމެން ދިވެހި ފަސްގަނޑަށް ވެއްޓުނަސް. އެއީ، ކޮންމެހެން ދިވެހި ރައްޔިތަކަށްވެސް ވާކަށްނުޖެހޭ. މިހާރު ހަމަ ހިތާމަޔާއެކީ އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، ދިވެހި ރައްޔިތުންނާއި ބިދޭސީ ރައްޔިތުން، އަޅުގަނޑުމެންނަށް ޚިދްމަތް ދިނުމުގައި އުޅޭ ބިދޭސީ ރައްޔިތުންވެސް، މަރާފައި ވައްޓާލާކަށް، އެއްވެސް ކަހަލަ ތަފާތެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވީމާ، އެވަރުގެ ރަޙުމްކުޑަ މުޖްތަމަޢަކަށް، މި މުޖްތަމަޢު ބަދަލުވެގެންދާ ތަން ބަލާކަށް، އަޅުގަނޑުމެންގެ ސަރުކާރެއް ނުތިބޭނެ.
 
އަޅުގަނޑުމެންގެ ސަރުކާރުން މިރޭވެސް ކަށަވަރުކަން އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ދައުލަތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން، މިދެންނެވި ރަޙުމްކުޑަ ޢަމަލުތައް، ދިވެހި ދައުލަތުން ނޫނިއްޔާ ދިވެހިރާއްޖެއިން ފުހެލެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެހެންވީމާ، މިކަންކަން ކުރާއިރު އަޅުގަނޑުމެންނަށް އިންސާނީ ޙައްޤުތަކަށް އަރައިގަނެވޭތީ، ނޫނިއްޔާ އަޅުގަނޑުމެންގެ ކޯޓުތަކުން މައްސަލަތައް ނިންމާއިރު، އިންސާނީ ޙައްޤުތަކަށް އަރައިގަނެވޭތީ، މީހުންނަށް ލިބެންވާ ޙައްޤުތައް ނުލިބޭތީ، މި ދައްކާ ވާހަކަޔަކީ އަޅުގަނޑުމެން އޭގެ ޒާތުގައި އެގޮތަކަށް ބަލައިގަންނާނެ ވާހަކައެއް ނޫން. ޙައްޤުތަކުން މަޙްރޫމްވާ ކަމަށްވަންޏާ، ޙައްގުތައް އިޢާދަކުރުމަށް، ޙައްޤުތައް ހޯދަން ހުންނަ މަގުން ހިނގުމުގެ ޖާގަ އެބައޮތް. އެއް ކޯޓުގައި ހިނގާ މައްސަލައަކީ، އެ ކޯޓުގައި ހިނގާ ޕްރޮސީޖަރަލް މައްސަލައެއްގައި، އެއީ އޭގެ ޒާތުގައި އެ ޕްރޮސީޖަރ ޢަމަލު. އަދި މުޅި މައްސަލައިގެ މަސްދަރު އިލްތިމާސް ނުކުރި ކަމުގައިވީ ނަމަވެސް، އެ ހިނގާ ޕްރޮސީޖަރަލް މައްސަލައެއްވެސް، އެ ދަޢުވާ އުފުލޭނެ، ނޫނީ އެ ޝަކުވާ އުފުލޭނެ ޖާގަ، ދިވެހިރާއްޖޭގެ ޖުޑީޝަރީގައި އެބައޮތް.
 
އެހެންވީމާ، ކޯޓަކުން ނިމޭ މައްސަލައެއްގައި، ވަކި ބައެއްގެ މައްޗަށް އަންނަ ޙުކުމަކީ، މިދެންނެވި ގޮތަށް ހަނިވެފައި ހުރި ޙުކުމަށްވެފައި، އެހެން ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ހަމަ އެ ކޯޓުތަކުން އަންނަ ޙުކުމަކީ، އެންމެ ހެޔޮވަރު، އެންމެ ރަނގަޅު ޙުކުމް ކަމަށްވީމަ، އަޅުގަނޑުމެންގެ ތެރޭގައި ޖިނާއީ ޢަދުލުގައި އެކިމީހުންނަށް އެކިގޮތް ހަދާކަމަށް އަޅުގަނޑުމެން އަމިއްލައަށް އެ އިޢުތިރާފު ވަނީ. އެކަމަކު އަޅުގަނޑުމެންގެ ޖިނާއީ ޢަދުލުގައި، އެކިމީހުންނާ ދޭތެރޭގައި އެކިގޮތް ހެދުމަކީ، އަޅުގަނޑުމެންގެ ޤާނޫނުތައް ޖާގަދޭ ކަމެއް ނޫން. އެހެންވީމާ، އޭގައި މައްސަލައެއް އުޅޭ ކަމަށްވަންޏާ، އޭގައި އުނިކަމެއް، ޑެފިޝަންސީއެއް އުޅޭ ކަމަށްވަންޏާ، އެ މަސްދަރެއް ހިއްޕަވައިގެން އަވަހަށް ވަޑައިގަންނަވާ އިންޞާފަށް. ދިވެހިރާއްޖޭގައި އިންޞާފު ޤާއިމުކުރެވޭނެ ނިޒާމު އެބަހުރި. ދިވެހިރާއްޖޭގައި ފުރަތަމަ މަރްޙަލާގައި ކޯޓުގެ އިތުރަށް، އިސްތިޢުނާފްގެ ދެ މަރްޙަލާ އެބައޮތް. އެ މަރްޙަލާތައް ހިންގެވުން ހަމަ އެންމެ އެދެވިގެންވާ ކަމަކީ. އޭގެ ބަދަލުގައި، އެހެން ނުފޫޒުތައް އައިސްގެން، ދިވެހިރާއްޖޭގެ ހުރިހާ ނިޒާމުތަކެއް ކުރުކޮށްލެވޭނެ ކަމަށް ވިސްނުމަކީ ނުބައި ހީއެއް. އެކަމަށް ހަމަގައިމުވެސް މި ސަރުކާރަކުން ޖާގައެއް ނުދޭނަން.
 
އަޅުގަނޑު ހަމަ ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ހަމަޖެހުމާއި، ރާއްޖޭގެ މުޖްތަމަޢުގެ ޞުލްޙައާއި، އިންސާނީ ކަރާމާތާއެކީ، އަޅުގަނޑުމެން މަސައްކަތްކުރަން މިކުރާ މަސައްކަތުގައި، ފުލުހުންގެ ވާޖިބަށް ފަސްޖެހިވަޑައިނުގަންނަވާށޭ. ފުލުހުން ކުރައްވާ މަސައްކަތުގައި، ފުލުހުންނަށް ބަދުނާމު އަންނާނެ. ފުލުހުން ކުރައްވާ މަސައްކަތުގައި، ފުލުހުންނަށް ޘަނާ އޮހޮރޭނެ. އެހެންވީމާ، ތިޔަބޭފުޅުން ތިއްބެވީ ޤާނޫނުގެ ތެރޭގައި ކަމަށްވަންޏާ އަދި ޤާނޫނު ދަމަހައްޓަވަން ކަމަށްވަންޏާ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ، ޙަޤީޤަތުގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތް. އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރަން ކުރާ މަސައްކަތް. މިއަށްވުރެ ވަކިން މުޤައްދަސް އެހެން މަސައްކަތެއް ނޯންނާނެ.
 
އަޅުގަނޑު އެދެނީ، ފުލުހުން ތިޔަ ކުރައްވާ މަސައްކަތަކީ، އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެވޭ އަދި އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖެއަށް، މި ލޮބުވެތި ކުޑަކުޑަ ދިވެހިރާއްޖެއަށް ހަމަޖެހުމާއި ހިތްހަމަޖެހުމުގެ ނޭވާލެވޭ ކަހަލަ ވެށްޓެއް ޤާއިމުކުރައްވަން ކުރައްވާ މަސައްކަތެއްކަން ގަބޫލުކުރުމުގެ ކެރުންތެރިކަން، އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް ﷲ މިންވަރު ކުރެއްވުން. ސިޔާސީގޮތުން ޚިޔާލު ތަފާތުވުމަކީ، ޤާނޫނު ހިންގުމަށް ޖާގަ ދިނުމުގައި، ތަފާތު މިންގަނޑުތަކެއް ގެންގުޅެންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެހެންވީމާ، މިކަމުގައި އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެން ހުރިހާ ސިޔާސީ މީހުންނަށް، އެއް ފިކުރެއްގައި ހިނގުމުގެ ވިސްނުން ﷲ މިންވަރު ކުރައްވައިފި ކަމަށްވަންޏާ، މި މިނިވަން 50 އަހަރު ފާހަގަކުރާއިރު، އެއީ އަޅުގަނޑުމެންނަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތް.
 
ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ، ކެތްތެރިކަމާއެކީ ކުރެވޭނެ މަސައްކަތް. ﷲގެ ވަޙީބަސްފުޅު އޮންނަނީ، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކީއޭ. އަޅުގަނޑުގެ ސަރުކާރުގެ ހުރިހާ މަދަދުވެރިކަމެއް ފުލުހުންނަށް އޮންނާނެ. އަޅުގަނޑުގެ ސަރުކާރު ކަށަވަރުކޮށްދޭނެ، އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ލިބެންވާ ޤާނޫނީ ޙައްޤުތައް، އެ ޙައްޤުތައް އޭގައި އޮންނަ އެންމެ ފުންމިނުގައި، އެންމެ ފުޅާމިނުގައި ރައްޔިތުންނަށް ލިބޭނެ. މީގެ ބޭރުން ދެކެވޭ ވާހަކަ، އެކި ޤައުމުތަކުން އަޅުގަނޑުމެންގެ ސިޔާދަތަށް ތޮޅެން މި ދެއްކޭ ވާހަކަޔަކީ، އަޅުގަނޑުމެންގެ ސަރުކާރުން ބަލައިގަންނާނެ ވާހަކައެއް ނޫން. މިއީ، ދިވެހިރާއްޖެއަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނަން ހެޔޮވާވަރު ވާހަކައެއް ނޫން.
 
ތިޔަބޭފުޅުންގެ ތިޔަ އަގުހުރި މަސައްކަތްޕުޅަށް އަޅުގަނޑު އެދެނީ ކާމިޔާބު. އަދި ތިޔަބޭފުޅުންގެ ޢާއިލާތަކަށް އަޅުގަނޑު އެދެނީ ކެތްތެރިކަން. އަދި އަޅުގަނޑު ވާހަކަ ނިންމާލަމުންވެސް، ހަމަ ތިޔަކޮށްދެއްވާ ވަރުގަދަ މަސައްކަތްޕުޅަށް، ތިޔަ އުފުއްލަވާ ބޮޑު ޤުރްބާނީއަށް، ދިވެހި ދައުލަތް މިވަގުތު ހިންގަން ހުރި އިސްމީހެއްގެ ޙައިޘިއްޔަތުން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އެ ޝުކުރު މި ދަންނަވާ ސަބަބު އަޅުގަނޑު ދަންނަވާލީ، މިއަދު ޑިއުޓީއަށްދާ ފިރިމީހާ، ނިދަން ރޭގަނޑު ގެޔަށް އަންނާނެ ކަމުގެ ކަށަވަރުކަން ނެތި، ފިރިމީހާ މި ދޫކުރައްވަނީ ޤައުމީ ޚިދްމަތުގެ އެންމެމަތީ ދަރަޖައިގައި މަސައްކަތްކުރަން. އެއީ ޝައްކެއްވެސްނެތްގޮތުގައި، ކުޑަ ޤުރްބާނީއެއް ނޫން. ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޞުލްޙަވެރި، އަމާން ދިވެހިރާއްޖެއަކަށް ބަދަލުވެގެންދާނެ. އަދި އެޔާއެކީ ހަމަ ދިވެހިރާއްޖޭގެ ޑިމޮކްރަސީ، މިޒަމާނުގެ ޑިމޮކްރަސީ ޕްރެކްޓިސް ކުރާ އުޞޫލުން ޕްރެކްޓިސް ކުރުމުގެ ފުރްޞަތަށްވެސް، އަޅުގަނޑުމެންގެ ސަރުކާރުން ޖާގަ ލިބޭނެ.
 
މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް އުފާވެރި ދުވަސްތަކެއް މިންވަރު ކުރައްވާށި! އަދި ފުލުހުންގެ ޚިދްމަތަކީ، ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނަށް މަޤްބޫލު ޚިދްމަތަކަށް ވެގެން ދިޔުމަކީ އަޅުގަނޑުގެ ދުޢާ.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه