‏ދިވެހިރާއްޖޭގައި މިއަދު ހިނގަމުންދާ ‏‏ރަޙުމްކުޑަ ޢަމަލުތައް މި ސަރުކާރުން ‏‏ބަލައިނުގަންނާނޭ ކަމަށާއި، ‏‏އެޢަމަލުތައް ހުއްޓުވުމަށް ‏ ދައުލަތަށް ކުރެވެން ހުރި ‏‏ހުރިހާ ‏‏މަސައްކަތެއް ކުރައްވާނޭކަމުގައި‏ ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިހެން ‏‏ވިދާޅުވީ، ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ‏‏ފާހަގަކުރެއްވުމުގެ ގޮތުން، މިރޭ ދަރުބާރުގޭގައި ބޭއްވެވި ‏‏ޖަލްސާގައި ‏ވާހަކަފުޅު ދައްކަވަމުންނެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުން ޔުނީފޯމްގައި ތިބެގެން ކިތަންމެ ބުރަ، ‏‏އަދި ‏‏ފުރާނައަށް ގެއްލުންވާ ގޮތަށް ނުކުމެ މަސައްކަތް ‏‏ކުރި ކަމުގައިވީނަމަވެސް، މިދެންނެވި ކަހަލަ ‏‏‏ރަޙުމްކުޑަ ޢަމަލްތައް ދިވެހިރާއްޖޭގައި މިއަދު ހިނގަމުންދާކަމީ ‏‏ހިތާމަކުރަންޖެހޭ ކަމެއްކަމުގައި ‏‏ވިދާޅުވިއެވެ. އަދި‏ އެ ސަބަބަށްޓަކައި ފުލުހުންގެ މަސައްކަތުގައި އެހީތެރިވުމަށް، ‏‏މިރެއިން ‏‏ފެށިގެން ‏‏ސިފައިންވެސް ޙަރަކާތްތެރިވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ބިދޭސީއެއް ‏‏މަރާލުމަކީވެސް ސަރުކާރުން ހަމަ އެހާމެ ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން މިކަން ‏‏ކުރާ ޤާތިލުން ހޯދުމަށްވުރެން، މިކަންކަމަށް ހިތްވަރުދޭ ‏‏މީހުން އެނގެން މާ މުހިންމު ކަމުގައި ‏‏އެމަނިކުފާނު ބަޔާންކުރެއްވަމުން، ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ހަމަޖެހުން ނަގާލާ ބަޔަކީ އެއީ ކަމުގައި ‏‏ވިދާޅުވިއެވެ.‏

‏ފުލުހުންނަކީ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އިޙްތިރާމްކޮށްގެން ‏‏މަސައްކަތްކުރާ ބައެއްކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިމޭރުމުން ‏‏އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ‏ފުލުހުންނަށް ޝުކުރު ޙައްޤު ކިތަންމެ ކަމެއްގައި ‏‏ތަޢުރީފް އޮހޭ ފަދައިން، ފުލުހުން ކުރާ ‏‏މަސައްކަތަށް ފާޑުކިޔާ މީހުންވެސް މަދެއްނުވާނޭ ކަމުގައި ‏‏ވިދާޅުވިއެވެ.‏

‏މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ‏‏ފުލުހުންނަކީ ޤާނޫނުގެ ތެރެއިން ބާރު ލިބިގެން، ޤާނޫނާ އެއްގޮތަށް މަސައްކަތް ކުރާ މުއައްސަސާއެއް ‏‏ކަމުގައި ބަޔާންކުރައްވަމުން، ‏އެއްވެސް މުޖްތަމަޢެއްގެ ރައްކާތެރިކަމެއް ދައުލަތަކަށް، ނުވަތަ ‏‏ފުލުހުންނަކަށް ކަށަވަރެއް ނުކޮށްދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ‏‏އެހެންނަމަވެސް މުޅި މުޖްތަމަޢުގެ ސަލާމަތަކީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަން ‏‏ޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއވެ. ‏

‏"ފުލުހުންނަށް ޤާނޫނީ ޒިންމާތަކަކާއި މަސްއޫލިއްޔަތެއް ޙަވާލުކުރެވޭއިރުވެސް، ‏‏ފުލުހުންނަށް މި ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކެއް ޙަވާލުކުރަނީ ޤާނޫނުގެ ޙުދޫދުގެ ތެރެއިން. ޤާނޫނުން ‏‏ފުލުހުން ޒިންމާދާރު ކުރުވާ. ފުލުހުން ޒިންމާދާރު ކުރުވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އޮންނާނެ. ‏‏އަދި ދައުލަތުގެ އެހެން މުއައްސަސާތައް ހުންނާނެ. ރައްޔިތުންގެ މަޖިލިސް އޮންނާނެ. އަދި އޭގެފަހުން ‏‏ކޯޓުތައްވެސް އެހެރީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏މި ސަރުކާރު ދިވެހިރާއްޖޭގެ ވެރިކަން ކުރާ ‏‏ކަމަށްވަންޏާ، ވެރިކަން ކުރާހާ ދުވަހަކު، ދިވެހިރާއްޖޭގެ ‏‏އިސްތިޤްލާލަށް، މުޅި ދިވެހި ރައްޔިތުންގެ ‏‏ޙައްޤަށް އުނިކަމެއް އަންނަ އެއްވެސް ކަމަކީ، މި ‏‏ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫންކަމުގައި ‏‏ވިދާޅުވިއެވެ. މިގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރަމުންދާ ‏‏މިދަނޑިވަޅުގައި، ‏އިންސާނީ ޙައްޤުތައް ކުރިއަށް ގެންދިޔުމަށް އަދި ސިޔާސީ ޙައްޤުތައް ހޯދުމަށް، ‏‏ނޫނިއްޔާ ‏‏ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ހޯދަންޖެހޭ ޙައްޤުތަކެއް ހޯދުމުގެ ނަމުގައި، ‏ ރާއްޖޭގެ ދާޚިލީ ‏‏ކަންކަމަށް ބޭރު މީހުން ބެހެން ދަޢުވަތު ދިނުމަކީ ‏ހަމަ ކޮންމެ ދިވެއްސަކު ކުށްވެރި ކުރަންޖެހޭނޭ ‏‏ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏

"އިންސާނީ ޙައްޤުތައް، މިކަންކަން ކުރާއިރު، ‏‏ޙައްޤުތަކަށް އަރައިގަނެވޭތީ، ނޫނިއްޔާ ‏‏އަޅުގަނޑުމެންގެ ކޯޓުތަކުން މައްސަލަތައް ނިންމާއިރު، ‏‏އިންސާނީ ޙައްޤުތަކަށް އަރައިގަނެވޭތީ، ‏‏މީހުންނަށް ލިބެންވާ ޙައްޤުތައް ނުލިބޭތީ، މި ދައްކާ ‏‏ވާހަކަޔަކީ އަޅުގަނޑުމެން އޭގެ ޒާތުގައި އެގޮތަކަށް ‏‏ބަލައިގަންނާނެ ވާހަކައެއް ނޫން. ޙައްޤުތަކުން ‏‏މަޙްރޫމްވާ ކަމަށްވަންޏާ، ޙައްގުތައް އިޢާދަކުރުމަށް، ‏‏ޙައްޤުތައް ހޯދަން ހުންނަ މަގުން ހިނގުމުގެ ޖާގަ ‏‏އެބައޮތް. އެ ދަޢުވާ އުފުލޭނެ، ނޫނީ އެ ‏‏ޝަކުވާ ‏‏އުފުލޭނެ ޖާގަ، ދިވެހިރާއްޖޭގެ ޖުޑީޝަރީގައި އެބައޮތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏‏

‏މި ޖަލްސާގައި، އާންމުންގެ ތެރެއިން ފުލުހުންގެ މަސައްކަތްތަކަށް ވޭތުވެދިޔަ އަހަރު ‏‏އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ، އެ ‏‏ފަރާތްތަކަށް ދެއްވީ އަދި ފުލުހުންނަށް ކުލައާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި ‏ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތުގައި ‏‏ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެއްވާ ‏‏ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ‏