‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏‏އިނގިރޭސިވިލާތުގެ ސަރުކާރުން ‏‏ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ޖޯން ‏‏ރެންކިން ‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ‏‏ކުރައްވައިފިއެވެ.‏

‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ‏‏ރާއްޖެއާއި އިނގިރޭސިވިލާތާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، މިސްޓަރ ‏‏ޖޯން ރެންކިން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު ‏‏އަދާކުރެއްވިއެވެ. ‏

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ‏‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، މިސަރުކާރުން ‏ރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ‏‏ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިއްތަވާނެ ކަމުގެ ‏‏ޔަޤީންކަން އިނގިރޭސިވިލާތުގެ ‏‏ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ‏

‏އިނގިރޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު ‏‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއާއި އިނގިރޭސިވިލާތާ ދެ ‏‏ޤައުމާ ގުޅުން ހުރި މައްސަލަތަކުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން އަބަދުވެސް ‏‏ރާއްޖެއާ އެކުގައި ‏‏މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ‏‏ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏