ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކާޒީ ސަރްވަރ ޙުސައިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބަންގްލަދޭޝްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ އާ ސަފީރުގެ ދައުރުގައި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދާދި ފަހުން މާލެއަށް ކުރިމަތިވި ފެނުގެ ހާދިސާއާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ކުރައްވާ ތާއީދަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދޭތެރޭ އެކި ދާއިރާތަކުން ޤާއިމްކުރެވިފައިވާ ގުޅުންތައް އިތުރަށް ފުޅާ ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ދައިރާއިން ދެޤައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމަކީ ސާކްގެ މެންބަރުންކަން ފާހަގަ ކުރައްވައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރައްވައި ކުރިއެރުވުމަށް، އެމަނިކުފާނުގެ ދައުރުގައި މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ބަންގްލަދޭޝްގެ ސަފީރު ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، މިދިޔަ އާދީއްތަދުވަހު މާލޭގައި ހިނގި ހާދިސާއެއްގައި ބަންގްލަދޭޝްގެ ރައްޔިތަކު ނިޔާވުމާ ގުޅިގެން، ބަންގަލަދޭޝްގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. ބަންގަލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މިހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން އެހާދިސާއާ ބެހޭ މަޢުލޫމާތު ވަރަށް ފުޅާ ދާއިރާއެއްގައި އެމަނިކުފާނާ ހިއްސާ ކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ސަރުކާރާއި ފުލުހުންގެ ފަރާތުން ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް ލިބެމުންދާ އެހީތެރިކަމަށްޓަކައި ބަންގްލަދޭޝްގެ ސަފީރު ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.