ސަރުކާރުން މަސައްކަތް ކުރައްވަނީ، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމަށާއި، އިންސާފުވެރިކަމާއެކީ، ބިރެއް ނެތި މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި، އެމީހެއްގެ ޚިޔާލު ފާޅުކުރީމާ އެހެންމީހެއްގެ ފަރާތުން ގޯނާނުވާނެކަން ކަށަވަރުކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ބައި-އިލެކްޝަންތަކުން ޕީޕީއެމް-އެމްޑީއޭއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައިއުޅޭ ޤާތިލުންނަށާއި، ބޮޑެތި ކުށްތަކަށް އަރައިގަންނަ މުޖުރިމުންނަށް، އެކަން ނުކުރުމަށް ގޮވާލައްވައި، އިލްތިމާސް ކުރެއްވިއެވެ. އަދި ﷲ ޙަޟްރަތުގައި އެމީހުންނަށް ހުރި އަޒާބުގެ މަތިން އެމީހުން ވިސްނަންޖެހޭކަން ހަނދުމަފުޅުކޮށްދެއްވަމުން، ޤާނޫނު އައިސް އެމީހުންނާ ހަމަ ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޅި ޤައުމުގެ މަސްލަޙަތަށް ބައްލަވައި، ޙާލަތު އެގޮތަށް ނިޔާކުރާނަމަ މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ އެކަމުން ދެން ތިބި މީހުންނަށާއި، ޤާތިލުންނަށް ވާންތިބި މީހުންނަށް ޢިބުރަތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުން މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ބާރު ލިބޭ ކަމަށްވަންޏާ އެބާރުގެ ބޭނުން ހިފަންޖެހޭ ހިސާބަށް ދިވެހިރާއްޖޭގެ ވެށީގެ ތެރޭގައި ނުރައްކާތެރިކަން އިތުރުވެއްޖެ ކަމަށާއި، އިންސާފުން އެއްކިބާވެފައި ތިބޭ މީހުން ގިނަވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޢަދުލުވެރިކަމުން ދުރުގައިތިބި އަނިޔާވެރިން ގިނަވެއްޖެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޝަރީޢަތުގައި ވަކި މައްސަލައެއް ހިނގާތީ އެ މައްސަލައަކަށް ހުރަސްއަޅަން، ނުވަތަ އެ މައްސަލައެއް ބެލިޔަ ނުދޭން އެއްވެސް ބޭފުޅަކު އެމަނިކުފާނަށް އިލްތިމާސް ނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި، އެކަން ނިންމަވާނީ ޝަރުޢީ ކޯޓުގައި ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ކަމެއްނޫން ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސަކު އެކަން ނިންމަން ބާރު ދެއްވާ ކަމަށްވަންޏާ އެ ގޮވާލައްވަނީ ރައީސުން ޢަދުލުވެރިނުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.

ޢަދުލުވެރިވާނީ ފަނޑިޔާރުގޭގައި ނިންމާ މައްސަލަތައް ފައިސަލާކުރީމަ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ އެގޮތަށް މައްސަލަ ނިންމައި ފައިސަލާކުރުމަށް ބާރު އޮތް ފަރާތެއްނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޤާނޫނު އަސާސީގައި މުއައްސަސާތަކަށް މިނިވަންކަމާއި ޢަދުލުވެރިކަމާއެކީ އެބޭފުޅުން ކުރައްވާނެ ކަމެއް ކުރައްވަން ޖާގަ ލިބޭކަމުގައި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ކަށަވަރު ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނު އަސާސީއަށް އިޚްލާސްތެރިވުމާއި، ޤާނޫނު އަސާސީގެ ބާރު ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ޤާނޫނު އަސާސީގައި، ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ބާބުގެ 115ވަނަ މާއްދާއިން މަޖުބޫރުކުރާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއަކީ ޢަދުލު އިންސާފު ޤާއިމްވެގެންދާނެކަން ކަށަވަރުކުރަންޖެހޭ ފަރާތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ ޢަދުލު އިންސާފު ޤާއިމްކުރާ ފަރާތްނޫން ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު އިސްލާޙުކުރަން ކުރެއްވި ބޮޑު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މީގެ ތެރެއިން އެންމެ ބޮޑު މައިގަނޑު މަސައްކަތަކީ ދައުލަތެއްގެ ވަރުގަދަ ތިންބާރު މިނިވަން މުސްތަޤިއްލު ތިން ބާރުކަމަށް ހަދައި، އަދި އެއްބާރު އަނެއް ބާރަށް ފާރަވެރިވުމާއެކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކެއް ޤާނޫނު އަސާސީގައި ކަނޑައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަދު ވާހަކަ ދައްކަނީ ހުރިހާ ބާރުތަކެއް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ގޮތަކަށް އޮތުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤާނޫނުގެ ޙުކޫމަތު ދަމަހައްޓަން ސަރުކާރުން މަސައްކަތް ކުރައްވާތީ، ދިވެހިރާއްޖެއަކީ ޤާނޫނު ތަންފީޒުކުރާ ބައެއްނޫންކަމަށާއި، އެކަންކަން ކުރެވެނީ ބޭރުގެ ފަރާތްތަކުން ޤަބޫލުކުރާ އުސޫލުންނޫންކަމަށް ބައެއް ދައުލަތްތަކުން ބުނަމުންގެންދާ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައިވެސް ޤާނޫނު ތަންފީޒު ކުރަނީ ހަމަ އެދައުލަތްތަކުގައިވެސް ޤާނޫނު ތަންފީޒުކުރާ އުސޫލުން، ޝަރުޢީ ކޯޓުތަކުގެ ތެރެއިންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވާތީ، ރާއްޖެއިން ކުރާ ކޮންމެ ކަމަކަށް ބޭރުގެ ދައުލަތްތަކުން އަތްބާނަން ބޭނުންވިޔަސް، އެދުވަސް މާޒީވެ ހިނގައްޖެކަމަށާއި، މި ދިވެހި ދައުލަތަކުން ދެން އެކަމަކަށް ޖާގައެއް ނުދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.