‏ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ‏‏ގޮތުގެމަތީން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 168 ވަނަ ‏‏މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ ‏‏މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޑައިމަންޑްވިލާ އަލްފާޟިލް ‏‏އަޙްމަދު އަކްރަމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ‏‏ކުރެއްވިކަމުގެ ލިޔުން، ‏އަޙްމަދު އަކްރަމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ‏‏ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.‏

‏އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ‏އަޙްމަދު އަކްރަމް‏ ޢައްޔަން ކުރެއްވުމުގެ ‏‏ކުރިން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ‏އޮނަރަބަލް ‏‏އަލްއުސްތާޛު ޢަލީ ސަމީރުގެ ‏‏ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ އޭނާ ކުރެއްވިއެވެ.‏