بســم اللّـه الرّحمـن الرّحيــم


އަޅުގަނޑުމެން ސަޢޫދީ ޢަރަބިއްޔާއަށް މިކުރި ދަތުރަކީ، ޙަޤީޤަތުގައި މީގެ ތަންކޮޅެއް ކުރިން ދާންވެފައި އޮތް ދަތުރެއް. ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ހަމަ ފަސްދާނުލާއިރު، ނޫނީ ވަޅުފުޅުލާއިރު ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރީ. އަދި އާ ރައީސް، މިހާރުގެ ރައީސް ސަލްމާން ރަސްކަމަށް އިސްކުރާއިރު، އެ އުފާވެރި މުނާސަބަތުގައި ބައިވެރިވުމަށް ދާން އަޅުގަނޑުމެން މަސައްކަތް ކުރީ. އެހެން ނަމަވެސް، އޭރު ކަންދިމާކުރިގޮތުން ނުވީ. ދެން ފަހުން މި ދަޢުވަތު އެނބުރިގެން މިއައީ ހަމަ ރަސްގެފާނުގެ ދަޢުވަތެއް ގޮތަށް. އިރާދަކުރެއްވިއްޔާ، މި ދަޢުވަތު އަޅުގަނޑުމެންނަށް ގަބޫލުކުރެވި، އަޅުގަނޑުމެންގެ މި ދަތުރަކީ ހަމަ ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއަށް ހަމަ ވަރަށް އުފާވެރިކަމުގެ ޚަބަރުތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ދަތުރެއް.
 
މިދަތުރުގައި ރަސްގެފާނު އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރުމުގެ އިތުރަށް، ހަމަ އެތަނުގައި އަޅުގަނޑުމެންގެ ކަންކަމަށް ބޭނުންވާ އަޅުގަނޑުމެން އެދި ދެންނެވި އިލްތިމާސްތަކަށް ބޭނުންވާ ހުރިހާ ދާއިރާއެއްގެ އިސްވެރިން އަޅުގަނޑުމެންނާ ބައްދަލުކުރެއްވި، މި ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި. އެހެންވީމާ، ޖުމްލަ ގޮތެއްގައި ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ވަރަށްގިނަ ކަންތައްތައް، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް، އެކި ދާއިރާތަކުން، ހަމައެކަނި އިޤްތިޞާދީ ދާއިރާއާއި، މަސައްކަތުގެ ދާއިރާއެއް ނޫން. ތަޢުލީމާއި، ޞިއްޙަތާއި، ޢަސްކަރިއްޔާ އަދި ބައެއް ކަންތައްތަކާ، މިކަހަލަ ވަރަށްގިނަ ކަންތައްތައް، ސަޢޫދީ ސަރުކާރުގައި ދެންނެވިން. ހަމައެޔާއެކީ މިހާރު ދުނިޔޭގައި މި ހިނގާ ބައެއް ކަންތައްތަކާ ބެހޭގޮތުންވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން.
 
މިދަތުރުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި މިއޮންނަ ގުޅުން ހަމަ ވަރަށް ބޮޑަށް ބަދަހި ގުޅުމަކަށް ބަދަލުވެގެން މިދިޔައީ. ދެން ހަމަ ވަރަށް ގާތް ގުޅުންތަކެއް އުފެދި، އަދި އެކަން ރަމްޒުކޮށްދިނުމުގެ ގޮތުން، މި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި އެގްރީމަންޓްތަކެއްގައި ސޮއިކުރަންވެސް މިހާރު މިވަނީ އެއްބަސްވެފައި. ދެފަރާތުގެ އިސް މަސްއޫލުވެރިން ސެޝަންތަކުގައި ބައިވެރިވެވަޑައިގެންފައި، ކަންތައްތަކެއް ކުރައްވަން. މި ދާއިރާތަކުގެ ތެރޭގައި، އިސްލާމިކް އެފެއާޒްގެ ކަންތައްތައް، ދިފާޢުގެ ކަންތައްތައް، ޞިއްޙަތާބެހޭ ކަންތައްތައް، ތަޢުލީމާބެހޭ ކަންތައްތައް އަދި ބޮޑެތި އިންވެސްޓްމަންޓާ ބެހޭ ކަންތައްތައް، މިކަހަލަ ވަރަށްގިނަ ކަންތައްތައް ހިމެނިގެންދިޔަ. ދެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ، ސަޢޫދީ ސަރުކާރާއި އަޅުގަނޑުމެންނާ ދޭތެރޭގައި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި އެގްރީމަންޓްތަކުގައި ސޮއިކުރެވި، މިހުރި މަސައްކަތްތައް ތަންފީޛުވެގެންދާނެ ކަމަށް.
 
ދެން އަޅުގަނޑުމެންގެ ދަތުރާބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުންވެސް ޚާރިޖީ ވުޒާރާއިން ވަނީ ޕްރެސް ރިލީޒެއް ދެއްވާފައި. ދެން ހަމައެހެންމެ، އަޅުގަނޑުމެންގެ ޚާރިޖިއްޔާގެ ފަރާތުންވެސް އެކަންކަން އެ ހިންގަނީ. ދެން އަޅުގަނޑާއެކީ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އިސްލާމިކް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ޝަހީމާއި، ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޝައިނީ އަދި އަޅުގަނޑުމެންގެ ޚާރިޖީ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް ޢަބްދުﷲ ޙަމީދު ވަރަށްގިނަ ތަފްޞީލުތައް ދެއްވާނެ.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހަމަ އެދުނު ވަރަށްގިނަ ކަންތައްތައް، މިދަތުރުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން ފުރިހަމަކޮށްދެއްވިޔޭ. ވަރަށް އުފާވެރި ޚަބަރުތަކެއް ހަމަ އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. ހަމަ ވަރަށްގިނަ ދާއިރާތަކެއް އަޅުގަނޑުމެން ކަވަރކުރީ. މިދެންނެވި ދާއިރާތަކުގެ އިތުރަށްވެސް ހަމަ ވަރަށްގިނަ ދާއިރާތައް، ދިވެހިރާއްޖެއަށް މިހާރު އެހީތެރިކަން އަދި އަޅުގަނޑުމެންނަށް މަދަދުވެރިކަން ބޭނުންވާ ދާއިރާތައް ކަވަރ ކުރިން. ދެން ހަމަ ވަރަށް ދިގު ބައްދަލުވުންތަކެއްގެ ގޮތުގައި ނިމިގެން ދިޔައީ. އެހެންނަމަވެސް، ހަމަ ވަރަށް އުފާވެރި، ވަރަށް ބިނާކުރަނިވި ކަންތައްތަކެއް. އަޅުގަނޑު ހަމަ ބައެއް ކަންތައްތައް ހަމަ ވަރަށް އާދައިގެ ގޮތަކަށް ދަންނަވާލާނަން.
 
އަޅުގަނޑުމެންނަށް އެންމެ ދަތިވާ އެއް ދާއިރާއެއްގެ ގޮތުގައި މިއޮތީ ހަމަ މަތީ ތަޢުލީމަށް ދާން ބޭނުންވާ ދިވެހި ޒުވާނުންނަށް ތަޢުލީމީ ދާއިރާގެ ފުރްޞަތު ހުޅުވާލުމުގެ ކަންތައް. މިހާރު ސަޢޫދީ ޢަރަބިއްޔާއިން އެންމެފަހުން މިވަނީ މަތީ ތަޢުލީމަށް، އަޅުގަނޑުމެންނަށް 50 ޖާގަ ދެއްވާފައި. ހަމަ މިފަހަރު މި ދަތުރާ ގުޅިގެން، މި 50 ޖާގަ މިވަނީ، 150 ޖާގައަށް އިތުރުކޮށްދެއްވާފައި. ސަޢޫދީ ޢަރަބިއްޔާގައި ހަމަ ވަރަށް ރަނގަޅު މަތީ ފެންވަރުގެ ޔުނިވަރސިޓީތައް އެބަހުރި، އެއީ ހަމައެކަނި ޢަރަބި އިސްލާމީ ތަޢުލީމަކަށް ނޫން. ހަމަ އެހެން ޢިލްމުތަކަށްވެސް އެބަހުރި. އެހެންވީމާ، މިއީ ހަމަ ވަރަށްބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރީ. މިހެންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި.
 
ދެން ހަމައެހެންމެ، މި ދަތުރުގައި އަޅުގަނޑުމެން ބައްދަލުކުރި ފަރާތްތަކުގެ ތެރޭގައި، ސަޢޫދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް. ދެން ސަޢޫދީ ފަންޑަކީ ދިވެހިރާއްޖެއަށް ހަމަ ވަރަށް ކުރިއްސުރެ އެކިއެކި ޕްރޮޖެކްޓަތަކަށް، މަޝްރޫޢުތަކަށް އެހީވަމުން އަންނަ ފަރާތެއް. އަޅުގަނޑުމެންގެ މިހާރު މިއޮތް އެއަރޕޯޓަށްވެސް ސަޢޫދީ ފަންޑުގެ ފަރާތުން އެހީތެރިވި. ދެން އެއަރޕޯޓްގެ މަޝްރޫޢާއި، އަދި ހުޅުމާލޭގައި މި ހިކިގެންދިޔަ ބިމުގެ ބައެއް ކަންތައްތައް ކުރުމާ، މިކަހަލަ ބޮޑެތި މަޝްރޫޢުތަކަށްވެސް ހަމަ ސަޢޫދީ ފަންޑުގެ ފަރާތުން އަޅުގަނޑުމެންނަށް ހަމަ މަރްޙަބާ ވިދާޅުވި، އަޅުގަނޑުމެން މަޝްރޫޢުތައް ހުށަހަޅަން. ދެން ސަޢޫދީ ފަންޑުގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަ މިއަށް ބޭނުންވާ ލޯނު ހަމަޖެއްސޭތޯ މަސައްކަތް ކުރާނަން. ސަޢޫދީ ސަރުކާރުގެ ފަރާތުންވެސް މިކަން ކޮށްދެއްވެން އޮތް ހަމަ އެންމެ ރަނގަޅު ގޮތަކަށް ކޮށްދެވޭތޯމަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި.
 
އެހެންވީމާ، އަޅުގަނޑުމެން ދިޔައީ ހަމަ މަޝްރޫޢުތަކެއްވެސް ހިފައިގެން. އަޅުގަނޑުމެން ދިޔައީ އަދި މަޝްރޫޢުތަކެއް ލިބުނަސް ސަރުކާރަށް ބޭނުންވާ އެހެން ބައެއް ކަންތައްތަކުގެ ވާހަކަވެސް ދަންނަވަން. އަދި ހަމައެހެންމެ، ދުނިޔޭގައި ޑިޕްލޮމެޓިކްލީ މި ހިނގާ ބައެއް ކަންތައްތަކާއި، އަދި ހިއުމަން ރައިޓްސްގެ ބައެއް ކަންތައްތަކާ، މިކަހަލަ ތަފާތު މައުޟޫޢުތަކަށް އަޅުގަނޑުމެންގެ ތެރޭގައި ވާހަކަ ދެކެވިގެންދިޔަ.
 
ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އުންމީދު ކުރަމޭ، އިރާދަކުރެއްވިއްޔާ މި ދަތުރުގެ ސަބަބުން ނޫނީ މި ދަތުރުގެ ނަތީޖާއަކަށް ވެގެންދާނޭ، ހަމަ އަޅުގަނޑުމެން މި އެދޭ ވަރަށްގިނަ ކަންތައްތަކެއް ހަމަޖެހިގެން ދިޔުން. އަޅުގަނޑަކަށް ކަށަވަރުވެގެންދާ ކަމަކީ، އަޅުގަނޑުމެންނާ ސަޢޫދީ ޢަރަބިއްޔާއާ ދޭތެރޭގައި މިއޮތީ ހަމަ ވަރަށް ރަނގަޅު ގުޅުމެއް. އެހެން ނަމަވެސް، މި ދަތުރާއެކީ މި ގުޅުން ހަމަ ވަރަށް ބޮޑަށް އިތުރަށް ބަދަހިވެގެންދިޔަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު.