ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން، ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދޭތެރޭ ޤާއިމްވެފައިއޮތް އަޚުވަންތަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ވަރުގަދަވެގެން ހިނގައްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ އިތުރުން އެކި ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އިޤްތިޞާދީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އަސްކަރީ ދާއިރާއާއިން ރާއްޖެއަށް މިވަގުތު ބޭނުންވެފައިވާ ކަންކަން ސަޢޫދީ ސަރުކާރުގައި ދެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި ދާއިރާތަކުން އެގްރީމެންޓްތަކެއްގައި ސޮއިކުރުމަށް އެއްބަސްވެފައިވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކަރުން އެދިވަޑައިގެންނެވި ވަރަށް ގިނަ ކަންކަން ސަޢޫދީ ސަރުކާރުން ފުރިހަމަ ކޮށްދެއްވި ކަމަށާއި، ވަރަށް ބިނާކުރަނިވި ކަންތައްތަކެއް މިދަތުރުފުޅުގައި ނިމިގެން ދިޔަ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރައްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ސަޢޫދީ ސަރުކާރުން މިހާރު ހަމަޖައްސަވާފައިވާ ސްކޮލަޝިޕް ފުރުޞަތުގެ ޢަދަދު 50 އިން 150 އަށް އިތުރުކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އަދި، ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށާއި، ސަޢޫދީ ފަންޑުގެ ފަރާތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ އެކި މަޝްރޫޢުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގައި މިހާރު ހިނގަމުންދާ ތަފާތު ކަންކަމާ ގުޅޭގޮތުންނާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ސަޢޫދީ ސަރުކާރުގެ އިސްބޭފުޅުންނާ ޚިޔާލު ބަދަލުކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.