‏ދިވެހިރާއްޖެއާ ‏ސަޢޫދީ‏ ޢަރައްބިއްޔާއާ ދެޤައުމުގެ ދެމެދުގައި މިއަދު ރަސްމީ ‏‏ވާހަކަފުޅުތައް ބާއްވަވައިފިއެވެ. ރަސްމީ ވާހަކަފުޅުތައް އޮތީ، މިއަދު ހަވީރު ‏ސަޢޫދީ ރަސްގެފާނުގެ ‏‏ޝާހީ ގަނޑުވަރުގައެވެ‏. ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިޔަކަށް ‏‏ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ‏ސަޢޫދީ‏ ޢަރައްބިއްޔާގެ ވަފުދުގެ ‏‏އިސްވެރިޔަކަށް ހުންނެވީ، އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދެވެ.‏

‏ރަސްމީ ވާހަކަފުޅުތަކުގައި، ދެ ޤައުމު ދެމެދުގައި އޮންނަ ދުވަސްވީ ގާތް ގުޅުން ‏‏އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ތަރައްޤީގައި ‏ސަޢޫދީ‏ ޢަރައްބިއްޔާގެ އެހީތެރިކަން ‏‏އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރަށް، ދިވެހިރާއްޖޭގެ އިޤްތިޞާދު ‏‏ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ރާއްޖޭގައި ‏ސަޢޫދީ‏ ‏‏އިންވެސްޓްމަންޓްތައް އިތުރުކުރުމާގުޅޭގޮތުންވެސް ދެޤައުމުން މަޝްވަރާކުރެއްވިއެވެ. އަދި އިސްލާމީ ‏‏ވަހުދަތު ހަރުދަނާކުރުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާއާއެކު މަސައްކަތްކުރެއްވުމުގެ މައްޗަށްވެސް ‏‏އަލިއަޅުއްވާލެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި ސަޢޫދީ‏ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ‏‏ސަޢޫދީ‏ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ‏‏ސަޢޫދީ‏ ޢަރަބިއްޔާގެ އެމްބަސީއެއް ޤާއިމުކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. ‏

‏މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފުދުގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ‏‏މެންބަރު ‏‏އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި، ‏‏މިނިސްޓަރ ‏‏އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ ‏‏އޮފް ‏‏އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.‏