ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ‏‏އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ‏‏ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް މިއަދު މެންދުރުފަހު ވަޑައިގެންފިއެވެ. ‏

‏ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއާޕޯޓުން، ރައީސުލްޖުމްހޫރިއްޔާގެ ‏‏ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، ‏ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ‏‏އާލްސަޢުދެވެ. ‏ މީގެއިތުރަށް، ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ ޕްރިމިއަރ، ވަލީޢަހުދު މުކްރިން ބިން ‏‏ޢަބްދުލްޢަޒީޒް އާލްސަޢުދާއި، ރިޔާޟް ރީޖަނުގެ ގަވަރނަރު، ވަލީޢަހުދު ފައިސަލް ބިން ބަންދަރ ބިން ޢަބްދުﷲ ‏‏ޢަބްދުލްޢަޒީޒާއި، މިނިސްޓަރ އޮފް ނޭޝަނަލް ގާޑް، ވަލީޢަހުދު މިތެބް ‏ބިން ‏ޢަބްދުލްޢަޒީޒާއި، ސަޢޫދީ ‏‏ކޮމިޝަން ފޮރ ޓުއަރިޒަމް އެންޑް އެންޓިކުއިޓީސްގެ ރައީސް، ސުލްތާން ބިން ސަލްމާން ބިން ‏‏ޢަބްދުލްޢަޒީޒުގެ އިތުރުން ސަޢޫދީ ސަރުކާރުގެ ބައެއް އިސްބޭފުޅުންވެސް މަރްޚަބާ ދެންނެވުމުގެ ‏‏ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ‏‏‏އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ‏ސަޢޫދީ ޢަރަބިއްޔާއަށް ‏ކުރައްވާ މި ދަތުރުފުޅަކީ، ސަޢޫދީ ‏‏ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދުގެ ‏ދަޢުވަތަކަށް ކުރައްވާ ‏‏ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ‏‏އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި، މިނިސްޓަރ ‏‏އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ އޮފް ‏‏އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، މި ދަތުރުފުޅުގައި ‏‏ބައިވެރިވެވަޑައިގަންނަވައެވެ.‏