ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގަތީ، ސަޢޫދީ ޢަރައްބިއްޔާގެ ސަރުކާރުން މިދަތުރުފުޅަށްޓަކައި ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރިޔާދްގެ ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ހަމަޖެހިފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދެވެ. މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ދެއްވާ ފުރަމާނަ ޖާފަތަކާއި، ދެބޭފުޅުންގެ ބައްދަލުކޮށްލެވުމެއް އޮންނާނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ޑިފެންސް މިނިސްޓަރާއި، ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް މިނިސްޓަރާއި، އެޑިޔުކޭޝަން މިނިސްޓަރާއި، ފިނޭންސް މިނިސްޓަރާއި، އިސްލާމިކް އެފެއާޒް މިނިސްޓަރ، އިޙްތިރާމުގެ ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު، އަޙްމަދު ސިޔާމް މުޙަންމަދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.