بســم اللّـه الرّحمـن الرّحيــم

       
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.
 
އާދެ، މިއަދަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަހެއް. ޚާއްޞަކޮށް، ޒުވާނުންނަށް، މަސްވެރިކަމުގެ ދާއިރާއަށް ރަނގަޅު މެސެޖުތަކެއް ލިބިގެންދާ ދުވަހެއް. އެހެންވީމާ، ޒުވާނުންގެ މަސައްކަތްތައް ކުރިއަށް ގެންދަން އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓް ކޮލީގުން މިކުރައްވާ މަސައްކަތުގައި، މިއަދަކީ އަނެއްކާވެސް ހަމަ ވަރަށް ފާހަގަކުރެވޭ ދުވަހެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ ޕާޓީން، ޕީ.ޕީ.އެމް.ގެ ފަރާތުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ބުނެގެން ރައްޔިތުންގެ ވޯޓާ ހަމަޔަށް އާދެވިފައިވާއިރު، މިއަދަކީ އަޅުގަނޑުމެންގެ ޕާޓީއަށްވެސް ވަރަށް އުފާވެރި ދުވަހެއް. އާދެ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެކަށައެޅި މެނިފެސްޓޯގައި ހުރި ކަންތައްތަކެއް ފުދިގެންދާ ދުވަހެއް މިއަދު މިއީ.
 
މަސްވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖޭގައި އަބަދުވެސް ހަމަ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއެކީ ކުރިމަތިލާންޖެހޭ ދާއިރާއެއް. އެހެން ދިމާވާ ސަބަބަކީ، ޤުދުރަތީ ގޮތުން ދިމާވާ މައްސަލަތަކުގެ އިތުރުން، މަސް އެކްސްޕޯޓްކުރާ ފަރާތްތަކުން އަޅުގަނޑުމެންނަށް ކުރިމަތިވާ އެކިކަހަލަ ގޮންޖެހުންތައްވެސް ކުރިމަތިވާތީޔާއެކީ. އެހެންވީމާ، މަސްވެރިކަމުގެ ދާއިރާއަށް ކޮންމެފަހަރަކު ރަނގަޅު ކަމެއް ސަރުކާރުން ކޮށްދެވޭއިރު، އެ ކޮށްދެވޭ ކަމެއްގެ ފައިދާ، ރައްޔިތުންގެ އެތައް ބަޔަކަށް ލިބިގެންދޭ. އިޤްތިޞާދީ މަސައްކަތުގައި، އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މިއަދު މިކުރެވުނު ކަމަކީ އެއްގޮތަކުން ވެއްޖިއްޔާ ސްޓިމިއުލަސްއެއް، ނޫނިއްޔާ ހިތްވަރު ދިނުމަށް އިޤްތިޞާދު އާރާސްތު ކުރުމަށް ހިތްވަރު ދިނުމަށް އިޤްތިޞާދީ އެންމެ މުހިންމު އެއް ދާއިރާއަށް ކޮށްދެވޭ ވަރަށްބޮޑު ބޭނުންތެރި ރަނގަޅު މަސައްކަތަކަށް ވެގެންދާނެ.
 
މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދު ސްޓިމިއުލަސްއަށް އަންނަންޖެހޭ ސަބަބަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑުތައް ރަނގަޅު ކުރަން މަސައްކަތްކުރާ ދުވަސްވަރެއްގައި، ދެން އަޅުގަނޑުމެންނަށް އެންމެބޮޑު އާމްދަނީއެއް ލިބޭނެ ދާއިރާތަކުގެ ތެރޭގައި މިހިރީ އިޤްތިޞާދުގެ މައި ދާއިރާތައް. އޭގެތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާ އާއި، މަސްވެރިކަމުގެ ދާއިރާ ހިމެނިގެން މިދަނީ. އާބާދީގައި ރަށްފުށުގައި، ރަށްރަށުގައި އެންމެބޮޑު ވަޒީފާގެ އާމްދަނީއެއް ލިބޭ ދާއިރާއަކީ އަދިވެސް ޝައްކެއްވެސްނެތްގޮތުގައި، މަސްވެރިކަމުގެ ދާއިރާ. އެހެންވީމާ، އިޤްތިޞާދީ ދާއިރާގައި ފަންޑަމެންޓަލްސް ރަނގަޅު ކުރަން ކުރާ މަސައްކަތުގެ ތެރޭގައި، އޭގެއިތުރުން، މި އަންނަ އިމްޕެޓަސްއަކީ، ސްޓިމިއުލަސްއަކީ ޝައްކެއްވެސްނެތްގޮތުގައި އިޤްތިޞާދު ރިވިއު ކުރަން ނޫނީ އިޤްތިޞާދު ރަނގަޅު ކުރަން ކުރެވޭ މަސައްކަތްތަކަށް ވެގެންދާނެ.
 
އިޤްތިޞާދު ރަނގަޅު ކުރަން މިކުރާ މަސައްކަތުގެ ތެރޭގައި، މަސްވެރިކަމުގެ ދާއިރާގައި މިއަދު އިޢުލާނު ކުރެވިގެން މިދިޔައީ ގާތްގަނޑަކަށް 8 މިލިއަން، 9 މިލިއަން ރުފިޔާގެ ލޯނަކީ، އޭގެ ޒާތުގައި ހަމަ ދަންނަވާލަން ބޭނުންވަނީ ރަމްޒީ އެއްޗެކޭ. ރަމްޒީ އެއްޗެކޭ މި ދެންނެވީ، ރާއްޖޭގައި މި ފާސްކުރާ ބަޖެޓަށް ބަލާއިރު، މިއީ ހަމަ ނިސްބަތުން ވަރަށް ކުޑަކުޑަ އެއްޗެއް. އެހެން ނަމަވެސް، ދެންމެ މިނިސްޓަރު ކުރެއްވި އިލްތިމާސްގައި، އެ ވިދާޅުވިފަދައިން،  މި ލޯނަކީ ހެޔޮގޮތުގައި ބޭނުންކުރެވޭ ލޯނެއް ކަމުގައިވާ ކަމަށްވަންޏާ، މިއަހަރުވެސް އަދި މިއަންނަ އަހަރުވެސް މިއަށްވުރެ މާ ބޮޑެތި ޢަދަދު، ރައްޔިތުންގެ ބޭނުމަށްޓަކައި ނޫނީ ޒުވާން އޮޑިވެރިން އުފެއްދުމަށްޓަކައި މިކުރާ މަސައްކަތުގައި ލޯނު ދިނުމުގެ ފުރްޞަތު ސަރުކާރުގައި އޮވޭ. މި ލޯނު ދިނުމުގެ ފުރްޞަތު، ސަރުކާރުގައި އޮންނައިރު، ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ހަނދާނަށް މިއަދު އެބަ ގެންނަންޖެހޭ، މަސްވެރިކަމުގެ ދާއިރާއަށް އެންމެބޮޑު ހީނަރުކަމެއް އައީ ޙަޤީޤަތުގައިވެސް، އެއްކަމަކީ ޤުދުރަތީ ގޮތުން އަންނަ މައްސަލަތައް. އަނެއްކަމަކީ އެ ދާއިރާއަށް ބޭނުންވާ އިމްޕެޓަސް ނޫނީ ދާއިރާއަށް ބޭނުންވާ ގުރޯތު ގެނައުމަށް ހެދޭ އިންވެސްޓްމަންޓަށް އަންނަ ބަދަލު. މިއިން ކޮންމެ ދާއިރާއަކީ އިންވެސްޓްމަންޓްތަކެއް ހަދައިގެން ނޫނިއްޔާ ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިޔުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތަކެއް.
 
ރާއްޖޭގައި މިހާތަނަށް މަސްވެރިކަމުގެ ދާއިރާގައި ހެދިފައި ހުރި އިންވެސްޓްމަންޓްތަކަށް ބަލާކަމަށްވަންޏާ ސަރުކާރުގެ ފަރާތުން ވަރަށްގިނަ ކަންތައްތަކެއްވަނީ ކޮށްފައި. އޭގެތެރޭގައި، މަސްވެރިކަން ކުރާނެ ދޯނި ބަނުމާއި، އަލިފުށީ ބޯޓުޔާޑު، އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަންޖެހޭ. އަދި ދޯނީގައި އިންޖީނު އަޅައިދިނުމުގައި ހެޔޮގޮތްތަކެއް ނޫނީ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި އަދި ބޭންކުން ލޯނު ލިބުމުގައި ފަސޭހަ ގޮތްތަކެއް މަސްވެރިންނަށް ހަދައިދިނުން ހިމެނޭ. އަދި އޭގެއިތުރަށް، ޑިއުޓީ މާފުކުރުމާ، މިކަހަލަ ތަފާތު އެކި ކަންތައްތައް ހިމެނޭ. އެހެން ނަމަވެސް، މީގެ ހައެއްކަ އަހަރު ކުރިޔާ ހަމައިން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައި އޮތް އިންވެސްޓްމަންޓް ނޫނީ ގެންނަންޖެހޭ އިންވެސްޓްމަންޓަށް އަޅުގަނޑުމެން ކުރިމަތިލާންޖެހުނީ އަޅުގަނޑުމެން އަމިއްލަ އުފެއްދުމަކާ ހެދި ނަމަވެސް ވަރަށްބޮޑެތި ގޮންޖެހުންތަކެއް. އެ ގޮންޖެހުންތަކާއެކީ މަސްވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓް އިތުރަށް ކުރިއަށް ނުގޮސް މިއޮތީ.
 
މަސްވެރިކަމުގެ ދާއިރާގެ ރަސްމީ އިންވެސްޓްމަންޓް ނޫނިއްޔާ ސަރުކާރުން މަސްވެރިކަމުގެ ކުންފުންޏަށް ކުރާ އިންވެސްޓްމަންޓް އަދި މީގެތެރޭގައި ނުހިމަނާ. މިފްކޯ ނޫނިއްޔާ ކޫއްޑޫ، މި ދާއިރާތަކުގެ އިންފްރާސްޓްރަކްޗަރަށް އިންވެސްޓް ކުރާ ކުރުމާ، މިބައިބައި ނުހިމަނާ. އަމިއްލަ އޮޑިވެރިންނަށް، މަސްވެރިކަން ކުރާ އަމިއްލަ މީހުންނަށް ބޭންކްތަކުން މި ލޯނު ލިބުމުގެ ތެރޭގައި އެންމެ ބޮޑަށް މިހާތަނަށް ޙަރަކާތްތެރިވެފައި އޮތް ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް. އަޅުގަނޑުމެންގެ ދިވެހި ވިޔަފާރި ބޭންކް. އެހެން ނަމަވެސް، ބޭންކް އޮފް މޯލްޑިވްސްގެ ތެރޭގައި، އޭރު ކަންތައްތައް ހިނގާފައި އޮތްގޮތް، މީގެ ހައެއްކަ އަހަރު ކުރިއާ ހަމަޔަށް ޖެހިލާއިރު، އެކަންކަން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި، އަޅުގަނޑުމެންގެ ޕާޓީއަށް މީހުން ވައްދަން ކުރި މަސައްކަތުގައި، އަތޮޅުތެރޭގެ އެކި ހިސާބުތަކަށް ދަތުރުކުރިއިރު، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އޮޑިގަނޑު ބާލައި ނިމިފައި، އެހެން ނަމަވެސް ދޯނީގެ އިންޖީނު އެޅޭނެ ގޮތެއް ނެތިގެން، އޮޑިތައް ހުރީ ބާލަން ދަތިވެފައި. އޮޑިތައް ހުރީ ހަމަ އެހެލާފައި. ބޭލޭނެ ގޮތެއް ނެތިފައި ހުރީ. ޙަޤީޤަތުގައިވެސް އެމް.ޓީ.ސީ.ސީ. އާ ވާހަކަ ދައްކައިގެން އިންޖީނު ގެނެވިފައި ހުރީ. އެހެން ނަމަވެސް، ބޭންކްގެ ތެރެއިން ލޯނު ފެސިލިޓީ ދެވޭނެ ގޮތެއް ނެތީމަ، ހަމަ ހުރިހާ ދޯނިތައް ހުރީ އެއްގަމުގައި. ދެން އެކަން އެ ދިމާވިގޮތް އަޅުގަނޑުމެންނަށް، ހުރިހާ އެންމެންނަށްވެސް ރަނގަޅަށް އެނގިގެންދޭ. ބޭންކުން އޭރު ލެންޑް ކުރިއިރު، ނުބައި ލެންޑިންގ ޑިޒިޝަންތަކެއް، ނޫނިއްޔާ ނުބައިކޮށް ލެންޑް ކުރެވިފައި ހުރީ. ބޭންކްގެ އެކްސްޕޯޝަރ އެއްފަރާތަކަށް، ދެފަރާތަކަށް މާ ބޮޑުވެގެން ދިޔައީމަ، ޙަޤީޤަތުގައިވެސް އެ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ދަތިކަން ދިޔައީމަ، މީގެ ހައެއްކަ އަހަރު ކުރިއާ ހަމަޔަށް ޖެހިލާއިރު، ބޭންކް އޮފް މޯލްޑިވްސް ވަރަށް ބޮޑެތި މަސައްކަތްތަކެއްގެ ފަހުން، މީގެ ތިން ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އަނެއްކާވެސް އެވަނީ ސަރވައިވް ކުރެވިފައި. ގާތްގަނޑަކަށް ބޭންކް އޮފް މޯލްޑިވްސް ބޭންކަރަޕްޓްވާ ހިސާބަށް އޭރު އެކަންކަމުގެ ސަބަބުން ދިޔަ.
 
އެންމެބޮޑެތި ގޮންޖެހުންތައް، މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރަށް، ނޫނީ އިންވެސްޓްމަންޓް އިންފްރާސްޓްރަކްޗަރަށް އައިއްސަ އޮތީ މިދެންނެވި ދުވަސްކޮޅުގެ ތެރޭގައި. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެހެންވީމާ، މިހާރު މިކުރެވޭ މަސައްކަތަކީ އަނެއްކާވެސް މިކަން ރަނގަޅު ކުރަން ކުރާ މަސައްކަތް. މިކަން ރަނގަޅު ކުރަން ކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ އާބާދީގެ ބޮޑުބަޔަކީ މިއަދު ޒުވާނުން ކަމުގައިވާތީ، ހަމަ ޒުވާން އޮޑިވެރިން މީގެތެރޭގައި އުފެއްދޭތޯ ބަލަން.
 
 އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، މިފަހަރު މި ފަށްޓަވާފައި މި އޮތް ލޯނު ސްކީމްގެ 60 ޕަސެންޓް މިއޮތީ އަމާޒުކޮށްފައި ހަމަ ޒުވާން މަސްވެރިންނަށް. ޒުވާން އޮޑިވެރިންނަށް. އޭގެ މާނައަކީ، އަދި މަސްވެރިކަމުގެ ދާއިރާގައި މިހާރު ޙަރަކާތްތެރިވާ އެހެން ފަރާތްތަކަށްވެސް ހަމަ މި ލޯނުން ފުރްޞަތު އެބަ ލިބޭ. އެހެން ނަމަވެސް، އަޅުގަނޑުމެން މި އަމާޒުކުރަނީ ޒުވާނުން މި ދާއިރާއަށް ނެރެވޭތޯ. ޒުވާން އޮޑިވެރިން އުފެއްދޭތޯ. ޒުވާނަކަށް އޮޑިވެރިޔަކަށްވުމަކީ ފަސޭހަ ކަމެއް ނޫން. ޒުވާނަކަށް ފައިސާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން. ޓުއަރިޒަމް ދާއިރާއަށް ބެލިކަމަށްވިޔަސް، މަސްވެރިކަމުގެ ދާއިރާއަށް ބެލިކަމަށްވިޔަސް އަދި އެއަށްވުރެން އާދައިގެ ކަންކަމަށް ބެލިކަމަށްވިޔަސް. އެންމެ އާދައިގެ ކުދިކުދި ކަންކަމުގެ ތެރޭގައި ޒުވާނުން އެބައުޅޭ ބޮޑެތި ކެޕިޓަލް ބޭނުންނުވާ ކަންކަމުގައި. އެހެން ނަމަވެސް، މަސްވެރިކަމުގައި މިދެންނެވި ދާއިރާއަކީ ޙަޤީޤަތުގައިވެސް ބޮޑު ރައުސްމާލެއް ފަށައިގަތުމަށްޓަކައިވެސް ބޭނުންވޭ. އެހެންވެގެން އަޅުގަނޑުމެން މަސްވެރިންނާއި ނޫނިއްޔާ އަޅުގަނޑުމެން ރަށްރަށަށް މިކުރި ޒިޔާރަތްތަކުގައި، އަޅުގަނޑުމެންނަށް ލިބުނު ފީޑްބެކް، ނޫނިއްޔާ ވާހަކަ ދެއްކީމަ އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތުގައި، އަޅުގަނޑުމެން އޭރު ވިސްނީ، އަޅުގަނޑުމެންނަށް މިކަންކަން ބަދަލުކުރެވޭ ހިސާބަކަށް އާދެވިއްޖެ ކަމަށްވަންޏާ، ޒުވާނުން މީގެތެރެއަށް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރާނަމޭ. އެ މަސައްކަތްތަކުގެ ތެރޭގައި ފެށުމަށް ބޭނުންވާ ރައުސްމާލުގައި ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭން ސަރުކާރުން ނިންމީ. އެހެންވީމާ، އެގޮތުގެ މަތީން މިއަދު މި އިފްތިތާޙުވެގެން މިދިޔަ ޒުވާން އޮޑިވެރިޔާގެ މި ޕްރޮގްރާމް މި ދިޔައީ.
 
ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ޒުވާނުން އިޤްތިޞާދީ މަސައްކަތުގައި ބައިވެރިކުރަން މިކުރާ މަސައްކަތުގައި އަދި މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރަން މިކުރާ މަސައްކަތުގައި އަދި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭން ބުނެފައި ހުރި ކަންތައްތައް ހަމަޖެހިގެން އަންނަ ވަގުތެއްގައި އަދި ހަމައެޔާއެކީގައި އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް ހަރުދަނާކަމާއެކީ މަސައްކަތްތަކެއް ކުރެވޭ ވަގުތެއްގައި، މިކަންކަމާ ދޭތެރޭގައި ވިސްނާފައި މިއަދު މި ހަމަ އިޤްތިޞާދަށް ސްޓިމިއުލަސްއެއް ދިނުމަށް ޒުވާނުން ނޫނީ އިތުރު ޒުވާން އޮޑިވެރިން މި ދާއިރާއަށް ނެރުމަށްޓަކައި މިކުރެވޭ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތްކުރާ ޓީމަށް ހަމަ ލިބިގެންދާ ވަރަށްބޮޑު އުފަލެއް.
 
އަޅުގަނޑު ހަމަ ދަންނަވާލާނީ މިއީ ރަމްޒީ އެއްޗެކޭ. ރަމްޒީ ކަމެއް ނޫން. މިކަމަކީ އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެ ޕްރޮގްރާމެއް. ރަމްޒީ ޢަދަދެއް، މި ޢަދަދަކީ. އެހެން ނަމަވެސް، މި ފައިސާ ރަނގަޅު ގޮތުގައި ބޭނުންކޮށް އަދި އިތުރު ޒުވާނުން މި ދާއިރާއަށް ނުކުންނަން ބޭނުންކަމަށްވަންޏާ، ޒުވާނުންނަށް ނުކުމެވޭނެ ގޮތްތައް އެބައޮތް. ފިޝަރީޒް މިނިސްޓްރީގެ މި ޕްރޮގްރާމްގެ ތެރެއިން އެބައޮތް. އަދި ގެޓްސެޓް ޕްރޮގްރާމްގެ ތެރެއިން މިކަން ކުރެވޭނެގޮތް އެބައޮތް. އަދި އެ ޢަދަދުތަކަށް އެކަށީގެންވާ ގޮތަށް މީހުން އެޕްލައި ކޮށްފައި، ޝަރުޠު ފުރިހަމަވާ މީހުން ތިބެގެން އެކަން ކުރެވިދާނެ ކަމަށް ސަރުކާރުން އެސެސްކޮށްފައި، ގަބޫލުކުރެވޭ ކަމަށްވަންޏާ، މި ޢަދަދުތަކަކީ ބަދަލު ގެނެވޭނެ ޢަދަދު. 300 މިލިއަން ރުފިޔާ، ނޫނިއްޔާ ގެޓްސެޓް ޕްރޮގްރާމަށް ބަލަންޏާ، 200 މިލިއަން ރުފިޔާއަކީ މިއަދުގެ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބަލާ ކަމަށްވަންޏާ، ހަމަ ވަރަށް ކުޑަކުޑަ އެއްޗެއް. އެހެން ނަމަވެސް، މި ދާއިރާއަށް ނުކުންނަން ތިބި މަސައްކަތްތެރިންނާއި، މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުގެ ޢަދަދަށް ބަލާ ކަމަށްވަންޏާ، މި ޢަދަދަކީ އެހާ ފަސޭހައިން ޔޫޓިލައިޒްކޮށް ހުސްކޮށްލެވޭނެ ޢަދަދެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ، މީގައި އޮތީ މިކަމާއިގެން ކުރިއަށް ދާން ކެރޭ މީހުން ތިބި މިންވަރެއް.
 
އަޅުގަނޑުމެން އިހަށް ދުވަހެއްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އަޅުގަނޑުމެން އެކި ދާއިރާތަކުން މިހާތަނަށް ވަޒީފާތައް ހަމަޖެއްސިފައި ހުރިގޮތް އަޅުގަނޑުމެން ދެންނެވިން. އެކަމަކު އެ ވަޒީފާތަކަށްވެސް ނުކުންނާނެ ޒުވާނުން އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ. ހަމަ ގެޓްސެޓް ޕްރޮގްރާމެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާފައި، އިވެލުއޭޝަންތަކެއް ނިމި، އެކަންކަން ކުރެވިގެން އެ ދިޔައީ. އޭގައިވެސް އެކަށީގެންވާ ގިނަ ޕްރޮޕޯޒަލްތައް އަންނަ ކަމަށްވަންޏާ، އެ ޢަދަދަކީވެސް އިތުރުކުރެވޭނެ ޢަދަދު. މިއަދު މި އިފްތިތާޙު ކުރެވުނު މަޝްރޫޢު، ނޫނިއްޔާ ލޯންޗް ކުރެވުނު މަޝްރޫޢުވެސް، މި ޢަދަދަށް އަދިވެސް އިތުރު ފަރާތްތަކުން ކުރިމަތިލާ ކަމަށްވަންޏާ، ހަމަ މި ޢަދަދަކީވެސް އިތުރުކުރެވޭނެ ޢަދަދެއް. މިއަދު މިދާ 14 ވަރަކަށް ފަރާތުގެ ތެރެއިން، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ އެންމެ 3 ފަރާތެއް ތިބީ ޒުވާނުން މިކަމަށް ކުރިމަތިލާ.
 
އެހެންވީމާ، އަޅުގަނޑު މިދެންނެވީ ފުރްޞަތު އެބަ ތަނަވަސްކޮށްދެވެޔޭ. އެހެން ނަމަވެސް، އެކަމާ ކުރިމަތިލާނެ، އަޅުގަނޑުމެން ޓާގެޓް މިކުރާ ޓާގެޓް ގްރޫޕްގެ ފަރާތުން އެއަށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭގޮތަށް މަސައްކަތް އެބަ ކޮށްދޭންޖެހޭ. މިއަދު މި 14 ފަރާތް ކުރިމަތިލިއިރު، މި 14 ފަރާތުގެ ތެރެއިން 80 ޕަސެންޓަކީ ޒުވާނުން ކަމުގައިވިނަމަ، އަޅުގަނޑަކަށް ހަމަ އެއްވެސް މައްސަލައެއް ނެތް، ހަމަ މިއަހަރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ހަމަ މަޖިލީހަށް ފޮނުވައިގެން، ނޫނިއްޔާ ފިނޭންސް މިނިސްޓަރާ ވާހަކަ ދައްކައިގެން މި ޢަދަދު އިތުރުވެސް ކުރެވޭނެ، ޑަބަލްވެސް ކުރެވޭނެ. އެއަށްވުރެ ގިނަވެސް ކުރެވޭނެ. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ ޙަޤީޤަތުގައި ޒުވާނުން މިކަންކަމަށް އަހުލުވެރިކުރުވައި، ޒުވާނުން މި ދާއިރާއަށް ނެރެން ބަލާއިރު، މިކަމަށް ހުޅުވާލި ފުރްޞަތުގެ ތެރެއިން 14 ފުރްޞަތުގެ ތެރެއިން 3 ފުރްޞަތަށް އެކަނި ޒުވާނުން ކުރިމަތިލީމަ އަދި މި އަދަދު މި އޮންނަންޖެހެނީ ހަމަ މިވަރުގައި. އެހެންވީމާ، މި ވިސްނުމަށް އެބަޖެހޭ ބަދަލު އަންނަން.
 
މަސްވެރިކަމަކީ ޝައްކެއްވެސްނެތްގޮތުގައި ބުރަ މަސައްކަތެއް. އެހެން ނަމަވެސް، އެއީ އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއް. އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއް. އާމްދަނީ ލިބޭ ރަނގަޅު މަސައްކަތެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ، ހަމައެކަނި މި [ބެޔަސް ނުބެޔަސް] މި ޝިޢާރުގެ ދަށުން އަޅުގަނޑުމެން ހުޅުވާލި ފުރްޞަތަށް ކުރިމަތިލާ މަސްވެރިންގެ ޢަދަދު މަދުވީމަވެސް އެބަ އެނގޭ، މިއީ އާމްދަނީ ލިބޭ ޖާގަ އޮތް ކަމެއްކަން.
 
 މިއަދުވެސް މަސްވެރިންނާ މުޚާޠަބުކޮށް، ނޫނިއްޔާ މަސްވެރިންގެ، އޮޑިވެރިންގެ ޕްރޮގްރާމެއްގައި މި ވާހަކަ ދައްކާއިރު އަޅުގަނޑު ހަމަ މިއަދުވެސް ދަންނަވާލަން ބޭނުންވޭ. ސަރުކާރުގެ ކޮމިޓްމަންޓް މަސްވެރިންނަށް، ހަމަ އެކަން މިއަދުވެސް އަޅުގަނޑު އޮޅުންފިލުވާލަދޭނަން.
 
[ބެޔަސް ނުބެޔަސް] މަސްވެރިންނަށް، މަސް ނުބާނާ މޫސުމުގައި -/10000 ރުފިޔާ މަހެއްގެ މައްޗަށް މިނިމަމް އިންކަމެއްގެ ގޮތުގައި ދޭން އަޅުގަނޑުމެން ކަނޑައަޅާފައި އެއޮތީ. އެކަމަކު އެކަން ކުރުމަށް ބޭނުންވާ ޝަރުޠުތަކެއްވެސް ފުރިހަމަކުރަންޖެހޭ. ރަޖިސްޓްރީވެސް އެބަ ކުރަންޖެހޭ. އެކަމަށް ކުރިމަތިލާން ބޭނުންވާ މީހުންވެސް އެބަ ތިބެންޖެހޭ. މިއީ، އިންޝުއަރެންސް ނިޒާމެއް ގޮތަށް ހިނގާ ނިޒާމެއް މިއީ. އެހެންވީމާ، މި ފައިސާ ލިބޭނެ، މި އިންޝުއަރެންސް ނިޒާމުގައި ބައިވެރިވާ އޮޑިވެރިންނަށް، މަސްވެރިންނަށް މި ފައިސާ ލިބޭނެ. އެކަމަކު ސަރުކާރަށް އެކަން އެނގޭނެ ގޮތަކަށް، އެކަން މެނޭޖް ކުރެވޭނެ ގޮތަކަށް، މިކަން ރަޖިސްޓްރީވެގެން ދާންޖެހޭނެ. އެކަމަކު އެމީހެއްގެ އިންކަމް، -/10000 ރުފިޔާއަށްވުރެ މަތިވާކަމަށް ގަބޫލުކުރެވޭތީ، އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ، މިކަމަށް އެވަރުގެ ޝައުޤުވެރިކަމެއް ނެތީކަމަށް. އެހެންނޫން ކަމަށްވަންޏާ، މި ޝައުޤުވެރިކަން ހުންނާނެ.
 
އެހެންވީމާ، އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިވާ ކަމަށްވަންޏާ، ބައިވެރިވާ ދުވަހުން ފެށިގެން ކޮންމެވެސްކަހަލަ ޕްރީމިއަމެއް ދައްކަމުން ގެންދާނެ. ޕްރީމިއަމް ދައްކަމުން ގެންދިޔައީމަ، މިދެންނެވި ގޮތަށް، ހުޅަނގުގެ ގަދައިގެ ތެރޭގައި މަސްވެރިކަމަށް ނުނުކުމެވިގެން ނަމަވެސް، މަސްވެރިކަމަށް ނުނުކުމެވޭ ދުވަސްތަކުގައި އަޅުގަނޑުމެން މި ބުނަނީ، އިރާދަކުރެއްވިއްޔާ -/10000 ރުފިޔާގެ އާމްދަނީއެއް ދޭނަމޭ. އެކަމަކު އެކަމުގެ ޝައުޤުވެރިކަން، މަސްވެރިންގެ ކިބައިގައި ނެތުން އެއީ އޭގެ ޒާތުގައި ބުއްދިއަށް ގަބޫލުކުރަން ފަސޭހައީ، އެ -/10000 ރުފިޔާގެ، އެ ލިބޭ ބަދަލަކީ މަސްވެރިކަމަށް ނުނުކުންނައިރު، ނޫނިއްޔާ މަސްވެރިކަމަށް ދަތިވާ ދުވަސްވަރު، އެކަމަށް ކުރިމަތިނުލާ މީހުންނަކީ، އެއަށްވުރެ މާބޮޑު އާމްދަނީ، އެނޫން މަސްމަހުގައި ލިބޭތީ، ކޮންމެހެން ބޭނުންނުވަނީ އިންޝުއަރެންސް ޕްރީމިއަމެއް ދައްކައިގެން، އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިވެގެން، މި -/10000 ރުފިޔާ ހޯދަން މަސައްކަތްކުރަން. އެހެންވީމާ، މިކަމަށް އެކަނި ވިސްނާލިޔަސް، ހަމަ ދަލީލު އެބަ ކޮށްދޭ، މަސްވެރިކަމުގެ ޞިނާޢަތަކީ، އޭގެ ޒާތުގައި ފައިދާހުރި، ވަރުގަދަ އިޤްތިޞާދީ މަސައްކަތެއް ކަމަށް.
 
ދިވެހިރާއްޖޭގެ ޞިނާޢަތްތައް، ނޫނީ ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާ ހިސާބަށް އައިސް، 1970ގެ ތެރޭގައި، ޓުއަރިޒަމް ޢާންމުވެގެން ދަންދެން ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޞިނާޢަތަކީ މަސްވެރިކަން. އަދި މިއަދުވެސް ބަދަލެއްނުވާ އެންމެ ވަރުގަދަ ކޯ ޞިނާޢަތެއްގެ ގޮތުގައި މިއޮތީ ހަމަ މަސްވެރިކަމުގެ ޞިނާޢަތް. އެހެންވީމާ، މީގެ އިންވެސްޓްމަންޓް އެބަ އިތުރުވާންޖެހޭ. އިންވެސްޓްމަންޓް އިތުރުވުމާއެކީ، މި ލިބޭ މަސް ޑައިވަރސިފައި ކުރާނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އެ މަސައްކަތްތައް މިހާރު އަޅުގަނޑުމެންގެ މި ސަރުކާރުންވެސް މަސައްކަތް ކުރަމުން މިގެންދަނީ. އެހެން ނަމަވެސް، މިކަންކަމަށް ކުރިމަތިލާނެ ޒުވާނުން، މިކަންކަން ކުރަން ކެރޭ މީހުން އެބަ ތިބެންޖެހޭ.
 
ގެޓްސެޓް ޕްރޮގްރާމްގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ، ހަމަ އިތުރު ޒުވާނުން ކުރިމަތިލައްވާށޭ. އެކަމަކު ކުރިމަތިލައްވާއިރު، ކުރިމަތިލައްވާ މަޝްރޫޢުތަކަކީ އެކަށީގެންވާ ރަނގަޅު މަޝްރޫޢުތަކަކަށް ވާންޖެހޭ. އެ މަޝްރޫޢުތަކަކީ އޭގެ ޒާތުގައި، އެ ދިރާސާ ކުރަން ތިބޭ ބަޔަކު، މަޝްރޫޢު ދިރާސާ ކުރަން ތިބޭ ބަޔަކަށް އެނގެން އެބަޖެހޭ، އެއީ އޭގެ ޒާތުގައި ޒުވާނުންނަށް ފައިދާހުރި އަދި އިޤްތިޞާދީ ގޮތުން ދެކޮޅުޖެހޭ، ނޫނީ ފައިދާ ލިބޭ މަޝްރޫޢުތަކަކަށް ވާން އެބަޖެހޭ. މިއީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފައިސާ އަޅުގަނޑުމެން މި ބޭނުންކުރަންޖެހެނީ ހެޔޮގޮތުގައި. އޭގެ މާނައަކީ، އެ ފައިސާ އެ ދޫކުރާ ބޭނުމެއް ފުދެން އެބަޖެހޭ. އަދި އެޔާއެކީ އެ ފައިސާ އަނބުރާ ލިބޭނެ ގޮތްތަކެއްވެސް އެބަ ހޯދެންޖެހޭ. އެހެންވީމާ، ގެޓްސެޓް ޕްރޮގްރާމްގައި ބައިވެރިވުމަކީވެސް ހަމަ މިހާރު ސަރުކާރުން އިޤްތިޞާދަށް، ސްޓިމިއުލަސްއެއް ކްރިއޭޓް ކުރަން، ހަމައެޔާއެކީ ޒުވާނުންނަށް އިތުރު ފުރްޞަތުތަކެއް ހޯދައިދޭން އަޅުގަނޑުމެން ކުރާ މަސައްކަތެއް.
 
މީގެ އެންމެ ރަނގަޅު ކަމަކީ، ޙަޤީޤަތުގައި ބެލުންތެރިކަމުގެ ދަށުން، ސަރުކާރުގެ އިންކިއުބޭޝަން ޕީރިއަޑެއްގެ ތެރޭގައި، މިކަން ދިޔަ ކަމުގައިވީނަމަވެސް، އެއީ ޕްރޮޖެކްޓަކީ ކަށަވަރު ޕްރޮޖެކްޓަކަށް ހެދުމަށްޓަކައި ދިޔަ ކަމުގައިވީނަމަވެސް، މިއީ އެއްވެސް ލާރިއެއް ރަހުނުގައި ބަހައްޓަންޖެހޭ އެއްޗެއް ނޫން. އެއްވެސް ލާރިއެއް، އެއްވެސް މުދަލެއް ރަހުނުގައި ނުބަހައްޓައި ލިބޭ ލޯނެއް. ދުނިޔޭގެ ކޮންތާކުތޯ ލޯނު ލިބެނީ، ރަހުނުގައި އެއްޗެއް ނުބަހައްޓާ. ރާއްޖޭގެ ބޭންކަކުން މިކަން ކުރަން ބޭނުންވެގެންވެސް ދެވާހަކައެއް އަންނާނެ. އެއްކަމަކީ ރަހުނުގައި އެއްޗެއް ބެހެއްޓި ނަމަވެސް، އެ އިންވެސްޓްމަންޓް ޕްރޮޕޯޒަލް ބެލުމާއި އަދި އެ މަސައްކަތް ކުރާ ބަޔަކީ ބޭންކުގެ ނަޒަރުގައި، ފައިސާ އަނބުރާ ދެއްކޭނެ ފަރާތަކަށް އެބަ ވާންޖެހޭ. އަދި ރަހުނުގައި އެއްޗެއް ބެހެއްޓުން އެއީ، ކަށަވަރުނުކޮށެއް ނުދޭ، އޭނައަކަށް ލޯނެއް ލިބޭނެ ކަމަކަށް. އެއީ އެއްކަންތައް. ދެވަނަ ކަމަކީ އަބަދުވެސް މި ދައްކަނީ އިންޓްރެސްޓް ރޭޓް މަތި ވާހަކަ. ނޫނިއްޔާ ލޯނު އަނބުރާ ދައްކާއިރު، ފައިސާ ދައްކާއިރު ކޮސްޓް ބޮޑުވާ ވާހަކަ.
 
ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އެ ގެންދަނީ، ޙަޤީޤަތުގައި މި ކޮސްޓް ތިރިކުރެވޭތޯ. ދެން އިރާދަކުރެއްވިއްޔާ، ކޮސްޓް ތިރިވޭވެސްމެ. އެކަމަކު މިހުރިހާ ކަމެއްގެ ބޭނުމަކަށްވަނީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު މިދެންނެވި ކަހަލަ ދެ އަމާޒެއް. އެއްކަމަކީ އިޤްތިޞާދު ވަރުގަދަ ކުރަން، ނޫނީ ސްޓިމިއުލޭޓް ކުރުމަށް ކުރެވޭ މަސައްކަތް. ދެވަނަ ކަމަކީ އަޅުގަނޑުމެން އެޗީވް ކުރަން މިއުޅޭ ޓާގެޓްތަކެއް، ނޫނީ އަމާޒު މިކުރާ ވަކި ދާއިރާއެއްގެ ބަޔަކަށް އަމާޒުކޮށްގެން މިކުރާ މަސައްކަތްތަކުގައި، އެ ދާއިރާއަށް އަޅުގަނޑުމެން އަމާޒުކުރާ ފަރާތްތަކުން ކުރިމަތިލުން. އެހެންވީމާ، ގެޓްސެޓް ޕްރޮގްރާމަކީވެސް އިރާދަކުރެއްވިއްޔާ މިހާރަށްވުރެ ވަރުގަދައަށް ހަމަ ގެންދެވޭނެ ޕްރޮގްރާމެއް. އެކަމަކު އިތުރު ޒުވާނުންގެ ޝައުޤުވެރިކަން އެއަށް އަޅުގަނޑުމެންނަށް ފެނިގެން.
 
މިހާރު މިއަދު މި އިފްތިތާޙު ކުރެވޭ މަޝްރޫޢަކީވެސް ހަމަ މިއަށްވުރެ ވަރުގަދައަށް، މިއަށްވުރެ ބޮޑެތި ޢަދަދުގެ ފައިސާ، ސަރުކާރުގެ ބަޖެޓުން ހަމަޖައްސައިދެވޭނެ ކަންކަން. އެކަމަކު އޭގައިވެސް ހަމަ ދަންނަވާލަން އޮތީ، ހަމަ މިއަށް ގިނަ ޒުވާނުން ކުރިމަތިލައްވާށޭ. ގިނަ ޒުވާނުން ކުރިމަތިލެއްވީމަ، އަޅުގަނޑުމެން ބޭނުންވަނީ، ދިވެހިރާއްޖޭގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ގިނަބައެއް، އިޤްތިޞާދުގައި މަންފާ ލިބޭ ގޮތަކަށް ބައިވެރިވެވޭ އިޤްތިޞާދެއް ގޮތަށް ހުޅުވިފައި އޮތުން. އެއްވެސް މީހަކަށް އަނެކަކު މުއްސަނދިކޮށެއް ނުދެވޭނެ. އެކަމަކު ސަރުކާރަކަށް ކޮށްދެވޭނެ ކަމަކީ ފުރްޞަތުތައް ތަނަވަސްކޮށްދެވޭނީ. މުއްސަނދިވުމާއި ފުރްޞަތުގެ ބޭނުން ހިފަން ކެރުމުގެ ހިތްވަރު، އެކަންކަމަށް ޓާގެޓް ކުރެވޭ މީހުންގެ ހުންނަންވާނެ. އެހެންވީމާ، ސަރުކާރުން ވަސީލަތްތަކެއް މި ފަހިކޮށްދެނީ. މިއީ މީގެކުރިން އަޅުގަނޑުމެންނަށް ނުފެންނަ ވަސީލަތްތަކެއް. އެކަމަކު އަޅުގަނޑުމެން މި ކޮށްދެނީ ހަމަ މިދެންނެވި ސަބަބަށްޓަކައި. ގިނަ މީހުންތަކަކަށް އިޤްތިޞާދުގެ މަންފާ ލިބޭ ކަމަށްވަންޏާ، އެއިން ފައިދާ ވާނީ ހަމަ ޤައުމަށް. ހުރިހާ އެންމެންނަކީ، އިޤްތިޞާދުގައި މިއުޅޭ ގިނަ މީހުންނަކީ، ޝައްކެއްވެސްނެތްގޮތުގައި މުސާރަވެރިން. އެކަމަކު މިހާރު އިޤްތިޞާދުގައި، ރައުސްމާލުގައި ބައިވެރިވާ މީހުންގެ ޢަދަދު، މިއަށްވުރެ އެބަ އިތުރުކުރަންޖެހޭ. އަޅުގަނޑުމެން އިޤްތިޞާދުގައި ފެންނަންޖެހެނީ ހަމަ ބޮޑެތި ހަތަރު ފަސް މީހުން އެކަންޏެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި އެއީ ވަރަށް ޚިދްމަތްތެރި ބޮޑެތި ކުންފުނިތައް. ވަރަށް ޚިދްމަތްތެރި ބޮޑެތި ފުންނާބު އުސް ވިޔަފާރިވެރިން އެއީ. އެބޭފުޅުންގެ ޚިދްމަތް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެތައް ޢާއިލާއަކަށް ބޭނުންވާ ކަންތައްތައް ހަމަޖެހިގެން އެ ދަނީ. އެބޭފުޅުންގެ އެމްޕްލޯއިމަންޓްގައި އެތައް ބައިވަރު ދިވެހިންނެއް އުޅޭތީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުން މިހާރު އެބަޖެހޭ، ތަފާތު ފެންވަރުގެ މަސައްކަތްތަކަށް ނުކުންނަން.
 
އެހެންވީމާ، އަބަދަކު ނޯކިރީ ކުރަން ތިބުމަކީ މީގެ ޙައްލެއް ނޫން. އިޤްތިޞާދުގެ ބޮޑުބަޔަކީ މިދެންނެވި ގޮތަށް ބެހިގެންދާ އެއްޗަކަށް ވާންޖެހޭނެ. އޭގެ މަންފާ ލިބެންޖެހޭނެ. އިޤްތިޞާދުގެ ބޮޑު ބައި ބެހިގެން މިދަނީ ސަބްސިޑީގެ ތެރެއިން. ސަބްސިޑީގެ ތެރެއިން ދާ ކަމަށްވަންޏާ، އެއީ އޭގެ ޒާތުގައި ދެކޮޅުޖެއްސޭނެ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން. ކަރަންޓް ސަބްސިޑައިޒް ކުރުމަށް، ބޭސް ސަބްސިޑައިޒް ކުރުމަށް، ދައުލަތަކަށް ކުރިއަށް ދެވޭނީ ކިހާ ދުވަހަކު، ކިހާ މިންވަރަކަށްތޯ، އަޅުގަނޑުމެން ކޮންމެ މީހަކު ޚިޔާލަށް ގެންނަންޖެހޭނެ. ދެމެހެއްޓެނިވި ގޮތަކަށް މިކަމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކުރެވޭ ކަމެއް ނޫން. ކުރެވިފައި އޮތް ކަމެއް ނޫން. މީގައި ހަމަ ބޭނުމަކަށްވާނީ، ސަބްސިޑީތައްވެސް ހަމަޖެހޭ އުޞޫލަކުން ރެޝަނަލައިޒް ކުރުމާއެކީ، އިޤްތިޞާދުގެ ފައިދާ، އިޤްތިޞާދުގެ މަންފާ، ގިނަ ބަޔަކަށް ލިބޭނެ ގޮތަކަށް ވަސީލަތްތައް ތަނަވަސްކޮށްގެން، އެމީހުން އޭގައި އެންގޭޖު ކުރެވޭތޯ މަސައްކަތްކުރުން. އެންގޭޖު ކުރުމަށް މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން ގެޓްސެޓް ޕްރޮގްރާމްވެސް މިހެދީ. އަދި ޒުވާން ވިޔަފާރިވެރިން އުފައްދަން ކުރާ މަސައްކަތް މިކުރަނީ ހަމައެކަނި. ހަމައެޔާއެކީ މިއަދު މި އިފްތިތާޙު ކުރެވޭ ޒުވާން އޮޑިވެރިޔާގެ ޕްރޮގްރާމްވެސް މި ލޯންޗް ކުރެވުނީ މި ބޭނުމަށްޓަކައި.
 
އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެން މި ތަޢާރުފްކުރާ ނިޒާމްތަކުގެ ތެރެއިން ހަމަޖެހުންތަކެއް އަޅުގަނޑުމެންނަށް އަންނާނެ ކަމަށް. ޒުވާނުން އިތުރަށް މި ދާއިރާތަކަށް ކުރިމަތިލާނެ ކަމަށް. އަދި ޒުވާނުންނަކީ އާމްދަނީ ލިބޭ، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭ ބައެއް ކަމަށްވަންޏާ، އެއަށްވުރެ ހަމަޖެހޭ މުޖްތަމަޢެއް އޮންނާނެ ޤައުމެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންގެ ތެރޭގައި ފިކުރުގެ ތަފާތުވުން، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވިސްނުމުގެ ތަފާތުވުން، މިއަކަށް ޖާގައެއް ނުލިބޭނެ، ހުރިހާ އެންމެންނަކީ ވިޔަފާރީގައި، ނޫނީ އާމްދަނީ ހޯދުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށްވަންޏާ. ދަތިވެފައި ހުރި ކަންކަމަށް ސަރުކާރަށް ފުރްޞަތުތަކެއް ތަނަވަސްކޮށްދެވޭތޯ ބެލިދާނެ. މާލެއާއި މާލެ ކައިރި ސަރަޙައްދަކީ، އަތޮޅުތެރޭގައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ދިރިއުޅޭ މަދީނާތަކެއް. މި ތަންތަނަށް މި އަންނަ ބާރު ކުޑަކުރެވޭނީ، ޒުވާނުންނަށް އިތުރު ޖާގަ ހޯދައިދެވޭނީ ހަމަ މިކަހަލަ އެހެން މަދީނާއެއް، އެހެން ޝަހަރެއް އުފައްދައިގެން. އެކަން ކުރެވޭތޯ އަޅުގަނޑުމެން ހުޅުމާލެ ހިއްކައިގެން މިކަން މިކުރަނީ. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މި މަސް ހުސްވުމުގެ ކުރިން ހުޅުމާލެވެސް އެއޮތީ ހިކި ނިމިފައި.
 
ދެން އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތުގައި ޒުވާނުންނަށް މިތަނުން ޖާގަ ދެވޭނެ. ލޯ ކޮސްޓް ހައުސިންގ ތަޢާރުފް ކުރެވޭނެ. އެކަމަކު ނުކުންނަ ސުވާލަކީ، އުފެދޭ ސުވާލަކީ، ޒުވާނުންނަށް މި ޖާގަ ހޯދައިދޭއިރު، ކިތަންމެ އަގުހެޔޮކޮށް ދިރިއުޅުމުގެ ކަންތައް ހަމަޖެހޭ ނިޒާމަކަށް، މިކަން ކުރިކަމުގައިވިނަމަވެސް، ޒުވާނުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް އޮންނަންވާނެ، އެ ފްލެޓްތަކުން ޖާގަ ހޯދަން ބޭނުންކަމަށްވަންޏާ. އެ ފްލެޓްތަކުގެ ކުލި ދެއްކެންވާނެ. އެހެންނޫނީ އަނެއްކާވެސް އެ ފްލެޓްތައް، އަޅުގަނޑުމެން ބޭނުމެއްނުވޭ، މިހެން އުފައްދާ ފްލެޓްތަކަކީ ތަނަވަސް މީހުން ދިހަ ބާރަ ފްލެޓް ނަގާފައި، އެމީހުން އިތުރު އާމްދަނީ ހޯދަން ބޭނުންކުރާ ވަސީލަތަކަށް ހަދާކަށް ސަރުކާރުން ބޭނުމެއް ނުވާނެ. އެހެންވެގެން ޒުވާނުންނަށް މި ޕްރޮގްރާމްތަކެއް ހަދައި މިދެނީ. އެހެންވީމާ، އެއްކޮޅުން ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށްޓަކައި މިކުރާ މަސައްކަތުގައި، ސަޕްލައި އިންކްރީޒް ކުރަން ކުރާ މަސައްކަތުގައި، އެއަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދައިދިނުން ގެޓްސެޓް ޕްރޮގްރާމްގެ ތެރެއިންވެސް އަޅުގަނޑުމެން މި ހަދައިދެނީ. އަދި ހޮޓާތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތަކުގެ ކައުންޓަރުގައި ދިވެހިން ތިބޭ ތިބުމަކީވެސް އަޅުގަނޑުމެން ދިވެހިންނަށް މި ޤާބިލުކަން ހޯދައިދޭން ކުރާ މަސައްކަތެއް. އަދި ހަމައެޔާއެކީ ޒުވާން އޮޑިވެރިޔާ އުފެއްދުމަކީވެސް މިދެންނެވި ގޮތަށް ގާބިލު، ނޫނިއްޔާ މިދެންނެވި ކަހަލަ ލޯ ކޮސްޓް ހައުސިންގއަށްވެސް ފައިސާ ދެއްކޭވަރުގެ ޒުވާން ޖީލެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް.
 
އެހެންވީމާ، މިއީކީއެއް ފްރެގްމަންޓްކޮށް، ނޫނިއްޔާ ވިސްނުމެއްނެތި ކުރެވޭ ކަންކަމެއް ނޫން. މިކަން މި ކުރެވެނީ ހަމަ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން. ތަނަވަސްކަން ހޯދައިދިނުމާއެކީ، ޒުވާނުންނަށް ބޭނުންވެފައި ހުރި މަގުތައް، ޒުވާނުންނާ ހަމަޔަށް ގެނެސްދިނުމުގެ ބޭނުމަކަށްވަނީ، އެއަށް އެފޯޑް ކުރެވޭ އަދި ފައިސާ ދެއްކޭ ޒުވާން ޖީލެއް ބިނާކުރަން ކުރާ މަސައްކަތް. އެހެންވީމާ، މިއަދުގެ މި ރަސްމިއްޔާތަކީ އަޅުގަނޑުމެންނަށް ހަމަ ޚާއްޞަ އުފަލެއް ލިބިގެންދާ ރަސްމިއްޔާތެއް.
 
އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލަމުންވެސް އިލްތިމާސްކޮށްލަން ބޭނުންވަނީ، ސަރުކާރުން މި ތަނަވަސްކޮށްދެނީ ޒުވާނުންނަށް މިއަދު ދަތިވެފައި ހުރި ކަންތައްތަކުގެ ޖަވާބުތަކެއް ލިބޭ ފުރްޞަތުތަކެއް. އެހެންވީމާ، ޒުވާނުންގެ އަތްމަތީގައޭ އޮތީ، އަޅުގަނޑުމެން މި ތަނަވަސްކޮށްދޭ ފުރްޞަތުގެ ބޭނުން ހިފައިގެން، ޒުވާނުންގެ ދިރިއުޅުން، މިއަދަށްވުރެ އުޖާލާ ހިސާބަކަށް މާދަމާ ގެންދަން. އަޅުގަނޑުމެންގެ އިޤްތިޞާދާއި، އަޅުގަނޑުމެންގެ ހަމަޖެހުމާ، މިހުރިހާ ކަމެއް މިއޮތީ، ޤައުމުގެ ހަމަޖެހުން މިއޮތީވެސް ހަމަ ޙަޤީޤަތުގައި ޒުވާނުންނަކީ އިޤްތިޞާދީ ގޮތުންވެސް ކަންކަން ކުރެވޭވަރުގެ، އިޤްތޞާދީ ބާރުވެރި ބަޔަކަށް ޒުވާނުން ވެގެން. ގެއެއް މިހާރު ލިބުމަކީ ދަތިކަމަކަށް މިވަނީ. ގެދޮރުވެރިވުމަކީ ބައްޕަ ނޫނީ ކާފަގެ ތަރިކައިން، ބައްޕަގެ ތެރެއިން އައިސްފައި އޮތް ދަރިންނަށް ލިބޭ ތަރިކައިން ފޮތިފޮތިކޮށްލާފައި ބިން ދޫކުރުމަކީ މިއަދު ޙައްލެއް ނޫން. މިއަދަކު ޙައްލެއް ނޫން އެއީކީއެއް. އެކަމެއް ނުވާނެ. އެކަން މިހާރު އެއޮތީ އަޅުގަނޑުމެންނަށް ނުކުރެވޭ ހިސާބަށް، އެ ޢަދަދުތައް ބޮޑުވެގެން ގޮސް އެކަން ނުވާ ހިސާބުގައި. އެހެންވެގެން ދެން މިކަން ކުރެވޭނެ ގޮތަކީ ހަމަ ކޮންމެ ޒުވާނަކަށްވެސް ދިރިއުޅެވޭނެ ފްލެޓެއް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ސަރުކާރުން. އެ ޖާގަ ސަރުކާރުން އުފައްދައިދޭނެ. އެކަމަކު އެއީ އެމީހާ އަރން ކުރާ އެއްޗަކަށް. އެމީހާ ފައިސާ ދައްކައިގެން، އެ ފުރްޞަތު ހޯދަންޖެހޭ ކަމަކަށް އެބަވޭ. އެހެންވެގެން ސަބްސިޑީތަކަށް އަންނަ ބަދަލުތައްވެސް މި އަންނަނީ. ހަމަ އެހެންވެގެން ޒުވާނުންނަށް ފުރްޞަތު އިތުރުކޮށްދީފައި، އަޅުގަނޑު މިދެންނެވިގޮތަށް، އިޤްތިޞާދު ސްޓިމިއުލަސް ކުރަން މިގެންދާ ޕްރޮޖެކްޓްތައްވެސް މިގެންދަނީ.
 
އެހެންވީމާ، މި ފުރްޞަތުތަކުގެ ބޭނުން ހަމަ ހުރިހާ ޒުވާނުން ހިއްޕެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާނެ ކަމެއް. ވަރަށް އެދޭ ކަމެއް. އެ ފުރްޞަތުތަކުގެ ބޭނުން ހިފިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން މި ތަޢާރުފްކުރާ މި ޕްރޮގްރާމްތައް ނޫނިއްޔާ މި ޕްރޮޖެކްޓްތައް، އެއް އަހަރުން އަނެއް އަހަރަށް، މީގައި ހިމެނޭ ކެޕިޓަލް ޢަދަދު، މިއަށްވުރެ މާބޮޑުތަން އިތުރުކުރެވިގެންދާނެ.
 
ދެން މިއަދުގެ މި ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ އަޅުގަނޑުވެސް ހަމަ ތިޔަބޭފުޅުންނަށް މީޑިއާގެ ތެރެއިން އެނގިވަޑައިގަންނަވާނެ، ހަމަ އުފާވެރި ކަމުގެ ޚަބަރު އިރާދަކުރެއްވިއްޔާ ދޭން އޮތީ. އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު މިއޮތީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ކޮންމެވެސްވަރެއްގެ ހަމަޖެހުމަކާ ހަމަޔަށް އައިއްސަ. އިތުރު ގޯސްތަކެއް ނުހަދާ އަދިވެސް އިޤްތިޞާދު ރަނގަޅު ކުރަން މިކުރާ މަސައްކަތުގެ ނަތީޖާ ހަމަ ފެނިގެންދާނީ، ދިވެހިރާއްޖެއަކީ މިހާރަށްވުރެ ވަރުގަދައަށް އިޤްތިޞާދީ ކަންކަން ރަނގަޅު ކުރަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި. ވާރލްޑް ބޭންކް ކަމުގައިވީނަމަވެސް، އައި.އެމް.އެފް ކަމުގައިވީނަމަވެސް އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ކަމުގައިނަމަވެސް ވެގެންދިޔުން. ފޮތެއްގައި އެ ވާހަކަ ލިޔުމެއް ނޫން މީގެ ބޭނުމަކީ. ފޮތެއްގައި އެ ވާހަކަ ލިޔުން، ނޫނިއްޔާ އެ ބޭބޭފުޅުންގެ ސަމާލުކަމަށް، އެ މުއައްސަސްތަކުގެ ސަމާލުކަމަށް މިކަން އައުމުގެ ބޭނުމަކީ، އަނެއްކާވެސް މިކަހަލަ ލޯން ޕްރޮގްރާމްތަކަށް ހަމަ އެ ތަންތަން މެދުވެރިކޮށް ލިބޭ ފައިސާވެސް އިތުރުވެގެން ދިޔުން. ދިވެހިރާއްޖެއަށް ސަރުކާރުގެ ނަމުގައި ނޫނީ ޕްރައިވެޓް ސެކްޓަރަށް ބޮރޯކުރަން ނޫނިއްޔާ ލޯނު ހޯދަންދާ ފަރާތްތަކަށްވެސް، އަޅުގަނޑުމެންގެ އިޤްތިޞާދާ ދޭތެރޭގައި ރަނގަޅު މެސެޖުތަކެއް، ނޫނީ ރަނގަޅު ވާހަކަތަކެއް، އެމީހުންގެ އެސެސްމަންޓްގައި ހުރެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ އެ ދާއިރާތަކުން ދިވެހިރާއްޖޭގެ ބޭނުމަށް ހުރި ފައިސާ އިތުރުވެގެންދާނެ. ހަމަ ބޭންކްތަކަށްވެސް އެކަން ވާނީ އެހެން. މިއަދުގެ މި ޕްރޮގްރާމަށްވެސް ހަމަ އެކަންވާނީ އެހެން. މި 8 މިލިއަން ރުފިޔާ އެގްޒޯސްޓް ވެގެންދާއިރު، ނިމިގެންދާއިރު، މީގެ ރިޓަރން، ނޫނީ އަނބުރާ ދެއްކުން އިތުރުވާ ކަމަށްވަންޏާ، މި ޢަދަދު އިތުރުވާނެ. ކުރިމަތިލާ މީހުންގެ ޢަދަދު އިތުރުވާ ކަމަށްވަންޏާ، މި ޢަދަދު އިތުރުވާނެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
 
އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް އަބަދުވެސް އިރާދަކުރެއްވިއްޔާ ހަމަޖެހޭ ދިރިއުޅުމެއް ފެނިގެން ދިޔުން ދިވެހިރާއްޖޭގައި. އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އަދި އަޅުގަނޑުމެންގެ ޕާޓީ ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް ހަމަޖެހުމެއް އަންނާނީ، އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތަކަކާ އެއްގޮތަށް ކަންކަން ކުރަން ކެރި ތިބެގެން. އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލުތައް އެހެރީ ޤާނޫނުތަކުގައި ލިޔެވިފައި. އެހެންވީމާ، ޤާނޫނު ތަންފީޛު ކުރުމަކީ، މި ސަރުކާރުން ދިވެހިރާއްޖެއަށް ހަމަޖެހުން ގެނައުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން.
 
އަޅުގަނޑުމެން އެދެނީ، ދިވެހިރާއްޖެއަށް އަބަދުވެސް އުފާވެރި ދުވަސްތަކެއް ﷲ މިންވަރު ކުރެއްވުން.
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه