‏ދިވެހިސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުގެމަތިން ޒުވާނުން މަސްވެރިކަމަށް އަޙުލުވެރިކުރުވާ، ‏‏މަސްވެރިކަމުގެ ޞިނާޢަތުގައި ބައިވެރިކުރުމަށް އަމާޒުކޮށްގެން ޒުވާން މަސްވެރިންނާއި އޮޑިވެރިން ‏‏އިތުރުކުރުމަށާއި މަސްދޯނިފަހަރު ބަނުމަށާއި ދޯނިފަހަރަށް ބޭނުންވާ އިންޖީނާއި ޒަމާނީ ވަޞީލަތްތައް ‏‏ހޯދުމުގައި މާލީގޮތުން އެހީތެރިވެދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ލޯން ސްކީމުގެ ދަށުން، ލޯނު ‏‏ލިބުނު 14‏‎ ‎‏ފަރާތަކަށް‏ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯން ލިބުނުކަމުގެ ‏‏ލިޔުން ހަވާލުކޮށްދެއްވައިފިއެވެ. ލޯން ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިއަދު ބޭއްވެވި ޙާއްޞަ ރަސްމިއްޔާތެއްގައެވެ. ‏

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏‏މަސްވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖޭގައި އަބަދުވެސް ވަރަށް ‏‏ބޮޑެތި ގޮންޖެހުންތަކަކާ ‏‏ކުރިމަތިލާންޖެހޭ ދާއިރާއެއް ކަމުގައި ބަޔާންކުރެއްވިއެވެ. މިގޮތުން، ‏ޒުވާން މަސްވެރިންނާއި ‏‏އޮޑިވެރިންގެ ލޯން ސްކީމަކީ މަސްވެރިންނަށް ހިތްވަރު ދިނުމަށާއި، އިޤްތިޞާދު އާރާސްތު ކުރުމަށް ‏‏ހިތްވަރު ދިނުމަށް ބޭނުންތެރި ރަނގަޅު މަސައްކަތަކަށް ވެގެންދާނެ ކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ. މީގެއިތުރަށް، ލޯން ސްކީމްގެ 60 ޕަސެންޓް އަމާޒުކޮށްފައި ވަނީ ޒުވާން ‏‏‏މަސްވެރިންނަށް ކަމުގައި ފާހަގަކުރައްވަމުން، މި ޕްރްގްރާމަކީ ޒުވާނުން އިޤްތިޞާދީ މަސައްކަތުގައި ‏‏ބައިވެރިކުރަން އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިގެންދާ ‏‏ކަމެއްކަމުގައި ވިދާޅުވިއެވެ. ‏

‏ދިވެހިރާއްޖޭގެ އިޤްތިޞާދު ގިނަބަޔަކަށް އޭގެ މަންފާ ލިބޭ ގޮތަކަށް، އަދި ‏‏‏ބައިވެރިވެވޭ ގޮތަށް ހުޅުވިފައި އޮތުން އެއީ މިސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވަމުން، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ހިންގަވާ މިފަދަ ޕްރޮގްރާމުތަކުގައި ގިނަ ‏‏ޒުވާނުން ކުރިމަތިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ‏‏އިލްތިމާސްކުރެއްވިއެވެ. ‏މި ޒުވާން އޮޑިވެރިޔާގެ ‏‏ލޯންސްކީމުގައި ބައިވެރިވާ ޒުވާނުންގެ އަދަދު އިތުރުވާނަމަ، މި‏މަޝްރޫޢަކީވެސް ހަމަ މިއަށްވުރެ ‏‏ވަރުގަދައަށް، މިއަށްވުރެ ބޮޑެތި ޢަދަދުގެ ފައިސާ، ސަރުކާރުގެ ‏‏ބަޖެޓުން ހަމަޖައްސައިދެވޭނެ ކަންކަން ‏‏ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ‏އެއްވެސް ‏‏މީހަކަށް އަނެކަކު ‏‏މުއްސަނދިކޮށެއް ނުދެވޭނެ ކަމަށާއި، ސަރުކާރުން ކޮށްދެއްވޭނެ ކަމަކީ ‏‏ފުރްޞަތުތައް ‏‏ތަނަވަސްކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މުއްސަނދިވުމާއި ފުރްޞަތުގެ ‏‏ބޭނުން ހިފަން ކެރުމުގެ ހިތްވަރު، ‏‏އެކަންކަމަށް އަމާޒުކުރެވޭ މީހުންގެ ކިބައިގައި ހުންނަން ‏‏ވާނެކަމުގައި ބަޔާންކުރައްވަމުން، ގިނަ މީހުންތަކަކަށް އިޤްތިޞާދުގެ ‏‏މަންފާ ލިބޭ ކަމަށްވަންޏާ، ‏‏އެއިން ފައިދާ ވާނީ ހަމަ ޤައުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏ އަދި ޤައުމުގެ ‏‏ރައުސްމާލުގައި ބައިވެރިވާ މީހުންގެ ޢަދަދު، މިއަށްވުރެ އިތުރު ‏‏‏އެބަކުރަންޖެހޭކަމުގައިވެސް ‏‏އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.‏

‏މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަކީ ‏‏އާމްދަނީ ލިބޭ، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭ ބައެއް ކަމަށްވަންޏާ، ‏‏ޤައުމަށް ހަމަޖެހުން ‏‏ލިބިގެންދާނެކަމަށާއި، ‏ހުރިހާ އެންމެންނަކީ ވިޔަފާރީގައި، ނޫނީ އާމްދަނީ ހޯދުމުގައި ރަނގަޅު ‏‏މަސައްކަތްތަކެއް ކުރާ ‏‏ބައެއް ކަމަށްވަންޏާ، ‏އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ވިސްނުމުގެ ‏‏ތަފާތުވުންތަކަށްވެސް ޖާގައެއް ނުލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‏