بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،وَالصّـلاة وَالسّلام علـىأشرف الأنبياء والمرسلين،وعلى آلـه وصحبـه أجمعـين.
 
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރު، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ސީ.އީ.އޯ ޑޮކްޓަރ އަޙްމަދު ޝުކުރީ ޙުސައިން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޢިއްޒަތްތެރި މެންބަރުން، އަތޮޅު ކައުންސިލްތަކުގެ ރައީސުން، ކައުންސިލަރުން، މިއަދުގެ މި އުފާވެރި އިޙްތިފާލަށް ވަޑައިގެން ތިއްބެވި ބޭރު ޤައުމުތަކުގެ އެމްބެސެޑަރުން، އަދި ދައުލަތުގެ އިސްވެރިން، ޖަލްސާއަށް ވަޑައިގެން ތިއްބެވި ލޮބުވެތި ދަރިވަރުންނާއި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
ދިވެހިރާއްޖޭގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް، އެންމެ ފުރަތަމަ އައިސްފައި މިވަނީ 2010 ވަނަ އަހަރު، ރާއްޖޭގައި ތަޢާރުފް ވެގެންދިޔަ ލާމަރްކަޒީ ޤާނޫނުގެ ދަށުން. މިދެންނެވި ޤާނޫނުގެ ދަށުން ރާއްޖޭގައި ޤާއިމުވެގެންދިޔަ ކައުންސިލްތައް ވެގެންދިޔައީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައި އަސާސަކަށް. ލާމަރްކަޒީ ނިޒާމުގެ މައިގަނޑު ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދްމަތްތައް ހަރުދަނާކުރުން. ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ޚިދްމަތްތައް ބައްޓަންކުރުން. ރައްޔިތުންގެ އިޙްސާސްތައް ދަންނަ ބަޔަކު، އެ ޚިދްމަތްތައް ދިނުމުގައި އިންތިޚާބުވެފައި ތިބުން. އަދި ރައްޔިތުން ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުން ރުހި ގަބޫލުވާ ބަޔަކު އެ ޚިދްމަތް ދިނުމުގައި ދެމިތިބުން.
 
މިދެންނެވި ގޮތަށް ރާއްޖޭގެ ނިޒާމު ބައްޓަންވެގެން ގޮސް، އަޅުގަނޑުމެން މިއަދު   މި ފާހަގަކުރާ ގަވަރނަންސް ޑޭއެއް ރާއްޖޭގައި ފުރަތަމަފަހަރަށް ފާހަގަކުރެވުނީ 26 ފެބުރުވަރީ 2012 ގައި. ދެންމެ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޢިއްޒަތްތެރި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، މި ނިޒާމު މިހާ ހިސާބަށް އައިއިރުގައި، ޙިއްޞާކުރި ތަޖުރިބާތަކެއްގެ ވާހަކަ. އަދި ހަމައެޔާއެކީގައި، މިއަދުވެސް އެ ބަޙުޘް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. އެއްކަމަކީ މި ނިޒާމު ބައްޓަންވެފައިވާ ގޮތަށް ބަލާ ކަމުގައިވާނަމަ، އަޅުގަނޑުމެން ކުރި ތަޖުރިބާތަކުގެ އަލީގައި ބަދަލުތަކެއް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ. އެކަން އެގޮތަށް ފެންނަ ކަމުގައިވާނަމަ، އެކަމުގެ ދިރާސާތައް ކުރެވި، ބަޙުޘްތައް ކުރެވި، އެކަން ކުރަންޖެހޭ އެކިއެކި މަޤާމުތަކުގައި އެކަން ކުރިއަށްދާނެ. އަދި ކުރިއަށް ގެންދަންވެސްޖެހޭނެ. ދެވަނަ ކަމަކީ މި ނިޒާމުގައި ޚިދްމަތް ދެއްވަން ތިއްބެވި ބޭފުޅުންނަކީ، ނުވަތަ އެބޭފުޅުން މި ޝަރުޠުތަކަށް، އެބޭފުޅުން ޚިދްމަތް ދިނުމުގައި ޢަމަލުކުރައްވަންޖެހޭ މިންގަނޑާ ބެހޭގޮތުން ނިންމަންޖެހޭ ނިންމުންތައް.
 
މި ދެކަމަކީވެސް މިދެންނެވި ހަމަޔާއި މަގުން ކުރިއަށް ގެންދާނެ ކަންތައްތަކެއް. އެހެން ނަމަވެސް، މި ދެކަމުންކުރެ ކޮންމެ ކަމެއް ކުރިއަށްދިޔަ ކަމުގައިވީނަމަވެސް، އަޅުގަނޑުމެން މި އަސާސް، ޚިދްމަތް ދިނުމުގެ މި އަސާސް، ރައްޔިތުންނަށް ލުއިފަސޭހަ ފޯރުކޮށްދޭންޖެހޭ. ރައްޔިތުންނަށް ދެވޭ ޚިދްމަތް ހަރުދަނާ ކުރުން. ރައްޔިތުންގެ އިޙްސާސްތައް ވަޒަން ކުރެވިގެން، މި ޚިދްމަތް ދިނުން. ރައްޔިތުން ރުހޭ ބަޔަކު، މި ޚިދްމަތުގައި ދެމިތިބުން. މި އަސާސަކަށް ބަދަލެއް ނާންނާނެ. މި އަސާސް އެގޮތުގެ މަތީގައި ދެމިއޮންނާނެ. މިއަދު އަޅުގަނޑުމެން ހަނދާންކުރަންޖެހެނީ، އަޅުގަނޑުމެންގެ އަތޮޅުތެރެއާއި ރަށްރަށުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ އުޚުތުންނާއި އަޚުން، އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން ޙާޞިލުކުރަން ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް އެބަހުރިކަން. އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، އަޅުގަނޑުމެންގެ ރާއްޖެ އޮތްގޮތަށް ބަލާއިރުގައި، އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ ކަންތައްތައް ޙާޞިލު ކުރުމުގައި، ގޮންޖެހުންތަކެއްވެސް ހުރިކަން. އެކަމަކު އެޔާއެކީގައި އަޅުގަނޑުމެންނަކީ މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ޤައުމެއް. އެކަމުގެ ފައިދާ އަޅުގަނޑުމެންނަށް ނެގިއްޖެނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، ރައްޔިތުން ބޭނުންވާ ޚިދްމަތް ފޯރުކޮށްދިނުމުގައި، އަޅުގަނޑުމެންނަށް ނަތީޖާތަކެއް ނެރެދެވޭނެ.
 
ކޮންމެ ކައުންސިލެއްވެސް އަދި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ ޙަޤީޤަތަކީ، ދިވެހިންނަކީ ބޯދާ ޒަމާނުއްސުރެ ފެށިގެން މިއަދާ ހަމަޔަށްވެސް ތަރައްޤީއަށް ވަރަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ޤައުމެއް. ރާއްޖޭގެ ކޮންމެ ރައްޔިތަކު ބޭނުންވޭ ކުރިއަށްދާން. ރާއްޖޭގެ ސިޓީތަކާއި، އަތޮޅުތަކާއި، ކައުންސިލްތަކުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވޭ، ދުނިޔޭގެ އެހެން ތަހުޒީބީ މުޖްތަމަޢުތަކުގައި ހޯދާފަދަ ނަތީޖާ ނެރޭ މުޖްތަމަޢަކަށް އެމީހުން ވާން. އެކަން އަޅުގަނޑުމެންނަށް ފެނިގެންދޭ، ރާއްޖޭގެ މީހުން ދިރިއުޅޭ ވައްޓަފާޅިއާއި، ގެދޮރު ބިނާކުރުމާއި، ރާއްޖޭގެ ކިޔަވާކުދިން ހޯދަމުންދާ ނަތީޖާތަކާއި، ރާއްޖެ މިދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެއްދި މޮޅު އެކި ފަންނުގެ ތަފާތު ބޭބޭފުޅުންނާ. މިކަން ސާބިތުކޮށްދެނީ ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ބޮޑަށް ތަރައްޤީއަށް ބޭނުންވެފައިވާ ރައްޔިތުންތަކެއްކަން. އެހެން ނަމަވެސް، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ހަނދާންކުރަންވީ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. އެއީ މިދެންނެވި ޚިދްމަތް މިއަދު ރައްޔިތުންނަށް ލުއިފަސޭހަކޮށްދޭން ތިއްބެވި ބަޔަކީ، ތިޔަ ޢިއްޒަތްތެރި ކައުންސިލަރުން. ކައުންސިލްތަކުގެ ރައީސުން، ކައުންސިލްތަކުގެ މެންބަރުން. ތިޔަބޭފުޅުންނަކީ ރައްޔިތުންގެ ގަވަރުނަރުން.
 
މި ނިޒާމު ބައްޓަންވީކީ މިއަދަކު ނޫން. މި ނިޒާމު ޤާއިމުވެގެން އައީ އިސްލާމީ ޙަޟާރަތުގެ ތެރެއިން. ދުނިޔެ ގަބޫލުކުރާ ގޮތުގައި، ދުނިޔޭގެ ހިންގުމުގެ ނިޒާމަށް މި މުހިންމު ބަދަލު ގެންނެވި ޚަލީފާއަކީ، އަޅުގަނޑުމެންގެ ލޮބުވެތި ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު. މިއަދު ހަނދާނަށް ގެންނަންޖެހޭ، އެކަލޭގެފާނު ޚިލާފަތަށް އިސްވެވަޑައިގެން ދެއްވި ޚިޠާބުގައި، ވަރަށް މުހިންމު ނަޞޭޙަތުގެ ބަސްކޮޅެއް، އަޅުގަނޑުމެންނަށް އިއްވަވައިދެއްވި. އެކަލޭގެފާނު ވިދާޅުވެފައިވަނީ، [ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަހުރެންނަކީ ހަރުކަށި މީހެއް. އެހެންކަމުން، އަހުރެންނީ އޯގާތެރިއަކު ކަމުގައި ލައްވާނދޭވެ! އަހުރެންނީ ބަލިކަށި މީހެއް. އެހެންކަމުން އަހުރެންނަކީ ހިތްވަރުގަދަ މީހެއް ކަމުގައި ލައްވާނދޭވެ!] ގަވަރުނަރުންނާ ބެހޭގޮތުން އެކަލޭގެފާނު ވިދާޅުވި ވަރަށް މުހިންމު ބަސްފުޅެއްވޭ. އެކަލޭގެފާނު ވިދާޅުވަނީ، [އަހުރެން ގަވަރުނަރުންގެ ގޮތުގައި ޢައްޔަނު ކުރާނީ، އަމާނާތްތެރިކަމާއި، މަޤާމުތަކަށް ޝަރުޠު ހަމަވާ މީހުންނެވެ.] އެ ޝަރުޠެއްގެ ގޮތުގައި އެކަލޭގެފާނު ނެންގެވި އެންމެ މުހިންމު އެއްކަމަކީ، ކަންކަން ކުރަން ދަންނަ މީހުން، ގަވަރުނަރުންގެ ގޮތުގައި ޢައްޔަނު ކުރެއްވުން. އަދި ވިދާޅުވި، [މި މަޤާމަށް ޢައްޔަނު ކުރާނީ، ކޮންމެހެން އެންމެ ތަޤުވާވެރި މީހާއެއް ނޫނެވެ. އެންމެ މާތް މީހާއެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ކަންކަން ކުރަން ދަންނަ މީހުންނެވެ.] މިއީ، ވަރަށްބޮޑު ނަޞޭޙަތެއް. މިއީ، ވަރަށްބޮޑު އިރުޝާދެއް. ދެންމެ މިތަނުގައި އިފްތިތާޙުވެގެން މިދިޔަ ފޮތްތަކުން ޕަރފޯމަންސް އިންޑިކޭޓަރސްއާއި އަދި މި ނިޒާމު ހިންގަން ބޭނުންވާ ގޮތް ވަޒަންކުރުމަށްޓަކައި ކަންތައްތަކެއް އަޅުގަނޑުމެން އެކުލަވައިލިން.
 
މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން، އަޅުގަނޑުމެންނާ ހަމަޔަށް މިއޮތީ މި ނިޒާމު ބައްޓަން ކުރަންވާގޮތް ބަޔާންކުރެވިފައި. އެއީ ކޮބައިތޯ؟ ކައުންސިލަރަކަށްވިޔަސް، އަދި އަޅުގަނޑުމެންގެ ތެރެއިން މިފަދަ މަޤާމަކަށް ޢައްޔަނު ކުރެވޭ ކޮންމެ މީހަކަށްވިޔަސް، އެންމެ ފުރަތަމަ ހަނދާންކުރަންޖެހޭ ކަމަކީ، މިއީ އަމާނާތެއް ކަމަށް ގަބޫލުކުރުން، އޯގާތެރިވުން. ރައްޔިތުންނަށް ޚިދްމަތްކޮށްދިނުމުގެ އެންމެ އަސާސީ އެއް ސިފައަކީ ތިމާ ހަރުކަށިގޮތް ނުދެއްކުން. ތިމާ އެމީހުންނާ ދޭތެރޭގައި އިޙްސާންތެރިވުން. ބަލިމީހެއް އަތުވެދާނެ، ރޭގަނޑު ދަންވަރުވެސް. އޭނައަށް ފަހަރެއްގައި އެނގިފައިނުވެދާނެ، އާސަންދައިގެ ނިޒާމު ބައްޓަންވެފައި އޮތީ ކޮންގޮތަކަށް ކަމެއް. އޭނަ ޓަކިޖަހާނީ ކައުންސިލަރުގެ ގޭގެ ދޮރުގައި. އެވަގުތު އޭނައަށް އެންމެބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނީ، އެ އޯގާތެރި މުޢާމަލާތް ކުރުމުން.
 
އަޅުގަނޑުމެންގެ ރައްޔިތުން ތަރައްޤީއަށް ބޭނުންވޭ. ވިޔަފާރި ކުރާނީކީ ހަމައެކަނި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންނެއް ނޫން. އަޅުގަނޑުމެންގެ ހީވާގި މަސްވެރިންނާއި، ރަށްރަށުގެ ފިހާރަތައް ހުޅުވައިގެން އުޅޭ ފަރާތްތަކާއި، ދަނޑުވެރިކަން ކުރާ ފަރާތްތަކުންނާ، އެބޭފުޅުން ބޭނުންވާނެ، އެބޭފުޅުންގެ ވިޔަފާރި ފުޅާކުރަން. ކަންތައްތައް ލުއިފަސޭހަކޮށް އޮންނަގޮތް، އެބޭފުޅުންނަށް ހަމަޖައްސައިދިނުން. ކުއްޔަށް ހިފަން ބޭނުންވާ ބިން ހަމަނުޖެހިގެން އެތައް ދުވަހަކު، އެ ތަކުލީފުގައި ތަޙައްމަލް ކުރަން ޖެހުނީމަ އަސަރު ކުރާނެ، ވޭން އަޅާނެ، ވަރަށް ހިތްދަތި އިޙްސާސްތަކެއް ކުރާނެ. މިއިން ކޮންމެ ކަމެއްގެ އިޙްސާސް ދަންނަންވާނީ ކައުންސިލަރުން، އެބޭފުޅުން. އެއީ އޯގާތެރިވުމަކީ. އެއީ ޢުމަރުގެފާނުގެ ބަސްފުޅުގެ މުރާދަކީ. އަދި އެއީ މިއަދު އަޅުގަނޑުމެން ޢަމަލުކުރަންވާގޮތް. ޢުމަރުގެފާނު މަޤާމާ ޙަވާލުވެވަޑައިގެން، ރައްޔިތުންނާ ގުޅޭގޮތުން އިތުރަށް ވިދާޅުވެފައިވަނީ، [ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމަކީ، އެ ރައްޔިތުންގެ މައްޗަށް އޮތް ތިމަން ކަލޭގެފާނުގެ ޙައްޤެކެވެ. ތިމަން ކަލޭގެފާނުގެ ޙައްޤެކެވެ. އަދި ރަނގަޅަށް ތައްޔާރުނުވެ ހަނގުރާމައަށް ތިޔަބައިމީހުން ނުފޮނުވުމަކީވެސް ތިމަން ކަލޭގެފާނު ކުރަންޖެހޭ ކަމެކެވެ. އަދި ދިގު މުއްދަތަކަށް ހަނގުރާމައިގައި ރަށުން ބޭރުގައި ނުބޭތިއްބުމާއި، ހަނގުރާމައިގައި ހޭދަކުރާ ދުވަސްތަކުގައި، ބައްޕައެއް ފަދައިން ތިޔަބޭފުޅުންގެ ޢާއިލާތައް ބެލެހެއްޓުމަކީ، ތިމަން ކަލޭގެފާނުގެ މައްޗަށް އޮތް ޒިންމާއެކެވެ. ތިޔަބައިމީހުންގެ ކަންތައްތައް ރަނގަޅު ކުރުމުގައި، އަހުރެންނަށް އެހީތެރިވެދިނުމަށާއި، ރަނގަޅަށް ކަންތައްތައް ކުރުމަށް އަހުރެންނަށް އަމުރުކުރުމަށާއި، ނުބައި ކަންތައްތަކަކުން މަނާކުރުމަށް އަހުރެންނަށް ބާރުދިނުމަށާއި، އަދި އަހުރެންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތާމެދު އިޚްލާޞްތެރިކަމާއެކު މަޝްވަރާ ދިނުމަށް އަންގަމެވެ.] މުޅި ލޯކަލް ކައުންސިލްގެ ނިޒާމު މިއޮތީ ބަޔާންކުރައްވާފައި.
 
މިއަދު އަޅުގަނޑުމެން މި މަސައްކަތާއިގެން ކުރިއަށްދާއިރުގައި، އަޅުގަނޑުގެ އިލްތިމާސަކީ، މި އިޙްސާސްތައް ދަތުން. ތަރައްޤީ ރާއްޖޭގެ ރައްޔިތުން ބޭނުންވާކަން ގަބޫލުކުރުން. ކައުންސިލްތައް ޤާއިމުވެގެންދިޔައީ، ރައްޔިތުން ރުހޭ، ރައްޔިތުން ދަންނަ، ކޮންމެ ދުވަހަކު ދަނެ ފަރިތަ ބަޔަކު، އެމީހުންނަށް ޚިދްމަތް ދިނުމުގައި ޤާއިމުކުރުމަށްޓަކައިކަން އަޅުގަނޑުމެން ގަބޫލުކުރުން. އަދި އެކަން ކުރުމުގައި، އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އޯގާތެރިކަމާއި އިޙްސާންތެރިކަން، އަޅުގަނޑުމެން އަށަގެންނެވުން.
 
اللّـه سبحـانـه وتعـالىކީރިތި ޤުރްއާނުގައި، މުޅި މި ނިޒާމުގެ ވާހަކަ، ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައިވޭ. އެއީ އޭގެ ކުރީގައި އިންސާނީ ފިޠުރަތުގެ ތެރޭގައި މިކަންތައްތައް ޤާއިމުވެފައި އޮތް ގޮތް. ކީރިތި ޤުރްއާނުގެ އާޔަތެއްގައި ވަރަށް ޞަރީޙަކޮށް، اللّـه سبحـانـه وتعـالىބަޔާންކުރައްވާފައިވޭ. އެކަލާނގެ ވަޙީކުރައްވާފައިވަނީ، فَبِمَا رَحْمَةٍ مِّنَ اللَّـهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ  فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ  إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ. މި އާޔަތުގެ މާނައަކީ، [އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، ﷲގެ ހަޟުރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަ ފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާ ކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެތިވޮޑިގެންވެއެވެ.]
 
ލޮބުވެތި ކައުންސިލަރުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން!
 
އަޅުގަނޑުމެންގެ މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ވަރަށް ފަޚުރުވެރި އަހަރެއް. ރާއްޖޭގެ ހުރިހާ ރައްޔިތުން، ކައުންސިލްތައް، ރާއްޖޭގެ ހުރިހާ ވެރިން، ކިޔަވާކުދިން، މި އުފާވެރި މުނާސަބަތު، މި އުފާވެރި އިޙްތިފާލު ފާހަގަކުރުމުގައި، އެކުވެރިކަމާއި ހީވާގިކަމާއެކީގައި، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالىމިންވަރު ކުރެއްވި މަތިވެރި ނިޢުމަތް މަތިން ހަނދާންކުރާ ދުވަހެއް ކަމުގައި މި ދުވަސް އަޅުގަނޑުމެން ދެކި، އަދި އަޅުގަނޑުމެންނަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގައި ފައިތިލަ ސާބިތުވެ ތިބުމުގެ ތައުފީޤު އެކަލާނގެ މިންވަރު ކުރައްވާފައިވާ ބަޔަކަށްވާތީ، އެކަލާނގެ ޙަޟުރަތަށް ޝުކުރު އަދާކުރާ ދުވަހެއް ކަމުގައި މި ދުވަސް ހަދައި، މި ދުވަހުގައި އެކުވެރިކަމާއެކީގައި، ހުރިހާ ރައްޔިތުން މި ދުވަސް ފާހަގަކުރުމުގައި ސާބިތުވެ ތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىރާއްޖޭގެ ރައްޔިތުންނަށް އެއްދުވަހުން އަނެއް ދުވަހަށް ކުރިއެރުމާއި، ތަރައްޤީއާއި، ފާގަތިކަމާއި، ކާމިޔާބާއި، ފަލާޙު މިންވަރު ކުރެއްވުން. އަދި ރާއްޖޭގެ ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރާއްޖޭގެ އެކިއެކި ހިންގުމުގެ ދާއިރާތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ ތައުފީޤު، اللّـه سبحـانـه وتعـالىއަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. ރާއްޖޭގެ ރައްޔިތުންނަކީ އެކުވެރިކަމާއި، ޞުލްޙަވެރިކަމާއި އަމާންކަމަށް ލޯބިކުރާ ރައްޔިތެއް ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން. އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه