ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ރައްޔިތުންގެ އިޙްސާސްތައް ދަނެ، އޯގާތެރިކަމާއި އިޙްސާންތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް 4 އަހަރުފުރުން ފާހަގަ ކުރުމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް، އެންމެ ފުރަތަމަ އައީ 2010 ވަނަ އަހަރު، ރާއްޖޭގައި ތަޢާރުފް ވެގެންދިޔަ ލާމަރްކަޒީ ޤާނޫނުގެ ދަށުންކަން ފާހަގަ ކުރައްވަމުން، ކައުންސިލްތައް ޤާއިމުވެގެންދިޔައީ، ރައްޔިތުން ރުހޭ، ރައްޔިތުން ދަންނަ، ކޮންމެ ދުވަހަކު ދަނެ ފަރިތަ ބަޔަކު، އެމީހުންނަށް ޚިދްމަތް ދިނުމުގައި ޤާއިމުކުރުމަށްޓަކައިކަން ހަނދާންކޮށްދެއްވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ލާމަރްކަޒީ ނިޒާމުގެ މައިގަނޑު ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދްމަތްތައް ހަރުދަނާ ކުރުމާއި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ޚިދްމަތްތައް ބައްޓަން ކުރުމާއި، ރައްޔިތުންގެ އިޙްސާސްތައް ދަންނަ ބަޔަކު، އެ ޚިދްމަތްތައް ދިނުމުގައި އިންތިޚާބުވެފައި ތިބުމާއި، އަދި ރައްޔިތުން ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި، ރައްޔިތުން ރުހި ގަބޫލުވާ ބަޔަކު އެ ޚިދްމަތް ދިނުމުގައި ދެމިތިބުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކައުންސިލަރަކަށްވިޔަސް، އަދި އަޅުގަނޑުމެންގެ ތެރެއިން މިފަދަ މަޤާމަކަށް ޢައްޔަނު ކުރެވޭ ކޮންމެ މީހަކަށްވިޔަސް، އެންމެ ފުރަތަމަ ހަނދާންކުރަންޖެހޭ ކަމަކީ، މިއީ އަމާނާތެއް ކަމަށް ގަބޫލުކުރުން. އޯގާތެރިވުން. ރައްޔިތުންނަށް ޚިދްމަތްކޮށްދިނުމުގައި އެންމެ އަސާސީ އެއް ސިފައަކީ ތިމާ ހަރުކަށިގޮތް ނުދެއްކުން. ތިމާ އެމީހުންނާ ދޭތެރޭގައި އިޙްސާންތެރިވުން."
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މި އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ހުރިހާ ރައްޔިތުން، މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގައި، އެކުވެރިކަމާއި ހީވާގިކަމާ އެކީގައި، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވި މަތިވެރި ނިޢުމަތް މަތިން ހަނދާންކޮށް، ޝުކުރުކުރާ ދުވަހެއް ކަމުގައި މި ދުވަސް ދެކެންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެކުވެރިކަމާ އެކީގައި، ހުރިހާ ރައްޔިތުން މި ދުވަސް ފާހަގަކުރުމުގައި ސާބިތުވެ ތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިލްތިމާސް ކުރެއްވިއެވެ.