‏އެއްވެސް ސިޔާސީ މީހަކު އަދި އެއްވެސް ސިޔާސީ ލީޑަރަކު ނުވަތަ ‏‏ސިޔާސީ ޕާޓީއަކުން ބުނާ ކަމެއް ‏‏ކުރުމުގައި، މުސްތަޤްބަލް ގެއްލޭ ކަހަލަ ކަންތަކުން ދުރުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ‏‏މިކަން އިލްތިމާސް ކުރެއްވީ، ‏ޔޫތު ލީޑަރސް ނެޓްވަރކް ‏ރަސްމީކޮށް އިފްތިތާޙު ކުރުމަށްޓަކައި ‏‏މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ މީހުން އެކިކަހަލަ ކުށްތަކަށް ‏‏އަރައިގަތުމަށް ހިތްވަރުދީގެން، މިހާރުވެސް އެތަކެއް ޒުވާނުންނެއް ހަލާކުވެގެން ގޮސްފައިވާކަމުގައި ‏‏ފާހަގަކުރެއްވިއެވެ. މިގޮތުން، ޒުވާނުންނަށް އަންނަ ހަމަޖެހުމެއް އަންނަން ޖެހޭނީ، އަދި ޒުވާނުންނަށް ‏‏ބޭނުންވާ ކަހަލަ ކަންތައްތައް ‏‏ހަމަޖެހިގެން ދާންވާނީ، ސަރުކާރުން އެމީހުންނަށް ޤާއިމުކޮށްދޭ ‏‏އުޞޫލުތަކުގެ ތެރެއިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ‏‏ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ‏‏މިއަދުގެ ޒުވާނުންނަށް ނަޞޭޙަތްދީ، ޒުވާނުންނަށް މިޞްރާބު ‏‏ޖަހައިދީގެން، އަދި ޒުވާނުންނަށް ‏‏ލީޑަރޝިޕް ދައްކައިގެން މަސައްކަތް ކުރާ ކަމަށްވަންޏާ، މަސައްކަތް ކުރަންވާނީ ދިވެހިރާއްޖޭގެ ‏‏ނިޒާމުތަކަށް އިޙްތިރާމްކޮށްގެން ކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ޒުވާނުން ބޭނުންކުރަންވީ، ‏‏ޒުވާނުންގެ 'ޕޮޒިޓިވް އެނަރޖީ' ޤައުމު ބިނާކުރުމުގައި އަދި ރަނގަޅު ކަންތައްތައް ހޯދައިދިނުމަށް ‏‏ކަމުގައި ވިދާޅުވަމުން، މި އުފެދިގެންދާ ޔޫތު ނެޓްވޯކަކީ، މި ދެންނެވި ގޮތަށް ޒުވާނުންގެ ހަކަތަ ‏‏ހެޔޮގޮތުގައި ބޭނުންކުރުމަށް ސަރުކާރުން ކުރެވޭ މަސައްކަތުގެ ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އެއްވެސް ‏‏ކަހަލަ އުނިކަމެއް އަންނަ ކަމަކަށް ބޭރު ބަޔަކަށް ދަޢުވަތު ‏‏ދޭކަށް މިސަރުކާރުން ޖާގައެއް ނުދެއްވާނެ ‏‏ކަމުގައި ވިދާޅުވަމުން، ދިވެހިންގެ ދާޚިލީ ކަންކަން ‏‏ނިންމުމަކީ، ދިވެހިންގެ އަތްމަތީގައި ‏‏އޮންނަންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ‏‏ބޭރު ‏‏ފަރާތްތަކަށް ޖާގަދީގެން، ދާޚިލީ ކަންތައްތައް ‏‏ނިންމަން ބޭރު ފަރާތްތަކުގެ ބަސް ‏‏ހޯދަން އުޅޭ ‏‏އުޅުމަކީ ސިޔާސީ މީހުން ކޮށްގެންވާނެ ކަމެއް ‏‏ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ‏‏މިގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުން ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ‏‏ބޭނުމަކީ ދިވެހިންގެ ދާޙީލީ ކަންކަން ނިންމުމުގެ ޤާބިލުކަން ‏‏ ‏‏ހޯއްދަވައިދެއްވުން ކަމުގައި ‏‏އެމަނިކުފާނު ވިދާޅުވިއެވެ.‏

‏ޔޫތު ލީޑަރސް ނެޓްވޯކް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، މި ‏‏ނެޓްވޯކުގެ މެމްބަރުންނަށް، މެމްބަރެއްކަން އަންގައިދޭ ލިޔުން ރައީސުލްޖުމްހުރިއްޔާ ‏‏ހަވާލުކޮށްދެއްވިއެވެ. ‏
‏‏‏
‏"ޔޫތު ލީޑަރސް ނެޓްވޯކް" އަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މުއްދައްގައި، ‏‏‏ޤައުމިއްޔަތު ދިރުވާ އަދި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މޭންޑޭޓާ ގުޅިގެން، ‏ޔުނިވަރސިޓީ ‏‏އަދި ކޮލެޖްތަކުން ދަރިވަރުން އެކުލެވޭ‏ ގޮތަށް، ‏‏މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އުފެއްދާފައިވާ ‏‏ނެޓްވޯކްއެކެވެ. މި ނެޓްވޯކުގެ ‏މަޤްޞަދަކީ ދިވެހި ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ހަދައި، ‏‏މަދަނީ ގޮތުން ޙަރަކާތްތެރިވެ ‏‏އުޅުމަށް މަގުފަހި ކޮށްދިނުމުގެ އިތުރުން، ޒިންމާދާރު ގޮތެއްގައި ‏‏ޙަރަކާތެރިވެ އުޅުމުން ‏‏މަޙްރޫމުކުރާ ފަދަ އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން، ޚާއްޞަކޮށް މަސްތުވާ ‏‏ތަކެތި ‏‏ބޭނުންކޮށް އެއަށް ދެވިހިފުމުން، ކުދިންނާއި ޒުވާނުން ދުރުހެލި ކުރުމަށް ހޭލުންތެރިކަން ‏‏‏އިތުރުކުރުމެވެ.‏