بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، މިއަދު މިއީ ދިވެހިރާއްޖޭގައި މިނިވަން 50 އަހަރު ފުރޭ އިޙްތިފާލާ ދިމާކޮށް، ވަރަށް ޚާއްޞަ ރަސްމިއްޔާތެއް ފާހަގަކުރެވިގެންދާ ދުވަހެއް. ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ހުރިހާ އެންމެން އެބަ ގަބޫލުކުރަން، ދިވެހިރާއްޖޭގެ މުސްތަޤްބަލަކީ ޒުވާނުންކަން. ދިވެހިރާއްޖޭގެ މިއަދަކީ ޒުވާނުންކަން. އަދި ދިވެހިރާއްޖޭގެ ޙާލަތު ރަނގަޅު ގޮތަކަށް ބަދަލުކުރަން ތިބި ބަޔަކީ ޒުވާނުންކަން. ދިވެހިރާއްޖޭގައި ފެނިގެންމިދާ ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެކި ދާއިރާތަކުން ލޯވަޅު އެޅެމުން، ދިވެހިރާއްޖޭގެ ކަންތައްތައް ހަލާކުވެގެންދާތަން. އެކަމަކު އެޔާއެކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ލިބޭ އުފަލެއް ކަމުގައިވޭ، އަދި ވާހަކަ ދައްކަވާ ކޮންމެ ބޭފުޅަކު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވާއިރު، ދިވެހިރާއްޖޭގެ ހަމަޖެހުމާއި، ޤައުމުގެ އިސްތިޤްލާލާއި، ޤައުމުގެ މިނިވަންކަމާ، މިހެންގޮސް އަޅުގަނޑުމެން ޓެކްސްޓް ފޮތްތަކުން އަޑުއަހަން ބޭނުންވާ ހުރިހާ ރީތި އިޞްލާޙުތަކެއްގެ ވާހަކަ އަޅުގަނޑުމެން ދައްކަން.
 
އެކަމަކު އެޔާއެކީ ހަމަ މި ވާހަކަ ދައްކާފައި ނުކުމެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ގެއްލުން ލިބޭ ކަހަލަ ކަންތަކަށް ގޮވާލައި، ދިވެހިރާއްޖެއަށް ޓޫރިސްޓުން އައުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް ގޮވާލައި އަދި އަޅުގަނޑުމެން ބޭނުންވާ ކަންކަން ނިންމޭނީ، ފައިޞަލާ ކުރެވޭނީ، ޤާއިވެފައި ހުންނަ ނިޒާމުތަކުގެ ބޭރުން މަގުމަތީގެ ޙަރަކާތުން ކަމަށް ގޮވާލާ ގޮވާލުން. ޔުނިވަރސިޓީ ކުދިންނަށް ގަބޫލުކުރެވޭނެ، މިއީ އަޅުގަނޑުމެންގެ އެންމެބޮޑު ޕެރަޑޮކްސް. އެންމެބޮޑު އަރަތެއް. ނޫނިއްޔާ އެންމެ ހެއްވާ ކަންތައް. އެއްކޮޅުން އަޅުގަނޑުމެން މިއުޅެނީ ޒިންމާދާރު، އަމާން ރައްޔިތެއް ޤާއިމުކުރަން. ޞުލްޙަވެރިކަމާއެކީ އުޅެވޭނެ މުޖުތަމަޢެއް ބިނާކުރަން. އެއްކޮޅުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އަޅުގަނޑުމެން ކޮންމެ މީހަކީ، ކޮންމެ މީހަކަށް ލިބިފައި އޮންނަ ޙައްޤަކީ، އަނެއް މީހާ އިޙްތިރާމްކުރާ ޙައްޤަކަށް ހަދަން. އެކަމަކު އެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މިކަން ތަންފީޛު ވެގެންދާއިރު، ޙައްޤުތަކަކީ ޤާނޫނުން، ޤާނޫނުއަސާސީއިން އަދި އުޞޫލުތަކުން ކަށަވަރުކޮށްދޭ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ޙައްޤުތަކަކީ އެމީހަކަށް ހޯދުނު ގޮތަކަށް ހޯދޭނެ އެއްޗެއް ކަމަށް ވަކާލާތުކުރާ ވަކާލާތުކުރުން. މިއ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ގަބޫލުކުރާ އުޞޫލެއް ނޫން.
 
ދުނިޔޭގައި ވަރަށް ނާތަހުޒީބު ޒަމާންތަކުގައި، ވަރަށް ކުރީގައި އެތަކެއް ހާސް އަހަރުކުރިން ބޮޑެތި މައިދާންތަކަށް އެއްވެގެން، ކަންކަން ނިންމާ އުޞޫލު މިހާރުވަނީ އަޅުގަނޑުމެންނާ މާޒީވެ ގޮސްފައި. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ އެތަކެއް ޤަރުނުގައި ތަޖުރިބާކޮށް، ޕަރފެކްޓް ކޮށްފައި ހުރި ނިޒާމުތަކެއް. ނިޒާމުތައް ޕަރފެކްޓް ކުރުމުގެ މާނައަކީ، އެއްގޮތަކަށްވެސް ނިޒާމުތަކުގައި އުނި ކަންކަން ނޫޅޭ ވާހަކައެއް ނޫން. ނިޒާމުތައް ޕަރފެކްޓް ކުރުމުގެ މާނައަކީ، ތަޖުރިބާއާއެކީ އެ ނިޒާމުތައް ޓެސްޓްއައުޓް ކުރެވިފައި ހުރި ކަންތައްތައް. އަދި ޓެސްޓްއައުޓް ކުރާއިރު، ނިޒާމުތަކުގެ ތެރޭގައި ހުރި އުނދަގޫތައް ހުންނަކަން ފާހަގަކުރުމަކީވެސް ނިޒާމު ޓެސްޓްއައުޓް ކުރެވިގެންދާ ކަންތައްތަކުގެ ތެރޭގައި ކާމިޔާބީއާ އެކީގައި ބަލައިގަންނަ ކަމެއް. ކުރީ ޒަމާނުގައި ކަންކަން ނިންމުމުގައި ބޮޑެތި މައިދާންތަކުގައި ކަންކަން ނިންމާކަން އަޅުގަނޑުމެން ދަންނަމު. އަޅުގަނޑުމެން ތާރީޚު ފޮތްތަކުން ދެކެމު. އެކަމަކު މިއަދު އެކަންކަން ދޫކޮށްލާފައި، އެތަކެއް ޤަރުނެއް، އެތައް ސަތޭކަ އަހަރެއްވެގެން މިދަނީ، ކަންކަން ނިންމުމަކީ، ޤާނޫނުތަކެއް ހަދައި، އޭގެ މައްޗަށް އެންމެން ތަބާވެ، ޤާނޫނުތައް ތަންފީޛުކުރާ ބަޔަކާ، ކަންކަން ޙަވާލުކުރުން އެއީ، އެންމެ ރަނގަޅު ނިޒާމު ކަމަށް ގަބޫލުކޮށްގެން މި ގެންދަނީ. އަދި ކޮންމެ ސަރުކާރެއް، ރައްޔިތުންގެ ފަރާތުން ބަސްބުނާ ކޮންމެ ބަޔަކު، ރައްޔިތުން އިންތިޚާބު ކުރަނީ، މިދެންނެވި ހަމަޖެހުމާއި، މިދެންނެވި ކަށަވަރުކަން ރައްޔިތުންނަށް ގެނެސްދޭން ކަމަށް ގަބޫލުކުރެވޭ ނިޒާމު މިހާރު މިއޮތީ. ކޮންމެ ނިޒާމެއްގައި މި އޮންނަނީ ރެޕްރެޒެންޓެޓިވް ޑިމޮކްރަސީއެއް. އޭގެ މާނައަކީ، ރައްޔިތުންގެ ވިސްނުމާއި، ރައްޔިތުން ކުރިއަށްދާން ބޭނުންވާ އުންމީދުތަކާއި، ރައްޔިތުންގެ ޙައްޤުތައް ޤާއިމުކުރުމާއި، ރައްޔިތުން އެދޭ ކަންތައްތައް، ރައްޔިތުން އިންތިޒާރު ކުރާ ކަންތައްތައް ތަމްސީލުކޮށްދޭން ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު މިތިބެނީ.
 
އެހެންވީމާ، އޭގެ މާނައަކީ ސިވިލައިޒްޑްކޮށް، ނޫނިއްޔާ އެހެން މީހުންގެ އިޙްތިރާމް ލިބޭ ގޮތަށް ކަންތައްތައް ނިންމުމުގެ ނިޒާމަކަށް ޖާގަދީފައިވުން. ދެން އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ބޭބޭފުޅުން އަޅުގަނޑުމެންނަށް ތަޤްރީރު ކުރައްވާއިރުވެސް މި އަޑުއިވެނީ ޝޫރާގެ ވާހަކަ، މަޝްވަރާގެ ވާހަކަ. ކަންކަން ނިންމުމުގައި މަޝްވަރާ ކޮށްގެން ކަންތައްތައް ނިންމާ ވާހަކަ. މިނޫން ގޮތަކަށް ކަންކަން ނިންމުމެއް ނޯވޭ. ރައްޔިތުންގެ މަޖިލީހުގައިވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ކިތަންމެ ދަތިކޮށް މަޖިލީހުގެ ތެރޭގައި ކަންތައްތައް ހިނގިކަމުގައިވިޔަސް، ޝޫރާގެ އުޞޫލުތައް އިޚްތިޔާރު ކުރަންޖެހޭތަން. ރެޕްރެޒެންޓެޓިވް ޑިމޮކްރަސީއަކީ، އޭގެ އަސާސް ބިނާވެފައި މިއޮންނަނީ ޝޫރާގެ މައްޗަށް، މަޝްވަރާގެ މައްޗަށް. މަޝްވަރާ ކުރަން މިޖެހެނީ، ކަނޑައެޅިގެން ވަކިގޮތަކަށް ވަކިކަމެއް ކުރަން ލާޒިމުކޮށްފައި އޮންނަ ކަންތައްތައް ފިޔަވައި އެހެން ހުރިހާ ކަމެއްގައި. އެއްގޮތަކަށްވެސް އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅެއް އަރުވާކަށެއް ނޫން. އެހެން ނަމަވެސް، މިއަދު އެހެން ހުރިހާ ދުވަހަކަށްވުރެ މުހިންމުވޭކަންނޭނގެ، މަޝްވަރާގެ ވާހަކައާއި އަދި އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރަން، ޒުވާނުންތަކެއް އިސްނަގައިގެން، ޒުވާނުންގެ ނެޓްވަރކެއް އުފެދި، ޔޫތު ލީޑަރުންގެ ނެޓްވަރކެއް އުފެދިގެންދާއިރު، މިކަންކަމާ ދޭތެރޭގައި ކުޑަކޮށް ވާހަކަ ދައްކާލަންޖެހޭކަންނޭނގެ.
 
އަޅުގަނޑުމެންގެ ތެރޭގައި ބަދަލުނުކުރެވޭ ގޮތަށް ޝަރުޢުގައި ހުންނަ ކަންތައްތަކެއް އެބަހުރޭ. މިއީކީ އަޅުގަނޑުމެން ބަޙުޘްކޮށް، ޝޫރާގެ ޚިޔާލުފާޅުކުރާ ކަންކަމެއް ނޫން. އެކަމަކު އެނޫން އެހެން ކަންތައްތަކަކީ އަޅުގަނޑުމެން ވިސްނައިގެން، އޭގެ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލައިގެން، ކަންކަން ނިންމާ ކަންތައްތައް. އޭގެތެރޭގައި ޑިމޮކްރަސީއަކީ ޕަރފެކްޓް ނިޒާމެކޭ ބުނާއިރުވެސް، ނޫނިއްޔާ ދެންހުރި ހުރިހާ އިމްޕަރފެކްޓް ނިޒާމުތަކަށްވުރެން އެންމެ އިމްޕަރފެކްޓްކަން ކުޑަ ނިޒާމަކީ ޑިމޮކްރަސީއޭ ބުނާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، ޑިމޮކްރަސީގައި މިކުރާ ކަމަކީ، ގިނަ ބައެއްގެ ރައުޔާ އެއްގޮތަށް ކަންތައްތައް ކުރުން. ދެން މީގައި ކްރިޓިކުން، ނޫނިއްޔާ ސުވާލު އުފައްދާ މީހުން ސުވާލު އުފައްދާނީ، ގިނަ ބަޔަކު އެއްގޮތަކަށް ވިސްނާ ކަމަށްވަންޏާ، ޙަޤީޤަތުގައި މައިނޯރިޓީގެ އިންޓްރެސްޓް ރައްކާތެރިނުވެ ހިނގައިދެޔޭ. ޝައްކެއްވެސްނެތްގޮތުގައި، އެކަން އެގޮތަށް ކުރާކަމަށްވަންޏާ، މައިނޯރިޓީ އިންޓްރެސްޓް ރައްކާތެރިނުވެ ހިނގައިދާނެ. އެހެން ނަމަވެސް، މައިނޯރިޓީ އިންޓްރެސް، ނޫނިއްޔާ ހަވާސާވެގެންދާ ބައެއްގެ އިންޓްރެސްޓް، ނޫނިއްޔާ އެމީހުންގެ ޙައްޤުގައި ކަންތައްތައް ރައްކާތެރިކުރުމަކީ، ޤާނޫނުއަސާސީއާއި އެއަށްވުރެ ބޮޑެތި ޤާނޫނުތަކުގައި އެއަށް ޖާގަދީގެން ހަދާފައި ހުންނަ ކަންތައްތައް. އެޔާއެކީވެސް ދެން ކަންކަން ނިމިގެންދާނީ، ހަމަ އެބައެއްގެ ކަންކަން ތިބޭ ބައެއްގެ އަޚްލަބިއްޔަތުން. އެއީ ވަކި ދިވެހިރާއްޖެއަކު ނޫން. އެމެރިކާގައި ވިޔަސް، އިންޑިޔާގައި ވިޔަސް އަދި އިނގިރޭސިވިލާތުގައި ވިޔަސް، އެކަން އޮންނަ ގޮތް.
 
އެހެންވީމާ، ދިވެހިރާއްޖޭގައި މިހާރު މިއުޅެނީ ވަކި އާ ނިޒާމެއް އައިސްގެނެއް ނޫން. ހަމައެކަނި ތަފާތަކީ، ޙާލަތު ބަދަލުކުރުމަށް އަޅުގަނޑުމެން އިޚްތިޔާރު ކުރާގޮތް ތަފާތުވެގެން އުޅޭ އުޅުން. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ކިޔެވެލީގެ ދިގު ރާސްތާ ނިންމާފައި އަޅުގަނޑުމެން ހުރިހާ އެންމެންނަކީ، ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ބަޔަކަށްވެގެން ދިޔުން. މިއަށްވުރެން މުހިންމު ކަމެއް، އެއްވެސް ޤައުމަކު ނޯންނާނެ. ކިޔަވަނީ، އެ ބޭނުން ޙާޞިލުކުރުމަށްޓަކައި. އަދި އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް ކުރާ މަސައްކަތަކީވެސް ހަމަ މިދެންނެވި ބޭނުމަށް ކުރާ މަސައްކަތް. އެހެންވީމާ، ކިޔަވައި ނިންމާފައި އަދި ކިޔަވަމުންދާއިރު، ނޫނީ ސިޔާސީ މަސައްކަތުގައި އުޅޭއިރު، ނޫނީ އޮފީސް ނިންމާފައި ދާއިރު، ދެން އަޅުގަނޑުމެން ނުކުމެ ކުރާ މަސައްކަތާ ދޭތެރޭގައި މިއަދުގެ ޒުވާނުން ވިސްނާވަޑައިގެން ދެއްވަންޖެހޭނެ. އަޅުގަނޑުމެންގެ ޒުވާން އޮންޓްރޮޕްރޮނަރުން، ނޫނިއްޔާ ޒުވާން ލީޑަރުން، ނޫނިއްޔާ ޒުވާނުންގެ ލީޑަރޝިޕް ދައްކާނެ ރޯލްމޮޑެލްތަކެއް ހެދުމުގެ ބޭނުމަކަށްވަނީ، މިދެންނެވި ކަހަލަ، މިވަގުތު ދިވެހިރާއްޖޭގެ އަޅުގަނޑުމެންގެ މުޖްތަމަޢު މި ބަރުދާސްތުކުރާ އެތަކެއް މިކަހަލަ ޝޮކުން އެބްޒޯބްކޮށް، ނޫނިއްޔާ ޝޮކުން ސަލާމަތް ކުރެވޭނެ ޒުވާނުންތަކެއް އަޅުގަނޑުމެންނަށް އުފައްދައިދެވިދާނެތޯ ބަލަން ކުރާ މަސައްކަތެއް.
 
ޝައްކެއްވެސްނެތްގޮތުގައި، މިނިވަންކަން، އޭގެ އެންމެ ރަނގަޅު ގޮތުގައި އަޅުގަނޑުމެން ދަމަހައްޓަން ބޭނުންވާއިރު އަދި 50 އަހަރުގެ އުފާވެރި ދުވަސްތަކެއް ފާހަގަކުރާއިރު، މިކަހަލަ ނެޓްވަރކެއް ވުޖޫދަށް އައިސް އަދި މި ނެޓްވަރކްގެ ތެރެއިން ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ގޮތަށް، ލީޑަރުންތަކެއް ޢައްޔަނު ކުރެވިގެން މިދިޔައީ، ކޮލެޖް ކުދިންތަކެއް. މިކުދިންގެ ތެރެއިން އަޅުގަނޑުމެން ރީޗްއައުޓް ކުރަން ބޭނުންވަނީ، ރަނގަޅު މެސެޖްތަކަކާ އެކީ އެހެން ޒުވާނުންނާ ހަމަޔަށް ދާން. ޒުވާނުންގެ އެންމެބޮޑެތި މައްސަލަތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި މަސްތުވާތަކެތީގެ މައްސަލަތައް މިއުޅެނީ. ޒުވާނުންގެ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި މިއުޅެނީ، ނިޒާމުތަކަށް އިޙްތިރާމް ކުރާނެތޯ، ނޫނިއްޔާ ނިޒާމަށް އިޙްތިރާމް ނުކޮށް، މިކަން ކުރެވޭނެ އެހެން ގޮތެއް އޮތްތޯ؟ މި އުފެދޭ ސުވާލު. ނޫނިއްޔާ ސިޔާސީ މީހުން އުފައްދައިދޭ ސުވާލުގެ ޖަވާބު، ޒުވާނުން ހޯދަން ބޭނުންވަނީ. ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، މާލޭގައި އަދި ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ނުލިބިގެން މިދަނީ. ދެން ވަޒީފާގެ ފުރްޞަތު ނުލިބޭ ކަމަށްވަންޏާ، އެކަންކަން ޙައްލުކުރަން، ނޫނީ އެކަންކަމާއިގެން ކުރިއަށްދާން އޮތް މަގަކީ ކޮބައިތޯ ސުވާލު ކުރުމުގެ ޖާގަ މި ލިބެނީ. ޒުވާނުންނަށް ޖާގަ މި ލިބެނީ، މި ސަރުކާރުން ޒުވާނުންނަށް އެހާބޮޑު އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރާއިރު، މާލޭ ކައިރީގައި ޒުވާނުންނަށް ސިޓީއެއް ހަމަޖެހިގެންދާއިރު، ޒުވާނުންގެ އެމްބެސެޑަރުންގެ ތެރެއިން، ޒުވާނުންގެ ލީޑަރުންގެ ތެރެއިން، އަޅުގަނޑުމެން ރީޗްއައުޓް ޕްރޮގްރާމެއްގެ ތެރޭގައި، އެހެން ޒުވާނުންގެ ކައިރީގައި ބުނަން ބޭނުންވަނީ، ޒުވާނުންނަށް ޖާގަ އެބައޮތޭ، މާލެ ކައިރިއަށް އައިސް އުޅެން. ޒުވާނުންނަށް ވިސްނައިދޭން ބޭނުންވަނީ، ޒުވާނުން ރަނގަޅު މަގުގައި ހިނގަން. ޒުވާނުން ރަނގަޅު މަގުގައި ހިނގުމަކީ، އުޞޫލުތަކެއް ދަމަހައްޓަން ކުރެވޭ މަސައްކަތް. އަދި ޒުވާނުންނަށް ފައިދާ އޮތް ގޮތަކީ ކޮބައިތޯ ކިޔައިދޭން ހަމަ ޒުވާނުންތަކެއް ނުކުމެ މި މަސައްކަތް ކުރަނީ. މިއީކީ ހަމައެކަނި ސިޔާސީ މީހުން ކުރާ މަސައްކަތަކަށްވާކަށް ނުޖެހޭ. ސިޔާސީ މީހުން ކުރާ މަސައްކަތުގައި، މިދެންނެވި ކަހަލަ ވިސްނުމުގައި، ނޫނިއްޔާ އެމީހުންގެ ވިސްނުން، ދައްކާ ވާހަކަ، ޢަމަލީ މަސައްކަތްތައް ތަންފީޛު ވެގެންދާއިރު، އިޚްލާޞްތެރިކަން ނެތީމަ، ސިޔާސީ މީހުން ދައްކާ ވާހަކަޔާ ދޭތެރޭގައި، ރާއްޖޭގައި މިހާރު ވިސްނާ ހުރިހާ އެންމެންގެ ފިކުރު، އެކަމާ ދޭތެރޭގައި ސުވާލު އުފައްދާ.
 
އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ތިޔަ ޒުވާން ކުދިންނަށް ކިޔަވައިދޭ ކޮލެޖްތައް ހިންގާ އިސް ފަރާތްތަކުން، ދިވެހިރާއްޖޭގައި ޓުއަރިސްޓުން އައީމަ، ކަލޭމެން ގެންނަ ޑޮލަރުން ދިވެހިރާއްޖެއަށް ލިބެނީ އިތުރު ހިތްދަތިކަމޭ، ބުނެފައި ޓްވީޓްކުރާ ޓްވީޓް ކުރުންތައް. ތިޔަ ކުދިން އުފައްދަންޖެހޭ ސުވާލަކީ، މިއީ ކިހާ ޒިންމާދާރު އެޑިޔުކޭޓަރަކަށް ވެވިދާނެތޯ؟ މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫން. މިއީ ކިހާ ކޮންޝަންސެއް، ކިހާވަރެއްގެ ސޯޝަލް ރެސްޕޮންސިބިލިޓީއެއް، ކިހާވަރެއްގެ އިޖްތިމާޢީ ޒިންމާއެއް އުފުލާ އެޑިޔުކޭޓަރެއްތޯ، ތިޔަބޭފުޅުން ސުވާލުކުރަންޖެހޭ. ކްލާސްރޫމްގައި ޞުލްޙައާއި މަސަލަސްކަމާއި އަދި މަޞްލަޙަތާއި، އަމާންކަމާއި، އަމާން ރައްޔިތެއް އުޅެންޖެހޭނެ ކަމަށް ވާހަކަ ދައްކާފައި ނުކުމެ، އަނެއް ދުވަހު ތަންތަން ހުޅުޖަހަން ހިތްވަރުދޭން ހުންނަ ކަމަށްވަންޏާ، ދައްކާ ވާހަކަޔާއި ޕްރީޗްކުރާ ކަންތައްތަކާއި، ތަންފީޛުކުރާ އެޖެންޑާއާ ކިހާ އިޚްލާޞްތެރި ކަމެއް ހުރިތޯ، މިއީ މިއަދު ސިޔާސީ މީހުންގެ ނުކުންނަ މައްސަލައަކީ. ރާއްޖެއަށް ހަމަޖެހުން އޮތްގޮތަކީ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން. މިކުރެވޭ ހުރިހާ މަސައްކަތަކީ އިޙްތިރާމް ކުރުން. އިޙްތިރާމަށް ބިނާވެފައި ކުރާ މަސައްކަތްކުރަން މިއަދު މި ފެށިގެން މިދަނީ. އިޙްތިރާމް ކުރުމަކީ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން. އިޙްތިރާމް ކުރުމަކީ މުދައްރިސުންނަށް، ކިޔަވާ ކުދިން، ދަރިވަރުން އިޙްތިރާމް ކުރުން. އިޙްތިރާމް ކުރުމަކީ، މުދައްރިސުން މުދައްރިސުންނަށް އިޙްތިރާމް ކުރުން. އަދި މުދައްރިސުން، އެޑިޔުކޭޝަންގައި ތިއްބަވާ ބޭފުޅުންނަށް އިޙްތިރާމް ކުރުން. އުޞޫލުތަކެއްގެ ތެރެއިން. އަދި އިޙްތިރާމް ކުރުމަކީ، ޤައުމެއްގައި އޮންނަންވާނެ ސިޔާދަތަށް އިޙްތިރާމް ކުރުން. އިޙްތިރާމް ކުރުމަކީ، ޤައުމުގައި އޮންނަ ދާޚިލީ މިނިވަންކަމަށް، މައްސަލަޖެހޭ ކޮންމެ ފަހަރަކު ބޭރު މީހުންނަށް ދަޢުވަތު ދޭން ގޮވާލުމެއް ނޫން. އިޙްތިރާމް ކުރުމަކީ ޤައުމަށް އިޙްތިރާމް ކުރުން. ޤައުމު ދެކެ ލޯބިވުން.
 
އަޅުގަނޑުމެން އ.ދ.ގެ ފެމިލީގެ ދައުލަތަކަށް ވެގެން އަޅުގަނޑުމެން މީގެ މެދުތެރޭގައި މިތިބެނީ އަޅުގަނޑުމެން ގަބޫލުކުރަނީ އަދި އ.ދ.ގައި ގަބޫލުކުރާ އުޞޫލަކީ، ރައިޓް އޮފް ސެލްފް ޑިޓަރމިނޭޝަން. އެބައެއްގެ ކަންކަން އެބައެއް ނިންމުމުގެ ފުރިހަމަ ޤާބިލިއްޔަތާއި، މަސްއޫލިއްޔަތާއި ޒިންމާ، އެ ދައުލަތަކަށް ލިބިގެންވާކަން. އެ ދައުލަތެއްގައި އެވަރު ހިތްވަރު ނެތް ކަމަށްވަންޏާ، އެއީ ދައުލަތެކޭ ބުނަން އަޅުގަނޑުމެން ޖެހިލުންވާންޖެހޭ. ޔޫ.އެން. ފެމިލީގެ ތެރެއަށް ވަދެގެން ދިވެހިރާއްޖެ ކިތަންމެ ކުޑަ ޤައުމެއް ކަމުގައި އުޅޭއިރުވެސް އަޅުގަނޑުމެން މިއުޅެނީ މިއުޗުއަލް ރެސްޕެކްޓާ އެކީގައި. އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއެކީ، އެއް ޤައުމުން އަނެއް ޤައުމުގެ ކަރާމާތަށް އަރައިނުގަތުމަށްޓަކައި އަދި އެއް ޤައުމުން އަނެއް ޤައުމުގެ ކަރާމާތަށް އަރައިގަނެ އިންވޭޑް ކޮށްފި ކަމަށްވަންޏާ، އެކަން ކުށްވެރި ކުރަންވެސް ކެރިގެން.
 
އެހެންވީމާ، ކިތަންމެ ކުޑަ ޤައުމެއްވެސް، ރައިޓް އޮފް ސެލްފް ޑިޓަރމިނޭޝަނަކީ، އެ ޤައުމެއްގެ ކިހާވަރެއްގެ ކެރެކްޓަރއެއް ހުރިތޯ ޓެސްޓްއައުޓްކޮށްދޭ ކަމެއް. ބޭސްޑް އޮން ރެސްޕެކްޓް. މިއުޗުއަލް ރެސްޕެކްޓް، އިޙްތިރާމް. އަދި އިޙްތިރާމް ކުރުމަކީ، ކަންކަން ނިމެންވާނީ ހަމަޖެހިފައި އޮންނަ އުޞޫލުތަކުންކަން ގަބޫލުކުރުން. ހަމަޖެހިފައި އޮންނަ އުޞޫލުތަކަށް ބަލާކަމަށްވަންޏާ، މިއަދުގެ ޙާލަތު ބަދަލުވެފައި އޮތްގޮތް ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުން. އިޙްތިރާމް ކުރުމަކީ، އަޅުގަނޑުމެންގެ ކަންކަން ނިންމާއިރު، ކޯޓުގައި އުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އެކަންކަމާ ބެހޭ މައްސަލަތަކަކަށް ވެގެނެއް ނުވާނެ. ދޭދޭ ދެމީހެއްގެ ދޭތެރޭގައި އުޅޭ މައްސަލަ ފައިޞަލާކޮށްފައި، އެ މައްސަލައިގައި ޙައްޤު ގެއްލިގެން ދަނީ ކާކަށްތޯ، ޙައްޤު ލިބެންވީ ކާކަށްތޯ ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެނގޭނެ ކަމެއް ނޫން. އެކަން ކުރުމަކީ މައްސަލައިގެ ދެފަރާތުގެ ވާހަކަ އަޑުއަހާފައި، ކޯޓް ރޫމެއްގެ ތެރޭގައި ނިމިގެންދާންޖެހޭނެ ކަންކަން. މިއީ އެންމެ ބޭސިކް ޑިމޮކްރަސީގައި ގަބޫލުކުރާ ގޮތް. އެންމެ އަސާސީ ވިސްނުމުގައި ގަބޫލުކުރާ ގޮތް މިއީ. އެހެންވީމާ، ދެމީހެއްގެ ދޭތެރޭގައި މައްސަލަ އުޅޭ ކަމަށްވަންޏާ، ދެމަފިރިއެއްގެ ދޭތެރޭގައި މައްސަލަ އުޅޭ ކަމަށްވަންޏާ، ވިޔަފާރިކުރާ ދެމީހެއްގެ ދޭތެރޭގައި މައްސަލަ އުޅޭ ކަމަށްވަންޏާ އަދި ދައުލަތާއި އެހެން ފަރާތަކާ ދޭތެރޭގައި މައްސަލަ އުޅޭ ކަމަށްވަންޏާ، އެ މައްސަލައަކީ ޖިނާއީ މައްސަލައަކަށްވިޔަސް، އަދި މަދަނީ ބަދަލެއް ލިބެންޖެހޭ މައްސަލައެއް ކަމަށްވިޔަސް، އެ މައްސަލަ ފައިޞަލާކޮށްފައި ނިންމާނީ ފަނޑިޔާރުން. އިންޞާފަށް ޢައްޔަނުކޮށްފައި ތިބޭ ބަޔަކީ ފަނޑިޔާރުން. އެކަހަލަ ކަންކަން ނިމެންވާނީ ކޯޓް ރޫމްގެ ތެރޭގައި. ކޯޓް ރޫމުން ބޭރުން އެކަންކަން ނިންމަން ގޮވާލާ ގޮވާލުމަކީ، ހުރި ނިޒާމުތަކަށް އިތުބާރު ނުކުރުން. އިޙްތިރާމް ނުކުރުން.
 
އެހެންވީމާ، ހުރި ނިޒާމުތަކަށް އިޙްތިރާމް ނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން އަނެއްކާވެސް 1960ގެ އަހަރުތަކަށް، ދުނިޔޭގެ ބައެއް ތަންތަނުގައި އޮތް މާއޮއިސްޓް ރެޖީމްތަކަށް، ނޫނީ ޗެގުވާރާގެ ރެޖީމްތަކަށް ދާކަށް އަޅުގަނޑުމެން މިހާރު އިޚްތިޔާރެއް ނުކުރާނެ. ކޮންމެ ކަމަކީ މަގުމަތީގެ ގަދަބާރުން ނިންމާ ކަމެކޭ ބުނާ ބުނުން، އަމާން ރައްޔިތެއް ބިނާކުރަން މިކުރާ މަސައްކަތުގައި، އެއީ އަޅުގަނޑުމެންގެ މާޒީގެ ތެރެއަށް އަޅުގަނޑުމެން ދޫކޮށްލަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ނިންމަންޖެހޭ. އަޅުގަނޑުމެން އިޙްތިރާމް ކުރުމަކީ، އަޅުގަނޑުމެން އެސްޓެބްލިޝް ކޮށްފައި މިއޮންނަ ނިޒާމުތަކަށް އިޙްތިރާމް ކުރުން. ނިޒާމުގައި ކަމުނުދާ މައްސަލައެއް ހުރެއްޖެ ކަމަށްވަންޏާ، ނިޒާމު ބަދަލުކުރަން އޮންނަ ނިޒާމެއްގެ ތެރެއިން އެކަން ބަދަލުކުރާނީ. ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހެއްގެ ޢުމުރުގައި މައްސަލައެއްގައި އުޅޭ ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހެއްގެ ޢުމުރުފުރަ ބަދަލުކުރުމަކީ ހަމަ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަމެއް. އެއީކީ ޤާނޫނާ ޚިލާފު ކަމެއްވެސް ނޫން. އަދި ޤާނޫނުގެ ރޫޙާ ޚިލާފު ކަމެއްވެސް ނޫން. އެކަން ކުރެވޭނީ އެކަން އޮންނަ މަގުން ހިނގައިގެން. އެކަމަކު އެކަން ނުކުރެވޭ ގޮތަކަށް، ބަދަލުނުވާ އެއްޗަކަށް އޮންނާނެ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. ޙާލަތު ބަދަލުވީމަ، ނިޒާމުތަކަށް އަންނަ ބަދަލު އަންނާނެ. އެކަމަކު ބަދަލު ނާންނާނީ، ބަދަލު ނާންނާނެ ކަމަކީ، ޤާނޫނުތަކެއް ހަދައިފި ކަމަށްވަންޏާ، އެ ޤާނޫނުން އިސްތިސްނާ ލިބެންވާނެ ބަޔަކު، އެ ޤާނޫނުގެ ޙިމާޔަތުން އެއްފަރާތުގައި ތިބެންވާނެ ބަޔަކު ތިބޭނެ ކަމަށް ބުނެފި ކަމަށްވަންޏާ، އެއީ އެއްވެސް މީހަކު ގަބޫލުކުރާނެ ޙާލަތެއް ނޫން. އެހެންވީމާ، އިޙްތިރާމް ކުރުމަކީ، އެތަންތަނުގައި އޮންނަ ނިޒާމުތަކަށް އިޙްތިރާމް ކުރުން. ނިޒާމުތައް ދަމަހައްޓަން ކުރާ މަސައްކަތް ކުރުން.
 
ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް މިއަދު ޒުވާނުންނަށް ނަޞޭޙަތްދީ، ޒުވާނުންނަށް މިޞްރާބު ޖަހައިދީގެން އަދި ޒުވާނުންނަށް ލީޑަރޝިޕް ދައްކައިގެން މަސައްކަތް ކުރާ ކަމަށްވަންޏާ، ބޭސިކް ކަންތައްތަކެއް ގަބޫލުކުރަން ކެރެންޖެހޭނެ. އެޑްމިޓް ކުރަންޖެހޭނެ. އެ ބޭސިކް ކަންތައްތަކަކީ، ސިޔާސީ ފިކުރާއެކީވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވެން ޖެހޭނެ ކަންތައްތައް. އަޅުގަނޑުމެންގެ ތެރޭގައި ހުރި ނިޒާމުތައް ބަދަލުވެގެން، ނިޒާމުތަކަށް އިޙްތިރާމް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ނިޒާމުތަކަށް އިޙްތިރާމްކުރާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ދާޚިލީ ކަންކަމަކީ ބޭރު ފަރާތްތަކަށް ޖާގަދީގެން، އަޅުގަނޑުމެންގެ ދާޚިލީ ކަންތައްތައް ނިންމާކަށް، ބޭރު ފަރާތްތަކުގެ ބަސް ހޯދަން އުޅޭ އުޅުމަކީ ސިޔާސީ މީހުން ކޮށްގެންވާނެ ކަމެއް ނޫން. މިއަދު މި އެސްޓެބްލިޝް ކުރެވޭ ޒުވާން ލީޑަރުންވެސް ދެނެވަޑައިގަންނަވަންވީ ކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ޒުވާން ކުދިން ކިޔަވައިގެން ތިޔަ ނުކުންނަނީ ކީއްކުރަންތޯ. އަދި ޒުވާން ކުދިން ކިޔަވައިގެން ނުކުމެ، ބޭރުގެ އެކި ހިސާބުތަކަށް ގޮއްސަ، އެކި ފެންވަރަށް ކިޔަވައިގެން އަންނަނީ މިއަދު ކީއްކުރަންތޯ. އެއީ، ދިވެހިރާއްޖޭގެ ކަންތައްތައް، ދިވެހިންނަށް ފެންނަ ގޮތަކަށް، އަމިއްލައަށް ނިންމުމުގެ ޤާބިލުކަން ހޯދަން ކުރާ ކަމެއް.
 
އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ ދާއިރާއެއްގައި ފަންނީ މީހުން އުފެއްދުމުގެ ބޭނުމަކީ، ހިއުމަން ރިސޯސް ޑިވެލޮޕް ކުރުމުގެ ބޭނުމަކީ، މިދެންނެވި ބޭނުން. އެހެން ނަމަވެސް، އެއްވެސް ޤައުމަކަށް ބޭނުންވާ ހުރިހާ ކަމެއް ނުފުދި ހިނގައިދާނެ. އެހެން ކަމަށްވަންޏާ، އަޅުގަނޑުމެން ކޮންސަލްޓަންޓުން ހަޔަރ ކުރާނެ. އެކަމަކު ކިޔެވެލީގެ ބޭނުމަކީ މިދެންނެވީ. ހުރިހާ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލުކުރަނީ. އަދި މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް މިދޭ ސަބަބަކީ މިއީ. އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ނިންމުމުގެ ފުރިހަމަ ޤާބިލުކަން، އެ ކޭޕަބިލިޓީ އަޅުގަނޑުމެން ޑިވެލޮޕް ކުރަން ކުރާ މަސައްކަތް މިއީ. އެ ޑިވެލޮޕް ކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ހަމައެކަނި ޑްރޯއިންގ ބޯޑުގައި ހުންނަ މައްސަލަތައް ނިންމާ ނިންމުމެއް ނޫން. ކުޑަކުދިންގެ ތަރުބިއްޔަތާއި، ޒުވާން ކުދިން ބައްޓަން ކުރުމާއި އަދި ޒުވާން ކުދިން މިޞްރާބު ޖަހަންވީ ދިމާ، އުނގަންނައިދިނުމަކީވެސް ހަމަ މިދެންނެވި ކަންތައްތަކުގެ ތެރެއިން އަންނަ ކަންތައްތައް.
 
އެހެންވީމާ، ދިވެހި މުޖްތަމަޢަކީ ނޫނިއްޔާ ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ މުޖްތަމަޢަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މުޖްތަމަޢެއްގެ ގޮތުގައި ހެދުމަށްޓަކައި، ބައްޓަން ކުރަން ބޭނުންވާ ގޮތަކަށް ބައްޓަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަމިއްލަ ސިފަތަކެއް ގެންގުޅެނީ، އެއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރިގެންދާއިރު، އަޅުގަނޑުމެން އަދިވެސް އެ ދިވެހިވަންތަ ސިފަތަކުގެ މަތީގައި ތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް ކަމަށް، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އެހެންވީމާ، މިއަދަކު ނޫން، އަޅުގަނޑުމެންގެ ކަންކަން ނިންމަން، ބޭރުގެ ފަރާތްތަކަށް ގޮވަންވީކީ. ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި އުޅުނު ދުވަސްވަރު، އެދުވަސްވަރުގެ ވާހަކަ ކިޔައިދެއްވާނެ ބޭފުޅުން، އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އެބަ ތިއްބެވި. އަޅުގަނޑުމެން ތަޙައްމަލް ކުރަންޖެހުނީ ކޮންކަހަލަ ދަތިތަކެއްކަން، އަޅުގަނޑުމެންނަށް ވިސްނައިދެވޭވަރަށް، ނޫނިއްޔާ އަޅުގަނޑުމެންނަށް އެނގޭވަރަށް ކިޔައިދެއްވޭނެ ބޭފުޅުން މިއަދުވެސް ދުނިޔޭގައި އެބަ ތިއްބެވި.
 
އެހެންވީމާ، އެއީތޯ ތަހުޒީބީ ދުނިޔެއެއްގައި، އެއްބަޔަކު އަނެއް ބައެއްގެ އެހީ ހޯދާތީ، އޮޅުވާލައިގެން އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ. ދިވެހިރާއްޖެއަކަށް ބޭރުން އެއްޗެހި އިމްޕޯޓް ނުކޮށް، ދިވެހިރާއްޖޭގައި އެއްވެސް ކަމެއް ނުކުރެވޭ. އެކަމަކު އެއީކީ އެއްވެސް ރީޒަނެއް ނޫން. އެއްވެސް ރީޒަނެއް ނޫން. އަޅުގަނޑުމެންގެ ސިޔާސީ ކަންކަމަށް، އަޅުގަނޑުމެންގެ ޢަދުލު އިންޞާފުގެ ދާއިރާއަށް ފާޑުކިޔަން ޖާގަ ހުޅުވާލުމަކަށް ދެވޭ ރީޒަނެއް ނޫން އެއީކީ. ދުނިޔޭގެ ހުރިހާ އެންމެންނަކީވެސް، އެއްބަޔަކު އަނެއް ބަޔަކު، މިދެންނެވި ގޮތަށް، ވިޔަފާރީގެ ގޮތުން، އިޤްތިޞާދީ ގޮތުން، އެއްބަޔަކު އަނެއް ބަޔަކަށް ޑިޕެންޑް ކުރާ ތަނެއް. ދުނިޔޭގައި އިޤްތިޞާދީ ނިޒާމުގައި މިހާރު މިއޮތީ އިންޓަރ ޑިޕެންޑެންސީ ނިޒާމެއް. އެއްބަޔަކު އަނެއް ބަޔަކު ގުޅިގެން އުޅޭ ނިޒާމެއް. އެއްބަޔަކަށްވެސް އެބައެއްގެ ބޮޑުކަމުން، އެބައެއްގެ މުއްސަނދިކަމުން، އެހެން މީހުންނާ ނުލައި އުޅެވޭވަރުގެ ބައެއް ނޫޅޭ ދުނިޔެއަކު. އެހެން ނަމަވެސް، މިދެންނެވި މިއުޗުއަލް އިކޮނޮމިކް ރެޖީމެއް އޮތުމަކީ އެއްގޮތަކަށްވެސް އެއްބަޔަކު އަނެއް ބައެއްގެ ސިޔާދަތަށް، އެއްބަޔަކު އަނެއް ބައެއްގެ ދާޚިލީ ކަންކަމަށް ޖާގަދޭންޖެހޭ ޖެހުމެއް ނޫން. އެއީ ވަރަށްބޮޑު އޮޅުމެއް، އެއީ ވަރަށްބޮޑު ކުށްހީއެއް.
 
އެހެންވީމާ، ދިވެހިރާއްޖޭގައިވެސް މިދެންނެވި ކަހަލަ ނެޓްވަރކެއް އުފެދިގެން، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޒުވާނުންގެ ތެރެއިން ރީޗްއައުޓް މިކުރަނީ، އިތުރު ޒުވާނުންނަށް. ތިޔަ ޒުވާން ލީޑަރުންގެ ތެރެއިން އަޅުގަނޑުމެން ރީޗްއައުޓް ކުރަން ބޭނުންވަނީ އިތުރު ޒުވާނުންނަށް. ކިޔައިދޭން ބޭނުންވަނީ، އަމާން މުޖްތަމަޢެއްގެ ގޮތުގައި، އަމާން ރަށްވެއްސެއްގެ ގޮތުގައި އަދި އަޅުގަނޑުމެންނަކީ މިދެންނެވި ކަހަލަ މަޞްލަޙަތުތަކަކާއި އުޞޫލުތަކެއް ހިފަހައްޓަން ބޭނުންވާ ކަމަށްވަންޏާ، ދިވެހި ޕޮލިޓީއަކީ، ދިވެހިރާއްޖެއަށް ޚާއްޞަ ސިފަތަކެއް އެކުލެވޭ ޕޮލިޓީއަކަށް އޮންނަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ދޫނުކޮށްލާނެ ސިފަތަކެއް އެބަހުއްޓޭ. އެ ސިފަތަކުގެ ތެރޭގައި، މިދެންނެވި ކަހަލަ ކަންތައްތައް ހިމެނޭނެ. ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އެއްވެސްކަހަލަ އުނިކަމެއް އަންނަ ކަމަކަށް ބޭރު ބަޔަކަށް ދަޢުވަތު ދޭކަށް އަޅުގަނޑުމެންނެއް ޖާގައެއް ނުދޭނެ.
 
މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހުރި މިންވަރު ބައްލަވާ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ބަދަލުވެގެން ދިޔައިރު، މުޅި ދުނިޔޭގެ ސަމާލުކަން ދިވެހިރާއްޖެއަށް ހުއްޓިގެން، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެގެން އެ ދިޔައީ، ޤާނޫނާ އެއްގޮތަށްތޯ، ނޫނީ ހަމަޖެހޭ އުޞޫލުގެ މަތިންތޯ ބަލަންވެސް މިތަނަށް ބޭރުގެ ފަނޑިޔާރުން އަންނަން ޖެހިއްޖެ. އެކަމަކު މި ދިވެހިރާއްޖެއަކީ ހަމަ މިނިވަން ދައުލަތެކޯ. އެކަމަކު ދިވެހިންނަށް ނިންމޭވަރު ކަމަކަށް އެކަމެއްވެސްނުވި. އެކަމަކު އެކަން ނިންމައިދޭންވެސް ބޭރުން ރާއްޖެއަށް މީހުން އައިސް އެކަން ކޮށްފި. އަޅުގަނޑުމެން މިތިބީ ސިޔާސީ މީހުން. އަޅުގަނޑުމެން މިތިބީ ތަޞައްރަފް ފުދޭ ކަމަށް ބުނާ މީހުން. އަޅުގަނޑުމެން ތިބީ އެކަމަށްވެސް ޖާގަދީގެން.
 
ދިވެހިރާއްޖޭގައި ހިނގާ ޝަރީޢަތްތައް، ދިވެހިރާއްޖޭގައި ހިނގާ ޝަރީޢަތްތައް މި ހިނގަނީ، ޝަރުޢީ އުޞޫލުން، ހަމަޖެހޭ އުޞޫލުންތޯ ބަލަން، ދިވެހިރާއްޖޭގެ ޝަރުޢީ އުޞޫލުތައް ހިނގާގޮތް ބަލަންވެސް މިތަނަށް ޖާގަދޭންޖެހޭ ކަމަށް އެއްބަޔަކު އެބަ ގަބޫލުކުރޭ. މިއީ ބޭރުގެ ފަރާތްތަކަށް، މިދެންނެވި ގޮތަށް ނުފޫޒަށް ދޮރު ހުޅުވާލީމަ ވާގޮތް. މި ހުޅުވާލެވެނީ ފްލަޑް ގޭޓެއް. މި ހުޅުވާލެވެނީ ފްލަޑް ގޭޓެއް. މައްސަލަ ފުންޏެއް މި އަންނަނީ. އެ މައްސަލަ ފުނިން ސަލާމަތްވުމަށް، އެއް ސަރުކާރު، އަނެއް ސަރުކާރު މަސައްކަތް ކުރަނީ. ޖާގަދޭކަށް ނުޖެހޭ. ޖާގަދޭކަށް ނުޖެހޭ. އެހެން ރަށްރަށުގައި ކޯޓުތަކުގައި ހިނގާ މައްސަލަތައް ބަލާކަށް ދިވެހިރާއްޖޭގެ ޑެލިގޭޝަންތައް ދާކަށް، ދިވެހިރާއްޖެއަކަށް ދަޢުވަތެއް ނުލިބޭ. ކީއްކުރަންތޯ، ދިވެހިރާއްޖޭގައި ހިނގާ ކަންތައް ބަލަން އެހެން މީހުން އަންނަން ޖެހެނީ، ނުޖެހޭނެ. އެހެންވީމާ، ދިވެހިރާއްޖެ، އަޅުގަނޑުމެންގެ މުސްތަޤިއްލު ކަމަކާއި، އަޅުގަނޑުމެންގެ އަމިއްލަ ސިފަތަކާއެކީ ކުރިއަށްދާން ބޭނުންކަމަށްވަންޏާ، އެއަށްވުރެ ބޮޑު ޝަރަފެއް، އެއަށްވުރެ ބޮޑު ފަޚުރެއް ދިވެހިންނަކަށް ނުލިބޭނެ. ކޮންމެ ގޮތަކަށް މިކަން އޮތް ކަމުގައިވީނަމަވެސް، އަދި ޚިޔާލުތަފާތުވާ ބަޔަކު ތިބި ކަމުގައިވީނަމަވެސް، ދިވެހިންގެ ކަންކަން ނިންމުމުގައި ދިވެހިންނަށް ޖާގަ އޮންނަންވާނެ. ދިވެހިންގެ ދާޚިލީ ކަންކަން ނިންމުމަކީ، ދިވެހިންގެ އަތްމަތީގައި އޮންނަންޖެހޭ ކަމެއް. އެކަންކަމަށް ޤާބިލުކަން ހޯދައިދިނުމަށްޓަކައި ޔުނިވަރސިޓީގެ ކުދިންނަށް ކިޔަވައިދެނީ. އެކަންކަމަށް ޤާބިލުކަން ހޯދައިދިނުމަށްޓަކައި އަދި އެއަށްވުރެ މަތީ ތަޢުލީމް، ކުދިންނަށް އުނގަންނައިދެނީ. އަދި އެކަންކަމާއެކީ، ތަޖުރިބާޔާއެކީ، ކަންކަން ނިންމުމުގެ ހިތްވަރު ހުންނަ މީހުން މަސްއޫލިއްޔަތުތަކާ ޙަވާލުވާނީ. އެހެންވީމާ، ދިވެހިރާއްޖޭގެ ކަންތައްތައް ނިމެންވާނީ ދިވެހިރާއްޖޭގައި. ދިވެހި ރައްޔިތުން ގަބޫލުކުރާ އުޞޫލާ އެއްގޮތަށް ކަންކަން ނިމެންވާނީ.
 
ދިވެހިރާއްޖޭގައި އެބައޮތް، ދުސްތޫރެއް އެބައޮތް. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއެއް ކަނޑައަޅާފައި އެބައޮތް. އެންމެ ލިބަރަޓޭރިއަން ވެލިއުސް. މީހުންގެ އަމިއްލަ ޙައްޤުތަކާބެހޭ، އެންމެ ލިބަރަޓޭރިއަން ވެލިއުސް އެކުލަވައިލެވިފައި، ކޯޑިފައި ކޮށްފައި އޮތް ޤާނޫނުއަސާސީއެއް ދިވެހިރާއްޖޭގައި މިވަގުތު އެބައޮތް. މީހުންގެ އަމިއްލަ ޙައްޤުތައް ޙިމާޔަތް ކުރުމާއި، މީހުންގެ އަމިއްލަ ސެލްފް ރެސްޕެކްޓަށް، އެއަށް ޗެލެންޖް ނުކުރެވޭ އެތައް މާއްދާއެއް އެކުލަވައިލާފައި އޮތް ބިލް އޮފް ޗާޓަރެއް، އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް، ޤާނޫނުއަސާސީގެ ފުރަތަމަ މާއްދާތަކުގެ ތެރޭގައި. އޭގެ ޙައްޤުތައް، އޭގެ ފުރިހަމަ މާނައިގައި ކަށަވަރުކޮށްދިނުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން އަދި ދިވެހިރާއްޖޭގައި މިކަންކަން ކުރަންހުރި މުއައްސަސާތަކުން ކަށަވަރުކޮށްދޭންޖެހޭ ކަންތައްތައް. އެކަމަކު އެއަށް ޖާގަނުދީ، އެނޫން ގޮތަކަށް އެކަން ކުރަން އުޅެފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބިލް އޮފް ޗާޓަރެއް، ނޫނިއްޔާ ބިލް އޮފް ރައިޓެއްގެ އެއްވެސް ބޭނުމެއް ނޯންނާނެ. އެ ޖާގަތައް ދޭންޖެހޭ. ދިވެހިރާއްޖޭގައި މިއުޅެނީ ޤާނޫނުއަސާސީގައި އުނިކަމެއް އޮވެގެނެއް ނޫން. ދިވެހިރާއްޖޭގައި އުފެދިފައި އޮތް ޤާނޫނުއަސާސީ ރިސަރޗް ކޮށްފި ކަމަށްވަންޏާ، ޤާނޫނުއަސާސީގައި އަދި އެންމެ ފުރިހަމަ ނިޒާމެއް ހިންގުމުގައި ދަތިތަކެއް ހުރި ކަމުގައިވީނަމަވެސް، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައި އެހެރަ ފަންޑަމެންޓަލް ރައިޓްސް، ނޫނީ އަސާސީ ޙައްޤުތައް، މީހުންގެ، ފަރުދުންގެ އަސާސީ ޙައްޤުތަކަކީ، ހަމަ ދުނިޔޭގެ އެންމެ ވަރުގަދައަށް، މި ޤާނޫނުއަސާސީގައި ފަންޑަރމެންޓަލް ރައިޓްސް ޙިމާޔަތްކޮށްދީފައި ހުރި ވަރަށް ޙިމާޔަތްކޮށްދީފައި ހުރި ޙައްޤުތައް އެއީ.
 
އެހެންވީމާ، އާބިޓްރީކޮށް މީހުންނާ ދޭތެރޭގައި ކަންކަމެއް ނުކުރެވޭނެ. ދިވެހިރާއްޖެ ދަސްކުރަންޖެހޭ އެބަ. މަޤާމުތަކަށް އާދެވުނީމަ، ޤާނޫނުއަސާސީ އެއްފަރާތުގައި ބާއްވާފައި، އަދި ޤާނޫނުތައް އެއްފަރާތުގައި ބާއްވާފައި، އާބިޓްރީކޮށް ބޭނުންގޮތަކަށް ކަންކަން ކުރުމުގެ، އެ ތާރީޚު، އަޅުގަނޑުމެން ޖެހޭ ތާރީޚުގެ ތެރެއަށް ދޫކޮށްލަން. ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ކޮންމެ ވެރިޔަކީވެސް، ދިވެހިރާއްޖޭގައި އުފެދޭ ކޮންމެ ސަރުކާރަކީވެސް ޤާނޫނުތައް ދަމަހައްޓަން ކެރޭ ސަރުކާރަކަށް އެބަ ހަދަންޖެހޭ. އަދި މިއާ ޚިލާފުވާ ފަރާތްތަކަކީ، ޤާނޫނު ކުރިމަތީގައި އެކައުންޓެބަލްވާ ފަރާތެއް ކަމަށް އަޅުގަނޑުމެން ކަނޑައަޅަންވެސް އެބަޖެހޭ. އެހެންވީމާ، ދިވެހިރާއްޖެ ދާން ބޭނުންވަނީ، އަމާން ވެށްޓެއް ޤާއިމުކުރާ، ރައްކާތެރި މުޖްތަމަޢެއް ބިނާކުރުމުގެ މަސައްކަތަށް. އަމާން ވެށްޓެއް ޤާއިމުކުރުމާއި، ރައްކާތެރި މުޖްތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާން ލީޑަރުންތަކެއް މި އުފައްދަނީ. ޒުވާނުންނަށް، ޒުވާނުންނަށް ރީޗްއައުޓް ކުރެވޭނެ. އަންހެން ބޭފުޅުންނަށް، އަންހެން ބޭފުޅުންނަށް ރީޗްއައުޓް ކުރެވޭނެ. ޤައުމެއް ބިނާކުރުމަކީ، މިދެންނެވި ކަހަލަ އަސާސްތަކެއް ޤައުމުގައި ހަރުލެއްވުމަކީ، އެއްގޮތަކަށްވެސް ސަރުކާރުން އެކަނި ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، ހޯމް މިނިސްޓްރީން އިސްނަންގަވައިގެން މިކުރައްވާ މަސައްކަތުގައި، ޒުވާން ލީޑަރުންތަކެއް، ޒުވާނުންގެ ނެޓްވަރކެއް އުފެދިގެން މި ދިޔުމަކީ، އަޅުގަނޑުމެންނަށް ލިބޭ ހަމަ ވަރަށް ބޮޑު ހިތްވަރެއް. ވަރަށް ވަރުގަދަ އުފަލެއް.
 
ތިޔަބޭފުޅުން ރީޗްއައުޓް ކުރައްވާ. ގަބޫލު ކުރައްވާ. އެންމެން ގަބޫލުކުރާ ނިޒާމުތަކެއް އޮންނަންވާނެ. އެންމެން ގަބޫލުކުރާ ސިސްޓަމަކަށް ޖާގަދޭންވާނެ. އަޅުގަނޑުމެން އިހަށްދުވަހާ ޖެހެންދެން ގަބޫލުކުރިން ދޮއެއްތޯ. ދުނިޔޭގައި، އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައި އޮންނަ ގޮތަށް، ދިވެހިރާއްޖޭގައި އޮންނަންޖެހޭނީ ތިންބާރު ވަކިވެފައި އޮތް ނިޒާމެކޭ. ނިޒާމުގެ ގޮތުން، ތިންބާރު އޮންނަންވާނީ ވަކިވެފައި. އެކަމަކު ޢަދުލު އިންޞާފަށްދާ ބައެއް މައްސަލަތަކަކީ، ޢަދުލު އިންޞާފުން ނިންމަންޖެހޭނެ މައްސަލަތައްކަން މިއަދު މިއުޅެނީ ގަބޫލުނުކުރެވިގެން. އޭގެ ބަދަލުގައި އެކަންކަން، ރައީސް ކޮންމެވެސް ގޮތަކަށް ނިންމަންޖެހޭ ކަމަށް ގަބޫލުކުރެވޭ ބަޔަކު އެބައުޅޭ. މިކަހަލަ ކަންކަން ކުރުމުގައި، ޤައުމީ ބޮޑެތި މައްސަލަތައް ނިންމުމުގައި، ތިންބާރު ވަކިވެފައި އޮންނައިރު، ޖަޒުބާތަކަށް، ޕެޝަނަކަށް ޖާގައެއް ނޯންނާނެ. ނިޒާމާ އެއްގޮތަށް ކަންތައް ކުރަން އަޅުގަނޑުމެންނަށް ކެރެންވާނެ.
 
މިހުރިހާ ކަމެއް މިގޮތަށް ކުރުމުގެ ބޭނުމަކަށްވަނީ، އެންމެން އިތުބާރުކުރާ، ކޮންމެ މީހެއްގެ ޙައްޤު ކަށަވަރުކޮށްދޭނެ ނިޒާމެއް އޮންނާނެ ކަމުގެ ޔަޤީންކަން ހޯދުން. ޤާނޫނުއަސާސީގައި ފޮޅުވަތަކަށްފަހު ފޮޅުވަތެއް، މިކަން ކަށަވަރުކޮށްދޭ. އެކަމަކު ޢަމަލީގޮތުން އެކަން އެގޮތަށް ތަންފީޛު ކުރެވެންޏާ ނޫނީ އެކަން ކަށަވަރެއް ނުވާނެ. އެހެންވީމާ، މި ސަރުކާރުގެ އިރާދަކުރެއްވިއްޔާ ހިތްވަރު ހުންނާނެ. ޤާނޫނުއަސާސީގައި އެ ބުނާ މާއްދާތައް، ޓު ދަ ލެޓަރ އޭގެ ޙައްޤުތައް ރައްޔިތުންނަށް ލިބެންވާވަރަށް ލިއްބައިދިނުމުގެ، ހޯދައިދިނުމުގެ ކެރުންތެރިކަން މި ސަރުކާރުގައި ހުންނާނެ. މި ސަރުކާރުން މިކުރާ މަސައްކަތަކީ، ނިޒާމުތަކަށް އިޙްތިރާމްކޮށްގެން، ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއް އޮންނައިރު، އެއްބާރުން އަނެއް ބާރަށް ފާރަވެރިވާއިރުވެސް، އެއްބާރުން އަނެއް ބާރަށް ފާޑުކިޔާއިރުވެސް، އިޙްތިރާމާއެކީ އެކަން ކުރެވޭނެ ގޮތެއް އޮތުން. ދެން ތިންބާރު ވަކިވެފައި އޮންނައިރު، ޔުނިވަރސިޓީ ކުދިންނަށް، ލެކްޗަރ ރޫމްތަކުގައި އަޑުއިވިދާނެ ވާހަކައެއްކަންނޭނގެ، ޕޮލިޓިކަލް ލެސަން ނަގާއިރު. ތިންބާރު ވަކިވެފައި އޮންނަ ނިޒާމުތަކުގައިވެސް އަދި ދުނިޔޭގެ ހުޅަނގުގެ ބައެއް ޤައުމުތަކުގައި އޮންނަ ގޮތަށް، ބަރުލަމާނީ ނިޒާމެއް އޮންނައިރުވެސް، ތިންބާރެއް ޙަޤީޤަތުގައި އޭގެ ޒާތުގައި އެ ބުނާހެނެއް ވަތްކެއް ނުވޭ. ބަރުލަމާނީ ނިޒާމެއްގައި، ވެރިކަން ހިންގާ ޕާޓީއެއްގެ މެޖޯރިޓީ އޮންނަ ޕާލަމަންޓެއްގައި، ގިނަފަހަރު ކަންކަން ނިމޭނީ، ވެރިކަން ހިންގާ ޕާޓީ ބޭނުންވާ ގޮތަށް. އެއީ ކޮންމެހެން ތިންބާރު ވަކިވީކީ ނޫން. ވަރަށް ކައިރި ކައިރީގައި ދެ ބާރު އޮޕަރޭޓް ކުރާނީ.
 
ދިވެހިރާއްޖޭގައިވެސް ރިޔާސީ ނިޒާމެއް އޮތަސް، ޙަޤީޤަތުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ގޮތަކަށް ރިޔާސީ ނިޒާމު ބައްޓަންވެގެން އެ ދަނީ. މިވަގުތު ﷲގެ ރަޙްމަތާއެކީ، ޕީ.ޕީ.އެމް.އާއި އެމް.ޑީ.އޭ.ގެ އަޣުލަބިއްޔަތެއް، ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގައި އެބައޮތް. އެ ބޮޑު އަޣުލަބިއްޔަތެއް އޮވެއްޖެ ކަމަށްވަންޏާ، އެ އަޣުލަބިއްޔަތުގެ ހެޔޮ ބޭނުންކުރުމަކީ، ރިޔާސީ ނިޒާމު ހިންގަން ހުންނަ މީހަކަށް އޮތް ޒިންމާއެއް. އެކަމަކު އެ އަޣުލަބިއްޔަތު ނެތިއްޖެ ކަމަށްވަންޏާ، ނުކުންނަ މައްސަލަތައްވެސް ދަންނަވާލާނަން.
 
މި ސަރުކާރުން ޒުވާނުންނަށާއި، އަންހެނުންނަށާއި އަދި ހަވާސާވެގެންދާ އެހެން ފަރާތްތަކަށް ވަރަށްގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނަމުން، މެނިފެސްޓޯގައި އެކިކަހަލަ ޕްރޮނައުންސްމަންޓްސް ހަދަމުން، މި ސަރުކާރު ވޯޓަށް އަހައިގެން ވޯޓުން އިރާދަކުރެއްވިއްޔާ ހޮވިގެން މިއައީ. އަޣުލަބިއްޔަތު ނެތިއްޖެ ކަމަށްވަންޏާ އަދި މަޖިލީހުގައި މިއަދު ތިޔަ ފެންނަ ޙަރަކާތްތައް ތިޔަ ކުދިންނަށް ފެންނައިރު، ހަމަ ގަބޫލުކުރެވޭނެ، އަޣުލަބިއްޔަތު ނެތިއްޖެ ކަމަށްވަންޏާ، ހަމަ މިއިން އެއްވެސް ކަމެއް ކުރިޔަކަނުދޭނެ. އެހެންވީމާ، ފަސްއަހަރުގެ ދައުރެއް ނިމިގެންދާއިރު، ރައްޔިތުންނަށް ބޭނުންވާ މާއްދީ އެއްވެސް ތަރައްޤީއަކަށް އެއްވެސްކަހަލަ ހެޔޮ އަސަރެއް ނާންނަ ކަމަށްވަންޏާ، އެ ސަރުކާރެއް ހޮވި ބޭނުން، ރައްޔިތުންނަށް ނުފުދި އެ ދިޔައީ. ސަރުކާރަކީ ރައްޔިތުންގެ ބޭނުންތަކަށް ރެސްޕޮންސިވް ވާންޖެހޭ އިންސްޓިޓިއުޝަނެއް. ސަރުކާރެއް ރައްޔިތުން ހޮވަނީ ރައްޔިތުންގެ ވިސްނުންތަކެއް ހުރެގެން. ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ފުއްދައިދޭން އޮންނަ ވަސީލަތެއް ގޮތަށް. އެހެންވީމާ، ފަސް އަހަރުގެ މުއްދަތަކަށް ހޮވާފައި، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ދިވެހިރާއްޖޭގައި މިދިޔަ ފަސް އަހަރަކީ ތަރައްޤީން އަޅުގަނޑުމެންނަށް މަޙްރޫމްވެގެންދިޔަ ފަސްއަހަރު. އެކަމަކު އަޅުގަނޑުމެންގެ ޒުވާނުންވެސް މަސައްކަތް ކުރާއިރު އަދި ކުރިއަށްދާން މަސައްކަތް ކުރާއިރު، ޒުވާނުންގެ ޢުމުރުން ފަސްއަހަރު ގެއްލިގެން ދިޔުމަކީ އަދި އޭގެ މަންފާ އެއްވެސް ގޮތަކަށް ނުލިބި، މުޅި މުޖްތަމަޢުން ފަސްއަހަރު ގެއްލުމަކީ، ވަރަށްބޮޑު ކްރައިމެއް. ވަރަށްބޮޑު ގެއްލުމެއް. ފޫނުބެއްދޭވަރު ގެއްލުމެއް.
 
އަޅުގަނޑުމެންގެ ދިވެހި ދައުލަތުގެ ސައިކީއަށް އައިސްފައި އޮތް ބަދަލު ވިސްނާވަޑައިގަންނަވާ. ދިވެހި ދައުލަތުގެ ސައިކީއަށް އައިއްސަ އޮތް ބަދަލަކީ، އަޅުގަނޑުމެންނަށް ބަދަލުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެން ހަމަ ކޮންމެ ކަމެއްވެސް ކުރުން ހުއްދަ، އެކަމުގެ ނަތީޖާ ޖަސްޓިފައި ކުރެވޭ ކަމަށްވަންޏާ. އަޅުގަނޑުމެންނަށް ކަމުނުދާ ކަންތައްތައް ދިޔައީމަ، ތަންތަން ރޯކުރަންވީ، ހުޅުޖަހަންވީ، މީހުން މަރަންވީ. މިހުރިހާ ކަމަކީ އެންމެ ރަނގަޅު ކަންކަން. ސައިކީއަށް މި އަންނަނީ ކޮންކަހަލަ ބަދަލެއްތޯ. މި ޤައުމުގެ ސައިކީއަށް މި އަންނަ ބަދަލަކީ، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ޤައުމު އުޅުން. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގައި އެއަކަށް ޖާގައެއް ނުލިބޭނެ. މި ސަރުކާރުގައި ކަށަވަރުކޮށްދޭނެ، ޤާނޫނުއަސާސީގައި އެ ބުނާ ޙައްޤުތަކާއި، ރައްޔިތުންނަށް ލިބެންވާ ފަރުދީ ޙައްޤުތަކާއި އަދި އަމާން ވެށްޓެއް އޮތުމަކީ، މި ސަރުކާރުން ކަށަވަރުކޮށްދޭން ބޭނުންވާ ކަންތައްތައް. ސަރުކާރެއް ހިންގަން ހުންނަ މީހަކު، ރައްޔިތުންނަށް މިކަންކަން ކަށަވަރުކޮށްދޭންޖެހޭނެ. އަޅުގަނޑުމެންގެ ވިސްނުމަށް، އަޅުގަނޑުމެންގެ ރާއްޖޭގެ ދައުލަތުގެ ސައިކީއަށް މި އައިސްފައި އޮތް ބަދަލު އެބަޖެހޭ އަނބުރާ ބަދަލުކޮށްލަން. އެހެންވެގެން ބައެއްފަހަރު އަޅުގަނޑު ތަންތަނުގައި ވާހަކަ ދައްކާއިރު ބުނަނީ، އެޑިޔުކޭޝަނަކީ ޕްރޮސެސް އޮފް ލާރނިންގ. އިޓް އިޒް އޯލްސޯ ޕްރޮސެސް އޮފް އަންލާރނިންގ. ދަސްވެފައި ހުރި ކަންތައް، އަލުން އާގޮތަކަށް ދަސްކުރަންޖެހޭ. އަޅުގަނޑުމެންނަށް ދަސްވެފައި ހުރި ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ކަހަލަ ވަރަށް ނުބައި އާދަ މިހިރީ. އެކަމެއް ޙާޞިލު ކުރުމަށްޓަކައި ކޮންމެ ކަހަލަ ކަމެއް ކުރުމަކީވެސް ހުއްދަ ކަމެއް. އެ ޖެހޭނެ އަންލަރން ކުރަން. ކަންކަން ނިންމުމަކީ، އެ އޮންނަ އުޞޫލުތަކެއްގެ ތެރެއިން ކަންކަން ނިންމަން ދަސްކުރަން.
 
އެހެންވީމާ، އަޅުގަނޑުމެން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، އަދި މިއަދު މި އުފެދުނު ޒުވާނުންގެ ލީޑަރޝިޕް ދައްކައިދޭ ކުދިންކޮޅުގެ ތެރެއިންވެސް އަޅުގަނޑުމެން ދަންނަވަން ބޭނުންވަނީ އެހެން ޒުވާނުންނަށްވެސް، އަޅުގަނޑުމެން މިއައީ ދިވެހިރާއްޖެއަށް ބޭނުންވާ ކަންތައްތައް ފުއްދައިދޭށޭ. އަޅުގަނޑުމެން މިއައީ ދިވެހިރާއްޖޭގެ ސިޔާސީ ކަންތައްތައް ކުރިއަރުވާކަށެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރުގައި، އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވާ ކެބިނެޓްގައި، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ސިޔާސީ ކަންތައް ކުރާކަށެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ކުރާ މަސައްކަތެއް ކުރަން އަޅުގަނޑުމެންނަށް ޖާގަ ދެއްވާ. އަޅުގަނޑުމެންނަކީ، ދިވެހިރާއްޖޭގެ ޖީ.ޑީ.ޕީ. އަކީ އިރާދަކުރެއްވިއްޔާ ދެގުނަ ޖީ.ޑީ.ޕީ. އަކަށް ހެދުމަށް، ޕަރ ކެޕިޓަރ ޖީ.ޑީ.ޕީ. ދެގުނައަށް ހަދައިދިނުމަށްޓަކައި ވަޢުދުވެގެން އައި ބައެއް. އަޅުގަނޑުމެންނަކީ ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތަކެއް ރާއްޖެއަށް ގެންނަން ވަޢުދުވެގެން އައި ބައެއް. އަޅުގަނޑުމެންނަކީ ހަވާސާވެގެންދާ، އަންހެނުންގެ ޙައްޤުތައް ގެއްލިގެންދާއިރު، އަންހެނުން މެއިން ސްޓްރީމް ކުރަން އެތަކެއް ވަޢުދުތަކެއް އަޅުގަނޑުމެން ބުނެގެން، އެކަންތައްތައް ފުއްދައިދޭން އައިސް އުޅޭބައެއް. އަޅުގަނޑުމެންނަކީ، މުޖްތަމަޢުގައި އަޅާލާނެ މީހުން ނެތް މީހުންނަށް ހަމްދަރުދީއާއި، ރަޙުމާއި، ކުލުނުގެ ތެރެއިން ކަންތައްތަކެއް ކޮށްދޭން ބުނެގެން އައި ބައެއް. އަޅުގަނޑުމެންނަކީ ކޮމްޕެޝަނޭޓް ސޮސައިޓީއެއް ބިލްޑް ކުރާނަމޭ ކިޔައިގެން އަދި ބައެއް. 
 
އެހެންވީމާ، މިކަންކަން ކުރަން އަޅުގަނޑުމެންނަށް ޖާގަ ލިބެންޖެހޭނެ. މިކަންކަން ކުރަން އަޅުގަނޑުމެންނަށް ޖާގަ ލިބެންޖެހޭނެ. މިކަން ކުރުމަކީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ސަރުކާރެއްގެ ފަސްއަހަރުގެ ތެރޭގައި ކޮށްދޭން ބޭނުންވާ ކަންތައް. އެހެންވީމާ، މިކަން ކުރަން އަޅުގަނޑުމެންނަށް ޖާގަ ލިބޭއިރު، ހަމަ ޒުވާން ކުދިން ރީޗްއައުޓް ކުރަންވީ، އެހެން ޒުވާން ކުދިންނަށް. ކަންކަން ޙައްލުކުރަން ހުރި ކަމަކީ ކޮބައިތޯ. ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްތޯ. އަދި ސަރުކާރުން ކަމެއް މަގުން ކައްސާލައިގެންދާ ކަމަށްވަންޏާ، އެކަމެއްވެސް އޮޅުންފިލުވައިދެވެން އެބަޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ ކެރުންތެރިކަން ހުންނާނެ. މި ސަރުކާރުން މަގުން ކައްސާލައިގެންދާ ކަމެއްގެ ވާހަކަ އަޅުގަނޑުމެންނާ ބަޙުޘްގެ މޭޒަށް އަންނަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން އެ މޭޒު ކައިރީގައި އިށީންނާނަން. އެހެން ނަމަވެސް، އެނޫން ގޮތަކަށް،ކަންކަން އަޅުގަނޑުމެންނަށް މަޖުބޫރު ކޮށްގެން ކުރަން އުޅުމަކީ، އެއީ އަދި އެއްފަހަރު ވިސްނާލަންޖެހޭ ކަންކަން.
 
އެހެންވީމާ، މިއަދު މި ނެޓްވަރކް އެސްޓެބްލިޝް ވެގެންދާއިރު، އަޅުގަނޑު ހަމަ ހުރިހާ ޒުވާން ކުދިންނަށް، ތިޔަ ކުދިންގެ ތެރެއިން އެހެން ޒުވާނުންނަށާއި، މުޅި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ، ދިވެހިރާއްޖޭގައި މިހާރު ކުރަން މިއުޅޭ ކަމަކީ އަނެއްކާވެސް ތަންކޮޅެއް ސިވިލައިޒް ސޮސައިޓީއަކާ ހަމައަށް އަޅުގަނޑުމެން ރުޖޫޢަވާން ކުރާ މަސައްކަތެކޭ. ދިވެހިރާއްޖެއަކީ މި ދުނިޔެމަތީގެ ސުވަރުގެ ކަމަށް ލިޔެވެމުން، ކިޔެމުން އައި ދުވަސް އަނބުރާ އިޢާދަ އެބަވާންޖެހޭ. ދިވެހިރާއްޖެއަކީ ބޭރުގެ މެހްމާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައި ދާއިރު، ހިތްހަމަޖެހުމުގެ ޝުޢޫރުތަކަކާއެކީ ތަޖުރިބާތަކެއް ޙާޞިލްކޮށްގެންދާ ތަނަކަށް ވާން އެބަޖެހޭ. ދިވެހިންނަކީ މެހްމާންދާރީ އަދާކުރަން އެނގޭ ބައެއް. އެކަމަކު ދިވެހިންނަކަށް މެހްމާންދާރީއެއް އަދައެއް ނުކުރެވޭނެ، ބޭރުގެ މެހްމާނުން އައިސް ތިބޭ ރިޒޯޓުތަކުގައި ވަށައިގެންނެއް، ޠަވާފްކުރާ އުޞޫލުން މުޒާހަރާ ކުރާކަށް ދޯނިތައް ހިފައިގެން ނުކުތީމަކާ، އެ ރަނގަޅު މެސެޖެއް ނުލިބޭ. އެހެންވީމާ، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަކީ އެމީހުންނަށް އަޅުގަނޑުމެން އިޙްތިރާމް ކުރާނެ ފަތުރުވެރިން. ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ބަޔަކީ، ޗުއްޓީ ހޭދަކޮށްފައި ދާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ އިޙްސާންތެރިކަމާއި، ރައްޔިތުންގެ ކެތްތެރިކަމާއި އަދި ރައްޔިތުން ތަރައްޤީއާއެކީ ކުރިއަށްދާން ބޭނުންވާ މިންވަރުގެ ފިލާވަޅުތަކެއް ހިފައިގެން ގޮސް، އެ ޤައުމުތަކުގައި ބުނާ ބައެއްގެ ގޮތުގައި ދާންޖެހޭ މެހްމާނުންނަށް ވާން އެބަޖެހޭ.
 
ދިވެހިރާއްޖޭގައި ކަންތައްތައް ހިނގާނީ ނިޒާމުތަކަކާ އެއްގޮތަށް. ދިވެހިރާއްޖޭގައި ކަށަވަރުކޮށްދޭނީ ޤާނޫނުއަސާސީގައި އެހެރަ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތް، ދިވެހި ސަރުކާރުން، މިހާރު މިއޮތް ސަރުކާރުން ކަށަވަރުކޮށްދޭނެ. އަދި ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުވެގެންދާނީ، ކޯޓުގެ މަރްޙަލާގެ ތެރެއިންކަން ދިވެހިރާއްޖޭގެ މި ސަރުކާރުން ކަށަވަރުކޮށްދޭނެ. އަދި މުޅި މުޖްތަމަޢުގެ ހަމަޖެހުމަށްޓަކައި، ކޯޓުތަކުގެ ތެރެއިން އަންނަ ޙުކުމަކީ، މި ސަރުކާރުން ތަންފީޛު ކުރަން ކެރޭނެ ޙުކުމްތައްކަން، މި ސަރުކާރު ކަށަވަރުކޮށްދޭނެ. ކޮންމެ މީހެއްގެ ޙައްޤަކީވެސް، އެ ޙައްޤު ލިބެންވާ މިންވަރަށް، އެމީހަކަށް ލިބިފައި އޮންނާނެ ޙައްޤެއްކަން މި ސަރުކާރު ކަށަވަރުކޮށްދޭން ބޭނުންވޭ. މިކަންކަން ކުރުމުގެ ބޭނުމަކަށްވަނީ، ހަމަޖެހޭ މުޖްތަމަޢެއް އޮވެގެން ނޫނިއްޔާ، ތަރައްޤީގެ އެއްވެސް ހިސާބަކަށް ދެވެން ނެތީމަ. ހަމަޖެހޭ މުޖްތަމަޢެއް އެބަ އޮންނަންޖެހޭ. ހަމަޖެހޭ މުޖްތަމަޢެއް އޮވެގެން އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބަށް ދެވޭނީ. އެހެންވީމާ، އެއީ މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމެއް.
 
މި ސަރުކާރުން ޤާނޫނު ނަގަހައްޓާނެ. މި ސަރުކާރުން ޤާނޫނުއަސާސީން އުފައްދާފައި އެހެރަ މުއައްސަސާތައް ދެމިއޮތުމުގެ ޖާގަ ލިބޭނެ. ޕޮލިޓިކަލް ސްޕޭސް ލިބޭނެ. އަދި މި ޤާނޫނުއަސާސީން އުފައްދާފައި މިހިރަ ނިޒާމުތަކަށް، މި ސަރުކާރުން އެ ނިޒާމުތައް ހިންގުމަށް ޖާގަދޭނެ. މި ނިޒާމުތައް ހިނގުމަކީ، މި ސަރުކާރު ދެކޭގޮތުގައި ވެއްޖިއްޔާ، ޤާނޫނުއަސާސީ ފުރިހަމަވެގެންދިޔުން. މިކަންކަން ފުރިހަމަވެގެން ނޫނިއްޔާ، އަޅުގަނޑުމެން މި ގަބޫލުކުރާ ކަހަލަ އިންޞާފުވެރި، ނޫނިއްޔާ ޙައްޤު ޙިމާޔަތް ކުރުމުގެ އެއްވެސް ފުރްޞަތެއް، އެއްވެސް ދިވެހި ރައްޔިތަކަށް ނުލިބޭނެ.
 
އަޅުގަނޑުމެންގެ ގޭގޭގެ ތެރޭގައި، ހަމައެކަނި މި ދިމާވަނީކީ ގެވެށި އަނިޔާގެ މައްސަލައެއް ނޫން. ހިތްދަތި ކަންކަން. އެކަމަކު އެއަށްވުރެ ބޮޑަށް، ނެއިބަރުންގެ ތެރޭގައި ޖެހޭ މައްސަލަތައް. އެއަށްވުރެ ބޮޑަށް މަގުމަތީގައި ޖެހޭ މައްސަލަތައް. އެއަށްވުރެ ބޮޑަށް ނެއިބަރހުޑްގެ ތެރޭގައި ޖެހޭ މައްސަލަތައް. އެއަށްވުރެ ބޮޑަށް އެއްބަޔަކު އަނެއް ބަޔަކާ ޖެހޭ މައްސަލަތައް. މިހާ ހިސާބުން ދިވެހިން އެބަޖެހޭ، ދެން އަޅުގަނޑުމެން [ހެވޭ] ބުނެފައި، އަޅުގަނޑުމެން އަނެއްކާވެސް ތަހުޒީބު މުޖްތަމަޢަކަށް ބަދަލުވޭތޯ މަސައްކަތް ކުރަން.
 
މިއަދު މި އުފެދޭ ނެޓްވަރކްގެ ބޭނުމަކަށްވާނީ، ޙަޤީޤަތުގައި މިދެންނެވި ކަހަލަ އުޞޫލުތަކަކާއެކީ، ރައްޔިތުންނަށް، ޒުވާނުންނަށް ވިސްނައިދިނުން. ޒުވާނުންނަކީ މި ސަރުކާރު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، އިޤްތިޞާދު، ދުވެލީގެ ހަކަތަ. އެހެންވީމާ، ޒުވާނުން ކުރިއަށްދާއިރު، ޒުވާނުންނަށް ލިބެންޖެހޭ މެސެޖުތަކަކީ، އެއްވެސް ސިޔާސީ މީހަކު، އެއްވެސް ސިޔާސީ ލީޑަރަކު، ސިޔާސީ ޕާޓީއަކުން ބުނާ ކަމެއްގައި، ޒުވާނުންގެ މުސްތަޤްބަލް ގެއްލޭ ކަހަލަ ކަންތައް، ޒުވާނުން ކުރުމުން ދުރަށްދާށޭ. ޒުވާނުން ނެރެގެނެއް ނޫން، އާޚިރުގައި އެމީހުންނަށް އަންނަ ޙުކުމެއްގެ ސަބަބުން ޒުވާނުން ޖަލުގައި ތިބެންޖެހެނީ. ޒުވާނުން ނެރޭކަށްނުޖެހޭ، މިކަހަލަ ކަންތައް ކުރާކަށް. ޒުވާނުންނަށް އަންނަ ހަމަޖެހުމެއް އަންނަން ޖެހޭނީ، ޒުވާނުންނަށް ބޭނުންވާ ކަހަލަ ކަންތައްތައް ހަމަޖެހިގެން ދާންވާނީ، ސަރުކާރުން އެމީހުންނަށް ޤާއިމުކޮށްދޭ އުޞޫލުތަކުގެ ތެރެއިން.
 
އަޅުގަނޑުމެންގެ ތެރޭގައި މިއަދު އެކިކަހަލަ ކުށްތައް ކުރެވިގެން، އެކިކަހަލަ ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދީގެން، ސިޔާސީ މީހުން ހިތްވަރުދީގެން، ކިތައް ޒުވާނުންތޯ އެތިބީ ހަލާކުވެގެން ގޮއްސަ. އެހެންވީމާ، ޒުވާނުންނަކީ ފިއުޗަރ ކަމަށްވާއިރު، ޒުވާނުންނަކީ ބްރައިޓް ބައެއް. ޒުވާނުންނަކީ އެންގޭޖްކުރާ ބައެއް. އެންގޭޖްވެވޭނެ ބައެއް. ޒުވާނުންނަކީ މުސްތަޤްބަލް އާރާސްތުކޮށްދޭން ތިބި ބައެއް. އެހެންވީމާ، ޒުވާނުން ބޭނުންކުރަންވީ، ޒުވާނުންގެ ޕޮޒިޓިވް އެނަރޖީ ޤައުމު ބިނާކުރުމުގައި އަދި ރަނގަޅު ކަންތައްތައް ހޯދައިދިނުމަށް ޒުވާނުން ބިނާކުރަންވީ. މި އެސްޓެބްލިޝް ވެގެން މިދާ ނެޓްވަރކަކީ، މި ދެންނެވި ގޮތަށް ޒުވާނުންގެ ޕޮޒިޓިވް އެނަރޖީ، ޤައުމު ބިނާކުރުމުގައި ހަރނެސް ކުރަން ކުރެވޭ މަސައްކަތް.
 
އެހެންވީމާ، އަޅުގަނޑު އެދެނީ ތިޔަބޭފުޅުން މިއަދު ތިޔަ އަންޑަރޓޭކް ތިޔަ ކުރެއްވީ ވަރަށް ވަރުގަދަ ޒިންމާއެއް. ވަރަށް ވަރުގަދަ ޤައުމީ މަސްއޫލިއްޔަތެއް. އެހެން ނަމަވެސް، ތިޔަ މަސްއޫލިއްޔަތަކީ މިހާރު ދިވެހިރާއްޖެއަށް ކޮންމެހެންވެސް ބޭނުންވާ މަސްއޫލިއްޔަތެއް. މިއީ ކޮންމެހެން ސަރުކާރުން ބުނެގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ސަރުކާރުން އެހީތެރިވާ ކަމެއް، ސަރުކާރުން ހިތްވަރުދޭ ކަމެއް. ސަރުކާރުން ހިތްވަރު ދެނީ، ސަރުކާރަކީވެސް ހަމަ މި މުޖްތަމަޢުގެ ތެރޭގައި، މީހުންތަކެއް ހިމެނޭ ގޮތަށް އޮންނަ މުއައްސަސާއަކަށްވާތީ. އެހެންވީމާ، މުޅި ރާއްޖެއަށް އަންނަ ހަމަޖެހުމަކީ، ސަރުކާރުގައި މަސައްކަތް ކުރަން ތިބޭ މީހުންނަށްވެސް އަންނަ ހަމަޖެހުމެއް. އަދި މުޅި ނިޒާމުގައި އޮންނަ ހަމަޖެހުމަކީ، ނޫނިއްޔާ މުޅި ތަނުގައި އޮންނަ މަޞްލަޙަތާއި ހަމަޖެހުމަކީ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާވެގެން ދިޔުމަކީ، އަޅުގަނޑުމެން އެންމެންނަށް އުފާވެރިކަން ލިބޭ ކަންކަން.
 
އެހެންވީމާ، މިއީކީ އެއްވެސް ގޮތަކަށް އިންޓަރޑިޕެންޑެންޓް ކަމެއް ނޫން. މިއީ ހަމަ އެންމެން ލާމެހިގެން، އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ނޫނީ ކުރެވޭނެ ކަންކަމެއް ނޫން. އެހެން ނަމަވެސް، ކަށަވަރު ކުރަންޖެހޭ ކަމަކީ، ކަށަވަރު ކުރަންޖެހޭ ކަމަކީ، ޤާނޫނެއް ހެދެނީ ގިނަ ބައެއްގެ މަޞްލަޙަތު ޙިމާޔަތްކުރާށޭ. އެއްވެސް ޤާނޫނެއް ނުހެދޭނެ، މީހުންގެ ޙައްޤުތަކެއް މަޙްރޫމް ކުރާކަށެއް. ޤާނޫނު ހެދެނީ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރަން. އެ އަސާސް، އެ ފަންޑަރމެންޓަލް އަޅުގަނޑުމެން ގަބޫލުކުރާ ކަމަށްވަންޏާ، ކޮންމެ ސަރުކާރަކަށް ލާޒިމުވާނެ، އެ ޤާނޫނު ހިންގައިދޭން. އެހެންވީމާ، ޤާނޫނު ހިނގަންވާނެ. ޤާނޫނުގައި މައްސަލަ އުޅޭ ކަމަށްވަންޏާ، ޤާނޫނު ރަނގަޅު ކުރާނީ. ޤާނޫނުގެ ތެރޭގައި ކަނޑައަޅާފައި އޮތް ކަމެއް، ތިންބާރު ވަކިކޮށްފައި އޮތް އޮތުން އެއީ.
 
އެހެންވީމާ، ޢަދުލު އިންޞާފުގެ ދާއިރާއަކީ ވަކި ނިޒާމެއް. އެ ދާއިރާގައި ހިނގާ ކަންތައްތަކަކާ ސަރުކާރެއް ނުބެހޭނެ. މީހެއްގެ މަޢުޞޫމްކަން، ނޫނިއްޔާ މީހަކު ކުށުން ބަރީއަވާކަން، އޭނަ ހާމަކޮށްދޭންޖެހެނީ، އޭނައަށް އެ ލިބޭ ދުވަހު، ހިޒް ޑޭ އިން ކޯޓް، ކޯޓްރޫމްގެ ތެރޭގައި ކުރަންޖެހޭނީ. އެހެންވީމާ، އެއާ ޚިލާފަށް، އޭގެ ބޭރުން މި ދެކެވޭ ވާހަކަތަކަށް، އެއްވެސް ޒުވާން ކުއްޖަކު، އެއްވެސް ތަޢުލީމީ ކުއްޖަކު ޖާގަނުދީ. މި ނިޒާމުތައް ގަބޫލުކޮށްލަން އަޅުގަނޑުމެންނަށް ކެރެންވާނެ. އަޅުގަނޑުމެންގެ އެވަރު ހިތްވަރު ހުންނަންވާނެ. އެހެން ނޫނިއްޔަކާއެއް ހަމަޖެހޭ މުޖްތަމަޢެއް އަޅުގަނޑުމެންގެ ތެރޭގައި ނޯންނާނެ. ހަމަޖެހޭ މުޖްތަމަޢެއް އޮތުމަކީ، އަޅުގަނޑުމެން އެންމެން، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއެކީ، ހުންނަ ނިޒާމުތަކަށް އިޙްތިރާމް ކުރުމާއެކީ، ކަންކަން ބަދަލުކުރަން އޮންނަ މަގުން ކަންކަން ބަދަލުކުރަން ހިނގުމާއެކީ އަދި ޤައުމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނުން. ޤައުމަށް ކުރާ އިޙްތިރާމަކީ، ޤައުމުގައި ހުރި އުޞޫލުތަކާއި، ޤައުމަކީ މިނިވަން ތަނެއްގެ ގޮތުގައި ބާއްވަން އަޅުގަނޑުމެންގެ ޕެޝަން. އެ ޕެޝަނަކަށް އަޅުގަނޑުމެން އެއްގޮތަކަށްވެސް ކޮމްޕްރޮމައިޒް ގެންނާކަށް، ޖާގައެއް ދީގެން ނުވާނެ.
 
އެހެންވީމާ، އަޅުގަނޑުމެންގެ ކަންކަން ނިންމުމުގައި، މިދެންނެވި ގޮތަށް އެންމެ މުހިންމު އެއްޗަކީ، އެންމެ މުހިންމު ކަމަކަށްވާނީ، އަޅުގަނޑުމެން ކަންކަން ނިންމުމުގައި، ކަންކަން ނިންމުމުގެ ޤާބިލުކަމާއި، ކެރުންތެރިކަމާއި އަދި އެންމެފަހު ބަސް ބުނުމުގެ ހުރިހާ ބާރެއް، ދިވެހި ދައުލަތުގައި އޮންނަންވާނެ. ދިވެހި ދައުލަތުގައި އޮތުމަކީ، ދިވެހިރާއްޖޭގެ ސަރުކާރުގައި އޮތުމާއި، އަދި ކަންކަން މަޝްވަރާ ކުރަން އޮންނަ މުއައްސަސާތަކުގެ މަތީގައި އޮތުން. އަޅުގަނޑުމެންގެ ކަންކަން ނިންމާކަށް، އެހެން މީހުން އައިސް ފާޑުކިޔަން ޖާގަދީގެން ނުވާނެ.
 
އެހެންވީމާ، ހުރިހާ ކުދިން ތިޔަ ޓާސްކް ވެގެންދިޔަ، ނޫނިއްޔާ އަމިއްލައަށް އިސްނެގި ވަރުގަދަ މަސްއޫލިއްޔަތަށް ވަރަށް ބޮޑަށް ހިތްވަރުދެމުން އަދި ތިޔަ ކުދިން ތިޔަކުރާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންގެ ޙާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވެގެންދާނެ ކަމަށް، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ދަރުމައާއި ތައުފީޤު މިންވަރު ކުރައްވާނެ! ތިޔަ ކުދިން ކުރާ މަސައްކަތަކީ އިރާދަކުރެއްވިއްޔާ ހަމަ ޤައުމު ބިނާކުރުމުގައި، އަދި ޞުލްޙަވެރި، އަމާން، ރައްކާތެރި މުޖްތަމަޢެއް ބިނާކުރުމުގައި ކުރެވޭ ވަރުގަދަ މަސައްކަތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ހުރިހާ ކުދިންނަށް ފަށްފަށުން ޝުކުރިއްޔާ!
 

والســّلام عليــكم ورحـمــة اللّـه وبـركاتـه.