‏ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު، ރާއްޖޭގެ އާބާދީގެ ‏‎75%‎‏ ހުޅުމާލޭގައި އާބާދު ‏‏ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ‏‏މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ‏‏ބައްލަވާލެއްވުމަށް، މިއަދު ހަވީރު ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ‏‏ވާހަކަފުޅު ދައްކަވަމުންނެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުގެ %‏‏95 މިހާރު ނިމިފައިވާކަން ފާހަގަކުރައްވަމުން، މިއަންނަ އަހަރުގެ މާޗްއާ ހަމައަށް، ޝޯރ ޕްރޮޓެކްޝަން ‏‏ލުމާއެކު ހިއްކުމުގެ މަސައްކަތްތައް ނިންމާ، ޢިމާރާތް ކުރުމުގެ މަސައްކަތްތައް ފެށޭވަރު ވާނެކަމުގައި ވިދާޅުވިއެވެ. ‏‏މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ހުޅުމާލޭ ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު، ‏‏ހުޅުމާލެއަކީ ‏ވަރަށް ހިތްގައިމު ސިޓީއަކަށް ވެގެންދާނެކަމުގައި ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު ރާއްވަވާފައިވަނީ ‏‏ހުރިހާ ގިންތިއަކަށް ބޭނުންވާ ގެދޮރުވެރިކަން ތަނަވަސް ވެގެންދާނެ ގޮތަކަށް ވިސްނަވައިގެންކަމުގައި ވިދާޅުވިއެވެ. ‏‏މިގޮތުން، ސޯޝަލް ހައުސިންގ ސްކީމުތަކުގެ އިތުރުން، ތަނަވަސްކަމުގެ ގޮތުން ކުރީގައި އުޅުއްވާ ބޭފުޅުންނަށް ‏‏ޕްރައިވެޓް ހައުސިންގެ މަޝްރޫޢުތަކެއް ވެސް ހިންގެވުމަށް ރާއްވަވާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏‏މީގެއިތުރަށް، ހުޅުމާލެ ތަރައްޤީކުރާނީ އަތޮޅުތަކުން އަދި ކުދިރަށްރަށުން މާލެއަށް ހިޖުރަކުރަން ބޭނުންވާ ‏‏އާއިލާތަކަށް ޖާގަ އިތުރުކުރެވޭ ވަރަށް ކަމުގައި ބަޔާންކުރެއްވިއެވެ.‏

‏ "ހުރިހާ ޒުވާނުންނަށް އުންމީދު ދޭން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ސޯޝަލް ހައުސިން ‏‏ސްކީމަކީ، އާމްދަނީ ހޯދަން މަސައްކަތްކުރާ ޒުވާނެއްކަމުގައި ވަންޏާ، ކޮންމެ ގިންތިއެއްގެ ޒުވާނަކަށް ވެސް، ‏‏އެފޯޑް ކުރެވޭ ވަރުގެ ‏‏ސްކީމަކަށް ހަދައިދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެކަން" ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި ވިދާޅުވިއެވެ.‏
‏ ‏
‏ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ‏‏މިހާރު ހިއްކާފައިވާ ސަރަހައްދު ބައްލަވާލައްވައި، އެމަޝްރޫޢު ކުރިއަށް ދާނެގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. ‏‏އަދި، ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށްޓަކައި މިސަރުކާރުން އެކުލަވާލައްވާފައިވާ ޕްލޭނާބެހޭގޮތުން ހުޅުމާލޭ ‏‏ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަންއެއް ބައްލަވާލެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެއަށް މިކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އިކޮނޮމިކް ‏‏އެންޑް ޔޫތު ޑިވެލޮޕްމަންޓް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް ‏‏މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.‏