‏ހަންގެރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ސިލްވެސްޓަރ ‏‏ބުޝް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ހަންގެރީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހަންގެރީގެ އާ ‏‏ސަފީރު ‏މިސްޓަރ ސިލްވެސްޓަރ ބުޝްގެ ދައުރުގައި، ދިވެހިރާއްޖެއާއި ހަންގެރީއާ ދެޤައުމުގެ ‏‏ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ‏‏ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރައްވަމުން، ‏‏ޚާއްޞަކޮށް ސާފު ފެން ފޯރުކޮށްދިނުމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން ހަންގެރީ ސަރުކާރުން ދިވެހި ‏‏ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ‏‏ބައްލަވައިލެއްވިއެވެ.‏

‏ހަންގެރީގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏‏‏އެޤައުމުގެ ‏‏ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏‏‏ގެންދަވާނެ ކަމުގައި ‏‏ވިދާޅުވިއެވެ.‏

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏