بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،  وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މި އުފާވެރި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، އަޅުގަނޑުމެންގެ މެހްމާނުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރާ ރަން ޔޫބީލް އަހަރު، އަޅުގަނޑުމެންގެ މިނިވަންކަން ލިބުނު އަހަރުގެ ތެރޭގައި އުފަންވި ވިޔަފާރި ކުންފުންޏެއް. އަދި މި ވިޔަފާރި ކުންފުންޏަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު މަސައްކަތްތަކެއްކޮށް، 50 އަހަރުގެ ދިގު މުއްދަތުގައި ފެމިލީ ބިޒްނަސްއެއްގެ ގޮތުގައި، މިހާ ހިސާބަށް ތަރައްޤީވެފައި އޮތް، އަޅުގަނޑުމެންގެ ކޯ ބިޒްނަސަސްގެ ތެރޭގައި ހިމެނޭ ކުންފުންޏެއްގެ އުފާވެރި 50 އަހަރުވެސް ފާހަގަކުރާ އަހަރު ކަމަށްވާތީ، މި އުފާވެރި މުނާސަބަތުގައި، އެލިއާ ގްރޫޕްގެ މެނޭޖްމަންޓަށް، ވަކިން ޚާއްޞަކޮށް، އެލިއާ ގްރޫޕްގެ ފައުންޑަރ އަލްމަރްޙޫމް ޢަލީ ޢަބްދުﷲ އަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަނުން ފެނިގެންދިޔަ ގޮތަށް، ވަރަށް އާދައިގެ ގޮތެއްގައި ރާއްޖޭގެ އަތޮޅެއްގައި ކުރެވުނު މަސައްކަތްތަކެއް. އެހެން ނަމަވެސް، އުންމީދާއި އަދި ވިޜަންއާއެކީ މަސައްކަތް ކުރައްވައި، އެ މަސައްކަތުގައި ދެމިހުންނެވުމުގެ ނަތީޖާއަކަށް ވެގެން މިދިޔައީ، ރާއްޖޭގެ އިޤްތިޞާދަށް މި 50 އަހަރުގައި އައިސްފައި އޮތް ބަދަލު ހަމަ ރަމްޒުކޮށްދޭ ވަރުގަދަ ފިލާވަޅެއްގެ ގޮތުގައި.
 
އާދެ، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ މީގެ 50 އަހަރު ކުރީގައި ރާއްޖޭގައި މިކަހަލަ ކަންތައްތައް އޮތް ގޮތް. ރާއްޖޭގައި ލަކުޑީގެ ވިޔަފާރި، އޭރު ފެށިފައި މިވަނީ އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި، ރުއް ލަކުޑީގެ ވިޔަފާރީގެ ގޮތުގައި. އެހެން ނަމަވެސް، 50 އަހަރު އައިއިރު، ކާކުތޯ ފަސްއެނބުރި ބަލައިލާފައި، އަޅުގަނޑުމެންގެ ވިޔަފާރީގެ ޓިމްބަރ ވިޔަފާރި، ނޫނީ ލަކުޑީގެ ވިޔަފާރިއަކީ ރުއް ލަކުޑީގެ ވިޔަފާރި ކަމަށް ގަބޫލުކުރާނެ މީހަކު ހުންނާނެ ކަމަކަށް އަޅުގަނޑަކަށް ހިއެއްނުވޭ. ހަމައެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ދާދި ކުޑަކުޑަ މަސައްކަތެއް. އެހެން ނަމަވެސް، އެ މަސައްކަތުގައި، އެ ވިޔަފާރީގައި، އެ ޞިނާޢަތުގައި ދެމިހުންނަ ކަމަށްވަންޏާ، ހަމަ މިރެކަލްސް، ނޫނިއްޔާ މުޢުޖިޒާތް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭ ގޮތަށް، އެހާ ފެންވަރަށް އަޅުގަނޑުމެންނަށް ކަންތައްތައް ގެންދެވޭ ތަން.
 
އެކަމަކު އެޔާއެކީ ފާހަގަކުރަންޖެހެނީ، އެލިއާގެ ފިލާވަޅުން އަޅުގަނޑުމެންނަށް ނަގައިދޭ ފިލާވަޅަކީ، އެންމެ ފުރަތަމަ ކަމަކަށް، ވަރަށް ވަރުގަދަ ފެމިލީ ވިޔަފާރިއަކަށްވީމަ، މިހާ ކާމިޔާބު ގޮތެއްގައި މި ވިޔަފާރި އައީ. ވިޔަފާރިއެއްގައި، ވިޔަފާރި އޯންކުރާ އެތައް ބައިވަރު މީހުންނަކަށް އެއްފަހަރަކާ ނުތިބެވޭނެ. ވިޔަފާރީގައި ޝައްކެއްވެސްނެތްގޮތުގައި، ކުންފުންޏެއްގެ ބޯޑުގެ މަޝްވަރާ ލިބޭނެ. އެހެން ނަމަވެސް، އިޤްތިޞާދީ މިކަހަލަ ކަންކަމުގައި ބަސްބުނާ އެކަކު ހުރެގެން ކުރާ މަސައްކަތް އެފިޝަންޓްވާނެ. ވިޔަފާރީގައިވެސް، ކާމިޔާބު ވިޔަފާރިއެއްގެ ސަކްސެސްއަކީ ހަމަ އިކޮނޮމިކް ޒާއެއް، ނޫނީ އިކޮނޮމިކް ޓައިރަންޓެއް ނޫނިއްޔާ އިކޮނޮމިކް ހަމަ ޒާއެއް، އެ ވިޔަފާރިއެއް ކުރުން. ބޯޑްރޫމެއްގެ ތެރޭގައި ކަންތައްތައް ނިންމާއިރު، ތަފާތު ޚިޔާލު އަންނާނެ. ވިޔަފާރީގެ ޚިޔާލުގެ ތެރޭގައި، ވިޔަފާރީގެ ކަންކަން ނިންމާއިރު، ތަފާތު އެކި ގުޅުންހުރި އިޖްތިމާޢީ ކަންތައްތައް، ފެކްޓަރއިން ކުރެވިގެންދާނެ. އެހެން ނަމަވެސް، އިޤްތިޞާދީ ކަންތައްތައް ނިންމެންވާނީ އިޤްތިޞާދީ ވިސްނުމުން. އެހެންވީމާ، އެލިއާގެ މި ވިޔަފާރީގެ ކާމިޔާބު، އަޅުގަނޑުމެންނަށް މި ދައްކައިދެނީ ޙަޤީޤަތުގައިވެސް މި ވިޔަފާރީގެ މުގުލުގައި ހުންނެވީ ޢަލީ ޢަބްދުﷲ ކަމަށްވާތީ، ޢަލީ ޢަބްދުﷲގެ ބަސް ކުންފުނީގެ މައްޗަށް ހިނގައި، އެއީ ޢަލީ ޢަބްދުﷲގެ ވިޔަފާރިއެއް ކަމަށްވާތީ، އަދި އެމަނިކުފާނަކީ މިކަހަލަ ކަންކަމުގައި ވިސްނުން ހުންނަ ބޭފުޅަކަށްވެގެން ދިޔައީމަ، އެއީ މި ކުންފުނި ކާމިޔާބުވެގެންދިޔަ އެންމެބޮޑު ސިއްރެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.
 
އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން ފޮތްތަކުން އަޑުއަހަން، މައިޑާސް ޓަޗް ނޫނީ އަތްލާ ކޮންމެ އެއްޗެއް ރަނަށް ބަދަލުވެގެންދާތަން. ނޫނިއްޔާ ކުރަން ފަށާ ކޮންމެ މަސައްކަތެއް، ފުރްޞަތު އޮންނަ، ދާއިރާ ފުޅާ މަސައްކަތަކަށް ބަދަލުވެގެންދާ މިސާލު، އަޅުގަނޑުމެން އަޑުއަހަން. މައިޑާސް ޓަޗްގެ މިސާލު އަޑުއަހަން. އެލިއާގެ ވިޔަފާރި ފެށިގެން އައިސް މިއޮތީ ރުއް ލަކުޑީގެ ވިޔަފާރިން ކަމުގައިވިނަމަވެސް، އަދި އޭރު ތަފާތު ވިޔަފާރިއެއް ގޮތަށް މަސް ފައްލަވަކޮށްގެން ނޫނިއްޔާ ހިކިމަސް އުފައްދައިގެން ސިލޯނަށް އަޅުގަނޑުމެން އޭރު ދިވެހިރާއްޖޭގެ ވިޔަފާރިވެރިން އެކްސްޕޯޓް ކުރަމުން ގެންދިޔަ. އެ އެކްސްޕޯޓް ކުރަމުން ގެންދިޔަ ވިޔަފާރިވެރިންގެ ތެރޭގައި އެއް ބޭފުޅަކީ ޢަލީ ޢަބްދުﷲ އަކީ. ދެން ހަމަ އެހެން ނަމަވެސް އެޔާއެކީ މަހަށް ދިމާވި އެކިއެކި ސަބަބުތަކާ ހެދި، އެކިއެކި މައްސަލަތަކާ ހެދި އަދި ސިލޯނުގައި މަސް ގަތުމުގެ އުނދަގޫތަކެއް މެދުވެރިވެގެންނާއެކީ ސަރުކާރުގެ ސިޔާސަތު އޭރު ކަނޑައެޅީ، އަމިއްލަ ފަރާތްތަކުން މި މަސްގަތުން ހުއްޓާލުން. އެހެންވީމާ، ބޭރު ފައިސާ، އިމްޕޯޓްކުރާ މުދަލަށް ބޭރު ފައިސާ ހޯދުން އެލިއާއަށްވެސް އޭރު ވަނީ ދަތިކަމަކަށްވެފައި.
 
އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި ދަންނަވާލި މައުޟޫޢު، އާދެ، މައިޑާސް ޓަޗް، އަތްލި ކޮންމެ އެއްޗެއް ރަނަށް، ނޫނީ ފުރްޞަތުތަކަކަށް، ވިޔަފާރީގެ ފުރްޞަތުތަކަކަށް ފަހިވުމުގެ ނަމޫނާ މިސާލެއްގެ ގޮތުގައި، އެލިއާ ގްރޫޕްގެ ޑައިވަރސިފިކޭޝަން، ނޫނިއްޔާ އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކުރެއްވުމުގެ މަސައްކަތްތައް އަޅުގަނޑުމެން ފެނިގެން ގޮސްފައި މިވަނީ. އެއީ ހަމައެކަނި ލަކުޑީގެ ވިޔަފާރިއެއް ނޫން. އެންމެ ކުރީގައި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިދެންނެވި އިމްޕޯޓަރ، ކޮންސްޓްރަކްޝަން ދާއިރާގައި މުދާ އިމްޕޯޓް ކުރެއްވި އަދި އިމްޕޯޓް ކުރައްވަމުން މިހާރުވެސް ގެންދަވާ އެއް ކުންފުންޏަކީ ޙަޤީޤަތުގައިވެސް އެލިއާ ކުންފުނި. އަދި ހަމައެހެންމެ ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ފުންނާބު އުސް ކުންފުންޏަކަށް މިއޮތީ އެލިއާ ވެފައި. އެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، 10 އަހަރުގެ ކައިވެންޏެއް ކަންނޭނގެ، 10 އަހަރު ފުރުނު ކައިވެންޏެއް ޔަމްހާއާއަކީ. އެހެން ނަމަވެސް، މިހާރު 40 އަހަރުވެގެން މިދަނީ. އޭގެތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށާއި އަދި ޙަޤީޤަތުގައި ރާއްޖޭގެ ކަނޑުދަތުރު ކުރުމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައި ކަމެއް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. މިއީވެސް ހަމަ ވިޜަންއެއް ހުރެގެން، ނޫނިއްޔާ ދުރު ފެންނާތީ ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުގައި މިކަންވެސް ފެނިގެން މިދިޔައީ. ދެން ﷲގެ ރަޙްމަތްފުޅާއެކީ ކުންފުންޏެއް ބޮޑުވެގެންދާނީ، ފުޅާވެގެންދާނީ ކުންފުނި މަސައްކަތް ކުރާނެ ފުރްޞަތުތައް އިޤްތިޞާދުގައިވެސް ތަނަވަސްވެގެންދާ ކަމުގައިވަންޏާ.
 
އޭރު 1970ގެ ކުރީކޮޅުގެ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޓުއަރިޒަމްގެ ޞިނާޢަތު މި ދިޔައީ ހުޅުވިގެން. އެޔާއެކީ އެލިއާ ފުޅާވުމުގެ މަސައްކަތްތައްވެސް ފެށިގެން މިދިޔައީ. ހަމައެކަނި އެލިއާ ފުޅާވީކީ، ޓުއަރިޒަމް ދާއިރާއަށް ބޭނުންވާ އައުޓްބޯޑު އިންޖީނު ގެނެސްގެނެއް ނޫން. އެއީ ޝައްކެއްވެސްނެތްގޮތުގައި، ޓުއަރިޒަމް ދާއިރާއަށާއި އަދި ދަތުރުފަތުރުގެ ދާއިރާއަށް އަޅުގަނޑުމެންނަށް އިންޤިލާބެއް ގެނެސްދިން ކަމެއް. އެހެން ނަމަވެސް، އެއަށްވުރެ ބޮޑު މަސައްކަތެއް ޙަޤީޤަތުގައި ވެގެންދިޔައީ، ހަމަ މަސައްކަތުގެ ސްކޯޕް ފުޅާވެގެންދިޔައީ. ކޮންސްޓްރަކްޝަން ދާއިރާއަކީ، ޓުއަރިޒަމް ދިވެހިރާއްޖެއަށް ތަޢާރުފްވި ހިސާބުން ދިވެހިރާއްޖޭގައި ގްރޯތް އިންޑަސްޓްރީއެއްގެ ގޮތުގައި އޭރުވެސް އަދި މިހާރުވެސް އޮތް އެންމެ ކުރީގައި ހިމެނޭ ތިން ހަތަރު އިންޑަސްޓްރީތަކުގެ ތެރޭގައި ހިމެނޭ އިންޑަސްޓްރީއަކީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ. އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން މި ހޭދަކުރާ އަހަރު، އަޅުގަނޑުމެންގެ ޖީ.ޑީ.ޕީ.ގެ ގްރޯތަކީ 8 ޕަސެންޓް، ނޫނިއްޔާ އެއަށްވުރެ މަތީ ޢަދަދެއް ކިޔާ ކަމަށްވަންޏާ، މިއީ ވަރަށް ވައިބްރަންޓް، ވަރަށް ދިރުންހުރި އިޤްތިޞާދެއް. މި އިޤްތިޞާދުގެ ދުވެލި 8 ޕަސެންޓަކީ، އެހެން ބައެއް ޤައުމުތަކާ ބަލާއިރު، އަދި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ ބަލާއިރުވެސް ހަމަ ވަރަށް ސްލަގިޝް 2 ޕަސެންޓް، 3 ޕަސެންޓް، 4 ޕަސެންޓްގައި އުޅޭ ގްރޯތަކަށްވަންޏާ، އަޅުގަނޑުމެން މިތިބީ ހަމަ ވަރަށް ވައިބްރަންޓް އިޤްތިޞާދީ ޙާލަތެއްގައި. މި ޙާލަތު ދެމެހެއްޓުން މިއޮތީ އަޅުގަނޑުމެންގެ އަތްމަތީގައި. އޭގެތެރޭގައި މި ހިމެނެނީ ސަރުކާރުން ހަދާ ޕޮލިސީތަކާއި، އުޞޫލުތަކާ އަދި އަމިއްލަ ވިޔަފާރިވެރިން ވެންޗަރއައުޓް ކުރަން ބޭނުންވާ ދާއިރާގެ އެމީހުންގެ ވިސްނުން ހުރިވަރު. އެލިއާއިން ދެން އަތްލާ އެހެން ދިމަދިމާލަށް ބަލާކަމަށްވަންޏާ، ވިޔަފާރިއެއް ފުޅާކުރުމަށް އަތްލާ އެހެން ދިމަދިމާއަށް ބަލާކަމަށްވަންޏާ ހަމަ އަޅުގަނޑުމެން ބަލައިލި ކޮންމެ ދާއިރާއަކުން ފެންނަނީ މިކަހަލަ ތަރައްޤީގެ މަސައްކަތްތަކެއް. ހަމައެކަނި ކޮންސްޓްރަކްޝަން ދާއިރާއެއް ނޫން. ލަކުޑިއާއި، ލަކުޑީގެ ސާމާނު ގެނެސްގެން ވިއްކި ދާއިރާއެއް ނޫން. ރާއްޖޭގައި އުސް ޢިމާރާތް ކުރަން ފެށުނުއިރުވެސް، އުސް ޢިމާރާތް ކުރަން ފެށުމުގެ ތާރީޚާ އެލިއާއާ މިއޮންނަނީ ތިމާގެވެފައި. މާލޭގައި ނޫނިއްޔާ ރާއްޖޭގައި އެންމެ ފުރަތަމަ 5 ބުރި ޢިމާރާތެއް އެޅުނު ކަމަށްވެސް އަޅުގަނޑަށް އެލިއާގެ ލިޓްރެޗަރއިން ފެނިގެން މިދަނީ އެއީ އެލިއާގެ މަސައްކަތް ކަމަށް. އަޅުގަނޑުމެންގެ މިކަހަލަ ހިތްފަސޭހަ ޙަފްލާތައް، އަދި ރަސްމީ ޙަފްލާތައް އިޙްތިފާލު ކުރަމުން މިގެންދާ ދަރުބާރުގެއަކީވެސް އެލިއާގެ ޢިމާރާތް ކުރުމުގެ މަސައްކަތެއް. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީވެސް އަދު މިހުންނަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީވެސް އެލިއާގެ މަސައްކަތް. ރިޒޯޓްތައް، މިކަހަލަ އެތައް ދާއިރާއަކަށް މިހިރީ އެލިއާ ފުޅާވެގެން ގޮއްސަ. އެހެންވީމާ، ޙަޤީޤަތުގައިވެސް އެލިއާ ނުކުންނަ ކޮންމެ ދިމާލަކުން އެލިއާ މިހާތަނަށް ކާމިޔާބުތަކެއް ޙާޞިލުކޮށްފައި އެބަހުރި.
 
 ދެން އުފައްދާ ސުވާލަކަށްވާނީ، ކީއްވެގެންތޯ އެލިއާއަކީ ދިވެހިރާއްޖޭގައި ހުރި އެންމެ މުއްސަނދި ކުންފުނިތަކުގެ ތެރޭގައި ނުހިމެނެންވީ. ދެން އަޅުގަނޑަކަށް އެއްގޮތަކަށްވެސް އެލިއާގެ އިންކަމް ސްޓޭޓްމަންޓެއް އެނގޭތީކީ ނޫން މި ވާހަކަ މިދަންނަވަނީ. އެހެން ނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، އެކި ދާއިރާގެ ވިޔަފާރީގައި ރިޓަރން އޮން އިންވެސްޓްމަންޓް، ނޫނީ ރިޓަރން އޮން ކެޕިޓަލް ތަފާތުވާނެ ދޮއެއްތޯ. އަޅުގަނޑުމެންނަށް ރިޓަރން އޮން އިންވެސްޓްމަންޓް އެންމެ ފަހި ނޫނިއްޔާ އެންމެ ލޫކްރެޓިވް ވިޔަފާރިއެއް ގޮތަށް އަޅުގަނޑުމެން ބަލަނީ ޓުއަރިޒަމްގެ ޞިނާޢަތު. ޓުއަރިޒަމްގެ ޞިނާޢަތަކާ ކައިރިއަކަށްވެސް މިސާލަކަށް، ކޮންސްޓްރަކްޝަންގެ ޞިނާޢަތުގައި މިކަންކަން ނުވެ ހިނގައިދާނެ. އެހެން ނަމަވެސް، ކޮންސްޓްރަކްޝަންގެ ދާއިރާއަކީ ގުރޯތު ދާއިރާއަކަށްވާއިރު، އަޅުގަނޑަށް ހަމަ ކަށަވަރު، އެލިއާގެ ކޮންސްޓްރަކްޝަން ގުރޯތު، މިކަންކަމަށް ބަލާކަމަށްވަންޏާ، ރާއްޖޭގައި މިވަގުތު ހިމެނިފައި ހުރި ކުންފުނިތަކުގެ ތެރެއިން ހަމަގައިމުވެސް އެންމެ ސްޓޭބްލް، އެންމެ މެޗުއަރ ކުންފުނީގެ ގޮތުގައި އެލިއާ ވެގެންދާނެ. އެހެންވީމާ، މި ޙަފްލާގައި، އެލިއާގެ އޭރުގެ މެނޭޖްމަންޓަށާއި އަދި މިހާރު ދެވަނަ ޖެނެރޭޝަންގެ މެނޭޖްމަންޓަށް، ޢަޠައު، ޢަލައުއަށް ވަރަށް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ، މިހާރު ދެވަނަ ޖެނެރޭޝަނުން ތިންވަނަ ޖެނެރޭޝަނަށް ދާއިރު، ހަމަ ޗެލެންޖްތަކަކާ ފޭސްކުރަންޖެހޭނެއޭ. ބައްޕަޔަކަށް ފެމިލީ ކޮންޓްރޯލް ކުރާ އުޞޫލުން ފެމިލީ ވިޔަފާރިއެއްގެ ގޮތުގައި އެލިއާ މިހާތަނަށް އައިސްފައި މިއޮތީ. މިހާރު އެހާ ހިސާބުން ދެވަނަ ޖެނެރޭޝަނުން ތިންވަނަ ޖެނެރޭޝަންގެ ދަރިން އުފައްދާއިރު، ފެމިލީ ވަރަށް ބޮޑަށް އެ ކަފިކަފި ލައިގެން އެ ނުކުންނަނީ. އަޅުގަނޑުމެންނަށް މިކަން ފެނޭ، ރާއްޖޭގެ އެހެން ދުވަސްވީ ބައެއް ކުންފުނިތަކުންވެސް. އޭގެތެރޭގައި، ވަރަށް ޕްރޮފެޝަނަލީ މިކަން ހިފެހެއްޓޭ ކަމަށް ނުވާކަމަށްވަންޏާ، ފެމިލީ ވިޔަފާރިއެއް ގޮތުން ފަހަރުގައި އެކަށީގެނެއް ނުވޭ. އެހެން ނަމަވެސް، އަޅުގަނޑުވެސް އެދެނީ މިހާ ޒަމާންވީ އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިހާ އެދެވޭ ޚިދްމަތްތަކެއް، ޙިއްޞާއެއް ކުރައްވާފައި އޮތް ކުންފުންޏަކަށް އެލިއާވާތީ، އަދި އެލިއާގެ ފައުންޑަރ ޢަލީ ޢަބްދުﷲގެ މަސައްކަތަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ހަމަ ރަން އަކުރުން ފާހަގަކުރަންޖެހޭ ޚިދްމަތަކަށް ވެގެންދާއިރު، ހަމަ މި ނަން ދެމެހެއްޓުމަކީ، އެލިއާގެ މިއަދުގެ މެނޭޖްމަންޓަށް އޮތް ވާޖިބެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަބަދުވެސް މަސައްކަތް ކުރަންވާނީ، ކުރިއަށްދާއިރު އުންމީދާއެކީ މަސައްކަތް ކުރަން. އުންމީދެއް ތަނެއްގައި ނެތް ކަމަށްވަންޏާ، ތަނެއްގައި ދިރުމެއް ނެތް ކަމަށްވަންޏާ، މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް. އެހެންވީމާ، ވިޜަނެއް އޮންނަންވާނެ. އަދި މި ވިޜަންއަކީ ތިޔަބޭފުޅުންގެ ބައްޕާފުޅު ޑްރައިވްކުރި ވިޜަން، މި ކުންފުނި މިހާ ހިސާބަށް ގެނައުމަށްޓަކައި. އެހެންވީމާ، އެ ސަބަބަށްޓަކައިވެސް އެބަ މަޖުބޫރުވޭ، ހަމަ މި ވިޜަންއާ އެކީ ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން، ދެން އެލިއާއިން ވެންޗަރއައުޓް ކުރާނީ ކޮންކަހަލަ ދާއިރާތަކަކަށްތޯ؟ މާގިނަ ދާއިރާތަކަކަށް ނުދިޔަ ކަމުގައިވިނަމަވެސް، އެލިއާގެ ކޯ ބިޒްނަސްގެ ތެރޭގައި އަދިވެސް މިއޮތީ ކޮންސްޓްރަކްޝަން ބިޒްނަސް. ދެން އެހެން ހުރިހާ ބިޒްނަސްތަކެއް މިއޮތީ އެލިއާ އިންވެސްޓްމަންޓްސްގެ ތެރޭގައި. އޭގެތެރޭގައި ޔަމަހާ އިންޖީނާއި، އަދި މިނޫން އެހެން މަސައްކަތްތައް އެ ދަނީ.
 
ކޯ ބިޒްނަސްއަށް އެކަނި ފޯކަސް ކުރި ކަމަށްވިނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެއްޔާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާ ދާއިރާތަކަށް ބަލާކަމަށްވަންޏާ، ކޮންސްޓްރަކްޝަނަކީ އަޅުގަނޑު ކުރީގައިވެސް ދަންނަވާލި ގޮތަށް، އެންމެ ބޮޑަށް އޮޕަޗުނިޓީ، ފުރްޞަތު އޮތް ދާއިރާ. އަޅުގަނޑުމެންގެ މި ސަރުކާރުގެ މަސައްކަތްތަކުގެ ތެރޭގައި މި ހިމެނޭ އިޤްތިޞާދީ ދުވެލި ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއް ކުރުން. އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު އަމާޒަކަށްވެފައި މިއޮތީ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ޓްރާންސްފޮރމޭޝަނެއް، ނޫނިއްޔާ ބޮޑު ބަދަލެއް، އިންޤިލާބީ ބަދަލެއް ގެނެވިދާނެފަދަ މަސައްކަތްތަކެއް ކުރެވިދާނެތޯ ބެލުން. އެ މަސައްކަތް ކުރުމުގައި، ޝައްކެއްވެސްނެތްގޮތުގައި، ފުރްޞަތަކީ އެންމެ މުހިންމު ކަންތައް. އަދި ޤައުމުގެ ހަމަޖެހުމާއި، ޤައުމުގެ ސިޔާސަތުތައް ކަނޑައެޅިގެންދާގޮތް އެއީ، ބޭރުގެ އިންވެސްޓަރުން ރާއްޖެއާ ދޭތެރޭގައި ޝައުޤުވެރިކަން އުފައްދައިދޭނެ ކަމެއް.
 
އެ ޝައުޤުވެރިކަން އުފެދިގެންދާ ކަމަށްވަންޏާ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި މިހާރު ހުރި މިޞްރާބަށް ބަލައިފި ކަމަށްވަންޏާ، މިހިރީ އިޤްތިޞާދީ ދާއިރާގައި ޢިމާރާތް ކުރުމުގެ ބޮޑެތިބޮޑެތި މަޝްރޫޢުތައް. މިހާރުވެސް އަޅުގަނޑުމެން މި ވާހަކަ ދައްކަމުން ގެންދާއިރުވެސް، އަޅުގަނޑުމެން ހަމަ ދާދި ކައިރިން، އަޅުގަނޑުމެންގެ އެއަރޕޯޓަކީ 7 މިލިއަން ފަސިންޖަރުން ނޫނީ 6 މިލިއަން ފަސިންޖަރުން ދަތުރުކުރާ ނޫނީ ދައުރުކުރާ އެއަރޕޯޓަކަށް ހެދުމުގެ މަސައްކަތްތަކަކަށް ސަރުކާރުން މިހާރު މިވަނީ އިސްނަގާފައި. މިފަހަރު ވެދާނެކަންނޭނގެ، އެއަރޕޯޓްގެ ޓަރމިނަލް ލިބުނީ ބޭރުގެ ބަޔަކަށް. އެހެން ނަމަވެސް، އެއަރޕޯޓްގެ ދެންހުރި އިންފްރާސްޓްރަކްޗަރއަށް ބަލައިފި ކަމަށްވަންޏާ، ހަމަ ކޮންސްޓްރަކްޝަން ކުންފުނިތަކަށް، މީގައި ހުރި ދާއިރާގައި ނޫނީ ޖާގަ ފުރްޞަތު މަދެއް ނޫން.
 
 އެޔާއެކީ ތަންކޮޅެއް ދުރަށް ޖެހިލާ ކަމަށްވަންޏާ، އަޅުގަނޑުމެން މިދައްކަނީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ މަސައްކަތްތަކެއްގެ ވާހަކަ. އިހަވަންދިއްޕޮޅު އަތޮޅުގައި، އައިހެވަންއަކީ ބިޔަ ބޮޑު މަޝްރޫޢެއް. އެ މަޝްރޫޢު ވުޖޫދަށް އަންނަ ހިސާބުން ފެށިގެން އެ މަޝްރޫޢުގައިވެސް އެ ގެނެސްދެނީ އެތައް ބައިވަރު ވަޒީފާގެ ފުރްޞަތުތަކެއް. އެތައް ބައިވަރު ވިޔަފާރީގެ ފުރްޞަތުތަކެއް. މީގެތެރޭގައި އެންމެ ކޯ ވިޔަފާރިއެއްގެ ގޮތުގައި ހިމެނޭނީ ހަމަ ޢިމާރާތް ކުރުމުގެ މަސައްކަތްތައް. ދެން ރާއްޖޭގައި ހުރި އައިހެވަން ނޫން އެހެން ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ މަސައްކަތަށް ބަލާކަމަށްވަންޏާ، މިއިން ކޮންމެ މަސައްކަތަކީ ޙަޤީޤަތުގައި އެއީ، ޓުއަރިޒަމް ރިލޭޓެޑް ކަމެއް ކަމަށްވިނަމަވެސް، ނޫނިއްޔާ މޫދާއި މޫދުގެ ވެށިން އަޅުގަނޑުމެންނަށް އުފާ ލިބޭކަހަލަ މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް ކަމަށްވީނަމަވެސް، ނޫނިއްޔާ އެއްގަމުގައި ރިއަލްސްޓޭޓް ވިޔަފާރި، ނޫނިއްޔާ ޢިމާރާތް ކުރުމުގެ ވިޔަފާރިއަށް ކަމުގައިވީނަމަވެސް، މިއުޅެނީ މީގެ އަސާސަކަށް މިވަނީ، ބިންގަލަކަށް މިވަނީ ހަމަ ކޮންސްޓްރަކްޝަން ދާއިރާ. އެހެންވީމާ، އެލިއާ ގްރޫޕް ނުޖެހޭކަންނޭނގެ، މާ ދުރަކަށް ކަފިވެގެންނެއް ޑައިވަރސިފައިވާކަށެއް. ޙަޤީޤަތުގައި އެލިއާގެ ކޯ ބިޒްނަސްއަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މިވަގުތު ކޯ ބިޒްނަސް. އަދި ކޯ ބިޒްނަސްއަކީ އިޤްތިޞާދީ ވާހަކަ ދައްކާއިރު، ދައްކާނެ އިކޮނޮމިކް ފަންޑަމެންޓަލްސްގެ ވާހަކަ. އިކޮނޮމިކް ފަންޑަމެންޓަލްސްއަށް ލޮޅުންނާރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކޯ ބިޒްނަސްއަކަށް ލޮޅުމެއް ނާރާނެ. އިޤްތިޞާދުގައި އޮޕަޗުނިޓީ އޮތް ކަމަށްވަންޏާ، އިޤްތިޞާދުގެ ދުވެލި ކުރިއަށްދާ ކަމަށްވަންޏާ، ކޮންސްޓްރަކްޝަން ދާއިރާގެ މުސްތަޤްބަލަކީ، އޭގެ ޒާތުގައި ލިޔެވިފައި އޮތް މުސްތަޤްބަލެއް. އެ މުސްތަޤްބަލާ ދޭތެރޭގައި ނާއުންމީދުގެ ނަޒަރަކުން ވިސްނާނެ ޖާގައެއް ހަމަ ޙަޤީޤަތުގައިވެސް ނޯންނާނެ.
 
 އަޅުގަނޑު ހިތުން ސިޔާސީގޮތުން ކޮންމެ ދައުރެއް، ކޮންމެ ސަރުކާރެއް ބަދަލުވެގެންދިޔަ ނަމަވެސް، ޙަޤީޤަތްތަކެއް ހުންނާނެ. ކޮންމެ ސަރުކާރަކުންވެސް ބޭނުންވާނެ، އެ ސަރުކާރެއް، ނޫނީ އެ ދައުލަތެއްގައި އާމްދަނީ އިތުރުކުރަން. ކޮންމެ ސަރުކާރަކުންވެސް ބޭނުންވާނެ، އެ ދައުލަތެއްގެ ބޮޑު އާބާދީއަކީ ޒުވާން އާބާދީއަކަށް ވެގެން އަންނައިރު، އެ ޒުވާން އާބާދީއަށް ބޭނުންވާނެ ކަންތައްތަކެއް ކޮށްދޭން. އަޅުގަނޑުމެން ސަރުކާރުން އެންމެ ފުރަތަމަ ފަހަރު، ޒުވާނުން ހައިލައިޓްކޮށް މެއިން ސްޓްރީމް ކުރަމުން މިގެންދަނީ. މިކުރާ މަސައްކަތުގެ ތެރޭގައި އަދި ޞިނާޢަތްތަކަށް އެހީވުމުގެ ގޮތުން، އިޤްތިޞާދީ ދުވެލި ފުޅާކުރުމުގެ ބޭނުމަކީ ޙަޤީޤަތުގައިވެސް ވަޒީފާގެ ފުރްޞަތުތަކެއް އުފެއްދުން. ވަޒީފާގެ ފުރްޞަތުތަކެއް އުފެއްދުމަށް އެންމެ ތިމާގެ، ނޫނީ އެންމެ ގާތް، އެންމެ ދޯޅު އާއިލާއަކަށް މިވަނީ ޓުއަރިޒަމްގެ ދާއިރާ ކަމަށްވާތީ، އަޅުގަނޑުމެން މިހާރު އިޢުލާނުކޮށްފައި އޮންނާނެ، ޓުއަރިޒަމް ދާއިރާގެ މަސައްކަތްތަކަށް، އިންޓްރެސްޓް ރޭޓް 4 ޕަސެންޓަށްވުރެ މަތީ ނޫން ޢަދަދެއްގައި ކޮސްޓް އޮފް ބޮރޯއިންގ ހޯދައިފި ކަމަށްވަންޏާ، ދިވެހި ސަރުކާރުން ސޮވްރިން ގެރެންޓީ ދޭނަމޭ. އެހެންވީމާ، މި ދާއިރާގެ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނަށް މިރޭވެސް އަޅުގަނޑު ހަމަ ތަކުރާރުކޮށްލާފައި ރެއިޓްރޭޓްކޮށް ދަންނަވަން ބޭނުންވަނީ، 4 ޕަސެންޓަށްވުރެން ބޮޑުނޫން އިންޓްރެސްޓް ރޭޓެއްގައި ލޯނު ހޯއްދަވައިފި ކަމަށްވަންޏާ، ސަރުކާރުގެ އެހީތެރިކަން އޮންނާނެޔޭ. އަދި ހަމައެހެންމެ، މި ދާއިރާގައި  8 އަހަރު، 9 އަހަރު، 10 އަހަރު، 12 އަހަރު، އެއަށްވުރެ ގިނަދުވަސްވެފައި ހުރި ރަށްރަށް، ނުހެދި ހުރި ރަށްރަށް ނުހެދި ހުރުމަކުންނެއް، އިޤްތިޞާދަށްވާނެ އެއްވެސް ފައިދާއެއް ނެތް. ފަހަރުގައި އެ ރަށްރަށަށް ދައްކާ ރެންޓް މީރާއަށް ވަދެދާނެކަންނޭނގެ. ރެންޓް ވަނުމުގައިވެސް މައްސަލަތަކެއް އެބައުޅޭ. އަދި ރެންޓް ވަންނައިރު މިދަންނަވާ ގޮތަށް، ޕީނަލް އިންޓްރެސްޓް ނޫނިއްޔާ އެ ޖުރިމަނާޔާއެކީ ވަންނަ ފައިސާވެސް ވަދެދާނެކަންނޭނގެ. އެހެން ނަމަވެސް، އެއަކުންނެއް އިޤްތިޞާދަށް ކުރާ ފައިދާއެއް ނެތް. 8 އަހަރު ވެގެންދާއިރު، އެ ގެއްލިގެންދާ ބޮޑު އޮޕަޗުނިޓީއަށް ބަލައިފި ކަމަށްވަންޏާ، އޮޕަޗުނިޓީ ކޮސްޓަކީ ވަރަށްބޮޑު އެއްޗެއް. އެ ރިޒޯޓެއް 8 އަހަރު ވަންދެން ހެދިފައި އޮތްނަމަ، ހިތްޕުޅަށް ގެންނަވާ، އެ ރިޒޯޓް އެކިއުމިލޭޓްވެގެން އިޤްތިޞާދުގެ ތެރޭގައި އަނބުރާނެ ޑޮލަރުގެ ޢަދަދު. އަޅުގަނޑުމެންގެ ބޭންކިންގ ސެކްޓަރުން ވަންނަ ޑޮލަރު، ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކަށާއި، އެކްސްޕޯޓްގެ ދާއިރާތަކަށް ނުކުންނާނެ ޑޮލަރަށް އެކަނި ވިސްނާލަންވެސް މިއީ ހަމަ ވިސްނާލަންޖެހޭ ކަމެއް. އަދި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުކޮށްދޭން މަސައްކަތްކުރި ނަމަވެސް، ކޮންމެ ރިޒޯޓެއް ނުހެދި 8 އަހަރު، 12 އަހަރު ހުންނަ ކަމަށްވަންޏާ، މިއީ ހަމަ ވަރަށްބޮޑު ފުރްޞަތުތަކެއް ގެއްލިގެންދާ. މިކަހަލަ ސަބަބުތަކަކާ ހެދި، މަޓީއާވެސް ވާހަކަ ދައްކާފައި، މިހާރުގެ ސަރުކާރުން ނިންމީ، މިހެން ނުހެދި ހުރި، އެއްވެސް މަސައްކަތެއް ނުފެށި ހުރި ރިޒޯޓްތައް، ނޫނިއްޔާ މި ނުފެށި ހުރި ރަށްރަށް، ރިޒޯޓް ހަދަން ދޫކޮށްފައި ހުރި ރަށްރަށް ސަރުކާރަށް ނަގަން. އެކަމަކު އެއީ ޓުއަރިޒަމް ދާއިރާ ވަރުގަދަކުރުމަށްޓަކައި.
 
އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު މިގޮތަށް ކަން ވެގެން މިދަނީ، އަޅުގަނޑުމެންގެ އެބްޒޯބްޝަން ކެޕޭސިޓީ ހުރި ވަރަށްވުރެން، އޭރު ރިޒޯޓްތައް ގިނައިން ދޫކުރެވިފައި، ނޫނީ ރަށްރަށް ގިނައިން ދޫކުރެވިފައި ހުރީމަ، އެ ރަށްރަށް ހެދުމުގެ ފުރްޞަތު ޢަމުދުން ނެތި ދިޔައީކަންނޭނގެ. އެހެން ނަމަވެސް، ދަންނަވާލަން މިއުޅެނީ ހަމަ ދިވެހި ޒުވާނުން މިކަހަލަ ވަޒީފާތަކަށް ނެރުމާއި، އާ މަސައްކަތްތަކަށް ނެރުމުގައި، އެލިއާގެ މިއަދުގެ މެނޭޖްމަންޓް އެބަޖެހޭކަންނޭނގެ، ހަމަ ޒުވާނުންނަށް މިސާލަކަށްވާ ބަޔަކަށް. މިއަދުގެ އެލިއާގެ މެނޭޖްމަންޓަކީ ވަރަށް ޒުވާން މެނޭޖްމަންޓެއް. އެހެންވީމާ، އަޅުގަނޑު ދިވެހި ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، ފަހަރުގައި މިކަން ވެދާނެ، ފެމިލީ ވިޔަފާރިއެއް ވާރުތަވެގެން އައީމަ، އެކަން ވީގޮތް ކަމަށް. އެހެން ނަމަވެސް، ދަންނަވާލަން ބޭނުންވަނީ، އެއީ އެކަންޏެއް ނޫން، ވިޔަފާރީގައި ޒުވާނުން ޙަރަކާތްތެރިވާ ގޮތަކީ. މިފަހަރު އެބޭފުޅުން އިންހެރިޓް ކުރެއްވީ ބައްޕަގެ ވިޔަފާރި ކަމަށްވާތީ، ޒުވާން ވިޔަފާރިވެރިންތަކެއް ފެނުނީ. އެކަމަކު އެބޭފުޅުން، އެބޭފުޅުންގެ އޯން ރައިޓްގައިވެސް އެބޭފުޅުންނަކީ ވިޔަފާރީގެ ޚިޔާލު ހުންނަ، ވިޔަފާރީގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުން. އެހެންވީމާ، ދިވެހިރާއްޖޭގައި ޒުވާން ވިޔަފާރިވެރިން އާ ޞިނާޢަތްތަކަށް ވަނުމާއި، އަދި މިހާރު މިހިރަ ޞިނާޢަތްތަކުގައި ޒުވާނުން ޙަރަކާތްތެރިވުމުގެ ޖާގަ އެބައޮތް. މިކަންކަމުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވަނީ ޒުވާން ދަނޑުވެރިޔާވެސް، ޒުވާން މަސްވެރިޔާވެސް އަދި ޒުވާން އެކިއެކި އޮންޓްރޮޕްރިނަރުން ނޫނިއްޔާ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުން ނެރެން.
 
 މިކަން ކުރާއިރުވެސް އަޅުގަނޑު ހަމަ ދަންނަވާލާނަން، ހުރިހާ ކެޕިޓަލްއަކީ ސަރުކާރުން ދެވޭނެ ކެޕިޓަލްއެއް ނޫން. ޢާންމުކޮށް ކެޕިޓަލް ދޫކުރާނީ ބޭންކްތަކުން. ސަރުކާރަކީ ކެޕިޓަލް ދޫކުރާ ތަނެއް ނޫން. އެހެން ނަމަވެސް، މީގައި ކޮންމެވެސް ކަހަލަ އިމްޕެޓަސްއެއް، ކޮންމެވެސް ކަހަލަ ހިތްވަރެއް ދިނުމަށްޓަކައި ސަރުކާރުން މިފަހަރު ގެޓްސެޓް ޕްރޮގްރާމެއްގެ ނަމުގައި އަޅުގަނޑުމެންގެ ސަރުކާރުގައި ޕްރޮގްރާމްތަކެއް މި ހިންގަނީ. އެއީ ކުދި މެދުފަންތީގެ ވިޔަފާރިއަށް އަލަށް ކުރިމަތިލާ ފަރާތްތަކަށް، ބޭންކްގެ އުޞޫލާ ތަފާތުކޮށް، ރަހުނުގައި ބަހައްޓާނެ އެއްޗެއް ނެތް ކަމުގައިވީނަމަވެސް، މަސައްކަތަށް ނުކުންނާނެ ކެލިބަރ ހުރި، ކޮލިޓީ ހުރި މީހުން އަތުވެއްޖެ ކަމަށްވަންޏާ، ޒުވާން ވިޔަފާރިވެރިންނަށް ކޮންމެވެސްކަހަލަ ލޯނު ފުރްޞަތެއް، ޖާގަ ހޯދައިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް.
 
ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ޓުއަރިޒަމް ދާއިރާގައިވެސް އެއްގޮތަކަށްވެސް އަޅުގަނޑުމެން ގަބޫލުކުރާކަށްނުޖެހޭ، ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ މަސައްކަތުގައި ރިޒޯޓް ޕްރޮޕަޓީއެއް ހަދަނީ އެއް އޯނަރޝިޕަކުން ކަމުގައި ވެދާނެ. އެއް މެނޭޖްމަންޓަކުން ކަމުގައި ވެދާނެ. އެހެން ނަމަވެސް، ކޮންމެހެންނެއް ހުރިހާ ރިޒޯޓެއް އެގޮތަށް ހެދޭކަށްވެސް ނުއެއްޖެހޭ. އެހެންވެގެން ސްޓްރާޓަރ ޓުއަރިޒަމް، އަޅުގަނޑުމެން ތަޢާރުފްކޮށްގެން މިއުޅެނީ. އޭގެ ބޭނުމަކަށްވާނީ، ޓުއަރިޒަމްގެ ރަށެއްގެ އެކި ކޮމްޕޯނަންޓްތައް ތަފާތު މީހުން ހެދުން. ކޮންމެހެން ޓުއަރިޒަމްގެ ބަންގަލޯތައް ހަދާ މީހުން ކޮންމެހެން ނުޖެހޭ ރެސްޓޯރެންޓް ހަދާ ހިންގާކަށް. އަދި ރެސްޓޯރެންޓް ހަދާ މީހުން ނުޖެހޭ ކުނި ނައްތާލާ ނިޒާމުގެ ތެރޭގައި އުޅޭކަށް. އަދި ކުނި ނައްތާލާ ނިޒާމުގެ ތެރޭގައި އުޅޭ މީހުންނެއް، ކޮންމެހެން ނުޖެހޭކަންނޭނގެ ވޯޓަރ ވިލާސް ހަދާކަށްވެސް. މިއިން ކޮންމެ ދާއިރާއަކީ ވަކި ކޮމްޕޯނެންޓެއްގެ ގޮތުގައި ހެއްދެވޭނެ. މީގެ ބޭނުމަކަށްވެސް ވަނީ ކުދިކުދި ކެޕިޓަލް ހިފައިގެން، އާދައިގެ ކެޕިޓަލް ހިފައިގެން ނޫނީ ބޭންކްތަކުގެ ތެރެއިން މިވަރުގެ ކެޕިޓަލާއެކީ ޒުވާނުން މަސައްކަތަށް ނެރުމުގެ މަސައްކަތްތަކެއް ކޮށްދޭން. ފަހަރުގައި 200 އެނދުގެ ރިޒޯޓެއް ހަދަން، ޒުވާން ވިޔަފާރިވެރިންނަށް ފަސޭހަނުވެދާނެ. އެކަމަކު މިދެންނެވި ގޮތަށް، ޓުއަރިޒަމްގެ ދާއިރާ ކަފިވެގެންދާއިރު، މިދެންނެވި ކަހަލަ ރިޒޯޓެއްގައި 3 ބަންގަލޯ، 4 ބަންގަލޯ ނޫނީ 10 ބަންގަލޯ މިދެންނެވި ކަހަލަ ކޮންމެވެސް ކުޑަ ކުންފުންޏަކުން ނެގުމަކީ ފަސޭހަ ކަމަކަށް ވެދާނެ. ބޭނުމަކަށްވަނީ ހަމަ ދިވެހި ޒުވާން ވިޔަފާރިވެރިން، ވިޔަފާރީގެ އާ ފުރްޞަތުތަކަށް ހިތްވަރާއެކީ ނުކުތުމުގައި، ސަރުކާރުން އެހީތެރިވާނެ ގޮތްތަކެއް ހަދައިދިނުން.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެން މިދިޔަ އަހަރުގެ ތެރޭގައި، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އެމް.އެމް.އޭ.ގެ މިނިމަމް ރިޒަރވް ރިކްޔަރމަންޓްވެސް އެއޮތީ 25 ޕަސެންޓުން 20 ޕަސެންޓަށް ތިރިކޮށްފައި. އަޅުގަނޑުމެންނާއެކީ އެމް.އެމް.އޭ.ގެ ގަވަރުނަރުވެސް އެބަ އިންނެވި. މީގެ ބޭނުމަކަށްވެސް ވަނީ ބޭންކްތަކަށް ނުކުންނަ ފައިސާ އިތުރުކުރުން. ބޭންކްތަކަށް ނުކުންނަ ފައިސާ އިތުރުވެއްޖެ ކަމަށްވަންޏާ، ނޫނިއްޔާ ރިޒަރވް ރިކްޔަރމަންޓްގެ ގޮތުގައި އެމް.އެމް.އޭ.ގައި ބަހައްޓާ ފައިސާ މަދުވާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، މިއީ ވިޔަފާރިވެރިންނަށް ކޮމްޕައުންޑް ވެގެން ނުކުންނާނެ ފައިސާއަށް ވެގެންދާނެ. އަދި މިއަހަރުވެސް އަޅުގަނޑުމެން މި ބަލަނީ، އަޅުގަނޑުމެންގެ އިޤްތިޞާދީގެ ދުވެލި އަޅުގަނޑުމެންނަށް ބެކް ކޮށްދޭ ކަމަށްވަންޏާ، އިޤްތިޞާދަށް ބެކް ކޮށްދޭ ކަމަށްވަންޏާ، އަނެއްކާވެސް އަޅުގަނޑުމެންގެ ރިޒަރވް ރިކްޔަރމަންޓް ދަށް ކުރެވިދާނެތޯ، އެ ފުރްޞަތު އޮތްތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. މިހެން ހެދުމުގެ ބޭނުމަކީ، ވިޔަފާރީގައި ދައުރުކުރާ ފައިސާ އިތުރުކުރުން. އަދި ވިޔަފާރީގައި ދައުރުކުރާ ފައިސާ އިތުރުކޮށްފައި، އެމް.އެމް.އޭ.ގެ ޓެކްސްއެއްގެ ގޮތުގައި، ނޫނިއްޔާ އެޔާ އެއްވައްތަރު ގޮތެއްގައި ބެހެއްޓޭ ރިޒަރވް ރިކްޔަރމަންޓް ދަށްވާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އިންޓްރެސްޓް ކުޑަވެގެންދާނެ. ދިވެހިރާއްޖޭގެ ކޮމާރޝަލް ބޭންކްތަކުން ލެންޑް ކުރާވަރު ކުޑަވެގެންދާނެ. އެއީ ދިވެހި ރުފިޔާއިން ލެންޑް ކުރާވަރު ކުޑަވެގެންދާނެ. މިކަހަލަ ވިސްނުންތަކެއްގައި، އިޤްތިޞާދަށް އަޅުގަނޑުމެން ކޮންމެވެސް ކަހަލަ ސްޓިމިއުލަސްއެއް ގެނެވޭތޯ މި މަސައްކަތް ކުރަނީ. އެހެންވީމާ، މިހުރިހާ ކަމަކީ އިޤްތިޞާދުގައި ޕޮޒިޓިވް ޑިރެކްޝަނާ އެކީ ދާން ހުރި ކަންކަން.
 
އެހެންވީމާ، 50 އަހަރު ފުރިގެން އެލިއާ، އާ ވިސްނުންތަކާއި އަދި އާ ސްޓްރެޓެޖީތަކާއެކީ އިޤްތިޞާދުގައި ޙަރަކާތްތެރިވާން ވިސްނާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ ތިޔަބޭފުޅުންގެ ބައްޕާފުޅު ގެންގުޅުއްވި ވިސްނުން ނޫނީ ވިޜަނަރީ ވިސްނުން ތިޔަބޭފުޅުން ގެންގުޅުއްވާށޭ. އާ ބައެއް ދާއިރާތަކަށް ވިސްނާވަޑައިގެން، އެހެން ނަމަވެސް ކޯ ބިޒްނަސްގެ މަތިން ހަނދާންނައްތާނުލައްޗޭ. ކޯ ބިޒްނަސްގައި ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޖާގަ އެބައޮތޭ. ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ކޮންސްޓްރަކްޝަން ދާއިރާގެ ދައުރު ހަނިވެގެންދާނެ ދުވަހެއް އަޅުގަނޑަކަށް ނުވިސްނޭ. އެއީ ވައިބްރަންޓް އަދި ކުރިއަށް ދާން މަސައްކަތްކުރާ އިޤްތިޞާދެއް އޮތް ކަމަށްވަންޏާ، ކޮންސްޓްރަކްޝަން ދާއިރާއަކީ އެ އިޤްތިޞާދެއްގައި ހަމަ އެންމެ ކުރީގައި އުޅޭނެ އެއް ދާއިރާ. ފަތުރުވެރިކަމަށް ހީނަރުކަން އަންނަ ފަހަރު ފަހަރު ދާނެ. މިކަހަލަ ކަންކަން ވާނެ. އެހެން ނަމަވެސް، އެއީ އަޅުގަނޑުމެން އެދޭ ގޮތެއް ނޫން. އެހެން ނަމަވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިދެންނެވި ކަހަލަ އިޤްތިޞާދުގައި ކޯ ބިޒްނަސްގެ ތެރޭގައި މަސައްކަތްކުރާ މީހުންނަށް، އޭގެ ރިޓަރން އޮފް އިންވެސްޓްމަންޓް އެހާ ބޮޑުނުވެ ހިނގައިދާނެ. އެހެން ނަމަވެސް، ރީޒަނަބލް ރިޓަރނެއް ލިބޭ ކަމަށްވަންޏާ، އެ ދާއިރާއަކީ އޭގެ ޒާތުގައި ވިޔަފާރީގައި ބަނގުރޫޓުވެގެންދާނެ ދާއިރާއެއް ނޫން. މެކްޑޮނަލްޑް، ފުޑް ޗެއިނެއް ހިތްޕުޅަށް ގެންނަވާ. މިއީ އޭގެ ޒާތުގައި އެހާ ބޮޑެތި ފައިދާތައް ނުލިބި ހިނގައިދާނެކަންނޭނގެ، ޓުއަރިޒަމް ކަހަލަ. އެކަމަކު ކިހިނެއްތޯ، ފުޑް ޗެއިނެއް، ނޫނިއްޔާ ފުޑް ޗެއިންސް ކިހިނެއްތޯ ބަނގުރޫޓު ވާނީ. ވަރަށް ބޮޑެތި ނުބައި އިންވެސްޓްމަންޓެއް ހެދިއްޖިއްޔާ ބަނގުރޫޓް ވެދާނެ. އެކަމަކު އޭގެ ޒާތުގައި، ފުޑަ ޗެއިނެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމަށްވަންޏާ، އެ ބަނގުރޫޓުވާނެ ގޮތެއް ނޯންނާނެ ދާއިރާއެއް ދޮއެއްތޯ. ހަމަ އެކަހަލަ ދާއިރާއެއް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ. އެހެންވީމާ، އަޅުގަނޑު ހަމަ އެޑްވައިސްކޮށްލާފައި ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި އިޤްތިޞާދުގައި ކުރިއަށް ދާން އޮތް ފުރްޞަތު އެބައޮތޭ. އަދި އެ ދާއިރާގައި ހަމަ ޙަޤީޤަތުގައިވެސް ކޮންސްޓްރަކްޝަން ދާއިރާގެ ފުރްޞަތު ވަކިން ބޮޑޭ.
 
އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދެންމެ އަޅުގަނޑުމެންނަށް މިތަނުގައި އިލްތިމާސް ކުރެވިގެންދިޔަ ގޮތަށް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ވިޔަފާރީގައި، އަޅުގަނޑުމެންގެ ވިޔަފާރީގައި އިސް ސަފުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް، މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ، ވިސްނަން އެބަޖެހޭ، ހަމަ އެލިއާއިންވެސް މި ވިސްނާވަޑައިގަންނަވާ ގޮތަށް. އަދި ޔުނިވަރސަލްއާއި، ޗަމްޕާއާއި މިކަހަލަ އެތައް ބައިވަރު ވިޔަފާރިވެރިން ވިސްނާވަޑައިގަންނަވާ ގޮތަށް، ދިވެހިރާއްޖޭގެ އިޖްތިމާޢީ ކަންކަމަށް އަނބުރާ ކޮންމެވެސް އެއްޗެއް ދޭން އެބަޖެހޭ. އޭގެ މާނައަކީ، ސީ.އެސް.އާރު.ގެ މަޝްރޫޢުތަކެއްގެ ދަށުން ނަމަވެސް، ނޫނިއްޔާ ކޮމިއުނިޓީއަށް ކޮންމެވެސްކަހަލަ އިޖްތިމާޢީ ޒިންމާއެއް އޮތްކަން ގަބޫލުކޮށްގެން، ކޮންމެވެސް އެއްޗެއް އަނބުރާ އެބަ ދޭންޖެހޭ. އޭގެތެރޭގައި އެލިއާ ގްރޫޕްގެ ފަރާތުން އަޅުގަނޑަށް އެބަ އެނގޭ، އަތޮޅުތެރޭގައި ހުރި ހޮސްޕިޓަލްތަކަށް އަދި ހުރި ހެލްތް ސެންޓަރުތަކަށް މެޑިކަލް އިކްވިޕްމަންޓާ، މިކަހަލަ ސާމާނު ދެއްވަމުން އެބަ ގެންދަވާ. އެކަމަކު މިޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އެލިއާގެ، މި ޔަމަހާގެ ސަކްސެސްއަކީ ޙަޤީޤަތުގައިވެސް ޔަމަހާގެ އިންޖީނަށާއި، ޔަމަހާގެ ސާމާނަށް ގެންނަ ހުރިހާ ސްޕެއަރޕާޓަކާއި އެކްސެސަރީޒް، ރެޑިލީ އެވެއިލަބްލް ނޫނީ ފަސޭހައިން ލިބެން ހުރުން އެއީ އެއްކަމެއް. ދެވަނަ ކަމަކީ އާފްޓަރ ސޭލް ސަރވިސް.
 
އަޅުގަނޑުމެން މި ދާއިރާތަކަށް ދާއިރު، ޞިއްޙީ ދާއިރާތަކަށް މިގެންނަނީ ވަރަށް އަގުބޮޑު މެޝިނަރީ. އެކަމަކު އެލިއާގެ ސަކްސެސްއަކީ މިއީ ކަމަށްވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން މިޖެހެނީ، އަޅުގަނޑުމެން މިގެންނަ ސަރވިސް ވޮރަންޓީއަކީ ގާތްގަނޑަކަށް އެއް އަހަރުގެ ސަރވިސް ވޮރަންޓީ. މިތާކު އެ އެއްޗެހި މަރާމާތު ކުރުމުގެ ސަރވިސް ސެންޓަރެއް ނެތް. އަދި މިތާކު އަދި ޢަމުދުން އޭގެ އެކްސެސަރީޒާއި ސްޕެއަރ ޕާޓްސް ލިބޭނެގޮތެއް ނެތް. އެހެންވީމާ، ވެންޑަރެއްގެ އަތުން ވަރަށް އަގުހެޔޮކޮށް ފަހަރެއްގައި ލިބިދާނެ، އެއް އަހަރުގެ ވޮރަންޓީއާއެކީ. އެކަމަކު މިއީ އޭގެ ޒާތުގައި އިޤްތިޞާދަށް ހަމަ ބޮޑެތި ގެއްލުން ހުރި ކަންކަން. އެހެންވީމާ، މިކަންކަން ކުރުމުގައިވެސް އަޅުގަނޑުމެން ދަންނަ އެސްޓެބްލިޝްޑް ބްރޭންޑްސް ގެންނަ ކަމަށްވަންޏާ، ހަމަ އެލިއާގެ މިސާލު ބަލައިގެން، މި ދާއިރާގައި މަސައްކަތް ކުރައްވާ ދިވެހި ވެންޑަރުންނަށް ނޫނީ ދިވެހި ވިޔަފާރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމަ އެލިއާ އެކުރެއްވި ކަހަލަ ޖޭ.ވީ އެގްރީމަންޓް ހައްދަވާށޭ. އެ ހައްދަވައިގެން ނޫނިއްޔާ ދިވެހިރާއްޖޭގައި އާފްޓަރ ސޭލްސްއާއި އަދި މި ދާއިރާއަށް ނޫނީ މި މަސައްކަތްތަކަށް ބޭނުންވާ އެކްސަސަރީޒް ލިބޭނެ ގޮތެއް ނުވާނެ. މިހާރު މި ސަރަޙައްދުގައިވެސް ފާހަގަކުރެވޭ ކަމަށް މިވަނީ ޔަމަހާގެ އައުޓްލެޓް އެހެން ނޫންތޯ. އެއީ، ތަމްރީނު ދިނުމުގެ ގޮތުންވެސް އަދި އެކްސަސަރީޒްގެ ގޮތުންވެސް. އެހެންވީމާ މިއީ ޖޮއިންޓް ވެންޗަރުގެ މިސާލަށް ބެލި ކަމުގައިވީނަމަވެސް، ދެ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރުކޮށްގެން، އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ގެއްލުމެއް ނުލިބި، 40 އަހަރު ވަންދެން ހިންގޭ ޖޮއިންޓް ވެންޗަރަކީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން ހަމަ އުފާކުރަންޖެހޭ އަދި މަރްޙަބާ ދަންނަވަންޖެހޭ ރިލޭޝަންޝިޕަކަށްވާނެ.
 
އެހެންވީމާ، މި ޔަމަހާގެ މިތަނުގައި މި އިންނެވި މެނޭޖްމަންޓްގެ އިސް ބޭފުޅާއަށްވެސް އަދި އެލިއާ މެނޭޖްމަންޓްގެ ބޭފުޅުންނަށްވެސް، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ ޖޮއިންޓް ވެންޗަރުތަކުންގެ ތެރޭގައި ހިމެނޭނެކަންނޭނގެ، މި ޔަމަހާ އެލިއާގެ ޖޮއިންޓް ވެންޗަރ. ތިޔަބޭފުޅުންނަށް އެކަމަށްވެސް މަރްޙަބާ ދަންނަވަން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ދަންނަވާނީ، ޝައްކެއްވެސްނެތްގޮތުގައި، އުފާވެރި އިޙްތިފާލެކޭ މި އިޙްތިފާލަކީ. އެކަމަކު މިހާ ހިސާބަށް މި އުފާވެރިކަމާ ހަމަޔަށް، 50 އަހަރެއް ހޭދަކުރެވޭއިރު، 50 އަހަރުގެ ތެރޭގައި ސީދާ ވަރަށްގިނަ ކަންތައްތަކެއް ކުރެވިގެން ނޫނިއްޔަކާއެއް، ކުންފުންޏެއް މިކަހަލަ ސަކްސަސް ސްޓޯރީއެއް ކިޔައިދޭކަށް ނާންނާނެ. ކުންފުނީގެ ސަކްސަސްގައި އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން، އެލިއާ ގްރޫޕްގެ ފަރާތުން މިއަދުވެސް ފާހަގަކުރައްވާ، ކުންފުނީގެ ކާމިޔާބަކީ ޙަޤީޤަތުގައި ކުންފުނީގެ މުވައްޒަފުންކަން. އަދި ޢަމުދުން މިކަހަލަ މުދާ ވިއްކާ އަދި ޚިދްމަތާއި ސަރވިސް ވޮރަންޓީގެ ދަށުން ޚިދްމަތްދޭ ތަންތަނުގައި ހަމަ ވަރަށް އިތުބާރު ހުރި، ވަރަށް ލޯޔަލް ކްލަޔަންޓް ބޭސްއަކާއެކީ މަސައްކަތް ކުރާނެ މުވައްޒަފުންތަކެއް، ނޫނިއްޔާ މަސައްކަތް ކުރާނެ ސްޓާފުން ނެތިއްޔަކާއެއް ވިޔަފާރިއެއް މިހާ ކާމިޔާބުކަމާއެކީއެއް ނުގެންދެވޭނެ.
 
މިއީކީއެއް ހަމައެކަނި ގަނެ ވިއްކާ ވިޔަފާރިއެއް ނޫން. މި ވިޔަފާރީގެ ތެރޭގައި ހިމެނެނީ، މުދާ ބަދަލުކޮށްދިނުމާއި، ސްޕެއަރސް އެވެއިލަބްލް ކުރުމާއި އަދި ބޭނުންވާ އާފްޓަރ ސޭލް ސަރވިސް ދިނުން. އެހެންވީމާ މިއީ ކޮމްޕްލީޓް ވިޔަފާރިއަކަށްވާ ކަމަށްވަންޏާ، މި ވިޔަފާރި ކުރިއަށް މިދަނީ ހަމަ ޙަޤީޤަތުގައިވެސް ކުންފުނީގެ ޑެޑިކޭޓަޑް ސްޓާފެއް އޮތީމަ. ޙަޤީޤަތުގައި ޑެޑިކޭޓަޑް ސްޓާފަކާ ނުލައި ކުންފުންޏަކަށް މިހާ ހިސާބަކަށް ނާދެވޭނެ. އެހެންވީމާ، އަޅުގަނޑުގެ ހަމަ އިލްތިމާސަކަށްވާނީ، އަޅުގަނޑު މިވާހަކަ ދަންނަވާކަށްވެސް ނުޖެހޭ، ހަމަ މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވި ބޭފުޅުން ތިޔަބޭފުޅުންނަކީ. އެހެން ނަމަވެސް، އެންމެ މުހިންމު ރައުސްމާލަކީ، ކުންފުނީގެ އެންމެ މުހިންމު ރައުސްމާލަކީ ކުންފުނީގެ ޑެޑިކޭޓަޑް ސްޓާފްކަން ތިޔަބޭފުޅުން ގަބޫލު ކުރައްވާހާ ދުވަހަކު ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވޭނެ. އެއަކު ހަމަ އެއްވެސްކަހަލަ ދެބަސްވުމެއް އޮންނާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން.
 
އަޅުގަނޑު ހަމަ ފަހު ވާހަކައެއް ގޮތަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް މި ޙަފްލާއަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. އަދި ސަރވިސް ސެންޓަރު ހުޅުވުމުގެ ކޮންމެވެސް ހިސާބެއްގައި އަޅުގަނޑަށް އުޅެވިފައި ވަނީ. އަދި ހަމައެޔާއެކީވެސް ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ބައްޕާފުޅާއެކީވެސް އެމް.ޕީ.އެލް ބޯޑުގައި މަސައްކަތް ކުރުމުގެ ޝަރަފުވެސް އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، ތިޔަބޭފުޅުންގެ ބައްޕާފުޅަކީ އަޅުގަނޑުވެސް ހަމަ ވަރަށް ދަންނަ ބޭފުޅެއް. ދެން ހަމަ އަބަދުވެސް ވިޔަފާރީގެ ޚިޔާލާއެކީ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވާ ބޭފުޅެއް. މިކަހަލަ ދިވެހި ދަރިން އުފެދެންޖެހޭ. ދެން ބްރެއިން ޑްރެއިންއާއެކީވެސް އަޅުގަނޑުމެން ހަމަ މިހާރު ޖިއޯބޭގްސްއާ އެކީ ހަމަ ދާޖަހައިގެން މިހާރު ހިފެހެއްޓޭތޯ މި ބަލަނީ. އަޅުގަނޑުމެންގެ އޮންޓްރޮޕްރިނަރުން ނޫނީ އަޅުގަނޑުމެންގެ މިކަހަލަ ވިޔަފާރީގެ ދާއިރާއިން ކިޔަވައިގެން އަންނަ މީހުންނަކީ، ދިވެހިރާއްޖޭގައި އުޅެގެން، ދިވެހިރާއްޖޭގައި ވިޔަފާރިކޮށްގެން، ދިވެހިރާއްޖެއަކީ ލިވަބަލް ތަނަކަށް، ދިވެހިރާއްޖެއަކީ އަޅުގަނޑުމެންނަށް އުޅެން ބޭނުންވާ ތަނަކަށް ބަދަލުކުރުމުގެ ހިތްވަރު އަޅުގަނޑުމެންގެ ހުންނަންޖެހޭ ދޮއެއްތޯ. އެއީކީ ސަރުކާރުގެ ސިޔާސަތުން ކުރެވޭނެ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ވިސްނުމަށްވެސް އައިސްފައި އޮތް ބަދަލު. ސަރުކާރުގެ ސިޔާސަތަކީ މިކަންކަން ކުރުމުގެ އެއްބައި. އެކަމަކު އެޔާއެކީ އަޅުގަނޑުމެންގެވެސް ހުންނާނެ ކޮންމެވެސްވަރެއްގެ ކެރުންތެރިކަމެއް، ޢަޒުމެއް ހުންނަންވާނެ. އެކަމަކު މުޅި މުޖްތަމަޢު މިކަންކަމަށް އެހީތެރިވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި މިކަން ކުރިއަށް ގެންދެވޭނެ.
 
މިވާހަކައަކީ ހަމަ 50 ވަނަ އަހަރު، ނޫނިއްޔާ ރަންޔޫބީލް އަހަރު، މިނިވަންކަމުގެ ގޮތުން ފާހަގަކުރާއިރުވެސް އަޅުގަނޑު ދަންނަވާލަންޖެހޭ. މި 50 އަހަރު ފާހަގަކުރާއިރު، މި ފާހަގަކުރަނީ ސަރުކާރަކުން ނޫން. 50 އަހަރު ފާހަގަކުރުމުގައި ސަރުކާރު ވެދާނެކަންނޭނގެ، އިނީޝިއޭޝަން ނަގާ ބަޔަކަށް. އެކަމަކު މިއީ އަޅުގަނޑުމެން އެންމެންގެ ކަމެއް ދޮއެއްތޯ. ހަމަ ވިޔަފާރި ކުންފުނިތަކުންވެސް ގުޅިގެން ކުރެވޭނެ ކަންތައް މަދެއް ނުވާނެ. އަދި ވިޔަފާރި ކުންފުނިތަކުން ގުޅިގެން 50 އަހަރުގެ ރަންޔޫބީލް ވަނަ އަހަރު ފާހަގަކުރައްވަން ގެންނަވާ އެއްވެސް މަޝްރޫޢަކީ، އަޅުގަނޑުގެ ސަރުކާރު ހަމަގައިމުވެސް ނޫނެކޭ ދަންނަވާނެ މަޝްރޫޢެއް ނޫން.
 
އެހެންވީމާ، މިއީ އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގެ މަސައްކަތެއް، މި 50 އަހަރު ފާހަގަކުރުން މިއީ. ސަރުކާރުން އެކްޓިވިޓީޒް ކަލަންޑަރެއް ހަދާފައި ނެރެވިދާނެ. އަދި ބޭރުގެ މެހްމާނުން އަޅުގަނޑުމެންގެ 50 އަހަރު ފާހަގަކުރުމުގެ ޙަފްލާއަށް ވަޑައިގެންވެސްފާނެ. އެކަމަކު އެޔާއެކީ އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރުގައިވެސް ހުންނަން އެބަޖެހޭ އެ ޑްރައިވް. އޭރުން އަޅުގަނޑުމެންނަށް ސީ.އެސް.އާރު.ގެ ވާހަކަވެސް ކުރިއަށް ގެންދެވޭނީ. އެހެންވީމާ، މި ދިވެހިރާއްޖެއަކީ ސަރުކާރުގެ ދިވެހިރާއްޖެއެއް ނޫން. މި ދިވެހިރާއްޖެއަކީ ސަރުކާރާއި އަޅުގަނޑުމެން ހުރިހާ ދިވެހިންގެ ދިވެހިރާއްޖެ. އެހެންވީމާ، މިތަނުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރަންވެސް ތިބީ އަޅުގަނޑުމެން. މިތަނުގެ ދިރިއުޅުމުގެ ޙާލަތު މިޒަރަބްލް ކުރަން ތިބީވެސް އަޅުގަނޑުމެން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އެ ހިތްވަރާއި ކެރުންތެރިކަން ހުރެއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ހަމަ ނަމޫނާ ތަނެއް ނޫން ގޮތަކަށް ވެގެނެއް ނުދާނެ ދޮއެއްތޯ. ދިވެހިރާއްޖޭގެ އެ ރޯބަސްޓްނަސް އެބަހުރި. ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ދިރުން އެބަހުރި. ދިވެހިރާއްޖޭގައި ޔަންގް އޮންޓްރޮޕްރޮނަރޒް އެބަތިބި. އަޅުގަނޑުމެންގެ ހިތްވަރު އެބަހުރި. އެހެން ކަމަށްވަންޏާ އޮތީ އަޅުގަނޑުމެންގެ ވިލިންގނަސް ދޮއެއްތޯ. އަޅުގަނޑުމެންގެ ކޮމިޓްމަންޓް އޮތީ. މި ކޮމިޓްމަންޓާއެކީ އަޅުގަނޑުމެން ދާން ބޭނުން ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ ޤައުމުތަކަށް، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ، ނޫނީ އިޤްތިޞާދުގެ ކުރިއެރުމަކީ، އަޅުގަނޑު އަބަދުވެސް ދަންނަވާ ގޮތަށް، އެންވީ އޮފް މެނީ އަދަރސް. އެހެންވީމާ، މި ކެރުމާއެކީ އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ ޢަޒުމް މިރޭވެސް އާކުރަންވާނެ. 50 އަހަރަކީ ޝައްކެއްވެސްނެތްގޮތުގައި ދިގު މުއްދަތެއް.
 
ތިޔަބޭފުޅުންގެ މަސައްކަތްޕުޅަށް އަޅުގަނޑު އެދެނީ އަދަށްވުރެ ފެހި މާދަމައެއް. އަދި އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، މުޅި ދިވެހިރާއްޖޭގެ ކަންތައްތަކަށް އަޅުގަނޑު އެދެނީ މާތްﷲގެ ރަޙްމަތާއި، މާތްﷲގެ ބަރަކާތް މިންވަރު ކުރެއްވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ކުރިއަށްދާ އަދި ދިވެހިންގެ ހިތުގައި ޤައުމީ ލޯތްބާއި، ދިވެހިރާއްޖެ ކުރިއަރުވަން ބޭނުންވާ އަދި ދިވެހިރާއްޖެއަކީ ޞުލްޙަމަސަލަސްކަން ޤާއިމުވެފައި އޮންނަ ޤައުމަކަށް ހެދުމުގެ ހިތްވަރާއި ކެރުން، އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގައި ލެއްވުމަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه.