ދިވެހި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގައި އުޅެގެން، ދިވެހިރާއްޖޭގައި ވިޔަފާރި ކޮށްގެން، ދިވެހިރާއްޖެއަކީ ދިރިއުޅެވޭނެ ފަދަ، އަދި އެހެން މީހުން ދިރިއުޅެން ބޭނުންވާނެ ފަދަ ތަނަކަށް ބަދަލުކުރުމުގެ ހިތްވަރު ހުރި ބަޔަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި އެލިއާއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ދިވެހިރާއްޖެއަކީ ސަރުކާރުގެ ދިވެހިރާއްޖެއެއްނޫން ކަމަށާއި، މިއީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެއެއް ކަމުގައި ވިދާޅުވެ، ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރަން ތިބީ ހަމަ އަޅުގަނޑުމެން ކަމަށާއި، ނުވަތަ މިތަނުގައި ދިރިއުޅުމުގެ ޙާލަތު ގޯސް ކުރަންވެސް ތިބީ ހަމަ އަޅުގަނޑުމެން ކަމުގައި ބަޔާންކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުން އެކަނި ކުރެވޭނެ ކަމެއްނޫން ކަމަށާއި، މިއާއެކީ އަޅުގަނޑުމެން އެންމެންގެވެސް ކޮންމެވެސް ކަހަލަ ކެރުންތެރިކަމަކާއި ޢަޒުމެއް ހުންނަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މުޅި މުޖުތަމަޢު މިކަންކަމަށް އެހީތެރިވެދީފިނަމަ ސަރުކާރަށް މިކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަ ކުރައްވަމުން، މި 50 އަހަރު ފާހަގަ ކުރާއިރު ފާހަގަ ކުރަނީ ސަރުކާރުން އެކަނިނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަމުގެ 50 އަހަރު ފާހަގަ ކުރާއިރު ސަރުކާރުން އިސް ނަންގަވާފާނެކަމަށާއި، އެހެންނަމަވެސް މިއީ އަޅުގަނޑުމެން އެންމެންގެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ވިޔަފާރި ކުންފުނިތަކުން ގުޅިގެން މިނިވަންކަމުގެ 50 އަހަރުގެ ރަންޔޫބިލް އަހަރު ފާހަގަ ކުރަން ގެންނަވާ އެއްވެސް މަޝްރޫޢަކަށް ސަރުކާރުން ނޫނެކޭ ނުދަންނަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ކުންފުނިތަކުން، ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށް ކޮންމެވެސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. މިގޮތުން، މުޖުތަމަޢަށް އިޖްތިމާޢީ ޒިންމާއެއް އޮތްކަން ޤަބޫލުކޮށްގެން، މުޖުތަމަޢަށް ކޮންމެވެސް އެއްޗެއް އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާރުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ އިޤްތިޞާދީ ގޮތުން ދިވެހިރާއްޖެއަށް އިންޤިލާބީ ބަދަލެއް ގެނެވިދާނެ ފަދަ ކަންތައްތަކެއް ކުރެވިދާނެތޯ ބެއްލެވުން ކަމަށާއި، އެމަސައްކަތްތައް ކުރުމުގައި ވިޔަފާރިވެރިންނަށް ފަހިކޮށްދެވޭ ފުރުޞަތަކީ އެންމެ މުހިންމު އެއްކަންތައް ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަށް ގެންދެވޭނެ މަސައްކަތްތަކެއް ކުރުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ ގޮތުން ކޮންމެ ސަރުކާރެއް، އަދި ކޮންމެ ދައުރެއް ބަދަލުވެގެން ދިޔަ ނަމަވެސް، ކޮންމެ ސަރުކާރަކުންވެސް ބޭނުންވާނީ އެސަރުކާރެއްގެ، ނުވަތަ ދައުލަތުގެ އާމްދަނީ އިތުރުކުރަން ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމުގެ ބޮޑު އާބާދީއަކީ ޒުވާން އާބާދީއަކަށްވުމުން އެޒުވާން އާބާދީއަށް ބޭނުންވާ ކަންތައްތައް ކޮށްދޭން ކޮންމެ ސަރުކާރަކުންވެސް ބޭނުންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި، އެލިއާ ކުންފުނީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ފިލައެއް އެރުވިއެވެ.