ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އެ ޤާނޫނުއަސާސީގެ ބާރާއި ޙުރްމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ރައްޔިތުންގެ މަޖިލީހަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީބަޔާން އިއްވަވަމުންނެވެ.

ސަރުކާރުން މިއަދު ކުރައްވަމުން ގެންދަވަނީ ދިވެހި ޤައުމު، ފާގަތި، އަމާން މަންޒިލަކަށް ގެންދެވުމުގެ މަސައްކަތް ކަމަށާއި، ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ފުދުންތެރި ދިރިއުޅުމެއް ހޯއްދަވައިދެއްވުމަކީ، ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، ޤައުމުގެ ހަމަޖެހުމަށާއި މަޞްލަޙަތަށް ކޮންމެ ފަރުދަކުވެސް އިސްކަންދޭންޖެހޭނެ ކަމަށާއި، ޤާނޫނުތައް ނަގަހައްޓައި ދަމަހައްޓަން އިސްކަންދޭންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއާއި، އިޖްތިމާޢީ ދާއިރާއިން ސަރުކާރުން ޙާޞިލްކުރައްވާފައިވާ ލަނޑުދަނޑިތަކާއި، މިދާއިރާތަކުން ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާކަމާއި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށާއި، ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގައި ގިނަގުނަ ކުރިއެރުންތަކެއް ސަރުކާރުން ހޯއްދަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ޞިނާޢަތް ކަމަށްވުމާއެކު، އެންމެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީބަޔާނުގައި، ޒުވާނުންނަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަން ޚާއްޞަގޮތެއްގައި ފާހަގަ ކުރެއްވިއެވެ. މިގޮތުން، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އެކުލަވާލައްވާފައިވާ [ގެޓްސެޓް] ޕުރޮގުރާމުގެ ދަށުން ޒުވާނުންނަށް ދޫކުރެވޭ ލޯނު، ވަރަށް އަވަހަށް ދޫކުރަން ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޒުވާނުންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމުގެ ގޮތުން، ޒުވާނުންނަށް ޚާއްޞަ ޤާނޫނެއްގެ ބިލު މިހާރު އެކުލަވައިލެވިފައިވާ ކަމަށާއި، މި ބިލު މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީބަޔާނުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލު އަހަރުކަން ފާހަގަކުރައްވައި، މިފަދަ ޤައުމީ މުނާސަބަތެއް ފާހަގަކުރަމުންދާއިރު، މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުން ކުރިއަށް ގެންދަވާ ކަންކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވެ، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް، ކުލަގަދަ ރަންޔޫބީލަކަށް ހަދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.