‏މިސަރުކާރުން ޤާނޫނީ އިމެއް ހުރަހެއް ނުކުރައްވާނެ ކަމަށާއި، ‏ޖިނާއީ އިޖުރާތުގެ ‏‏ތެރެއިން ކޯޓުން އެމީހެއްގެ މައްޗަށް ދަޢުވާއެއް ސާބިތުވެއްޖެކަމަށްވަންޏާ، އެއީ ކޮންމެ މީހެއްކަމުގައި ‏‏ވީނަމަވެސް، އެމީހެއްގެ މައްޗަށް އެހުކުމް ތަންފީޒުކުރަން މިސަރުކާރުން ފަހަކަށް ނުޖެހޭނެކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ‏‏ވިދާޅުވީ، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ކާނިވަލު ސަރަހައްދުގައި މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ. ‏

‏މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏އެމަނިކުފާނުގެ ‏‏ސަރުކާރުން ވެރިކަމާ ޙަވާލުވެވަޑައިގަތީ ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ހޯއްދަވައިދެއްވަން ‏‏ކަމުގައި ވިދާޅުވިއެވެ. ‏އަދި ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ބާކީނުވާ، އޯގާތެރި، އިޙްސާންތެރި ‏‏އަދި ކެތްތެރިކަމާއެކީ ‏‏ރާއްޖޭގެ ތަރައްޤީއަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރެއްވުންކަމުގައި ވިދާޅުވިއެވެ.‏

‏ "މިސަރުކާރުން ވެރިކަމާ ޙަވާލުވީ، ރާއްޖޭގެ އެކި ‏‏ހިސާބުތަކުގައި އެކި ކަންކޮޅުތަކުގައި ‏‏ވީރާނާވަމުން ހަލާކުވަމުންދާ އިމާރާތްތަކުން އާބާތުރަ ފިލުވައި ‏‏ދިނުމާއެކީގައި، އާ ޢިމާރާތްތައް އެޅުމާއި، ‏‏ކުދިންގެ ތައުލީމަށް ހޭދަކުރުމާ އެކީގައި ޞިއްޙީ ‏‏ދާއިރާއަށް ކުރިއެރުންތަކެއް ގެނެސްދޭން. ޒުވާނުންނަށް ‏‏ވަޒީފާ ހޯދައިދޭން. ދިވެހިރާއްޖެއަށް ‏‏ތަނަވަސްކަން އިތުރުކޮށްދޭން. އަދި ކޮންމެ ފަރުދަކީވެސް ދަޢުލަތުގެ ‏‏މަޝްރޫޢުތަކުގައި ހިމެނޭ، ބާކީނުވާ ‏‏ރައްޔިތަކަށް ހެދުމުގެ މަޤްސަދުގައި" ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވިއެވެ. ‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަތޮޅުތެރޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ‏‏ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ‏މިދިޔަ އަހަރުގެ ‏‏ތެރޭގައި ސަރުކާރުން 7 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމައި، މިހާރު 32 ‏‏ރަށެއްގެ ބަނދަރުގެ ‏‏މަސައްކަތް ކުރިއަށްގެންދަވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، 9 ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު ‏‏މިހާރު ކުރިއަށް ދާއިރު، އިތުރު 8 ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓުގެ ތެރޭގައި ‏‏ހިމަނުއްވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އެކިރަށްރަށުގައި ބޯފެނުގެ ‏‏ތަފާތު 17 މަޝްރޫޢަކާއި، ނަރުދަމާގެ 10 މަޝްރޫޢެއްވެސް މިހާރު އެބަކުރިއަށް ދާކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.‏

‏މިސަރުކާރުން ޒުވާނުންނަށް ދެއްވަވާ އިސްކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ‏‏އެމަނިކުފާނުގެ ދަޢުރު ނިމޭއިރު ‏ވަޒީފާގެ ބާޒާރަށް ނިކުންނަށް ބޭނުންވާ ހުރިހާ ކުދިންނަށް ވަޒީފާ ‏‏ފުރުޞަތު ތަނަވަސްވެގެންދާނެކަމުގައި ވިދާޅުވިއެވެ. މިރޮނގުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ‏‏ގެންދަވަމުން، މިވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުގެ ‏8 ކުންފުންޏަކުން 3031 ކުއްޖަކަށް ‏‏ވަޒީފާ ހަމަޖައްސަވައި ދެވިފައި ވާނެކަމުގައި ބަޔާންކުރެއްވިއެވެ. މީގެއިތުރަށް، މަސްވެރިކަމުގެ ދާއިރާގައި ދިވެހި ‏‏ޒުވާނުންނަށް 1464 ވަޒީފާ މުޅިން އަލަށް އުފައްދަވާފައި ވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި 2512 ‏‏ވަޒީފާ މުޅިން އަލަށް އުފައްދާފައިވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‏‏އަދި، އެމަނިކުފާނުގެ ‏ފަސްއަހަރުގެ ރާސްތާގައި، އިރާދަފުޅުކުރެއްވިއްޔާ 94000 ވަޒީފާ އަލަށް ‏‏އުފައްދަވާނެކަމުގައިވެސް ވިދާޅުވިއެވެ. ‏