ކޮލޮމްބިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މޮނިކާ ލެންޒެޓަރ މޫޓީސް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކޮލޮމްބިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ކޮލޮމްބިއާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏މިބައްދަލުވުމުގައި، އިޤްތިޞާދީ ދާއިރާއާއި، އަދި މިނޫންވެސް ދެޤައުމުން އެއްގޮތް ސިޔާސަތުތައް ގެންގުޅޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރުގަދަކުރުމާ ‏ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބޭ ގެއްލުންތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ކޮލޮމްބިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ގޮތުން ޚިދުމަތްކުރެއްވުމަކީ އެކަމަނާއަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، މި މަޤާމުގައި ހުންނަވައިގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ރާއްޖެއަށް ހޯއްދަވައިދެއްވާ ކުރިއެރުމަށްޓަކައި، ކޮލޮމްބިއާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވިއެވެ.

‏ ‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.