ސަރުކާރުގެ އޮފީސްތަކުން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓު ބޮޑު މަޝްރޫޢުތައް ހިންގަވަން ފެށްޓެވުމުގެ ކުރިން މި އޮފީހުގެ ހުއްދަ ހޯއްދަވަންޖެހޭގޮތަށް މި އޮފީހުގެ ނަންބަރު 2014/22 (31 އޮގަސްޓު 2014) ގެ ދެންނެވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. އެ ދެންނެވުމުގައި، ސަރުކާރުގެ އޮފީސްތަކުން ހިންގަވާ މަޝްރޫޢުތައްކަމަށް ބަޔާންކޮށްފައި އެވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީ.އެސް.އައި.ޕީ) ގައި ހިމެނިގެން، ދައުލަތުގެ ބަޖެޓުންނާއި، ހިލޭ އެހީއާއި، ލޯނާއި، އެކިއެކި ފަންޑުތަކުގެ ދަށުން ހިންގަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެވެ. މިގޮތުން، ޕީ.އެސް.އައި.ޕީގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން ހިންގަވާ މަޝްރޫޢުތަކުގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހިންގަވާ މަޝްރޫޢުތައް ޓެންޑަރކުރެއްވުމުގެ ކުރިން މި އޮފީހުން ހުއްދަ ހޯއްދެވުމަށާއި، ޓެންޑަރކުރެއްވުމަކާނުލައި ހިންގަވާ މަޝްރޫޢުތައް ކޮންޓްރެކްޓްކުރެއްވުމުގެ ކުރިން މި އޮފީހުން ހުއްދަ ހޯއްދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. މުޅިން އަލަށް ހިންގާ މަޝްރޫޢުތައް.
2. އަހަރުތަކަށް ބަހާލައިގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ވަކިވަކި އަހަރުތަކުގައި ކުރިއަށްގެންދާ ކޮމްޕޯނަންޓްތަކަށް ހިނގާ ޚަރަދު 5 މިލިއަން ރުފިޔާއަށްވުރެ ބަޖެޓު ކުޑަނަމަވެސް، މަޝްރޫޢުގެ ޖުމްލަ ބަޖެޓު 5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާ މަޝްރޫޢުތައް. 
3. މި އޮފީހުގެ ނަންބަރު 2014/22 ދެންނެވުން ނެރުމުގެ ކުރިން ހިންގަން ފަށާފައިވާ މަޝްރޫޢެއްގެ ސަބް ކޮންޕޯނަންޓެއްގެ ގޮތުގައި ހިންގާ މަޝްރޫޢުތައް.
4. މި އޮފީހުގެ ނަންބަރު 2014/22 ދެންނެވުން ނެރުމުގެ ކުރިން ނޭޝަނަލް ޓެންޑަރ ބޯޑަށް ފޮނުވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، އެކި ސަބަބުތަކާހުރެ އެވޯޑުކުރެވިފައިނުވާ މަޝްރޫޢުތަކާއި އެވޯޑްކުރުން ހުއްޓާލައިފައިވާ މަޝްރޫޢުތައް.
5. މި އޮފީހުގެ ނަންބަރު 22/2014 ދެންނެވުމާގުޅިގެން މި އޮފީހުގެ ހުއްދަ ހޯދައިގެން ނޭޝަނަލް ޓެންޑަރ ބޯޑަށް ފޮނުވާ މަޝްރޫޢުތަކުގެ ތެރެއިން، އެކި ސަބަބުތަކާހުރެ އެ އަހަރަކު އެވޯޑުނުކުރެވިގެން ނުވަތަ މަސައްކަތް ނުފެށިގެން އަލުން ޓެންޑަރކުރުމަށް ވިދިގެން އަންނަ އަހަރަށް ހުށަހަޅާ މަޝްރޫޢުތައް.
6. މަޝްރޫޢުގެ މަސައްކަތު ޕްލޭނާ އެއްގޮތަށް ކުރިއަށްނުދާތީ، މަސައްކަތް ހުއްޓުވާފައިވާ މަޝްރޫޢުތައް.
މި ދެންނެވުމުގައިވާ ގޮތުގެމަތިން، ޢުމުރާނީ ތަރައްޤީގެ މަޝްރޫތަކަށް ހުއްދަ ހޯއްދެވުމަށް ދައުލަތުގެ މުއައްސަސާތަކުން ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ހުށަހަޅުއްވާނީ،   މި ދެންނެވުމާއެކު ހިމަނާފައިވާ މަޢުލޫމާތު ފޯމު ފުރިހަމަކުރައްވައިގެންނެވެ.
މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން، މަޝްރޫޢުތަކަށް ހުއްދަ ހޯއްދެވުމަށް  މި އޮފީހަށް ފޮނުއްވާއިރު، ޕީ.އެސް.އައި.ޕީގެ ދަށުން އެއިރަކު ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް، މި ދެންނެވުމާއެކު މިވާ ފޯމާ އެއްގޮތަށް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ފޮނުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
ވީމާ، ދައުލަތުގެ މުއައްސަސާތަކުން ހިންގަވާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދަ ހޯއްދެވުމުގައި، މަތީގައި ދަންނަވާފައިވާ ގޮތުގެމަތިން ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.