‏ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވުމަށްޓަކައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް، މިއަދު ޚާއްޞަ ‏‏ޕްރޮގްރާމެއް ފަށްޓަވައިދެއްވައިފިއެވެ. މި ޕްރޮގްރާމް ރަމްޒީގޮތުން ފަށްޓަވައި ދެއްވުމުގެ ގޮތުން، ‏‏ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ގޮނޑިއާއި އަސާ، އެފަރާތްތަކަށް ‏‏ރައްދުކޮށްދެއްވުމަށްޓަކައި، ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބެހޭ އެމްބެސެޑަރު، ‏‏އަލްފާޟިލް އަޙްމަދު ޙިޝާންއާ ‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެތަކެތި މިއަދު ‏‏ޙަވާލުކޮށްދެއްވިއެވެ. މިކަން އޮތީ މިއަދު މެންދުރުކުރީގައި މުލީއާގޭގައެވެ. ‏

‏މިޕްރޮގްރާމުގެ ދަށުން ‏ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރު ‏‏އަލްފާޟިލް އަޙްމަދު ޙިޝާން، އަތޮޅުތަކުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ގޭގެއަށް ‏‏ޒިޔާރަތް ކުރައްވައި، އެފަރާތްތަކާ އެތަކެތި ޙަވާލުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި ‏‏ފުރަތަމަ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޝަކުވާތައް ‏‏އެންމެ ގިނައިން ލިބިފައިހުރި އަތޮޅުތަކަށެވެ. ‏