ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުންވެސް ގަޑިޖެހުމުން ގަޑީލާރި ނެގޭގޮތަށް 2015 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުން ފެށިގެން ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން 2012 ޖުލައި 1 ގައި ޢަމަލުކުރަން ފަށާފައިވާ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ތިރީގައި މިދަންނަވާ އިޞްލާޙު ގެންނަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގަޑީލާރި ނެގުން
 
(ހ) މުވައްޒަފު ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަސްވެގެން ހާޒިރުވެއްޖެނަމަ
މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ގަޑީލާރި ނެގޭނެއެވެ.
(ށ) ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު ރަސްމީ ދުވަސްދުވަހު ހެނދުނު
8:31 ހިނގުމަށްފަހު ހާޒިރުވެއްޖެނަމަ ގަޑީލާރި ނެގޭނެއެވެ. ރަމަޟާންމަހު ގަޑީލާރި ނެގޭނީ ހެނދުނު 9:31 ހިނގުމަށްފަހު އޮފީހަށް ހާޒިރުވެއްޖެނަމައެވެ.
(ނ) އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން މުވައްޒަފަށް ގަޑިއަށް އޮފީހަށް ހާޒިރުވެ ހާޒިރީ ރެކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނުގައި ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައި ހާޒިރުވި ގަޑި ރެކޯޑުކުރަން ވާނެއެވެ. އަދި ގަޑިއަށް އޮފީހަށް ނާދެވުނު ސަބަބުވެސް ރެކޯޑުކޮށްފައި އޮންނަންވާނެއެވެ. މި ޙާލަތުގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެއެވެ.
(ރ) ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނެޓަކަށްޖެހޭ އަދަދު ބަލާނީ މަހު މުސާރަ އެމަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، އާންމު ރަސްމީ ގަޑި ކަމަށް ހަމަޖައްސާފައި އޮންނަ ގަޑީގެ އަދަދުން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ. އެއީ، ރަމަޟާންމަސް ފިޔަވައި އެހެން މަސްމަހު އެމަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، 8 އިން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ. އަދި ރަމަޟާންމަހު މަހު މުސާރަ 30 އިން ގެއްލީމާ އަންނަ އަދަދު، 4.5 އިން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ.
(ބ) މުވައްޒަފަކު ގަޑިޖެހިގެން ދުވަހަކަށް ނެގޭ ގަޑީލާރި ނެގޭނެ އެންމެ ގިނަ އަދަދަކީ އެމުވައްޒަފެއްގެ މުސާރައިން ދުވަހަކަށްޖެހޭ މުސާރައިގެ އަދަދެވެ.
(ޅ) މުވައްޒަފަކު އާދަވެ ގަޑިޖެހޭނަމަ އެ މުވައްޒަފަކާމެދު އިޞްލާޙީ ފިޔަވަޅު އެޅޭނެއެވެ.
 
ވީމާ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ގެންނަވާފައިވާ މަތީގައިވާ އިޞްލާޙް ހިމެނޭ ގޮތަށް 2015 ފެބުރުވަރީ 16 އިން ފެށިގެން އެ އުސޫލަށް ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.