بســم اللّـه الرّحمـن الرّحيــم
      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އަޅުގަނޑުގެ ދަޢުވަތު ގަބޫލުކުރައްވައި، މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހައި ލޮބުވެތި އިސް ރަށްވެހިން. އަދި މި ޖަލްސާއަށް ވަޑައިގެންނެވި ކެބިނެޓް ވަޒީރުންނާއި، އެހެން ބޭފުޅުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އިސް ރަށްވެހިންނާއެކީ ހަވީރެއް ކޮށްލުމުގެ ފުރްޞަތު، އަޅުގަނޑު މި ހޯދީ ދެންމެ ތަޢާރުފްގައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެންގެ ޚިދްމަތްތެރި މުދައްރިސް ޢަބްދުﷲ ޞާދިޤު އެ ވިދާޅުވިފަދައިން، އަބަދުވެސް ޒުވާނުންގެ ވާހަކަ ދެއްކޭތީ، އަޅުގަނޑުމެން ހަވީރުކުރަން ބޭނުންވަނީ އިސް ރަށްވެހިންނާ އެކުގައި ކަމަށް ދަންނަވާލުމަށް.
 
އާދެ، އިސް ރަށްވެހިން ކޮށްދެއްވާފައި ހުރި ޚިދްމަތްތައް، އަޅުގަނޑުމެންގެ ސަރުކާރުން ބަލައިގަންނަ ވާހަކަ ދަންނަވަން. އިސް ރަށްވެހިންނަކީ ކުދިން ތަރުބިއްޔަތު ކުރުމާއި، ޤައުމު ބިނާކުރުމާއި އަދި ދެންމެ ވާހަކަފުޅުގައި އެ ވިދާޅުވި ގޮތަށް، ރާއްޖޭގައި މިހާތަނަށް ކުރެވުނު ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއްގައި، މިހުރިހާ ކަމެއްގައި އިސް ރަށްވެހިންގެ ޚިދްމަތް، އަޅުގަނޑުމެން ފާހަގަކުރަން. އަދި ހަމައެޔާއެކީ އިސް ރަށްވެހިންނަށް ޙައްޤު ޝުކުރު، އަޅުގަނޑުގެ ސަރުކާރުން އަދި މީގެކުރީގެ ސަރުކާރުތަކުންވެސް ތިޔަބޭފުޅުންނަށް ދަންނަވާ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
 
އާދެ، ޙަފްލާއެއްގައި މިގޮތަށް އިސް ރަށްވެހިންނާ ބައްދަލުކޮށްލަން، ޤައުމުގެ ރައީސަކަށް ލިބޭ ފުރަތަމަ ޙަފްލާ ކަމަށް، މި ޙަފްލާވުން އެކަށީގެންވޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހަމަ މި ޙަފްލާ ބޭއްވި ބޭއްވުމުގެ ބޭނުމަކަށްވަނީ، އަޅުގަނޑު ހަމަ ކުރިންވެސް ދަންނަވާލި ގޮތަށް، ހުރިހާ އިސް ރަށްވެހިންނާ ބައްދަލުކޮށްލައި، ތިޔަބޭފުޅުންގެ ހާލުއަހުވާލު ބަލައިލުމާއެކީ އަދި މި ޤައުމަކީ، މި ދައުލަތަކީ ހަމަ ތިޔަބޭފުޅުންގެ ދައުލަތޭ، ޤައުމޭވެސް ދަންނަވާލަން. އަދިވެސް ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދެއްވޭނޭ. ޚިދްމަތް ކުރެއްވުމަކީ އަދި ގަޔާއި ފައިގެ ބާރު ދެރަވި ކަމުގައިވި ނަމަވެސް ޚިދްމަތް ކުރެއްވޭނެ ދާއިރާތައް މަދެއްވެސް ނޫނޭ ދަންނަވާލަން.
 
އާދެ، ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، މިހާތަނަށް ތިޔަބޭފުޅުން ކޮށްދެއްވާފައި ހުރި ޚިދްމަތުގެ އަގު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ކޮށްދެއްވާފައި ހުރި މަސައްކަތްޕުޅު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އެކަމަށްޓަކައި ހަމަ އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގައި ހިމެނޭ ހުރިހާ އިސް މީހުންގެ ފަރާތުން ތިޔަ އެންމެ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެން މި އިޙްތިފާލު ކުރާއިރު، އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރުވެސް ފާހަގަކުރަން. އަޅުގަނޑު ހަމަ ޝައްކެއްވެސްނެތް، ޢަބްދުﷲ ޞާދިޤުގެ ވާހަކަފުޅުގައި ނުގެންނެވި ކަމުގައިވީނަމަވެސް، އޭނަގެ ވާހަކަފުޅު ކުރުކޮށްލެއްވީމަ ނުގެންނެވުނީ. އެހެން ނަމަވެސް، މިނިވަންކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރި ޖިހާދަކީ، ކުރި މަސައްކަތްތަކަކީ ފާހަގަނުކޮށް ދޫކޮށްލެވޭނެ ކަންތައްތަކެއްވެސް ނޫން. މިކަން ގުޅިފައި މިވަނީ މިއަދުގެ ޒުވާނުންނަކާ ނޫން. މި ޖިހާދާއި، މި އިޙްތިޖާޖުގައި އިސްވެ ޙަރަކާތްތެރިވީ އަޅުގަނޑުމެންގެ މިއަދުގެ ދޮށީ ރައްޔިތުން. ނޫނިއްޔާ އިސް ރަށްވެހިން. ޝައްކެއްވެސްނެތްގޮތުގައި، އެވަރުގެ ސާބިތުކަމަކާއެކީ އެ މަސައްކަތް އޭރު ކޮށްނުދެއްވިނަމަ، އަޅުގަނޑުމެން އަދިވެސް ހަމަ އެކަށީގެންވޭ، ބޭރުގެ އިސްތިޢުމާރީ ބާރެއްގައި އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތުން. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމަށް އައި ޤައުމިއްޔަތެއްގެ ސިފަ އަންނަ ހިސާބު މި ފާހަގަކުރެވެނީ، އަޅުގަނޑުމެންގެ އިސް ރަށްވެހިން ކޮށްދެއްވާފައި ހުރި މަސައްކަތުން. އަދި މިއަދުގެ އިސް ރަށްވެހިން، ނޫނިއްޔާ މި ޖީލުގެ އިސް ރަށްވެހިންނަށްވުރެ ތަންކޮޅެއް ދުރަށް ޖެހިލާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންގެ ތާރީޚުގެ ތެރެއިން، ދެފަހަރެއްގެ މަތިންވެސް ބޭރުގެ އިސްތިޢުމާރު ބާރުތަކުން މިވަނީ ދިވެހިރާއްޖެވެސް ހިފާފައި. އަޅުގަނޑުމެން އިސްލާމްދީނުގެ ހިދާޔަތުގައި މި ތިބެވެނީވެސް އަޅުގަނޑުމެންގެ ކާބަފައިން މިއަދު އަޅުގަނޑުމެންގެ ދޮށީ ރަށްވެހިން ނޫނިއްޔާ އިސް ރަށްވެހިން ކޮށްދެއްވާފައި ހުރި އަގުހުރި މިންނެތް މަސައްކަތްޕުޅުން.
 
އާދެ، މި ހުރިހާ ކަމަކަށްޓަކައި އަޅުގަނޑު ހަމަ ހިތަށް އެރީ، އަޅުގަނޑުމެން އަތޮޅުތެރޭގައި ރަށްރަށަށްދާއިރު، ޝައްކެއްވެސްނެތްގޮތުގައި، އެންމެ ޝައުޤުވެރިކަމާއެކީ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވަން، އިސްތިޤްބާލު ކުރައްވަން މި ވަޑައިގަންނަވަނީ އިސް ރަށްވެހިން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ފަރާތުން އިސް ރަށްވެހިންނަށް ޚާއްޞަ ޙަފްލާއެއް ބާއްވައިގެން، އަޅުގަނޑު މި އިސްނެގީ ހަމަ ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމާއެކީ، ތިޔަބޭފުޅުންގެ ޚިދްމަތްތަކުގެ އަގު ވަޒަންކުރާ ވާހަކަ ދަންނަވާލަން.
 
ހަމައެއާއެކީ ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯގައި ފެނިގެންދިޔަ ގޮތަށް، އަޅުގަނޑުމެންގެ މި ސަރުކާރުގައި ޒުވާނުންނަކަށް އެކަންޏެއް ނޫން ކަންތައްތަކެއް ހުރީކީ. އިސް ރަށްވެހިންނަށް، ދޮށީ ރައްޔިތުންނަށް ހުރި ކަންތައްތައް މަދެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ މުޖްތަމަޢު މި ހިމެނެނީ ހުރިހާ މި ގިންތިތައް ހިމެނޭގޮތަށް. އާދެ، އަޅުގަނޑުވެސް ހަމަ ކުރުކޮށްލާފައި ދަންނަވާނަން، އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތަކީ، ޚުލާޞާކޮށް ދަންނަވާ ކަމަށްވަންޏާ، އިސް ރަށްވެހިންނަށް ރަޙްމަތްތެރި، އިސް ރަށްވެހިންނަށް މަޞްލަޙަތާއި އަމާންކަން އޮތް އަދި އިސް ރަށްވެހިންނަށް ފަސޭހަކަމާއެކީ އުޅުއްވޭނޭ ވެށްޓެއް، މުޖްތަމަޢެއް ޤާއިމުކުރަން ކޮށްދޭ މަސައްކަތް. ޝައްކެއްވެސްނެތް، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ޒުވާން ޢުމުރުފުޅުގައި ދިވެހި ދައުލަތަށް ޚިދްމަތްތަކެއް ކޮށްދެއްވިއްޖެ. އަދު މިވަނީ ތިޔަބޭފުޅުން އަރާމު ކުރައްވާ ހިސާބަށް ގޮސްފައި. މިއަދު ތިޔަބޭފުޅުން އަރާމު ކުރައްވަން ބޭނުންފުޅުވާއިރު، އަޅުގަނޑު ހަމަ ދެ ނަޒަރިއްޔާއަކުން ބަލައިލާނަން. އަރާމުކޮށްލައްވަން ބޭނުންފުޅުވާއިރު، ތިޔަބޭފުޅުންނަށް އެންމެ ބޮޑަށް ބޭނުންވާނީ ޞިއްޙީ ދާއިރާގައި ޚާއްޞަ ފަރުވާތައް ލިބޭނެ ގޮތްތަކެއް ހަމަޖެހުން.
 
އާދެ، ބޭސްފަރުވާއަކީ އިސް ރަށްވެހިންނަށް އެންމެ ދޯޅު، ނޫނީ އެކަމުގައި އެހީތެރިކަމަށް އެންމެ އެދިވަޑައިގެން ތިއްބަވާ ޚިދްމަތް. ދައުލަތުގެ މިއަހަރުގެ ބަޖެޓުން އެންމެބޮޑު ހޭދައެއް ކުރެވިގެން މިދަނީ ޞިއްޙީ ދާއިރާގެ ޚިދްމަތްތައް ރަނގަޅުކުރަން. ޞިއްޙީ ދާއިރާގެ ޚިދްމަތްތައް ރަނގަޅު ކުރަން ކުރާ މަސައްކަތަކީ ފަސޭހަ މަސައްކަތްތަކެއް ނޫން. ކޮންމެ ސަރުކާރަކަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރި ކަންތައްތަކެއް. އެހެން ނަމަވެސް، ޝައްކެއްވެސްނެތްގޮތުގައި، މީގެކުރީގައި ބިނާވެފައި ހުރި ކަންތައްތަކަށް، އަސާސްތަކަށް ބިނާކޮށް، ކޮންމެ ސަރުކާރަކުންވެސް ޞިއްޙީ ދާއިރާ ރަނގަޅުކުރަން މަސައްކަތްތަކެއްކުރާނެ. ހަމަ ތަފާތަކަށްވާނީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުން، ކުރީގެ ސަރުކާރުތަކާ ކުޑަ ތަންކޮޅެއް ތަފާތުވުން، މިކަންކަން ޙައްލުކުރަން ބޭނުންކުރާ އުޞޫލުތައް. އެހެންވީމާ، އެ އުޞޫލުތައް ތަޢާރުފްކޮށްގެން މަސައްކަތްތަކެއް ކުރެވޭތޯ މި ބަލަނީ، މިހާރު ޞިއްޙީ ދާއިރާއަށް ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތައް ރަނގަޅު ކުރެވޭތޯ. މާލެއަށް އެކަނި ބަލައިލި ކަމުގައިވިނަމަވެސް، އައި.ޖީ.އެމް.އެޗް.އަށް ގެންނަމުން މިދާ ބަދަލުތަކުންވެސް އަޅުގަނޑަށް ހީވަނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންނަށް މިކަން އިޙްސާސް ވެގެންދާނެ. އަތޮޅުތެރޭގައި ހުރި އެކި ފެންވަރުގެ ޞިއްޙީ މަރްކަޒުތަކަށްވެސް، ގިންތިތަކަށް ދަރަޖަ ކުރުމާއެކީ، އެ ޞިއްޙީ މަރްކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތްތަކެއް މިދަނީ ކުރެވެމުން. އަދި ފަސޭހަކަމާއި އަގުހެޔޮކޮށް ބޭސް ލިބުމުގެ ޚިދްމަތްތަކެއް ސަރުކާރުން ހަމަޖެއްސޭތޯ މިދަނީ ބަލަމުން.
 
މިވާހަކަ ދަންނަވާލާއިރުވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިރޭ ދައްކާ ވަރަށްގިނަ ވާހަކަތަކަކީ، ޚަބަރުގެ ވަސީލަތްތަކުގެ ތެރެއިން ތިޔަބޭފުޅުންނަށް މީގެކުރިން އިވިވަޑައިގެންފައި ހުންނާނެ ވާހަކަ. ސަރުކާރުން މި މަސައްކަތް ފެށީ އާދެ، ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް، ސަރުކާރުގެ ފާމަސީ ހެދުމުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ މެދެއްހާ ތަނުގައި. އުފަލާއެކީ އަޅުގަނޑު މިވާހަކަ މިރޭ ތިޔަބޭފުޅުންނަށް ދަންނަވާއިރު، ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ އެކި ހިސާބުގައި ސަރުކާރުގެ 75 ފާމަސީ މިހާރު އެވަނީ ޤާއިމު ކުރެވިފައި. އަދި އެ ފާމަސީތަކުން ޑޮކްޓަރުން ލިޔުއްވާ ބޭސްތައް ލިބޭނެ އިންތިޒާމު އަސާސީ ފެންވަރުގައިއެބަހުރި. އެހެން ނަމަވެސް، ޝައްކެއްވެސްނެތް، އަޅުގަނޑު މި ދަންނަވަނީކީ އެކަންކަން ފުރިހަމަވެފައި ހުރި ވާހަކައެއް ނޫން. އަޅުގަނޑުމެން އުންމީދު މިކުރަނީ، ނޫނީ އަޅުގަނޑުމެން ޓަރގެޓް މިކުރަނީ، އަންނަ އަހަރު ހުސްވުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހަމަ ހުރިހާ ރަށެއްގައި، ސަރުކާރުގެ ބޭސް ފިހާރައެއް ހުރުން. އާދެ، ސަރުކާރުގެ ބޭސް ފިހާރައެއް ހުންނަންޖެހޭ ސަބަބަކީ، ފުރަތަމަ ކަމަކީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުންނާނެކަން ކަށަވަރު ކުރުން. ދެވަނަ ކަމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީ، އަގުހެޔޮކަމާއެކީ ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިޔުން.
 
އާދެ، ފަހަރުގައި ސަރުކާރުގެ ބޭސްފިހާރަ ހުންނަ ތަނަކީ، ރަށުގެ ރައްޔިތުން ދިރިއުޅުއްވާ ތަންތަނާ މާ ކައިރި ނޫން ހިސާބުގައި ހުންނަ ތަންތަނަށް ވެދާނެ، ބޮޑެތި ބިން އޮންނަ ރަށްރަށުގައި. އެހެން ނަމަވެސް، ބޭސްފަރުވާއަށް ޑޮކްޓަރުންނާ ހަމަޔަށް ވަޑައިގެންފައި، ދެން ނުކުމެ ވަޑައިގަންނަވާއިރު، ތިޔަބޭފުޅުންނާ އެންމެ ފުރަތަމަ ބައްދަލުކުރާނީ މިދެންނެވި ފާމަސީ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޙަޤީޤަތުގައިވެސް ދޮށީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ޞިއްޙީ ދާއިރާގެ ފަރުވާ ކަމަށްވާތީ، ފަސޭހަ ގޮތަކަށް ބޭސްފަރުވާ ކޮށްދެވޭނެ ކަންތައްތަކެއް މިކުރަނީ. ޞިއްޙީ ދާއިރާއަށް ގެންނަ ބަދަލުތަކާއެކީ އަޅުގަނޑު ހަމަ ދަންނަވާލާނަން، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، މިއަހަރު ހުސްވުމުގެ ކުރިން ހަމަ ފާހަގަކުރެއްވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ.
 
އާދެ، އެޔާއެކީ ދަންނަވާލަން ބޭނުންވަނީ ދެންމެ ހަމަ ވީޑިއޯގައި ފެނިވަޑައިގެންނެވިހެން އަޅުގަނޑުމެން އަދި ތަފާތު އެކި މަސައްކަތްތައް ޞިއްޙީ ދާއިރާގައިވެސް އެބަކުރަން. އެނގިވަޑައިގަންނަވާނެ، [ހުސްނުވާ އާސަންދަ]. ހުސްނުވާ އާސަންދަ ތަޢާރުފް ކުރެވިގެން އަޅުގަނޑުމެން ގެނައި ބަދަލުގެ ތެރޭގައި، ދިގުލައިގެންދާ ބައެއް ކަހަލަ ބަލިތަކަށް ރައްޔިތުން ހަމަ ވިސްނާވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ވަރަށް ސަރުކާރުން މިދަނީ ހޭދަކުރަމުން. މީގެތެރޭގައި ކިޑްނީ، ލިވަރ ބަދަލުކުރުމުގެ، މިދެންނެވި ކަހަލަ އޯގަންތައް ބަދަލުކުރުމުގެ މަސައްކަތްތައްވެސް ހުސްނުވާ އާސަންދައިގެ ތެރެއިން އަޅުގަނޑުމެން މިދަނީ ދިވެހި ރައްޔިތުންނަށް ފަސޭހަކޮށްދެމުން. މިއީ، ޚަރަދުކުރަންޖެހޭ ބޮޑެތި ބަލިތަކުގެ ފަރުވާއަށް ޚަރަދުކުރަންޖެހޭ ކަންކަން. އަދި ހަމައެޔާއެކީ، ކިޑްނީގެ ބަލީގައި އުޅޭ މީހުންނަށް ޑައަލިސިސްއަކީވެސް ހަމަ އާސަންދައިގެ ތެރެއިން ހަމަ ހިލޭ ކޮށްދޭ ކަންތައްތައް.
 
އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އާބާތުރަ ފިލުވާއިރު، ޝައްކެއްވެސްނެތްގޮތުގައި، ފަށަން ބަހައްޓާފައި، ދެން ކުރަންޖެހޭ ހުރިހާ ކަމެއް އޮޑިދޯނިފަހަރަށް އަޅުގަނޑުމެން މިގެންދަނީ ކޮށްދެމުންނޭ. އޭގެތެރޭގައި މައްޔާ ބަދަލުކުރަންޏާ، މައްޔާ ބަދަލުކުރުން، ހުޅު ބަދަލުކުރަންޏާ، ކަކުލު ހުޅު ކަމުގައިވީނަމަވެސް، ހުޅު ބަދަލުކުރުމުގެ މަސައްކަތްވެސް އަޅުގަނޑު ހަމަ ޞާދުބެއަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިގެންދަނީ އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަ ކޮށްދެމުންނޭ. އެހެންވީމާ، އާސަންދައަކީ، މިދެންނެވި ގޮތަށް ދޮށީ ރައްޔިތުންގެ އިޙްސާސްތައް ދެނެގެން، ދޮށީ ރައްޔިތުންނަށް ބޭނުންފުޅުވާ ޞިއްޙީ ފަރުވާ، ރައްޔިތުންގެ ޖީބުން ހޭދަކުރުމަކާ ނުލައި، ސަރުކާރުން ހޭދަކުރަން ނިންމާފައި އޮތް މަޝްރޫޢެއް. މި މަޝްރޫޢަށްވެސް ބޮޑެތި ބަދަލުތަކެއް އަޅުގަނޑުމެން މިގެންދަނީ ގެންނަމުން.
 
ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންގެ މުޖްތަމަޢަކީ އިޙްސާންތެރި، އޯގާތެރި މުޖްތަމަޢަކަށްވާން އެބަޖެހޭ. މަގުމަތީގައި ހިނގާ ޙަރަކާތްތައް އަޅުގަނޑުމެންގެ ޚިޔާލަށް ގެނަޔަސް، އަޅުގަނޑުމެން ހަމަ ގަބޫލުކުރަންޖެހެނީ، ދޮށީ ރައްޔިތުން ޚިދްމަތަށް އެދިވަޑައިގަންނަވައި ހޮސްޕިޓަލަށް ވަޑައިގެންނެވި ނަމަވެސް، ސަރުކާރުގެ އޮފީހަކަށް ވަޑައިގެންނެވި ނަމަވެސް އަދި ސަރުކާރުގެ ކުންފުންޏަކުން ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ޚިދްމަތެއް ހޯއްދަވަން ވަޑައިގެންނެވި ނަމަވެސް، ދޮށީ ރައްޔިތުން ކިޔޫގައި ޖައްސައިގެން، ކިޔޫގައި ބޭތިއްބުމަކީ، އަޅުގަނޑުމެންގެ ސަރުކާރަކަށް ގަބޫލުކުރެވޭ ކަމެއް ނޫން. އެހެންވީމާ، ހޮސްޕިޓަލުން ފެށިގެން މިހާރު މި ޚިދްމަތް ތަޢާރުފް ކުރެވިފައި މިވަނީ. ދެންމެ ޢަބްދުﷲ ޞާދިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ތިޔަބޭފުޅުން ކިޔޫގައި ޖެހިވަޑައިގަންނަވާކަށް ނުޖެހޭނެ. އަދި އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، ސަރުކާރުގެ މިދެންނެވި ހުރިހާ މުއައްސަސާތަކާއި، ހުރިހާ ކުންފުނިތަކުންވެސް މިކަން އޮންނާނީ މިގޮތަށް ހަމަޖެހިފައި.
 
އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ދޮށީ ރައްޔިތުންގެ ތެރޭގައި، ހެލިފެލިވާ ބޭފުޅުން މަދެއް ނޫން. އެޔާއެކުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އެ ދޮށީ ރައްޔިތުންގެ ތެރޭގައި، ނޫނިއްޔާ އިސް ރަށްވެހިންގެ ތެރޭގައި އެއްގޮތަކަށްވެސް ތެދުވެވަޑައިގެން ނޫޅުއްވޭ ވަރަށް ބަލިވެފައި ތިބި ބޭފުޅުން އެބަ ތިއްބެވި. މިއީ ހަމަ ކޮންމެ މުޖްތަމަޢެއްގައިވެސް މިކަން އޮންނާނެ ގޮތް.
 
އާދެ، އެނދުމަތިވެފައިވާ ބޭފުޅުން މަދެއް ނޫން. މާލޭގައިވެސް، އަތޮޅުތެރޭގެ އެކި ހިސާބުތަކުގައިވެސް. އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މަސައްކަތްތަކެއް ފެށީ، އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި ފަރުވާއާ ހަމައަށް މިބޭފުޅުންނަށް ވަޑައިގެންނެވޭނެ. ނޫނިއްޔާ މިބޭފުޅުންނާ ހަމަޔަށް ފަރުވާ އަންނާނެ. އިންތިޒާމުތަކެއް ހަމަޖައްސައިގެން މިގެންދަނީ އެބޭފުޅުން ހޮސްޕިޓަލާ ހަމަޔަށް ވަޑައިނުގެން، އެބޭފުޅުންނަށް ފަރުވާދެވޭނެ ގޮތްތަކެއް ހަމަޖައްސަން. އިރާދަކުރެއްވިއްޔާ މިއަންނަ ހަފްތާއިން ފެށިގެން މި މަޝްރޫޢު މާލޭގައި ފެށޭނެ. އަދި އަތޮޅުތެރޭގައި ޞިއްޙީ މަރްކަޒުތަކާއި، ހެލްތް ސެންޓަރުގެ އިތުރަށް، ހޮސްޕިޓަލްތަކާ ގުޅިގެން، އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް މިގޮތަށް އެނދުމަތިވެފައިވާ ޕޭޝަންޓުންނަށް، ބަލިމީހުންނަށް މި ފަރުވާ ދެވޭނެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސައިގެން މިގެންދަނީ.
 
މިޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދޮށީ ރައްޔިތުންނަށް، ނޫނިއްޔާ ޚިދްމަތްތެރި ދޮށީ ރައްޔިތުންނަށް، އިސް ރަށްވެހިންނަށް ޝައްކެއްވެސްނެތްގޮތުގައި މިހާރު ބޭނުންފުޅުވާނީ މުޖްތަމަޢުގެ ތެރޭގައި އުޅޭއިރު، ނޫނިއްޔާ މި ވެށީގައި ޙަރަކާތްތެރިވާއިރު، ތިޔަބޭފުޅުން ދެކިވަޑައިގަންނަވަން ބޭނުންވާނީ ރަޙުމްކުރާ، ހަމްދަރުދީ އޮތް، އޯގާތެރި ބަޔަކު ތިޔަބޭފުޅުންނާއެކީ ދިރިއުޅޭ ތަން. މިއީ، ޝައްކެއްވެސްނެތްގޮތުގައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގެނައުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމެއް. އެހެން ނަމަވެސް، އެޔާއެކީ ހަމަ ތިޔަބޭފުޅުންގެ ޒިންމާއެއްވެސް މީގައި އޮތް ވާހަކަ، އަޅުގަނޑު ހަމަ ދަންނަވާލާނަން.
 
އަޅުގަނޑުމެންގެ ދަރިން، މި ޖީލުގެ ދަރިންނާއި، މީގެކުރީގެ ޖީލުގެ ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަޅުގަނޑުމެންގެ ލޮބުވެތި މަންމައިންނާއި ބައްޕައިން މިތާ މި ތިއްބެވީ. ހަމައެޔާއެކީ ދަންނަވާލަން ބޭނުންވަނީ، އަދިވެސް ނަޞޭޙަތްތެރިވުމުގެ ދައުރަކީ، އިރުޝާދު ދެއްވުމުގެ ދައުރަކީ، ތިޔަބޭފުޅުންނަށް މަތިކުރެވިފައި އޮތް އަމާނާތެކޭ. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި މިހާރު މި ފެންނަ ރަޙުމްކުޑަ ޢަމަލުތަކަކީ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ޢަމަލުތަކެއް ނޫން. މިއީ، ހަމައެކަނި ޒުވާނުންގެ ތެރޭގައި ހުރި ޢަމަލުތަކެއް ނޫން. ދޮށީ ރައްޔިތުންވެސް މިކަންކަމާ އެބަ ބައްދަލުކުރަންޖެހޭ. އަނިޔާގެ ޝިކާރައަށް ދޮށީ ރައްޔިތުންވެސް މަދުން ނަމަވެސް އެބަވޭ. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތު މިދެންނެވި ގޮތަށް ބައްޓަންކޮށް، އަދި ތަރުބިއްޔަތު މަދްރަސާތަކާ ހަމައިން އިސްލާމީ ތަރުބިއްޔަތަށް، މި އަސާސަށް ބިނާވެގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މީގެ މޭވާ ދިގު މުއްދަތެއްގެ ތެރޭގައި ނޫނިއްޔާ ނުލިބޭނެ ކަންކަން.
 
އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ސިޔާސީ ކޮންމެ ލީޑަރަކު މިކަހަލަ ޕޯޑިއަމެއްގެ ފަހަތަށް އަރައި، ކިތަންމެ ވަރުގަދަ ވާހަކައެއް ޖޯޝާއެކީ ދެއްކި ނަމަވެސް، ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން މިވަނީ އަޅުގަނޑުމެންނަށް މަރާމާތު ނުކުރެވޭ ވަރަށް ވީދި ކުދިކުދިވެފައި. ފަށަން މިޖެހެނީ ސުމަކުން. މިއީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުން، ކުޑަކުދިން، ދޮށީ މީހުންނަށް އިޙްތިރާމް ކުރުން މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ؟ ވާހަކަ ދައްކާލާއިރު، މުޢާމަލާތް ކުރާއިރު، މުޚާޠަބު ކުރާއިރު، މިކަން އޮތް މިންވަރު، ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ. މިއީ، އަޅުގަނޑުމެންގެ އިސް ރަށްވެހިން ދުށް ދިވެހިރާއްޖެއެއް ނޫން. މިއީ، އަޅުގަނޑުމެންގެ ދޮށީ ރައްޔިތުން ދެކިވަޑައިގެންނެވި މުޖްތަމަޢެއް ނޫން. މިއަށްވުރެ މާ ހަމަހިމޭން، މިއަށްވުރެ މާ އަމާން، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެކަކު އަނެކަކަށް އެހީތެރިވެގެން ކަންކަން ކުރި ދިވެހިރާއްޖެއެއްގައި ތިޔަބޭފުޅުންގެ ޒުވާން ޢުމުރު ހޭދަކުރައްވާފައިވަނީ.
 
އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ އެކަހަލަ ދިވެހިރާއްޖެއަކާ ނޫން. ޝައްކެއްވެސްނެތްގޮތުގައި، ޢިމާރާތްތަކާއި، ޖަހާފައި ހުރި ޓީ.ވީ އެންޓަނާތަކާއި، ގޭގައި ގެންގުޅޭ ކަރަންޓް ސާމާނަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސްނެތް، ދިވެހިރާއްޖެއަކީ ކުރިއަރާފައި އޮތް ޤައުމެއް. އެކަމަކު އަޅުގަނޑުމެން ވިސްނަންޖެހެނީ، އަޅުގަނޑުމެންގެ އަޚްލާޤަށް އައިސްފައި އޮތް ބަދަލާއި، އަޅުގަނޑުމެން މި ހޯދާ ކުރިއެރުމާއި އަދި ދޮށީ ރައްޔިތުންނަށް އަޅާލުމަކީ ކޮންމެ މުޖްތަމަޢެއްގެވެސް، އެ މުޖްތަމަޢު ކުރިއެރުން އޮތީ ކިހާވަރަކަށްތޯ ބަލާ އެންމެ މުހިންމު މިންގަނޑު. މި މިންގަނޑުތަކަށް ބަލާކަމަށްވަންޏާ، ދިވެހިރާއްޖެ މިއޮތީކީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ ނަޒަރުގައި އެހާ ފަޚުރުވެރިވާ މަޤާމެއްގައެއް ނޫން. އަޅުގަނޑުމެން މިކަންކަން މިޖެހެނީ އަލުން ބަލުން އިޞްލާޙުކުރަން. ސްކޫލްތަކަށް، މަންމައިންގެ އުނގަށް، މި ތަރުބިއްޔަތާ ހަމައިން އަޅުގަނޑުމެން މިކަން އެބަ ފަށަންޖެހޭ. އެހެން ނަމަވެސް، ޑަރޯގާއެއް އިންދާ ގަހެއްގެ މޭވާ އަޅުގަނޑުމެންނަށް ލިބޭނީ ފަހަރުގައި ވެދާނެ ވިއްސަކަށް އަހަރު ފަހުން ކަމަށް. ނޫނިއްޔާ ބައެއް ގަސްގަހުން އަޅުގަނޑުމެންނަށް ލިބިދާނެކަންނޭނގެ 15 އަހަރު ފަހުން. އެހެން ނަމަވެސް، އިންސާނުންގެ ތަރުބިއްޔަތަށް ބަލާކަމަށްވަންޏާ، މިއީ ކުރު މުއްދަތެއްގެ ތަރުބިއްޔަތުގެ ވާހަކައެއް ނޫން މިދައްކަނީ. އަދި ޙާލަތާއި ޒަމާން ބަދަލުވެގެންދިޔުމާއެކީ، މީހުންގެ މުޢާމަލާތް ކުރުންވެސް މިދަނީ ބަދަލުވަމުން. މިއީ، އަޅުގަނޑުމެން އަދު ކުރިމަތިލާންޖެހޭ ޙަޤީޤަތް. އެހެންވީމާ، ދޮށީ ރައްޔިތުންނަށް ޞިއްޙީ ފަރުވާއާއި، ސަރުކާރުގެ ބަޖެޓުން ކޮށްދޭ ކަންތައްތަކާއި، ކިތަންމެ ވަރަކަށް މިކަންކަން ކުރިޔަސް، އަދި ދީނީ އިރުޝާދުތައް، މިހާރު ދީނީ އެކިއެކި ޖަމާޢަތްތަކުންނާއި އަދި ސަރުކާރުން އިސްނަގައިގެން، ނޫނިއްޔާ ސަރުކާރުން އެބޭފުޅުންނަށް އެހީތެރިވެގެން ހިންގަވާ ދީނީ ދަރުސްތައް ރާއްޖޭގައި މިވަނީ ޢާންމުވެފައި. މިހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ދަރިންނަށް ނަޞޭޙަތްތެރިވާން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އުޅުން ބަދަލުކުރަން. މިކަންކަން ކޮށްގެން ނޫނިއްޔާ، ސަރުކާރުން ސިޔާސަތުގެ ތެރެއިން، ބަޖެޓްގެ ތެރެއިން، ހޮސްޕިޓަލެއްގެ ތެރެއިން، ސްކޫލެއްގެ ތެރެއިން މި ގެނެސްދޭ ފަސޭހަކަމަކުންނެއް އަދި ދޮށީ ރައްޔިތުންނަށް ހިތްޕުޅުހަމަޖެހޭ ގޮތަކަށް މި މުޖްތަމަޢަކީ ރައްޓެހި، ރަޙްމަތްތެރި، ތިޔަބޭފުޅުންނަށް ބަލައިގަނެވޭ ކަހަލަ މުޖްތަމަޢަކަށް ނުވޭ. އެހެންވެގެން މި ސަރުކާރުން ދައްކާ ވާހަކައިގެ ތެރެއިން އަޅުގަނޑުމެން މި ބަލަނީ އަބަދުވެސް އަޞްލަށް ރުޖޫޢަވެވޭތޯ. އަޞްލަށް ރުޖޫޢަވެވިގެން ނޫނިއްޔާ އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން، ކުރިއަށް އޮތް މުޖްތަމަޢު، ނޫނިއްޔާ ކުރިއަށް އޮތް ޖީލަކީ އަޅުގަނޑުމެންނަށް އަމާން ޖީލަކަށް ހެދިދާނެ ކަމަކަށް. މި ސަބަބަށްޓަކައި ޒުވާނުން އިޞްލާޙުކުރާ ވާހަކަ، މި ސަރުކާރުން ދައްކަނީ. މި ސަބަބަށްޓަކައި ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭ ވާހަކަ، މި ސަރުކާރުން ދައްކަނީ.
 
ޒުވާނުންނަކީ އަޅުގަނޑުމެންގެ މިއަދު، އަޅުގަނޑުމެންގެ މާދަން، އަދި އަޅުގަނޑުމެންގެ މާދަން ނޫން އަނެއް ދުވަސް. މިއަދުގެ ޒުވާނުންނަކީ ހަމަ ތިޔަ ގޮނޑިތަކުގައި މީގެ ވިއްސަކަށް އަހަރު ފަހުން ތިއްބަވާނޭ ޒުވާނުން. ޒުވާނުންގެ ތެރެއަށް ހަމަޖެހުންތަކެއް އައިސްގެން ނޫނިއްޔާ، އަޅުގަނޑުމެން މިދެންނެވި ކަހަލަ ރަޙުމްކުޑަ މުޖްތަމަޢެއް، ރަޙްމަތްތެރި، އޯގާތެރި، އިންސާނިއްޔަތަށް ލޯބިކުރާ ކުލުނުހުރި މުޖްތަމަޢަކަށް ބަދަލުކުރެވޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ. ހަމަގައިމުވެސް އެކަންކަން ނުވަނީކީ ދީނީ ތަރުބިއްޔަތު އެކުދިންނަށް ނުލިބިފައި ތިބީމައެއް ނޫން. ހުކުރަށް ގޮސް އެކުދިންނަށް ހުކުރު ޚުޠުބާ އަޑުނީވޭތީކީވެސް ނޫން. އަދި އިސްލާމީ ރިވެތި ފިލާވަޅުތައް އެކުދިންނަށް އަޑުނީވޭތީކީވެސް ނޫން. މިނޫން އެހެން މައްސަލަތަކެއް މިއުޅެނީ.
 
އެހެންވީމާ، މިކަންކަން ޙައްލުކުރުމަށްޓަކައި ޒުވާނުންނަށް އެބަޖެހޭ ކަންތައްތަކެއްވެސް ކޮށްދޭން. އަދި ޒުވާނުންނަކީ އަދި މާއްދީ ތަރައްޤީއަށް ބަލާކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އެ ނަޒަރިއްޔާ އަޅުގަނޑު ދޫކޮށްލާނަން. މާއްދީ ތަރައްޤީއަށް ބެލިކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ދޮށީ ރައްޔިތުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް އަމާންކަމާ، އަދި މިދެންނެވި ކަހަލަ ކަންކަން ކުރުމަށް އެންމެ ގިނަ ވަސީލަތްތައް ދިވެހި ދައުލަތަށް ހޯދައިދޭން ތިބި ބަޔަކީ މިއަދުގެ ޒުވާން ޖީލު. ޒުވާނުންގެ ހަމަޖެހުން އައިސްގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ލޯތަކަކުންނެއް އުފާވެރިކަމުގެ ކަރުނަ ފާއްދާލާތަނެއް ނުފެންނާނެ. ޒުވާނުން ހަމަޖެހިގެން ނޫނިއްޔަކާއެއް މިއަދު މިތާ މި ތިއްބެވި މަންމައިން، މާމާއިންނަކަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ސަރުކާރުން ދޭ ކޮންމެވެސް ޢަދަދެއްގެ ފައިސާ ލިބިވަޑައިގަތުމަކުން، ނޫނިއްޔާ ޞިއްޙީ ފަރުވާ ހިލޭ ލިބިވަޑައިގަތުމަކުން އަޅުގަނޑެއް ގަބޫލެއް ނުކުރަން، ދާއިމީ އުފާވެރި ކަމެއްގައި އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް އުޅުއްވިދާނެ ކަމަކަށް. އެހެންވީމާ، މިހާ ރަޙުމްކުޑަ ގޮތަކަށް އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހުރީމަ، އަޅުގަނޑުމެން މި ބަލަނީ ޒުވާނުން ތަރުބިއްޔަތު ކޮށްގެން، ޒުވާނުން މަގަށް އަޅުވައިގެން ކަންތައްތަކެއް ކުރެވޭތޯ.
 
މިރޮނގުން ވާހަކަ ދައްކާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަމަށްޓަކައި ނޫނިއްޔާ ދޮށީ ރައްޔިތުންނަށް އަމާން، ތިޔަބޭފުޅުންނާ ރަޙްމަތްތެރި ވެށްޓެއް ޤާއިމު ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މި ކުރެވެނީ ޙަޤީޤަތުގައި ދިވެހިރާއްޖެއިން ކުށް މަދުކުރުމާއި، ބޮޑެތި ޖަރީމާތަކަށް އަރައިގަތުމުން ޒުވާނުން ދުރުކުރެވޭތޯ. މި މަސައްކަތުގެ ތެރޭގައި، ތަފްޞީލަށް އަޅުގަނޑު ނުދިޔަ ނަމަވެސް، ތޫނު ހަތިޔާރު ބޭނުންކޮށްގެން މިދެވޭ ޙަމަލާތައް، ﷲގެ ރަޙްމަތާއެކީ، މިދިޔަ އަހަރުގެ ތެރޭގައި މިވަނީ ނިސްބަތުން މަދުކުރެވިފައި. އަޅުގަނޑެއް ނުދަންނަވަން މިކަން ހުއްޓިއްޖެއެކޭ. އަދި މިކަން ހުއްޓޭނެޔޭ ދަންނަވަނީކީވެސް ނޫން. އެކަމަކު އަޅުގަނޑު އުންމީދުކުރާހިތްވަނީ، މިކަންކަމަކީ އަޅުގަނޑުމެންގެ މުޖްތަމަޢުން ހަމަ ހަނދާން ނައްތާލެވޭވަރަށް މަދުކުރެވޭނެ ކަންކަން ކަމަށް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުގެ ހިތްވަރު އެބަހުރި. އެ ޢަޒުމް އެބަހުރި. އެހެންވީމާ، މިދިޔަ އަހަރުވެސް މިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން، މި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަކަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި.
 
އަޅުގަނޑު މީގެކުރީގެ އިޙްތިފާލެއްގައި ވާހަކަ ދައްކަމުން ދެންނެވިން، މިއަހަރު އަޅުގަނޑު މި ޚާއްޞަ ކުރަނީ، މަސްތުވާތަކެތީގައި ގެއްލިފައިވާ ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ޚާއްޞަ ކުރާ އަހަރެއްގެ ގޮތުގައޭ. އަޅުގަނޑުމެން މި ޙަރަކާތް ހިންގާތާ މިއަހަރު 35 އަހަރުވަރު ވެދާނެ. އެހެން ނަމަވެސް، ގަބޫލުކުރަން މިޖެހެނީ، އަޅުގަނޑުމެންނަށް އެންމެ އެދޭ ފަރުވާ، އަޅުގަނޑުމެން ދެކޭހިތްވާ ފަރުވާ ލިބޭ ތަނެއް ނުފެނެޔޭ. މިކަން ކުރާ މުޅި ނިޒާމު އެބަ ބަދަލުކުރަންޖެހޭ. އެ ތަޖުރިބާ އެބަ ކޮށްލަންޖެހޭ. އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަކީ އާ މަސައްކަތްތަކެއް ނޫން. ކިޔަވައިދޭ، ނަމާދުކުރަން ކުދިންނަށް ދަސްކޮށްދޭ. ޤުރްއާން ކިޔަވަން ދަސްކޮށްދޭ. ބަލިވީމަ ބޭސްކުރެވޭ. އަދި ކަސްރަތު ކުރަން ދަސްކޮށްދޭ. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދޭ. އެހެންވީމާ، ކޮންކަމެއްތޯ އަލީ؟ އެކަމަކު އެކަމެއް ކުރާގޮތް، ނޫނިއްޔާ އެކަމެއްގެ ވައްޓަފާޅި އާވެއްޖެ ކަމަށްވަންޏާ، ތަފާތު ނަތީޖާ ނުކުމެދާނެ. އެހެންވެގެން އަޅުގަނޑުމެންނަށް ބައެއް ކަހަލަ ކަންތައް ސަރުކާރުގެ ބަޖެޓުން ބޭރުންވެސް މިކުރެވެނީ. އެހެންވީމާ، މިފަހަރު ޒުވާނުންނަށް މަސްތުވާތަކެތިން އެމީހުން ރަނގަޅު ކުރުމަށް މި ފަރުވާދެވޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް މިހާރު މިވަނީ ގަބޫލުކުރެވިފައި. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ އެކަން އިޢުލާނުވެގެންދާނެ.
 
މިކަންކަން ކުރުމުގެ ބޭނުމަކީ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ދޮށީ ރަށްވެހިންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް، ތިޔަބޭފުޅުން ހިތްޕުޅުހަމަޖެހޭ ކަހަލަ، ނޫނީ ތިޔަބޭފުޅުންގެ ޒުވާން ދައުރުގައި، ގުލްޒާރުގައި ނަޔާމަގޭ، މި ލަވަ ވިދާޅުވާއިރު، ނޫނީ މާބުރާ ކޮކާތައް އުޅޭއިރު، އެދުވަސް ތިޔަބޭފުޅުންނަށް ހަނދުމަފުޅު ކުރެވޭކަހަލަ ރަޙްމަތްތެރި، އޯގާތެރި ވެށްޓެއް ތިޔަބޭފުޅުންނަށް ގެނެސްދެވޭތޯ ކުރާ މަސައްކަތް. މިއީ، ދިގުލައިގެންދާނެ މަސައްކަތެއް. އެހެން ނަމަވެސް، މި މަސައްކަތުގައި އަޅުގަނޑުމެން އަބަދުމެ، ކޮންމެ ސަރުކާރަކުންމެ އެބަ ތިބެންޖެހޭ. ކޮންމެ މުއައްސަސާއެއްގެ މަސްއޫލުވެރިން، އެބޭފުޅުންގެ މަސައްކަތް އެބަ ޚާއްޞަ ކުރައްވަންޖެހޭ މިކަމަށް. އަޅުގަނޑުމެންނަށް ކޮންކްރީޓުން 10 ބުރި، 15 ބުރި، 20 ބުރީގެ ޢިމާރާތް އަޅައިގެން ތިބެވިދާނެ. އެކަމަކު ކާކުތޯ މިދެންނެވި ކަހަލަ ރަޙުމްކުޑަ ޢަމަލަކުން އޭގެ ޝިކާރައަކަށްނުވެ، ރައްކާތެރިކަމާއެކީ ޢުމުރު ހުސްކޮށްލާނެކަން އެނގެނީ ކާކަށްތޯ؟ އަޅުގަނޑުމެންނަކީ ހަމަ މަގުމަތީގައިވެސް ނުކުމެ އުޅޭ މީހުން. އަޅުގަނޑުމެންގެ ކުދިންނާއި އަނބިންނާ، މިމީހުންނަކީވެސް ރައްޓެހިންނާއެކީ ހަމަ މަގުމަތީގައި އުޅޭ މީހުން ދޮއެއްތޯ. އެހެންވީމާ، މިކަންކަމުގެ ޙައްލަކީ އެއްގޮތަކަށްވެސް އަޅުގަނޑު މިދެންނެވި ގޮތަށް މިކަހަލަ ޢިމާރާތް ކުރުމެއްވެސް ނޫން. އަދި މިކަންކަމުގެ ޙައްލަކީ ޒުވާނުން ޖަލަށް ގެންދިޔުމެއްވެސް ނޫން. މިކަންކަމުގެ ޙައްލު މި އަންނަނީ މިދެންނެވި ތަރުބިއްޔަތާ ހަމައިން. އެހެންވީމާ، އެއީ ދިގުލައިގެންދާނެ ކަމެއް. އެހެން ނަމަވެސް، އެޔާއެކީވެސް މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތަކަށް، ކުށް މަދުކުރުމަށް، ނޫނީ ބޮޑެތި ޖަރީމާތަކަށް އަރައިގަތުމުގެ ޤާބިލުކަން، އެ ޒުވާނުންގެ ކިބައިން އަތުލައިގަތުމަކީ ހަމަ ޝައްކެއްވެސްނެތްގޮތުގައި، ހަމަ އެކަށީގެންވާ ބޮޑެތި އަދި ހަރުކަށި އަދަބުދީގެންވެސް ކުރަންޖެހޭ ކަންތައްތައް. އެކަންތައްތައް ކުރުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން ހަމަ އިސް ރަށްވެހިންނަށާއި، މުޅި ޤައުމުގެ ސަލާމަތަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.
 
އަދި އެޔާއެކީ އަޅުގަނޑު ހަމަ އިލްތިމާސްކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން ސިޔާސީގޮތުން ޚިޔާލު ތަފާތޭ. ޝައްކެއްވެސްނެތް، އެއީކީ މައްސަލައެއް ނޫން. އެއްގޮތަކަށްވެސް މިރޭ އަޅުގަނޑު މިތާ ސިޔާސީ ވާހަކަ ދައްކާކަށް ބޭނުމެއްނުވޭ. އެހެން ނަމަވެސް، ސިޔާސީ ވާހަކައާއި ސިޔާސަތާ ނުލައި އަދި ސިޔާސީ ޕާޓީތަކާ ނުލައި ދައުލަތް ކުރިއަކަށް ނުދާނެ. މިއަދުގެ ޙަޤީޤަތަކީ އެއީ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންމެ ސިޔާސީ ފިކުރެއްގައި ތިއްބެވި ނަމަވެސް، މަގުމަތީގައި ހިނގާ ވިޔާނުދާ ޙަރަކާތްތަކަށާއި އަދި މީހުންގެ ޙައްޤުތަކަށް އަރައިގަތުމަށާއި، މުދަލަށާއި ގެދޮރަށްދޭ ގެއްލުމަށް، ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެބަޖެހޭ އެކަންކަމުން އެ ޕާޓީތަކުގައި އުޅޭ މީހުން ދުރުކުރުވަން. އެހެން ނޫނިއްޔަކާ އަޅުގަނޑުމެންނަށް މިކަންކަމުން ޙައްލެއް ނާންނާނެ. އަދި ކަންކަމަށް އޮންނަ ރަނގަޅު މަގު އިޚްތިޔާރު ކޮށްގެން ކަންތައްތައް ކުރެވޭތޯ ބަލަންވާނީ. އެހެންވީމާ، އަދި އަޑުގަދަކުރާއަކުން ކަމެއް ނިންމި ނަމަވެސް، އެއީ އެކަން ނިމުނީކީ ނޫން. ކޮންމެ މީހެއްގެ އަތަށް މެގަފޯނު ލިބުނަސް، ޤާނޫނުގައި އޮންނަ ގޮތް އެމީހަކަށް ބުނެދެވިދާނެކަންނޭނގެ. އެކަމަކު އެއީ އެ މައްސަލައިގެ ޙައްލެއް ނޫން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެންގެ ޕާޓީ، ޕީ.ޕީ.އެމް.އިން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ޞުލްޙަވެރިކަމާއެކީ އަމާން ދިވެހިރާއްޖެއެއް ޤާއިމުކޮށްދެވޭތޯ ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ޕާޓީއަކުން މީހުންގެ ޙައްޤުތަކަށް އަރައިގަންނާކަށް އެއްވެސް ގޮތަކަށް، އެއްވެސް މީހަކަށް ނަޞޭޙަތްތެރިއެއް ނުވާނެ.
 
އެހެންވީމާ، ހުރިހާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންވެސް ދިވެހިރާއްޖޭގެ އަމާންކަމާއި، ޞުލްޙަވެރިކަމާއި އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓުމަށްޓަކައި އެބަޖެހޭ މިކަންކަމާ ދޭތެރޭގައި ސަމާލުވެވަޑައިގަންނަވަން. އަޅުގަނޑުމެންގެ ބައެއް ޕާޓީގެ އިސްބޭފުޅުންނަށް ވަރިހަމަ، ދިވެހިރާއްޖެއަށް ކޮންމެފަދަ ގެއްލުމެއް ލިބޭ ވާހަކަވެސް ދައްކަވަން. އަދި އޭގެ ނަތީޖާތައް އަޅުގނޑުމެންނަށް އެބަ ފެނޭ. އެ ދައްކަވާ ވާހަކަތަކާ ގުޅިގެން ދިވެހިރާއްޖެއަށް ފަތުރުވެރިން އައުމުގައި، ބޭރު ޤައުމުތަކުން އެބަ ބޭރު ޤައުމުތަކުގެ ސަރުކާރުތަކުން އެބަ ކަންކަން މަނާކުރޭ. ނޫނީ ކޯޝަން ކުރޭ. އެހެންވީމާ، އަޅުގަނޑުމެންގެ ބައެއް ބޭފުޅުންނަށް، މިއިން ކޮންމެ ކަމެއް ކުރެއްވުމަކީ އެންމެ ރަނގަޅު ކަމެއް. ކަމެއް ޙާޞިލު ކުރުމަށް ކޮންމެ ފަދަ ވަސީލަތެއް ބޭނުންކުރުމަކީވެސް އޭގެ ޒާތުގައި ބައެއް ބޭފުޅުންނަށް އެންމެ ރަނގަޅު ކަމެއް. އެކަމަކު ޤައުމުދެކެ ލޯބިވަންޏާ، ދޮށީ ރައްޔިތުންގެ ޚިދްމަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން ބޭނުންކަމަށްވަންޏާ، އަދި ދޮށީ ރައްޔިތުންނަށް މި ވެށްޓަކީ އަމާން ވެށްޓަކަށް ހަދައިދޭ ކަމަށްވަންޏާ، އަޅުގަނޑުމެން ދަންނަންވާނެ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ކުރިއަށް، އިޚްތިޔާރު ކުރަންޖެހޭނީ ފުރަތަމަ ޤައުމާއި ޤައުމުގެ ހަމަޖެހުން. މިއީ އަޅުގަނޑުމެން އެންމެންގެ ތަރިކައެއް ދޮއެއްތޯ. އެހެންވީމާ، މިކަންކަމަށް އިސްކަން ދެއްވުމަށް އަޅުގަނޑު މިދެންނެވީ ހަމަ ދޮށީ ރައްޔިތުންވެސް ތިޔަބޭފުޅުންގެ އަމުރު ހިނގާ ހިސާބުގައި ނޫނީ ތިޔަބޭފުޅުންގެ ނަޞޭޙަތްޕުޅު ގަބޫލުކުރާ ހިސާބުގައި ތިއްބެވި ޒުވާނުންނަށް، ބާރުފޯރާ ޒުވާނުންނަށް ވިސްނައިދެއްވޭތޯ ބައްލަވާށޭ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ތިޔަބޭފުޅުން ހެޔޮހާލުކޮޅުގައި ތިއްބެވިހާ ހިނދަކު ތިޔަބޭފުޅުންނަށް މަތިކުރެވިފައި އޮތް އަމާނާތެއް.
 
އަޅުގަނޑު މިހުރިހާ ވާހަކައެއް ދައްކާފައި، ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް ފާގަތި އުފާވެރި ދުވަސްތަކަކަށް އެދޭ ވާހަކަވެސް ދަންނަވަން. އެޔާއެކީ ވާހަކަ ކުރުކޮށްލަމުންވެސް އަޅުގަނޑު ދަންނަވާނީ، ޒުވާނުންގެ ވާހަކައާއި، މުޖްތަމަޢު އިޞްލާޙުކުރާ ވާހަކަ މި ދެއްކެނީ، މިދެންނެވި ކަހަލަ ސަބަބުތަކެއް ހުރީމައޭ. މާއްދީގޮތުން އަޅުގަނޑުމެން ހޯދާ ކުރިއެރުންތަކާއި އަދި އިސް ރަށްވެހިންނަށް މިކޮށްދޭ ކަންތައްތަކުން ތިޔަބޭފުޅުންނަށް ފުދިގެން ދަނީ ކޮންމެވެސް މިންވަރެއް. އެކަމަކު އެއަށްވުރެ ހިތްހަމަޖެހިލައިގެން އުޅެވޭނެ ގޮތްތަކެއް މާލޭގައިވެސް، އަތޮޅުތެރޭގެ ރަށްރަށުގައިވެސް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އަޅުގަނޑުމެން މާލޭގައި މި ހިންގާ ޕްރޮގްރާމްތަކަކީވެސް އަތޮޅުތެރެއަށްވެސް ޢާންމުވެގެންދާ ޕްރޮގްރާމްތައް.
 
އެންމެފަހު ވާހަކައެއް ގޮތަށްވެސް އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާނީ، މިކަހަލަ ކަންތައްތަކެއް އެކުލެވޭ އުޞޫލު ކަރުދާހެއް އަޅުގަނޑުމެން އެބަ ތައްޔާރުކުރަން. ނޫނިއްޔާ ދޮށީ ރައްޔިތުންނަށް މިތާ އަޅުގަނޑުމެންނަށް ވީޑިއޯގައި އިވިގެންދިޔަ ގޮތުން ވެއްޖިއްޔާ، އެލް.އެލް.އީ ޕޮލިސީ ޕޭޕަރެއް އަޅުގަނޑުމެން އެބަ ތައްޔާރުކުރަން. މީގެތެރޭގައި އަޅުގަނޑުމެން ދެނެގަންނަން ބޭނުންވަނީ އަޅުގަނޑުމެންގެ އާބާދީ ދޮށިވަމުންދާ މިންވަރާއި އަދި ދޮށިވަމުންދާ މިންވަރަށް ބަލާފައި، ސަރުކާރާއި މުޖްތަމަޢުގެ ފަރާތުން އެފަރާތަކާ ދޭތެރޭގައި އަޅާލުންތެރިކަން ހުންނަންވާނެ މިންވަރާއި، އެކަންކަން އެބޭފުޅުންނަށް ފަސޭހަވާ ގޮތަކަށް އަޅުގަނޑުމެން ކޮށްދިނުމުގައި ކޮންކަހަލަ ކަންތައްތަކެއްތޯ އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހެނީ. މީގެތެރޭގައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި، އަޅުގަނޑުމެން މިހާރު ޢަމަލުކުރަމުންދާ އުޞޫލަށް ގެންނަންޖެހޭ ބަދަލުތަކާއި، އަޅުގަނޑުމެންގެ އިޙްސާންތެރިކަން، ސަރުކާރުގެ ރައްޔިތުންގެ ފައިސާއިން މިއޮންނަ އިޙްސާންތެރިކަން، މިއަށްވުރެ އިތުރަށް ފޯރުކޮށްދެވޭނެ ގޮތްތަކާއި އަދި ޚާއްޞަކޮށް، ދޮށީ ރައްޔިތުންނަށް ދަތިނުވެ ފަސޭހަކަމާއެކީ ޚިދްމަތް ލިބޭނެގޮތްތަކާ، މިކަހަލަ ތަފާތު އެތައް ކަންތައްތަކެއް ހިމެނިގެންދާނެ. ސަރުކާރެއްގައި މިކަހަލަ ކަރުދާހެއް ލިޔެވިފައި އަދި އެއީ  އެ މައްޗަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރުން ލާޒިމް ކަރުދާހެއް ގޮތަށް އެބަ އޮންނަންޖެހޭ.  އެ މަސައްކަތް މިހާރުވަނީ ފެށިފައި. އެ މަސައްކަތުގެ ތަޙުލީލީ މަރްޙަލާތަކުގައި މިހާރު އެ އުޅެނީ. އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ އަޅުގަނޑުމެން އެ ކަރުދާސް ނިންމާފައި، އެޔާ އެއްގޮތަށް ޢަމަލުކުރުމުގެ މަސައްކަތް ފަށާނަން.
 
އަދި ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލަން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ދުނިޔޭގެ ތަހުޒީބުވެފައި ހުރި ޤައުމުތަކުގައި މަސައްކަތް ކުރަމުން އަންނަ މޮޑެލަކީ މިހާރު ކުރީގެ މޮޑެލް ދޫކޮށްލައިފި މިކަހަލަ ބައެއް ޤައުމުތަކުގައި. މިސާލަކަށް ޖަޕާނަށް ވިސްނާލައްވައިފި ކަމަށްވަންޏާ، ޞިއްޙީ ފަރުވާ ޢާންމުކޮށް އެންމެ ރަނގަޅު ގޮތެއްގައި، އެންމެ ފޭރާން ހެޔޮ ގޮތުގައި ލިބެމުން މި އަންނަނީ، ވެރިކަން ކުރާ ރަށާ ކައިރި ހިސާބުގައި. މިއިން ކޮންމެ ޤައުމެއްގައިވެސް ދިރިއުޅުމުގެ ފެންވަރު އެކިއެކި ހިސާބުގައި ތަފާތު. މާލޭގައިވެސް، ދިވެހިރާއްޖޭގައިވެސް އެކަން މިއޮތީ އެގޮތަށް. އަޅުގަނޑުމެން ކިތަންމެވަރަކަށް އަތޮޅުތެރެއަށް މި ޢާންމުކުރަން މަސައްކަތްކުރި ނަމަވެސް، ހަމަ ފަރަޤުތަކެއް އެބަހުރޭ. އެ ފަރަޤުތަކަކީ އޭގެ ޒާތުގައި ޑިޒައިން ކުރެވިގެން، ގަސްދުގައި އެކަން ކުރަން ބާއްވާ ގޮތެއް ނޫން. އެކަން އެވަނީ މިދެންނެވި ގޮތަށް، އެންމެ ފުރަތަމަ މިކަންކަން ފެށިގެން މި އަންނަނީ މާލެއާ ހަމައިން، ވެރިކަންކުރާ ރަށާ ހަމައިން. ފެށިގެން ތަރައްޤީވަމުން އަންނަ ކަންތައްތައް މިއީ. އެހިސާބުން ދެން އަތޮޅުތެރޭގެ އެކި ހިސާބަށް އެކި ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިކުރެވެނީ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި 50 އަހަރު ފުރޭއިރު، އަޅުގަނޑުމެން ހަމަ ވަރަށް އުފާވެރި މުނާސަބަތެއްގެ ގޮތުގައި އަޅުގަނޑުމެން ދެކިގެން، އަޅުގަނޑު އެއޮތީ ހަމަ ޒުވާނުންނަށާއި، ދޮށީ ރަށްވެހިންނަށް މާލެ ކައިރީގައި އުޅުއްވޭނެ ގޮތަކަށް އިންތިޒާމް ކުރެވޭތޯ އަޅުގަނޑުމެންގެ ސަރުކާރުން އެ އޮތީ އަނެއްކާވެސް މަޝްރޫޢެއް ފަށާފައި. ހުޅުމާލެ ހިއްކުމުގެ މަޝްރޫޢު އެއޮތީ ފެށިފައި. އަދި ހުޅުމާލެއަކީ ހަމައެކަނި ޒުވާނުންގެ ސިޓީއެއްނޫން. ހުޅުމާލެއަކީ ހަމައެކަނި ޒުވާނުންގެ ސިޓީއެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، ކުޅިވަރާއި ޙަރަކާތްތަކާ، މިކަންކަމަށް ބަލާކަމަށްވަންޏާ، މިއީ ޒުވާނުންނަށް އިރާދަކުރެއްވިއްޔާ ނަމޫނާ ތަނަކަށް ވެގެންދާނެ. އެކަމަކު އަޅުގަނޑު އަތޮޅުތެރޭގައި ތިއްބެވި ދޮށީ ރައްޔިތުންނަށް، އިސް ރަށްވެހިންނަށް ކޮށްލަން ބޭނުންވާ އިލްތިމާސަކީ، އަޅުގަނޑު ވާހަކަ ނިންމާލަމުން، ދަރިންނާއެކީ މިކޮޅަށް ބަދަލުވެވަޑައިގަތުމުގެ ފިކުރު، ކޮންމެވެސް ހިސާބަކުން ގެންގުޅުއްވާށޭ. އިރާދަކުރެއްވިއްޔާ، މިކަން ފުރިހަމަވެގެންދާނީ، މާލެއާ އެއްފެންވަރު ނޫނިއްޔާ މާލެއަށްވުރެ ރަނގަޅު ފެންވަރުގައި ޚިދްމަތް ލިބޭ ތަނެއްގެ ގޮތުގައި.
 
އެހެންވީމާ، އަޅުގަނޑުމެންގެ ވަރަށް ކުދިކުދި ރަށްރަށުގައި މި ދިރިއުޅުއްވާ ހަމަ ދޮށީ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އުނދަގޫ ކަމަކަށްވާނެ، އެމީހަކު ޢުމުރު ހޭދަކޮށްލި ވަޒަން ދޫކޮށްލާފައި އެހެން ތަނަކަށް ބަދަލުވުން. އެހެން ނަމަވެސް، މިހާރު ތިޔަ ފަސޭހަކަމާއި އަރާމާއެކީ އުޅުއްވަން ޖެހޭއިރު، އަޅުގަނޑުގެ ހަމަ އިލްތިމާސަކީ، ހަމަ ދަރިންނާއެކީ ނޫނީ ކާފަ ދަރިންނާއެކީ، މާލެ ހިސާބަށް، ހުޅުމާލެ ހިސާބަށް ބަދަލުވުމުގެ ރޫޙެއް ތިޔަބޭފުޅުންގެ އަށަގެންނެވޭތޯ ބައްލަވާށޭ. އިރާދަކުރެއްވިއްޔާ، އޭރުން ތިޔަބޭފުޅުންނާއެކީ މިއަށްވުރެ ގިނަގިނައިން ބައްދަލުވުމުގެ ފުރްޞަތުވެސް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އަދި ތިޔަބޭފުޅުންނަށް ހަމަ ބޭނުންފުޅުވާ މިދެންނެވި ޞިއްޙީ ފަރުވާއާއި އަދި މިނޫން އެހެން ހުރިހާ ޚިދްމަތެއްވެސް ސަރުކާރުން ފޯރުކޮށްދޭއިރު، ފަސޭހަކަމާއެކީ ދިޔުން ކައިރި.
 
ހަމަމިޔާއެކީ އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް ދަންނަވާނީ، މި ބަސް މިހެން ބުނުމުގެ ބޭނުމަކީ އެއްގޮތަކަށްވެސް މީގެ އަނެއްކޮޅުގައި އޮތީ އަތޮޅުތެރެއަށް ތަރައްޤީ ނުގެންދާ ވާހަކައެއްވެސް ނޫން. އަޅުގަނޑަށް އެނގޭ، އެވާހަކަ ނުބުނެ ނިންމާލައިފިއްޔާ، މާދަމާ ނޫނިއްޔާ ނޫސްތަކަށް އަރާނީ އެގޮތަށް. އަތޮޅުތެރޭގެ ތަރައްޤީއަކީ އަޅުގަނޑުމެން ހަނދާން ނައްތާލާ ކަމެއް ނޫން. އަތޮޅުތެރެއާއި މާލެއަކީ އެއް ތަނެއް. އެއީ އަޅުގަނޑުމެންގެ ދިވެހި ނަސްލަށް ބަލާކަމަށްވަންޏާ، މިއުޅެނީ އެއްބައެއް. ޖިއޮގްރަފީގޮތުން ތަފާތުވެދާނެ. އެހެން ނަމަވެސް، މިދެންނެވި ގޮތަށް އޭގެ ޒާތުގައި ޠަބީޢީ ކަމެއް، ވެރިކަން ކުރާ ރަށުން ފެށިގެން ތަރައްޤީ ދުރަށް ފެތުރިގެން ދިޔުން. މިއީ، ދިވެހިރާއްޖޭގައި އެކަނި މިކަން އޮތް ގޮތެއް ނޫން. ސަރުކާރުން މަޝްރޫޢުތައް ރާވާނީ، ރާއްޖޭގެ، ނޫނިއްޔާ އެކި ރަށްރަށުގެ، އެކި ހިސާބަށް، ދުރު ބައްރުތަކަށް ތަރައްޤީ ގެންދާނެ ގޮތްތަކެއް. އެހެން ނަމަވެސް، އޭގެ ޒާތުގައި، ޠަބީޢީ ގޮތުން ތަރައްޤީ އަންނާނީ ވެރިކަން ކުރާ ހިސާބުން ފެށިގެން ތަހުޒީބާއި ތަރައްޤީ ދެން ދުރަށް ފެތުރިގެންދާނީ.
 
އެހެންވީމާ، އަޅުގަނޑު އިލްތިމާސްކޮށްފައި، އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، މި ހިތްވަރާއެކީ، މިގޮތަށް ހިޖުރަ ކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާށޭ. އޭރަށް މި ކަހަލަ ޙަފްލާތައް ހަމަ މިއަށްވުރެ ފުރިހަމަވެގެންދާނެ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރާއި ރައްޔިތުންނާ އިތުރަށް ކައިރިވެގެންދާތަން އަޅުގަނޑުމެންނަށް ފެނިގެންދާނެ، ދެވޭ ޚިދްމަތްތަކުގެ ތެރެއިންވެސް. އަދި މިހުރިހާ ޚިދްމަތެއް އަތޮޅުތެރޭގައި، އަޅުގަނޑުމެން މާލެއާ އެއްފެންވަރަށް ދެވޭތޯ މަސައްކަތް ކުރި ނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންގެ އުނި ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ދައުލަތަކީ އެހާ ތަނަވަސް ދައުލަތެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފައިސާ ހޭދަކުރެވޭ މިންވަރަކުން އިރާދަކުރެއްވިއްޔާ މިކަންކަމުގެ އިސްކަންދޭ ތަރުތީބުތަކެއް ކަނޑައަޅައިގެން، އަޅުގަނޑުމެން އަތޮޅުތެރެއަށްވެސް ފުޅާކުރަމުން މިދަނީ.
 
އަޅުގަނޑު ހަމަ ވާހަކަކޮޅު ނިންމާލާނީ އަނެއްކާވެސް ތިޔަ ހުރިހާ ބޭފުޅުން، އަޅުގަނޑުގެ ދަޢުވަތު ގަބޫލުކުރައްވައިގެން، މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި ހަމަ އިޚްލާޞްތެރިކަމާއެކީ، އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންގެ ނަންފުޅުގައި، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އާދެ، ތިޔަބޭފުޅުން ދިވެހި ދައުލަތް މިހާ ހިސާބަށް ގެންނެވުމަށް، ދިވެހިރާއްޖެ އާބާދު ކުރުމުގައި މިދިމާވި ހުރިހާ ރަނގަޅު ކަންތައްތަކެއް މިހާ ހިސާބަށް ގެނެސްދެއްވުމުގައި، ތަހުޒީބުގެ މަގު މިހާ ހިސާބަށް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދެއްވުމުގައި އަދި ކާބަފައިންގެ ތަރިކަ އަޅުގަނޑުމެންނާ ހަމަޔަށް މިގޮތަށް ގެނެސްދެއްވުމުގައި ތިޔަ ކޮށްދެއްވި މަސައްކަތްޕުޅަކީ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތުން ފިލައިގެންދާނެ މަސައްކަތްޕުޅުތަކެއް ނޫނޭ.
 
އެހެންވީމާ، އަނެއްކާވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަ ކޮށްދެއްވި މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވަމޭ. ޠަބީޢީ ގޮތުން ތިޔަބޭފުޅުން އަޅުގަނޑުމެންގެ ދޮށީ ނޫނިއްޔާ އިސް ރަށްވެހިންނަށްވަނީ. މާދަމާއަކީ، އަޅުގަނޑުމެން ދެން އަންނަ ޒުވާނުންގެ އިސް ރަށްވެހިންނަށް ވާން ތިބި މީހުން. އެހެންވީމާ، މިއީ އޭގެ ޒާތުގައި ޠަބީޢީ ޕްރޮސެސްއެއް ދޮއެއްތޯ. އެހެންވީމާ، ހުރިހާ އެންމެންގެ މަސައްކަތް، މި މަސައްކަތަކީ. އެހެންވީމާ، ޒުވާނުންނާއި، އިސް ރަށްވެހިންނާ އެކީ ކުރެވޭ މަސައްކަތަކީ، އަޅުގަނޑުމެންގެ ޤައުމަށް ކުރިމަގާއި ހެޔޮ ލާބައާއި މަޞްލަޙަތުގައި އަޅުގަނޑުމެންގެ ވެށި ބޭއްވުމަށްޓަކައި އަޅުގަނޑުމެން އެންމެން ކުރާ ކަންތައް. އަޅުގަނޑުމެން އެންމެން ލޯބިވަނީ ދިވެހިރާއްޖެ ދެކެ. އަޅުގަނޑުމެން ލޯބިވަނީ އަޅުގަނޑުމެންގެ އަމިއްލަ ޕާޓީތައް ދެކެއެއް ނޫން. އަޅުގަނޑުމެން ލޯބިވަނީކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަކިވަކި ޚިޔާލުތަކެއް ދެކެއެއް ނޫން. މިހުރިހާ ޚިޔާލުތަކަށްވުރެ މަތީގައި، ޤައުމުގެ ހަމަޖެހުމާއި، ޤައުމުގެ އަމާންކަމާއި، ޤައުމު ކުރިއަށް ދިޔުމުގެ ރޫޙު އޮންނަންވާނީ. އެހެންވީމާ، މިކަންކަމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށްވެސް އަޅުގަނޑު ނަޞޭޙަތްތެރިވެ ދަންނަވާލަން ބޭނުންވަނީ، މިކަންކަން ކުރުމުގައި މުޅި ދިވެހިރާއްޖެއަށް ދަތިވާގޮތަށް ކަންކަން ކުރެއްވުމަކީ އެއްވެސް ގޮތަކަށް ދިވެހިރާއްޖެއާ ދޭތެރޭގައި އިންޞާފު ކުރެއްވުމެއް ނޫނޭ.
 
އަޅުގަނޑުގެ ވާހަކަކޮޅު އައްސަވާލެއްވީތީ، ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަނެއްކާވެސް މާ ދުރުނޫން މިކަހަލަ އުފާވެރި މުނާސަބަތެއްގައި، މިކަހަލަ އުފާވެރި އިޙްތިފާލެއްގައި ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި! ތިޔަ އެންމެ ބޭފުޅުންނަށް ބާއްޖަވެރި ރެޔަކަށް އަދި ބާއްޖަވެރި ދުވަސްތަކަކަށް އަޅުގަނޑު އެދޭ ވާހަކަ ދަންނަވަން.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه