‏ދޮށީ އުމުރުގެ ރައްޔިތުންނަށް އަޅާލުމަކީ ކޮންމެ މުޖުތަމަޢެއްގައިވެސް، އެމުޖުތަމަޢުއެއްގެ ކުރިއެރުންއޮތީ ‏‏ކިހާވަރަކަށްތޯ ބަލާ އެންމެ މުހިންމު މިންގަނޑުކަމަށާއި، އަދި މިމިންގަނޑުން ބަލާއިރު ‏‏ރާއްޖެ އޮތީ އެހާ ފަޚުރުވެރިވާފަދަ މަޤާމެއްގައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޚިދުމަތްތެރި ދޮށީއުމުރުގެ ރައްޔިތުންނާ ބައްދަލުކޮށްލެވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏އަޅުގަނޑުމެންގެ އިސް ރަށްވެހީން އުޅުން ދިވެހި ރާއްޖެއަކީ ހަމަހިމޭން، ޢަމާން އަދި އެކަކު ‏‏އަނެކަކަށް ‏‏އިޙްތިރާމްކޮށް، އެހީތެރިވެގެން ކަންކަން ކުރި ‏‏ދިވެހިރާއްޖެއެއްކަމުގައި ފާހަގަކުރެއްވިއެވެ.‏ އެހެންނަމަވެސް، ‏ދިވެހިންގެ އިޖްތިމާޢީ ފޭރާން މިއަދު ވަނީ ‏‏މަރާމާތު ނުކުރެވޭވަރަށް ވީދި ކުދިކުދި ވެފައިކަމުގައި ބަޔާންކުރައްވަމުން، އޯގާތެރި ރަޙުމްކުރާ މުޖުތަމަޢަކަށް ރާއްޖެ ބަދަލުކުރެވޭނީ ދަރިވަރުންނަށާއި، ޒުވާނުންނަށް ތަރުބިއްޔަތު ދީގެން ކަމުގައި ‏‏އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"‏ޒުވާނުންނަކީ އަޅުގަނޑުމެންގެ މިއަދު، އަޅުގަނޑުމެންގެ މާދަން، އަދި ‏‏އަޅުގަނޑުމެންގެ މާދަންނޫން އަނެއް ދުވަސް. ޒުވާނުންގެ ތެރެއަށް ހަމަޖެހުންތަކެއް އައިސްގެން ‏‏ނޫނިއްޔާ، އަޅުގަނޑު މިދަންނަވާ ކަހަލަ ރަޙުމްކުޑަ މުޖުތަމައެއް، ރަޙްމަތްތެރި، އޯގާތެރި، ‏‏ކުލުނުހުރި މުޖުތަމަޢަކަށް ބަދަލުކުރެވޭނެ ގޮތެއް އަޅުގަނޑަކަށް ނުފެނޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި މުޖުތަމަޢަކީ އިޙްސާންތެރި އޯގާތެރި މުޖުތަމަޢަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

‏ މިގޮތުން "އަޅުގަނޑުމެން ސަރުކާރުން މިކުރާ މަސައްކަތަކީ ޚުލާސާ ކޮށް ދަންނަވާ ކަމަށް ‏‏ވަންޏާ އިސް ރަށްވެހިންނަށް ރަޙުމަތްތެރި، އިސް ރަށްވެހިންނަށް މަސްލަޙަތާއި އަމާންކަން އޮތް، ‏‏އަދި އިސް ރަށްވެހިންނަށް ފަސޭހަކަމާ އެކީ އުޅުއްވޭނެ ވެށްޓެއް، މުޖުތަމަޢެއް ޤާއިމްކުރަން ކޮށްދޭ ‏‏މަސައްކަތް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ‏ދޮށީ އުމުރުގެ ބޭފުޅުންނަކީ އެބޭފުޅުންގެ ޒުވާން ދުވަސްވަރުގައި ދިވެހި ދަޢުލަތަށް ގިނަ ޚިދުމަތްތަކެއް ‏‏ކޮށްދެއްވުމަށްފަހު، މިހާރު އަރާމުކުރައްވާ ހިސާބަށް ގޮސްފައިވާ ބޭފުޅުންކަމުގައި ބަޔާންކުރެއްވިއެވެ. އަދި ބޭސްފަރުވާއަކީ އިސްރަށްވެހީންނަށް އެންމެ ދޯޅު، ނުވަތަ އެކަމުގެ އެހީތެރިކަމަށް އެންމެ ‏‏އެދިވަޑައިގެން ތިއްބަވާ ޚިދުމަތް ކަމުގައި ފާހަގަކުރައްވަމުން، ‏ދަޢުލަތުގެ މިއަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިގެން މިދަނީ ޞިއްޚީ ދާއިރާގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކަމުގައި ވިދާޅުވިއެވެ.
‏ ‏
‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދޮށީ އުމުރުގެ ބޭފުޅުން ޚިދުމަތް ހޯދަން ވަޑައިގަންނަވާއިރު ކިޔޫގައި ބޭތިއްބުމަކީ މިސަރުކާރަށް ‏‏ޤަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫންކަމުގައި ވެސް ފާހަގަކުރެއްވިއެވެ. އަދި، ދޮށީ ބޭފުޅުންނަށް ކިޔޫގައި ނުޖެހި ޚިދުމަތް ހޯއްދެވޭނެ އިންތިޒާމް މިހާރު ތަޢާރަފުކުރެވިފައި ވާއިރު، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ މުޢައްސަސާތަކާއި، ‏‏ކުންފުނިތަކުންވެސް އެބޭފުޅުންނަށް ކިޔޫގައި ނުޖެހި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏ހުޅުމާލެއަކީ ހަމައެކަނި ޒުވާޏުންނަށްޓަކައި ބިނާކުރެވޭ ސިޓީއެއް ނޫންކަމުގައި ބަޔާންކުރައްވަމުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢު ފަށްޓަވާފައިވަނީ ޒުވާނުންނާއި ދޮށީ ރައްޔިތުންނަށް މާލެއާއި ކައިރީގައި ‏‏ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސަވައި ‏ދެއްވުމުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ހުޅުމާލެއަކީ މާލެއާއި އެއްފެންވަރު، ނުވަތަ މާލެއަށް ވުރެން ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ލިބޭނެ ތަނެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އެބޭފުޅުންގެ ޙަޔާތުގެ ކޮންމެވެސް ހިސާބަކުން ދަރިންނާއެކީ ހުޅުމާލެއަށް ‏‏ބަދަލުވެވަޑައިގެންނެވުމުގެ ފިކުރު ގެންގުޅުއްވުމަށް، ދޮށީގެ އުމުރުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލެއަށް ބަދަލުވެވަޑައިގަތުމުގެ ރޫޙު އަށަގެންނެވުމަށް ކުރާ މަސައްކަތަކަކީ، އަތޮޅުތެރެއަށް ތަރައްޤީ ނުގެންދާން ސަރުކާރުން ކުރައްވާ މަސައްކަތެއް ނޫންކަމުގައި ބަޔާންކުރެއްވިއެވެ. އަދި މިގޮތަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ، ތަހުޒީބާއި ތަރައްޤީއަކީ، ‏އޭގެ ޒާތުގައި ‏‏ތަބީޢީގޮތުން، ‏ ވެރިކަން ކުރާ ރަށާ ‏‏ހިސާބުން ފެށިގެން ދުރަށް ފެތުރިގެންދާ ކަމަކަށް ވާތީކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.